” މަލަކް؟ އަދިވެސް ނުނިމޭތަ؟ ތިހެން ރެޑިވާން ހުންނަތާ މިހާރު ވެދާނެ ތިރީހަކަށް މިނެޓު… އިރުފާން ދެންމެ ގުޅާފައި ބުނީ އެކުއްޖާ ގޮވައިގެން ތިރީގައި އިން ވާހަކަ. އަވަސްކޮއްގެން މަންމަމެން ފައިބާށޯ… ” އިސްކޮޅާއި ހަމަޔަށް އަރާ ރަންކުލައިގެ ބޮޑަރު އެޅި ލޯގަނޑުގެ ކުރިމަތީގައި ޝޯލް އަޅަން ހުރި މަލަކް ފެނިފައި އަރީން އަލަމާރި ދޮރުފަތުގައި ލެނގިލަމުން އަހާލިއެވެ.
” މިނިމެނީއޭ… ފަސް މިނެޓު ޕުލީޒް… ” މަލަކް ހީލުނު ވަގުތު ތުންފަތުގެ މައްޗާއި ތިރިޔަށް އެޅުނު އަޑިކޮޅުތައް ފާހަގަވެގެން ދިޔައެވެ. އުމުރުން ސާޅީން އަށް އަހަރު ވާން ދާއިރު ވެސް އެރީތިކަމަކަށް އަދިވެސް ފަނޑުކަމެއް ނާދެއެވެ. ކުރިޔަށްވުރެ ވެސް ހަންގަނޑު އަލިވެފައި ރީއްޗެވެ. ދޫ ކަޅު ހެދުމެއް ލައިގެން ހުރި ކަމަށް ވިޔަސް ގަވައިދުން ހަށިގަނޑަށް ސަމާލުކަން ދޭކަން ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.
” ދެން ޖެހޭނީ މަޑުކުރަންތާ ދޯ… އެކަމަކު ތިހާ ލަސްކުރަންޏާ އެކުއްޖާ ގޮސްދާނެ… އެހާ ދުވަހެއްގެ ދިގު އިންތިޒާރަކަށް ނިމުމެއް އަންނަނީ ވިއްޔާ ދޯ؟ އަލްޙަމްދުލިﷲ ” އަރީން ހިނިގަނޑެއް ޖަހާލިއެވެ. މަލަކްއަށްވުރެ އަރީން އެންމެ ދެއަހަރު ދޮށި ވިޔަސް މަލަކްއަށްވުރެ އަރީން މާދުވަސްވީހެން ފާހަގަވެއެވެ. މޫނުގައި މާގިނަ ރުލެއް ނެތްކަމުގައި ވިޔަސް ކުރުކޮށް ކޮށާފަައިވާ އިސްތަށިގަނޑުގައިވި ހުދު އިސްތަށިތައް ފާހަގަވާން ހުއްޓެވެ. އާދައިގެ ނޫގަމީހަކާއި ޖިންސެއް ލައިގެން ހުރި އިރު މަލަކްއެކޭ އެއްގޮތަށް ހަށިގަނޑަށް ރަނގަޅަށް ސަމާލުކަން ދޭކަން އެނގެއެވެ.
” މިނިމެނީ.. މިނިމެނީ… ހަނދާންވޭތަ ކުރިން އަހަރެން ރެޑީވާން ނަގާ އިރު؟ ” އަވަސް އަރުވާލައިގެން ކަޅު ޝޯލް ބޮލުގައި އަޅަމުން މަލަކް ހީގަތެވެ.
” ހޫމް.. މިހާރު ވެސް ވަކި މަދެއް ނޫން. އަހަރެންގެ މަލަކް އަދިވެސް ކިހާ ރީތި. މާޝާ ﷲ. ތިހާ ވަރަށް ދެން ރީތިވާކަށް ނުވާނެ. ގެއްލިދާނެ އަހަރެންނަށް… އަހަރެންގެ ލޯބިވާ އަނބިކަނބަލުން އަދި ލޯބި ލޯބި ދެކުދިންގެ މަންމައެއްނު ތިއީ… ” އަރީން އައިސް ފަހަތުން މަލަކްގެ އުނަގަނޑުގައި އަތް އަޅުވާލަމުން މަލަކްގެ ކޮލުގައި ހިފާލިއެވެ. ދެކުދިން ލިބި ކައިވެންޏަށް ސައްވީސް އަހަރު ވެގެން ދިޔަ އިރުވެސް ދެމިހުންގެ ލޯތްބަށް އަދިވެސް އެއްވެސް ފަނޑުކަމެއް ނާދެއެވެ.
—
ދެމަފިރިން ތައްޔާރުވެގެން ތިރިޔަށް ފޭބި އިރު ތިންމީހުންނަށް ތިބެވޭ އަޅިކުލައިގެ ސޯފާގައި އުމުރުން ވިހިވަރަކަށް އަހަރުގެ ޒުވާން އަންހެންކުއްޖަކު އިނެވެ. ހުދު ދޮންކަމެއް ލިބިފައިވާ ޔޫރަޕު ވައްތަރު ޖަހާ އެކުއްޖާގެ މޫނުމަތިން ފެންނަނީ މައުސޫމްކަމެވެ. މަލަކްއެކޭ އެއްގޮތަށް ދިގުކޮށް ފަހާފައިވާ މަޑުނޫ ހެދުމާއި ހުދު ޝޯލްއެއް އަޅައިގެން އިރު ވަކިން މޫނު ދޮންހެން ހީވެއެވެ. އިނގިލިތައް ދިގު ދެއަތުން އަތުގައި އޮތް ފޯނާއި ކުޅެމުން ގެން ދިޔައިރު މަލަކްމެން ފޭބިހެން ވެސް ހީނުވެއެވެ.
” ޒޯޔާތަ؟ ” މަލަކް ޒޯޔާ ގާތުގައި މަޑުކޮއްލަމުން ކުރި ސުވާލުން އެކުއްޖާ ސިހިފައި ތެދުވި އިރު މޫނުވަނީ ލަދުން ރަތްވެފައެވެ.
” ސޮރީ.. މަންމަ އަސްލު ސިއްސުވާލާކަށް ނޫން އުޅުނީ… އިށީނދޭ…” މަލަކް ޒޯޔާއާއި ޖެހިގެން ސޯފާގައި އިށީނުމުން އަރީން އިށީނީ ވާތް ފަރާތުގައި އިން ސޯފާގައެވެ. ޒޯޔާ ފެނުމުން އަރީން އިނީ ކުޑަކޮށް ހައިރާންވެފައެވެ. ޒޯޔާގެ އެމުށި ދެލޯ ކޮންމެވެސް ދަންނަ މީހަކާއި ވައްތަރުވާތީއެވެ. މޫނުމަތިން ޔޫރަޕު ވައްތަރު ޖެހިކަމުގައި ވިޔަސް އެދެލޯ އަރީންއަށް ހަމަ ދަންނަ މީހަކާއި ވައްތަރުވަނީއެވެ.
” ލައްބަ. އަޅުގަނޑަށް ކިޔަނީ ޒޯޔާ… އިރުފާންގެ މަންމައާއި ބައްޕަދޯ؟ ” ޒޯޔާ ހިނިތުންވެލަމުން މަލަކްއާއި ސަލާމްކޮއްލަން އަތްދިއްކޮއްލިއެވެ.
” އާން. ވައްތަރެއް ނޫންތަ އަނެއްކާ؟ ” މަލަކް ޒޯޔާގެ އަތުގައި ހިފާ ސަލާމްކޮއްލަމުން ސަމާސާކޮއްލިއެވެ. މަލަކް ކުރި ސަމާސާއަށް އަރީންވެސް ހީގަތެވެ.
” ނޫން.. ނާވަސްވެފައި ހުރި ވަރުން ހަމަ އަހާލެވުނީ… ” ޒޯޔާ ލަދުވެތި ހިނިތުންވުމެއް ދިނެވެ.
” ކޮންކަމަކާ ހާސްވަނީ…؟ ތިއީ ދުވަސްކޮޅަކުން މިގެޔަށް އަންނާނެ ކުއްޖެއްނު ހަމަ… އިިރުފާންގެ އަންހެނުން ގޮތުގައި… ” މަލަކް ޒޯޔާގެ އަތުގައި ހިފާލަމުން ހީލިއެވެ.
” ކޮބާ ޒޯޔާގެ މައިންބަފައިން..؟ ބައްޕަމެން ހީކުރީ އެމިހުން ގޮވައިގެން ކަމަށް އަންނާނީ… ” އަރީން ޒޯޔާކުރެ އެހިއެވެ.
” އަޅުގަނޑުގެ މައިންބަފައިންވަނީ ނިޔާވެފައި. މަންމަ ނިޔާވީ އަޅުގަނޑުގެ އުމުރުން ނުވަ އަހަރުގައި. ބައްޕަ ނިޔާވީ ވަރަށް ފަހުން… ” ޒޯޔާ އިސްޖަހާލިއެވެ.
” އެހެންތަ؟ އިރުފާން ނުބުނޭ އެވާހަކައެއް.. އެއްބަނޑު އެއްބަފާ އެހެން ކުއްޖެއް ނުހުރޭތަ؟ ” ދެން ވެސް ސުވާލު ކުރީ އަރީންއެވެ.
” ލައްބަ.. ބައްޕަ ކިޔައިދިން ގޮތުންނަމަ އަޅުގަނޑު ލިބުނީ ވެސް ވަރަށް ގިނަ ދުވަހުން.. ސީދާ މާބޮޑަކަށް އެކަމެއް ނޭނގޭ… އަޅުގަނޑުގެ ފެމެލީގެ އިތުރު ބަޔަކު ވެސް ނުތިބޭނެ. މަންމައަކީ ރާއްޖޭ މީހަކަށް ވިޔަސް މަންމަގެ ވެސް ފެމެލީއެއް ނެތް… ބައްޕައަކީ ރަޝިޔާ މީހަކަށްވީމައި ކުޑައިރުއްސުރެ މިކޮޅުގައި އުޅެވިފައި ހުރީ. އެހެންވެ ބައްޕަގެ ފެމެލީ މީހުންނާއި ވެސް ގުޅުމެއް ނެތް.. ” ޒޯޔާ ކިޔައިދިނެވެ.
” އެހެންވެ ދޯ ދަރިފުޅު ޔޫރަޕު ހިސާބައި ބޮޑަށް ވައްތަރުވަނީ… އާއިލާގެ މީހަކު ނެތުމަކީ މައްސަލައެއް ނޫން… އިން ޝާ ﷲ މަންމަމެން ވެސް މިތިބީނުން… ” މަލަކް ޒޯޔާ ގާތްކޮއްލިއެވެ.
” އަޅުގަނޑު އުއްމީދެއްވެސް ނުކުރަން މަންމަމެންނަށް އަޅުގަނޑު ކަމު ގޮސްދާނެކަމަކަށް… އަޅުގަނޑުގެ އާއިލާއެއްވެސް ނެތުމުންނާއި ނިކަމެތިކަމުން ހީކުރީ މަންމަމެންނަށް އަޅުގަނޑު ކަމު ނުދާނެކަމަށް… ” ޒޯޔާގެ ދެލޯ ފެންކަޅިވިއެވެ.
” މަންމަމެން ބޭނުންވަނީ މަންމަމެންގެ ދެކުދިން ވެސް އެކުދިން ހިތްހަމަ ޖެހޭ ކުދިންނާއި ކައިވެނިކޮއްގެން އުޅެން. އިރުފާން މަންމައާއި ވަރަށް ވާހަކަ ދައްކާފައި އޮތީ. ޒޯޔާއަކީ ވަރަށް ރަނގަޅު ކުއްޖެއްކަމާއި ދެކުދިން އެކަކު އަނެކަކު ދެކެ ލޯބިވާ ވަރު. ދެކުދިން އެކަކު އަނެކަކާއި ދޭތެރޭ ހިތްހަމަޖެހޭ ކަމަށް ވަންޏާ މަންމަމެނަށް ނިމުނީ… ” މަލަކް އަނެއްކާވެސް ޒޯޔާ ގާތްކޮއްލިއެވެ.
” ކޮބާތަ އިރުފާން؟ ގެޔަށް އައީއޭ ކިޔާފައި ނެތް ފެންނާކަށްވެސް. ދަރިފުޅު ގެނެއްސައި އަނެއްކާ އޭނަ ދިޔައީތަ؟ ” އަރީން ހައިރާންވެފައި ދެކޮޅު ބަލާލަމުން ސުވާލުކޮއްލިއެވެ.
” ބޭރަށް ނިކުތީ… ކޮންމެވެސް އެއްޗެއް ބަލައޭ ބުނީ…” ޒޯޔާ ބޭރު ދޮރާއި ދިމާއަށް ބަލާލަމުން ޖަވާބުދިނެވެ.
” އޭ މަގޭ ބޯ ކާ އަޑު އެބަ އިވޭ އިނގޭ… އައްދެ! އަނެއްކާ ނުބައި ގެޔަކަށްތަ މިވަދެވުނީ؟ ” މެންޝަންގެ ބޮޑު ބިއްލޫރި ދޮރުން ވަދެގެން އައި އިރުފާން އެއެންމެންގެ ކުރިމަތީގައި މަޑުކޮއްލަމުން ސަމާސާކުރިއެވެ.
” އަހަން… ގެ ދޯ މި؟ ތިއީ މަންމަމެން ދޯ؟ ނޭނގޭނެއެއްނު.. ދެންމެ ވިއްޔާ ޒޯޔާ ބައިންދާފައި މިނުކުތީ… މިހާ އަވަހަށް މަންމަމެން އޭނަ ގާތްކޮއްލީމައި މި ހައިރާންވީ ދޯ… ” އިރުފާން ހީގަތެވެ.
” މިއީ މަންމައަށް.. މިއީ މަގޭ ދޮން ޖަވާހިރަށް… ” އިރުފާން ގޮސް އަތުގައި އޮތް ދެފިނިފެންމާ ބޮނޑިން ފިޔާތޮށިކުލައިގެ ފިނިފެންމާ ބޮނޑި މަލަކްއަށް ދިއްކޮއްލަމުން ރަތް ފިނިފެންމާ ބޮނޑި ޒޯޔާގެ އަތަށް ދިނެވެ.
” ލާނެތްކަމެއް ދެއްވާފައި ހުރި ދަރިޔެކޭ ދޯ މިއީ… ކޮން މަގޭ ދޮން ޖަވާހިރެއް.؟ ގިނަ ދުވަސް ނުކޮށް ކައިވެނިކުރަން އުޅޭ އަވަހަށް… މިހާރުވެސް މާ ލަސްވެއްޖެ… މަންމަމެން ހަމަ ރުހި ޤަބޫލު… ދޯ އަރީން؟ ” މަލަކް ޒޯޔާގެ ނިތަށް ބޮސްދެމުން އަރީންއަށް ހިނިތުންވެލިއެވެ. ޒޯޔާ ލަދުން އިސްޖަހާލުމުން އިރުފާން ވެސް ހިނިތުންވެލިއެވެ.
” ހޫމް. ބައްޕަވެސް ވަރަށް ތާއީދު.. ދަރިފުޅު ތިއައީ އެއްކަލަ ފާރު ކައިރީގައި ހުރި ގަސްތަކުން މާ ބިނދެގެން ދޯ؟ ބައްޕަ ބުނީމެއްނު އެތަނާއި ގާތްނުވާށޭ… ” އަރީން ހިސާބަކަށް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
” ސޮރީ ބައްޕާ. އެތާ ނޫނީ ރީތި މާގަސްތަކެއް ނުހެދޭ ވިއްޔާ… އެހެންވެގެން އަސްލު… މިހާރުވެސް އަޅުގަނޑުމެން ދެކުދިން ކައިވެންޏަށް ރެޑިއޭ… ރެޑީކޮއްފައި މިބުނީ… މާދަމާ ރޭ ވެސް ހަމަ ކުރިޔަށް ގެންދަންވީ… ” އިރުފާން ހިނިގަނޑެއް ޖަހާލިއެވެ.
” ބައްޕަ ކަހަލަ ބޯވެސް ބޮޑު ސޮރެކޭ ދޯ؟ މާޝާ ﷲ.. ބޮޑުކޮށްތަ ބާއްވަން ތިގަސްތުކުރަނީ؟” އަރީން ސުވާލުކުރިއެވެ.
” ނޫން.. ވަރަށް ކުޑަ ގޮތަކަށް… ބައްޕަ އަނެއްކާ ދައުވަތު ދެއްވަން ބަޔަކު ހުންނެވީތޯ؟ ” އިރުފާން ސޯފާއަށް ދެމިލަމުން އަހާލިއެވެ.
” ނޫން. ދަރިފުޅުމެން ކުޑަކޮށް ބާއްވަންޏާ ހަމަ ބާއްވަންވީ… އެކަމަކު ބައްޕަ ބުނަން ބޭނުންވަނީ ހަފްތާއެއްވަރު ވަންދެން އަދި މަޑުކޮއްލާށޭ.. ދަރިފުޅަށް ވެސް އެނގެ އެއްނު މަންމަގެ ގޮތް. އެހާ ކުރިޔާ ހެދުމާއި އެއްޗެހި ނުގަތިއްޔާ ނޫނީ މަންމަ ހިތްހަމަޖެހިއެއް ނުލައްވާނެކަން.. ” އަރީން މަލަކްއަށް އެއްލޯ މަރާލިއެވެ.
” ޔެސް މެޑަމް އެންޑް ސަރ… ” އިރުފާން އަދަބު އިޙުތިރާމް އަދާ ކުރާހެން ލާނެތް ރާގަކަށް ބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

