ފިނި ވައިރޯޅިތަކާއި އެއްގޮތަށް ހޫރެމުން ދިޔަ އިސްތަށިތައް އެއް ފަރާތްވި ވަގުތު ކާކުކަން ފާހަގަވިއެވެ. ހުދު ހެދުމެއްގައި އެއްވެސް ހިޔާލެއް ފިކުރެއް ނެތި އިން އަމާނީ ފެނުމުން ޒޯޔާ ހިންދިރުވާލިއެވެ. މިއީ ރަނގަޅުކަމެއް ނޫންކަން ވިސްނި އަވަސް އަވަހަށް އެނބުރި ގެޔާއި ދިމާއަށް ދުއްވައިގަތް އިރު ވެސް އަމާނީ އެއިން ގޮތަށް އުނދޯލީގައި އިނެވެ. ހެނދުނެކޭ އެއްގޮތަށް ދެލޯ މަރައިގެންނެވެ. އެއްވެސް ކަމެއް ވެގެން އުޅޭހެން އިހުސާސް ވެސް ނުވާ ފަދައިންނެވެ.
—
ހެނދުނު އިރު އަރައިގެން އައި އިރު މަލަކް ކޮޓަރިން ނިކުމެ ސިޑިން ފައިބައިގެން އައި އިރު ފެނާއި އެކުވެފައި ހުރި ބޮޑުމީހެއްގެ ކިލާ ފިޔަވަޅުތައް ހުއްޓެވެ. ސިޑިން ފެށިގެން ގޭގެ ވަންނަ ދޮރާއި ހަމަޔަށް ސިޓިންރޫމުގައި ވެސް ހުއްޓެވެ. އޭރު އިރްދީނާ އަވަދިނެތި އުޅެނީ އެ ފިޔަވަޅުތައް ސާފުކުރުމުގައެވެ.
” އިރްދީނާ. މީކޮން ފިޔަވަޅުތަކެއް؟ ” މަލަކް ހައިރާންވެފައި ސުވާލުކޮއްލިއެވެ.
” ނޭނގެ މެޑަމް.. އަޅުގަނޑު ތެދުވެގެން އައި އިރު ވެސް ހުރި. ތިއީ ރޭގައި އަޅުގަނޑު ވެސް ނިދި ފަހުން ހުރި އެއްޗެހި. ” އިރްދީން ފިޔަވަޅުތައް ހުރި ހުރިހާ ދިމާލެއްގައި މޮޕުލަމުން ދިޔައެވެ.
” ވިހި އަހަރުވެގެން މިދިޔައީ މިކަހަލަ ފިޔަވަޅުތަކެއް ގޭ ތެރެއިން ނުފެންނަތާ… އިރުފާންއާއި އަމާނީ ކުޑައިރު ނޫނީ މިކަހަލަ ސަކަރާތް ގަނޑެއް ނުފެންނާނެ… ކާކު ކުރި ކަމެއްބާ؟ ” މަލަކް ހައިރާންވެފައި ހުރެ ބަދިގެޔަށް ވަތް އިރު މާ ހެނދުނަކާއި ޒޯޔާ ތައުމާއާއި އެކު މަސައްކަތުގައި އުޅެމުން ދިޔައެވެ. ވިސްނުމަކަށް ގެއްލިފައި އިން ހެން ޒޯޔާ ތައްޓަކަށް ފިޔާ ކޮށަން އިނެވެ.
” އަހަން ދަރިފުޅު… ހާދަ ހެނދުނަކާ؟ ” މަލަކް އައިސް ޒޯޔާ އަޅައިގެން އިން ކަޅު ބުރުގަލުގެ މަތިން ފިރުމާލުމުން ޒޯޔާ ސިހިފައި މަލަކްއާއި ދިމާއަށް ބަލާލިއެވެ.
” އާން.. ރޭގައި ރަނގަޅަކަށް ނުއެއް ނިދުނު. ކުޑަކޮށް ބޮލުގައި ރިއްސާތީވެ… ” ޒޯޔާ ހިނތިުންވެލިއެވެ.
” އަނެއްކާ ދަރިފުޅު ހުންއައީތަ؟ ” މަލަކް ޒޯޔާގެ ނިއްކުރީގައި އަތް ޖައްސާލިއެވެ.
” ހުން އައިއްސައެއްނު ދަރިފުޅު ތިހިރީ.. ދަރިފުޅު ނުވެސް ބުނެ. ކޮބާ އިރުފާން؟ ” މަލަކް ހިތްހަމައެއް ނުޖެހުނެވެ.
” އޮފީހަށް ގޮސްވީ… މަންމާ އަޅުގަނޑު ރަނގަޅޭ… ކުޑަކޮށެއްނު ހުން އައިސް ހުރީ… ” ޒޯޔާ އަތުގެ ނުފުށުން އަމިއްލަ ނިއްކުރީގައި އަތް ޖައްސާލިއެވެ.
” މަންމަ ހިތްހަމައެއް ނުޖެހޭ… ދަރިފުޅު ހިނގާ ރެސްޓްކުރަން… އިރުފާންއަށް މަންމަ މިގުޅަނީ.. ޒޯޔާ ހޮސްޕިޓަލަށް ދާން ގެންދަން އަންނަން ބުނަން… ” މަލަކް އަތުގައި އޮތް ފޯނު ނެގިއެވެ.
” އުހުން މަންމާ… އަޅުގަނޑު ރަނގަޅޭ… އިރުފާންއަށް ގުޅާނީ ސައިބޯން އަންނަންވީމައި… ” ޒޯޔާއަށް މަލަކް ބުނި ގޮތެއް ކަމަކު ނުދިޔައެވެ.
” އެހެންވިއްޔާ ދޭ ރެސްޓްކޮއްލަން.. މަންމަ ދާނަން ސައި ހިފައިގެން ބޭސްގުޅައެއް ހިފައިގެން އިނގޭ… ” މަލަކް އޯގާތެރިކަމާއި އެކު ބުންޏެވެ. މަލަކް ކުރުނުކޮށް ކިޔާތީ ޒޯޔާ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
” މަޑުކޮއްބަލަ ދަރިފުޅު.. ބޭރުގައި ހުރި ފިޔަވަޅުތަކާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް އިނގޭތަ؟ ” ޒޯޔާ ދާން އުޅެނިކޮށް މަލަކް އޭނަގެ އަތުގައި ހިފާ ހުއްޓުވިއެވެ.
” ނޭނގެ.. އަޅުގަނޑު ހޭލައިގެން އައި އިރު ވެސް ހުރި. އަމާނީގެ ކަންނޭނގެ.. ރޭގައި އަމާނީ ނިކުމެ އުޅެނިކޮށް ދެކުނިން ފެންފުޅިއެއް ބަލައި ދިޔަ ގަޑީގައި ” ޒޯޔާ ބުނެލިއެވެ.
—
” މިއަދުވެސް އޮފީހަށް ދޯ؟ ” އޮފީހުގައި ހުރި އިރުފާންގެ ކޮޓަރިއަށް ވަތް އަރީން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
” ބައްޕަ މިއަދު ދުވަން ނުދާ ދުވަހެއްތަ؟ ” އިރުފާން ސިހިފައި ތެދުވިއެވެ. އަދި ގޮސް މޭޒު ކުރިމަތީގައި ހުރި ނޫކުލައިގެ ސޯފާ ސެޓުގައި އިން އަރީންއާއި ޖެހިގެން އިށީނެވެ.
” މިއަދު ބައްޕައަށް ދަރިފުޅު މުހިންމުވީމައި މިއައީ… އިއްޔެ ވެސް އޮފީހަށް އައީމައި މިއަދުވެސް އަންނާނެކަން އިނގޭތީ ކޮބައިތޯ ބަލަން މިއައީ… ” އަރީން ބުނެލިއެވެ.
” ދަރިފުޅަށް އަންހެނުންނަށްވުރެ އޮފީސް ދޯ މުހިންމުވީ؟ އިން ފަހުން އަދި ދެދުވަސް މިވީ… އަނެއްކޮޅުން މި ހަފްތާ ބަންދުގައި ޕާޓީ ބޭއްވުމުގެ ކަންކަމާއި ދަރިފުޅުވެސް އުޅެން ޖެހޭނެ ދޯ؟ ޒޯޔާ އެކަންޏެއް ނޫން ދޯ ޕުލޭން ކުރާނީ؟ މީހަކާއި އިނަސް އަދިވެސް އޮފީސް ކަންތައްތައް ތަ އިސްކުރަނީ؟ ތިހާ ގިނައިން ވޯކް އިސް ނުކުރާށޭ ބައްޕަ ބުނަނީ ކަމެއްވީމައި ދޯ…؟ ” އަރީން އިރުފާންގެ ކޮނޑުގައި ހިފާލިއެވެ.
” އިނގެޔޭ ބައްޕާ… އެކަމަކު އަޅުގަނޑު ކޮންމެހެން ވެސް މިހާރު އޮތް ޕުރޮޖެކްޓް އަވަހަށް ނިންމާލަން ޖެހޭ އެބަ… ޒޯޔާ އަބަދުވެސް ގޭގައި އުޅޭނެތާ… ވޯކް ލަހެއް ނުކުރެވޭނެ ދޯ؟ އަވަހަށް ނިންމަން ޖެހޭ އެއްޗެއް…؟ ” އިރުފާން އަރީންއަށް ބަލާލިއެވެ.
” ތިއީ ތިކަހަލަ ފަސޭހަ ކަންކަމެއް ނޫނޭ އިރުފާން. ފުރަތަމަ ދުވަހު އަނބިމީހާއަށް ކަންތައް ކުރާ ގޮތަކަށް ދެން ފަހުން ވެސް ކަންތައް ކުރާނެ ކަމަށް އަންހެނުން ބަލާނީ.. ބޮޑުކަމެއް ޖެހޭ ދުވަހަކުން އަންހެނުންނަށް ވިސްނޭނީ ވެސް އެހެން. ގޭގައި އެއްކޮށް އުޅެމުން ވެސް ގޭގައި އެއްކޮށް މިއުޅެނީއޭ ނުބުނެވޭނެ. އެކީގައި އުޅެވޭނޭ ބުނެވޭނީ ދެމިހުން އެކުގައި ވާހަކަ ދައްކާލާ ނޫނީ އަންހެނުން ކުރާ މަސައްކަތުގައި ބައިވެރިވެލިއްޔާ ނޫނީ އެކުގައި ކޮންމެވެސް ކަމެއް ކޮޮއްލަންޏާ ދޯ؟ އިރުފާން ތިއީ މިހާރު ނުވިސްނޭ ވަރު ކުޑަކުއްޖެއް ނޫން… ދަރިފުޅުގެ އަލަތު ކައިވެނިވީމައި ބައްޕައަށް މިހެން މިވާހަކަ ދެއްކެނީ.. އަނެއްކާ ޒޯޔާއަކީ ކިހާ ރަނގަޅު ކުއްޖެއް..؟ ހަފްތާއެއްވަރު ޗުއްޓީ ނަގާލިޔަސް މަސައްކަތަށް ލަހެއް ނުވާނޭ… އެހެންނޫނަސް ބައްޕަ ވެސް މިހުރީނުން އާރޖެންޓު ކަމެއް ވަންޏާ..؟ ” އަރީން އިރުފާންއަށް ވިސްނައިދިނެވެ.
” ލައްބަ ބައްޕާ… ” ދެކޮޅު ހެދުމެއް ނެތް އިރުފާންގެ ޖަވާބުގައިވަނީ މަޑުމައިތިރިކަމެވެ. ދުވަހަކުވެސް އަރީންއާއި ދެކޮޅު ވާކަށް އޭނައަކަށް ނުކެރެއެވެ. މުޅިން ވެސް އަރީންއާއި މަލަކްގެ ހެޔޮ ތަރުބިއްޔަތެވެ. ދުވަހަކުވެސް އަރީންއާއި މަލަކްގެ ކުރިމަތީގައި ދެކޮޅަށް ބަހެއް ވެސް ނުބުނާނެއެވެ.
” މާޝާﷲ ދަރިފުޅު. ބައްޕައަށް ދެން ފެންނަނީ މިހަފްތާ ދެކުދިން ކޮންމެވެސް ތަނަކަށް ގޮސްލަން. ޕާޓީ ހެދިދާނެއެއްނު އައިއްސަ ވެސް…. ” އަރީން ހިޔާލެއް ދިނެވެ. އިރުފާން އެކަމާއި އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
” ކޮން އިރަކުންތަ ޒޯޔާ ޖޮބަށް ނިކުންނަނީ؟ ” އަރީން އަހާލިއެވެ.
” އަންނަ ހަފްތާ ކަމަށް ބުނީ. އަދި ސީދާ ޔަޤީނެއް ނޫން. ކުރިން އުޅުނު ސިޓީއިން މިކޮޅަށް ބަދަލުވާން ޖެހުނީމައި މިކޮޅު ހޮސްޕިޓަލުން އަދިވެސް ވަކި ޖަވާބެއް ނުދޭ.. ހީވަނީ ފުލްކޮށްހެން އުޅެނީ.” އިރުފާން ފުންނޭވާއެއް ދޫކޮއްލިއެވެ.
” އެހެންތަ؟ ބައްޕަ އަދި އެއްވާހަކަ އަހާލަންވެފައި އެބަ އޮތޭ.. ރޭ މަންމަ ދެއްކި ވާހަކައެއްވީމައި… ދަރިފުޅާއި ލާރާގެ އެއްވެސް ކަމެއް އޮވޭތަ؟ މަންމަ އިއްޔެ ބުނި ދެމިހުން ޒުވާބު ކުރި ވާހަކަ. ” އަރީން ނިއްއަރުވާލިއެވެ.
” ނޫން… އޭނަ ގާތުގައި އެއްޗެއް ގެނެސްދޭށޭ ބުނީމައި ނުލައި އައީމަ… ޒޯޔާ ބޭނުންވެގެން އުޅޭ ކޮންމެވެސް ވައްތަރެއްގެ މަލެއް.. ލާރާމެން ގޭގައި ހުންނަ. ” އިރުފާން ދޮގު ހަދަން ޖެހުނީތީ ދެރަވި ނަމަވެސް ތެދު ހަދައިފިނަމަ އަރީން އޭނައާއިި މެދު ދެކޭ ގޮތް ތަފާތު ވެދާނެއެވެ.
” އެވަރު ކަމަކާތަ؟ ސާބަހޭ ދަރިފުޅަށް.. ކޮބާ ހިނގާ އަވަހަށް ގެޔަށް ދަމާ… މިހާރު ސައި ހަދައިގެން މަންމަ ގުޅަން އުޅޭނެ… ” އަރީން އަތު ކުރީގައި އޮތް ގަޑިން ވީ އިރެއް ބަލާލިއެވެ.
—
ހެނދުނު ސަޔަށް ހެދި ބޭކްޑް ބީންސްގެ ބަދަލުގައި ޒޯޔާ ހުން އައިސް ހުރުމުން ސޭންޑްވިޗްއަކާއި އޮރެންޖު ޖޫހާއި ބޭސް އަދި ފެންތައްޓަކާއި ރުމާލެއް ހިފައިގެން ތަބަކަށް ލައިގެން މަލަކް އައިސް ޒޯޔާގެ ކޮޓަރި ދޮރުގައި ޓަކި ދިނެވެ. ޒޯޔާގެ ޙަބަރެއް ނުވުމުން ތަޅު އަނބުރާލި އިރު ދޮރު ހުރީ ތަޅުނުލައެވެ. އެއްއަތުން ތަބަށް ހިފައިގެން މަލަކް އެތެރެއަށް ވަދެ ސައިޑް ޓޭބަލް މަތީގައި ތަބަށް ބަހައްޓާލިއެވެ. އަދި ޒޯޔާ ނިދިފައި އޮތުމުން ނުގޮވާ ތަށި ތެރެއަށް ރުމާލައި ފޯކޮށްލާފައި ނަގާ ޒޯޔާގެ ނިއްމަތީގައި ތެތް ފޮތިގަނޑު އަޅާލަމުން މަލަކް ކޮޓަރިން ނިކުތެވެ.
އަދިވެސް އެއްކޮށް ރަނގަޅުނުވެ ބޮކިތައް ނިވިދިއްލޭތީ ކޯރިޑޯ ތެރޭގައިވަނީ ފަނޑު އަލިކަމެކެވެ. މަޑު ހިނގުމެއްގައި މަލަކް ގޮސް އަމާނީގެ ކޮޓަރި ދޮރުގައި ޖަހާލި އިރު އެކޮޓަރިން ވެސް ޙަބަރެއް ނުވިއެވެ. އަމާނީ މިގަޑީގައި ނިދަނީބާއޭ ހިތައި ހައިރާންވެ މަލަކް ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް އިރު އަމާނީ އޮތީ އެނދުގައެވެ. ކުރިން ނޫޅޭ ގޮތަށް ޖެހިގެން ޖެހިގެން ދެދުވަހު އެހާ ލަސްވާންދެން ނިދަން އޮތުމުން ހިސާބަކަށް ކަންބޮޑުވެފައި ހުރެ މަލަކް ކޮޓަރީގެ ކުޑަދޮރު ފޮތިގަނޑު ކަހާލިއެވެ. އަލި ގަދަވެގެެން ކުވިލްޓް ކަވަރު ބޮލުގަޔާއި އެެއްކޮށް އަޅާލި އަމާނީގެ ފައި ފެނުނީ ދެނެވެ. ކިލާވެފައިވާ ދެފައިގައި ހުރި ކިލާތައް މަޑު ފިޔާތޮށިކުލައިގެ ބެޑްޝީޓާއި ކުވިލްޓްގައި ހޭކިފައިވެއެވެ. ރަނގަޅަށް ބަލާލި އިރު ބިންމަތީގައި ވެސް ފިޔަވަޅުތައް ހުއްޓެވެ. މަލަކް ހިތްހަމަ ނުޖެހިފައި އަމާނީގެ ފޮތިގަނޑު ނަަގަން އުޅުނެވެ. އަމާނީގެ ދެއަތުން ވަރުގަދައަށް ދަމައިގަތުމުން މަލަކް ކުއްލި ލައްކާއިއެކު ކުވިލްޓް އިން އަތް ދޫވެ އޭނަ ގޮސް ޖެހުނީ ކޮޓަރީގައި ހުރި ތަނބުގައެވެ. އެއްލި ކަޅިން ސީލިންގުގައި ހުރި އެއްޗެހި އަޅައިގަތީ ދެނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Mi part ves vrhhh salhi. Keep up the good work.. waiting for next part
Jazakillah hairan dear 🩷🩷🩷 submit kohlaafa ihnaaney part 8