މާސްކު (ޕާޓް 7)
އަހަރެން މެންދުރަށް ކާން ހަދައިގެން މޭޒުމަތީގައި ތަށިތައް އަތުރައިގެން އިނދެ އިނދެވެސް އާރިންއެއް ކާކަށް ނައެވެ.އެއީ މިވީހާތަނުގައި ކަން ހިނގި ގޮތެއް ނޫނެވެ.ކޮންމެ ތަނެއްގައި ހުރެފައިވެސް މެންދުރު ކާން ގެއަށް އައުމަކީ އޭނާގެ އާދައެކެވެ.ލަސްވިޔަސް ގުޅާފައި ނޫނީ މެސެޖް ކޮށްފައި އޭނާ އެވާހަކަ ބުނެއެވެ.ގުޅަން ހިތަށް އަރާފައިވެސް ފަސްޖެހެވުނީ އާރިންއަށް އުނދަގުލެއް ކުރެވިދާނެތީއެވެ.އެހެނަސް އަސުރުވެގެން ދިޔައިރުވެސް ޚަބަރެއް ނުވުމުން އަހަރެންގެ ހިތް ނުތަނަވަސްވާން ފެށިއެވެ.
****
އެންމެފަހުން ހިތަށް އުނދަގޫވެގެން ކާން ނާންނަނީތޯ އަހާފައި އަހަރެން އާރިންއަށް މެސެޖެއް ކޮށްފީމެވެ.އާނއެކޭ ބުނެފައި އޭނާ ވަގުތުން ޖަވާބު ފޮނުވުމުން އަހަންނަށް އިޚުތިޔާރަކާއި ނުލައި ނިތަށް ރޫ ގިނަކޮށްލެވުނެވެ.ކާން ނާންނަ ވާހަކަވެސް ބުނެ ނުލައި އެހާ އިރު އަހަރެން އާރިންގެ އިންތިޒާރުގައި ބެހެއްޓުމުން ނިކަން ހިތްހަމަ ނުޖެހުނެވެ.އެވަރު އަހަރެންގެ ގާތުގައި ބުނެ ނުލެވޭހާ އޭނާ ހަމަ ބިޒީބާއޭ އަހަރެންގެ ހިތަށް އެރިއެވެ.އެހާ އަވަހަށް މެސެޖަށް ޖަވާބު ދެވުނުއިރު, ނާންނަ ވާހަކަ އަހަރެން ގާތުގައި ބުނެލަންވެސް އޭނާއަށް ވަގުތު ވީސްކަން އަހަންނަށް ޔަގީނެވެ.
****
ހިތްހަމަ ނުޖެހިފައި ހުރެގެން އަހަރެން ތަށިތައް ނަގައި މޭޒުމަތި ސާފުކޮށްފައި ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީމެވެ.ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް އާރިން ގާތުގައި އަހަރެން ދޮންތައާއިއެކު ވިޔަފާރިކުރަން ދާން އުޅޭ ވާހަކަ ނުބުނެ ހުންނާކަށް އަހަރެންގެ ހިތެއް ނުރުހުނެވެ.އާރިންއަށް މެސެޖުކޮށްފައި އެވާހަކަ ބުނެލުމުން ނަސީބަކުން އާރިން ނިކަން އަވަހަށް އޯކޭއޭ ބުނެފައި ޖަވާބު ދީފިއެވެ.އަހަރެން މެސެޖް ކޮށްފައި ހުރި ގޮތުން ހިތްހަމަ ނުޖެހިފައި ހުރިކަން އޭނާއަށް ނަގައި ގެނެވުނީ ކަންނޭނގެއެވެ.
****
ހަތަރުގަޑި ބައިވާން ގާތްވެފައި ވަނިކޮށް ދޮންތަ އައިސްފިއެވެ.އޭރު އަހަންނަށް އަދި ފެންވަރައިގެން ނުކުމެވޭ ވަރުވީއެވެ.އާރިން ކަންތައް ކުރި ގޮތުން މޫޑު ޚަރާބުވެގެން އޮވެ އޮވެފައި އަހަރެން ފެންވަރަން ވަނީވެސް ތަންކޮޅެއް ލަސްވީ ފަހުންނެވެ. ހަތަރުގަޑި ސާޅީސް ފަހަކަށް ގަޑި ކިޔާފައި ގަޑިއަށް ތައްޔާރު ނުވެވުނީވެސް އަހަންނަށެވެ.
****
ދޮންތަ އިނީ ނިކަން ރީތިވެލައިގެންނެވެ.ކަނޑު ނޫކުލައިގެ އަބާޔާއަކާއި ހަމަ އެކުލައިގެ ތިން މުށް ޝޯލްގައި ދޮންތަ ފެންނަލެއް ހިތްގައިމުކަމުން އަހަންނަށް ހިތާ ހިތުން އެ ރީތިކަމަށް ތައުރީފް ކޮށްލެވުނެވެ.ފިރިހެނަކު ހިތް ކިޔާނޭ ފަދަ ހުރިހާ ރީތި ސިފަތަކެއް ދޮންތައަށް ލިބިފައިވާއިރު ފުރިހަމައަށް ނިވާ ވެގެން ދޮންތަ އުޅޭކަމީ ދޮންތަގެ ނަސީބޭ އަހަރެންގެ ހިތަށް އެރިއެވެ.އެނޫންނަމަ މިއުޅޭ ނުބައި ފިރިހެނުންގެ އަމާޒުފަތްގަނޑަކަށް ދޮންތަވެސް ވެގެން ހިނގައިދާނެއެވެ.
***
މާ ބޮޑަށް ރީތިވާކަހަލަ މޫޑެއް ނެތުމުން އަހަރެން ނުކުތީ ކަޅު ކުލައިގެ އަބާޔާއަކާއި އެކު ތިން މުށް އާދައިގެ ބުރުގާއެއް އަޅައިގެން ގޮށެއް ޖަހާލައިގެންނެވެ. އަހަރެން ފެނުނުހާއިރަކަށް ދޮންތަ އަނގަޔަށް ވައްތަރެއް ޖައްސާލައިފިއެވެ.
****
’ދެން ހާދަ ނުރަސްމީއޭ ދޯ މިހާރު…ތީ ހަމަ މެރީ ކުރީމަ އައި ޗޭންޖަސް ތަ؟ އާރިންއަށް މިހޫ ރީތިވެގެން ބޭރަށް ދިޔައިމަ ކަމު ނުދަނީދޯ؟‘އަހަންނާއި ދިމާކުރަންވެގެން ދޮންތަ ބުނެލިއެވެ.އަހަރެން ކަޅި އަޅައިގަތުމުން ދޮންތަގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.
****
ދެމީހުން އެކުގައި އަބާޔާ ފިހާރައަށް ދާން މިސްރާބު ޖެހިއިރުވެސް މުޅިއަކުން އަހަރެންގެ މޫޑު ރަނގަޅެއް ނުވެއެވެ.ދޮންތައަށް އެކަން ފާހަގަކުރެވިގެން ސުވާލު ކުރަން ފެށުމުން ކަމެއް ނުވާކަމަށް އަހަރެން ބުނެލީ ދޮންތަ އެ މައުޟޫއަށް ވާހަކަ ދެއްކުން ހުއްޓައިލާތޯއެވެ.
****
’ކޮބާތަ އާރިން މިއަދު؟‘ ދޮންތަ އިހާންގެ ވާހަކަ ދައްކަ ދައްކާފައި ކުއްލިއަކަށް އާރިންގެ ވާހަކަ އަހައިލުމުން އަހަަންނަށް ދޮންތަގެ މޫނަށް ބަލައިލެވުނީ ފާޑަކަށެވެ.
****
’ޔަގީނޭ މިހާރު ދެމީހުން ކޮންމެވެސް ފައިޓެއް ކޮށްލީކަން…‘ އަހަރެންގެ މޫނުގެ ކުލަވަރަށް ބަލައިގެން ދޮންތަ ނިކަން އަވަހަށް ގޮތް ނިންމައިފިއެވެ.އަހަރެން އެކަމާ ވިއްދައި އެކައްޗެކޭވެސް ނުބުނަމެވެ.އެހެނަސް ދޮންތަ ކުރުނުކޮށް ކިޔަން ފެށުމުން ކުޑަކޮށް ބޮލުގައި ރިއްސަނީކަމަށް ބުނެ އަހަރެން ވާހަކަ ހަމަ ޖައްސައިލީ އާރިންއާއި ބެހޭ ގޮތުން ނައްސި އެއްވެސް ވާހަކައެއް ދައްކަން އަހަރެން ބޭނުން ނުވާތީއެވެ.ފިރިމީހާގެ އައިބުތައް ފޮރުވުމަކީ އަނބިމީހާވެސް ކުރަން ޖެހޭނެ ކަމެއްކަން އަހަންނަށް އެނގެއެވެ.
****
އާރިން އެހެން ތަނަކަށް ނުދާނަމަ އޭނާ އަދިވެސް އުޅޭނީ ފިހާރައިގައިތާއޭ އަހަރެންގެ ހިތަށް އެރިއެވެ. އާރިން ކޮބައިތޯ ބަލައިލަން ދާން އަހަރެންގެ ހިތް އެދެން ފެށިއެވެ.ދޮންތަ ގާތުގައި އެވާހަކަ ބުނެލާނަމޭ ހިތާ ބަލައިލިއިރު އޭނާ ގޮސް އުޅެނީ މާ ދުރުގައި ހުރި އަބާޔާ ސްޓޭންޑްތަކެއް ކައިރީގައި ވަރަށް އަވަދިނެތިއެވެ.އެކި ގޮތް ގޮތަށް ފޮޓޯ ނަގަ ނަގާފައި މާވަރަކަށް ފޯނުން ޓައިޕް ކުރާތީ ފެނުމުން ތުއްތައާ ވާހަކަ ދައްކަނީކަން އަހަންނަށް އެނގުނެވެ.ދެފަހަރަކު މަޑު މަޑުން ގޮވައިލުމުންވެސް އަތުގެ އިޝާރާތުން މަޑުކުރުމަށް ދޮންތަ ބުނެލިއެވެ.އެހެންކަމުން އަހަރެންގެ މިސްރާބު އާރިންގެ ކެބިންއާއި ދިމާލަށް ބަދަލުކޮށްލީމެވެ.
****
އެއީ ފުދޭވަރަކަށް ބޮޑު ފިހާރައެކެވެ.މީހުންތައް އޮންނަނީ ތޮއް ޖެހިފައެވެ.އަބާޔާއާއި، އެކި ކަހަލަ ބުރުގާގެ އިތުރުން އެކި ޑިޒައިންތަކުގެ ޝޯލް ވިއްކާ ’ދި މޮޑެސްޓް މިއުސް‘އަކީ އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފިހާރައެެއްވެސް މެއެވެ.ފިހާރައިގެ އެތެރޭގައި ސްޓޯރ ރޫމަކާއި އެކުގައި ތަފާސްހިސާބުތައް ރައްކާކޮށް ހެދުމަށް ވަކިން ކެބިންއެއް ޚާއްސަ ކޮށްފައި ހުރެއެވެ.އާރިން ގިނައިން އިންނާނީ އެތަނުގައެވެ.ގެންގުޅޭ މީހުން އާ ސޮޓްކް ލިބުމުން ސްޓޮކް ކައުންޓް ސިސްޓަމަށް އަޅާއިރު ބައެއް ފަހަރު ފަރުވާ ކުޑަކޮށްލާފައި ހުންނާތީ އެމީހުން ކުރާ މަސައްކަތް އާރިން އަބަދުވެސް ޑަބަލް ޗެކް ކުރެއެވެ.
****
އާރިންގެ ކެބިންއާއި އަހަރެން ހަމަ އާރާހަމަވިތަނާ ދޮރު ހުޅުވާލައިފައި އާރިން ނުކުމެއްޖެއެވެ.އޭނާގެ ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑާއި ރޫ ޖެހިފައިވާ ގަމީސް ފެނި އަހަންނަށް ދެލޯ ހަނިކޮށްލެވުނެވެ.އާރިންވެސް ހުރީ އަހަރެން ފެނިގެން ބިރެއް ފެނިފައި ހުރިހެން ދެލޯ ބޮޑުކޮށްލައިގެންނެވެ.
****
’މިހްރާ…މިތާ ކީއްކުރަނީ؟!‘ ހައިރާންކަން އެކުލެވިފައިވާ އަޑަކުން އާރިން އަހައިލިއެެވެ.
’ޑިޑް ޔޫ ނޮޓް ސީ މައި ޓެކްސްޓް؟ ރިޕްލައި ދިން ގައިމު‘ހިތް ހަމަ ނުޖެހިފައި ހުރި ވަރުން އަހަންނަށް ބުނެވުނީވެސް ވަރަށް ފާޑަކަށެވެ. އާރިން ދެކޮޅު ހޯދައިލީީ މީހަކު ފެންނަން ހުރިތޯ ބަލައިލާށެވެ.
****
’ނޫން ޝޮޕިންއަށޭ ބުނީމަ ހިއެއް ނުކުރަން މިތަނަށް އަންނަނީ ކަމަކަށް…އަމް ޖަސްޓް ސަޕްރައިޒްޑް…އާދޭ އެތެރެއަށް ‘ އާރިން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދޮރުމަތިން އެއްފަރާތް ވެލައި އަހަރެން ވަންނަން ތަން ދެއްކި އެވެ.
****
’އައިސީ…‘ އަހަރެން ވަންނަން ނޫޅެ ބޭރުގައި މަޑުކޮށްލައިގެން ހުންނަން ފެށުމުން އާރިން ފުން ނޭވާއެއް ދޫކޮށްލިއެވެ.
****
’މިހޫ ހިތްހަމަ ނުޖެހިފައިދޯ ތިހުރީ…ސޮރީ ލަވް…ނޭނގެ ވީ ގޮތެއް…މިތާ އިންދަ ހަމަ ނިދުނީ…ލޯބި ހަމަ މެސެޖް ކުރިތަނަކާ ހޭލެވުނީ…ޕްލީޒް ދެން އެއްފަހަރު ކަމަށް މާފްކޮށްބަަލަ…‘ އާރިން އޭނާގެ ދެކަންފަތުގެ ފޫޅު ގަނޑުގައި ހިފައިލަމުން ތުންފިތާލައިފައި، އާދޭހުގެ ރާގަކަށް ބުނެލިއެވެ.އޭނާގެ އެ އަމަލުން އަހަރެންގެ މެއަށް ފިނިވެގެން ދިޔައެވެ.ރުޅިގަނޑު މަޑުވެލިއެވެ.އެހެނަސް އެހާ އަވަހަށް އަހަރެން ހަތިޔާރު ބެހެއްޓިކަން އާރިންއަށް އަންގާކަށް އަހަރެން ބޭނުމެއް ނުވިއެވެ.ބޭނުންވީ ރަނގަޅަށް ތަޅުވައިލާށެވެ.
****
ބަހަކުން ބަހެއް ނުބުނެ ރުޅި އައިސްފައި ކަމަށް ހެދިގެން ހުރެ އަހަރެން އޭނާއަށް ފަސްދީ ހިނގައިގަތީމެވެ.އެދަނޑިވަޅުގައި އާރިން ކަންތައް ކުރާނެ ގޮތެއް އެނގެން އަހަރެން އެހާ ޝައުގުވެރިވީ ކީއްވެގެން ކަމެއް ނޭނގެއެވެ.
****
ކަންވީ ވެސް އަހަރެން ހީކުރި ގޮތަށެވެ.އާރިން ވަގުތުން އަހަރެންގެ ފަހަތުން އައިސް އަތުގައި ހިފައި ހުއްޓުވިއެވެ.އެހެނަސް ދެން އޭނާ ކޮށްލި ކަމަކުން އަހަންނަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.
****
އާރިން އަހަރެންގެ އަތުގައި ހިފައި އޭނާއާއި ގާތަށް ދަމާލި ގޮތަށް ގޮސް ކެބިން ތެރެއަށް ވައްދާފައި، ހަމަ އެ ބާރު މިނުގައި ގޮސް އަހަރެން ފާރުގައި ތަތްކޮށްލިއެވެ.ދެފަރާތުން ފާރުގައި އަތް ވިއްދާލާފައި އަހަރެން އެ ދޭތެރޭގައި ހައްޔަރުކޮށްލިއިރު އަހަންނަށް ހުރެވުނީ ލައި ލައި ހުރި ނޭވާވެސް ހިފަހައްޓާލައިގެންނެވެ.އޭރު އާރިންގެ ދެލޮލުން ފާޅުވޭވޭ ހުރީ ނުރައްކާތެރި ކުލަވަރެކެވެ.އެ ހޫނު ނޭވާތައް އެއްވެސް ހުރަހެއް ނެތި އަހަރެންގެ މޫނުގައި ބީހެމުން ދިޔައިރު ބަނޑުގައި ކުދި ކޮކާތަކެއް ހަރަކާތްތެރި ވަމުން ދިޔަކަހަލަ އިހުސާސެއް އަހަންނަށް ކުރެވެމުން ދިޔައެވެ.އާރިން އެ އުޅެނީ ކީއްކުރަން ހެއްޔެވެ؟
****
’މިހްރާ…ޕްލީޒް ޑޯންޓް ޓްރައިޓު ސްޓޮޕް މީ ނައު…‘ ކެތްތެރިކަމެއް ނެތް މީހަކު ފަދައިން އާރިން ބުނެލިއެވެ.ދެވަނަ ސިކުންތު ހެދި ނުހެދިއެެއް ނޭނގި އާރިން އަހަރެން އަޅައިގެން ހުރި ބުރުގާވެސް ނަގައި ދަމައިގެންފިއެވެ.އިސާހިތަކު އަހަރެންގެ ނިތަށް އިސްތަށިތައް ފައިބައި ގަތެވެ.މުޅި އިސްތަށިގަނޑު ރޫޅި ތަރުތީބު ގެއްލުނެވެ.އާރިންގެ ހަރަކާތްތައް އަވަސްކަމުން އަހަންނަކަށް އެއްޗެކޭ ބުނެވޭވަރެއްވެސް ނުވިއެވެ. ކަރުހިއްކައިގަނެފައިވާ މީހަކު ފަދައިން އޭނާ އަހަރެންގެ ދެ ތުންފަތް ގައިދުކޮށްލީ ފަޅި ސިކުންތެއްްގެ ތެރޭގައެވެ.އަހަންނަށް އޭނާއާއި ބައިވެރިވެވުނު ގޮތްވެސް ނޭނގުނެވެ.
****
މަސްތުކަމުގެ އެ ކުޑަ ހިނދުކޮޅަކަށް ފަހު އޭނާ އަހަރެންގެ ތުންފަތް މިނިވަން ކުރީ ނޭވާ ކޮޅަށް ދިއުމުންނެވެ.ދެވަނަ ފަހަރަކަށް އާރިން އަހަންނާއި ގާތްވެލި ނަމަވެސް މިފަހަރު އަހަރެމެންގެ ދެމެދަށް އެޅުނު ހުރަހަކަށްވީ ވައިބްރޭޓްވާން ފެށި އަހަރެންގެ ފޯނެވެ.ހިތްހަމަ ނުޖެހުނު ފަދައަކުން އާރިންގެ ނިތަށް ކުދި ރޫތަކެއް އަރައިގެން ދިޔައެވެ.
****
’ކާކު އެ ގުޅަނީ؟‘ ގަޔާނުވެފައި އާރިން އަހައިލިއެވެ.
ދޮންތަގެ ނަން ފޯނުގެ ސްކްރީނަށް އަރާފައި އޮތްތަން ފެނި އަހަންނަށް ހަމަ ބިމަށް އާދެވުނެވެ.
****
’ޝިޓް…!ދޮންތައާއި އެކީގައޭ އައިސް މިއުޅެނީ…ދޮންތަ އެ އުޅެނީ އަހަރެން ނުފެނިގެން ކަންނޭނގެ މިހާރު..އާރިން ޕްލީޒް ކެން އައި ގޯ…؟‘ އަހަރެން އާދޭހުގެ ރާގަކަށް ބުނެލީމެވެ.ދެބުމަ ކައިރިކޮށްލައިގެން އާރިން ހުރިގޮތުން އޭނާ ހިތްހަމަ ނުޖެހިފައި ހުރިކަން އަހަންނަށް އެނގުނެވެ.އެހެނަސް އޭނާ ބޯ ޖަހާލާފައި އަހަންނަށް ބުރުގާ ނަގައި ދިއްކޮށްލިއެވެ.އަަހަރެން އަވަސް ގޮތަކަށް އިސްތަށިގަނޑުގައި ހުޅިއެއް ޖަހައި ވޫލްކޮޅުން ހައްޔަރުކޮށްލާފައި ބުރުގާ ބޮލަށް މަހާލައި ހެޔޮވަރުކޮށްލީމެވެ.އޭރު އާރިން ހުރީ ފާރުގައި ލެނގިލައި، ހަށަން ބަނދެލައިގެން އަހަންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
****
’އައިލް ފިނިޝް ވަޓް އައި ސްޓާރޓެޑް…ވެއިޓް ފޮރ މީ އެޓް ހޯމް…‘ އަހަރެން ނުކުމެ ނުކުމެ ހުއްޓައި އާރިން މަޑު މަޑުން ބުނެލި އަޑުއިވުނެވެ.އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





