ހިތަކުން ނުދާނޭ ފިލާ 5
ސާހިލް މިސްކިތުން އަންނަން ވާ އިރަށް ލަޔާލް ތެދުވެ ފެންވަރާ ތައްޔާރުވިއެވެ. ދެ މީހުން އެކުގައި ނިކުތީ ސާހިލް ގެއަށް އައުމުންނެވެ.
އޭގެ ފަހުން ދެ މީހުންގެ ދިރިއުޅުން އޮތީ އެހެންނެވެ. އެ ކައިވެންޏަށް ހޭނެން ވަގުތު ބޭނުން ވާނެކަން ދެ މީހުންނަށްވެސް ވިސްނެއެވެ. މާހިރާއާ އިރުފާންވެސް ސާހިލްއާ ލަޔާލްގެ އެއްވެސް ކަމަކާ ސުވާލު ނުކުރަނީ އެ ކަން ވިސްނޭތީއެވެ.
ސާހިލްއާ އަފްޒާގެވެސް އެކުވެރިއެއް ކަމަށްވާ ވާއިލްގެ ކައިވެނި ޕާޓީއަށް ސާހިލް ދިޔައީ ލަޔާލް ގޮވައިގެންނެވެ. ސާހިލްއާ ލަޔާލް އެކުގައި ފެނުމުން އަފްޒާއަށް އެ މަންޒަރު ބަލަން އުނދަގޫވިއެވެ. އެހެން ފިރިހެނާއެކު އަފްޒާ ވަގުތު ހޭދަކުރަމުން ދިޔައީ ސާހިލްގެ ސަމާލުކަން ލިބޭތޯއެވެ. ނަމަވެސް ސާހިލްއަށް އަފްޒާ ނުފެންނަ ފަދައެވެ. ދެ އެކުވެރިއަކާއެކު ސާހިލް ހުރި އިރު ލަޔާލް ހުރީ އެ ޕާޓީއިން ދިމާވި ލަޔާލްގެ އެކުވެރިއަކާ އެކުއެވެ.
ޒުމާއާ އެކު ހުރި ލަޔާލް އިރުއިރުކޮޅާ އެއްދިމާއެއް ބަލާލާ ކަން ފާހަގަވެ ޒުމާވެސް ބަލާލިއެވެ.
“އިމާން ދޯ އެއީ؟” ޒުމާ އަހާލިއެވެ.
ލަޔާލް ހަމައެކަނި ބޯ ޖަހާލީއެވެ.
“ލަޔާ މެރީ ކުރިކަން އޭނައަށް އެނގޭތަ؟” ޒުމާ އެހިއެވެ.
“ނޭނގެ، އެނގުނަސް ނޭނގުނަސް މިހާރު އެ ވަރަކަށް ބަލާކަށް ނުޖެހޭ ދޯ” ހިތްހަމަނުޖެހިފައި ހުރެ ލަޔާލް ބުންޏެވެ.
“ވެދާނެއެއްނު އޭނަ އަދިވެސް ލައިކް ވަނީ ކަމަށް؟ އޭ، އެބަ އާދޭ..” ޒުމާ ބުންޏެވެ. ލަޔާލްއަށް އިތުރަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އިމާން އައިސް އެ މީހުން ކައިރީ މަޑުކޮށްލިއެވެ.
“ލަޔާލް، އެކަނިތަ ތި އުޅެނީ؟” އިމާން އަހާލިއެވެ.
“އެކަންޏެއް ނޫނެއްނު؟ ޒުމާ މިހުރީނު؟” ލަޔާލްގެ ރާގުން އިމާންއާ ވާހަކަ ދައްކަން ބޭނުން ނުވާކަން އަންގާލިއެވެ.
“ހާދަ ރުޅި އައިއްސަ..؟ ތިހާ ރުޅި ނައިސް ހަމަ ވާހަކަ ދައްކާލެވިދާނެއެއްނު؟” ހިނިއައިސްފައި ހުރެ އިމާން ބުންޏެވެ.
ލަޔާލް އެތާ ހުންނަން ބޭނުން ނުވެ ވަށައިގެން ހޯދާލެވުނީ ސާހިލް ފެނޭތޯއެވެ. ފެންނަ ހިސާބުގައި ހުރި ނަމަވެސް، އެކުވެރިންތަކަކާ ވާހަކަ ދައްކަން ސާހިލް ހުރުމުން ލަޔާލްއަށް ސާހިލް ކައިރިއަށް ދާކަށް ނުކެރުނެވެ.
“ހިނގާބަލަ އިށީންނަން، ޒުމާއާ އެކީ އަޔަސް އޯކޭއޭ” އިމާން ބުންޏެވެ.
“މިތާ ހުއްޓަސް ވާހަކަ ދެއްކިދާނެއެއްނު؟” ލަޔާލް ބުންޏެވެ.
އިމާން ބާރަށް ހީލަމުން ލަޔާލްއާ ކައިރި ވެލިއެވެ.
“ދުރުގަ ހުރެގެން ކިޔާ އެއްޗެއް ކިޔާބަލަ” ލަޔާލް ހިތްހަމަނުޖެހުނެވެ. ލަޔާލްއާ ދިމާއަށް ސާހިލް ބަލާލާނެ ނަމައޭ ހިތަށް އަރާ އަނެއްކާވެސް ސާހިލްއާ ދިމާއަށް ބަލާލިއެވެ.
“ހުހަށްތަ އަދިވެސް ތި ހުންނަނީ؟ ނޫނީ މީހަކާ އެކީތަ އައިސް ތިއުޅެނީ؟ ބޯއިފްރެންޑްތަ؟ ނޫނީ ހަޒްބަންޑްތަ؟” އިމާން އަހާލިއެވެ.
“އެއެއް ކީއްކުރަން އިމާން ބަލަނީ؟” ލަޔާލް ދުރަށް ޖެހިލިއެވެ. ނަމަވެސް އިމާން އަނެއްކާވެސް ކައިރި ވެލަމުން ލަޔާލްގެ ޝޯލްއިން ފަހަތަށް އެލިފައި އޮތް ބައިގައި ހިފާ ދަމާލިއެވެ.
ލަޔާލް ދުރަށް ޖެހިލަމުން އިމާންގެ އަތުން ޝޯލް ދަމައިގަތެވެ. އަދި ސާހިލްއާ ދިމާއަށް ބަލަން ހުރެ ފޯން ނަގާ ސާހިލްއަށް ގުޅާލިއެވެ.
ސާހިލްގެ ސާމަލުކަން ހޯދުމަށް މުޅި ރޭ ކުރި މަސައްކަތް ކާމިޔާބު ނުވުމުން އެންމެ ފަހުން އެކަންތައް ހުއްޓާލާފައި އަފްޒާ ސާހިލް ކައިރިއަށް ދިޔައެވެ. ސާހިލްގާތު ހުރެ ކޮންމެވެސް ވާހަކައެއް ދައްކާފައި ސާހިލްގެ އަތުގައި އަތް ޖައްސާލަމުން އިރުކޮޅަކަށް އަފްޒާއާއެކު ހޯލުން ބޭރަށް ނިކުމެލުމަށް އަފްޒާ އެދުނެވެ.
އަފްޒާއާއެކު ބޭރަށް ނިކުންނަން ހިނގައިގަތް ސާހިލް ޖީބުން ފޯން ނަގާ ބަލާލުމާއެކު ލަޔާލްގެ ކޯލެއް ކަން އެނގުމުން ފޯނަށް ޖަވާބު ދިނުމުގެ ބަދަލުގައި އެނބުރިފައި ލަޔާލްމެން ތިބި ދިމާއަށް ބަލާލިއެވެ.
ލަޔާލް ކައިރީގައި ސާހިލް ނުދަންނަ ފިރިހެނަކު ހުރި އިރު، އޭނަގެ ގާތް ކަމުން އުނދަގޫވެފައި ހުރިހެން ލަޔާލް އެއްޗެއް ބުނަމުން ފަހަތަށް ޖެހިލި ތަން ފެނުމާއެކު އަފްޒާއާ އެކު ދިޔުމުގެ ބަދަލުގައި ސާހިލްގެ މިސްރާބު ބަދަލުވީ ލަޔާލްއާ ދިމާއަށެވެ. އެ ވަގުތު އަފްޒާ ގޮވާލުމުންވެސް ޖަވާބެއް ނުދީ ސާހިލް ކުރިއަށް ދިޔައެވެ.
“ލަޔާ..” ލަޔާލްގެ ކުރިމަތީ ހުއްޓި އަތުގައި ހިފާ މަޑުމަޑުން ދަމާލަމުން ގެނެސް ގައިގައި ޖައްސާލާ ލަޔާލްގެ މޫނަށް ބަލާލަމުން ސާހިލް ގޮވާލިއެވެ.
އިމާން ދެތިން ފިޔަވަޅު ދުރަށް ޖެހިލިއެވެ.
“ހޭ އިމާން، މީ ލަޔާލްގެ ހަޒްބަންޑް، ސާހިލް” އެ ވަގުތު ހިނިތުންވުމަކާ އެކު ޒުމާ ބުނެލިއެވެ.
“ލަޔާގެ ފްރެންޑެއްތަ؟” ސާހިލް އަހާލިއެވެ.
“މިހާރުގެ ފްރެންޑެއް ނޫން، ދުވަސްކޮޅެއް ފަހުން ދިމާވީމާ ވާހަކަ ދައްކާލަން އައީ، ދޯ އިމާން؟” ލަޔާލްގެ ބަދަލުގައި ޖަވާބު ދިނީ ޒުމާއެވެ.
“އަދި ދިމާ ވާންވާނެ އިނގޭ ލަޔާލް، ޒުމާވެސް..” ބޯ ޖަހާލަމުން އިމާން ބުނެފައި އިތުރަށް ލަޔާލްމެން ކައިރީ ނުހުރެ ދިޔައީއެވެ.
“ދާންވީތަ؟” ލަޔާލްގެ މޫނަށް ބަލާލަމުން ސާހިލް ކޮށްލި ސުވާލުގެ ޖަވާބެއްގެ ގޮތުން ލަޔާލް ބޯޖަހާލިއެވެ. އެ ވަގުތު އެ މީހުން ކައިރިއަށް އަފްޒާ އައެވެ.
“ސާހިލް..” އަފްޒާ ގޮވާލިއެވެ.
“އަފްޒާ، ދަނީ އިނގޭ” އެހެން ބުނެފައި ލަޔާލް ގޮވައިގެން ސާހިލް ނިކުތީއެވެ.
އެރޭ ގެއަށް ދިޔަ އިރު މާހިރާ އުޅެނީ ކޮންމެވެސް ނުގުޅޭ އެއްޗެއް ކެވިގެން އެލަރޖިކް ވެގެންނެވެ. އިރުފާން ރަށުގައި ނެތް ދުވަހެއް ކަމުން ސާހިލްއާ ލަޔާލް މާހިރާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. އެރޭ ގެއަށް އާދެވުނީ ދޭއް ޖަހަނިކޮށެވެ. ހޮސްޕިޓަލުގައި ތިބި އިރު އަފްޒާ ގުޅުމުން ސާހިލް އެ ކޯލަށް ޖަވާބެއް ނުދެއެވެ. ގެއަށް އައިސް ހަމަޖެހިލާފައި ބެލްކަނި ދޮރު ކައިރީ ހުރެފައި ސާހިލް އަފްޒާއަށް ގުޅާލިއެވެ.
“މީހަކާ އިނދެވުނީމަ ސާހިލް އަހަރެން މަތިން ހަނދާން ނެތުނީތަ؟ މިހާރު އަހަރެން މީ ފްރެންޑެއްވެސް ނޫން، ސާހިލްގެ ހުރިހާވެސް މީހަކީ ލަޔާލް” އަފްޒާ ޝަކުވާ ކޮށްލިއެވެ.
“އެހެންނެއް ނޫން.. ކަމަކުތަ ގުޅީ؟” ސާހިލް އަފްޒާއަށް ގުޅާލީ އެރޭ ވާހަކަ ދައްކާލަން ބޭނުން ވެގެން އަފްޒާ އެދުމުން އެ ފުރުޞަތު ނުދީ ގެއަށް އައި ފަހުންވެސް އަފްޒާ ގުޅާފައި އޮތުމުންނެވެ.
ލަޔާލް ފެންވަރައިގެން ނިކުތީ އެ ވަގުތުއެވެ. ފޯނުން ވާހަކަ ދައްކަން ހުރި ސާހިލްއަށް ލަޔާލް ފެނުމުން ބަލަހައްޓައިގެން ހުރެވުނެވެ.
އަތްދިގު ޓީޝާޓެއް ލައިގެން ފާހާނާއިން ނިކުމެ އަތުގައި ހުރި ހެދުންތައް ދޮރު ކައިރީ ހުރި ދާވަށިގަނޑަށް އަޅާލާފައި އިސްތަށިގަނޑުގައި އޮޅާލާފައި އޮތް ތުވާލި ނިއުޅާލާ އިސްތަށިގަނޑު ހިއްކަމުން އައި ލަޔާލް އެނދާ ހަމައަށް އައިސްފައި އިސް އުފުލާލުމާއެކު ސިހިފައި އަވަސް އަވަހަށް އުނަގަނޑާ ހިސާބުން ތުވާލި އޮޅާލިއެވެ.
ލަޔާލް ފާހާނާގައި ވާނަމަ ސާހިލް ހުންނާނީ ބެލްކަނީގައެވެ. ނޫން ނަމަ ކޮޓަރިން ނިކުންނާނެއެވެ. ދެން ސާހިލް ކޮޓަރިއަށް ވަންނާނީ ލަޔާލް ގޮވާލުމުންނެވެ. އެރޭ ލަޔާލް ފާހާނާއިން ނިކުތް އިރު ސާހިލް ކޮޓަރީގައި ހުރުމުން ސިހުނީ އެހެންވެއެވެ. އެހާ ދުވަސް ވީއިރު، އެއްކޮޓަރީގައި އުޅުނު ނަމަވެސް ސާހިލް އަބަދުވެސް ލަޔާލްއަށް ވަގުތު ދެއެވެ.
“ސޮރީ..!” އެހެން ބުނެފައި ސާހިލް ބެލްކަންޏަށް ނިކުމެ ހުރީ ލަޔާލް ގޮވަންދެނެވެ.
އަފްޒާއާ ގުޅައިގެން ހުރެވުނު ކަން ހަނދާންވެ ސާހިލް ކަންފަތުގައި ފޯން ޖައްސާލިއެވެ.
“އަފްޒާ، އެހެން ފަހަރަކުން ގުޅާލާނަން އިނގޭ” އެހެން ބުނެފައި އަފްޒާ ޖަވާބެއް ދޭތޯ މަޑު ނުކޮށް ސާހިލް ފޯން ކަނޑާލިއެވެ.
ލަޔާލް އަވަސް ކޮށްލާފައި ތައްޔާރުވެގެން ބެލްކަނި ކައިރިއަށް އައިސް ސާހިލްއަށް ގޮވާލަން އުޅެފައިވެސް ފަސްޖެހުނެވެ. ކައިވެންޏަށް ހަމަސް ވާން ކައިރިވެފައި ވީ ނަމަވެސް އެ ގޮތަށް ސާހިލްއަށް ފެނުނީތީ ލަޔާލް ހުރީ ލަދުންނެވެ. ބެލްކަންޏަށް ނިކުންނަން ހުރި ބިއްލޫރި ދޮރުފަތުގެ އެތެރެއިން ދަމާފައިވާ ދޮރުފޮތިތައް ކުޑަކުޑަކޮށް ދުރުކޮށްލާފައި ލަޔާލް ބަލާލިއެވެ. ސާހިލް ހުރީ ރެއިލިންގްގައި އަތް އަޅުވާލައިގެން ބޭރަށް ބަލާށެވެ.
ލަޔާލް އެނދަށް އަރާ އޮށޯވެ ގައިމަތީ ކުއިލްޓް އަޅާލާފައި ދެން ވަނަސް އެންމެ ރަނގަޅު ކަމަށް ބުނެފައި ސާހިލްއަށް މެސެޖް ކޮށްލިއެވެ. އިރުކޮޅެއް ނުވެ ސާހިލް ވަދެ ބެލްކަނީ ދޮރު ލައްޕާލި އަޑު އިވުނެވެ. ދެން ބާރު ހިނގުމެއްގައި ގޮސް ފާހާނާއަށް ވަން އިރު އެނދާ ދިމާއަށް ބަލާވެސް ނުލައެވެ.
ސާހިލްއާ ވަކިވި ނަމަވެސް އަފްޒާއަށް އެކަން ބަލައިގަތުން ދަތި ކަމަކަށް ވިއެވެ. އެކި އެކި ގޮތް ގޮތުން ސާހިލްއާ ގާތް ވާން އަފްޒާ މަސައްކަތް ކުރަމުން ދިޔައެވެ. އަފްޒާއާ ދިމާވި ފަހުން އަފްޒާއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ސާހިލް އައީ އެހީ ވަމުންނެވެ. އަބަދުވެސް ކަމެއް ދިމާ ވުމުން އަޒްފާ ފުރަތަމަ ގުޅާނީ ސާހިލްއަށެވެ. ކައިވެންޏަށް ފަހު ސާހިލް ދުރުވި ނަމަވެސް ކަމެއް ޖެހިގެން އަފްޒާ ގުޅައިފި ނަމަ ސާހިލް އެހީވެއެވެ. އެ ގޮތުން ބައެއް ފަހަރު ތަންތަނަށް ދިޔުމަށާ، ބަލާ އައުމަށް އަފްޒާ ގުޅުމުން ހުސް ވަގުތެއް ނަމަ ސާހިލް ދެކޮޅެއް ނުހަދައެވެ.
އަފްޒާގެ މަންމަ ނިޔާވެގެން ސާހިލްއަށް ގުޅުމުން ވަގުތުން ސާހިލް ދިޔައެވެ. އެރޭ އެގާރަ ޖަހަން އުޅެނިކޮށް އަފްޒާ ގުޅުމުން ލަޔާލްއާ މާހިރާ ގާތު، އެކުވެރިއެއްގެ މަންމަ ނިޔާވެގެން އެހީވުމަށް ދާ ވާހަކަ ބުނުމުން އެކަކުވެސް އިތުރު ސުވާލެއް ނުކުރެއެވެ.
އެރޭ ދިޔަ ގޮތަށް ފަތިހު އަފްޒާގެ މަންމަގެ ޖަނާޒާއަށް ފަހުވެސް ސާހިލް އަފްޒާ ގާތު މަޑު ކުރިއެވެ. ދެ މީހުންގެ އެކުވެރިން އެ ހުރިހާ ކަމެއްގައި ބައިވެރިވެ އެހީވާން އުޅުނެވެ. އަފްޒާމެން ގެއަށް އައިސް ތިބެފައި ފަހަރަކު މީހަކު ދަމުން ގޮސް އެންމެ ފަހުން ހުރީ ސާހިލްއެވެ.
“ދެން އަހަރެންވެސް ދަނީ، ވަރަށް ލަސް ވެއްޖެއެއްނު؟” ދިހައެއް ޖެހުމުން ސާހިލް ބުންޏެވެ.
އަފްޒާ ބޯ ޖަހާލިއެވެ. ސާހިލް އައިސް އަފްޒާގެ އަތްތިލައިގައި ހިފާލިއެވެ.
“ދެން ނިދާލެވޭތޯ ބަލާ.. އެކަމަކު ނުކައި ނުހުންނައްޗޭ..” ސާހިލް ބުންޏެވެ.
އަފްޒާ އަނެއްކާވެސް ބޯ ޖަހާލިއެވެ. އަފްޒާ އެކަނިވާނެ ވަރު ހިތަށް އަރާފައި ސާހިލް ދެރަވިއެވެ. ރެއިން ފެށިގެން ސާހިލް ހުރީ އަފްޒާ ކައިރީގައެވެ. ނަމަވެސް އަބަދަކު އެހެން ނުހުރެވޭނެއެވެ. އަފްޒާގެ ބޮލުގައި ފިރުމާލާފައި ދާން އެނބުރު ސާހިލް ހުއްޓުނީ ސާހިލްގެ އަތުގައި އަފްޒާ ހިފެހެއްޓުމުންނެވެ. ސާހިލް އެނބުރި ބަލާލުމާއެކު އަފްޒާ ސާހިލްގެ ގައިގައި ބައްދާލިއެވެ.
“ޕްލީޒް ސާހިލް.. އަހަރެން ދޫކޮށްނުލާ.. އަދި ނުދޭ..” ރޮމުން އަފްޒާ ބުންޏެވެ.
ރޮމުން ދިޔަ އަފްޒާ ދުރުކޮށްލާކަށް ސާހިލްއަކަށް ނުކެރުނެވެ. އަފްޒާގެ ބުރަކަށީގައި ފިރުމާލާފައި ހުއްޓާލުމަށް ބުނަމުން ސާހިލް އަފްޒާ ގޮވައިގެން ގޮސް އެނދުގައި އިށީނެވެ.
އަފްޒާ ހަމަޖެހިލުމަށް ވަގުތުކޮޅެއް ދިޔައެވެ. ރުއިން ހުއްޓާލެވުމުން އަފްޒާ ސާހިލްގެ މޫނަށް ބަލާލިއެވެ. އިރުކޮޅަކު އެހެން އިނދެފައި ކައިރިވެލަމުން އެ ފަދަ ކަމަކަށް ނުވިސްނާ އިން ސާހިލްގެ ތުންފަތުގައި އަފްޒާ ބޮސްދިނެވެ.
“އަފްޒާ—” ދުރަށް ޖެހިލަމުން ސާހިލް ދެކޮޅު ހެދިއެވެ. ނަމަވެސް އަފްޒާ އެ ފުރުޞަތެއް ނުދިނެވެ. ދެ ވަނަ ފަހަރަށްވެސް އަފްޒާ ކައިރިވިއެވެ. އިރުކޮޅަކަށް ދެކޮޅު ހަދަން މަސައްކަތް ކުރި ނަމަވެސް ސާހިލްއަށް އަފްޒާގެ އިސް ނެގުމަށް އިޖާބަ ދެވުނީއެވެ. އިރުކޮޅަކަށް ނަމަވެސް އެހެން ކަންތައް މަތިން ސާހިލް ހަނދާން ނެތުނެވެ. އަފްޒާ ދެމުން ދިޔަ ކޮންމެ ދައުވަތެއް ގަބޫލު ކުރިއެވެ.
ކުރެވެމުން ދިޔަ އިހުސާސްތަކުގެ ތެރޭގައި ގެއްލެމުން ދިޔަ ސާހިލްގެ ހިތަށް ލަޔާލްގެ ސޫރަ ސިފަވީ ކުއްލިއަކަށެވެ. އެއާއެކު ސާހިލްއަށް ހަމަވިސްނުން ލިބުނު ފަދައިން ކުއްލިއަކަށް އަފްޒާއާ ދުރަށް ދިޔައެވެ. ގަމީހުގެ ގޮށްތައް އަޅުވަމުން ސާހިލް ތެދުވިއެވެ. އަމިއްލަ ނަފްސަށް އެއްޗެހި ކިޔަމުން ސާހިލްއަށް މޫނުގައި ދެ އަތް ޖައްސާ ބާރުކޮށްލެވުނެވެ. އަނތްބަކު ހުރި އިރު އަނބިމީހާއަށް ނުދެވުނު ހައްގެއް އެހެން މީހަކަށް ދީގެން ނުވާނެކަން ހިތާ ސިކުނޑިން ގޮވަމުން ދިޔައެވެ.
ސާހިލް އެ ކޮޓަރިން ނިކުމެގެން ދިޔައީ އެއްވެސް އެއްޗެއް ނުބުނެއެވެ.
ސާހިލް ގެއަށް ދިޔަ އިރު ސިޓިންގރޫމްގައި ޓީވީ ބަލަން ލަޔާލް އިނެވެ.
“ސާހިލް..” ސާހިލް ފެނުމުން ލަޔާލް ގޮވާލިއެވެ.
ލަޔާލްއާ ދިމާއަށް ބަލާލަން ނުކެރިފައި ހުރި ސާހިލް ހަމައެކަނި ބޯ ޖަހާލީއެވެ.
“ސައި ހަދަންތަ؟” ސާހިލްއަށް ގޮތެއް ވެފައި ހުރި ކަން ނޭނގި ހުރެ ލަޔާލް އެހިއެވެ.
“ފެން ވަރައިގެން..” ސާހިލް ކޮޓަރިއާ ދިމާއަށް ދަމުން ބުންޏެވެ.
ލަޔާލް އެއްޗެއް ނުބުނެ ބަދިގެއަށް ވަދެ ސާހިލްއަށް ސައި ތައްޔާރު ކުރަން ފެށިއެވެ. ވިއްސަކަށް މިނަޓް ވީ އިރުވެސް ސާހިލް ނުނިކުންނާތީ ލަޔާލް ކޮޓަރިއަށް ވަނީ ސާހިލް ކޮބާތޯ ބަލާލާށެވެ. އޭރު ސާހިލް ފެންވަރައިގެން ނިކުމެ އެނދުގައި އޮތެވެ.
“ސާހިލް.. މާ ބޮޑަށް ވަރުބަލި ވީތަ؟ ފުރަތަމަ ނިދާލަން ދޯ ބޭނުމީ؟” ރޭ އެއްކޮށް ސާހިލް އުޅުނީ ނުނިދާ ކަން އެނގޭތީ ލަޔާލް އެހިއެވެ.
ސާހިލް ތެދުވެފައި ލަޔާލްއާ ދިމާއަށް ބަލާލިއެވެ.
“ނިދާލާފަ ތެދުވެތަ ސައި ބޯނީ؟” އެނދުގެ މަގަތުން އިށީންނަމުން ލަޔާލް އެހިއެވެ.
“ލަޔާ..” ސާހިލް ގޮވާލިއެވެ.
ސާހިލް ބުނާ އެއްޗެއް އަޑުއަހަން ލަޔާލް އިނެވެ.
“ސާހިލް، ކަމެއް ވީތަ؟” ސާހިލް އެއްޗެއް ނުބުނެ އިނުމުން ލަޔާލް ކަންބޮޑުވިއެވެ.
ސާހިލް ކައިރިއަށް ޖެހިލަމުން ލަޔާލްގެ އަތްތިލައިގައި ހިފާލިއެވެ. އަދި އިސްޖަހައިގެން އިނދެ އެ ދުވަހު ވީ ކަންތައް ކިޔާދިނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.








Hi marsha, mi part ves varah reethi maa sha allah.. varah shauguveri next part kiyaa hithun mihaar mihuree.. waiting ga Hama
Ye
thank you butterfly, InShaAllah 7 on wedenesday