“ހުސްނާ އެ ޖިންނިއާއެއްކޮށް ކޮން އެއްބަސްވުމަކަށްތަ އެއްބަސްވީ؟” ޔައުޤޫބު އެހިއެވެ. ހުސްނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “މި ގަޑީގައި އަހަރެންނަކަށް ތި ވާހަކަ ތަފްސީލުކޮށް ކިޔައިދެވޭކަށް ނެތް. އެކަމަކު…އަހަރެން އެއްބަސްވީ އޭނާގެ ފަރާތުން މަދަދު ލިބުމަށް.” ހުސްނާ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލަމުން ބުންޏެވެ.
“ކޮންޗެއް ހޯދަން؟” ޔައުޤޫބު ވަގުތުން އެހިއެވެ.
“….އާރާއި ބާރު. މީހުންގެ ޤަދަރު. މީހުންގެ އިހްތިރާމް. މީހުންނަށް…އޮޅުވާލަން.” ހުސްނާ ބުންޏެވެ.
*** 22 ވަނަ ބައި ***
ޔައުޤޫބުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޔައުޤޫބު ކައިރިއަށް މިފަދަ ކަންކަމުގައި މީހުން ކިތަންމެ ވަރަކަށްވެސް އާދެއެވެ. ނަމަވެސް ހުސްނާ މި ކަން އެ ކުރަނީ މުޅިން އެހެން ފެންވަރެއްގައެވެ. ނަމަވެސް ބަސް ބުނަން ޔައުޤޫބު އެއީ ވަކި ކާކުހެއްޔެވެ؟
ޔައުޤޫބު ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އެ ގެއިން ނުކުމެގެން ދިޔައެވެ. ޔައުޤޫބު ދިއުމުން ހުސްނާ އަނެއްކާވެސް އެނދުގައި އޮށޯވެލިއެވެ. އަދި ދެލޯ މަރާލުމަށްފަހު ނިދޭތޯ މަސައްކަތް ކުރަމުންދިޔައެވެ.
***
ބަނަ ދުވަހެކެވެ. މުޅި ގޭތެރެ އޮތީ ހަލަބޮލިވެފައެވެ. މީހުން ގެއިން ވަދެ ނިކުމެ ހަދަމުން ދިޔައިރު އެއް ބަޔަކު ތިބީ އެއް ކަނެއްގައި ރޯށެވެ. އަނެއް ބަޔަކު ތިބީ ބަސް މަދުވެފައެވެ. މިހުރިހާ ހަލަބޮލިކަމެއްގެ ތެރޭގައި ހުސްނާ ހުރީ ގަބުވެފައެވެ. އޭނާއަށް ހުރެވުނީ ރޯންވެސް ނޭނގިފައެވެ. އޭރު އޭނާގެ ދައްތަ ހަސީނާ ދިޔައީ ހުސްނާގެ ބާމަތީގައި ފިރުމަމުންނެވެ. އޭރު ގޭގެ ފެންޑާގައި ފަތްޖެހި އެނދުމަތީގައި ހުދު ފޮތިން ނިވާކޮށްފައި އޮތް އަންހެނަކު އޮތެވެ. ދެވަނަ އެހެން މީހެއް ނޫނެވެ. އެ ދެމީހުންގެ މަންމަ ސަރީފާއެވެ.
ސަރިފާގެ ވަޅޯވެފައިވާ ދިރުމެއްނެތް އަތުގައި ހުސްނާއާއި ހަސީނާގެ ބައްޕަ ފައްޔާޒު ހިފަހައްޓައިގެން އިނެވެ. އޭރު މޮޔައެއްހެން “މަގޭ ސަރީފާއެއް މަރެއް ނުވާނޭ” ފައްޔާޒު ގޮވަމުން ދިޔައެވެ. ދެތިން ފިރިހެނަކު ވެގެން ފައްޔާޒު ސަރީފާއާއި ދުރުކުރަން އުޅުމުން އެކަން ވީ ނާކާމިޔާބެވެ. އެންމެ ފަހުން 10 ވަރަކަށް ފިރިހެނުންގެ ހިތްވަރުން ފައްޔާޒު ސަރީފާގެ ހަށިގަނޑާއި ދުރަށް ގެންދެވުނެވެ. އޭރުވެސް ފައްޔާޒު ދިޔައީ ރޮއި ހޭރެމުންނެވެ. މި މަންޒަރު ފެނި ހަސީނާއާއި ހުސްނާގެ ހިތަށް އިތުރު ހިތްދަތިކަމެއް ވެރިވެގެން ދިޔައެވެ.
ސަރީފާ ވަޅުލީ އަސުރު ނަމާދަށް ފަހުއެވެ. އޭރު ފައްޔާޒު ހުރީ މުޅިންހެން މޮޔަ ގޮވާފައެވެ. އަނގައަކުން ނުބުނެއެވެ. ކުއްލިއަކަށް ބާރަށް ހޭންވެސް ފަށައިދާނެއެވެ. ނޫނީ ރޯންވެސް ފަށައިފާނެއެވެ. ނޫނީ އެކަނި އެކަޏްޔަށް އިނދެގެން ވާހަކަވެސް ދައްކަދާނެއެވެ. ފައްޔާޒު ނަފްސާނީ ބަލިމަޑުކަމުގެ ޝިކާރައަކަށް ވުމުގެ ސަބަބުން ގޭތެރޭގެ ހުރިހާ ކަމެއް ކުރުމުގެ ބުރަ އުފުލަން ޖެހުނީ ހުސްނާއަށާއި ހަސީނާއަށެވެ. ނަމަވެސް އެ ދަތި އުނދަގޫ ދުވަސްވަރުވެސް ކެރިގެން ދެބެއިންގެ ހިތްވަރާއި އެކީ ހެދިކާ ވިއްކައިގެންނާއި ފަންގި ވިނުން ފަދަ މަސައްކަތް ކޮށްގެން ގޭތެރޭގެ ޚަރަދުތައް ބެލެހެއްޓޭވަރަށް ފައިސާ ހޯދަމުންދިޔައެވެ.
ފައްޔާޒުގެ ބުއްދި ގޯސްވުމުގެ ސަބަބުން ފައްޔާޒުގެ ކަތީބުކަމުގެ މަޤާމު އަތުލެވިގެންދިޔައެވެ. މިކަން އެނގިގެން ފައްޔާޒުގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެ ދުވަހު ފައްޔާޒު ގެއަށް އައި ގޮތަށް އައިސް ހުރިހާ ތަށިތަށްޓަކާއި އަތު ޖެހުނިއްޔާ ޖެހުނު އެއްޗެއް އުކީ ހުސްނާއާއި ހަސީނާއާއި ދިމާއަށެވެ. މި މަންޒަރު ފެނި ފައްޔާޒު ކައިރީގައި ހުއްޓުމަށް ހަސީނާ އާދޭސްކުރިއެވެ. ނަމަވެސް އެކަން ވީ ފޫ ނެތް ފެޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. ކުއްލިއަކަށް ފައްޔާޒު ވާ ވަށިގަނޑެއް ނެގިއެވެ. އަދި ހުސްނާއާއި ދިމާއަށް ހޫރާލަން ތައްޔާރުވެލިއެވެ.
ހުސްނާ ބިރުން ދެލޯ ތަގުޅި ކޮށްލިއެވެ. އަދި ދެއަތުން މޫނު ނިވާކުރިއެވެ. ދެން އިވުނީ ފައްޔާޒުގެ ހަޅޭކުގެ އަޑެވެ. ހުސްނާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އޭރު ފައްޔާޒު ރޯ މަހެއްހެން ބިންމަތީގައި ތެޅެނީއެވެ. އޭނާގެ އަނގައިގެ އެއް މިޔަކަނިން ދިޔައީ ހުދު ފޮނު ފައިބަމުންނެވެ.
ހުސްނާ ހަސީނާއާއި ދިމާއަށް ބަލައިލިއެވެ. ދެމީހުންވެސް ބާރުބާރަށް ބައްޕާއޭ ކިޔާ ބިންމައްޗަށް ތިރިވިއެވެ. ހަމައެވަގުތު ފައްޔާޒު ސަރީފާއޭ ކިޔާ ހަޅޭލަވައިގަތުމަށްފަހު ހިމޭންވިއެވެ.
ހަސީނާ ހާސްވެފައި ހުރެ ބާރުބާރަށް ފައްޔާޒުގެ ކޮނޑު ތަޅުވަން ފެށިއެވެ. ނަމަވެސް ފައްޔާޒުގެ ޚަބަރެއް ނެތެވެ. ހުސްނާ އަޗަސްއަވަހަށް ބޭރަށް ނުކުމެ އެހީއަށް އެދި ގޮވަން ފެށިއެވެ. މާ ލަސްތަކެއްނުވެ މީހުންތައް އައިސް ފައްޔާޒުގެ ހާލު ބެލިއެވެ. ނަމަވެސް ވަގުތު ފާއިތުވެއްޖެއެވެ. ފައްޔާޒު މި ދުނިޔެއާއި އަލްވަދާއު ކިޔައިފިއެވެ.
އެއްމަސްތެރޭގައި ހުސްނާއާއި ހަސީނާގެ މައިންބަފައިން މި ދުނިޔެއާއި އަލްވަދާއު ކިޔުން ވެގެން ދިޔައީ އެ ދެ މީހުންގެ ހިތުގައި އިތުރަށް ލެވުނު ފާރުގަނޑަކަށެވެ. ހަސީނާ ހިތްވަރާއެކު ދިރިއުޅުމާއިގެން ކުރިއަށް ދިޔަ ނަމަވެސް ހުސްނާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. ހުސްނާ ގިނައިން އިންނަން ބޭނުންވަނީ އެކަންޏެވެ. ބޭރަށް ދިއުން މުޅިންހެން ހުއްޓުނެވެ. ވާހަކަ ދައްކަނީ މަޖުބޫރުވެގެންނެވެ. މި ބަދަލުތައް ހަސީނާއަށް ވެސް ފެނުނެވެ. އަދި ކިތަންމެ ވަރަކަށްވެސް އެހެން ނޫޅުމަށް ނަސޭހަތްތެރިވިއެވެ. ނަމަވެސް ހުސްނާގެ އުޅުމަކަށް ބަދަލެއް ނައެވެ.
އެ ހާދިސާ ހިނިގިތާ އެއް އަހަރު ފަހުން ހަސީނާ މީހަކާ ރައްޓެހި ވިއެވެ. ފަރީދަކީ އެ ރަށަށް މާލެއިން ވަޑާންކުރުމުގެ މަސައްކަތަށް އައި ޒުވާނެކެވެ. އެތަކެއް ލޯބީގެ ސިޓީއަކާއި އެތަކެއް ސިއްރު ބައްދަލުވުންތަކަކަށްފަހު އެންމެ ފަހުން އެ ދެމީހުން ކައިވެނި ކުރިއެވެ. ކައިވެނީގެ ހަފްލާ ބޭއްވުނީ ކުޑަ ގޮތަކަށެވެ. ނަމަވެސް ދެ މީހުންގެ އަމަލުތަކުން އެކަކު އަނެކަކު ދެކެ ލޯބިވާ މިންވަރު ހާމަވަމުން ދިޔައެވެ.
ކައިވެނި ކުރިތާ އެއް މަސްވީ ފަހުން ފަރީދު ބޭނުންވީ އެ މީހުންގެ ދިރިއުޅުން މާލެ ބަދަލުކުރާށެވެ. ނަމަވެސް ހުސްނާ މާލެ ދާކަށް ބޭނުމެއް ނުވިއެވެ. ހަސީނާ އާދޭސްކުރުމުންވެސް ހުސްނާ އޭނާގެ ގޮތެއް ދުލެއް ނުކުރިއެވެ. އެންމެފަހުން ހަސީނާ އެ މީހުންގެ މަންމަގެ ގާތް އެކުވެރިއެއް ކަމަށްވާ ކަރީމާގެ ބެލުމުގެ ދަށަށް ހުސްނާ ލުމަށްފަހު މާލެއަށް ބަދަލުވިއެވެ.
ހަސީނާ ދިއުމުން ހުސްނާ އިހުނަށްވުރެ ބޮޑަށް އެކަނިވެރިވިއެވެ. ނަމަވެސް އޭރުވެސް އެކަކަށްވެސް ނޭނގުނު ކަމަކީ ހުސްނާގެ ހިތުގައި ހިނގަމުން ދިޔަ ނުރައްކާތެރި މަކަރުވެރި ރޭވުންތަކެވެ. އޭނާ އެއްވެސް ހާލެއްގައި އުޅުނީ ހަސީނާއަށް ދެރައެއް ދޭކަށް ނޫނެވެ. އަދި އޭނާ ހަސީނާއަށް ދެރައެއް ނުދެމެއެވެ. ނަމަވެސް ހުސްނާ ބޭނުންވީ އެހެން ކަމެކެެވެ. ހުސްނާގެ އަމިއްލަ އެދުންވެރިކަން ބޮޑުވީއެވެ.
***
ފުންމައިގެން ހުސްނާއަށް ތެދުވެވުނެވެ. އޭރު އޭނާގެ މުޅި ގައިން ހުރީ ދާ ހިއްލާފައެވެ. އޭނާގެ ނޭވާ ހަމައަކަށް އެޅެން ދެން އޭނާ މަޑުކޮށްލިއެވެ. ހުސްނާއަށް ފެނުނީ ހުވަފެނެއްގެ ސިފައިގައި އޭނާގެ މާޒީގެ އެއްބައެވެ. ހުސްނާ މަޑުމަޑުން ތެދުވިއެވެ. އަދި ފާރުގައި ލެނގިލިއެވެ.
އޭގެ ފަހުން އެތައް ކަމެއް ހިނގައިފިއެވެ. އެތައް ކަމެއް ހުސްނާ ކޮށްފިއެވެ. އޭގެ ހިތި މިހާރުވެސް ހުސްނާގެ އަރުތެރޭގައި ލަމުން ދިޔައެވެ.
ނަމަވެސް އަދިވެސް ހުސްނާގެ ހިތުގައި އަނދަމުން ދިޔަ ނަފްރަތާއި އަމިއްލަ އެދުންވެރިކަމުގެ އަލިފާންގަނޑު ނިވޭ ގޮތެއް ނުވެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Haadha curious vaa kahala gothakasge dho thi nimaalee!
Btw mi part ves vrh reethi
Tc
Hi Eekko!
Im so glad you loved the cliff hanger!
Lyt!🤍🫶
Maashaa Allah mi part ves v Reethi 💕
Husna dho mee kee rangalhu meeheth noon 😭😥
Really curious
Hope we get a longer part next
When next
TC
Lysm ❤️
Hi Kudu!
Yep its safe to say Husna is officially mentally ill
Insha Allah next Wednesday ga dhen oi episode upload kohleveytho balaanan💪
Lyttt!!🤍🫶