މާސްކު (ޕާޓް 26)
ލޭ ފެނުނީމާ މީހާގެ ހޭވެސް ކިރިޔާ ހުރިކަމެވެ. ފޯނު ނަގައި މަންމަގެ ނަންބަރަށް ޑައިލް ކޮށްލެވުނުކަން އެނގުނެވެ.ދެން ވީ ގޮތެއް އަހަންނަކަށް ނޭނގެއެވެ.
****
*ދެ މަސް ފަސް*
’ކޮބާ މިހޫ އަދިވެސް ނުނިމޭތަ؟ ދަންނުއާ ދިލްއާވެސް އައިސްފި. އެ ގުރޫޕު މިހޫ ހޯދާ އެބަ.‘ތުއްތަ އަހަރެންގެ ކޮޓަރީގެ ދޮރުގައި ޓަކިދޭން ފެށި އަޑަށް ލޯގަނޑު ކުރިމަތީގައި އަމިއްލަ ސޫރައަށް ބަލަން އިނދެފައި އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ލައިގެން ހުރި ޑަސްޓީ ބްލޫ ކުލައިގެ ދޫ އަބާޔާގެ ދެ ފަރާތުން ދަމާލައި ރީތިކޮށްލެވުނެވެ.
****
’މި ނުކުންނަނީ‘ އަހަރެން ބާރަށް ބުނެލީމެވެ.އަނެއްކާވެސް އަހަންނަށް ލޯގަނޑުން އަމިއްލަ ސޫރައަށް ނަޒަރު ހުއްޓައިލެވުނެވެ.ކިތަންމެ އުފަލުން ހުންނަން ބޭނުންވި ނަމަވެސް އަހަރެންގެ މޫނުމަތީގައި އެއްވެސް ކަހަލަ ދިރުމެއް ނެތެވެ.މިހާވަނީ މުޅީން ސިފަ ގެއްލިފައެވެ.ދެލޮލާއި ދެ ކޯވެސް ވަޅުވަދެފައި ހުރިއިރު އެތައް އަހަރެއް ވާންދެން ބަލި ތަންމަތީގައި އޮވެފައި ތެދުވި މީހެކޭ އަހަންނެކޭ ތަފާތެއް ނެތެވެ.
****
އަހަންނަށް ހަމަ އަމިއްލަ ނަފްސު ކުށްވެރިކުރެވެނީއެވެ.އަހަންނަށް ވިސްނުނު ގޮތުގައި އަސްލު ދޮންތައާއި އިހާންގެ ކައިވެނި ލަސްކުރަން ޖެހުނީ ހަމަ އަހަރެންގެ ސަބަބުންނެވެ.ކައިވެނި ފަސްކުރީ އެ ދެމީހުންނަށް އަމިއްލައަށް ފެނިގެން ކަމުގައިވިޔަސް, އަވަހަށް ކައިވެނި ކުރަން ބޭނުންވެފައި ތިބި ދެމީހެއްގެ ކައިވެނި އަހަންނާއި ހެދި އެގޮތަށް ލަސްވެގެން ދިޔުމުން އަހަރެން ހުރީ އެކަމާ ވަރަށް ލަދުގަނެ ދެރަވެފައެވެ.ދޮންތައާއި އިހާންއާއި ކުރިމަތިލާން ފަސްޖެހިފައެވެ.އެރޭ އަހަންނަށް މެދުވެރިވި އެ ނާޒުކު ހާލަތުގެ ސަބަބުން އަހަރެންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ.ޖިސްމާނީ ގޮތުންވެސް އަހަރެން ވަނީ ވަރަށް ބަލިކަށިވެފައެވެ.މިއަދުވެސް އެނދުމަތިން ހިއްލައިލެވުނީ ވަރަށް ހިތްވަރުކޮށްގެންނެވެ.ކަމަކާ ކުރިމަތިލާ ހިތް ނުވިޔަސް ދޮންތައަށްޓަަކައި އެ ހަފްލާއަށް ދާން އަހަރެން އަމިއްލަ ނަފްސަށް މަޖުބޫރު ކުރީއެވެ.
****
އެ ޚިޔާލުތަކުގެ ތެރެއަށް ފީނަމުން އަހަރެންގެ ހިނދިކޮށް ހުރި ބަނޑުގައި ހެދުން މަތިން އަތް ފިރުމައިލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ވަގުތު އެ ބިރުވެރި ރޭގެ ހަނދާންތައް ކަޅާއި ހުދުގެ މަންޒަރުތަކެއްހެން އަހަރެންގެ ލޯ ކުރިމައްޗަށް ސިފަވެގެން ދިޔައެވެ.އެވަގުތު ހިތަށް ކުރި ފުން އަސަރެއްގެ ސަބަބުން އަހަރެންގެ ދެލޮލުން ކަރުނަ ހިލޭ ގޮތްވިއެވެ.
****
ބަރާބަރު ދެ މަސް ކުރިން އަހަރެން ހޮސްޕިޓަލަށް ގެންގޮސް އެމަޖެންސީ ރޫމުގައި އެނދުމަތި ކުރި އެ ބިރުވެރި ރޭގެ ހަނދާންތައް އަހަރެންގެ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ.ލޭ ފެނުނީމާ އަބަދުވެސް އަހަރެންގެ ހެޔަށް ގޮތްވެއެވެ.އަހަންނަށް ވީގޮތް އޮޅުންފިލީ ހޭއެރި ފަހުން އަހަރެން ސުވާލު ކުރާވަރުން ޑޮކްޓަރު އައިސް އަހަރެންގެ ހާލަތު އޮޅުން ފިލުވައިދިނުމުންނެވެ. ޑޮކްޓަރުގެ ދުލުން ބޭރުވި އެ ޖުމްލަތައް ހޮނު ގުގުރިއެއް ފަދައިން އަދިވެސް އަހަރެންގެ ދެކަންފަތް ބުޑުގައި ގުގުމާހެން އަހަންނަށް ހީވެއެވެ.ދަރިފުޅު ބައިގެންދިޔަ ވާހަކަ ޑޮކްޓަރ ބުނި ވަގުތަކީ އަހަރެންގެ ވަށައިގެން މުޅި ދުނިޔެވެސް ހުއްޓުނު ފަދަ އިހުސާސެއް ކުރުވި ހިތްދަތި ވަގުތެކެވެ.އެ ދަރިފުޅު އަހަރެންގެ ބަނޑުތެރޭގައި ގަރުބަގަތްކަން އެނގުނު ފުރަތަމަ ދުވަހުއްސުރެ އަހަރެންގެ ހިތުގައި އެ ދަރިފުޅަށްޓަކައި އުފެދިފައިވަނީ އިންތިހާ ދަރަޖައިގެ ލޯތްބާއި ކުލުނުވެރިކަމެކެވެ.އެ ދަރިފުޅު ނިސްބަތްވާ ފަރާތަކީ އާރިން ކަމުގައި ވިޔަސް އަހަރެންގެ ހިތުގައި އެ ދަރިފުޅާއި ދޭތެރޭ އެއްވެސް ކިލަނބުކަމެއް ނުއުފެދެއެވެ.މައިވަންތަކަމުގެ ލޯބީގެ މަތިވެރިކަމާއެވެ!
****
ކޯޓުގެ މަރުހަލާވެސް ކަޑައްތުކޮށް އަހަންނަކީ މިހާރު މިނިވަނެއްވެސް މެއެވެ.އެހެނަސް އަހަންނަށް އިހުސާސް ކުރެވެމުން ދިޔައީ ފޫނުބެއްދޭ ވަރުގެ ހުސްކަމެކެވެ.އާރިންގެ ފަރާތުން މިންޖުވުމުން ހިތްހަމަ ޖެހުން ލިބޭނޭ ހީކުރެވުނެވެ.އެހެނަސް އެއީ އަހަންނަށް ކުރެވުނު ވަރަށް ބޮޑު ކުށް ހީ އެކެވެ.ހައިދިންވެސް ހުރީ އަހަރެން އެދުނު ގޮތަށް އަހަންނާއި ދުރުގައެވެ.އަހަރެން ފެނުނީމާ އޭނާ ހިނިތުންވެލާ ހެދި ނަމަވެސް އެ ދެލޮލުގައިވާ ރިހުން އަހަންނަކަށް ސިއްރެއް ނުވެއެވެ. އަދިވެސް އޭނާ އެހުންނަނީ ،އޭނާގެ ހަގީގީ އިހުސާސްތަައް ވަރަށް ރަނގަޅަށް ފަރުދާ ކޮށްލައިގެންކަން އަހަރެން ދެނަހުރީމެވެ.އެހެނަސް އެ ދެލޯ ދޮގެއް ނުހަދައެވެ.
****
’ކޮބާތަ އަޅެ ނުވެސް ނުކުތެއްނު…ހޭއި ގާރލް… ކިހިނެއްތަ ލަވް…؟އޯނނނ…ماشا الله!ވަރަށް ލޯބި‘ ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ދިލްފާއަށް އަހަރެން ފެނިގެން އައި ގޮތަށް އައިސް އަހަރެންގެ ދެއަތުގައި ހިފާ ކުޑަކޮށް ދަމާލަމުން ބުނެލިއެވެ.އޭނާގެ ފަސް ފަހަތުން ކަހަލަގޮތަކަށް ދަނީންވެސް އެތެރެއަށް ވަތްތަން ފެނުނެވެ.އެ ދެމީހުން އައުމުންވެސް އަހަންނަށް އިނދެވުނީ ފާޑަކަށް ނެގިމަޑުވެފައެވެ.
****
’މިހޫ ނުނުކުތީމަ މިއައި…‘ ދަނީން އެނދުމަތީގައި އިށީނދެ ހަމަޖެހިލަމުން ބުނެލި އެވެ.
****
’އަޅޭ މިހޫއާ ހާދަ ގުޅެޔޭ މިކުލަ…އައިގެ ސްކިން ޓޯންއާ ދިމާ ނުވާތީ އެހާއެއް ނޫން…އައި އާ ބޮޑަށް ގުޅެނީ ޑާރކް ކުލަތައް…‘ ދިލްފާ ލޯގަނޑުން ފަރި ބަލަމުން ފާޑު ކިޔައިލިއެވެ.
’އަސްލުވެސް މިހޫގަނޑާ ވަރަށް ގުޅޭ މިކުލަ… އަދި ކުޑަކޮށް މޭކަޕް ކޮށްލީމަ ވަކިން ފުރިހަމަވާނެ‘ ދަނީންވެސް އެއްބަސް ބެލުމުގެ ގޮތުން ބުނެލިއެވެ.އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލީމެވެ.އެމީހުންގެ ތައުރީފް ތަކަށް ޝުކުރު އަދާކުރަންވެސް ނޭނގިފައި އަހަންނަށް އިނދެވުނީއެވެ.
’މިހޫ…ދެން ތިހެން ނީނދެ އަޅެ ހީލަބަ…އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަކަށް…ވީއާރ ހިއަރ ފޮރ ޔޫ އޭ…ދެން އަޅެ ހީލަބަލަ…ތިހެން އަބަދު އިންނާތީ މިހޫ އަކާ ނުވެސް ގުޅޭ… އަސްލު ވަރަށް ދެރަވޭ ތިހާ ދެރަވެފައި މިހޫ އިންނަތަން ފެނުނީމަ…ހިނގާބަލަ ކުޑަކޮށް މޭކަޕް ކޮށްލަން އަޅެ… ޕްލީޒް ޕްލީޒް…ވަރަށް ވޭ މީނަ ޑޯލް އަޕް ކޮށްލާހިތް…‘ދަނީންގެ ރާގުގަނޑު ބަދަލުކޮށްލީ ވެރިވެފައިވާ ސީރިއަސްކަން ކުޑަކޮށްލުމުގެ ގޮތުންކަން އަހަންނަށް އެނގުނެވެ.
’އޭ ދެން ނޫން…‘ ދަނީން އޭނާގެ އަތް ދަބަސް ހުޅުވައިލުމުން އަހަރެން ވަގުތުން ދެކޮޅު ހަދަން ފެށީމެވެ.
’އަޅެ ކިޔެއްތަ ވާނީ މިހޫ…؟ސްޕެޝަލް އޮކޭޝަން އެކެއްނު މީވެސް.‘ ދިލްފާ ނިކަން އަވަހަށް ދަނީންއާއި އެއްބައި ވެއްޖެއެވެ.އެމީހުން ތިބީ އާދައިގެ މަތިން ވަރަށް ގަދަޔަށް މޭކަޕް ކޮށްލައިގެންނެވެ.ޝޯލްވެސް ސްޓައިލް ކޮށްފައި ހުރީ ކިރިޔަ ކިރިޔާ ކަރު ނިވާވާ ވަރަށެވެ.ލައިގެން ތިބި ބްރައިޑްސް މެއިޑް ހެދުންތައްވެސް ހުރީ ވަނާތައް ހަމަވާ ވަރަށް ގަޔަށް ފިޓުކޮށެވެ.ބައެއް ފަހަރު ދެން ފެޝަން ވެގެން ގޮސް އެދެމީހުން ވެސް ތިބޭނީ މާ މައްޗަށް ގޮސްފައެވެ.
****
’އަހަރެން ވަރަށް ފޫހިވާ ކަމެއް ތީ… މޭކަޕް ކުރީމަ ހީވާނީ ދެން މޫނުމަތީގަ ދަވާދުލާފަ ހުންނަ ހެން…އެ ދުވަހުވެސް މި ދަންނުއަކާ ހެދި ސަލާމަތް ނުވެގެން ކުޑަކޮށް ކޮށްލީ ވެސް…މިއަދު އެކަމަކު ބޮޑުތަނުން ނޯ…މިހާރު އަދި ވަކިން ބޮޑަށް ތި ދެކެ ފޫހިވޭ.ތި މީހުންނަކަށް އަޅެ އުނދަގުލެއްވެސް ނުވޭތަ؟އަހަރެން ވަރަށް ލަދުގަނޭ…މަންމަމެން ހިތްހަމައެއްވެސް ނުޖެހޭނެ އަހަރެން މޭކަޕް ކުރާކަށް…އެހެން ނޫނަސް އަހަރެން މިއުޅެނީ ވަރަށް އަވަހަށް ނިގާބް އަޅަންވެގެން…‘އަހަރެން ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލީމެވެ.
****
’ޔޫ ވަޓް ؟!‘ ދިލްފާ ތޫލި އަޑަކުން ބުނެލިއެވެެ.ހީވަނީ އޭނާއަށް ގަބޫލު ނުކުރެވޭ ވަރުގެ ބަހެއް އަހަންނަށް ބުނެވުނީ ހެންނެވެ.
’ތި އިވުނީ ރަނގަޅަށް‘ ދިލްފާއަށް ވެފައި ހުރި ގޮތުން އަހަންނަށް ކުޑަކޮށް މަޖާވިއެވެ.
’އެކަމަކު އޭރުން ހީވާނީ ނިންޖާއެއްހެންނު.‘ ދަނީންވެސް އިނީ ދެލޯ ބޮޑުވެފައެވެ.
’ރިއަލީ…؟ ތި މީހުންގެ ވިސްނުން ހާދަ ޝެލޯއޭ…ނިގާބްވިއޭ ކިޔާފައި ކޮންކަމެއްތަ އުނިވާނީ…އެއީ ހަމަ އިތުރު ރައްކާތެރިކަމެއްނު…‘ދަނީން ކޮށްލި ކޮމެންޓުން ކުޑަކޮށް ހިތްހަމަ ނުޖެހިފައި އަހަރެން ބުނެލީމެވެ.
’އޯކޭ އޯކޭ ޕީސް‘ ދަނީން ’އައި ރޯލް‘ ކޮށްލާފައި އަމާން ދޭ ފަދައަކުން ދެއަތް ހިއްލާލާފައި ބުނެލިއެވެެ.
****
’އޭ ތަތްމަރުތަކާ ނުކުންނަން އުޅޭ…ކާރު އައިސްފި…‘ ތުއްތަ އައިސް ކޮޓަރިއަށް ބޯ ދިއްކޮށްލަމުން ބުނެލި އެވެ.އޭރު އޭނާވެސް ހުރީ ތައްޔާރަށެވެ.ދިލްފާއާއި ދަނީން އަވަސް އަވަހަށް ލޯގަނޑު ކައިރިއަށް ޖެހިލާފައި ޝޯލާއި މޭކަޕް ރީތިކުރަން ފެށިއެވެ.އެ ކުޑަ ވަގުތުކޮޅުވެސް އެ ދެމީހުން ލޯގަނޑަށް ހިފައިގަތެވެ.ދަނީން ކުރިއަށް ޖެހިލާއިރަށް ދިލްފާވެސް ދޫނުކުރާން ވެގެން އެ ދޭތެރެއަށް ވަދެގަނެއެވެ.
****
’ހަމަ ސާބަސް ކަލޭމެން ދެމީހުންނަށް…ތި ރީއްޗޭ މިހާރު…އާދޭ ދާން…ކާރު ބަރުގޮނު އަޅާ އެބަ…މަންމަމެން ވެސް ނުކުމެއްޖެ… އެއްކާރަށް މީހުން ހަމަވެގެން ނައްޓާލައިފި މިހާރު…އަޅެ އަވަސްކޮށްބަލަ…‘ ތުއްތަ އައި ގޮތަށް އަހަރެމެން ތިން މީހުންނަށް ލެކްޗަރ އަޅާލިއެވެ.އެ ދެމީހުންވެސް ތަންކޮޅެއް ސީރިއަސްވެފައި އަތްމަތި އަވަސްކޮށްލިއެވެ.އަހަރެންވެސް ޝޯލް ހުރީ ރަނގަޅަށް ހަރުކުރެވިފައިތޯ ޗެކްކޮށްލީމެވެ.ފަހަރުގައި ހަފްލާ އޮންނަ ތަނުގެ ގޮތުން ވައިގެ ހަމަލާތަކާ ކުރިމަތިލާން ޖެހިދާނެތީ އެވެ.
****
ކާރަށް އެރީއްސުރެ ކައިވެނިކޮށް ނިމޭއިރުވެސް އެތަނަށް ނުދެވޭނޭ ކިޔާ ތުއްތަ ކުރީ ސީޓުގައި އިނދެގެން ޗުކު ޗުކު ތަޅުވަން ފަށައިފިއެވެ.އަހަރެން އިނީ ލަދުން ވެސް ކުރާނެ ކަމެއް ނޭނގިފައެވެ.ތުއްތަވެސް ދެން ބައެއް ފަހަރު އެ އަނގަގަނޑު ގަަދަވެއްޖެއްޔާ ބުރެއްކެއް ނުޖެހޭނެއެވެ.
****
އެ ކުޑަ ހަފްލާ އޮތީ އިހާންމެންގޭ ޓެރަސްގައެވެ.އެއީ ފުދޭވަރަކަށް ޖާގަ ތަނަވަސް ޓެރަހެކެވެ.ހުދާއި،ޑަސްޓީ ބްލޫ ކުލައިގެ ލޭސް ފޮތިތަކާއި މާތަކުން މުޅި ޓެރަސް ޖަރީކޮށްފައި އޮތް ގޮތް ވަރަށް ހިތްގައިމެވެ.އެއް ކަނަކަށް ވާގޮތަށް ފޮޓޯ ނަގަން ޚާއްސަ ކުރެވިފައިވާ ބެކް ޑްރޮޕް ބަހައްޓާފައި ހުރިއިރު ޖެހިގެން ކަހަލަގޮތަކަށް ކޭކު ބަހައްޓާފައި ހުރި ކުޑަ ޑެޒަރޓް ޓޭބަލްވެސް ހުއްޓެވެ.ކައިވެނީގެ މަޖިލީހަށް ތައްޔާރު ކުރެވިފައި ހުރި މޭޒު ހުރީ ތަންކޮޅެއް އެކަހެރިކޮށް،ހުދު ފޮތި އަޅައި ޑަސްޓީ ބުލޫ ކުލައިގެ މާތަކަކުންވާ މަސްނޫއީ ވެޔޮގަނޑަކުން ފަޅުފިލުވާ ލާފައެވެ.ކައިވެނީގެ ރަންވެސް ހަމަ އެކުލައިން ތައްޔާރުކޮށް ރީތީ ގޮތަކަށް ބަހައްޓާލެވިފައި ހުއްޓެވެ.މެހެމާނުންނަށް ޚާއްސަ ކުރެވިފައި ހުރި މޭޒުތައް ހުރީީ ޑަސްޓީ ބްލޫ ކުލައިގެ ފޮތި އަޅާ، ހަމަ އެކުލައިގެ މަސްނޫއީ ހައިޑްރެންޖާ މަލުން ތައްޔާރުކުރެވިފައިވާ ސެންޓަރ ޕީސްތަކުން ފަޅުފިލުވާލެވިފައެވެ.
****
އަހަރެމެނަށް ގޮސް ހާއްސަކުރެވިފައިވާ މޭޒުގައި އިށީނދެ ހަމަޖެހިލެވުނުއިރު ގާޒީ ކައިވެނި ލައިދޭން ފަށްޓައިފިއެވެ.ފޮޓޯ ނެގުމަށާއި ވިޑިއޯ ކުރުމަށް އެކަމާ ހަވާލުވެފައި ތިބި ބަޔަކު ކެމެރާތައް ހިފައިގެން އެކި އޭންގަލްތަކުން ދިއްކުރާތީ ފެނެއެވެ.
****
ހުދު ކައިވެނި ހެދުމުގައި އިހާންއާއި ޖެހިގެން އިށީނދެ އިން ދޮންތަގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ އުފާވެރިކަމާއި އުޖާލާ ކަމެކެވެ.ކަނޑު ނޫ ކުލައިގެ ކައިވެނި ސޫޓުގައި އިން އިހާންގެ މޫނުމަތިންވެސް ފާޅުވޭވޭ ހުރީ ހިތްހަަމަޖެހުމުގެ އަސަރުތަކެވެ.އެ މަޖިލީހުގައި އެ ކައިވެނީގެ އެއް ހެކީގެ ގޮތުގައި ހައިދިން އިންތަން ފެނި އަހަރެންގެ ހިތުގެ ހިނގުމަށް އެނގުންވެލިއެވެ.އިސްޖަހައިގެން އެއް ދިމާލަކަށް ބަލަހައްޓައިގެން އިން އިރުވެސް އެ ފިރިހެންވަންތަކަން ކުޑަކޮށްވެސް ފަނޑުވެ ނުލައެވެ.ހުދުކުލައިގެ ގަމީހުގައި އޭނާ ފެންނަލެއް ޝާހީކަމާއ ރީތިކަމުން،އަހަންނަށް ހިންދިރުވައިލެވުނީ ބޭއިޚްތިޔާރުގައެވެ.ހައިދިން ފެނިފައި އަހަންނަށް މިވަނީ ކިހިނެއްބާވައޭ އަހަރެންގެ އަމިއްލަ ނަފްސާއި ހިތާ ހިތުން ސުވާލު ކޮށްލެވުނެވެ.
****
އިހާން ’އަނބި ގަބޫލުކޮށްފީމޭ‘ ބުނި ވަގުތު ދޮންތަ އިހާންއާއި ހަތަރުކަޅި ހަމަކޮށްލާފައި ހިނިތުންވެލިތަން ފެނުނެވެ.އެވަގުތު ހައިދިން އިސްއުފުލާލާފައި ސްކޭނެއް ކޮށްލި ފަދައަކުން އެތާގައި ތިބި އެންމެނަށް ނަޒަރު ހިންގައިލި އެވެ.އެ އެންމެންގެ ތެރެއިންވެސް ހައިދިންގެ ނަޒަރު ހުއްޓުނީ އަހަންނަށެވެ.އޭނާ ވަރަށް ފުންކޮށް އަހަރެންގެ ދެލޮލަށް ބަލާލި ގޮތުން އަހަރެންގެ ދެކޮލަށް ހޫނު ވެގެން ދިޔަ އެވެ.އެވަގުތުކޮޅު ހައިދިން ފިޔަވާ ވަށައިގެން ތިބި އެންމެން އަހަންނަށް ފުސްވާން ފެށިއެވެ.ހީވީ އަހަރެންގެ ދެލޮލަށް ހަމަައެކަނި އެ ސޫރަ ފޯކަސްވިހެންނެވެ.އެހެނަސް މާ ގިނައިރަކު އެހެނެއް ނުތިބެވުނެވެ.ހަފްލާ ފެށުމަށް ކައިވެނީގެ މަޖިލިސް ރުޅާލައި، ދޮންތައާއި އިހާން ގޮސް ބެކްޑްރޮޕް ކައިރީގައި ހުއްޓިލުމުން އެދެމަފިރިންނަށް މަރުޙަބާ ކިޔާ ސަލާމްކުރުމަށް ކުރުމަށް އެތަނުގައި ތިބި ބައެއް އާއިލާގެ މީހުންނާއި ދެފަރާތުގެ ރައްޓެހިންތައް ކިޔޫގައި ޖެހެން ފެށިއެވެ.އޭރު ދައުވަތު ދެވިފައިވާ އިތުރު މީހުންތައްވެސް އަންނަން ފަށައިފިއެވެ.ކުޑަކޮށް ބާއްވަން ކީ ނަމަވެސް ދެ ފަރާތުގެ އާއިލާއާއި ގާތް ރައްޓެހިން ހަމަވެގެން ފަންސާހަކަށް މީހުން އޭރުވެސް އެތަނުގައި ތިއްބެވެ.
****
ހައިދިންވެސް ތެދުވެ އެއްފަރާތަކަށް ޖެހިލާފައި ފޯނު ނަގައި އެއްޗެއް ޓައިޕްކުރަން ފެށިތަން އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަހަރެންވެސް ތެދުވެގެން ވަރަށް ނޫންކަމަށް އެއްފަރާތަކަށް ޖެހިލީމެވެ.އެ މާހައުލުގައި އެވަގުތު އަހަރެންގެ ހަރަކާތްތަކަށް ފާރަވެރިވެގެން މީހަކު ނެތީ އެއީ ހަމަ އަހަރެންގެ ނަސީބެވެ.އެ ނޫނީ އެހާ ނޫންކަމަށް އުޅުނަސް،އަހަރެންގެ ނަޒަރު ހައިދިންއަށް އަމާޒުވެފައި ހުއްޓާ ކޮންމެވެސް މީހަކަށް އޮންނާނީ ފެނިފައެވެ.އަދި އަމުދުން ދަނީންމެން ކަހަލަ މީހަކަށް އެމަންޒަރު ފެނުނު ނަމަ އެ ވާހަކަ ނުވެސް ހުއްޓާނެއެވެ.
****
’މަންމާ އެހެރީ މިހޫ ދައްތަ!‘ އަހަރެން ސިހުނީ ލޫކްގެ އަޑަށެވެ.އޭރު ކީރާގެ އަތުގައި ހިފައިގެން މީހުންގެ ތެރެއިން ޖާގަ ހޯދަމުން، އަނެއް އަތުން އަހަންނާ ދިމާލަށް އިނގިލި ދިއްކޮށްގެން، ވަރަށް ލޯބިކޮށް ހެވިލާފައި ހުރެ ލޫކް އަހަންނާއި ދިމާލަށް އާދެއެވެ.ކީރާއަށްވެސް އަހަރެން ފެނުނުހާއިރަކަށް ފުޅާ ހިނިތުންވުމަކުން އެތުންފަތްވެސް ދެމިލައިފިއެވެ.ޑަސްޓީ ބްލޫ ކުލައިގެ މެކްސީގައި ކީރާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ.އެ ދިގު އިސްތަށިގަނޑު އޮތީ ރީތި ހުޅިއަކުން ހައްޔަރުކޮށްލެވިފައެވެ.ލުއި ލުއި މޭކަޕެއް ކޮށްފައި ހުރިއިރު އޭނާގެ ގުދުރަތީ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި އެެވެ.އެހާ ރަސްމީކޮށް އަހަންނަަށް ކީރާ ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށްވުމުން ކުޑަކޮށް ހައިރާންވެ ސުވާލުވެސް އުފެދުނެވެ.
*****
’އަޅޭ…މިހޫ…ހާދަ ދުވަހެކޭ ދޯ މިވީ ދިމާނުވާތާ؟ ކިހިނެއްތަ؟ މާޝާالله.ޔޫ ލުކް ސޯ ބިއުޓިފުލް‘ ކީރާ އައި ގޮތަށް އަހަރެންގެ އަތުގައި ހިފާ ގާތްކޮށްލަމުން ހިތްހެޔޮ ކަމާއި އެކުގައި ބުނެލިއެވެ.ހަގީގަތުގައި އެ ކަންތައްގަނޑަށްފަހު އަހަންނަށް ކީރާވެސް ވަނީ ފެއަށް ޖައްސާލެވިފައެވެ.އެހެނަސް އޭނާގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ ކުނޑި ފުށެއްގެ މިންވަރުވެސް ފާޅެއް ނުވެއެވެ.
****
’ތެންކިއު…އަލްހަމްދުލިއްލާހި…ކީރާ ކިހިނެއްތަ؟ ޔޫ ލުކް ބިއުޓިފުލް ޓޫ ‘ އަހަރެންވެސް ވީހާވެސް އާދައިގެ ގޮތަކަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރީމެވެ.
’އަލްހަމްދުލިއްލާހި ވަރަށް ރަނގަޅު…ތެންކިއު …އެކްޗުއަލީ އައި ހޭވް ނިއުސް… މިހާރުވެސް ބުނާހިތުން ނުހުރެވޭ…‘ ކީރާ ހުރީ ވަރަށް އުފާވެފަ އެވެ.
’އަސްލުތަ؟އަޅެ ބުނެބަލަ‘ އަހަރެން ކުއްލިއަކަށް ކީރާގެ އެ ބަސްތަކަށް ޝައުގުވެރިކަން އުފެދުނީ އޭނާ ހައިދިންއާއި ދިމާލަށް ބަލައިލި ސިއްރުވެެރި ގޮތް ފެނިފައެވެ.އަހަރެންގެ މެއަށް ނުބައި ގޮތެއް ވެގެން ދިޔައީ ލޫކްވެސް ހައިދިން ފެނުނުހާއިރަކަށް،ކީރާގެ އަތުން ދޫކޮށްލާފައި ގޮސް އޭނާގެ މެދުހަށީގައި ބައްދައިލި މަންޒަރު ފެނުމުންނެވެ.ވަރަށް ގާތް މީހަކާ އެކީގައި ނޫނީ ލޫކްއެއް އެހެނެއް ނޫޅޭނެކަން އަހަންނަށް އެނގެއެވެ.ސުވާލަކީ ލޫކްއާއި ހައިދިން އެހާ ގާތްވީ ކޮން އިރަކު ބާވައެވެ.ކީރާގެ އެ ސިއްރު ނަޒަރުގެ މާނަައަކީ ކޮބައިބާވައެވެ؟ދެމަސް ދުވަސްތެރޭ ބަދަލުވެގެން މިއުޅެނީ ހަމައެކަނި އަހަރެންގެ ދިރިއުޅުން ނޫންކަން އަހަންނަށް ރެއަކާލީ ދެނެވެ.ފެނުނު މަންޒަރުން ވިސްނަންވީ ކިހިނެއް ކަމެއް ޔަގީން ނުވެފައި، އަހަންނަށް އެއްފަހަރު ކީރާގެ މޫނަށް އަނެއްފަހަރު ހައިދިންގެ މޫނަށް ބަލައިލެވުނެވެ.އަހަރެންގެ ހިތް އިތުރަށް އަވަސްވެގެން ދިޔައީ ހައިދިން ނިތަށް ރޫ ގިނަކޮށްލައިގެން ހުރެ، ލޫކްގެ އަތުގައި ހިފާލައިގެން,ސީދާ އަހަރެމެންނާއި ދިމާލަށް މިސްރާބު ޖެހިތަން ފެނިފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Keeraa and haidhin is gonna marry???
Is that the news heck no!!!!
Alhe let’s see dho 🙈