ހިތުގެ ރިހުން (29)
އަޙުމަދު ކޮޓަރިން ނިކުންނަން ދޮރުގައި ހިފާލަން ބަލާލި ވަގުތު ދޮރު ނުލެއްޕި ހުރިތަން ފެނުމުން ތެޅިލެވުނެވެ. ޔާސިންއަށް ދެއްކި ހުރިހާ ވާހަކަ އެއް އަޑުއިވޭނެ ކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ގަނެފައިވާ ބިރު ޔާސިންއަށް ނުދެއްކުމަށް ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ގޮސް ގޮޑީގައި އިށީދެލިއެވެ.
“ޔާސިން އެޕާރޓްމަންޓަށް ވަތް އިރު އިތުރު މީހެއް ހުރިތަ؟” އަހުމަދު އަހާލިއެވެ.
“ދެން ތިކުރާ އެއްވެސް ސުވާލަކަށް އަހަރެން ޖަވާބުދޭނީ ލޯޔަރަކާއެކު” ޔާސިން ގަދަކޮށްލިއެވެ. އަޙުމަދު ހަދާނެ ގޮތް ހުސްވިއެވެ. ޔާސިން މި މަރަށް އިއުތިރާފް ނުވެއްޖެނަމަ އަހުމަދުގެ ކޮއްކޮގެ ދަރިފުޅު ޔުނާން މިކަމުގައި ބެދޭނެއެވެ. އާދަމް މަރާލީ ޔުނާންކަން އިނގިހުރެ އަހުމަދު ދިޔައީ ޔާސިން އެކަމަށް އެއްބަސް ކުރެވޭތޯ ބަލަމުންނެވެ.
“ފުރަތަމަ ލޯޔަރަކަށް އެދުނު އިރު ލޯޔަރެއް ބޭނުން ނެތޭ ބުނީމެއްނުން.. ދެން ތަހުޤީޤު ކުރިއަށް ދާނީ އެހެން..” އަހުމަދު ބުނެލިއެވެ. ޔާސިން ބޮލުގައި އަތް އަޅާލިއެވެ. ހެދުނީ މޮޔަ އެއްޗެކޭ ހިތައް އަރަމުން ދިޔައެވެ. ނަމަވެސް ޔާސިންއަށް ނޭގޭ އެއްކަމެއް އެބައޮތެވެ. ތަހުޤީޤުގެ މަރުހަލާ ނިމި ނިމި ހުއްޓެއްކަމަކު ލޯޔަރަކަށް އެދިއްޖެ ނަމަ ލޯޔަރަކު ހަމަ ނުޖައްސާ ކުރިއަކަށް ނުގެންދެވޭނެ ކަމެވެ. އަހުމަދުގެ ވާހަކަ ޔާސިން ގަބޫލު ކުރިކަން އެގުމުން އަހުމަދު އެއްމިއްޔަކުން ހީލިއެވެ.
“ޖަވާބު ދީ ކީއްވެ އާދަމް މަރާލީ… ޔާސިން އަބިމީހާ އާދަމް އާ ގުޅުމެއް އޮންނާތީ އެކަމާ ހަސަދަ ވެގެންތަ..” އަހުމަދުގެ އަޑުގައި ރުޅިވެރިކަންވިއެވެ.
“އަހަންނެއް ނޫނޭ އާދަމް މަރާލީ.. ކީއްވެތަ އަހަރެން ބުނާ އެއްޗެއް އަޑު ނާހަނީ… ތިވީޑިއޯގެ ބާކީ ބައި ކޮބާހޭ.. ކީއްވެ އެއްކޮޅަށް ބުރަވެ ތަހުޤީޤު ކުރިއަށް ގެންދަނީ…” ޔާސިންވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.
” ކޮންމެހެން އަހަންނަށް ތަހުގީގު ކުރާނެ ގޮތް ކިޔާދޭނެ ކަމެއް ނެތް. މި ބަޔާނުގަ ސޮއެ ކުރޭ…” އަހުމަދު ދިން ގަނޑު ޔާސިން ކިޔާލިއެވެ. އޭގައި ލިޔެފައިވަނީ އާދަމް މަރާލީ އޭނާ ކަމާއި މަރާލި ގޮތް ވެސް ވަރަށް ތަފްސީލުކޮށް ލިޔެފައިވެއެވެ. ޔާސިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
” ކަލޭމެން ސިފައިން ހުވައެއް ކޮއްގެން ތިތިބެނީ ރައްޔަތުން ހިމާޔަތް ކުރަން… މީގަ މިއޮތީ ޔުނާން އެކޭ އެބުނާ މީހާ އާދަމް މަރާލިގޮތްތަ…” ޔާސިން ޔުނާން އޭ ބުނުމުން އަހުމަދަށް ބޭ އިހްތިޔާރުގައި ޔާސިގެ ގައިގާ ބާރަކަށް ޖެހުނެވެ. ޔާސިން އަށްވުރެ ބިޔަކޮށް ހުންނަ އަހުމަދުގެ އެތިފަހަރުވީ ޔާސިން ހޭނެތިގެން ވެއްޓުނު އެތިފަހަރަކަށެވެ.
****
ހައެއްކަ ޕޮލިހުން ދުވެފައި ޔާސިން ބައިންދާފައި އިން ކޮޓަރިއާ ދިމާލަށް އައެވެ. ޔާސިރުމެން ދެބަފައިންނާ މަންސޫރުގެ ދެބަފައިން އެކު އެކީހެން ތެދުވެވުނެވެ. ލަމްހާވެސް އެމީހުންނާއެކު ދުވެފައި އަންނަ ތަން ފެނުމުން މަންސޫރު އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“ކިހިނެއްވީ.. ހާދަ ބައިވަރު ޕޮލިހުންނެއް…” މަންސޫރު ކަންބޮޑުވިއެވެ.
“ޔާސިން ހޭނެތިގެން… ހޮސްޕިޓަލަށް ގެންދަންވެގެން… ކުއްލިއަކަށް ވީ ގޮތެކޯ…” ލަމްހާ މިހެން ބުނުމަށްފަހު އަވަސް އަރުވާލައިން ދުއްވައިގަތެވެ.
“ޔާރައްބީ މަގޭ ދަރި..” ކޮޅަށް ހުރި ޔާސިރު ބޮލުގައި އަތް އަޅާލަމުން ގޮޑިއަށް ތިރިވިއެވެ. ހުޝާމް އާއި ނޫރާ އެކު އެކީހެން ޔާސިރުގެ ގައިގާ ހިފެހެއްޓިއެވެ.
ޔާސިން ނެރެގެން އެންބިއުލާންސްގައި 3 ފުލުހުން ދިޔައެވެ. ހާސްވެފައިވާ ތިން މީހުން އެކު އެކީހެން ޓެކްސީއަށް އެރިއެވެ. އޭރު މަންސޫރާ ޔާސިރަކަށް މީ ކަޑިއާ ކަޑިކަމެއް ހަދާނެއްވެސް ނެތެވެ.
*****
“މިންހާ ނުކުރާކަމެއް ވެއްޖެޔާ ކޮބާ ހެކި… އާދަމް އާ މިންހާ އެތަނަށް ވަދެ އެއްގަޑިއިރު ކީއްކުރީ..” ޖައިޝް އަހާލިއެވެ.
“ދެން އަހަރެންވީ ގަތް ގަޑުވެސް ކިޔާދެންތަ.. ސައިކޯޕާތެއްތަ ކަލޭތީ… މިހާރު މާ މައްޗައް ތިދަނީ… ކިހިނެއް އިނގުނީ އަހަރުން އެތާ ތެރޭ އެއްގަޑިއިރުވިކަން… މީގެން ގައިމު އެ އިނގޭކަށްނެތް..” މިންހާއަށްވެސް ކަންތައްގަޑެއް މިކަމުގެ އަޑީގައި ވާހެން އިހުސާސްވާންފެށިއެވެ. ޖައިޝްއަށްވެސް މިކުރެވުނު ސުވާލުން ހާސްކަން ވެރިވާންފެށިއެވެ.
“އެ ލަފާކޮށްފަ .. ދެން ބުނެބަލަ ތިބުނާ ހުދު ބޫޓު ލައިން ހުރި މީހާގެ މޫނު ފެނުނުތަ ނޫނީ އެއްވެސް ވާހަކައެއް ދެއްކިތަ..” އަހުމަދުހެން ޖައިޝްވެސް މި ކޭސްގައި ބޭނުން ވަނީ ޔާސިން ބައްދާލަންށެވެ.
“ހާނ.. އަހަންނަށް އޭނަ މޫނު ފެނުނު… ” މިންހާ ގަސްދުގައި ދޮގު ހެދިއެވެ. އެހާ ވަރުން މޫނު ފެނުނުތޯ ބަލަން ބޭނުން ވަނީ ކީއްވެބާއޭ ހިތައް އެރިއެވެ.
“އެއީ ޔާސިންއެއް ނުން… އިސްތަށިގަޑު ދިގުމީހެއް ބޮލުގަ ހުޅިއެއް ޖަހާފަ ހުރީ… ފުދޭވަރަކަށް ހިކިކޮށް ހުރީ.. ހީވަނީ ކުނިކަހަން ގެންގުޅޭ ފިހި ގަޑެއް އެކޮޅުކޮޅުން ޖަހާފަ ހުރިހެން” މިންހާއަށް ނޭގިނަމަވެސް ކިޔާ ދެވުނީ ޔުނާންގެ ސިފަ ތަކެވެ. ޖައިޝް އަވަހަށް ތެދުވެގެން ބޭރަށް ނިކުތެވެ. އަދި އަހުމަދު ފެނޭތޯ އަވަހަށް އޭނާގެ ކެބިންނަށް ވަނެވެ.
“ސާރ މިންހާ އަށް ޔުނާން ފެނުނު.. ޔުނާންގެ ހުރިހާ ސިފައެއް ކިޔާދީފި” ޖައިޝް އަހުމަދު ފެނުމާއެކު ބުނެލިއެވެ.
“ވަޓް.. ތީހަމަ ތެދެއް… ” މޭޒުމަތީ ޖަހާލުމަށް ފަހު މިހެން ބުނެ އަހުމަދު ނިކުތީ މިންހާ އިން ކޮޓަރިއަށް ދިއުމަށެވެ.
*****
“ބޭރުގަ މަޑު ކޮށްލާ… ސާރ… ބޭރަށް..” ޔާސިން ގޮވައިން އެމެޖެންސީއަށް ވަތް ދެ ޕޮލިހުންނަށް ނިސްބަތް ކޮއް ޑޮކްޓަރު ޔަޝްފާ ބުނެލިއެވެ.
” ޔާސިން… ޔާސިން… ލޯ ހުޅުވާލަބަލަ… ” ޔާސިންގެ މޫނުގައި މަޑުމަޑުން ޖަހާލަމުން ޔަޝްފާ ގޮވާލިއެވެ. ޔާސިން އެއްލޯ ހުޅުވާލީ ކައިރީގައި ތިބީ ކޮން ބައެއްތޯ ބަލަންށެވެ. ޑޮކްޓަރު އެކަނި ހުރިތަން ފެނުމުން ޔާސިން ލޯ ރީތިކޮށް ހުޅުވާލިއެވެ.
“މީ ކޮން….” ޔަޝްފާއަށް ބުނެވުނީ މިވަރަށެވެ. ޔާސިން ޔަޝްފާ އަގަމަތީ އަތް އަޅާ އޭނާއާ ގާތް ކޮށްލިއެވެ. އަދި ޔަޝްފާގެ ގައުންގައި ޖަހާފައި އިން ގަލަން ނެގުމަށްފަހު އަތުގައި ލިޔެލިއެވެ.
-ޕްލީޒަ ހެލްޕް-
ޔަޝްފާއަށް ޔާސިން އެއްޗެއް ބުނަން އުޅޭކަން އެގުނެވެ. އަނެއްކާވެސް ޕޮލިސްމީހާ ފޮތިގަޑު ކަހާލިއެވެ. ޔާސިން އަވަސް އަވަހަށް ދެލޯ މަރާލިއެވެ.
ޔަޝްފާވެސް ޔާސިންގެ އެކްޓްގައި ބައިވެރިވަމުން ޔާސިން އަށް ގޮވާލިއެވެ.
“ސުބުހާނައްﷲ ކާޑިއަކް އެރެސްޓެއް.. ސިސްޓާ… ސިސްޓާ…” ޔަޝްފާ ގޮވަން ފެށިއެވެ. ޕޮލިސް މީހާ ދުރުކޮށްލުމަށްފަހު ޔަޝްފާ އަނެއްކާވެސް ސިސްޓާރ އަށް ގޮވަން ފެށިއެވެ.
“ކޮންތާކަށް ގެންދަނީ… ތީ މުޖިރިމެއް… އަހަރެމެން ބެލުމުގެ ދަށުން އެއްވެސް ކަމެއް ކުރިއަށް ގެންދެވޭނީ..” ޕޮލިސްމީހާ ބުނެލިއެވެ.
“އަހަރެންގެ ޒިންމާއަށް ހުރަސް ނާޅާ… މި ޕޭޝަންޓް ކާރޑިއަކް އެރެސްޓަކަށް ގޮއްސަ މިއޮތީ ވީހަވެސް އަވަހަށް އަވަސް ފަރުވާ ދީފަ ސީޓީ ސްކޭނެއް ކުރަން ޖެހޭ…. ދުރަށް ދޭ…” ޔާސިން އޮތް އެދު ކޮއްޕަމުން ކޮށްޕަމުން ޔަޝްފާ އެމެޖެންސީން ނިކުތެވެ.
ޔާސިން އެދުގައި ނެރުމުން ޔާސިރު އައިސް އެދާ ގާތް ވެލިއެވެ. އަދި އެދާ އެއްވަރަކަށް ހިގައިގަތެވެ. ފަހަތުން މަންސޫރު މެންވެސް އައެވެ.
‘ދަރިފުޅާ.. ޔާސިން… ދަރިފުޅާ.. ބައްޕައޭ މީ.. ލޯ ހުޅުވާލަބަލަ…” ޔާސިންގެެ އެއްވެސް ހަބަރެއް ނުވެއެވެ. ޔާސިރުގެ ކަންބޮޑުވުން އިތުރުވިއެވެ. މީހާ ދެފައި ތުރުތުރު އަޅާވަރުން ކޮޅަށް ހުރެވޭ ވަރެއް ނޫނެވެ. ޔާސިން ގެންގޮސް ސީޓީ ހެދުމަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ވެއްދިއައެވެ. އަދި ޑޮކްޓަރު ޔަޝްފާ ދޮރު ތަޅުލިއެވެ.
“އެކަކުވެސް ނެތް.. ދެ.ލޯ ހުޅުވަބަލަ… ކިހިނެއްވީތަ ޔާސިން.. ” ޔަޝްފާ އަހާލިއެވެ. ޔާސިން ދެލޯ ހުޅުވާލިއެވެ.
“ޔަޝްފާތަ…” ޔާސިން އަށް ޑޮކްޓަރަށް ރަގަޅަށް ބަލާލީ ދެނެވެ. އޭނާ އާ އެއްކޮށް ޔޫކޭ ޔުނިވާސިޓީގައި ކިޔެވި އެކުވެރިޔާ ފެނުމުން އަހާލިއެވެ. އޭރު ޔަޝްފާ ޔާސިން އަށް ލޯބިވެސް ހުށައެޅިއެވެ. ނަމަވެސް ޔާސިންގެ ހިތް ނޫރާއަށް ދެވިފައި ވުމުން އެކުވެރިކަން ފިޔަވާ އެއްވެސް ގުޅުމެއް ޔަޝްފާއާ ނުބާއްވަން ނިންމިއެވެ.
“އާނ.. އަހަރެން… ކޮން ކަންތައްގަޑެއްތަ މީ… ބައިވަރު ޕޮލިހުންވެސް އެބަތިބި.. ޔާސިން ބުނީމެއްނުން ބައްޕަ އެއް ނުހުރެޔޭ އޭ ދެން ކާކު…” ޔާސިން ޔަޝްފާ ގާތު ހަމަ ޖެހެން ބުނެލުމަށްފަހު ހިގާދިޔަ ހުރިހާ ކަމެއް ވަރަށް ސާފުކޮށް ކިޔާދިނެވެ.
“ވަޓް… ތީ އޭ މި ގައުމުގަ މައްސަލަ އަކީ.. މުއްސަދިން ނޫނީ ސިޔާސީ މީހުންގެ ދަރިންނަށް ހުރިހާ މޮޅެއް.. އަހަރެން ތިކަން ތިހެން ވިޔަކަ ނުދޭނަން… މިތާ އޮވޭ ލޯ މަރައިން… އެބަ އަންނަން..” ޔަޝްފާ މިހެން ބުނުމަށް ފަހު ބޭރަށް ނިކުތެވެ.
އެދަޑިވަޅުބަލާ ކަންބޮޑުވެފައި ހުރި ނޫރާ އެތަނަށް ވަނެވެ.
“ޔާސިން… ޔާސިން… އަހަރެން ޔާސިން ގާތު ބުނަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުރި.. ތެދުވެބަލަ…” ނޫރާއަށް ރޮވޭ ގޮތްވިއެވެ.
“އަހަންނަށް ޔާސިން ހޭވެރިކަން ހުއްޓާ ނޭގެ މިވާހަކަ ދެއްކޭނެ ކަމެއްވެސް… އަހަރެން ޔާސިންއަށް ވަރަށް އިންތިޒާރު ކުރިން.. އަހަންނަށް އެފަދަ ބޮޑު ލަޑެއްދީ އެކަނި ކޮށްފަ ދިޔައީމަ އަހަރެން ހިތުގަ ވަރަށް ބޮޑަށް ޖެހުނު… ދޮގު ނުހަދާ މިބުނީ ދުނިޔޭގަ ހުންނަ ހިތްވެސް އޭރު ނުވި..” ޔާސިން ދެލޯ މަރައިން އޮތަސް ނޫރާ ދެއްކި ހުރިހާ ވާހަކަ އެއް ވަރަށް ކަނުލާ އަޑުއަހަން އޮތެވެ.
“އަހަންނަށް އޭރު އަޅާލާ ހިތްވަރު ދިނީ ހުޝާމް… ހުޝާމް އަހަންނަށް ވަރަށް ރަގަޅު ވަރަށް ކެއާ ކުރޭ… އަހަރެންވެސް ހުޝާމްދެކެ ވަރަށް ގަޔާވޭ… ޔާސިން އެންމެ ހިތްދަތި ދުވަސް ވަރު ޔާސިން އަށް އިތުރު ހިތްދަތި ކަމެއް ދޭން އަހަރެން ބޭނުން ނުވާތީ އަހަރެން ހުޝާމް ރައްޓެހިވާން އެހީމަ އެއްވެސް އެއްޗެއް ނުބުނީ… އަހަރެން މީ ޔާސިން އެއް ނުން… މީހަކަށް ހިތާމައެއް ދީފަ އުފަލުގަ ނޫޅެވޭނެއޭ ބުނެއެއްނުން…” މީހެއްގެ ފިޔަވަޅު އަޑު އިވެން ފެށުމުން ނޫރާ އެ ތަނުން ނިކުންނަން ހިގައިގަތެވެ. ނަމަވެސް އޭނާގެ އަތުގައި ޔާސިން ހިފާ ދަމާލުމުން ނުވިސްނާ ހުރި ނޫރާ ޔާސިން މޭ މައްޗަށް ވެއްޓުނެވެ. އަދި ދެމީހުންގެ ތުންފަތް ޖެހުނެވެ. އެވަގުތު ދޮރު ހުޅުވާލި ހުޝާމަށް ފެނުނު މަންޒަރުން އަތުގައި އޮތް ފޯނު ބިން މައްޗަށް ވެއްޓުނެވެ.
” ހުޝާމް..” ސިއްސައިގެން ގޮސް ދޮރާ ދިމާލަށް ބަލާލި ނޫރާއަށް ހުޝާމް ހުރިތަން ފެނުމުން ގޮވާލެވުނެވެ. އަދި ހުޝާމާ ދިމާލަށް ދިއުމަށް ތެދުވެ ހިގައި ގަންނަން އުޅުނު ވަގުތު ހުއްޓުން އެރީ ޔާސިން އަދިވެސް ނޫރާގެ އަތުން ދޫނުކުރުމުންނެވެ. ހުޝާމް އިތުރަށް މަޑު ނުކޮށް ދޮރު ލެއްޕުމަށްފަހު ހޮސްޕިޓަލުން ނިކުންނަން ހިގައިގަތެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Omg
This part is nice
When’s next
Next part plx😭