Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ގާތުގައިވި އަނދިރިކަން 10-2

umny Level 210 Stories
October 8, 2025 5 Mins Read
2 Comments

” މަންމާ. މަންމާ… ” ނިދިފައި އޮތް މަލަކްއަށް ހޭލެވުނީ އަމާނީ ގޮވާ އަޑަށެވެ. ނައިޓް ސުޓޭންޑްގައި ހުރި ލޭމްޕް ދިއްލާލައި ގަޑިން ވީ އިރެއް ބަލާލުމަށް އެނބުރު މަލަކްއަށް ފެނުނު ސޫރައަކުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ބެލްކަނި ދޮރުން ދީފައިވާ ފަނޑު އަލީގައި މޫނާއި ޖެހޭ ނުޖެހޭ ހިސާބުގައި އޮތީ އަމާނީއެވެ. ރަތްވެފައިވާ ދެލޯ ވަނީ ދިއްލިފައެވެ. އަނގައިން ފާޑެއްގެ ސޮނިތަކެއް ބާލުވަމުން ދިޔަ އިރު ނުބައި ވަހެއް ހިފާފައިވެއެވެ.

” ކީއްވެތަ ކޮންމެ ފަހަރަކު އަހަރެން ކުރާކަމެއް ހުއްޓުވަން ތިއުޅެނީ!؟ ” އަމާނީގެ އަޑުގެ ބަދަލުގައިވަނީ ރުޅިވެރި ބަރު އަޑެކެވެ. މަލަކްއަށް ދެލޯ މަރާ ބާރުކޮއްލެވުނު އިރު ފެންކަޅިވެފައިވާ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ.

” ކީއްވެގެންތަ އެއްޗެކޭ ނުބުނެވިފައި ތިއޮތީ؟ ” ދެން ވެސް އަމާނީ ސުވާލުކުރިއެވެ. މަލަކް ލޯ ހުޅުވައެއް ނުލިއެވެ. ހިތާއި ހިތުން ﷲއަށް ދުޢާ ކޮއްލުމުގައި އޭނަ އޮތެވެ. ގާތުގައި އަރީން ނެތްކަމީ މިރޭ އޭނައަށް ލިބުނު ދެރައެކެވެ.

މަލަކްގެ ދުޢާ ﷲ އިޖާބަކުރެއްވީ ކަންނޭނގެއެވެ. ދޮރު ހުޅުވާލާފައި ކޮޓަރިއަށް ވަތް އަރީންއަށް ފެނުނީ މަލަކްއަށް ފެނުނު ސޫރައެވެ. އަރީން ވަތް އަޑަށް އިސް އުފުލާ ބަލާލި އަމާނީއާއި ހަތަރުކަޅި ހަމަވެ އަރީން ވެސް އިންތިހާއަށް ބިރުގަތެވެ. އަރީން ދުލުން ހެޔޮ އެއްޗެއް ކިޔުމަށް އޭނަ ނުކުޅެދިފައިވާ ފަދައިން ދޫ ހަރަކާތެއް ނުކުރެވުނެވެ. އަމާނީ ވަގުތުން ހީގަތް ވަގުތު ހީވީ ކަންފަތް ފަޅައިގެން ދާން އުޅުނު ހެންނެވެ. އެހާވެސް ބަރު ކަމެއް އެއަޑުގައިވެއެވެ. އަދި ތެދުވެ އަރީންއަށް ދޫ ނެރެލި ވަގުތު ވައްތަރުވީ ހަރުފައެއްގެ ދޫ ނެރެލި ހެންނެވެ. އެހުރި ސޫރައިގައި ހުރެ ޖެއްސުމަށް މޫނަށް ވައްތަރުތައް ޖައްސާ ކުޑަ ކުއްޖެއް ފަދައިން ލައިގެން ހުރި ހުދު ހެދުމުގެ ފަސްބައިގައި ހިފާ ފުންމަމުން ފުންމަމުން އަރީންގެ ކައިރިން ލައިގެން އަމާނީ ކޮޓަރިން ނުކުތެވެ.

” މަލަކް… ” އަރީން ދުވެފައި އައިސް މަލަކް ނަގައި މެޔާއި ބޮނޑިކޮއްލިއެވެ. އޭރުވެސް ހީވީ މުޅި ކޮޓަރި ތެރޭގައި ހުނުމުގެ އަޑު ހުރި ހެންނެވެ. ނޫނީ ކަންފަތަށް މާ ބާރަށް އަޑު އިވުމުން ހީވާ ގޮތަކީ ކަމަަށް ވެސް ވެދާނެއެވެ.

” އަރީން މިރޭ މިގަޑީގައި ނައިނަމަ އަހަރެންނަކަށް ނޭނގެ ވާނެ ގޮތެއްވެސް.. ” މަލަކްގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.

” އަލްޙަމްދުލިﷲ އާދެވުނުކަން. ޒޯޔާ ބޭއްވި ވާހަކަ ބުނީމައި މިދިޔައީ. މަލަކް ނިދާފައި އޮތީމައި ދާން ނުގޮވީ. ލިޔެ ކިޔުމުގެ ކަންކަން މާ ލަސްވީމައި ގިނައިރު މިނެގީ.. އެހެންނޫނަމަ ބާރަ ޖެހުމުގެ ކުރިން އާދެވުނީސް… މާދަމާ ހެނދުނު ރަނގަޅިއްޔާ ދޫކޮއްލާނެ ކަމަށް ބުނީ… ދެން ނުރޮއެބަލަ މަލް. އިން ޝާ ﷲ ހުރިހާ ކަމެއް ވެސް ރަނގަޅުވާނޭ.. މާދަމާ އަހަރެން ބަލާނަން ފާރަށްވެފައި އިން ގޮތެއް.. ” ހޫނު ކަރުނަތައް ފައިބަމުން ދިޔަ މަލަކްްގެ ދެލޯ އަރީން ފުހެލަދިނެވެ.

” ޒޯޔާ މާ ސަކަރާތްވީ ދޯ؟ ހާދަ ދެރައޭ.. އަމާނީ ވެސް އެހެރީ ހުރި ގޮތް. ކީއްވެގެންތަ ކުއްލިއަކަށް އެހާ އުފާވެރި ދުވަސްތަކަކަށްފަހު މިކަހަލަ ދުވަސްތަކެއް މިދެއްކެވީ.؟ ” މަލަކް އަރީންގެ މޭގައި ބޯއަޅާލިއެވެ.

” އެގޮތަށް ނުވިސްނަބަލަ މަލަކް.. ” އަރީން މަލަކް މަސަލަސްކުރަން އޭނަގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.

” އެގޮތަށް ދޯ ވިސްނޭނީ… ކަންތައްތައް މިދާ ގޮތުން. އަހަރެން ހީކުރީ ޒޯޔާ އިރުފާން މެރީ ކުރީމައި ހުރިހާ ކަމެއް ވެސް ހަމަޖެހުނީ ކަމަށް. އެކަމަކު ކުއްލިއަކަށް މިއަދު މިހެން ދިމާވީމައި. އަމާނީ ރަނގަޅު ކުރާނެ ގޮތެއްވެސް އަހަރެންނަކަށް ނޭނގޭ.. އާ… ދޭބަލަ އަމާނީގެ ފަހަތުން. އޭތި އަނެއްކާ އަމާނީއަށް ގޯނާއެއްވެސް ކޮއްފާނެ.. ” މަލަކްއަށް ވިސްނާލެވުނީ ދެނެވެ.

” ކުރިން ވެސް އުޅުން އެތި ކަމަށް ވަންޏާ އަހަރެންނަށް ވަރަށް ހީނުވޭ ގޯނާ ކޮއްފާނެހެން. ގޭގައި އުޅޭ އެހެން މީހުންނަށް ޖެއްސުމެއްނު ކުރިން ވެސް ކުރީ.. ގޯނާއެއް ނުކުރެއެއްނު.. އެކަމަކު ވެސް އަންނާނަން ބަލާލާފައި ” އަރީން އެނދުން ތެދުވެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ކޯރިޑޯ ތެރެ ބަލާލި އިރު އަމާނީގެ ހިލަމެއް ނުވެއެވެ. ސިޑިން ދެވަނަ ބުރިއަށް އަރައި އަމާނީގެ ކޮޓަރިއާއި ދިމާއާށް ހިނގައިގަތެވެ. ހުޅުވާފައިވާ އެކޮޓަރީގެ ދޮރުން އެތެރެއަށް ވަތް އިރު އަމާނީގެ ހިލަމެއް ނުވެއެވެ. ރެއެކޭ އެއްފަދައިން ކޮޓަރީގެ ބޮކި ނުދިއްލުނު ނަމަވެސް ރެއެކޭ އެއްގޮތަށް ބެލްކަނީގެ ދޮރު ހުޅުވާފައިވެއެވެ. ފަރުދާ އެއް ފަރާތްކޮއްފައި އޭނަ ބޭރުު ބަލާލި އިރު އަމާނީ އިނީ އުނދޯލީގައެވެ. ހަނދުވަރުގެ ރީތި އަލީގައި މަޑުމަޑުން އުނދޯލި ހެއްލަ ހެއްލައި އިން އިރު ހިޔާލެއް ފިކުރެއްވެސް ނެތެވެ.

އަރީން ހިނގައިގަތީ އަމިއްލަ ކޮޓަރިއާއި ދިމާއަށެވެ. އެއީ ކުރިން ވެސް ގޭގައި އުޅުނު އެތި ކަމަށް ވަންޏާ އޭތި އަމާނީއަށް ގޯނާ ނުކުރާނެކަން އޭނައަށް ޔަޤީނެވެ. އެހެނަސް ނޭނގޭ ކަމަކީ އެއީ ކޮން އެއްޗެއްކަމެވެ. އާއެއްޗެއްކަން ނުވަތަ ހަމަ އޭތި ކަމެވެ. އެނގޭހާ ވެސް އެއްޗަކީ އޭތި ކަމަށް ވަންޏާ އޭތި ގޯނާ ނުކުރާނެކަމެވެ. ނަމަވެސް ނޭނގި އޮތް ކަމަކީ އަމާނީގެ ގައިތެރެއަށް ވަންނަން ޖެހުނު ގޮތެވެ. އެކަންތައް އެހެން ވާން ދިމާވީ ކީއްވެގެން ކަމެވެ. މީގެ ތޭވީސް އަހަރު ކުރިޔެކޭ އެއްފަދައިން ވީ ކަންތައް ތަކުރާރުވަނީ ކަމެއް ނުވަތަ ނޫންކަމެވެ. ބައްޕަގެ ދަރިޔަކަށް އޭނަ ނުވާ އިރު އޭތި ކަމަށް ވަންޏާ ދެން އޭތި ބޭނުންވަނީ ކޯޗެއްކަމެވެ. އޭނަގެ ދެކުދިން ކުރެ ކޮންމެވެސް ކުއްޖަކު ގެންދާނެކަމަށް ޤަފޫރުބެ ބުނަން ޖެހުނު ސަބަބެވެ.

—

ފަތިސްވެގެން އައި އިރު ނުނިދައި ލެޕްޓޮޕުން މަސައްކަތް ކުރަން އިން އަރީން އޮފީހުގައި އިން ފާހަނައިން ވުޟޫކޮއްލައިގެން ހިނގައިގަތީ މިސްކިތާއި ދިމާއަށެވެ. އޭރު ބަންގި ގޮވަން އިނީ ގާތް ގަނޑަކަށް ފަސް މިނެޓެވެ. ރޭގައި ފަހުން ކަންތައް ވެދިޔަ ގޮތުން ނިދި ނައިސްގެން އޮފީހަށް އައީއެވެ. މަލަކް ވެސް އޭނަ އަމާނީ ކޮބައިތޯ ބަލާފައި އަންނަން ވާ އިރަށް އޮތީ ނިދިފައެވެ.

ދާދި ކައިރީގައި ޖެހިފައި ހުރި މިސްކިތަށް ދާން އާދައިގެ ފިޔަވަޅުތަކެއް އަޅަމުން ދިޔަ އަރީންއަށް ހީވީ ފަހަތުން މީހަކު އަންނަ ހެންނެވެ. މިސްކިތަށް އަންނަ މީހެއް ކަމަށް ހިތާ ފަސްއެނބުރި ބަލާލި އިރު މީހަކު ފެންނާކަށް ނެތެވެ. ހީވި ގޮތެއް ކަމަށް ނިންމާ މިސްކިތް އިންނަ މަގަށް އަޅާލި އަރީން ޔަޤީންކޮއްލުމަށް ފަސް އެނބުރި ދެންމެ އައި މަގަށް ބަލާލި އަރީންއަށް ފެނުނީ ހިޔަންޏެކެވެ. މީހެއް އެތަނުގައި ފިލައި ހުރި ކަމުގެ ހިޔަންޏެކެވެ. އެހެނަސް އެކަމަކަށް ފަރުވާލެއް ނެތެވެ. ހިނގުން އެންމެ ބާރު ކޮއްލުމަށްފަހު އޭނަ މިސްކިތަށް އަރައިފިއެވެ.

ފަތިސް ނަމާދުން ނިމިގެން ޤުރުޢާން ކިޔެވުމަށްފަހު އޭނަ މިސްކިތުން ނުކުތީ އިރު ވެސް އެރި ފަހުންނެވެ. އެހެނަސް އުޑުމަތި ބަނަކޮށް އޮތުމުގެ ސަބަބުން އިރުގެ އަލިކަމެއް ފެންނާކަށް ނެތެވެ. ވަޒީފާއަށް މީހުން ދާ ދުވަހެއްކަމުން ބައިވަރު މީހުން މިހާ ހެނދުނާ ވެސް މަގުމަތީގައި އުޅެމުން ދިޔައެވެ. މިސްކިތުން ފައިބައި ސިޑި މަތީގައި ހުއްޓި މީހުންތަކަށް ނަޒަރު ހިންގާލިއެވެ. ފާހަގަ ކޮއްލެވޭ މީހެއް ފެންނާކަށް ނެތެވެ. އޮފީސް ކައިރިން ޖާގަ ނުލިބިގެން މިސްކިތް ކައިރީގައި ޕާކަށް ޖަހާފައިވާ ކާރަށް އަރައިގެން ގެޔާއި ދިމާއަށް މިސްރާބު ޖެހި އިރު ހެނދުނު ހަތެއް ޖަހަނީއެވެ.

—

ގޭގެ ދޮރުން އެތެރެއަށް ވަތް އަރީންއަށް ފެނުނީ ނަގޫރޯޅިއެއް އަރާފައިވާހެން އެއްވެސް ތަރުތީބެއް ނެތް ސިޓިންރޫމެވެ. ސޯފާ ވެސް އުއްޑުން ޖަހާފައިވާ އިރު ވާހެއް ވިޔަސް ފޮތެއް ވިޔަސް ހަމަޔަކަށް ނެތެވެ. އެއެއްޗެހިތައް ތަރުތީބު ކުރުމަށް އިރްދީނާއާއި ތައުމާގެ އިތުރުން ހުމޭރު ވެސް އުޅެމުން ދެއެވެ. އޭރު މަލަކް ހާސްވެފައި ފޯނުން ކޮންމެވެސް މީހަކަށް ގުޅަން ހުއްޓެވެ. ޖީބުގައި އޮތް ފޯނު ރިންގުވުމުން ގުޅަނީ އޭނައަށް ކަން އެނގުނެވެ.

” މަލަކް… ” އަރީން ދުރުގައި ހުރި މަލަކްއަށް ގޮވާލުމުން ކޯލް ކަނޑާލުމަށްފަހު މަލަކް އަރީންގެ ގާތަށް އައެވެ.

” މިއީ ކިހިނެތްވެފައި އޮތް ކަމެއް؟ ” އަރީން ސުވާލުކޮއްލިއެވެ.

” ނޭނގޭ. ހީވަނީ ޖެއްސުން ކޮއްފައިހެން މިއޮތީ.. އަހަރެން ނަމާދު ކޮއްލައިގެން މިނުކުތީ ސައި ހަދަންވެގެން. ނުކުތް އިރު އިރްދީނާމެން ތަރުތީބުކުރަން އުޅެނިކޮށް ފެނުނީ. އެހި ކިހިނެތްވީހޭ ވެސް. ރޭގައި ވަރަށް އަޑު ގަދަވެގެން ބޭރަށް ވެސް ނުކުތް ވާހަކަ ބުނި. އެކަމަކު އެއްވެސް ކަމެއް ފެންނާކަށް ނެތޯ އޭރު. ފަހުން އަޑެއް ނީވެޔޯ. އަހަރެން ވަކި ޖަވާބެއް ނުދެން. ” މަލަކް ބުނި އެއްޗަކުން އަރީން ފުންނޭވާއެއް ދޫކޮއްލިއެވެ. އަދި އަރީން މަލަކްގެ އަތުގައި ހިފައިގެން ހިނގައިގަތީ ފާރު ހުރި ކަމަށް ބުނާ ދިމާއަށެވެ. މަލަކް ބަލާލީ އަރީން އަށެވެ. މަލަކްއަށް ބަލާ ވެސް ނުލާ ހަރު ހިނގުމުގައި ހިނގާފައި ދިޔަ އަރީން އެހުރީ ވަރަށް ވެސް ރުޅި އައިސްފައިކަން އެނގުމުން މަލަކް އެއްޗެކޭ ނުބުނެއެވެ. އަރީން ހިނގަމުން ދިޔައީ އުނދޯއްޔާއި ތަންކޮޅެއް ދުރުގައިވާ ބިޔަ ފިނިފެންމާ ގަސްތަކާއި އެކި ވައްތަރުގެ މާގަސްތަކުގެ ކުޑަ ތަންކޮޅެއް އެތެރެއަށް ވަދެގެން ދާ އިރު އެހިސާބު ވަށައިގެން އަޅާފައިވާ ބިޔަ ފާރު ހުރި ދިމާއަށެެވެ. ބެލްކަނިން ބަލާ އިރު އެފާރު ނުފެންނަ ސަބަބަކީ މާ ގަސްތަކުގެ ސަބަބުންނެވެ. އެއީ އެފާރު އެތަނުގައި އެޅި ފަހުން އަމިއްލައަށް ހެދެން ފެށި މާ ގަސްތަކެކެވެ. އާދައިގެ އެހެން ގަސްތަކާއި ތަފާތުކޮށް ނުހަނު ބިޔަކޮށެވެ.

އުނދޯލި ކައިރިއަށް އަރާ ހަމަވި އިރު މާ ދުރުން މާ ގަސްތައް ވީރާނާ ވާން ފަށާފައިވާ އަސަރުތައް ފެންނަން ފެށިއެވެ. ވަގުތުން ކުރިޔަށް އަޅަމުން ދިޔަ ފިޔަވަޅުތަކާއި އެއްވަރަށް ދެމިހުންގެ ހިތް ވެސް ބާރަށް ތެޅެމުން ދިޔައެވެ. ކުރިމަތިލެވެން މިދަނީ ކިހާ ވަރެއްގެ ކަމެއްކަން އެދެމަފިރިންނަށް ވެސް އިހުސާސް ކުރެވެއެވެ.

ފާރު އިން ދިމާއާއި އަރާ ހަމަވި އިރު ބިންމަތީގައިވަނީ ގާތަކެވެ. ފާރުވަނީ ބިމާ ހަމަވެފައެވެ. ހިކި ފަތްތަކުން ބިންމަތި ފުރާފައިވާ އެޖަންގަލީގައި ސިހުރު ހަދައި ވަޅުލި ތަނުގައި އެންމެ ފަތެއް ވެސް ނެތެވެ. ކޮނެފައިވާ ތަނުން ފެންނަމުން ދިޔައީ ކަޅު ވެއްޔެއެވެ. އެއީ އިންސާނަކު ކޮއްފައިވާ އަމަލެއްކަން ޔަޤީނެވެ. އެއެއްޗަށް އަމިއްލައަކަށް އެތަނަކުން ނުނިކުމެވޭނެކަން އަރީންއަށް ޤަފޫރުބެ ބުނެދިން ހަނދާން އޭނަ އަދިވެސް އެބަ ހުއްޓެވެ. އެހެން ބަޔަކަށް ގެ ދީގެން އެތަން ހަލާކުކޮއްފާނެތީވެ މިއޮއް ހުރިހާ ދުވަހު ވެސް އަރީންމެން އުޅެން ނިންމީ އެގޭގައެވެ. އެފާރު ހިމާޔަތް ކުރުމަށެވެ. އާއިލާ ރައްކާތެރި ކުރުމަށެވެ.

މަލަކްއަށް ވަގުތުން ރޮއެގަނެވުނެވެ. ކުރީގެ ކަންތައްތައް އަލުން ތަކުރާރުވާން ފަށައިފި ކަމުގެ ހީ ޔަޤީނަށް ބަދަލުވެއްޖެއެވެ. ކުރިން ވެސް އެކަމަށް ދާއިމީ ހައްލެއް ނުހޯދުނު އިރު މިފަހަރު އަދި އަމުދުން ވަގުތީ ހައްލެއް ވެސް ހޯދި ދާނެހެނެއް ހިއެއް ނުވެއެވެ.

” ކާކު؟ ކާކު މިފަދަ ކަމެއް ކުރީ؟ ކާކު ކުރާނީ ވެސް!؟ ” އަރީން ވެސް ގޮސް ހުސްވެއްޖެއެވެ. މަލަކްގެ އަތުން ދޫކޮއްލުމަށްފަހު އޭނައަށް ހިނގައިގަނެވުނީ ގަސްތަކުގެ އެތެރެއަށެވެ. ހިކިފަތްތަކުގެ މަތިން މުރަނަ އަޑު ކިޔަމުން ދިޔަ އަޑު އެދުވާލު ވަގުތު ވެސް ނާމާން އަޑެއް ފަދައިން އިވެމުން ދިޔައެވެ. އަރީންގެ ފިޔަވަޅުތައް ބާރު ކޮއްލެވުނެވެ. އޭނަގެ މަންމަ ސިހުރު ހެދި ދިމާލުގައިވި އަމާނީގެ މަހާނަ ފެންނަން ހުއްޓެވެ. އޮއްސާލި ބޯ ވާރެއާއިއެކު މޮޔަވެފައިވާ މީހެއް ފަދައިން ބިންމައްޗަށް ތިރިވެ ދެއަތުން އެތަން ކޮންނަން ފެށިއެވެ. އެދޮން ދެއަތް ވެއްޔާއި އެކު ކިލާވިއެވެ. މާ ގިނަ އިރު ކޮންނާކަށް ނުޖެހުނެވެ. ކޮއްކޮ އަމާނީގެ ކަށިގަނޑު ފެނުނެވެ. އެހެނަސް ބޮލެއް ނެތެވެ.

” އަމާނީ! ” އަރީންއަށް ރޮއެގަނެވުނީ ދެނެވެ.

ނުނިމޭ

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ތިޔައީ މަގޭ މިތުރާއޭ 5

Next

ހަންޖަރު 9

Next
October 8, 2025

ހަންޖަރު 9

Previews
October 8, 2025

ތިޔައީ މަގޭ މިތުރާއޭ 5

2 Comments!

  1. K says:
    October 8, 2025 at 9:03 pm

    Vrhhh salhi can’t wait for next part.

    1. umny says:
      October 16, 2025 at 4:13 pm

      Jazakillah hairan dear 🩷🤍🩷

Comments are closed.



All Right Reserved!