ހިތަކުން ނުދާނޭ ފިލާ 6
“ސާހިލް، ކަމެއް ވީތަ؟” ސާހިލް އެއްޗެއް ނުބުނެ އިނުމުން ލަޔާލް ކަންބޮޑުވިއެވެ.
ސާހިލް ކައިރިއަށް ޖެހިލަމުން ލަޔާލްގެ އަތްތިލައިގައި ހިފާލިއެވެ. އަދި އިސްޖަހައިގެން އިނދެ އެ ދުވަހު ވީ ކަންތައް ކިޔާދިނެވެ.
ސާހިލްގެ ވާހަކަ އަޑު އަހާފައި ލަޔާލްގެ ހިތަށް އުނދަގޫވިއެވެ. ބުނެދޭން އުނދަގޫ ނުތަނަވަސްކަމެއް މުޅި ނަފްސަށް ވެރިވިއެވެ. އަފްޒާއާ މެދު ހިތުގައި ފާޑެއްގެ ފޫހި ކަމެއް އުފެދުނެވެ.
އެފަދަ ކިތަންމެ އެއްޗެއް ހިތަށް އަރަމުން ދިޔަ ނަމަވެސް އެއްޗެއް ނުބުނެ އިސްޖަހައިގެން ލަޔާލް އިނީއެވެ.
“ލަޔާ، އެއްޗެއް ބުނެބަލަ..” ސާހިލް އެދުނެވެ.
“ސާހިލް ބޭނުން ވަނީ އަފްޒާއާ އެކީ އުޅެން ކަމަށް ވަންޏާ އަހަރެން ކީކޭ ބުނާނީ؟ ބޮޑުއްތައާ ވާހަކަ ދައްކަން ވީނު؟ ސާހިލް ބޭނުމިއްޔާ އަފްޒާއާ މެރީ ކުރޭ.. އަހަރެން—”
“ނޫން.. އަފްޒާއާ އިންނާކަށް ބޭނުމެއް ނޫން..” ލަޔާލްއަށް އެ ވަރަށް ބުނެވުނު އިރަށް ސާހިލް ބުންޏެވެ.
“ދެން..؟” ލަޔާލްއަކަށް ނުވިސްނުނެވެ.
“އެއީ ގަސްތުގަ ވީ ކަމެއް ނޫން.. އަހަންނަށް އޭރު ވީ ކިހިނެއް ކަމެއް ނޭނގެ.. އަފްޒާ ރޯތީ ދުރަށް ދާން ނުކެރުނީ.. އެންޑް.. އައި ޑޯންޓް ނޯ.. އައިމް ސޮރީ ލަޔާ!” އިސްޖަހާލަމުން ސާހިލް މާފަށް އެދުނެވެ.
“ކީއްވެ ސާހިލް މާފަށް ތި އެދެނީ؟ އަހަންނަށް އެނގޭ ސާހިލް އަހަންނާ މެރީ ކުރީ ކޮންމެހެން ބޭނުން ވެގެންނެއް ނޫން ކަން.. ބޮޑުއްތަ ބުނީމަ ދެ މީހުންވެސް ކުރި ކަމެއް މީ. އެހެން ވީމަ ސާހިލް ބޭނުން ވާ ކަމެއް ކުރުމަށް އަހަންނަކަށް ހުރަހެއް ނޭޅޭނެ. އަދި އަހަރެން ހިތްހަމަ ނުޖެހިދާނެތީ ނޫނީ ރުޅި އައިސްދާނެތީ ސާހިލް ބޭނުން ކަމެއް ނުކޮށް ހުންނާކަށްވެސް ނުޖެހޭނެ. މިހެން އުޅެން ބޭނުން ނުވަންޏާ އަހަރުމެން ދެ މީހުންނަށް ވަކި ވެވޭނެ” ލަޔާލް ބުންޏެވެ.
“އަހަރެން ބުނީމެއްނު އަހަންނަށް ޓައިމް ދޭށޭ؟ ހަމަ އެހެން ލަޔާއަށްވެސް ޓައިމް ބޭނުން ވާނެކަން އެނގޭ.. އަހަރެން ޓްރައި ކުރާނަމޭވެސް ބުނިން.. އެހެން ބުނެފަ މި ކަހަލަ ކަމެއް ކުރީމަ މާފަށް މި އެދުނީ. އަހަރުމެންގެ ގުޅުން ކޮންމެ ގޮތަކަށް އޮތަސް އަހަންނަކީ ލަޔާގެ ފިރިމީހާ..” ސާހިލް ބުންޏެވެ.
“އިޓްސް އޯކޭ ސާހިލް. އަހަރެން ރުޅިއެއް ނާދޭ.. އެކަމަކު ސާހިލް އަދި ވިސްނާލާ، ސާހިލް ބޭނުމިއްޔާ އަފްޒާއާ—” ލަޔާލްއަށް އެ ފަހަރުވެސް ފުރިހަމައެއް ނުކުރެވުނެވެ.
“ނޯ! ހަމަ ސީރިއަސްކޮށް މި ބުނަނީ، އަފްޒާއާ އެ ކަހަލަ ގުޅުމެއް ބާއްވާކަށް މިހާރު ނުވިސްނަން. މިހާރު..” އަފްޒާއާ ގުޅެން ބޭނުން ނުވާ ކަން ހާމަ ކުރި ނަމަވެސް ހިތުގައި ވި ހުރިހާ އެއްޗެއް ބުނަން ސާހިލް ފަސް ޖެހުނެވެ.
“މިހާރު..؟ ކީކޭ ބުނަން އުޅުނީ؟” ލަޔާލް އަހާލިއެވެ.
“އެއްޗެއް ނޫން. އައިމް ސޮރީ ލަޔާ!” ސާހިލް އަނެއްކާވެސް މާފަށް އެދުނެވެ.
“އިޓްސް އޯކޭ، އައި ފޮރގިވް ޔޫ.. މިހާރު އޯކޭތަ؟ ދެން ހިނގާ ސައި ބޯން” ލަޔާލް ބުންޏެވެ. ސާހިލް ބޯ ޖަހާލަމުން ތެދުވިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ އެ ގޮތުގައެވެ. ދެ މީހުންގެ ގުޅުމަށް ބަދަލެއް އައިސްދާނެ ކަމަށް ނުވިސްނާ ހުއްޓާ ލަޔާލްގެ ހިތް ސާހިލްއަށް އެދެން ފެށީ ލަޔާލްއަށް ނުވެސް އެނގިއެވެ. ލަޔާލްއަކީ ސާހިލްގެ އަންހެނުންނަށް ވީ ނަމަވެސް ސާހިލްގެ މައްޗަށް އެއްވެސް ހައްގެއް ނެތް ކަމުގައި ލަޔާލްއަށް ގަބޫލު ކުރެވެއެވެ. އެހެން ކަމުން ހިތުގައި އުފެދެމުން އައި ޖަޒްބާތު ސިއްރު ކުރުން ނޫން ގޮތެއް ނެތް ކަމުގައި ލަޔާލް އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
އެ ދުވަހުގެ ފަހުން އެ ކައިވެންޏަށް ފުރުޞަތެއް ދިނުމަށް ސާހިލް އިސްނަގާނެ ކަމަށް ލަޔާލް ހީކުރިއެވެ. އަފްޒާއާ ގުޅެން ބޭނުން ނުވާ ކަމަށް ސާހިލް ބުނުމުން ލަޔާލްއަށް ދޭހަވި މާނައަކީ ލަޔާލްއާ އެކުގައި އުޅުމަށް ސާހިލް ފުރުޞަތެއް ދިނުމެވެ. ނަމަވެސް އެއީ ލަޔާލްއަށް ހީވި ގޮތެއް ބާއޭ އަމިއްލަ ނަފްސާ ލަޔާލްއަށް ސުވާލު ކުރެވެއެވެ.
ސާހިލް ހަގީގަތުގައިވެސް ބޭނުން ވީ އެ ކައިވެނި ދަމަހައްޓާށެވެ. އެކުގައި އުޅުމަށް މަސައްކަތް ކުރާށެވެ. ނަމަވެސް ސާހިލްވެސް ހުރީ ލަޔާލްގެ ފަރާތުން އިޝާރާތެއްގެ އިންތިޒާރުގައެވެ. ދެ މީހުންވެސް ތިބީ އަނެއް ކޮޅުން ކޮންމެވެސް އިޝާރާތެއް ލިބޭތޯއެވެ.
އެ ގޮތުގައި ތިއްބާ ސާހިލްގެ އުފަން ދުވަސް އައެވެ. އެރޭގެ ބާރަ ޖެހުމާ އެކު ސާހިލްއަށް އުފަން ދުވަހުގެ ތަހުނިޔާ އެންމެ ފުރަތަމަ ކީ ލަޔާލްއެވެ. ހެނދުނު ސައި ބޯން ނިކުމެފައި މާހިރާއާ އިރުފާން އެކުގައި ސާހިލްއަށް ތަހުނިޔާ ކިއެވެ. އެ ދުވަހު ޚާއްސަ ކަމަކަށް ގޭގައި އޮތީ އެރޭގެ ކެއުމެވެ. މާހިރާއާ އިރުފާންގެ ފަރާތުން ސާހިލްއަށް ހަދިޔާ ދިނީ ކެއުން ނިންމާފައެވެ.
ކެއުމަށް ފަހު ކޮޓަރިއަށް ވަދެފައި ލަޔާލް ރިހިކުލައިގެ ކަރުދާހުން ބަންދު ކޮށްފައި އިން ކުޑަ ފޮއްޓެއް ސާހިލްއަށް ދިނެވެ. ސާހިލް ޝުކުރު އަދާ ކޮށްފައި ފޮށި ކަނޑާލާ އޭގައި އޮތް ގަޑި ނަގާ އަތުގައި އަޅާފައި ލަޔާލްއަށް ދައްކާލިއެވެ.
“މި ނިމުނީތަ؟” ސާހިލް ހީވީ އިތުރަށް އެހެން އެއްޗެއްވެސް ބޭނުން ވެގެން އަހާލި ހެންނެވެ.
“ކަމުނުދަނީތަ؟ އެހެން އެއްޗެއްތަ ބޭނުމީ؟” ލަޔާލް ހިނިއައިސްފައި އަހާލިއެވެ.
“ބޭނުމޭ ބުނެފިއްޔާ..؟” ސާހިލް ސަމާސާ ރާގަކަށް އެހިއެވެ.
“ސާހިލް ކޯޗެއް ބޭނުމީ؟ ބުނެބަލަ” ސާހިލްގެ ސަމާސާގައި ލަޔާލްވެސް ބައިވެރިވިއެވެ.
ސޯފާގައި ސާހިލްއާ ޖެހިގެން އިން ލަޔާލްގެ މޫނަށް ސާހިލް ބަލާލިއެވެ. އެ ބެލުމުން ލަޔާލްގެ ހިތް އަވަސް ވެގެން ދިޔައެވެ. ލަޔާލް އިސް ޖަހާލަން އުޅުނު ވަގުތު ސާހިލް އެއް އަތުން ލަޔާލްގެ ދަތްދޮޅީގައި މަޑުމަޑުން ހިފާލި ގޮތަށް ލަޔާލްގެ ތުންފަތުގައި ބޮސްދިނެވެ. އެފަދަ ކަމަކަށް ކުޑަކޮށްވެސް ނުވިސްނާ އިން ލަޔާލް ސިހިގެން ދިޔަ ގޮތަށް ދުރަށް ޖެހިލިއެވެ. ނަމަވެސް ލަޔާލް ދުރަށް ދިޔަ ނުދީ ސާހިލް ދެ އަތުން ލަޔާލްގެ މޫނުގައި ހިފަހައްޓާލިއެވެ. ދެވަނަ ފަހަރަށް ކައިރިވެލާފައިވެސް ސާހިލް މަޑު ކޮށްލާ ލަޔާލްގެ މޫނަށް ބަލާލިއެވެ. ދުރަށް ނުޖެހި ލަޔާލް އިނުމުން ސާހިލް އަނެއްކާވެސް ލަޔާލްގެ ތުންފަތުގައި ބޮސްދިނެވެ.
އެ ގޮތުގައި އިރުކޮޅެއް ހޭދަވި ފަހުން ސާހިލް ދުރަށް ޖެހިލިއެވެ.
“ލަޔާ.. އޯކޭތަ؟” ސާހިލް އަހާލިއެވެ.
ލަޔާލް އެއްޗެއް ނުބުނެ އިސް ޖަހައިގެން އިނެވެ.
“އަހަރެން ބޭނުން ޗާންސެއް.. އެކަމަކު ލަޔާ އޯކޭ ވިއްޔާ..” ސާހިލް ބުންޏެވެ. ޖެހިލުންވެފައި އިނދެ ލަޔާލް ބޯ ޖަހާލިއެވެ.
“ލަޔާ، މިހާރު މި ވަގުތަކު ނޫން.. ލަޔާ ކޮމްފޮޓެބަލް ވީމަ.. މަޑުމަޑުން.. އޯކޭތަ؟” ސާހިލް އެހެން ބުނީ ލަޔާލްއާ މެދު ވިސްނާފައެވެ. ކައިވެންޏަށް ދުވަސްތަކެއް ވެގެން ދިޔަ ނަމަވެސް އޭގެ ކުރިން ލަޔާލްއާ މެދު އެފަދަ އެއްޗެއް ސާހިލްގެ ހިތުގައި ވާކަން ލަޔާލްއަށް ނޭނގޭތީ ސާހިލް ބޭނުންވީ ލަޔާލްއަށް ވަގުތުކޮޅެއް ދިނުމަށެވެ. އެ ދެމެދުގައި އޮތް ގުޅުން ކުއްލިއަކަށް އެ ހިސާބަށް ގެންދިޔުމުގެ ބަދަލުގައި ލަސް ލަހުން ކުރިއަށް ދިޔުމަށް ސާހިލް އެދުނީ ލަޔާލްއާ މެދު ވިސްނާފައެވެ.
ދެންވެސް އެއްޗެއް ނުބުނެ ލަޔާލް ބޯ ޖަހާލިއެވެ.
އެ ދުވަހުގެ ފަހުން ދެ މީހުން އެކުގައި ހޭދަވާ ވަގުތު ގިނަވިއެވެ. ހަމަ އެހެން އެ ދެމެދުގައި ވި ދުރުކަން ކައިރިވަމުން ދިޔައެވެ. ދެމަފިރިން ނަމަވެސް ސާހިލްއާ ލަޔާލްގެ މެދުގައި އޮތީ ރައްޓެހިވެގެން އުޅޭ ދެ މީހުންގެ މެދުގައި އޮންނަ ފަދަ ގުޅުމެކެވެ. އެ ގުޅުމަށް ވަގުތު ދިނުމަށް ސާހިލް ބުނިހެން މަޑުމަޑުން ކުރިއަށް ދިޔައެވެ. އެ ގޮތުން މަދު ވެގެން ހަފްތާއަކު އެއްރޭ ދެ މީހުން އެކުގައި ބޭރަށް ދެއެވެ. އެކަނި ވާ ވަގުތުތަކުގައި ލަޔާލްގެ ގާތްކަމަށް ސާހިލް އެދެއެވެ. ކިތަންމެ ހިތް އެދުނު ނަމަވެސް ސާހިލް ކުރިއަށް ދިޔައީ ލަސްލަހުންނެވެ.
ސާހިލްގެ އެކުވެރިންގެ ދަޢުވަތަކަށް ސާހިލްއާ އެކު ލަޔާލް ބޭރަށް ދިޔަ ރެއެކެވެ. ގިނަ ވަގުތު ލަޔާލްއާ އެކު ހުރި ނަމަވެސް އިރުކޮޅަކަށް އެކުވެރިންނާ ލަޔާލް ހަވާލުކޮށްފައި ސާހިލް ދުރަށް ޖެހިލިއެވެ. އެ މީހުން ލަޔާލްވެސް ބައިވެރި ކޮށްގެން ސަކަރާތް ޖަހަމުން ދިޔަ ނަމަވެސް ސާހިލްގެ އެކުވެރިންގެ ތެރޭގައި ލަޔާލް ހުރީ ބީރައްޓެހިވެފައެވެ. ފެންނަ ހިސާބުގައި ހުރެފައި ސާހިލް ކުޑަކޮށް އެއްފަރާތަށް ޖެހިލީ އަފްޒާއާ އެކުއެވެ. ދެ މީހުން ތިބީ ދައްކާ ވާހަކަ އަޑު ނީވުނު ނަމަވެސް ލަޔާލްއަށް ފެންނަ ހިސާބުގައެވެ. ދެން ހޭދަވި ގަޑިއެއްހާ އިރުގައި އަފްޒާ ސާހިލްގެ ކައިރިން ދުރަށް ނުދެއެވެ. އެ މަންޒަރު ފެންނަމުން ދިޔަ ވަރަކަށް ގަސްތަކާ ނުލާ ލަޔާލް ރުޅިގަދަވަމުން ދިޔައެވެ. ބާރަ ޖަހާ ދިޔަފަހުން ސާހިލް އައިސް ލަޔާލް ގާތު މަޑުކޮށްލިއެވެ.
“ދަމާ ދޯ؟” ސާހިލް ބުންޏެވެ.
ލަޔާލް ޖަވާބެއް ނުދީ ސާހިލްއަށް ވުރެ ކުރިން ނިކުންނަން ދިޔައެވެ. ސައިކަލުގައި ގެއާ ހަމައަށް ދެވެން ދެން ސާހިލް ދެއްކި އެއްވެސް ވާހަކައަކަށް ހޫނއަކުން ނޫނީ ލަޔާލް ޖަވާބެއް ނުދެއެވެ.
“ލަޔާ، ކަމެއް ވީތަ؟” ލަޔާލް ހިތްހަމަނުޖެހިފައި ހުރީ ކޮންކަމަކާ ކަން އެނގުނު ނަމަވެސް ނޭނގޭ ކަމަށް ހަދަމުން ސާހިލް އެހީ ގެއަށް އައިސް ކޮޓަރިއަށް ވަދެފައެވެ. ސާހިލްއާ މެދު ލަޔާލްގެ ހިތުގައި ވަނީ ކޮން ކަހަލަ އިހުސާސްތަކެއްތޯ ބަލަން ސާހިލް ބޭނުން ވީއެވެ. ލަޔާލްއަށް ސާހިލްގެ ހިތް އެދޭ ފަދައިން ލަޔާލްގެ ހިތް ސާހިލްއަށް އެދޭތޯ ބަލަން ބޭނުން ވީއެވެ.
“އެއްވެސް ކަމެއް ނުވޭ” އަލަމާރި ކައިރިއަށް ގޮސް ދޮރު ހުޅުވާލަމުން ލަޔާލް ބުންޏެވެ.
“ކަމެއް ނުވެ ތިހާ ރުޅި އައިސްފައެއް ނުހުންނާނެއެއްނު؟” ލަޔާލްގެ ފަހަތުން ސާހިލް ދިޔައެވެ.
އެރޭ ލަޔާލް ރުޅި އައިސްފައި ހުރި ކަން ސާހިލްއަށް އެނގުނު ނަމަވެސް ލަޔާލް ރުޅި އައީ ކީއްވެ ކަން ބުނަން ބޭނުން ނުވެފައި ހުރި ލަޔާލް އެ ހިސާބުން އެ ޚިޔާލު ދޫކޮށްލާ ސާހިލްއާ ކުރިމަތި ލިއެވެ.
“އަހަރެން ރުޅިއަޔަސް ސާހިލްއަށް ކޮން ކަމެއް؟ ނުވެސް ދަންނަ މީހުންތަކެއްގެ ތެރެއަށް އަހަރެން އެކަނި ދޫކޮށްލާފަ ގޮސް ސާހިލް ވަގުތު ހޭދަ ކުރަން ބޭނުން މީހުން ކައިރީ ހުންނަން ކީއްކުރަން އަހަރެން ގޮވައިގެން ދިޔައީ؟” އަލަމާރިން އެއްޗެހި ނަގައިގެން އެނބުރި ކުރިމަތީ ހުރި ސާހިލްގެ މޭގައި އަތް އަޅާ ކޮއްޕާލަމުން ލަޔާލް ބުންޏެވެ.
“ލަޔާ އެކަންޏެއް ނޫނެއްނު ހުރީކީ؟ ނިހާމެން އެ ހުރިހާ އިރު ތިބީ ލަޔާ ކައިރީގައެއްނު؟” ފާހާނާއާ ދިމާއަށް ދިޔަ ލަޔާލްގެ ފަހަތުން ސާހިލްވެސް ދިޔައެވެ.
“އަހަރެން ގޮވައިގެން ގޮސް ނިހާ ކައިރިއަށް ލާފަ އަހަރެންގެ ފިރިމީހާ ކުރިން ރައްޓެހިވެގެން އުޅުނު މީހާގެ ފަހަތުން މުޅިރޭ ދުވާ އިރު އަހަރެން ހިނިއައިސްފަތަ ހުންނަންވީ؟” ރުޅިގަދަވެފައި ހުރި ލަޔާލް އަނެއްކާވެސް ސާހިލްގެ މޭގައި އަތްއަޅާ ކޮއްޕާލިއެވެ.
“ސޯ ޔޫ ނޯޓިސްޑް؟” ސާހިލް އަހާލިއެވެ.
“އަހަރެންގެ ދެލޯ ސަލާމަތުންނޭ ހުރީ.. ދެން ދުރަށް ދާންވީނު؟” ފާހާނާ ދޮރުގެ ތަޅުގައި ހިފާލަމުން ލަޔާލް ބުންޏެވެ.
“ދުރަކަށް ނުދެވޭނެ” ތުންފަތަށް ވެރިވި ހިނިތުންވުން ފޮރުވާލަމުން ސާހިލް ލަޔާލްގެ އަތުގައި ހިފާ ކައިރިއަށް ދަމައިގަތެވެ.
“ދޫކުރޭ، ފެންވަރަން ވަންނަން ވެއްޖެ” ސާހިލްގެ އަތުން އަތް މިނިވަން ކުރަން މަސައްކަތް ކުރަމުން ލަޔާލް ބުންޏެވެ.
“ދޫކޮށްގެން ވަރަށް ދުވަހު ހުރެވިއްޖެ.. ދެން ނުވާނެ..” ލަޔާލް ގެނެސް މޭގައި ޖައްސާލަމުން ސާހިލް ދެ އަތުން ލަޔާލްގެ އުނަގަނޑުގައި ހިފާލިއެވެ.
ލަޔާލް އިތުރަށް އެއްޗެއް ނުބުނެ އިސްޖަހާލިއެވެ. ސާހިލްވެސް އިރުކޮޅަކަށް ހިމޭންވިއެވެ. އެހެން ހުރެފައި ލަޔާލްއަށް ރޮވުނީއެވެ.
“ލަޔާ.. ކީއްވެ ތި ރޮނީ؟ އަހަންނާ ކައިރިވާން ބޭނުން ނުވަނީތަ؟ އެހެން ވިއްޔާ އެހެން ބުނޭ. އޭރުން ދޫކޮށްލާނަން، ދެން ކައިރިއެއް ނުވާނަން. އެކަމަކު ލަޔާ ނުބުނަންޏާ ދުލެއް ނުކުރާނަން” ސާހިލް މަޑުމަޑުން ބުންޏެވެ.
ލަޔާލް އެއްޗެއް ނުބުނެ ދެއަތުން ސާހިލްގެ ގައިގައި ބައްދާލާ މޭގައި ބޯ ޖައްސާލިއެވެ.
“އަހަރެން ވަރަށް ކެތްކޮށްފިން ލަޔާގެ ފަރާތުން ސައިންއެއް ފެނޭތޯ.. މި ފެނުނީ ރަނގަޅު ސައިންއެއް ކަމަށް ބަލަންވީތަ؟” ސާހިލް އަހާލިއެވެ.
ލަޔާލް އަނގައިން ނުބުނެ ބޯ ޖަހާލިއެވެ. އެއާއެކު ސާހިލް ކުރިއަށް ވުރެ ބޮޑަށް ލަޔާލް ގެނެސް ގަޔާލާ ފިއްތާލިއެވެ.
“ދެން ލަސްލަހުން ކުރިއަށް ދާނެހާ ކެތްތެރިކަމެއް އަހަރެންގެ ނެތް.. ލަޔާ، އައި ކާންޓް ސްޓޭ އަވޭ އެނީމޯރ” ކިރިޔާ އަޑުއިވޭހާ މަޑުމަޑުން ސާހިލް ބުންޏެވެ. އަދި ލަޔާލްގެ ޖަވާބަކަށް މަޑު ކުރުމެއް ނެތި ލަޔާލްގެ ތުންފަތުގައި ބޮސްދިނެވެ. ލަޔާލްވެސް ފަހަށް ނުޖެހި ސާހިލްއާ ބައިވެރިވިއެވެ. ދުރަށް ޖެހިލެވުނު އިރު ދެމީހުންވެސް ތިބީ ނޭވާ ކުރުވެފައެވެ. ސާހިލް އަނެއްކާވެސް ކައިރިވެލަން އުޅުމުން ލަޔާލް ސާހިލްގެ މޭގައި އަތް ޖައްސާ ހުއްޓުވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.








varah reethi. when is next part
އަނހާ، ކޯކިލާ ތަ ކޮމެންޓް ކޮށްލާފަ މީނީ؟ އެހެންވިއްޔާ ކޮންމެހެންވެސް ރިޕްލައި ކުރަންވާނެ ދޯ! ޝުކުރިއްޔާ ކޯކިލާ، އިންޝާﷲ މާދަމާ 7ވަނަ ބައި އަޕްލޯޑް ކޮށްލާނަން.