މާސްކު (ޕާޓް 27)
ވިސްނަންވީ ކިހިނެއް ކަމެއް ޔަގީން ނުވެފައި،އަހަންނަށް އެއްފަހަރު ކީރާގެ މޫނަށް އަނެއްފަހަރު ހައިދިންގެ މޫނަށް ބަލައިލެވުނެވެ.އަހަރެންގެ ހިތް އިތުރަށް އަވަސްވެގެން ދިޔައީ ހައިދިން ނިތަށް ރޫ ގިނަކޮށްލައިގެން ހުރެ، ލޫކްގެ އަތުގައި ހިފާލައިގެން،ސީދާ އަހަރެމެންނައި ދިމާލަށް މިސްރާބު ޖެހިތަން ފެނިފައެވެ.
****
’އެހެހެ..ލޫކް ހާދަ ވަރެއް ހުރެއޭ ޑޭންއަށް…‘ އެމަންޒަރު ބަލަން ހެވި ދިލިފައި އިން ކީރާގެ ދުލުން ނުކުތް ބަސްތައް އިވިފައި އަހަންނަށް ކުއްލިއަކަށް ކީރާގެ މޫނަށް ބަލައިލެވުނެވެ.އޭނާ ހައިދިންއާ ދިމާލަށް ’ޑޭން‘ ގެ ނަމުން މުޚާތަބު ކުރުމުން އަހަރެންގެ މެއަށް ނުބައި ގޮތެއް ވެލިއެވެ.ހައިދިންއަށް ވަނަމަކުން މުޚާތަބު ކުރާހާ ކީރާ އޭނާއާއި ގާތްވީ ކޮން އިރަކު ހެއްޔެވެ؟
****
’ހާއި ކީ… ހައި މިހްރާ…‘ ހައިދިން އައިސް އަހަރެމެންގެ ކުރިމައްޗަށް ހުއްޓިފައި އަހަރެމެން ދެމީހުންނަށް އިސްތިގުބާލު ކޮށްލިއިރުވެސް އަހަރެން ގެ ނަން ކިޔާލީ ވަރަށް މަޑުމަޑުންނެވެ.އޭނާ ކީރާއަށް ’ކީ‘ ގެ ނަމުން މުޚާތަބު ކޮށްފައި އަހަންނަށް ސީދާ ނަމުން ގޮވާލުމުން އެތަންކޮޅުގައިވެސް އަހަރެން ވަރަށް އަޅައިގަތެވެ.ހިތަށް އުނދަގޫވިއެވެ.އަހަރެން ހައިދިންއަށް ނޫނެކޭ ބުނި ހިސާބުން އޭނާ އަހަރެން ވަރަށް ދުރުކޮށްލައިފިއެވެ.އެހެނަސް އެކަމުގައި އަހަންނަަށް އޭނާ ކުށްވެރި ކުރެވޭކަށް ވެސް ނެތެވެ.އޭނާ ފެއަށް ޖެއްސި މީހަކީ ޚުދު އަހަރެން ކަމަށް ވާތީއެވެ.
****
’ކީ ކޮބާ މަންމަ؟‘ ހައިދިން ކުއްލިއަކަށް އަހައިލިއެވެ.
’އަހަރެން ކިޔަ ކިޔާ ވެސް ނައި… އަހަރެން މަޑުކުރަން އުޅުނީމަ އެގޮތެއް ވެސް ކަމަކު ނުދިޔަ. ލޫކް ޕާޓީއަށް ދާހިތުން އުޅޭތީ ކިޔައިފި ދާށޭ މަންމަ މަޑުކޮށްލާނަމޭ ގޭގަ…‘ ކީރާ ފުން ނޭވާއެއް ދޫކޮށްލައިފައި ބުނެލިއެވެ.
****
’މަންމީ…އޯކޭތަ ލޫކް ޑޭން ބޭބެއާ އެކީ ދިޔަޔަސް…؟‘ ލޫކް ހައިދިންގެ އަތުގައި އެލިގަންނަމުން ކީރާގެ ގާތުގައި އާދޭހުގެ ރާގަކަށް އެދުނެވެ.ކީރާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ހައިދިން ކީރާއަށް ގޮވާލާފައި މަޑު މަޑުން ބޯ ޖަހާލައިފިއެވެ.ކީރާ ހިނިތުންވެލާފައި ބޯޖަހާލުމަކުން ލޫކްއަށް ހުއްދަ ދިނުމުން އެ ކުއްޖާ އުފަލުން ހައިދިންގެ އަތުގައި ހިފައި ދަމަން ފަށައިފިއެވެ.އެ ހިސާބުން ހައިދިންގެ ސަމާލުކަން ވެސް ހުއްޓުނީ އެކުއްޖާއަށެވެ.ލޫކްގެ އަތުގައި ހިފާލައިގެން ހައިދިން ކިޔުއާއި ދިމާލަށް މިސްރާބު ޖެހުމުން ކީރާ ވާހަކަ ދައްކަން ފެށިއެވެ.
****
’ވެލް…އައިނޯ ވަޓް ޔުއަރ ތިންކިން…މިއުޅެނީ އަސްލު އެކަން ވީގޮތް ކިޔައިދޭންވެގެން…ހައިދިންއާ އަހަންނާ މިވޭތުވެ ދިޔަ ދުވަސްކޮޅު ތެރޭ އަސްލު ވަރަށް ކްލޯޒް ވެއްޖެ…އެއް ދުވަހަކު ލޫކް ގޮވައިގެން ސުކޫލުން އައި މަގުމަތީ ހައިދިންއަށް ފެނުނީ.. އެދުވަހު އަހަރެން އައީ ލޫކް ރޯ ވަރުން އޭނާ މަސަލަސް ކުރަންވެގެން އުރާލައިގެން.ލޫކް ލާ ޔުނިފޯމާ ގެންގުޅޭ ދަބަސް އެއްޗެހި ބާވީމަ ކުދިން ބުލީ ކުރީއޯ…ބައްޕި ކޮބާހޭވެސް އަހަނީ އޯ…އެކަމާ ދެރަވެފަ ހުއްޓާ އަހަރެން ހަމަ ފެނުނު އިރަކަށް އެކުއްޖާ ބަޑި ފަޅައިގެން ގޮސްފި…ދެން ހަމަ ގެއަށް ދިޔަ މަގުމަތީގައި ރުއިން ހުއްޓާ ވެސް ނުލި…ނުދެކެން އެހާ ދެރަވެގެން އެކުއްޖާ އެވަރަށް ރޮނިކޮށެއް ކުރިއަކުން…ދެން ވީ ގޮތަކީ ހައިދިންއަށް އެ މަންޒަރު ފެނިގެން އޭނާ ޕޭވްމަންޓް ކައިރިއަށް ކާރު މަޑުކޮށްލާފައި އަހަންނަށް ގޮވީ…އޭނާ ކިޔާވަރުންނާ ލޫކްވެސް ދެން އެވަރަށް ރޯތީ ކާރަށް އެރީ…ގެ ހުންނަ ތަން ކިޔާ ދިނީމަ ގެއަށް ގެންގޮސްދީފަ އޭނާ ވަަރަށް ވާހަކަ ދެއްކި އެދުވަހު. ބުނީ އޭނާ ވަރަށް ބޭނުމޭ އަހަންނަށް އެހިވާން …‘ ކީރާ ކިޔައިދިނެވެ.
’އޭގެ ފަހުން އޭނާ އަހަރެމެން ތިން މައިންގެ ހާލު ބަލާ… ބަރާބަރަށް ގެއަށް ޒިޔާރަތްކޮށް، ލޫކްއަށް ހަދިޔާ އެއްޗެހި ގަނެދީވެސް ހަދާ…ހީ އީވެން ގޭވް މީ އަ ޖޮބް މިހޫ… އެމީހުން ކޮމްޕެނީގެ އޮފީހުގެ މަސައްކަތު މީހެއްގެ ވަޒީފާ…މުސާރާވެސް ވަރަށް ރަނގަޅު…ހައިދިން އަހަރެން ކޮމްޕިޔުޓަރ ކޯހެއްގައި ބައިވެރިވެސް ކުރުވައިގެން އުޅެނީ…އެ ކޮމްޕެނީގަ ވޯކް ކުރާ އެންމެންނަށް ކޮމްޕެނީ ފަރާތުން ހިންގާ ކޯހެކޯ… ކޮމްޕިޔުޓަރގެ އެއްޗެހި ރަނގަޅަށް ދަސްވީމަ އެޑްމިން ބަޔަށް ޓްރެއިނިންގ ކޮށްދޭނަމޭވެސް ބުނި…އަޅެ ހައިދިން ހާދަ ރަނގަޅޭ…މި ޒަމާނުގަ ކާކު އެވަރުގެ ހެޔޮކަމެއް ކޮށްދޭނީ… އަމް ސޯ ތެންކްފުލް ފޮރ ހިމް… މިހާރު މަޑު މަޑުން އަހަރެންގެ ދިރިއުޅުންވެސް އެބަ ހަމައަކަށް އެޅޭ… ހައިދިންއަކީ ވަރަށް ރަނގަޅު މީހެއް… އޭނާ އާ ދިމާވެ ގުޅުން ބަދަހިވީމަ ވިސްނިއްޖެ ދުނިޔެއިން އަދި ރަނގަޅު މީހުން ހުސްނުވާކަން…‘ ކީރާގެ އަޑުގައި ކުރިން ނުހުންނަ ކަހަލަ ޖޯޝެއް ހުއްޓެވެ. އަހަންނަށް ވިސްނުނީ މުޅިން ނުބައިކޮށްކަން އެނގުމުން ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
****
’އަދި އެބައޮތް އެއް ވާހަކަ… އަހަންނަށް އެނގޭ އަސްލު ވަރަށް އެހެން ކަހަލަ ތަނެއްކަން މީ މިކަހަލަ ވާހަކައެއް ބުނަންވެސް.އެކަމަކު އައި ޑޯންޓް ނޯ… އަހަންނަށް ހީވަނީ އަހަރެން ހައިދިންއަށް ފޯލްވަނީހެން… އައި ނޯ އިޓްސް ވިއަރޑް.އޭނާގެ ރަނގަޅު ކަމުން ކަންނޭނގެ މިހެން މިވަނީވެސް…އަބަދުވެސް ހިތަށް އަރާ އެކަހަލަ ހިތް ތިރި ރަނގަޅު އަޚުލާގެއްގެ ވެރިއަކު އަހަރެންގެ ހަޔާތަށް އަންނާނެ ނަމައޭ…އެހެން ހިތަށް އަރާފައި ހުއްޓާ ހައިދިން ކަހަލަ ރަނގަޅު މީހަކާ ދިމާވީމަ ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނީ.ހިތަށް އެރި މީ ހަމަ ތަގުދީރުގައި އަހަންނަށްޓަކައި ލިޔެވިފައިވާ ފަރާތަށް ނުވެ ނުދާނެބާއޭ…ހީ އިޒް އެ ޓްރޫ ޖެންޓަލް މޭން ހަމަ…މިހޫ ބުނެބަ… އަހަރެން ދެން ކިހިނެއް ހަދާނީ…؟‘ ދެން ކީރާގެ ދުލުން ބޭރުވި ބަސްތައް އަހާފައި އަހަރެން ހުރި ތަނަށް ގަނޑުވި ކަހަލައެވެ.
****
’މިހޫ…؟‘އަހަރެން އެއްޗެކޭ ނުބުނެ ހުއްޓުން އަރާފައި ހުންނަން ފެށުމުން ކީރާ މަޑު މަޑުން އަހަރެންގެ ގައިގައި ކޮއްޓައިލިއެވެ.
’ކި..ކީކޭ؟‘ އާ ގަނެފައި އަހަންނަށް ބުނެވުނެވެ.
ކީރާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ލޫކް އައިސް ’މަންމީ ހިނގާށޭ‘ ކިޔައި ކީރާގެ އަތަށް ދަމަން ފެށުމުން އެވާހަކަ ކުރިއަށް ގެންދެވޭ ގޮތެއްނުވިއެވެ.ލޫކް އައިކަން އެއީ ހަމަ ނަސީބެކޭ އަހަރެންގެ ހިތަށް އެރިއެވެ.އަހަރެންގެ ސިކުނޑިއަކަށް ކީރާގެ އެސުވާލަށް ދޭނޭ ޖަވާބެއް ނުވިސްނުނެވެ.ކީރާވެސް ލޫކް އައުމުން އޭނާގެ ހުރިހާ ސަމާލުކަމެއް ލޫކްއަށް ހުއްޓައިލިއެވެ.ދަނޑިވަޅު ބަލާފައި އަހަރެން ބެލީ ދުރަށް ހިނގައިގަނެވޭތޯއެވެ.ނަސީބަކުން ފެންނަ ފަށުގައި ތުއްތައާއި،ދިލްފާ އަދި ދަނީންވެސް އިތުރު ދެބެންގެ ދެދަރި ކުދިންތަކަކާއި އެކީގައި އެމީހުންގެ އަމިއްލަ ފޮޓޯ ޝޫޓެއް ޖެއްސުމުގައި އަވަދިނެތި އުޅޭތީ ފެނެއެވެ.
****
އަހަރެން ގޮސް އެމީހުން ކައިރިއަށް ހުއްޓުމުން ގަދަކަމުން އަހަރެންވެސް އެމީހުންގެ އެ ސަކަރާތުގައި ބައިވެރި ކުރުވިއެވެ.އެކަންވެސް ކީރާއާއި އެ މައުޟޫއަށް ވާހަކަ ދެއްކުމަށްވުރެ އަހަރެންގެ ހިތަށް ފަސޭހަވިއެވެ.
****
ތަށްޓަށް ހެދިކާ އަޅައިގެން ހައިދިން ގޮސް އިށީނީ ވެސް ކީރާއާއި ލޫކްއާއި އެއް މޭޒެއްގައެވެ.އެ ތިން މީހުން އެކުގައި ވާހަކަ ދައްކައި ސަޔަށް އިންސާފު ކުރަމުން ދިޔަ މަންޒަރު ބަލަންވެސް އަހަންނަށް ވީ އުނދަގޫ ކަމަކަށެވެ.
****
މެހުމާނުންތައް މަދުވާން ފެށިއިރުވެސް ދެމަފިރިންނާއި އެކުގައި ފޮޓޯ ނެގުން ކުރިއަށް ދެއެވެ.އަހަރެމެންގެ އާއިލާ ބޮޑެއް ކަމަކު އިހާންގެ އާއިލާ މީހަކަށް ހުރީ ހައިދިން އެކަންޏެވެ.އެ ދެމީހުންގެ މަންމަ ފަރާތުގައިވެސް އަދި ބައްޕަ ފަރާތު އާއިލާގައިވެސް ހަމަ އެކަކުވެސް ނެތީއެވެ.
****
އަހަރެން ފޮޓޯތަކަށް އެރީވެސް އަރާ ހިތަކުން ނޫނެވެ.މަޖުބޫރުވެގެންނެވެ.ކީރާ ދެއްކި ވާހަކައިން އަހަރެންގެ ތަބީއަތުވަނީ މުޅިން ޚަރާބުވެފައެވެ.އިރު އިރުކޮޅާ އަހަންނަށް ހައިދިންއާއި ދިމާލަށް ބަލައިލެވެއެވެ.ކީރާއާއި އެކުގައި ހުންނަ އިރު ހައިދިންގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމުގެ ކުލަވަރުތަކެވެ.ލޫކް ދެކެވެސް ހައިދިން ވަރަށް ލޯބިވާކަން އޭނާގެ އަމަލުތަކުން އަހަންނަށް އެނގުނެވެ.އެއީ ކޮންބައެއްކަން ނޭނގޭ ބަޔަކަށް ހީވަނީ އެއީ ކުޑަ ކުޑަ އާއިލާއެއް ހެންނެވެ.
****
ހަފްލާ ނިމެންދެންވެސް ހައިދިން އަހަންނާއި ދުރުން އުޅެވޭތޯ ބެލިއެވެ.އެހެން އެންމެންނާ ވާހަކަ ދައްކާ ހީ ހެދިއިރު އޭނާ އަހަންނަށް ބަލާލާފައި ހަމަ އެކަނި ބޯ ޖަހާލާފައި ހިނިތުންވެލީއެވެ.ހައިދިންގެ އެ ދުރުކަމުން އަހަންނަށް އުނދަގޫ ވިޔަސް އޭނާއާއި އިސްވެ ވާހަކަ ދައްކާނެހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ.
****
ޕާޓީ ނިންމާފައި ވަކިވާ ވަގުތު ޖެހުމުން ދޮންތަ ވަރަށް ރުޔެވެ.އަހަރެމެން އެންމެންވެގެން ވަރަށް ހިތްވަރުދީ ނަސޭހަތް ލައިދިނުމުން ދޮންތަ ކުޑަކޮށް ހަމައަކަށް އެޅުނެވެ.
****
ދޮންތައާއި ވަކިވުމުގެ ސަލާމްކޮށްފައި ނުކުމެގެން ގެއާއި ހަމައަށް ދެވޭވަރު ވީއިރު އިރު އޮއްސި އަނދިރި ވެއްޖެއެވެ.އަހަރެން އަވަސްވެގަތީ ފެންވަރާލައިގެން ނުކުމެ މަޣުރިބު ނަމާދު ވަގުތު ފަހަނައަޅައި ނުދަނީސް އަވަހަށް ނަމާދު ކުރެވޭތޯއެވެ.ނަމާދުކޮށް ނިމިގެން ގުރުއާން ކިޔަވާލަން އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަހަރެން ކޮޓަރިން ނުކުތީ މަންމަ ގާތަށް ދިޔުމަށެވެ.އަހަރެން އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިހާއިރަށް މަންމަ ދޮރު ހުޅުވާފައޭ ވަންނާށޭ ބުނެލައިފިއެވެ.އަހަރެން ޓަކި ޖަހާލި ގޮތުންވެސް އެއީ އަހަރެންކަން މަންމަ ދެނެގެންފިއެވެ.
****
’އަނހާ ކިހިނެއް ވީ ދަރިފުޅާ؟އާދެބަލަ މިތާ އިށީންނަން‘ މަންމަ އެނދުމަތީގައި އަތް ޖަހާލަމުން އަހަންނަށް އައުމަށް އިޝާރާތްކޮށް ބުނެލިއެވެ.އަހަރެން ވާހަކައެއް ބުނަން ބޭނުންވެފައި ހުރިކަން މަންމަ ވަރަށް ފަސޭހައިން ނަގައިގެންފިއެވެ.
****
އަހަރެން ގޮސް އިށީނދެ ހަމަޖެހިލުމުން މަންމަ ކިޔަވަން ގެންގުޅުނު ޚަތިމު ލައްޕާލާފައި ހެޑްބޯޑު މަތީގައި ބާއްވާލިއެވެ.
’މަންމާ… އަހަރެން ބޭނުން ނިގާބް އަޅަން…‘ އަހަރެން ބުނެލީމެވެ.މަންމަގެ ތުންފަތް ދެމިލި ގޮތުން އެކަމާ މަންމަ ވަރަށް އުފާވިކަން އަހަންނަށް އެނގުނެވެ.
’ހަމަ އަސްލުތަ؟ އަލްހަމްދުލިއްލާހި…މަންމަގެ މިހޫއާ ވަރަށް ގުޅޭނެ ނިގާބް އެޅީމަ… އަބަދުވެސް ބޭނުންވި ކަމެއް އެއީ މަންމައެކޭ އެއް ގޮތަށް މަންމަގެ ތިން ދަރިންވެސް ނިގާބް އަޅަން…އެކަމަކު މަންމަ ބޭނުމެއް ނުވި އެއްވެސް ކުއްޖަކަށް މަޖުބޫރުކުރާކަށް… މަންމަ ވަރަށް ވަރަށް އުފާވެއްޖެ ދަރިފުޅު އަމިއްލައަށް ފެނިގެން ނިގާބް އަޅަން ބޭނުންވީމަ…‘ މަންމަ އެއް އަތުން އަހަރެންގެ މޫނުގައި ފިރުމާލަމުން ހިނިތުންވެ އިނދެ ބުނެލިއެވެ.
’ފުރަތަމަ ބޭނުމީ ގޭގައި ކުދިންނަށް ކިޔަވައި ދީގެން ނަމަވެސް ރުފިޔާ ކޮޅެއް އެއްކުރަން… އެއަށްފަހު ނިގާބް އަޅަން.. އަދިވެސް މީހުން ތެރެއަށް ނުކުމެ އުޅެން އެހާ ފަސޭހައެއް ނޫން.އެހެންވީމަ ބޭރުތެރެއިން ޖޮބެއް ހޯދުން އިހަށް މަޑު ޖައްސާލަން ބޭނުމީ.އެކަމަކު ޖޫނާ ގާތަށް ދާން ފެށިފަހުން މަޑު މަޑުން އެބަ ކަންތައްތަކާ ކުރިމަތިލާނެ ގޮތް ދަސްވޭ.‘ އަހަރެން ބުނެލީމެވެ.
****
ޖޫނާއަކީ އަހަރެންގެ ތެރަޕިސްޓެވެ.ދަރިފުޅު ބައިގެންދިޔަ ފަހުން އެކަމާ ވިސްނާ ވިސްނާ އަހަރެންގެ ނަފްސާނީ ހާލަތު ހައްތަހާ ދަށަށް ދާން ފެށުމުން އެންމެންވެގެން ގަދަކަމުން އަހަރެން ޑޮކްޓަރަށް ދައްކުވައި, ތެރަޕީއަށް ގެންދަން ފެށީއެވެ.ފުރަތަމަ ކޮޅު ނުދާންވެގެން އަހަރެން ވަރަށް ގަދަވެސް ހެދީމެވެ.އެހެނަސް އަހަރެންގެ އާއިލާއާއި ޖޫނާގެ ހިތްވަރުން އެ ފަރުވާ ހޯދުމަށް އެންމެ ފަހުން އަހަރެން އެއްބަސް ކުރުވީއެވެ.އެހެނަސް މިއަދު އަހަރެން އެ އެންމެނަށް ޝުކުރުވެރިވަމެވެ.އިހުގެ ހާލަތަށް އަދި އެއްކޮށް ރުޖޫޢަ ނުވެވުނަސް އޭރު އަހަންނަށް ވީ ވަރާއި ބަލާފަ މިހާރު ވަރަށް ބޮޑުތަން ރަނގަޅުވެ،ކުރިއެރުން ލިބިއްޖެއެވެ.އޭރު އަހަރެން އުޅުނީ އަހަރެންގެ އަމިއްލަ މައިންބަފައިންނާއި ދައްތަމެންނާއި ކުރިމަތިލާން ވެސް ބިރުންނެވެ.
****
’ދަރިފުޅު ނުބުންޏަސް މަންމައަށް އެނގޭ ދަރިފުޅު އަމިއްލައަށް ނިގާބް އެއްޗެހި ގަނެވޭކަށް ނުހުންނާނެކަން… އެނގޭ ދަރިފުޅަށް ވެގެން ވިއްޔާ ދުވަހަކުވެސް އެއްޗެއް ދޭށެކޭވެސް ނުބުނާނެކަން.. ދަރިފުޅު އަމިއްލައަށް ގަނެވެން ނެތިގެންނޭ ކިޔާފައި ނިގާބް އެޅުން ލަސްކުރާނެ ކަމެއް ނެތް…މަންމަ ގަނެދޭނަން…އެކަމާ ދަރިފުޅު ވިސްނާކަށް ނުޖެހޭނެ…އަނބުރާ އެއްވެސް އެއްޗެއް މަންމަ ބޭނުމެއްވެސް ނޫން. ހިނގާ މާދަމާ ވިޔަފާރިކުރަން ދަމާ ދޯ…މަންމަ ބޭނުމީ ދަރިފުޅުވެސް ގޮވައިގެން ދާން.‘ ވަރަށް އޯގާތެރިކަމާއެކު މަންމަ ބުނެލިއެވެ.
****
ބުނާނެ އެއްޗެއް ނޭނގިފައި މަންމަގެ މޫނަށް ބަލަހައްޓައިގެން އަހަންނަށް އިނދެވުނީއެވެ.ކިޔަވާ ނިންމުމަށްފަހު މައިންބަފައިން އަތުން އަހަންނަށް އިތުރު އެެއްވެސް ޚަރަދެއް ކުރުވުމަކީ ފަހަރެއްގައިވެސް އަހަރެން ކުރަން ބޭނުންވީ ކަމެއް ނޫނެވެ.ނަމަވެސް ވަޒީފާ ލިބުމުގެ ދަތިކަމާއި ހުރެ އަހަރެން މިވަނީ މުޅިން މާޔޫސްވެފައެވެ.އަމިއްލަ މަސައްކަތެއް ފަށަން ނުވިސްނަނީކީވެސް ނޫނެވެ.އަހަންނަށް ހަމަ ފަސް ޖެހެވެނީއެވެ.އެހެނަސް ކަންކަމާއި ކުރިމަތި ނުލައި އެއްވެސް ކަމެއް ކުރިއަށް ނުކަނޑާނެކަން އަހަންނަށް ވިސްނުމުން ވަރަށް ހިތްވަރު ކޮށްފައި އަހަރެން ގޮތެއް ނިންމީއެވެ.
****
’މަންމާ… އަހަރެން ބޭނުމީ މިހާރު ދެން ގޭގައި ކުދިންނަށް ޤުރުއާން ޓިއުޝަން ދޭން ފަށަން…ޖޮބެއް ހަމަ ޖެހޭތޯ އަސްލު ވަރަށް މަސައްކަތްވެސް ކުރެވިއްޖެ…ޖޮބެއް ހަމަ ނުޖެހުނޭ ކިޔާފަ ދެން އަބަދަކު މިހެން ދެއަތް އުރާލައިގެނެެއްވެސް ނުހުރެވޭނެއެއްނު.މަންމައަށް ދެތިން ކުއްޖަކު ހޯދައިދެވިދާނެތަ…އަހަރެން ވެސް ޕޯސްޓެއް ޖަހާލާނަން…‘ އަހަރެން ބުނެލީމެވެ.ލިބިފައިވާ ތައުލީމުގެ ބޭނުން ކުރަންވީ ވަގުތު އައިސް ޖެހުނީކަމަށް އަހަންނަަށް ގަބޫލު ކުރެވުމުން އަހަރެން ބޭނުންވީ އިތުރަށް މަޑުނުކޮށް އެ މަސައްކަތް ފަށާށެވެ.ސަރުކާރު ވަޒީފާއަކުން ލިބޭހާ ރަނގަޅު އާމްދަނީއެއް ނުލިބުނަސް އެންމެ ކުޑަމިނުން އަހަރެންގެ ޚަރަދުތައް އޭރުން ފަރުޖެއްސޭނެތީއެވެ.
****
ދުވަސްތައް ފާއިތުވަމުން ދިޔައެވެ.އަހަންނަކީ މިހާރު ނިގާބީއެކެވެ.ގިނަ ކުދިންތަކެއް ދަންނަ ގުރުއާން ޓީޗަރ މިހޫ މިސްއެވެ.ގުރުއާން ޓިއުޝަން ފުޅާވެގެން ގޮސް މިހާރު އަހަރެން އަމިއްލަ ގުރުއާން ކުލާހެއްވެސް ރަޖިސްޓަރީކޮށްގެން ހިންގަން ފަށައިފީމެވެ.އެމަގު އަހަންނަށް ތަނަވަސްކޮށްދިނީ ބައްޕައެވެ.ގޭގެ ގްރައުންޑް ފުލޯއިން އެޕާޓްމަންޓެއް ހުސްކޮށް އެތަނުގައި ގުރުއާން ކުލާހެއް ހިންގުމަށް ބޭނުންވާނޭ ހުރިހާ އިންތިޒާމުތަކެއް ބައްޕަ ހަމަ ޖައްސައިދިނުމުން އަހަރެން އެކަމަށް ބައްޕައަށް ހިތުގެ އެންމެ ފުނުން ޝުކުރުވެރިވީމެވެ.
****
ނިގާބް އެޅި ފަހުން ފުރަތަަމަ ހައިދިންއާއި އަހަރެން ދިމާވީ ދޮންތަގެ ދައުވަތަކަށް ހަވީރު ސަޔަކަށް އެގެއަށް ގޮސް އުޅެނިކޮށް އެގޭ ޓެރަސް މަތިންނެވެ.އެއީ އަހަރެންކަން އޭނާއަށް ރެއަކާލީ ދޮންތަ އަހަރެންގެ ނަމުން މުޚާތަބުކޮށް ގޮވައިލީމައެވެ. ދުވަހު އަހަރެން ފެނިގެން އޭނާ ހުރީ ދެލޯ ބޮޑުވެފައެވެ.ފެނުނީ އަހަރެންކަން ގަބޫލުކުރަން ދަތިވެފައެވެ.އެހެނަސް އަހަރެން ނިގާބް އެޅުންވީ ހައިދިންގެ ހިތުގައި އަހަންނާއި ދޭތެރޭ އިތުރު ޝައުގުވެރިކަމެއް އުފެއްދުވި ކަމަށެވެ. އޭނާ ކިތަންމެ ނޫން ކަމަށް ހެދިގެން އުޅުނު ނަމަވެސް އެދުވަހު އޭނާ އަހަންނާއި ދިމާލަށް ބެލި ވަރުން އެކަން ފާހަގަވެގެން ދޮންތަމެން އަހަންނާއި ވަރަށް ދިމާވެސް ކުރިއެވެ.
****
އެރޭ އަހަރެން ގެއަށް ދިޔަ ފަހުން އަހަރެންގެ ފޯނަށް ހައިދިންގެ މެސެޖެއް އައެވެ.
’ނިގާބް އެޅީމަ އަދި ވަކިން ފުރިހަމަ…އައި ވިޝް…‘ އެ މެސެޖްގައި އޮތެވެ. ހައިދިން މެސެޖް ފުރިހަމަ ނުކުރީ ހަމަ ގަސްދުގައި ކަން އަހަންނަށް އެނގުނެވެ.
’ޔޫ ވިޝް ވަޓް ؟‘ އަހަރެން އެ މެސެޖަށް ޖަވާބުދާރީވިއިރު ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ.
’ހިތަށް އަރަނީ ތީ އަހަރެންގެ ހައްގަކަށްވި ނަމައޭ…މިހޫ އަހަންނަށް އާނބަސް ބުނި ނަމައޭ…‘ ހައިދިން ބުނީ ވަރަށް ސާފުކޮށެވެ.އެ މެސެޖަށް ޖަވާބުދޭން އުޅެފައި ކީރާ ދެއްކި ވާހަކަ ހަނދާނަށް އައުމުން އަހަރެންގެ ތުންފަތަށް ވެރިވި ހިނިތުންވުން ފަނޑުވިއެވެ.
****
އަހަރެން ހައިދިންއާ ގަޔާ ނުވަނީކީ ނޫނެވެ.އޭރު އަހަރެން އޭނާ ފެއަށް ޖެއްސީ އޭރު އަހަރެން ހުރި ހާލަތުންނެވެ.އެހެނަސް މިއަދު އަހަންނަށް މިވަނީ މަޑު މަޑުން އެ ފުން އަނދަވަޅުގަނޑުން މައްޗަށް އަރައިގަނެވިފައެވެ.އަހަރެންގެ ހިތްވެސް އާ ފެށުމަކަށް އެދި ގޮވައެވެ.އަދި އެ ފެށުމަކީ ހައިދިން ކަމުގައި ވާން ވެސް އަހަރެންގެ ހިތް އެދެއެވެ.އެހެނަސް ކީރާ ހައިދިން ދެކެ ލޯބިވާކަން އެނގިހުރެ ހައިދިންއަށް ފެހި ސިގްނަލެއް ދީ، ކީރާ ވެސް އާ ފެށުމަކަށް ކުރަމުން އައި އުންމީދުތައް އޭނާގެ އަތުން ނިގުޅައިގަންނާކަށް އަހަރެންގެ ޟަމީރު އެއްބަހެއް ނުވިއެވެ.އެވަގުތު އަހަންނަށް ކުރެވުނީ ހަތަރުއަނގޮޅި ކަންމައްޗެއްގައި ހަތަރު ފަރާތުން ހައްޔަރުވެފައި ހުރި ކަހަލަ އުނދަގޫ އިހުސާސްތަކެކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.






Alheyyyyy vrh rythi mi part vesss one of my fav on going story. When next part
Thank you K ❤️
Varah gina dhuvas vejje comment eh koh nuleveny 😭 mi part ves varah reethi Maa Sha Allah mihu niqab elhy tha maa sha allah i can imagine :)) varah dheravey Aslu mihaaruge society ga niqab aa medhu meehun dhekey gothun :((
And suvaaleh ingey
” Feah jessun ” maana aky kobaa
Anyways, waiting for the Next part <3
Thank you Aysherr ❤️
Yeah asluves niqab elhyma baeh meehun dhekeni vrh ehn gothakah.
Hehe eyge maama aky ‘dhurukohlun,dhurah jehsun’
Vaa vaa salhi mi part ves!!!💗
Alhe then mihoo kairi buney haidhin ah yes kiyaashey!!
Keeraa ashey kiyaafa then dhw!!
Anyway waiting for the next
Ly💗
Thank you girl ❤️
Let’s see dho alhe dhen vaa gotheh