މާސްކު (ޕާޓް 10)
އެންމެ ފަހުން އަހަންނަށް އެ ބިސްގަނޑުވެސް ހުސް ކުރެވުނީ ގަދަކަމުންނެވެ.އަހަރެން ކޭލެއް މަދު ކަމުން އާރިން ވަރަށް ޝަކުވާވެސް ކޮށްލިއެވެ.އޭނާއާއި ހެދި ކެއުންވެސް ޚަރާބުވީދޯއޭ ކިޔައި އަމިއްލަ ނަފްސު ކުށްވެރިކޮށް ވާހަކަ ދައްކަން ފެށުމުން އަހަންނަށް އެކަމުން އުނދަގޫވިއެވެ.
****
ނަސީބަކުން ސައިބޮއެ ނިމިގެން އާރިން އާދައިގެ މަތިން ފިހާރައަށް ދާން ނުކުތެވެ.އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަން، އެކަނިވެލަން ލިބޭނެ އިރަކަށް އަހަރެން އިނީ ބަލަ ބަލައެވެ.މާއިރާ މެންދުރަށް ކައްކާފައި އަހަރެން އަވަހަށް ކޮޓަރިއަށް ވަނީވެސް ނިދާލާނަމޭ ހިތާއެވެ.އެހެނަސް ދޮންތަ ގުޅައިގެންް ވާހަކަ ދިގު ދަންމަން ފެށުމުން އަހަންނަކަށް ނިދޭ ގޮތެއް ނުވިއެވެ.
****
’މިހޫ ޕްލީޒް އަންނައްޗޭ ހަވީރު…އިހާން އަންނަ އިރު އައި ވޯންޓް ޔޫ ޓު ބީ ހިއަރ…‘ ވާހަކައިގެ ތެރެއިން ދޮންތަ ބުނެލިއެވެ.ދޮންތަ ވާހަކަ ދެއްކި އިރު އަޑުންވެސް، ވަރަށް އުފާވެފައި ހުރިކަން އެނގެއެވެ.
****
’ހައު ކެން އައި މިސް އިޓް؟ ދޮންތަ އިހާން ފެނިފައި ސޮނި ވެއްޓިފައި އިންނަތަން ބަލާ ހިތުން މިހާރުވެސް ކެތްމަދުވެފައި މިހުންނަނީ.ދެން ކޮން ޖަވާބެއްތަ އިހާންއަށް ދޭން ތި ވިސްނަނީ؟‘ އަހަރެން ދޮންތައާއި ސަމާސާކޮށްލުމުގެ ގޮތުން ބުނެލީމެވެ.
****
’ހޫނ އެއްކަލަ މިހޫ…ތުއްތަވެސް ފޯރިއެއް އެބަހުއްޓޭ…އަޅެ މަ އެކަނި ވިއްޔަ މީހަކާ އިންނަން މިއުޅެނީ…މަހޫވެސް ހުރެބަލަ އަޝަރު އައިމަ މަވެސް އަޅެ ހަމަ ތިހެން ދިމާކޮށްލާނަން…‘ދޮންތަ ތުއްތައަށްވެސް އަޑު އިވޭނޭހެން ފޯނު ސްޕީކަރަށް ލައިގެން އިނދެ ބުނެލިއެވެ.
****
’ތިޔަ ހިއެއް ނުވޭ މިއިން ދުވަހަކު ވާނޭ ކަމެއް ހެނެއް…އަހާނަން ގުޅާނަން…އެނޫން އެއްޗެއް އޭނާ ނުކިޔާ.. އަހަންނަށް ހީވަނީ ތިދެމީހުނަށް ދަރިން ލިބި އަހަންނަށް ބޮޑުދައިތަ ކިޔާ އިރުވެސް ވާނޭ ކަމެއް ނޫންހެން މި….އާނ އެހެންޏާ ކިހާ ދުވަހެއް މިވީ އޭނާ މަށަށް ފޮނި ހުވަފެން ދައްކާތާ…އިބިލީހު ކައިވެންޏަށް ވީ ވަރު މި ވީ…‘ ތުއްތަ ބުނެލި އަޑު އިވުނެވެ.
****
’ތިއެއް ނޫނޭ…ސައި ހެދުމުގެ ކަންތައްތައް ކިހިނެއް އޮތީ…؟ކޮންމެވެސް ރަނގަޅު އެއްޗެއް ތައްޔާރުކޮށްލަން ވާނެއެއްނު ވާން އުޅޭ ޅިޔަނު ގެ ހިތް އަތުލެވޭ ވަރުގެ… ކިޔާބަލަ އެއްޗެއް ތި ދެމީހުން.އޭރުން ދޯ ކުރީ ބައިގައި ތިކޮޅަށް ޖައްސާލަންވެސް އެނގޭނީ…އާރިން ވެސް މެންދުރު ކާން އަންނާނެ…އެހެން ނޫންނަމަ މިހާރުވެސް ދެވުނީސް…‘ އަހަރެން ބުނެލީމެވެ.
****
’މަންމަ ބަލިވެ އުޅޭތީ އަހަރެމެން ސައި ތައްޔާރު ކުރަން އުޅޭކަށް މަންމަ ހިލާ އެއްބަހެއް ނުވި…މަންމައަކަށް ކަމަކު ނުދާނެ ސައި ތައްޔާރު ކުރަން މަންމައަށް ކައިރި ނުވެވުނިއްޔަކާ…އަނެއްކާ މިއަދު ފައި ތަންކޮޅެއް ކަޑަކޮށް އުޅެނީވެސް…މިހާރު ދެން އެކްސްރޭ ނަގަން ދާންވެސް އެއްބަސް ވެއްޖެ ނަސީބަކުން…ކިޔައިފި މިތާ ކައިރީ މިހިރަ ކެފޭއިން ހެދިކާ ކޮޅެއް ގަންނާނީ އޯ ސައި ހަދަން ކޮންމެހެން އުޅޭނެކަމެއް ނެތޯ…އެކަމަކު ދޮންތައަށް އެ ގޮތް ކަމުނުގޮސްގެން މިއުޅެނީ މަންމައަށް ސިއްރުން ޗޮކްލެޓް ކޭކެއް އަޅައިގެން.ތުއްތަ އެބަ އުޅޭ އަލުވި ޕައިއެއް ފިހަން ލައިގެން…ބައްޕަ ލައްވާ މަންމަ ބަދިގެ ފަރާތަށް އަޔަ ނުދީ ހިފަހައްޓައިގެން މިއުޅެނީ… އެނގިއްޖެއްޔާ ހުންނާނެ ވަރަށް އަނގަ ގަދަކޮށްލާފަ…މިހޫ ދެން ސައި ހަދާށޭ ކިޔާފަ ކޮންމެހެން އަވަހަށް އަންނަން ހަދާނެ ކަމެއް ނެތް… ހަވީރުން ރެޑީވެލައިގެން އައިމަ އެހުރީ ވެފަ…އާރިންވެސް ގޮވައިގެން އިނގޭ އަންނާނީ‘ ދޮންތަ ބުނެލިއެވެ.
****
އެމީހުން އަނގަ ގަދަކޮށް ކޮށްފައި ފޯނު ބޭއްވުމުން އަހަރެން ހަމަ ނިދާލާނާމޭ ހިތާ އެނދުމަތީގައި ހަމަޖެހިލިހެނެއް ހިއެއްނުވެ އަނެއްކާވެސް ފޯނު ރިންގުވާންފެށިއެވެ.ގަޔާނުވެގެން އަހަަންނަށް ޗޮކެއް ކަނޑައިލެވުނެވެ.
****
’ހޭ ލަވް…މިއަދު ކާން ނުދާ ވާހަކަ ބުނެލަންވެގެން… މިކޮޅުގައި ވަރަށް ބިޒީ ވެއްޖެ…ނޭނގެ ސީދާ ނިމޭނެ އިރެއް ބުނާކަށްވެސް…‘ އަހަރެން ހަލޯއޭ ބުނެލި އިރަށް އާރިން އެއް ނޭވާއިން ބުނެލިއެވެ.
****
’އަޅެ އަހަރެން މިހާރު މެންދުރަށް ކައްކައިވެސްފިން…އާރިން އަޅެ ކުރިން ބުނެލާނަމަ…ހާދަ އިސްރާފެކޭ…އަހަރެން ކިހިނެއް އެކަނި އެ ސްޕެގެޓީތައް ހުސްކުރާނީ…؟‘ އަހަރެން ޝަކުވާކޮށްލީމެވެ.
****
’ސޮރީ ލަވް ހަމަ ވަރަށް ބިޒީވީމަ މި ބުނީ…ނޫނީ ދެން މިހެން ހަދަންވީނުން…ލޯބި އެހާ ވަރުން ކެއްކީމަ ނުވާނެ ދޯ ނުކައި ހުންނާކަށް…ބަހައްޓާ ޕެކް ކޮށްލާފަ…ޖަމުން ފޮނުވާނަން ބަލައި…އޭނާ ދިޔައިމަ ތިރިއަށް ގޮސްފައި އޭނާ އަތަށް ދިއްކޮށްލާ…ލޯބި މިކޮޅަށް އަންނާނެ ކަމެއްނެތް އެނގޭ.‘ އާރިން ވަރަށް ލޯތްބާއި އެކުގައި ބުނެލިއެވެ.
’އަދި ދޮންތަ ބުނި ހަވީރު އާރިންވެސް ގޮވައިގެން ދައްޗޭ ގެއަށް…ސައިބޯން‘ އަހަރެން ބުނެލީމެވެ.
’އޮހ…އެހެންތަ؟ކީއްކުރާނީ…ނެތޭ މިއަދު ހަމަ ދެވޭކަށް…ދެން މިފަހަރު ވީ ގޮތް ދޯ…މިހޫ އެކަނި ގޮސްލާ…ދޮންތަ ކައިރީ ބުނޭ ސޮރީއޭ އެހެން ފަހަރަކުން ޖައްސާލާނަމޭ އިނގޭ…އަދި ހަމަ ކުރަން ހުރި ކަންތައް އޮތީ ފުނި ޖެހިފައި…ހިއެއް ނުވޭ އިރުއޮއްސުމުގެ ކުރިން ސަލާމަތް ވާނޭހެނެއްވެސް.‘ އާރިން ގަޔާނުވެފައި ބުނެލި ގޮތުން އަހަންނަށް އިހުސާސްކުރެވުނީ އޭނާ ނުދާންވެގެން ކޮންމެވެސް ބަހަނާ އެއް ދައްކަނީހެންނެވެ.ބައެއްފަހަރު އަހަރެންގެ އާއިލާއާއި އެހާ ގުޅުން ބާއްވަން އާރިން ބޭނުން ނުވާހެންވެސް އަހަންނަށް ހީވެއެވެ.ކައިވެންޏަށްފަހު އޭނާއަށް އަހަރެންގެ މައިންބަފައިން ގާތަށް ޖައްސައިލެވުނީ އަދި ހަމަ އެންމެ ދެފަހަރުއެވެ.މުޅިންވެސް އިސްވެ ޒިޔާރަތް ކުރަނީ އަހަރެންގެ އާއިލާއެވެ.އާރިންގެ ބަހަނާއަކަށް ވެފައި އޮންނަނީ ފިހާރައެވެ.ނޫނީ ގުރުއާން ކުލާހުގެ ކޮންމެވެސް މަސައްކަތެކެވެ.އަހަރެން އެކަމާ އާރިންއާއި ޝަކުވާ ނުކުރިޔަސް އެކަމާ ވަރަށް ދެރަވެ އެއްޗެހި ހިތަށް އަރައެވެ.
****
ޖަމުން އައުމުން ތަށިބަރި ހިފައިގެން ތިރިއަށް ގޮސް އެ ހަވާލުކޮށްފައި އަހަރެން އެނބުރި ކޮޓަރިއަށް ދިޔައީ ފޯނު ސައިލެންޓަށް ލައިގެންނެވެ.ކޮންމެ މީހަކު ގުޅިޔަސް ނުނަގަން ހިތުލައިގެންނެވެ.ބޮލަށް ބަރުވެފައި ހުރުމުން ކިތަންމެ ކުޑަ އިރުކޮޅަކު ނަމަވެސް ނިދާލެވޭތޯއެވެ.
****
ހަވީރު ފެންވަރައި ނަލަހެދިގެން އަހަރެން ގެއަށް ދިޔައިރު ހުރީ ސުފުރާ މައްޗަށް އެއްޗެހިތައް ނަގައި ހުރިހާ ކަމެއް ތައްޔާރުކޮށް ނިންމައިފައެވެ. ދޮންތަ ނޫން އެންމެން ނުކުމެ ސިޓިން ރޫމް ސޯފާގައި ތިއްބެވެ.އަހަރެން ފެނުނު އިރަކަށް ތުއްތަ ތެދުވެގެން ގާތަށް އައެވެ.ހީވީ ސިއްރެއް ބުނެލަން ބޭނުންވެގެން އައިހެންނެވެ.
****
’ކޮބާ އެ ވާގަނޑު ދިގު ދައިތަ؟‘ ތުއްތަ އައިސް ގާތުގައި ހުއްޓިލުމުން އޭނާގެ ކޮނޑުގައި އެލިގެންފައި އަހަރެން އަހައިލީމެވެ. ވަގުތުން ތުއްތަގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.
****
’ދެން މިއަދު ތިއްތިވެ ނިމޭނެހެން ހީވޭތަ؟އަދިވެސް ހަމަ ފުށް ޖަހަނީ…އިރުކޮޅަކުން މުޅި ގޭތެރޭގައި ހުވަނދުލާނެ ނޭވާލާންވެސް އުނދަގޫވާ ވަރަށް…‘ ތުއްތަ މަޖާވެލާފައި ބުނެލިއެެވެ.
’ދަރިފުޅާ މަޒުނަތު ތެދެއް އެކުން އެވަރަށް ސެންޓު ޖަހައިގެނެއް ނޫން ނުކުންނާނީކީ…އެވަރަށް އަންހެނުން ހުވަނދުލާކަށް ނުވާނެ…އަބަދުވެސް ކިޔާ އެއްޗެހި މި..‘ ތުއްތައާއި ވިއްދައި މަންމަ ބުނެލިއެވެ.
****
’ދޮންތައަށް ސެންޓް ޖަހާ ޖަހާ ވަސް ދުވާ ކަމަށް ވޭތަ ދުވަހަކުވެސް…އެ ހެޔޮވާނެ ކައިރީގައި އިންނަ މީހާ އަނބުރައިގަންނަވަރު ވިޔަސް‘ ތުއްތަ ހެމުން ބުނެލިއެވެ.
****
’ހާދާ ވަރަކަށޭ މަގޭ މަސް ތިކަނީ…‘ ކޮޓަރިން ނުކުތް ގޮތަށް ތުން އަނބުރާލާފައި ދޮންތަ ބުނެލިއެވެ.
’ވާވާ…ماشاء الله تبارك الله!ހާދަ ނަލައޭ… އިހާން މޮޔަ ނުވިއްޔާ ދެރަ…‘ އަހަރެން ރާގުލާފައި ބުނެލީމެވެ.
****
ހަގީގަތުގައިވެސް ދޮންތަ ވަރަށް ރީއްޗެވެ.އެއްކަލަ އަބާޔާއާއި އެކު ކަޅުކުލައިގެ ތިން މުށް ޝޯލެއް އަޅާފައި ހުރި އިރު މޭކަޕެއް ބޭނުން ނުވާ އެ ތާޒާ މޫނުމަތިން ފެންނަނީ އުޖާލާކަމެެވެ.ދޮންތަ އަހަންނަށް ވުރެ ތަންކޮޅެއް ކުރު ނޫންނަމަ އަހަރެމެން ދެމީހުން ކުއްލިއަކަށް ފެންނަ މީހަކަށް އޮޅުމަކީވެސް އެކަށީގެންވާ ކަމެކެވެ.މޫނުމަތިން އަހަންނާއި ދޮންތަ ވައްތަރު ގޮތެއް ހުރެއެވެ.އެއީ ކުޑަ އިރުއްސުރެވެސް އެންމެންވެސް ކިޔާ އެއްޗެކެވެ.
****
އެޕާޓްމަންޓުގެ ބެލް އަޅައިލި އަޑަށް އެންމެންގެ ސަމާލުކަން އެ ދިމާލަށް ހުއްޓުނެވެ.ދޮންތައަށް ވީގޮތް ފެނިފައި ތުއްތަ އަހަރެންގެ ގައިގައި ކޮއްޓާލާފައި ލާނެތް ގޮތަކަށް ނިއް އަރުވައިލުމުން ދޮންތަ އަހަރެމެން ދެމީހުންނާއި ދިމާލަށް ކަޅިއަޅައިގަތެވެ.ދޮރު ހުޅުވަން ދާން ވެގެން ދޮންތަ ހިނގައިގަތުމުން އަހަރެމެން ދެމީހުން ސޯފާގައި ރަނގަޅަށް ހަމަ ޖެހިލީ ވާން އުޅޭ ޅިޔަނު ދެކިލާ ހިތުން ދޮރާއި ދިމާލަށް ކަޅި އުކަމުންނެވެ.
****
އެތެރެއަށް ވަތް ދެ ޒުވާނުން ފެނިފައި އަހަންނާއި ތުއްތައަށް އެކު އެކީގައި ދެމީހުންގެ މޫނަށް ބަލައިލެވުނީ ހައިރާންވެފައި ތިބެއެވެ.އޭރު ދޮންތަ ހުރީ ލާނެތް ހިންޏެއް އައިސްފައެވެ.އަހަރެމެންނާއި ދިމާލަށް ބަލާލާފައި އެކަކަށްވެސް ނުފެންނާނެހެން އަނގައަށް ވައްތަރެއް ޖައްސައިލިއެވެ.
****
މި ވީ ގޮތަކީ އެ ދެ ޒުވާނުން ވައްތަރު ނޫނެއް ކަމަކު އެތަނުން އިހާންއަކީ ކޮބައިކަން އަހަންނަށާއި ތުއްތައަށްވެސް ވަކި ކުރަން ނޭނގުނީއެވެ. ފޮޓޯއަކުންވެސް ފެނިފައި ނެތީމައެވެ.
****
އެ ދެޒުވާނުންވެސް ރީއްޗެވެ.ފިރިހެންވަންތައެވެ. މީހަކަށް ދޫކުރާ ވަރުގެ މީހަކު އެތާކު ނެތެވެ.އެތަނުން ކުޑަކޮށް ހަމުގެ ކުލަ އަލިކޮށް އިސްކޮޅުން ދިގުކޮށް ހުރި ޒުވާނާގެ ނަޒަރު ދޮންތަގެ ބަދަލުގައި އަމާޒުވީ އަހަންނަަށެވެ.އޭނާ ކަޅި ޖަހާނުލައި ބަލަން ފެށި ގޮތުން އަހަންނަށް ވަރަށް އުނދަގޫވެސްވިއެވެ.އެއީ އިހާން ކަމުގައި ވާނަމަ ދޮންތަ އަޅަން އެ އުޅެނީ ޅަ އެއްޗެކޭ އަހަރެންްގެ ހިތް ބުނެލިއެވެ.އެހެނަސް ދެން ފެނުނީ އެއަށްވުރެ ތަންކޮޅެއް އިސްކޮޅުން ކުރުކޮށް އޮޅަލި ކުލައިގެ ހަންގަނޑެއް ލިބިފައިވާ ޒުވާނާ އިހާންގެ ނަމުން ތައާރަފްވެ ބައްޕައާއި ސަލާމްކޮށްލިތަނެވެ. އިޚްތިޔާރަކާއި ނުލައި އަހަންނަށް ދެން ހުރި ޒުވާނާއާއި ދިމާލަށް ބަލައިލެވުނު ވަގުތު ދެމީހުންގެ ހަަތަރުކަޅި ބައްދަލުވިއެވެ.އޭނާ އަހަންނަށް ހިނިތުންވެލި ނަމަވެސް ރައްދުގައި ހިނިތުންވެލުމުގެ ބަދަލުގައި އަހަރެން އިސްޖަހައިލީއެވެ.
****
އެ ޒުވާނާ އިސްވެ ބައްޕައާއި ސަލާމްކޮށްލައި އޭނާއަކީ އިހާންގެ ކޮއްކޮ ހައިދިން ކަމުގައި ބުނެ ތައާރަފް ވެލިއެވެ.
ސައިބޯން ސުފުރާ މައްޗަށް އަރާފައިވެސް ހައިދިންގެ ނަޒަރު ދޭތެރެއަކުން އަހަންނަށް އަމާޒުވަމުން ދިޔަކަން އަހަންނަށް ފާހަގަވިއެވެ.އޭރު ދެން ތިބި އެންމެންގެ ސަމާލުކަން ހުއްޓިފައި ހުރީ އިހާންއާއި ދޮންތައަށެވެ. ދެފަރާތުގެ އާއިލާގެ ވާހަކަ ދެކެވެމުން ދިޔައިރު ކޮންމެވެސް ވަރަކަށް އިހާންގެ އާއިލާއާއި ބެހޭގޮތުން އޮޅުން ފިލަމުން ދިޔައެވެ.
****
އެ އާއިލާގައި ތިބެނީ އިހާންއާއި ހައިދިން އެކަންޏެވެ.ވަރަށް ކުޑައިރު އެ ދެމީހުންގެ މައިންބަފައިން ވަނީ ނިޔާވެފައެެވެ.ބަލާ ބޮޑުކުރީ މައި ފުށުގެ ބޮޑުދައިތައެކެވެ.އެހެނަސް ބޮޑުދައިތަވެސް މިހާރު ވަނީ ނިޔާވެފައެވެ.ދެމީހުންގެ ނަންމަތީގައި މައިންބަފައިންގެ ފަރާތުން ވާރުތަވި ގޯއްޗެއް އޮތްއިރު އެ ގެ ވަނީ ހަމައަށް މީހަކަށް ފަސް ފުލޯގެ މަގުން ބަހައިފައެެވެ.ދެބެން ހިއްސާ ވެގެން ހިންގާ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއްވެސް އޮވެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.






Masha Allah Mi part ves vrh reethi curiously waiting for the next part when’s next
Lysm❤️
Thank you Nayerr ❤️
Next part submitted
Lym
Glad you liked it
Vrh reethi mi part vess maa sha allah
vrh kiyaa hithun indha e nimuny 😭
When next
Thank you Aysherr ❤️
Now submitted
Glad you liked it.
👀 who is the new guy….. Haadha bodu kameh vaan ulhey hen heevey… Firimeeha ge alhaalun kuda vaan fashany thr…
Hehe let’s see dho Lily.
Stay tuned ingey.