Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުދާނޭ ފިލާ 4

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
October 4, 2025 6 Mins Read
0 Comments

“އަހަރެން ވާހަކައެއް ބުނަން ބޭނުން. މެރީ ކުރަން އުޅޭ އިރު އެއްވެސް ކަމެއް ސިއްރު ކޮށްފަ ބާއްވާކަށް ބޭނުމެއް ނޫން” ސާހިލް ބުންޏެވެ.

ލަޔާލް އެއްޗެއް ނުބުނެ އަޑު އަހަން ހުއްޓެވެ.

“އަހަރެންގެ ލައިފްގަ އެހެން ކުއްޖަކު އެބަހުރި.. މެރީ ކުރާ ވާހަކަ އަދި ނުދެއްކިޔަސް އެ ވިސްނުން ހުރީ. އެހެން ވިޔަސް މަންމަ އެދޭ ގޮތަކާ ދެކޮޅެއް ނުހަދާނަން. ލަޔާލްއާ މެރީ ކުރިޔަސް އަހަރެން ދުވަސްކޮޅެއް ބޭނުން. އެ ގޮތް ލަޔާލްއަށް އޯކޭތަ؟” ސާހިލް ވާހަކަ ދެއްކީ ލަޔާލް ގޮވައިގެން ބެލްކަންޏަށް ނިކުމެފައެވެ.

“އޯކޭ” ލަޔާލް ޖަވާބުގައި ބުންޏެވެ.

“ހާދަ ފަސޭހައިން ތި އެއްބަސް ވީ؟ ސުވާލެއްވެސް ނުކުރާނަންތަ؟” ސާހިލް އަހާލިއެވެ.

“ތެދަށް ތި ބުނީނު؟ ދެން ކޮން ކަމަކާ ސުވާލު ކުރަންވީ؟” ލަޔާލް އަހާލިއެވެ. އެ ކައިވެންޏަކީ ލަޔާލް ރުހިގެން ކުރާ ކައިވެންޏެއް ނަމަވެސް ސާހިލްގެ ފަރާތުން މާ ބޮޑު އުންމީދެއް ލަޔާލް ނުކުރެއެވެ. އެހެން ނަމަވެސް ތެދަށް ބުނީތީ ސާހިލްއާ މެދު ލަޔާލްގެ ހިތުގައި އިޙްތިރާމް އުފެދުނެވެ.

“ކީއްވެ އަސްލު އެއްބަސްވީ؟ ބައްޕަ ބުނީތަ؟” ސާހިލް އަހާލިއެވެ. ނާފިޒްއާ ލަޔާލްގެ ގުޅުން އޮތް ގޮތް އެއީ އާއިލާގެ އެންމެންމަށްވެސް އެނގޭ ކަމެކެވެ.

“ބައްޕަ ބުނި ނަމަ އާންސަރ ތަފާތު ވީސް. އާނއެކޭ ބުނީ ބޮޑުއްތަ ބުނީމަ” ހިނިތުންވުމަކާއެކު ލަޔާލް ބުނެލިއެވެ.

“ސޯ ދެ މީހުންވެސް މަންމަ ބުނީތީ މިކަން ކުރަން މިއުޅެނީ. ހިއެއް ނުކުރަން އެރޭންޖް ކޮށްގެން ކަމަކަށް މެރީ ކުރާނީ. އެކަމަކު މެރީ ކޮށްފިއްޔާ އައި ވިލް ޓްރައި” ސާހިލް ބުންޏެވެ.

“އަސްލު ބޮޑުއްތައާ ބޭބެ ވަރަށް ލަކީ. މެރީ ކުރި ފަހުން ދޭ ފެލް އިން ލަވް. ސާހިލްވެސް ވަރަށް ލަކީ. އަސްލު މަންމަހާ ރަނގަޅު ސްޓެޕްމަމްއެއް ލިބޭނީ ވަރަށް ލަކީ ވީމަ” ލަޔާލް ބުނެލިއެވެ.

“އެއްވެސް މީހަކަށް ފަހުން ވާނެ ގޮތެއް ނޭނގޭނެ. ވެދާނެއެއްނު މީ ލަޔާލްގެ ލަކީ ޗާންސް ކަމަށްވެސް؟ މަންމައާ ބައްޕަ ހެން އަހަރުމެންގެ ސްޓޯރީއަކީވެސް އާފްޓަރ މެރިޖް ލަވްސްޓޯރީއަކަށް ވެދާނެއެއްނު؟” ލަޔާލްގެ ލޮލުން ފެނުނު ހިތާމައިގެ އަސަރު ފިލުވާލުމަށް އެ ހިތުގައި ވި ޚިޔާލުތައް އެހެން ގޮތަކަށް ބަދަލު ކޮށްލެވެތޯ ސާހިލް ބެލިއެވެ.

“އެހެން ވެދާނެތަ؟” ސާހިލްއާ ދިމާއަށް ބަލާލަމުން ލަޔާލް އަހާލިއެވެ.

“އަބަދަކު އެއްވެސް މީހެއްގެ ދިރިއުޅުމުގަ ދެރަ ކަންތައްތަކެއް ނުވާނެ. އަމިއްލައަށްވެސް ޓްރައި ކުރީމަ ބޭނުން ކަންތައް ހާސިލް ވާނީ” ސާހިލް ބުންޏެވެ.

“އަހަރެން ބޭނުން އެއްވެސް ކަމެއް ނުވާނެ. މި ކައިވެންޏަކީ އަހަރެން ބޭނުން ވެގެން ކުރަން އުޅުނު ކަމެއް ނަމަ މި ކަމެއްވެސް ނުވާނެ. ބައްޕައަކަށް އަހަރެން މުހިންމެއް ނޫން. ސާހިލްއާ މެރީ ކުރަން ބުނީ ބޮޑުއްތަ ނޫން އެހެން މީހެއް ނަމަ އަހަރެން އެއްބަހެއް ނުވާނަން” ކުރިމަތިން ފެންނަމުން ދާ އިމާރާތްތަކަށް ބަލަން ހުރެ ލަޔާލް ބުންޏެވެ.

“ތިހާ ނެގެޓިވްކޮށް ވިސްނާކަށް ނުވާނެ. އަހަރުމެން ދެ މީހުން އެކީގަ ޓްރައި ކުރާނީ. އައި ވިލް ގިވް މައި ބެސްޓް. އެކަމަކު އެޖަސްޓް ވާން ދުވަސްކޮޅެއް ދޭންވާނެ” ސާހިލް އެހެން ބުނަމުން ލަޔާލްގެ އަތްތިލައިގައި ހިފާލިއެވެ.

ދެ މީހުންގެ ގުޅުވާލެވިފައިވީ ދެ އަތްތިލައަށް ބަލަން އިރުކޮޅަކު ހުރެފައި ލަޔާލް ސާހިލްއަށް ބަލާލިއެވެ.

“ސާހިލް ބޭނުމިއްޔާ މި ނިންމުން ބަދަލު ކުރަން އަދި ވަގުތު އެބައޮތް. އަހަންނަކީ މި ފެމިލީގަ ހުރި އެންމެ އަންކޮލިފައިޑް މީހާ. ފެމިލީ ގުޅުވާލަން ބޮޑުއްތަ ބޭނުމިއްޔާ އަހަންނަށް ވުރެ ރަނގަޅު، ކިޔަވައިގެން ތިބި އަންހެން ކުދިން އެބަތިބި. ސާހިލް ނޫނެކޭ ބުންޏަސް އަހަރެން ސާހިލްއާ މެދު ހިތްބުރައެއް ނުކުރާނަން” ނިންމުނު ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމުގައި ހިތް ބުނަން ފެށުމުން އެ ނިންމުން ބަދަލު ކުރުމަށް ސާހިލްއަށް ލަޔާލް ފުރުޞަތު ދިނެވެ.

އެ ވަގުތަކީ ސާހިލްގެ ހިތުގައި ލަޔާލްއާ މެދު ޝައުގުވެރިކަން އުފެދެން ފެށި ވަގުތެވެ.

“އައި ލައިކް ޔޯރ ސްޓްރެއިޓްފޯރވާޑްނެސް އެންޑް އޮނެސްޓީ. އެއީ ދިރިއުޅުމެއް ފެށުމަށް ލޯބި ނަގާފަ ވަރަށް މުހިންމު ދެ ކަންތައް. ގިނަ ފަހަރަށް ލޯތްބަށް ވުރެވެސް މުހިންމު ވާނީ އޮނެސްޓީ އެންޑް ޓްރަސްޓް. ސޯ މި ފެށުން ގޯސް ވާނެއެކޭ ހިތެއް ނުބުނޭ. އައިމް އިން” ލަޔާލްގެ އަތްތިލައަށް ބާރު ކޮށްލަމުން ސާހިލް ބުންޏެވެ.

“އަހަންނަށް ޓްރަސްޓް ކުރެވޭތަ؟” ލަޔާލް އަހާލިއެވެ.

“އަހަރުމެންނަށް އެކަކު އަނެކަކު އެނގޭތާ ފަނަރަ އަހަރަށް ވުރެ ގިނަ ވެއްޖެ، މިހާ ދުވަސް ވީ އިރު ލަޔާލްއަށް ޓްރަސްޓް ނުކުރެވެން ޖެހޭ ވަރުގެ ކަމެއް އަދި ނުފެނޭ” ސާހިލް ޖަވާބުދިނެވެ.

އެ ނޫނީ ތަޢުރީފަކަށް ފުދޭ ބަހެއް މާހިރާ ނޫން މީހެއްގެ ފަރާތުން އަޑު އިވުނު ދުވަހެއް ލަޔާލް ހަނދާންވެސް ނެތެވެ. އިޚްތިޔާރަކާ ނުލާ ކުރިއަށް ޖެހިލަމުން ލަޔާލްއަށް ސާހިލް ގައިގައި ބައްދާލެވުނީ ކުރެވުނު އުފާވެރި އިހުސާސުންނެވެ.

ލުއި ހުނުމަކާއެކު ސާހިލްގެ ދެއަތްވެސް ލަޔާލްގެ ހަށިގަނޑުގައި ވަށާލެވުނެވެ. އެއާއެކު ކުރެވުނު ކަންތައް ކުއްލިއަކަށް އިހުސާސްވި ލަޔާލްގެ މޫނު ރަތްވެގެން ދިޔައެވެ.

“ސޮރީ..!” މަޑުމަޑުން އެހެން ބުނެފައި ލަޔާލް ދުރަށް ޖެހިލިއެވެ.

“އިޓްސް އޯކޭ ލަޔާލް!” ސާހިލް ބުންޏެވެ.

ލަޔާލްއަށް ސާހިލްއާ ދިމާއަށް ބަލަން ނުކެރިގެން އެނބުރުނެވެ.

 

މަހެއް ފަހުން ކައިވެނި ކުރެވެން ދެން ސާހިލްއާ ލަޔާލް ކޮންމެ ދުވަހަކު ހެން އެކަނު އަނެކަކާ ދިމާވެއެވެ. އެ ދެމެދުގައި ކުރިން މާ ގާތް ގުޅުމެއް ނެތް ނަމަވެސް ކައިވެންޏަށް ތައްޔާރުވަމުން ދިޔަ ދުވަސްތަކުގައި ދެމީހުން ގާތް އެކުވެރިންނަށް ވިއެވެ. ސާހިލްގެ ހަޔާތަށް އަފްޒާ އައި ގޮތް ލަޔާލްއަށް ކިޔާދިނެވެ. އަދި އަހަރެއްހާ ދުވަސް ކުރިން ލަޔާލްއާ އިމާންގެ މެދުގައި ދެ މަހެއްހާ ދުވަސް ވަންދެން އޮތް ގުޅުމުގެ ވާހަކަ ލަޔާލް ސާހިލްއަށް ކިޔާދިނެވެ.

މާހިރާއާ އިރުފާން އަދި ނާފިޒްއާ މުހައިމިން ބޭނުންވި ފަދަ ކުލަގަދަ ހަފްލާއަކާ އެކު ލަޔާލްއާ ސާހިލްގެ ކައިވެނި ކުރެވުނެވެ. ފަރުކޮޅުފުށީގައި ބޭއްވުނު ޕާޓީއަށް އާއިލާއާ އެކުވެރިންނަށާ އޯޝަންލައިންގެ ކްލަޔަންޓުންނާ މުވައްޒަފުންގެ އިތުރުން މުހައިމިންއާ ނާފިޒްއާ ނަސްމާ، އަދި މާހިރާއާ އިރުފާންގެ އިތުރުން އާސިމާއާ ޒިޔާދުގެ އެކުވެރިންނާ ދަންނަ މީހުންނަށްވެސް ދަޢުވަތު ދެވުނެވެ.

ޕާޓީ ނިންމާފައި ލަޔާލްމެންނަށް މާލެއަށް އާދެވުނީ އެރޭ އެކެއް ޖެހި ފަހުންނެވެ. ކައިވެންޏަށް ފަހު ލަޔާލް ބަދަލުވީ ސާހިލްއާ އެކު މާހިރާމެން ގެއަށެވެ. ދިހަ ބުރިއަށް ނަގާފައި ހުރި އިރުފާންގެ ގޭގައި އިރުފާންއާ މާހިރާއާ ސާހިލް ދިރިއުޅެނީ ނުވަވަނަ ފްލޯރގައެވެ. ސާހިލްއާ ލަޔާލް ބޭނުން ނަމަ އެ ދެމަފިރިން ވަކިން އުޅެން އެޕާޓްމެންޓެއް ދޭން އިރުފާން ހުރީ ތައްޔާރަށެވެ. ނަމަވެސް ލަޔާލްއާ ސާހިލް އެދުނީ މާހިރާއާ އިރުފާންއާ އެކުގައި އުޅުމަށެވެ.

ދެ މީހުން އެކުގައި ކޮޓަރިއަށް ވަން ގޮތަށް ހޫނުވެފައި ހުރުމުން ލަޔާލް ބޭނުންވީ ފެންވަރާލާށެވެ. ލަޔާލްއަށް ވަގުތު ދިނުމުގެ ގޮތުން، ލައިގެން ހުރި ކޯޓް ބާލާފައި ސާހިލް ބެލްކަންޏަށް ނިކުތެވެ. ފެން ވަރައިގެން ނިކުމެ އަވަސް ކޮށްލާފައި ލަޔާލް ބެލްކަނީގައި ހުރި ސާހިލްއަށް ގޮވާލިއެވެ. ސާހިލް ވަދެފައި ފާހާނާއިން ނިކުތް އިރު އެނދުގައި އިށީނދެގެން ލަޔާލް އިނެވެ.

“ލަޔާ އެނދުގަ އޮވޭ، އަހަންނަށް ސޯފާ އޯކޭ” އެނދާ ކައިރިވެލާފައި ސާހިލް ބުންޏެވެ.

ދެ މީހުން ނިދާނެ ގޮތަކާ މެދު ކަންބޮޑުވެފައި އިން ލަޔާލްއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ސާހިލްއަށް ބަލާލަމުން ބޯ ޖަހާލާފައި ލަޔާލް އެނދުގެ މައްޗަށް ޖެހިލިއެވެ. ނަމަވެސް ދެންވެސް ފަސް ޖެހުނީ ބުރުގާ އަޅައިގެން އިނުމުންނެވެ. ބުރުގާއާ އެކު ނިދަން ފަސޭހަ ނުވާނެ ކަން އެނގޭތީއެވެ.

ސާހިލް އެނދުން ބާލީހެއް ނަގައިގެން ދާން އުޅެފައިވެސް ލަޔާލް އިން ގޮތުން ކަމަކާ ކަންބޮޑުވެފައި އިން ހެން ހީވެ މަޑުކޮށްލިއެވެ.

“ކިހިނެއްވީ؟ ކޮން ކަމަކާ މިހާރު ތި ވިސްނަނީ؟” ސާހިލް އެހިއެވެ.

“ކަމެއް ނުވޭ.. ނުވިސްނަން..” އަވަސް އަވަހަށް އެހެން ބުނެފައި ލަޔާލް ފަހަތަށް ޖެހިލާ އެނދުގެ ވައަތް ފަރާތުން ހެޑްބޯޑްގައި ލެނގިލިއެވެ.

ލަޔާލް ނުބުނި ނަމަވެސް ސާހިލްއަށް ވިސްނުނެވެ.

“ބުރުގާ އަޅައިގެން ނިދަން ފަސޭހައެއް ނުވާނެ.. އަހަރުމެން މީ ހަޒްބަންޑް ވައިފްއެއްނު.. އިޓްސް އޯކޭ..” ސާހިލް ބުންޏެވެ.

ސާހިލްއާ ދިމާއަށް ބަލަން އިން ލަޔާލް ބޯ ޖަހާލާފައި ނިތްކުރިމަތިން ބުރުގާގައި ހިފާލި ނަމަވެސް ދެންވެސް ފަސް ޖެހުނެވެ. އެ ކަން ވިސްނި ސާހިލް ގޮސް ކޮޓަރީގައި ދިއްލާފައި ހުރި ހުދު އަލީގެ ބޮކި ނިވާލާފައި މަޑު ނޫ ކުލައިގެ ނިދާ ބޮކި ދިއްލާލިއެވެ. އެ އަލިކަން އެނދާ ހަމައަށް ފޯރަނީ ކިރިޔާއެވެ. ސާހިލް ސޯފާގައި އޮށޯތުމުން ލަޔާލް ބުރުގާ ނަގާ ކައިރީގައި ބާއްވާފައި އޮށޯތެވެ.

ފަތިހު ލަޔާލްއަށް ވުރެ ކުރިން ހޭލީ ސާހިލްއެވެ. ސާހިލް ލަޔާލްއަށް ގޮވީ ފެންވަރާ ހަދައިގެން ނަމާދަށް ދާން ނިކުންނަމުންނެވެ. ފުރަތަމަ ފަހަރަށް ލަޔާލް ބުރުގަ ނާޅާ އޮއްވާ ފެނުމުން ސާހިލްއަށް ލަޔާލްއާ ދިމާއަށް ބަލަން ހުރެވުނެވެ. ލަޔާލް ލައިގެން އޮތް ޕިޖާމާ އިން މުޅި ހަށިގަނޑު އެކީހެން ފޮރުވިފައި އޮތް ނަމަވެސް އިސްތަށިގަނޑާ، ކަންފަތާ ކަރުން ހާމައަށް އޮތް ހިސާބަށް ސާހިލްގެ ނަޒަރު ދަތުރު ކޮށްލިއެވެ. އެއް ފަރާތަށް އޮތް އިރު ސާހިލްއަށް ފެންނަން އޮތީ ލަޔާލްގެ ވައަތް ފަރާތެވެ. ތިން ތަނުން ކަންފަތް ތޮރުފާފައި އެންމެ ތިރިއަށް ރަން ބޮޅެއް ލައްވާފައި ދެން ލައްވާފައި ހުރީ ރަން “ޑޮޓް” ތަކެކެވެ. ގަތާލާފައި އޮތް އިސްތަށިގަނޑު ނިއުޅާލުމުން ލަޔާލްގެ އުނަގަނޑާ ހަމައަށް އަރާނެއޭ ސާހިލްގެ ހިތަށް އެރިއެވެ. ކަންފަތް ދަށަށް އަތް ލައްވައިގެން ބޮނޑި ވެލައިގެން އޮތް ލަޔާލްގެ ކަކުލާ ހަމައިން ބޮނޑިވެފައި އޮތް ކުއިލްޓްއަށް ބަލާލާފައި ލަޔާލްއަކީ ނިދީގައި މުޅި އެނދު ހިފާ އަންހެން ކުއްޖެކޭ ހިތަށް އަރާ ސާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ލަޔާލްއާ އެކު އެއް އެނދެއްގައި ނިދުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަން އެ ވަގުތުވެސް ސާހިލްއަށް ވިސްނުނެވެ. ސާހިލް ބަލަން ހުއްޓާ އެ ވަގުތުވެސް ލަޔާލް ފުރޮޅިލިއެވެ. ދެ ފައި ތަޅުވާލަމުން ކަކުލާ ހަމައިގައި އޮތް ކުއިލްޓް ތެރެއިން އެއް ފައި ބޭރަށް ލީ އިރު ކިރިޔާ އެނދުން ބޭރު ނުވެ އޮތް ކުއިލްޓްގެ ބޮޑުބައި އެނދުން ބޭރަށް ވެއްޓުނެވެ. ކަނާއަތް ދަމާލާ ބާލީހުގައި ލަޔާލް ބައްދާލި ލަޔާލް އަނެއްކާވެސް ނިދީގެ ތެރެއަށް ގެނބުނެވެ.

ސާހިލްގެ ހަޔާތަށް ގިނަ އަންހެން ކުދިންތަކެއް ނާދެއެވެ. ކިޔަވަން ގޮސް ހުރި އިރު އެންމެ ގިނަ ވަގުތު އެކުގައި ހޭދަ ކުރެވުނު ލިއާއަކީ ދިވެހި ކުއްޖެއް ނޫނެވެ. އެއީ ސާހިލްގެ ހިތުން ޖާގައެއް ދެވުނު ފުރަތަމަ އަންހެން ކުއްޖާއެވެ. ނަމަވެސް އެކުގައި ހަ މަހެއްހާ ދުވަސް ހޭދަ ކޮށްފައި ލިއާއާ ވަކިވީ ސާހިލްއެވެ. ލިއާއާ ގުޅުމަށް މާހިރާއާ އިރުފާން ގަބޫލު ނުވާނެ ކަން އެނގޭތީއެވެ. ކައިވެންޏާ ހަމައަށް އެ ގުޅުން ނުދާނެ ކަން އެނގޭތީއެވެ. ކިޔަވާ ނިންމާފައި މާލެ އައި އިރުވެސް ލިއާގެ ނަން ހިތުގައި ވީ ނަމަވެސް އެއްވެސް ކަމެއް އެހެން މީހަކަށް ނާންގައެވެ.

އަފްޒާއާ ދިމާވުމުން ލިއާ މަތިން ހަނދާން ނެތުމަށް ސާހިލްއަށް ފަސޭހަވިއެވެ. ނަމަވެސް އަފްޒާއާ މެދު ސާހިލްގެ ހިތުގައި ލިއާއާ މެދު ވީ ފަދަ އިހުސާސްތަކެއް ނުވެއެވެ. ލިއާއާ އެކު ކައިވެނީގެ ހުވަފެންތައް ދުށް ނަމަވެސް އަފްޒާއާ މެދު އެ ފަދަ ޚިޔާލުތަކެއް ނުކުރެވެއެވެ. ނަމަވެސް އަފްޒާ އެދުނީ އެ ގުޅުން ކައިވެންޏާ ހަމައަށް ދިޔުމަށެވެ. އެކުގައި ދިރިއުޅުމަށެވެ. ސާހިލްވެސް އަފްޒާއާ ގުޅުނީ މަޖަލަކަށް ނޫނެވެ. ބޭކާރު ގޮތުގައި އަފްޒާއާ އެކު ދުވަސްތަކެއް ހޭދަ ކުރާކަށް ނުވިސްނައެވެ. ސާހިލްވެސް އެދެނީ ކައިވެނި ކުރުމަށެވެ. ނަމަވެސް އަހަރެއް ވެގެން ދިޔަ އިރުވެސް އެ ހިސާބަށް ދިއުމަށް ފަސް ޖެހުނީ ލިއާއާ މެދު ސާހިލްގެ ހިތުގައި ވީ އިހުސާސް އަފްޒާއާ މެދު ނުވާތީއެވެ.

ލަޔާލްއާ ކައިވެނި ކުރުމަށް މާހިރާ އެދުމުން ސާހިލް ފުރަތަމަ އެދުނީ ވިސްނާލުމަށް ވަގުތުކޮޅަކަށެވެ. އަފްޒާއާ ސާހިލް ވާހަކަ ދެއްކީ ގޮތެއް ނިންމާފައެވެ. އަފްޒާއާ މެދު ހިތުގައި އެފަދަ އިހުސާސްތަކެއް ނުވާ އިރު ކައިވެންޏާ ހަމައަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިސްނުނީއެވެ. އެއާއެކު މާހިރާއާ އިރުފާން އެދޭ ގޮތަކަށް ކަންތައް ކުރުމަކީ ސާހިލްއަށް އެންމެ ރަނގަޅު ގޮތް ކަމުގައި ސާހިލް ގަބޫލު ކުރިއެވެ. އަފްޒާއާ ބައްދަލު ކޮށްފައި ސާހިލް ހުރިހާ ކަމެއް ސާފުކޮށް ކިޔާދިނެވެ. އެ ގޮތް ބޭނުން ނުވި ނަމަވެސް ސާހިލްގެ ނިންމުމާ އަފްޒާ ރުހުނެވެ.

ލިއާގެ ފަހުން އެފަދަ ގޮތަކަށް އަންހެން ކުއްޖަކަށް ސާހިލްގެ ހިތް އެދުނު ފުރަތަމަ ފަހަރަކީ އެއީއެވެ. ކައިވެނީގެ ވާހަކަ ދެކެވުނު ފަހުން ފުރަތަމަ ލަޔާލްއާ ބައްދަލުވި ރޭ ސާހިލްގެ ހިތުގައި އުފެދެން ފެށި ޝައިގުވެރިކަން އިތުރުވެގެން ދިޔައެވެ. ލަޔާލްއާ ދިމާއަށް ބަލަން ހުރި އިރު ދެމީހުން އެކުގައި ދުވަސްތައް ހޭދަ ކުރެވިދާނެ ގޮތްތައް ސާހިލްއަށް ސިފަ ކުރެވުނެވެ.

ކުރެވެމުން ދިޔަ ޚިޔާލުތަކުން ސާހިލްވެސް ހައިރާންވިއެވެ. މޫނުގައި ދެ އަތް އަޅާލަމުން ލަޔާލްއާ ދުރަށް އެނބުރިފައި ސާހިލްއަށް އިރުކޮޅަކު ހުރެވުނެވެ. ކުރެވުނު ޚިޔާލުތަކުން ހިނިއައިސްފައި ހުރެ ސާހިލް އަނެއްކާވެސް އެނދާ ކައިރި ވަމުން ލަޔާލްއަށް ގޮވާލިއެވެ.

ހޫން ލައްވާލަމުން ލަސްލަހުން ލޯ ހުޅުވާލި ލަޔާލްއަށް ސާހިލް ފެނުމާއެކު ފުންމައިގެން ތެދުވިއެވެ. އެއާއެކު އަނެއްކާވެސް އޮށޯތުމާއެކު ކުއިލްޓް ނަގާ ބޮލާއެކު އަޅާލިއެވެ.

“މި ދަނީ މިސްކިތަށް، ލަޔާލްވެސް ތެދުވެ ނަމާދު ކޮށްލާ” ލަޔާލް އުޅުނު ގޮތުން ހިނިއައިސްފައި ހުރި ސާހިލް އެހެން ބުނެފައި ނިކުތެވެ.

ސާހިލް މިސްކިތުން އަންނަން ވާ އިރަށް ލަޔާލް ތެދުވެ ފެންވަރާ ތައްޔާރުވިއެވެ. ދެ މީހުން އެކުގައި ނިކުތީ ސާހިލް ގެއަށް އައުމުންނެވެ.

އޭގެ ފަހުން ދެ މީހުންގެ ދިރިއުޅުން އޮތީ އެހެންނެވެ. އެ ކައިވެންޏަށް ހޭނެން ވަގުތު ބޭނުން ވާނެކަން ދެ މީހުންނަށްވެސް ވިސްނެއެވެ. މާހިރާއާ އިރުފާންވެސް ސާހިލްއާ ލަޔާލްގެ އެއްވެސް ކަމަކާ ސުވާލު ނުކުރަނީ އެ ކަން ވިސްނޭތީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހިތުގެ ރިހުން (33)

Next

ހިތް އެދެ ޔާރާ ތިއޭ – 46

Next
October 4, 2025

ހިތް އެދެ ޔާރާ ތިއޭ – 46

Previews
October 4, 2025

ހިތުގެ ރިހުން (33)



All Right Reserved!