” ބިރުނުގަނޭ. އަހަރެން ކަލެޔަކަށް ގޯނާއެއް ނުކުރާނަން. އެކަމަކު އެއީ ހަމައެކަނި މިކުއްޖާ ދުނިޔެއަށް އަންނަން ދެން.. ކަލޭ ހެޔޮ ހާލުގައި ހުންނަން ބޭނުމިއްޔާ އަހަރެންގެ އަމުރުތަކަށް ކިޔަމަންވާން ޖެހޭނެ.. ” ދެން ވެސް އޭތި ވާހަކަ ދެއްކިއެވެ.
” ކޮން ކުއް…ޖެއް؟ ” އަމާނީގެ އަޑު ނުކުތީ ތުރުތުރު އަޅާ ހާލުގައެވެ.
” ދަރިޔަކަށް ބަލިވެ އިން އިރުވެސް ނޭނގޭތަ؟ ” އޭތީގެ އަޑުގައިވަނީ މަލާމާތެވެ.
” އެހެނެއް ނު… ނުވާނެ… އަހަރެ..ން ބަނޑުބޮޑެއް ނޫން! ” އަމާނީ ކުރިޔަށްވުރެ ބިރުގަތެވެ.
” ނެތް ނަމަ ތިހާ ގިނަ އުނދަގޫތަކެއް ނުވާނެ! ތިކުއްޖާ ވިހަންވަންދެކަށް ކަލޭގެ އަމަޔާއި ބަފާ ކައިރީގައި ބުނޭ ކުއްޖާއަށް އެއްވެސް ގޮތެއް ހަދައިގެން ނުވާނޭ! ކަލޭ ވެސް ތިކުއްޖާ މަރާލައިގެން ނުވާނެ! އަހަރެންނަށް ކަލޭގެ ބަނޑުގައި ތިއޮތް ފުރާނަ ވަރަށް މުހިއްމު. ތިއީ އަހަރެންގެ އުޖޫރަ. ތިކުއްޖާ ވިހަންދެން ކަލޭ ހުންނަން ޖެހޭނީ އަހަރެންގެ ބެލުމުގެ ދަށުގައި އަހަރެންގެ ދުނިޔޭގައި! އެކަމަކު އަހަރެންނަށް މިގޭގެ ހަތަރު ފާރުން ނިކުމެވިގެންތާ! އަހަރެންނަށް އެންމެ ހިނދުކޮޅަކަށް ވެސް މިގެއިން ނިކުމެވޭ ވަރު ވެއްޖެއްޔާ ލާހިކެއް ނޫން ކަލޭ މިދުނިޔެއަކު މިގޭ ތިބި އެހެން އިންސާނުންނާއި އެކު ހުންނާކަށް! ” ބަލަބަލާ ހުއްޓާ އޭތި އަމާނީގެ ގައި ތެރެއަށް ވަދެގަތީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ވަގުތުން ޗާބީ ދީފައިވާ ބުދެއްހެން އަމާނީގެ ފިޔަވަޅުތައް ހުރީ ކޮޓަރިން ނުކުންނާށެވެ. ދެލޯ މަރައިގެން ހިނގަމުން ދިޔަ އަމާނީގެ ހަށިގަނޑު އެންމެ ތަންކޮޅެއްގައި ވެސް ނުޖެހެއެވެ. މޫނުމަތީގައިވަނީ ފުން ހިނިތުންވުމެކެވެ. ސިޑިން ފައިބައިގެން ސިޓިންރޫމުގެ ބޮޑު ދޮރުން ނުކުމެ އޭނަގެ ފިޔަވަޅުތައް ގޮސް މަޑުވީ އުނދޯއްޔާއި ހަމަ އިންނެވެ. އަދި އަމިއްލައަށް ހަށިގަނޑު ހިއްލިގެން ގޮސް އުނދޯލީގައި އިށީނެވެ. ދެން ކިޔަން ފެށީ އެހެން ދުވަސް ދުވަހުގެ ވެސް ކިޔަމުންދާ ރާގުކޮޅެކެވެ.
—
” ސަރ ހާދަ ހެނދުނަކާ؟ ” އޮފީހުގައި މަސައްކަތް ކުރަން އިން އަރީންގެ ކެބިންއަށް ވަތް ހުޝާމް އަހާލިއެވެ. ހުޝާމްއަކީ ކުރިން ކޮންޕެނީގެ ލޯޔަރު އަމަލްގެ ތިބި ތިން ކުދިންގެ ތެރެއިން އެންމެ ހަގަށް ހުރި ކުއްޖާއެވެ. އަދި އެކޮމްޕެނީގެ މިހާރުގެ ލޯޔަރުވެސް މެއެވެ. އުމުރުން ތިރީސް ދެ އަހަރުގެ ހުޝާމް އެކޮމްޕެނީގައި މަސައްކަތް ކުރާތާ މިހާރު ހަތް އަހަރުވަނީއެވެ.
” އަހަން ހުޝާމް.. މިއީ އެއްކަލަ ޕުރޮޖެކްޓްގެ ރިޕޯޓްތައް ދޯ؟” ހުޝާމްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަރީން ހިފީ ހުޝާމް ދިއްކޮއްލި ފައިލްގައެވެ. އެހާ ޓެކްނޮލޮޖީ ކުރިއަރާފައިވާ ޒަމާނެއްގައި ވެސް އަރީންގެ އުސޫލުތައް އަދިވެސް ހުންނަނީ ކުރީގެ ގޮތަށެވެ. ޑިޖިޓަލްކޮށް ބެކްއަޕް ކުރިޔަސް އޭނަ އަބަދުވެސް މަސައްކަތް ކުރަނީ ކަރުދާހުންނެވެ.
” ލައްބަ. ސަރ ބަލީތޯ؟ މޫނުމަތިން ވަރަށް ހީވޭ… ” ހުޝާމް އަރީންގެ މޫނަށް ފަރުވާތެރިކަމާއިއެކު ބަލާލަމުން އަހާލިއެވެ.
” ކުޑަކޮށް ބޮލުގައި ރިއްސާތީވެ. ބައްޕަ ނިޔާވި ފަހުން މިހާރު ވިހި އަހަރު މިވަނީ ދޯ؟ ހުޝާމްގެ ބައްޕަ އެއްވެސް ވަރަކަށް ޑައިރީ ކަހަލަ އެއްޗެހި ލިޔެ އުޅުނުތަ؟ ” އަރީން މައުޟޫ ބަދަލުކޮއްލަމުން ސުވާލުކޮއްލިއެވެ.
” ލައްބަ. ސަލީމް ސަރގެ ލިޔުންތައް ވެސް ބައްޕަ ގެންގުޅުއްވި. އެތަކެތި އަޅުގަނޑަށް ހީވަނީ އަދިވެސް ހުންނާނެހެން. އެކަމަކު ދޮންތަމެނަށް އެނގޭނީ. ” ހުޝާމް ޖަވާބުދިނެވެ.
” ފަރުޒާނާއާއި ހިޝްމާ ކައިރި އަހާލަބަލަ އިނގޭ. އަރީން ބޭބެ ބުންޏޭ އެއެއްޗެހި ރެޑީކޮއްލަ ބަލާށޭ. މިއަދުގެ ވަގުތެއްގައި ގޮސްލާނަމޭ ޗެކްކޮއްލަން… ހުޝާމް އުޅޭނެ ދޯ އޮފީސް ނިމިގެން ގޭގައި..؟ ” އަރީން އަތުގައި އޮތް ރިޕޯޓު ބާއްވާލަމުން އަހާލިއެވެ. ސަލީމްގެ ހެޔޮކަމުން އަމަލްއަށް ލަންކާއިން ގެއެއް ގަނެދީ އެގޭގައި އަމަލްގެ އާއިލާއަށް އެއްވެސް ދައްޗެއްނެތި އުޅެވޭނެ ގޮތް ހަދައިދިނުމުން އެންމެ ކުޑައިރުއްސުރެ އަމަލްގެ ބޮޑުދަރި ފަރުޒާނާއާއި މެދު ދަރި ހިޝްމާއާއި އަރީންއާއި ނުހަނު ގާތް ގުޅުމެއް އޮވެއެވެ. އުމުރުގެ މާބޮޑު ތަފާތެއް ނެތީމައި ކަމަށް ވެސް ވެދާނެއެވެ. ހުޝާމް ލިބުނީ އެދެބެއިންނަށްވުރެ މާ ލަހުން ކަމަށްވުމުން ހުޝާމްއާއި އަރީން، ދެން ތިބި ދެބެންނާއި އޮންނަހާ މާ ގާތް ގުޅުމެއް އަރީންގެ ނޯވެއެވެ.
” ލައްބަ ސަރ. ” ހުޝާމް ހިނިތުންވެލިއެވެ.
” ދެމިހުން އެކަނިވާ ވަގުތު ތަކުގައި ސަރ ނުކިޔާށޭ ބުނަމެއްނު.. ” އަރީން ހީގަތެވެ.
” އެކަމަކު ބައްޕަ ބުނެލައްވާފައި އޮތީ އޮފީސް ގަޑ… ” ހުޝާމް ހެމުން ބޯ ކަހާލިއެވެ.
” އަމަލްބެ ކަހަލަ ދޯ؟ އޯކޭ.. ގެޔަށް ގޮސްލާފައި އަންނާނަން އިނގޭ. އަނެއް ޕުރޮޖެކްޓްގެ ރިޕޯޓްތައް ވެސް ހަމަކޮއްލާތި. ހަނދާންކޮށް ދޮންތަމެން ކައިރި ބުނެލައްޗޭ… ” އަރީން ގޮނޑިން ތެދުވިއެވެ. އަދި ފޯނާއި އޮފީސް ދަބަސް ހިފައިގެން އޮފީހުން ނިކުތެވެ.
—
މިއަދު ހެނދުނު ސައި ހެދުމުގައި މަލަކް ބައިވެރިޔެއް ނުވެއެވެ. ސައިބޯކަށް ވެސް އޭނަ ނުނިކުމެއެވެ. ފަތިސް ނަމާދަށްފަހު ޟުހާ ނަމާދުކޮއްގެން ނިދި ގޮތަށް ނިދާފައި ދެއެއް ޖަހަނިކޮށް ތެދުވެ މެންދުރު ނަމާދުކޮއްގެން އޭނަ އިނީ ޤުރުޢާން ކިޔަވާށެވެ. އަރީން ވެސް ނުނިދިގެން އުޅެފައި ފަތިސް ނަމާދު ނިމިގެން އޮފީހަށް ދިޔަ ގޮތަށް އަދި ނާދެއެވެ. މަލަކް ޤުރުޢާން ކިޔަވައި ނިމިގެން ހަތިމް ލައްޕާލައި އެނދުގެ ކައިރީގައި ހުރި ނައިޓް ސުޓޭންޑްގައި ބޭއްވުމަށްފަހު ބެލްކަންޏާއި ކުޑަދޮރުގެ ފޮތިގަނޑު ކަހާލިއެވެ. އިއްޔެ އެކޭ އެއްފަދައިން އުޑުމަތީގައިވަނީ ކަޅު ވިލާތަކުގެ ސާލެއް އޮޅާފައެވެ. ފާރުގައި އިން ގަޑިން ދެއެއް ޖެހިކަން އެނގުމުން އޭނަ ފޯނު ހިފައިގެން ތިރިޔަށް ފޭބި އިރު އިރުފާންގެ ދެމަފިރިން ސޯފާގައި ވާހަކަ ދައްކަން ތިއްބެވެ. ކުޑަ މޭޒު މަތީގައި އައި ޕެޑު ހިފައިގެން ގަނޑުތަކެއްގައި ލިޔަން ތިބި އިރު ވަލީމާއަށް ތައްޔާރުވަނީކަން އަންގައިދެއެވެ.
” ޒޯޔާ. ކިހިނެތްތަ މިހާރު؟ ” މަލަކްގެ އަޑުގައި ހިސާބަކަށް ހިތްހަމަ ނުޖެހުމެއް ހުރިކަން އިރުފާންއަށް ފާހަގަވިއެވެ. އެހެނަސް އޭނަ އެކަމެއް ނާންގައެވެ.
” ހުން ރަނގަޅު މިހާރު. އަދިވެސް ރޯގާ އެބަ އުޅޭ.. ޑޮކްޓަރަށް ދެއްކީމައި ބުނީ އިންފެކްޝަނެއްގެ ސަބަބުން ވީ ގޮތެކޯ. ” ޒޯޔާ ޖަވާބުދިނެވެ.
” މަންމަ ބަލީތަ؟ ހާދަ ލަހުން ތިނުކުތީ؟ އެކަކު ވެސް ތިރިޔަށް ނުފައިބާތީ އަހަރެމެން ވެސް އަދި ނުކަން… ” އިރުފާން އަހާލިއެވެ.
” ކުޑަކޮށް ބޮލުގައި ރިއްސާތީ. މިހާ ލަސްވާ އިރު ދެން ނުކައި ޒޯޔާ ބަލިވެ އުޅޭ އިރުވެސް؟ ” މަލަކް ސޯފާގައި އިށީނދެލިއެވެ.
” ނޫން. އަޅުގަނޑު ހެނދުނު ސައިބުއިން އިރުފާންއާއިއެކު. އެފަހުން ހޮސްޕިޓަލަށް ދައްކަން ގޮސްފައި މިއައީ. މަންމަ ހިނގާ ކާން ދާން އަހަރެމެންނާއިއެކު. ބައްޕަ ގޭގައި ނޫޅެނީތޯ؟ ” ޒޯޔާ އަހާލިއެވެ.
” ބައްޕަ އޮފީހަށް ގޮސްވީ. ދެންމެ އިރުކޮޅެއް ކުރިން މެސެޖު ކޮއްލިން. ބުނި މިއަންނަނީއޭ. އަމާނީ އަދިވެސް ނުތެދުވޭތަ؟ ” މަލަކް ދެކޮޅު ބަލާލަމުން އަހާލިއެވެ.
” ނޭނގެ ނުދެކެން. މަންމައަށް ފާހަގައެއް ނުވޭތަ އަނާ މިހާރަކަށް އައިސް ލަހުން ތެދުވާކަން؟ ” މަލަކްއަށް ވާނުވާ އެނގޭކަން އެނގި ހުރެ ވެސް އިރުފާން އެސުވާލު ކުރީ އޭނަ އެސުވާލުގެ ޖަވާބު ބޭނުންވާތީއެވެ.
” ނޭނގެ. ޒޯޔާއަށް އިނގޭތަ؟ ތިއީ ގާތް ދެރައްޓެހިންނެއްނު ކޮލެޖުގައި އުޅުން ދުވަސް ވަރު؟ ” މަލަކްގެ ރުންކުރު ބަސްތައް އަމާޒުވީ ޒޯޔާއަށެވެ. މަލަކްގެ އަޑު ހުރި ގޮތުންނާއި ބަލަހައްޓައިގެން ހުރި ގޮތުން ހީވީ ޕޮލިހެއް ސުވާލު ކުރަން އުޅޭ ހެންނެވެ.
” ނޭނގެ މަންމާ… ” ޒޯޔާ ހިސާބަކަށް ޖެހިލުންވެ ހުރެ ޖަވާބު ދިނެވެ. އޭރު ދަތުން އޭނަ އިނީ ތުންފަތް ހަފާލަ ހަފާލައެވެ. މި މަންޒަރު އިރުފާންއަށް ނުހަނު ރަނގަޅަށް ފެނުނެވެ. ޒޯޔާ އެގޮތަށް ހަދާނީ ކަމެއް ސިއްރު ކުރާތީކަން އޭނައަށް ޔަޤީންވެއެވެ. އެހެނަސް މަލަކް އިނުމުންނާއި މަސްލަހަތުގެ ގޮތުން އޭނަ އެވާހަކަ ދިގު ކުރާކަށް ބޭނުމެއް ނުވިއެވެ.
” ވެދާނެއެއްނު މައްސަރުގެ ކަންތައް ކަމަށް ވެސް. މަންމައަށް މިތަން ކަމުދޭތަ؟ އަހަރެމެންނަށް ވަރަށް ރީތި މިތަން ” އިރުފާން މައުޟޫ ބަދަލުކޮއްލަމުން އައި ޕެޑުން ރީތި ތަނެއްގެ ފޮޓޯތައް ދައްކާލިއެވެ.
” ދެމިހުންނަށް ރަނގަޅިއްޔާ ރަނގަޅުވާނެ. އިރުފާން ދަރިފުޅު ގޮސް އަމާނީ ނިދާފައި އޮތިއްޔާ ގޮވާފައި ބުނޭ ކާން އަންނަން. މަންމަ އެބަ އަންނަން ބޭރަށް ގޮސްލާފައި ބައްޕަ އާދޭތޯ ބަލާލާފައި…” މަލަކް ސޯފާއިން ތެދުވެގެން ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. އޭނަ ޒޯޔާއަށް ޝައްކު ކުރެވޭތީ ޒޯޔާ ފެންނަ ހިސާބުގައި ހުންނަން ބޭނުންނުވަނީއެވެ.
މަލަކް ބޭރަށް ނުކުތް އިރު ވާރޭގެ ކަނިތައް ޖަހަން ފަށައިފިއެވެ. އޭނަ ބަލަބަލާ ހުއްޓާ ވާރޭ ކަނިތައް ބޮޑެތި ވާރޭ ތިކިތަކަށް ބަދަލުވެގެން ދިޔައެވެ. ވާރޭގެ ތިކިތަކަށް ބަލަން ހުރެ ފުންނޭވާއެއް ދޫކޮއްލުމަށްފަހު އަލުން ސިޓިންރޫމަށް ވަންނަން އަޅާލި ފިޔަވަޅު ހުއްޓުނީ އުނދޯއްޔާއި ދިމާއިން އަމާނީ ފެންނަން ހުރުމުންނެވެ. ހެމުން ބޯ ވާރޭގައި އެކަނިމާ އެކަނި ތެމެމުން ދިޔަ އަމާނީ ފެނިފައި މަލަކްއަށް ބަލަން ހުރެވުނެވެ. ދެން ހަނދާންވީ ވާރެޔާއި ތެމުމުން އޭނަ ނުހަނު އަވަހަށް ރޯގާ ވާ ކަމެވެ. ސިޓިންރޫމުގެ ދޮރު ކައިރި އެތެރޭގައި ހުރި ވާރޭ ކުޑަތައް ލައިފައި ސުޓޭންޑުން ބޮޑު ކުޑައެއް ނަގައި ހުޅުވާލުމަށްފަހު އަމާނީ އެތެރެއަށް ވައްދަން ހިނގައިގަތެވެ. ހަރު ހިނގުމުގައި ހިނގާފައި ދިޔަ ގޮތުން އޭނަ އެހެރީ ނުހަނު ހިތްހަމަ ނުޖެހިފައިކަން އެނގެއެވެ. އުނދޯއްޔާއި އަރާ ހަމަވި މަލަކްގެ ފިޔަވަޅުތައް މަޑުކޮއްލަން ޖެހުނީ ފެނުނު މަންޒަރުންނެވެ. ބޯ ވާރެޔާއި ހެދި ގައިގައި ތަތްލަވާފައިވާ އަތްދިގު ފައިތިލައާއި ހަމަޔަށް އަރާ ނޭވީ ކުލައިގެ ނިދާ ހެދުމުގެ މަތިން އަރާފައިވާ ކުޑަ ބަނޑު ފެނިފައި މަލަކްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުޑައިރުއްސުރެ ހިކިކޮށް ހުންނަ އަމާނީގެ އެބަނޑަށް ހަމަ ގައިމު ވެސް މިހާރު ދެ މަސް ވަރު ވެދާނެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

