Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހަޤީޤީހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 21)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
October 13, 2025 5 Mins Read
2 Comments

އަހަރެންގެެ ސަލާމަތްތެރިކަމާއި މެދު ސުވާލު އުފެދުމުން އަހަރެންގެ ހާލު ބަލައި، އެ އަނިޔާވެރިކަމުން އަހަރެން ސަލާމަތް ކޮށްދިނީތީ އަހަރެންގެ ހިތް ހައިދިންއަށްޓަކައި ޝުކުރުން ފުރުނެވެ.

****

’މިހްރާ ސަލާމަތް ކޮށްދިނީތީ ހައިދިންއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ދައްތައަކަށް ނޭނގޭ…ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ…‘މަންމަ ހައިދިންއަށް ބަލާލާފައި ވަރަށް އަސަރާއެކު ބުނެލުމުން ހައިދިން ލުއި ހިނިތުންވުމެއް ހަދިޔާކޮށްލާފައި އެ ޝުކުރު ބަލައިގަތް ފަދައަކުން ބޯ ޖަހައިލިއެވެ.

****

އަހަރެން ހުރިގޮތް ފެނުމުން މަންމަ ޖަޒުބާތީވިވަރުން އަހަރެންގެ ގައިގައި ބައްދާލާފައި ވަރަށް ލޯބިން ބުރަކަށީގައި ފިރުމާލިއެވެ.މަންމަ އަހަރެން ދެކެ ވާ ލޯބި އިހުސާސްވުމުން އަހަންނަށް އަދި އިތުރަށް ރޮވުނީއެވެ.ދޮންތައާއި ތުއްތަވެސް އައިސް އަހަރެންގެ ބޮލުގައްޔާއި މޫނުގައި އަތްލާ ފިރުމާ ހަދަމުން ރަނގަޅުތޯ ސުވާލުކުރަމުން ދިޔައެވެ.

****

’އާރިން އަޅެ ހާދަ ނުބައޭ ދޯ. މިހޫ އޭރު ފޯނުން ވާހަކަ ދެއްކިއިރުވެސް އަވަހަށް ފޯނު ނުބޭއްވިފައި ހުންނަ ކަހަލަ އިހުސާސެއް ކުރެވުނީ…އަސްލު އާރިން ދެކެ ބިރުން ކަންނޭނގެ އެހެން އެވީ…ދެން އަނެއްކާ މެސެޖަށް ރިޕްލައި ނުކުރާތީވެސް ވަރަށް އުނދަގޫވި…ހިތަށް އެރި މިހޫ ނުހުންނާނޭ މެސެޖް ބަލާފައި ރިޕްލައި ނުކޮށެއް…ދެން އަނެއްކާ އެއްވެސް ވަރަކަށް އިސްވެ ގުޅަނީކީ ނޫން…ދެޓްސް ސޯ ނޮޓް ޔޫ…މިހޫ ބަރާބަރަށް ގުޅާނެ އެންމެނަށްވެސް…ބޭރު ގައުމެއްގަ ހުއްޓަސް އަހަންނަަށް ޔަގީންވޭ އަހަރެމެންގެ ހާލު ބަލަން މިހޫވެސް އިސްވެ ގުޅާނެކަން…ދެން އެހިސާބުން ހިތް ބުނެފި އާރިންގެ އަތެއް އެބަ ވެޔޭ މިކަމުގަ. ދެފަހަރަކު ގުޅިން އޭނާ ނަންބަރަށްވެސް…ބުނަނީ ނިއްވާލައިފައޭ…‘ ދޮންތަ ބުނެލިއެވެ.

****

’މަވެސް ހިތަށް އެރީ ހަމަ ތިހެން… މެސެޖަށް ރިޕްލައި ނުދޭން ފެށީމަ މަށަށް އެންމެ ޝައްކުވީ…މަށަށް ވަރަށް ގުޅައިގެން ވާހަކަ ނުދެއްކޭ ވިއްޔާ. އެކަމަކު އެވަރު ވެގެން ދިޔައިރުވެސް އާރިންމެންގޭ މީހުންނަށްވެސް ދޯ އަޅެ އެނގުނު ކަމަށް ނުވި ވިއްޔަ…އެންމެ ފަހުން މިހޫ ނުބައިކޮށްފައި މިހޫ ބޮލަށް ހުރިހާ ކަމެއް އެ ޖެހީ…ދެން ކީކޭ އަޅެ ބުނާނީ؟!‘ ތުއްތަވެސް އެއްބަސްވެލިއެވެ.

****

’އަލްޙަމްދުލިއްލާހި އެމީހުންގެ އަތްދަށުން ދަރިފުޅު ސަލާމަތްވީމަ…މަންމަ ހިއެއްވެސް ނުކުރަން އާރިން އެހާ ނުބައި މީހަކަށް ވެދާނޭ ކަމަކަށް…އެ ގޭ މީހުންވެސް… މަންމައަށް ފެންނަނީ އަވަހަށް ތި ކައިވެނި ރޫޅާލަން… އަނިޔާކުރާ މީހަކާ އެކީގައި ދިރިއެއް ނޫޅެވޭނެ…އެކަމަށް ތަރުހީބު ދޭ ބަޔަކާ އެކީވެސް…‘މަންމަ އަހަރެން ގާތްކޮށްލައިގެން އިނދެ ބުނެލިއެވެ.

****

’އިރާދަކުރެއްވިއްޔާ ވީ އެންމެ އަވަހަކަށް ވަރިވާން ފޯމު ލާނަން…ދެން ބޭނުމެއް ނޫން ދުވަހަކުވެސް މީހަކާ އިންނާކަށް…‘ އަހަރެން އެހެން ބުނެލި އަޑަށް ހައިދިން ބާރަށް ކެއްސައިގަތް ގޮތުން ހީވީ އޭނާ ގަދަކަމުން ކޮށްލި ކަމެއް ހެންނެވެ.

****

’އަނހާ ކިހިނެއް ތި ހެދީ…؟‘ ތުއްތަ  ގޮސް ހައިދިންއަށް ފެން ތަށްޓެއް ގެނެސްދިނުމުން ކުޑަ ހިނދުކޮޅަކަށް އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.ހީވަނީ އޭނާ ބޭނުންވީ ގޮތަކީވެސް އެއީ ހެންނެވެ.

****

’ތީ އަދި މުޅިއަކުން ރަނގަޅު ވިސްނުމެއް ނޫން ދަރިފުޅާ މިހްރާ…ތި ދިރިއުޅުމުގައި ކުރިއަށް ނުދެވުމަކީ އަދި ދެވަނަ ކައިވެންޏެއް ނުކުރަން ނިންމަން ޖެހޭވަރުގެ ސަބަބެއް ނޫން…ދަރިފުޅަށް އާރިންއަށް ވުރެ މާ ރަނގަޅު މީހުންވާނެެ…އެކަމަކު ބައްޕަމެން ބޭނުމެއްނޫން ދަރިފުޅަށް މަޖުބޫރުކޮށްގެން މީހަކާ ކައިވެނި ކުރުވާކަށްވެސް…ދެން ފަހަރަކުންވެސް ދަރިފުޅަށް ފެންނަ މީހަކާ ދަރިފުޅު ކައިވެނި ކުރާނީ…އެކަމަކު ދެން ތަންކޮޅެއް ބޮޑަށް ވިސްނާލަން ވާނެ…‘ ބައްޕަ އަނެއްކާވެސް އަހަންނަށް ސަމާލުކަން އަނބުރާލައި، ނަސޭހަތްތެރިވިއެވެ.

****

’ބައްޕާ…ކިހިނެއް އެކަމަކު ދެން މީހަކަށް އަހަރެން އިތުބާރު ކުރާނީ؟ކިހިނެއް އެނގޭނީ މީހެއްގެ ގޮތެއް ކިޔަން؟‘ އަހަރެން ދެރަވެފައި ބުނެލީމެވެ.ހައިދިންގެ ތޫނު ނަޒަރު އަހަންނަށް އަމާޒުވަމުން ދިޔަކަން އަހަންނަށް އެނގެއެވެ.އެކަމުން އަހަންނަށް އުނދަގޫވެސްވިއެވެ.އޭނާ ބަލާ ގޮތުން އޭނާ އަހަންނާއި ގަޔާވަނީއޭ އަހަންނަށް ހަމަ ހީވަނީއެވެ.

****

’ރަނގަޅު މީހުންވެސް އުޅޭނެ…މިސާލަކަށް މިހުރީ ހަމަ ހައިދިންވެސް…އޭނަ ގައިމު ގޯހެއް ނޫން ދޯ. އެ ނޫންނަމަ އޭނަ ކީއްވެ ދަރިފުޅު ސަލާމަތް ކޮށްދޭންވީ؟އަދިވެސް ހަމަ ރަނގަޅު މީހުން ވާނެ ދަރިފުޅަށް…އެހާ އަވަހަށް އުންމީދު ކަނޑާނުލާ…‘ބައްޕަ ހުރެލާފައި ބުނެލި ބަސްތަކުން އަހަންނަށް ލިބުނީ ހައިރާން ކަމެވެ.މިހާ އަވަހަށް ބައްޕަގެ ސަމާލުކަން ހައިދިން ހޯދީ ކިހިނެއް ހެއްޔެވެ؟ގައިމު އެއީ އިހަށް ދުވަހަކު އަހަރެންގެ އާއިލާއަށް ތައާރަފްވީ މީހެކެވެ.މިހާ އަވަހަށް  ބައްޕަ އޭނާއަށް އިތުބާރު ކުރަން ފެށީ ކީއްވެބާވަައެވެ؟

****

އަހަންނަށް ދެން ބަލައިލެވުނީ ހައިދިންއާއި ދިމާލަށެވެ.އޭރު އެ ތުންފަތުގައި ކުޅެލާ ކުޅެލާ ހުރީ ކާމިޔާބީގެ ހިނިތުންވުމެކެވެ.އެ މޫނުމަތީގައިވަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.ދޮންތައާއި ތުއްތަވެސް ކުޑަކޮށް ހިނިއައިސްފައި ސިއްރު ކިޔައިލިތަން ފެނުމުން ހިތް ހަމަޖެހުމުގެ ބަދަލުގައި އަހަރެންގެ ހިތް އިތުރަށް ނުތަނަވަސްވީއެވެ.މިހާ އަވަހަށް އެ އެންމެންގެ ވިސްނުން އެހުރީ އަހަރެން ހައިދިންއާއި ތަތްކުރުވަން ކަމަށްވާނަމަ އަހަރެންގެ އަމިއްލަ އާއިލާއަށްވެސް އަހަރެންގެ އިހުސާސްތަކެއް އަންޑަސްޓޭންޑެއް ނުވިއެވެ.އާރިން ކިތަންމެ ނުބަޔަސް އަހަރެން އަދިވެސް ލޯބިވަނީ އާރިން ދެކެއެވެ.އެ އަނިޔާވެރިޔާ ހިތުން ފުހެލަން އަދި އަހަންނަށް ވަގުތު ބޭނުންވާނެއެވެ.އެހެންނޭ ކިޔާފައި އަހަރެން އާރިން މަތިން ހަނދާން ނައްތާލުމަށް ބޭނުންކޮށްލާނެ ’އާލާތަކަށް‘ ހައިދިން ހަދާކަށް އަހަރެން ބޭނުމެއް ނޫނެވެ.އޭނާގެވެސް އިހުސާސްތަކެއް ވާނެއެވެ.އަހަރެންގެ ހިތުގައި ހައިދިންއަށްޓަކައި އެފަދަ އިހުސާސެއް ނުވާއިރު އޭނާ އަހަންނާއި ދޭތެރޭ އެގޮތަށް ދެކޭނަމަ އޭނާއާއި ވާހަކަ ދައްކާ ގާތްކަން އުފެއްދުން ވާނީ ހަމަ އޭނައަށްވެސް ވެވޭ ބޭއިންސާފަކަށެވެ.އެއް ފަރާތުން ލޯބިވެގެން އެކަކަށްވެސް ލިބޭނޭ އުފަލެއް ނޯންނާނެއެވެ.އަހަރެން މިހުރި ހާލަތަކީ އެކަމުގެ ހެއްކެކެވެ.އާރިން އަހަރެން ދެކެ ހަގީގަތުގައިވެސް ލޯބިވީނަމަ މިއަދު އަހަރެން މިހާލަތުގައި ހުންނާކަށް ނުޖެހުނީހެވެ.

****

އަހަރެން އެކައްޗެކޭވެސް ނުބުނެ ތެދުވެގެން ގޮސް ސޫޓްކޭސް ހިފައިގެން އަހަރެން އުޅުނު ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމުން އެންމެންވެސް ވަރަށް ގޮވިއެވެ.އެހެނަސް އެވަގުތު އެއްވެސް މީހަކާއި އިތުރަށް ދެން ކުރިމަތިލާކަށް އަހަރެންް ބޭނުމެއް ނުވިއެވެ.ނަސީބަކުން އެއްވެސް މީހަކު ދޮރުގައި ތަޅާ އުނދަގޫ ކުރާކަށް ނާދެއެވެ.ރަނގަޅަށް ވިއްޔާ އަހަންނަށް އެކަނިވެލަން ވަގުތުކޮޅެއްދިނުމަށް ބައްޕަ އެންމެން ގާތުގައި ބުނާނީއެވެ.އެ ނޫންނަމަ ދޮންތަމެނެއް މަޑަކުން ނުތިބީހެވެ.

****

ޖެހިގެން އައި ދުވަހު އާރިންގެ ފަރާތުން ވަރިވާން އަހަރެން ކޯޓަށް ފޯމުލައިފީމެވެ.އެންމެ ދުވަހެއްވެސް ލަސްކުރަން އަހަރެން ބޭނުން ނުވީއެވެ.އޭނާގެ ފަރާތުން އަހަރެންގެ ހަށިގަނޑު ސަލާމަތްވިއެއް ކަމަކު އަހަރެންގެ ސިކުނޑިން އޭނާގެ އަނިޔާވެރިކަމުގެ ހަނދާންތައް ނެރެލަން ވަރަށް އުނދަގޫވިއެވެ. އަހަންނަށް އަބަދުހެން އިނދެވެނީ އެލާޓުގައެވެ.ގިނަ ވަގުތު ހޭދަ ކުރެވެނީ ކޮޓަރީގައެވެ.އެނދުމަތީގައެވެ.އެހެނަސް ނިދެނީ އެހާ އުނދަގުލުންނެވެ.ކާ ހިތެއް ނުވެއެވެ.ކެވެނީވެސް ކިރިޔާ ހައި ހޫނު ފިލާވަރަށެވެ.އެއަށްވުރެ ގިނައިން ކާން އުޅެފިނަމަ ހުންނަނީ ހޮޑުލަވާ ގޮތްވެފައެވެ.އާއިލާގެ އެއްބާރުލުމާއި އަޅާލުން ލިބުނު ނަމަވެސް ސިކުންތަކަށް އެކަނިވެލާއިރަށްވެސް އެ ޚިޔާލުތައް އައިސް އަހަރެންގެ ސިކުނޑި ވަށާލައެވެ.ނަފްސުގެ ހަމަޖެހުން ނަގާލައެވެ.

****

އަހަރެންގެ ނަސީބު ކަމެއް ބަދުނަސީބުކަމެއް ނޭނގެއެވެ.އިހާންއާއި އެކު ދޮންތަމެންގެ ކައިވެނީގެ މަޝްވަރާތައް ކުރަން ހައިދިންވެސް އަހަރެމެން ގެއަށް އަންނަލެއް ގިނަވާން ފެށިއެވެ.އޭނާ އަހަންނާއި ވަރަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރާކަންވެސް އަހަންނަށް އެނގެއެވެ.އެހެނަސް އެއިން ކޮންމެ ފަހަރަކުވެސް ކޮންމެވެސް ބަހަނާއެއް ދައްކާފައި ރެކިގަނެގެން ގޮސް އަހަރެން އޮންނަނީ ކޮޓަރީގައެވެ.ދެން ނުކުންނަނީ އެމީހުން ދިޔަކަން ޔަގީން ކޮށްފައެވެ.

****

ކުރިން ކައިވެނި އަވަސްކުރަން ކިޔާފައި އަހަންނަށްވީ ގޮތުން ދޮންތައާއި އިހާންވެސް ނިންމީ އަހަރެން ހަމައަކަށް އެޅެންދެން ކައިވެނި ތަންކޮޅެއް ފަސްކޮށްލާށެވެ.އެއީވެސް އެމީހުން އަހަންނަށްޓަކައިވީ ގުރުބާނީއެއްކަން އަހަންނަށް އެނގުނެވެ.އަހަރެންގެ ކައިވެނި ރޫޅި އެކަމުގެ ހިތާމައިން އަހަންނަށް އަރައިނުގަނެވެނީސް ދޮންތަ ކައިވެނި ކުރާން ބޭނުން ނުވީއެވެ.އެކަމުން އަހަންނަށް އަސަރުކުރާނެކަން އެނގޭތީއެވެ.އެހެނަސް އެއީ އަހަރެން ބޭނުންވީ ގޮތެއް ނޫނެވެ.އަހަރެންގެ ކައިވެނި ރޫޅުނޭ ކިޔާފައި ދޮންތަގެ ކައިވެނި ލަސްކުރުމަކީ ރަނގަޅު ގޮތެއް ކަމަކަށް އަހަންނަކަށް ނުވިސްނުނެވެ.އެހެނަސް ގޮތް ނިންމީ ދޮންތައާއި އިހާންއެވެ.

****

މަޑުމަޑުން ދޮންތަގެ ކައިވެނީގެ ކަންތައްތައް ފައިނަލް ވަމުން ދިޔައެވެ.ވަރަށް ކުއްލި ގޮތަކަށް އަޝަރުއާއި ތުއްތަގެ ކައިވެނިވެސް ޑިސެމްބަރު މަހަށް ހަމަ ޖެހުމުން އާއިލާއަށް ލިބުނު އުފާވެރިކަން ދެގުނަ ވެގެން ދިޔައެވެ.އޭރު އެއްވެސް ކަމެއް ކުރިއަށް ނުކަނޑާފައި ހުރީ އަހަރެން އެކަންޏެވެ.ހައިދިން އެއޮށްވަރުން އަހަރެންގެ ފަހަތުން އުޅޭއިރުވެސް އަހަންނަށް ހަމަ އޭނާ ފެންނަ އިރަށް ފިލެނީއެވެ.ބިރުން ކަމެއް ލަދުން ކަމެއް ޚުދު އަހަންނަށްވެސް ނޭނގެއެވެ.އެނގޭހާވެސް އެއްޗަކީ އޭނާ ފެނުނީމާ އަހަރެންގެ ހިތް އަވަސްވާކަމެވެ.އަތް ފައި ފިނިވާކަމެވެ.އަހަރެންގެ ފިނޑިކަމުން ހައިދިންއާއި ކުރިމަތިލާކަށް ނުކެރެއެވެ.އަނެއް ކޮޅުން ކިތަންމެ މޮޅަށް ކިޔަވައި، މަތީ ފާހެއް އޮތް ނަމަވެސް ވަޒީފާއެއްގައި ވެސް އަހަރެން ލައްވައިލާ ގޮތެއް ނުވިއެވެ.އެކަމާވެސް އަހަންނަށް ވިސްނެނީ އިންތިހާއަށެވެ.އެތައް ތަނަކަށް އެޕްލައި ކޮށްގެން ވެސް ހަމަ އެއް ތަނަކުން ވެސް ވަޒީފާ ހަމަ ޖެހޭ ގޮތެއް ނުވިއެވެ.ހަމަ އަޖައިބެއް ކަހަަލަ ކަމެކެވެ. ބައެއްފަހަރު ކޮންމެވެސް މީހެއްގެ އެސްފީނާ ޖެހުނީއޭވެސް އަހަރެންގެ ހިތަށް އަރައެވެ.

****

އާދައިގެމަތިން  އިހާންއާއި އެކު ހައިދިންވެސް އަންނަކަން އެނގިގެން އަހަރެން ވަނީ ކޮޓަރިއަށެވެ.އޭނާ ހަމަ ވަަތް ގޮތަށް އަހަރެން ކޮބައިހޭ ނުވެސް ފެނެޔޭ ދޮންތަ ގާތުގައި ބުނި އަޑު އަހަންނަށް ސާފުކޮށް އިވުނީ ދޮރުގައި ކަންފަތް ޖަހައިގެން އަހަރެން ހުރީމައެވެ.ހައިދިން އަހަރެން ހޯދާތޯ އަހަރެން އެހާ ބަލާ ހިތްވީ ކީއްވެ ކަމެއް ނޭނގުނެވެ.އަހަރެން ކޮޓަރީގައޭ ދޮންތަ ބުނެލި އަޑަށް އަންހެން އަޑަކުން މިހްރާއަށް ގޮވާލަދީބަލާށޭ ބުނެލި އަޑަށް އަހަރެންގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ.އެއީ ދަންނަ އަޑެއްހެން ހީވި ނަމަވެސް ސީދާ ކާކުގެ އަޑެއް ކަމެއް އެވަގުތު އަހަންނަކަށް ފާހަގަ ކުރާކަށް ނޭނގުނެވެ.

****

ދޮންތަ އައުމުގެ ކުރިން އަހަރެން ކޮޓަރިން ނުކުމެގެން ސިޓިން ރޫމަށް އައި އިރު ސޯފާގައި ހައިދިން އާއި ޖެހިގެން އިން ކީރާ ފެނިފައި އަހަންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ވަގުތުން ކީރާއޭ ކިޔާ ގޮވައިވެސް ލެވިއްޖެއެވެ.ހައިދިންއާއި ކީރާ ނޫން އެންމެންގެ މޫނުމަތިން ފެނުނީ ޝައުގުވެރިކަމެވެ.އެއީ ކާކުކަން އެނގެން ބޭނުންވެފައި ހުރި މިންވަރެވެ.

****

’ހައިދިން އެއީ ކުރީގައި އަހަރެންގެ ކުލާސްމޭޓެއް…މިހްރާގެ އެެއްވެސް ޚަބަރެއް ނުވެގެން އަހަރެން ހާސްވެގެން އާރިންމެންގޭ ކައިރީ އެނބުރެނިކޮށް ހައިދިންއަށް އަހަރެން ފެނުނީ… މިހްރާ މަންމަމެން ގެ އަހަންނަކަށް ނޭނގޭ… ނަންބަރަކަށް ނުގުޅޭ..ފޯނެއް ނުނަގާ…ވަރަށް މަސައްކަތް ކުރިން ރީޗް ވެވޭތޯ…ކަމެއް ގޯސްވެއްޖެ ހެން ހީވެގެން…ނަސީބެއް ހަމަ ހައިދިންއާ ދިމާވިކަން…އެހެން ނޫންނަމަ އަހަރެން ހުންނަން ޖެހުނީހީ ބޮޑު ހާސް ކަމެއްގެ ތެރޭގައި… އަހަރެން އެދިގެން ހައިދިން އަހަރެން މިގެއަށް ގެނެސް އެ ދިނީ…އަލްޙަމްދުލިއްލާހި ޔުއަރ އޯކޭ…އާރިން ހައްޔަރުކުރި ވާހަކަ ހައިދިން ބުނި…ތެންކިއު ސޯ މަޗް މިހްރާ…‘ ކީރާ އެއް ނޭވާއިން ބުނެލި އެވެ.

****

’ތި ޝުކުރު ހައްގުވާ ފަރާތަކީ ހަގީގަތުގައި ހައިދިން… ހީއިޒް ދި ވަން ހޫ ސޭވްޑް މީ…‘ އަހަރެން ގޮސް ކީރާގެ ގާތުގައި އިށީނދެފައި ބުނެލީމެވެ.

’ތެންކިޔު ހައިދިން…ތި ކޮށްދިނީ އަހަންނަށްވެސް މިހްރާއަށްވެސް ވަރަށް ބޮޑު ކަމެއް…‘ ކީރާ އޭނާގެ ވާހަކަ އެންމެނާއި ހިއްސާ ކުރުމުން އެންމެންވެސް އެނާގެ ހިތްވަރު ގަދަ ކަމާއި މެދު ތައުރީފްކޮށްލިއެވެ. އަހަންނަށް ޝަކުވާކޮށްލެވުނީ ލޫކް ނުގެނައިމައެވެ.އާރިންގެ ދަރިއަކަސް އަހަރެންްގެ ހިތުގައި އެ ކުޑަ ކުއްޖާއަށް ދެވިފައިވަނީ ވަރަށް ޚާއްސަ މަގާމެކެވެ.

****

’ކީރާ އަޅެ ލޫކް ގެނަ ނަމަ…‘ އަހަރެން ބުނެލީމެވެ.

’އޭނާ އެބައިން މަންމައާއެކު ރާޒުވާ ކުޅެން..ماشا الله.އެހާ ކުޑައިރުވެސް ލޫކް ވަރަށް މޮޅު ރާޒުވާ ކުޅެން…މަންމަގެ ކަންތައް އެއީ.އެކުއްޖާއަށް ކިރިޔާ އެއްޗެއް އެނގެން ފެށިއިރަށް ރާޒުވާ ކުޅެން ދަސްކޮށްދީފިވިއްޔަ…އެހާ ޝައުގުވެރިވެގެން ކުޅެން  އިނީމައި ދެން އެވަރަކުން ގެންނަން ނޫޅުނީ. އެހެން ފަހަރަކުން ގެންނާނަން އިނގޭ…މިހާރު މިހޫގެ ގެވެސް އެނގުނީތާ ދޯ މި…‘ ކީރާގެ ހިނިތުންވުމުން އޭނާ އުފާވެފައި ހުރިވަރު ދޭހަވެއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ލޯބިވެވުނީ 15

Next

ދެވުނީ ވޭނޭ 5

Next
October 13, 2025

ދެވުނީ ވޭނޭ 5

Previews
October 13, 2025

ލޯބިވެވުނީ 15

2 Comments!

  1. svetlana says:
    October 13, 2025 at 2:24 pm

    Love all your stories 😍
    Especially this and actor.they give a nice vibe.vrh kiyaa hiyy vey.curiously waiting for the next part 🤗

    1. Lamtty Lamtty says:
      October 13, 2025 at 6:04 pm

      Thank you Svetlana ☺️
      Next part now kiyaaleveyne.
      Hope you like it 😌

Comments are closed.

Next Episodeމާސްކު (ޕާޓް 22)←


All Right Reserved!