Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ގާތުގައިވި އަނދިރިކަން 6-2

umny Level 210 Stories
September 29, 2025 5 Mins Read
2 Comments

މެންޝަންގެ ހުޅުވުނު ގޭޓުން ވަދެގެން އައީ ޒުވާން އަންހެން ކުއްޖެކެވެ. ހީވާ ގޮތުން އަމާނީއާއި އުމުރުގެ ގޮތުން އެހާ ދޮއްޓެއް ނުވާނެއެވެ. އާދައިގެ ގޮތްތަކަށް ލޯބި ކުރާކަން ލައިގެން ހުރި ހެދުމަށް ބަލާލުމުން ވެސް އެނގޭނެއެވެ. ކޮނޑުގައި އޮތް ހުދު ދަބަހުގެ ވާގަނޑުގައި ހިފަހައްޓާލައިގެން އައިސް ދޮރުމައްޗަށް މަޑުކޮއްލި އެކުއްޖާއަށް ދުރުގައި ހެއްލެމުން ދިޔަ އުނދޯލި ފެނުނެވެ. އުނދޯލީގައި އިން އަމާނީގެ ގާތުގައި އިން ކަޅު އެތި ލޮލުގައި އަޅައިގަތުމާއި އެކު ބިރުން ފަހަތަށް ޖެހިލެވުނެވެ.

” ލާރާ..؟ ހާދަ ހެނދުނަކާ؟ ކިހިނެތްވީ؟ ” މެދު ގޯއްޗަށް ނިކުތް މަލަކްއަށް ދޮރުމަތީގައި ހުރި ލާރާ އަޅައިގަތެވެ.

” ލާރާ؟ ” މަލަކްގެ އަޑު ލާރާއަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. ބިރުން ހުރި ވަރުން ދެއަތް ތުރުތުރު އަޅަމުން ދިޔަ ލާރާގެ ދެލޯ އަމާޒުވެފައި އަދިވެސް ވީ އަމާނީއަށެވެ.އެ ބިޔަ ބިޔަ ކަޅު އެއްޗަށެވެ.

” ލާރާ! ” މަލަކްގެ ފަސް ފަހަތުން ނިކުތް އިރުފާންއަށް ލާރާ ފެނިގެން ގޮވާލި އަޑަށް އޭނައަށް ވަގުތުން ހޭވެރިކަންވެ ސުވާލު އުފެދިފައި ހުރި މަލަކްއާއި އިރުފާންއަށް ބަލާލިއެވެ.

” މަލަކް ދައްތާ… އަޅުގަނޑު މިވަގުތު ގޮސްލީ… ” ލާރާ ޖަވާބު ދިން އިރު އޭނަގެ ލޯ އަމާޒުވެފައިވީ މަލަކްގެ ފަހަތުގައި ގޭގެ ދޮރު ކައިރީގައިވި ސިޑި މަތީގައި ހުރި އިރުފާންއަށެވެ. އޭރު އިރުފާންގެ ދެލޮލުން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.

” މަޑުކޮއްބަލަ. ދެންމެ އެއްނު އަދި ތިއައީ… ހާދަ އަވަހަކަށް ދާން ތިއުޅެނީ..؟ މިގެޔަށް ނާންނަތާ ވެސް މިހާރު ކިހާ ދުވަހެއް؟ ” މަލަކް ގޮސް ހިނގައިގަންނަން އުޅުނު ލާރާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

” ދައްތާ އަޅުގަނޑު ފަހުން އަންނާނަން.. މިގަޑީ ތަނަކަށް ދަމުން މިވަދެލީ… ” މަލަކްގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ލާރާ މަލަކްގެ އަތުން ރެކިގަންނަމުން ބާރަށް ހިނގައިގަތެވެ.

” ކިހިނެތްބާ އެވީ؟ ވަރަށް ފާޑަކަށް އެހުރީ ވެސް… ” މަލަކް ހައިރާންވެފައި އިރުފާންއަށް ބަލާލަމުން ބުނެލިއެވެ.

” ނޭނގެ… މަންމާ.. އަހަރެން އެބަ އަންނަން.. ” އިރުފާން ދުއްވައިގަތީ ލާރާ އަތުވޭތޯއެވެ. އިރުފާން ދިޔަ ދިމާއަށް ބަލަން މަލަކްއަށް ހުރެވުނެވެ.

” ލާރާ! ” ގޭޓުން ނިކުންނަން ދިޔަ ލާރާގެ އަތުގައި އިރުފާން ބާރަކަށް ހިފައިގަތެވެ. އޭރު ލާރާގެ ދެލޮލުގައިވަނީ ކަރުނަތައް ގިނަވެފައެވެ.

” މޮޔަވީތަ؟ އަހަރެން ބުނިން ދޯ މީގެ ފަހުން ދެން މިގެޔަށް ނާންނާށޭ… އެހެން ބުނީ އެއީ ލާރާއަށް ވެސް ރަނގަޅަކަށޭ… ” އިރުފާންގެ މޫނުމަތިން ފެނުނީ އިންތިހާއަށް ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.

” ސޮރީ…. އައި ކުޑުންޓް ހެލްޕް އިޓް އިރުފާން… ” ލާރާގެ ދެލޮލުގައި ހުރި ކަރުނަތައް ފައިބައިގަތީ ދެނެވެ.

” ކިތައް ފަހަރު ބުނާނީ އަހަރެން ލާރާދެކެ ލޯތްބެއް ނުވެއޭ..؟ ކީއްވެތަ އަޑު ނީވެނީ؟ ލާރާ އަހަރެންނަށްވުރެ ތިން އަހަރު ދޮށި. ގޭގައި އުޅުނު މެލެރީ ދައްތަގެ ދަރިޔަކަށްވީމައި މަންމަ ބުނެފައި އޮތީ ތިއީ ދައްތައެއްކަމަށް އަބަދުވެސް ދުށުމަށް. އެހެންނޫނަސް އަހަރެން މިއީ މިހާރު މީހެއްގެ ފިރިއެއް… އަހަރެން މަތިން ހަނދާންނައްތާލާ… ތި ކުރެވެނީ މުޅިން ވެސް ބޭކާރު ހިޔާލު… ” އިރުފާން ފުންނޭވާއެއް ދޫކޮއްލިއެވެ. އޭރު ލާރާގެ ނަޒަރު ހުއްޓިފައިވަނީ އިރުފާންގެ ވައަތު ކަށި އިނގިލީގައި އިން ރިހި އަނގޮޓިއަށެވެ.

” އަހަރެން ގޮޮސްދާނަން.. އެކަމަކު އަހަރެން ބުނަން ބޭނުންވަނީ ނަމަނަމަ އިރުފާން ދަރިޔަކު ނުހޯދާތިވޭ… އެހެންނޫނީ ކުރިން… ” ލާރާ ބުނަން އުޅުނު އެތި ފުރިހަމަވުމުގެ ކުރިން އިރުފާން އަތުން އެކަން މަނާކުރިއެވެ.

” ތިއީ ކާކުތަ އަހަރެންނަށް ދަރިޔެއް ނުހޯދޭނޭ ބުނަން؟ ރައްކާވޭ މިތަނުން!!! ” އިރުފާންގެ ގާތަށް ރުޅިއައީ ދެނެވެ. ބިރުގަނެފައި ހުރި ލާރާގެ ދެލޮލުން ކުރިޔަށްވުރެ ކަރުނަތައް ގިނަވެގަތެވެ. އަދި ކުރިޔަށްވުރެ ބާރަށް ފިޔަވަޅުތައް އަޅަމުން އިރުފާންގެ ލޯމަތިން ގެއްލުނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އިރުފާންއަށް ފުންނޭވާއެއް ދޫކޮއްލެވުނީ ދެނެވެ.

—

” އިރުފާންއަށް ވަރަށް ބޮޑުކަމެއް ވެގެން އުޅޭހެން މަށަށް ހީވަނީ… ” ކޮޓަރީގެ ޑުރެސިން ޓޭބަލް ދޮށުގައި އަތުގައި ލޯޝަން ލާން އިން މަލަކް ފަހަތުގައި އިން އެނދުގައި އިން އަރީންއާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ. އޭރު ލޯޝަންގެ މަޑު ކޮކޯ ވަހަކުން ކޮޓަރިތެރެވަނީ އެއްވަސްވެފައެވެ.

” ކިހިނެތްވީ އެހެން ތިބުނީ؟ ކޮންކަމަކާ ހާސްވާންވީ؟ އިއްޔެއެއްނު އަދި މެރީ ކުރީ..؟ ” އަރީން އަތުގައި އޮތް ފޮތް ބާއްވާލިއެވެ. އެއީ މީގެ ތޭވީސް އަހަރު ކުރިން އަލަށް ކީ ސަލީމްގެ ޑައިރީން އިން ފޮތެކެވެ. ކުޑައިރުގެ އުފާވެރި ހަނދާންތައް އަލުން އާލާ ކުރުމަށް ދޭތެރެ ދޭތެރެއިން އަރީން އެފޮތްތައް ނަގައި ކިޔާ ހަދައެވެ. މިހާ ދުވަސްވީ އިރު ފޮތްތައް ހަލާކުނުވެ އޮތީ ކޮންމެ ގަނޑެއްވެސް ހަލާކުނުވާނެހެން ފާޑެއްގެ ކަވަރެއް ކޮންމެ ގަނޑަކަށްވެސް ލައްވާފައިވާތީއެވެ. އެފޮތްތަކުގައި ހިތްދަތި އެތަކެއް ކަމެއް ލިޔެވިފައިވީ ނަމަވެސް ކުރިޔަށް އޮތް ޖީލަށް އެނގެން ޖެހޭ ވާހަކަތަކެއް ކަމެއް އަރީން ޤަބޫލުކުރާތީއެވެ. އެހެން ނޫނީ ބޭރުގައި ގެ ރައްކާތެރި ކުރުމަށް ހެދި ފާރަކީ ބޭކާރު އެއްޗަކަށްވެގެން ދާނެއެވެ. އެހެނަސް އަރީން އަދިވެސް އެއިން އެންމެ ފޮތެއްވެސް އަދި އެކަމުގެ ހަޤީޤަތެއްވެސް އިރުފާންއާއި އަމާނީއަކަށް ކިޔައެއް ނުދެއެވެ. އެދެބެން އެކަމާއި ދެކި ދާނެ ގޮތުން ހިތް އަދިވެސް ބުނަން ބޭނުން ނުވަނީއެވެ. އެދެބެއިންނަށް ހަމައެކަނި އެނގޭނެ ކަމަކީ އެފާރަކީ ރައްކަލެއް ކަމެވެ. ދުވަހެއްގެ ކޮޅުން ވިޔަސް އެތަނަށް ވަދެގެން ނުވާނެކަމެވެ. ކޮއްކޮ އަމާނީގެ މަހާނަ އަދިވެސް އެތަނުގައިވީ ނަމަވެސް އެތަނަށް އެއްވެސް މީހަކު ވަނުމަކީ ރައްކާތެރި ކަމަކަށް ނުވާތީއެވެ.

” އެހެންވީމައި މި ބުނަނީ… އޭނަ ކޮންކަމަކާހޭ ފިކުރު ކުރަންވީ..؟ އެހެންޏާ މިހާރަކަށް އައިސް ވަރަށް ގެޔަށް އައިސް ނަހަދާ ލާރާ ވެސް އައި ހެނދުނު… މަށަށް ހީވަނީ ދެމިހުން ދެމެދުގައި ކަމެއް އުޅެނީހެން… ” މަލަކް ކަންބޮޑުވެފައި އަރީންއަށް ބަލާލިއެވެ.

” މަށަަކަށް ހިޔެއް ނުވޭ. އެހެންނޫނަސް އަހަރެން ބައްޕައާއި ގުޅުމެއްވެސް ހުރީއެއްނު ނޫން ބައްޕަގެ ގޮތް އިރުފާންގެ ގައިގައި ހަރުލާކަށް… އިން ފަހުން އަދި ދުވަހެއް މިވީ… ޒޯޔާއަށް ވެސް އިނގޭނެ ދޯ ކަމެއް ވަންޏާ. ” އަރީން އެވާހަކަތައް ޤަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ.

” ޒޯޔާ ނުބުނެ ވެސް ހުރެދާނެ… އަހަރެމެން ހާސްވެދާނެތީ. އެހާވެސް އަޙުލާޤު ރަނގަޅު ކުއްޖެއް އެއީ. އިރުފާންގެ ވާހަކަ އަހަރެން ވެސް ޤަބޫލު ކުރާކަށް ބޭނުމެއް ނޫނޭ… އެކަމަކު ލާރާއާއި އިރުފާންގެ މެދުގައި ޒުވާބެއް ހިނގި ހަމަ ގައިމުވެސް. އަހަރެން ދުށިން ގޭޓުގައި ކައިރީގައި އެދެމިހުން ތިއްބާ… އަރީން އަޅެ އިރުފާންއާއި ވާހަކަ ދައްކާލާފައި ވީ ގޮތެއް ބަލަންވީނުން. ” މަލަކް ލޯޝަން ފުޅި މަތި ޖަހާލަމުން ފުނާ ނަގައި ބޮލުގައި އަޅާލިއެވެ.

” ދެން ތިހެން ހަދާނީ ދޯ؟ އާ…. މަލަކް ބޭސް ގުޅައެއް ގެނެސްދީބަލަ… އަހަރެން ހަނދާންނެތިފައި މިހުރީ… ” އަރީން އެނދުގައި ހަމަޖެހިލަން އުޅެނިކޮށް ވީތަދުން ވައަތުގައި ހިފަހައްޓާލެވުނެވެ. މަލަކް ބޯ ހޫރުވާލަމުން ފުނާ ބާއްވާފައި އަރީންގެ ގާތަށް ދިޔައެވެ.

” އަރީން ގާތުގައި އަބަދުވެސް ބުނަން ދޯ އަވަހަށް ބޭސް ކާށޭ ކައިގެން… ” މަލަކް ހިތްހަމަ ނުޖެހިފައި ހުރެ ސައިޑް ޓޭބަލް މަތީގައި ހުރި  އަރީންގެ ބޭސް ގުޅަ އާއި ފެންތަށި ދިނެވެ.
” ވައިފް ތިހިރީނުން އަބަދުވެސް ހެލްޕްވާން… ” އަރީން ބޭސްގުޅަ ކާލައި ފެންތަށި ބޯލަމުން މަލަކްއަށް އެއްލޯ މަރާލިއެވެ.

” ސާބަސް. އަދިވެސް އުޅޭ ގޮތްދޯ؟ އަހަރެން އަބަދަކު ނުހުންނާނެއެއްނު ހެލްޕްވާކަށް… އަރީންއަށް ވެސް އިނގޭނެ މިހާރު އެކްސިޑެންޓްވެގެން ދިޔަ ފަހުން ފަސް މަސް ވެގެން މިދިޔައީ… އެނގޭނެ ދޯ ސާރޖަރީ ކުރިޔަސް އަދިވެސް އެއްކޮށް ރަނގަޅު ނުވާތީ ބޭސްކާން ޖެހޭނެކަން… ” މަލަކް ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. މީގެ ފަސް މަސް ކުރިން ކާރު އެކްސިޑެންޓްއެއް ދިމާވެ އަރީންގެ ވައަތް ބިނދި އަދިވެސް މުޅިން އެއްކޮށް ރަނގަޅު ނުވާތީވެ ޤަވައިދުން ބޭސްކައި ތެރަޕީ ނަގަން ޖެހެއެވެ.

” ލައްބަ މައި ލަވްލީ ވައިފީ… ދެން އާދޭ ނިދަން އިނގޭ… ” އަރީން އެނދު ކައިރީގައި ހުރި ލޭމްޕް ނިއްވާލާފައި އޮށޯވުމުން މަލަކް ވެސް ގޮސް އަރީންއާއި ޖެހިގެން ނިދަން އޮށޯތެވެ.

—

ހެނދުނު ވީ ކަންތަކާއި ފިކުރު ބޮޑުވެފައި ކޮޓަރީގައި އިން މުށިކުލައިގެ ދެގޮނޑީގެ ސޯފާގައި އިށީނދެލައިގެން ޒޯޔާ އިނެވެ. އެއީ ހަމަ ހީއެއްކަމަށް އޭނައަކަށް ޤަބޫލެއް ނުކުރެވެއެވެ. ދެން އައި ހިޔާލުން އޭނަގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި އަވަސް އަވަހަށް ފޯނު ނަގައި ނަންބަރަކަށް ގުޅާލިއެވެ.

” ފޯނު ނަގާބަލަ…. ” ޒޯޔާ ހާސްވެފައި އިން ވަރުން އަތުގެ އިނގިލިތަކުގެ ނިޔަފަތިގަނޑު ހެފެމުން ދިޔައެވެ. ރިންގުވެގެން ގޮސް ކެނޑުނު އިރު ވެސް އެމީހަކު ފޯނެއް ނުނަގައެވެ. ޒޯޔާ ދެން ގޮސް ހުޅުވާލީ އިއްޔެ ހެދުންތައް އަޅައިގެން ގެނައި ލަގެޖެވެ. ވަގުތު ނުވުމުގެ ސަބަބުން އަލަމާރިއަށް އަދި ނޭޅި ހުރި ފޮށިގަނޑު ހުޅުވާލުމަށްފަހު ނެގީ ހިތެއްގެ ބައްޓަމަށް އިން ނޫކުލައިގެ މުށި ފޮއްޓެކެވެ. އޭގައި އޮތް ކުޑަ ފޮޓޯގަނޑެއްގެ ދަށުގައި ފާޑެއްގެ ކަޅުކުލަ ޒާތަކަށް އޮތް ފަށެކެވެ. އެނދުގައި ނިދަން އޮތް އިރުފާންއަށް ބަލާލައި ގަޑި ބަލާލި އިރު ދަންވަރު އެކެއް ޖަހަނީއެވެ. ފަނޑު ނިދާ ބޮކީގެ އަލިކަމުގައި މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވައިގެން ބޭރަށް ނުކުތް އިރު ކުރިން ދުވަހެކޭ އެއް ގޮތަށް ކޯރިޑޯގެ ބޮކިތައް ނިވި ދިއްލެނީއެވެ. ޒޯޔާއަށް އަތުގައި އޮތް ފަށުގައި ބާރަަށް މުށްކަވައި ލެވުނެވެ.

އަވަސް ހިނގުމެއްގައި ސިޑިން ފައިބައިގެން އައި އިރު އެންމެ ތިރީ ބައިގައި ވެސް ވަނީ ފަނޑު އަލިކަމެކެވެ. ނޯކަރުންނަށް އަޑު ނީވޭނެހެން ބޮޑު ދޮރު ހުޅުވާފައި ނުކުތް އިރު ބުރު ހަމަ ހަނދު އޭގެ އެންމެ ފުރިހަމަ މިނުގައި ފެންނަން ހުއްޓެެވެ. ހަނދުގެ އަލިކަމުގެ އެހީގައި ޒޯޔާ ހިނގައިގަތީ އުނދޯލި ކައިރީގައި ހުރި ގަސްތަކާއި ދިމާއަށެވެ. އުނދޯއްޔާއި ކުޑަ ތަންކޮޅެއް ދުރުގައި ކުރިން ފާރެއް ހުރި ކަމަށް ބުނާ ދިމާއަށް އޭނަ ބަލާލިއެވެ. ބިމާ ހަމަވެފައިވާ ފާރުގެ ގާތަކުގެ މަތިން އެތެރެއަށް ހިނގައި ގަންނަން އުޅެނިކޮށް އުނދޯލި ހެއްލޭ އިރު ދަގަނޑު ގަނޑު ހެލޭތީ ގޮވާ ފަދަ ތޫލި އަޑެއް އިވުމުން އޭނަގެ ފިޔަވަޅުތައް މަޑު ޖެހިލިއެވެ. މަޑުމަޑުން ފަސް އެނބުރި ފަހަތް ބަލާލި އިރު އުނދޯލީގައި އިށީނދެލައިގެން އަންހެންކުއްޖަކު އިނެވެ. ފިނި ވައިރޯޅިތަކާއި އެއްގޮތަށް ހޫރެމުން ދިޔަ އިސްތަށިތައް އެއް ފަރާތްވި ވަގުތު ކާކުކަން ފާހަގަވިއެވެ. ހުދު ހެދުމެއްގައި އެއްވެސް ހިޔާލެއް ފިކުރެއް ނެތި އިން އަމާނީ ފެނުމުން ޒޯޔާ ބިރުން ހިންދިރުވާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ހިތް އެދެ ޔާރާ ތިއޭ – 44

Next

ރޭފަނާ – 8

Next
September 29, 2025

ރޭފަނާ – 8

Previews
September 29, 2025

ހިތް އެދެ ޔާރާ ތިއޭ – 44

2 Comments!

  1. K says:
    September 29, 2025 at 3:29 pm

    Vrhhhhhhh salhi mi part up koh dhehchey next part avahah eagerly waiting 😭💕

  2. umny says:
    September 29, 2025 at 9:06 pm

    Jazakillah hairan 🩷🩷🩷 Already submitted part 7.

Comments are closed.

Next Episodeގާތުގައިވި އަނދިރިކަން 7-2←


All Right Reserved!