މަޤްރިބް ނަމާދަށްފަހު ދިހަ މިނެޓުން ހިނގާފައި ދެވޭ މިސްކިތުން އައި އަރީންއަށް މަޑު ޖެހިލެވުނީ ފެނުނު މަންޒަރަކުންނެވެ. ގޭގެ ދޮރު ކުރިމަތީގައިވާ ފުޅާ ހަރުފަތްލީ ސިޑިތަކުގެ މަތީގައި ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔަ މަލަކް ފެނިފައި އޭނަ ނުހަނު ހައިރާންވިއެވެ. މިގަޑީގައި އެހާ ނޫން ގޮތަކަށް މަލަކް ހިނގާތަން ފެނުމުން ވަރަށް ބޮޑު ކަމެއް ވެއްޖެކަމަށް އަރީންގެ ހިތް ބުނަމުން ދިޔައެވެ.
” މަލް…؟ ” މަލަކްގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އަރީންގެ އަޑަށެވެ.
” އަރީން. އަހަރެން ހިތް ބިރުގަންނަނީ.. ” މަލަކް އަރީންއާއި ކުރިމަތިލީ އިރު ދެލޯ ވަނީ ކަރުނުން ފުރިފައެވެ.
” ހިނގާބަލަ އިހަށް އެތެރެއަށް… ” އަރީން މަލަކް ގޮވައިގެން ވަނީ އެތެރެއަށެވެ. އިރުފާންމެންނަށް ފެނިގެން ސުވާލުކޮއްގެން މާ މަސްލަހަތު ބޮޑުވެދާނެތީވެ ދެމަފިރިން ދެން ދިޔައީ ކޮޓަރިއަށެވެ.
” އަރޫ… އަހަރެންނަށް ހީވަނީ އަނެއްކާވެސް އެދުވަސްތައް އަންނަން އުޅެނީހެން ” މަލަކްގެ އަޑުގައި ތުރުތުރު އެޅުމެއްވާކަން އަރީންއަށް ފާހަގަވިއެވެ.
” ހަމަޖެހިބަލަ ލޯބީ. ކީކޭތަ ތިކިޔަނީ؟ ” އަރީން މަލަކްގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.
” އަހަރެންނަށް ހީވަނީ މީގެ ތޭވީސް އަހަރު ކުރިން ހިނގި ކަންތައް އަލުން ތަކުރާރުވަނީހެން. މިއަދުވެސް ގޭތެރޭގައި އެތަކެއް ކަމެއް ހިނގި. ޒޯޔާ ބަލިވެ އުޅޭތީ އިރުފާންވެސް މިއަދު ގިނައިން އުޅުނީ ކޮޓަރީގައި. އަމާނީ ވެސް ކޮލެޖަށް ދިޔަ ގޮތަށް އެއައީ ދެންމެ. ކޮންމެވެސް ކަމަކާ ވަރަށް ހިތްހަމަޖެހިފައި ހުރީ. ގޮވީމައި އަނގައިން ވެސް ނުބުނޭ… މިއަދު ވަރަށް ފާޑަކަށް އަމާނީ އުޅުނީވެސް ހެނދުނު ގަޑީގައި. ސައިބޮއެގެން އަރީން ވެސް އޮފީހަށް ދިޔައީމައި އަންނަން ދެން އަހަރެން މި މަޑުކުރީ. އަހަރެން ބޭނުން އެއްކަލަ ފާރު ހުރީ ރަނގަޅަށްތޯ ބަލަން.. ” މަލަކްގެ ދެލޮލުގައިވި ކަރުނަތައް ދެގުނަވިއެވެ.
” މަލް ތިބުނަނީ ސިހުރު ބާތިލްވީއޭތަ؟ ކިހިނެތް އެހެންވާނީ؟ އެތާނގެ ވަށައިގެން ފާރު އެޅިފަހުން ވެސް ކިހާ ދުވަހެއް ވެގެން މިދިޔައީ؟ ” މަލަކް ބުނި އެއްޗަކުން އަރީން ނުހަނު ހައިރާންވިއެވެ.
” ފާރަކީ އަބަދު ހުންނާނެ އެއްޗެއް ނޫންދޯ؟ އެވެސް ހަލާކުވާހާ ދުވަސް ވެސް ވެއްޖެ. އަނެއްކޮޅުން ޤަފޫރުބޭ ބުންޏެއްނު އޭރުވެސް. އެއީ ވަގުތީ ހައްލެކޭ.. އެކަން ދާއިމީ ގޮތަށް ނައްތާލެވޭނީ އެތަކެއް ފަންޑިތަވެރިން ލިބިގެންނޭ.. ޤަފޫރުބޭ ވެސް ދުނިޔެއަކު ނެތް. މިޒަމާނުގައި ދެން ކާކު އެކަންތައްތައް ކުރާ ބަޔަކަށް އުޅޭނީވެސް.؟ ” މަލަކްއަށް މޫނުމަތީގައި އަތް އަޅާލެވުނެވެ.
” އެކަމަކު އަހަރެންނަށް ވަރަށް ހީނުވޭ އެފާރު އެހާ ފަސޭހައިން ހަލާކުވެދާނެހެން… ދެން އެހެންނޫނަސް މިއަދު ހިނގިއޭ ތިބުނަނީ ކޮންކަންތައްތަކެއް؟ ” އަރީން މަލަކްގެ މޫނުން އަތް ނައްޓާލަމުން އޯގާތެރިކަމާއި އެކު އަހާލިއެވެ.
” އަރޫއަކަށް ފާހަގައެއް ނުވޭތަ؟ މިދެދުވަހު އަމާނީ ހޭލާލެއް ލަސްކަން؟ އެހެންޏާ ނަމާދު ނުކުރިޔަސް، ބަލިވިޔަސް އެހާ ހެނދުނާ ތެދުވާ މުރާލި ކުއްޖެއް އެއީ. އަރޫ އެއްނު އަވަހަށް ތެދުވަން އެދެކުދިންނަށް ވެސް ދަސްކޮށް ދިނީ. އަނެއްކާ މިއަދު ހެނދުނު ތެދުވި އިރު މުޅި ގޭތެރޭގައި ކިލާ ފިޔަވަޅުތަކެއް. އަހަރެންނާއި ޒޯޔާއާއި އިރުދީނާއަށް ވެސް ފެނުނު. އިރުފާންއަށް ފެނުނު ކަމެއް ނޭނގޭ.. އަރީންއަކަށް ވެސް ނުފެނޭ ދޯ؟ އެހާ ފަތިހާ ގެއިން ނުކުންނަ އިރު އަލިމަޑު އޮރެންޖު ބޮކި ދިއްލާފައި ހުންނަ އިރު އަޅައި ނުގަނެވެސް ދާނެ. ބޭރުން އައިސް އެހުރިހާ ފިޔަވަޅެއް ގޮސްފައި ހުރީ އަމާނީގެ ކޮޓަރިއަށޭ! އެކޮޓަރިއަށް ވަތް އިރު އެނދުމަތީގަޔާއި ޓައިލްސްތައް މަތީގައި އާއި ސީލިންގުގައި ވެސް ހުރި. އެކަމަކު ހަމަ ކުއްލިއަކަށް އެހުރިހާ އެއްޗެއް ގެއްލިއްޖެ. އަހަރެންނަށް ޔަޤީން އެއީ ހީއެއް ނޫންކަން. މިގޭތެރޭގައި ކޮންމެވެސް ކަމެއް އެބަ ހިނގާ. އަހަރެން ބޭނުމެއް ނޫން މާނީއަށް ވީ ހެން އަހަރެމެންގެ އަމާނީ އަހަރެމެންނަށް ގެއްލޭނަށް. އަމާނީއާއި އިރުފާން އެއީ އަހަރެންގެ ދިރި ހުރުމަކީ. އަރޫ ޕުލީޒް. ވެގެން އުޅޭ ގޮތެއް ބަލާބަލަ. އަހަރެން މޮޔަވެދާނެ އަލުން އެދުވަސްތައް ތަކުރާރުވެއްޖެއްޔާ… ” މަލަކް އަރީންގެ ގަމީހުގައި ހިފަމުން އާދޭސް ކުރިއެވެ. އޭރު ރޮއެ ރޮއެ ގޮސް މީހާއަށް ގިސްލެވެން ފެށެނީއެވެ.
” އަހަރެން ބަލާލަން މަލް. އެހާ ވަރަށް އެކަމާއި ނުވިސްނާ. އިން ޝާ ﷲ ރަނގަޅުވާނެ. އަހަރެމެންގެ ދަރިފުޅަކަށް އެއްވެސް ގޮތެއް ނުވާނެ… ” އަރީން މަލަކް މެޔާލައި ބޮނޑިކޮއްލި އިރު އޭނަގެ ދެލޯ ވެސް ވަނީ ފެންކަޅިވެފައެވެ.
—
” އަހަން. ދަރިފުޅުމެން ކޮންތާކަށް؟ ޒޯޔާ މިހާރު ރަނގަޅުތަ؟ ” އިޝާ ނަމާދަށް ދިއުމުގެ ކުރިން އަމާނީ ކޮބައިތޯ ބަލާލުމަށް ދެވަނަ ބުރިޔަށް އެރި ވަގުތު ކޮޓަރިން ނިކުތް އިރުފާންއާއި ޒޯޔާ ފެނިފައި އަރީން އަހާލިއެވެ.
” ހޮސްޕިޓަލަށް. އަދިވެސް އެއްކޮށް ރަނގަޅު ނުވާތީވެ ދައްކާލަންވެގެން. އިރުއޮއްސުނު ހުރި ވަރަށް ވުރެ މާ ހުން ގަދަވީމައި. ” ޒޯޔާގެ ބަދަލުގައި ޖަވާބު ދިނީ އިރުފާންއެވެ.
” ތެދެ ދަރިފުޅާ.. ޝަފާކިލަﷲ. ލަސްނުކޮށް އަންނާތި އިނގޭ. ހީވަނީ މިރޭ ވިއްސާރަވާނެހެން. ޖައްވު ތެރެ ވެސް ވަރަށް ފިނިކޮށް އުޅެނީ.. ” އަރީން ދެމަފިރިންނަށް ނަސޭހަތްދީފައި ހިނގައިގަތީ އަމާނީގެ ކޮޓަރި ކައިރިއަށެވެ.
” އަމާނީ… ” އަރީން ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. ދެފަހަރަކު ޓަކި ޖަހާލި އިރުވެސް އަމާނީގެ ޙަބަރެއް ނުވެއެވެ. ނަމާދަށް ހުރީ ކަމަށް ހިތާ ތަޅުގައި ހިފާ ހުޅުވާލަން އުޅެނިކޮށް ކުރިންހެން ކޯރިޑޯގެ ބޮކިތައް ނިވިދިއްލެން ފެށިއެވެ.
” އަސްތަޤުފިރުﷲ ” އަރީންއަށް ވަގުތުން ކަމެއް ނުބައިވެއްޖެކަން ޔަޤީންވިއެވެ. އަވަސް އަވަހަށް އަރީން އެކޮޓަރި ދޮރު ހުޅުވާލި އިރު މުޅި ކޮޓަރި ތެރޭގައިވަނީ އަނދިރިކަމެވެ.
” އަނާ…؟ ” އަރީން ކޮޓަރީގެ ސުވިޗުތައް ޖެއްސޭތޯ ދޮރު ކައިރީގައި ހުރި ސުވިޗުތަކާއި ކުޅެލިއެވެ. ދެފަހަރަކު ނިވިދިއްލުމަށްފަހު ބޮކިތައް އެއްކޮށް ނިވުނީއެވެ. ފުންނޭވާއެއް ލުމަށްފަހު ޖީބުން ނެގި ފޯނުން ފުލާޝްލައިޓް ޖައްސާލަން އުޅެނިކޮށް ބެލްކަނި ހުރި ދިމާއިން ކޮޓަރިއަށް އަލިވެގެން ދިޔައެވެ. ފަސްއެނބުރި އެފަރާތަށް ބަލާލި އިރު އެތެރެ ނުފެންނާނެހެން ދަމާފައިވާ ހުދު ކުލައިގެ ފަރުދާގެ ނިވަލުން މީހެއްގެ ހިޔަނި ފާހަގަވާން ހުއްޓެވެ. ފޯނުގެ ސުވިޗު ނިއްވާލައި ޖީބަށްލުމަށްފަހު ވަޔާ ހޫރެމުން ދިޔަ ފޮތިގަނޑު އެއްފަރާތް ކޮއްލާފައި ބެލްކަންޏަށް ނުކުތް އިރު އަމާނީ ހުރީ ބެލްކަނީގެ ރެއިލިން މަތީގައެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިޔަ އަރީން އަވަސް އަވަހަށް ގޮސް އަމާނީ އެތަނުން ބާލަން އުޅުނެވެ. މީހާ ހަރުދަނޑިވެފައިވާ މީހެއްހެން އަރީންއަށް ފުރަގަސްދީގެން ހުރި އަމާނީ ދަމައެއް ނުގަނެވުނެވެ. ހިމަކޮށް ހަދާފައިވާ ރެއިލިން މަތިން ކިތަންމެ ކުޑަ ގޮތެއް ހަދާލިޔަސް ތަނެއްގައި ނުހިފާ ހުރެއްޖެއްޔާ އޭނަ ވެއްޓޭނެއެވެ.
” ދަރިފުޅާ…! ” އަމާނީގެ އަތުގައި ހިފާ ދަމަމުން އަރީން ހެޔޮ އެއްޗެއް ކިޔަވަން އުޅެނިކޮށް އޭނަ ހޭނެތިގެން ވެއްޓުނީ އަރީންގެ އަތްމައްޗަށެވެ.
” އަމާނީ!!! ” ހޭނެތިފައިވާ ލޯބިވާ ދަރިފުޅުގެ މޫނުގައި އަރީން ކޮއްޓާލިއެވެ. ޙަބަރެއް ނުވިއެވެ. އަރީން އަމާނީ ނަގައި އެނދުމަތީގައި ބާއްވާލިއެވެ. އަދި ކައިރީގައި މަތި ޖަހާފައިވާ ފެންތަށިން މޫނުގައި ފެން އުނގުޅާލިއެވެ. އެއާއެކު އިވުނު އިޝާ ނަމާދުގެ ބަންގީގެ އަޑަށް މުޅި ކޮޓަރިތެރެ ބޮކިން އަލިވެގެން ދިޔައެވެ.
” އަލްޙަމްދުލިﷲ.. ” އަރީންއަށް ފުންނޭވާއެއް ދޫކޮއްލެވުނީ ދެނެވެ.
” ދަރިފުޅާ… ” އެސްފިޔަތައް ތަޅުވާލި އަމާނީގެ އިސްތަށިގަނޑުގައި ފިރުމާލަމުން އަރީން ގޮވާލިއެވެ. ނިދިފައި އޮތް މީހަކު ތެދުވާ އުސޫލުން އަމާނީ ދެލޯ ހުޅުވާލި އިރު އަރީން ފެންނަން ހުރުމުން ހައިރާންވިއެވެ.
” ބައްޕަ މިކޮޓަރީގައި؟ ކިހިނެތްވީ؟ ” ކަމެއް ނުވާ ފަދައިން އަމާނީ ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. އަދި އާފުރެމުން ކައިރީގައި އޮތް ފޯނުން ގަޑި ބަލާލިއެވެ.
” ކުލާހުން އައިސް އޮއްވައި ނިދުނީ… ބައްޕަ ކަމަކުތަ ތިއައީ؟ ” ދެން ވެސް ސުވާލު ކުރީ އަމާނީއެވެ.
” އާނ.. ނޫން… ދަރިފުޅު މާ ލަހުން ކޮލެޖުން އައި ވާހަކަ މަންމަ ބުނީމައި މި ބަލާލީ… ހުރިހާ ކަމެއް ރަނގަޅުތަ؟ ” އަރީން ހަމަޖެހޭކަން ދައްކަމުން އަހާލިއެވެ.
” ހޫމް.. ކިހިނެތްވީ ބައްޕަ ތިހެން ތިއެހީ؟ މަންމަވެސް މިއަދު ތިހެން އަހައިފި. އަޅުގަނޑު ހަމަ މުޅިން ރަނގަޅެއްނު ” އަމާނީ ފުންކޮށް ހީލިއެވެ.
” ހޫމް. އިޝާ ނަމާދަށް ގޮވީއެ. އަވަހަށް ނަމާދުކޮއްލާތި އިނގޭ. ބައްޕަ މިސްކިތުން އަންނަން ވާ އިރަށް ކާން ރެޑީވޭ. ދޮންބެމެން ވެސް ހޮސްޕިޓަލަށް ގޮއްސި. ދޮންބެދައްތަ ރަނގަޅު ނުވާތީވެ. ” އަރީން އަމާނީގެ ބޮލުގައި ފިރުމާލަމުން ކޮޓަރިން ނިކުތެވެ. އޭނައަށް މަލަކް އެދެއްކި ވާހަކަ ޔަޤީންވެއްޖެއެވެ. ރޫޙާނީ އެއްޗެއް އަމާނީ އެބަ ކޮންޓުރޯލް ކުރެއެވެ. އެހެނަސް ފާރަށް ވީ ގޮތް ބަލަން މިރެއަކު އޭނައަކަށް އެގަސްތަކުގެ ތެރެއަށް ވަންނާކަށް ނުކެރޭނެއެވެ.
—
” މަންމާ. މަންމާ… ” ނިދިފައި އޮތް މަލަކްއަށް ހޭލެވުނީ އަމާނީ ގޮވާ އަޑަށެވެ. ނައިޓް ސުޓޭންޑްގައި ހުރި ލޭމްޕް ދިއްލާލައި ގަޑިން ވީ އިރެއް ބަލާލުމަށް އެނބުރު މަލަކްއަށް ފެނުނު ސޫރައަކުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ބެލްކަނި ދޮރުން ދީފައިވާ ފަނޑު އަލީގައި މޫނާއި ޖެހޭ ނުޖެހޭ ހިސާބުގައި އޮތީ އަމާނީއެވެ. ރަތްވެފައިވާ ދެލޯ ވަނީ ދިއްލިފައެވެ. އަނގައިން ފާޑެއްގެ ސޮނިތަކެއް ބާލުވަމުން ދިޔަ އިރު ނުބައި ވަހެއް ހިފާފައިވެއެވެ.
” ކީއްވެތަ ކޮންމެ ފަހަރަކު އަހަރެން ކުރާކަމެއް ހުއްޓުވަން ތިއުޅެނީ!؟ ” އަމާނީގެ އަޑުގެ ބަދަލުގައިވަނީ ރުޅިވެރި ބަރު އަޑެކެވެ. މަލަކްއަށް ދެލޯ މަރާ ބާރުކޮއްލެވުނު އިރު ފެންކަޅިވެފައިވާ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

