Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 49

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
January 2, 2016 8 Mins Read
16 Comments

ދެޒުވާނުންނަށް ވެސް ހޮސްޕިޓަލަށް ދެވުނު އިރު މާހައުލު ވަނީ ހަލަބޮލި ވެފައެވެ. އިޒްކާން މެންގެ ފަހަތުން ކަހަލަ ގޮތަކަށް ޔޫސުފްގެ ދެމަފިރިން ވެސް އައެވެ. ބަލްޤީޝްއަށް އެފަދަ ހިތާމަވެރި ހާދިސާއެއް ދިމާވުމުން ނައިސް ޖުވޭރިޔާއަށް ނުހުރެވުނީއެވެ.

އަވަސް ފަރުވާދޭ ކޮޓަރިއަށް ދެވުނު އިރު ބޭރުގައި ޔޫޝައުގެ އިތުރުން ރަސަލް ވެސް މަޑުކޮށްލައިގެން ތިއްބެވެ. ރަސަލް ރުޅި ގަދަވެ ޑޮކްޓަރުންނާ ދިމާއަށް ހަޅޭއްލަވާ އަޑު ވެސް އިވެއެވެ.

”ބަލަ މިބުނީނު ބޭރަށް ދިޔުމުގެ ހުއްދަ ދޭށޭ، އަހަރެން ބޭނުމެއް ނޫނޭ މިތާކު ބާއްވައިގެން ފަރުވާދޭކަށް!…” ރަސަލް ހަޅޭއްލަވައިގަތެވެ.

”ބައްޕާ، އެމީހުން ބުނަނީ ހާލު ސީރިޔަސް ވީމަ ހުއްދަ ދެވޭކަށް ނެތޯ….” ޔޫޝައު ބައްޕައަށް ވިސްނައިދެވޭ ތޯ އުޅެއެވެ. ދުރުން ދުވެލާފައި އަންނަ އިޒްކާންއާއި ޔަޝްމް ޔޫޝައުއަށް ފެނުނީ ދެނެވެ.

”ކިހިނެއް؟….” ދުވެލާފައި ކަހަލަ ގޮތަކަށް އައިސް ޔޫޝައުއާ އަރާހަމަކުރި އިޒްކާންއަށް ބުނެވުނެވެ. އޭނަގެ އަޑު ދިޔައީ ކުރެހިގެންނެވެ.

”ސިޑިން ވެއްޓުނީ، ޑޮކްޓަރުން ބުނަނީ… މަންމަ…..” ޔޫޝައުއަށް ޖުމްލަ ފުރިހަމަ ކުރެވުނު ކަމަކަށް ނުވިއެވެ. އޭނައަށް ކަރުނަ ހިފެހެއްޓުން ވީ ވެސް އުނދަގޫ ކަމަކަށެވެ. ލޯބިވާ މަންމަ އެދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. ޔޫޝައުއަށް އިޒްކާންގެ ގައިގައި ބައްދައިގަނެވުނެވެ. ޔަޝްމްއަށް ވެސް ކަރުނައިގެ މައްޗަށް ބާރު ފޯރުވޭ ގޮތެއް ނުވިއެވެ. އޭނަގެ ހިތް ވަނީ ބަލްޤީޝް އޮތް ހާލާ މެދު ބިރު ގެންފައެވެ.

މާހިރުގެ ދެމަފިރިންނަށް އެހިތާމަވެރި ހާދިސާގެ ޚަބަރު ލިބުމާއެކު ވަގުތުން މާލެ ދާން ފުރި އެވެ. އެދިޔަ ދަތުރު މަތީގައި ޒައުމާ އިރުއިރުކޮޅާ ލޮލުން ފައިބާ ކަރުނަތައް ފޮހެލައެވެ. މާހިރު ޒައުމާއަށް ހިތްވަރު ލައިދެމުން ގެންދިޔަ އެވެ. އޭރު ދެމަފިރިންނަށް ވެސް ބަލްޤީޝްގެ ހަޤީޤަތެއް އެނގިފަކާ ނެތެވެ.

ކޮންމެ މިނެޓެއް ވެގެން ދިޔައީ ބަލްޤީޝް މަރުގެ ތުންފަތް މައްޗަށް ފޮނުވާލި މިނެޓަކަށެވެ. ސިޑިން ވެއްޓި ބޮލަށް ލިބުނު ސީރިޔަސް ގެއްލުން ތަކުގެ ސަބަބުން ބަލްޤީޝްގެ ސިކުނޑިއަށް ވަނީ ލޭ އެޅިފައެވެ. ހަމައެއާއެކު އަތް ވެސް ވަނީ ބިންދައިގެން ގޮސްފައެވެ. މާލެއިން ބަލްޤީޝްގެ އޮޕަރޭޝަނެއް ކުރެވުނެވެ. އެއޮޕަރޭޝަނަށް ފަހު ބަލްޤީޝްގެ ހާލަތަށް ކުޑަ ބަދަލެއް އައި ކަމުގައި ވިޔަސް އަދިވެސް އޮތީ ސީރިޔަސް ހާލަތެއްގައި ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. ރަސަލް ރުޅިގަދަ ވެގެން އުޅުނީ ފުރުވާލުމުގެ ހުއްދަ ޑޮކްޓަރުން ނުދެއްވައިގެންނެވެ. ކޮންމެ ފަހަރަކު ޑޮކްޓަރުންގެ ޖަވާބު އަޑު އިވި އޭނަގެ ރުޅި ގަނޑު ފަޅައިގެން ދާހާ ވެއެވެ.

ޒައުމާމެންނަށް އާދެވުނީ ރޭގަނޑުވީ ފަހުންނެވެ. މާލޭގެ ފަސްގަނޑުގައި ފައިޖެހުމާއެކު އެމީހުން ފުރަތަމަ ވެސް ދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. ޔަޝްމްއަށް މަންމަ ފެނުމުން ބައްދައިގަނެވުނެވެ. ދުވަސްތަކަކަށް ފަހު މަންމަގެ ލޯބި އެވަގުތު ކޮޅު ޔަޝްމްއަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބުނެވެ. ޒައުމާ ޔަޝްމްއަށް ހިތްވަރު ލައިދިނެވެ. މިފަދަ ވަގުތެއްގައި ކެތްތެރިވާން ޖެހޭނެ ކަމަށާއި ބަލްޤީޝްއަށް ބޭނުންވަނީ ހެޔޮ ދުޢާތަކެއްކަން ވެސް ބުނެދިނެވެ. ޒައުމާމެންނަށް އާދެވުނު އިރު ޑޮކްޓަރުން ބަލްޤީޝް ފުރުވާލުމުގެ ހުއްދަ ވެސް ދީފިއެވެ. ރަސަލް އާއި އިޒްކާން ވީ އެކަންތައް ހަމަޖެއްސުމާއިގެން ގޮހެވެ. ޔޫޝައު އިރުއިރުކޮޅާ ނަރުހުންގެ ގާތުން މަންމަގެ ހާލު ބަލައެވެ. މަންމަގެ ހާލަތަށް ކުޑަވެސް ހޮޔެ ބަދަލެއް އަތުވެދާނެ ކަމުގެ އުއްމީދުގަ އެވެ.

 

…………………………………………………………………………….

އެންމެން ތިބީ އަވަސް ފަރުވާ ދޭ ކޮޓަރީގެ ބޭރުގައި ތިބި ގޮނޑިބަރިތަކެއްގައި އިށީންދެލައިގެންނެވެ. އެހެން ތިއްބާ ނަރުސް ކުއްޖަކު ނިކުތެވެ. ގޮނޑީގައި ކިރިޔާ ފޫ ޖައްސާލައިގެން އިން ޔޫޝައު ވަގުތުން ތެދު ވިއެވެ. ނަރުސް ކުއްޖާ ބުނެލި ޖުމްލައިން އެންމެންގެ ސަމާލުކަން ހުއްޓުނީ ޒައުމާ އަށެވެ. އެހާލުގައި ވެސް ބަލްޤީޝް ބޭނުންވަނީ ޒައުމާ އާއި ބައްދަލުކުރާށެވެ. އެއާއެކު ޔަޝްމްގެ ހިތަށް ފިނިފެން އެއްޗެއް އޮއްސާލެވުނުހެން ވެސް ހީވިއެވެ. ބަލްޤީޝްގެ ބޭނުން ނަގައިގަނެވުމާއެކު ހާސްކަމާއެކު އޭނައަށް ބަލައިލެވުނީ އެތަނަށް އައިސް ހުއްޓުނު އިޒްކާން އަށެވެ. ޔަޝްމްގެ ދެލޮލުގައި ވި ނުތަނަވަސްކަން އިޒްކާންއަށް ވަގުތުން ދޭހަވިއެވެ.

”ޝީ އިޒް ނޮޓް އިން އެ ގުޑް ކޮންޑިޝަން….” އިޒްކާން ޔަޝްމް ގާތަށް ޖެހިލުމާއެކު، ބަލްޤީޝްގެ ހާލާ މެދު ޔަޝްމް ކަންބޮޑުވުން ފާޅު ކުރިއެވެ. އޭރު ނަރުސް ކުއްޖާގެ ފަހަތުން ގޮސް ޒައުމާ އައި.ސީ.ޔޫއަށް ވަދެއްޖެއެވެ. ދެޒުވާނުންނަށް ވެސް ކުރެވުނު ކަމެއް ނެތެވެ.

****

އައި.ސީ.ޔޫގެ އެތެރެއަށް ވަދެވުމުން ޒައުމާގެ ދެފައި ބިމުގައި ތަތްލިހެން ހީވިއެވެ. އޭނައަށް ހުރެވުނީ ހިނގައިގަންނަން ވެސް ނޭގިފައެވެ. ސިހިގެން ދިޔައީ ނަރުސް ކުއްޖާ ވާހަކަ ދެއްކުމުންނެވެ. ނަރުސް ކުއްޖާ ބުނީ މާގިނަ އިރު ވާހަކަ ދެއްކުމުގެ ހުއްދަ ދެވެން ނެތް ކަމަށާއި އެންމެ ގިނަވެގެން ވެސް ދެވޭނީ ތިން މިނެޓް ކަމަށެވެ. ބަލްޤީޝް ބާއްވާފައި އޮތް އެނދާއި ދިމާއަށް ބަލާލެވުނުއިރު ޒައުމާގެ ހިތް އެތިކޮޅުތަކަށް ބުރައިގެން ދިޔަ ކަހަލައެވެ. ލޮލުން ކަރުނަތައް ނީރާލައިފިއެވެ. އެކުވެރިޔާ އޮތް ހާލު ފެނުމުންނެވެ. ގަދަކަމުން ފިޔަވަޅުތައް އަޅަމުން ގޮސް އޭނަ ބަލްޤީޝް ބާއްވާފައި އޮތް އެނދާއި އަރާހަމަކުރިއެވެ. އަދި ބަލްޤީޝްގެ އަތުގައި ފިރުމާލިއެވެ. ބަލި ގޮތަކަށް ލޯހުޅުވާލި ބަލްޤީޝް އުނދަގުލުން ދޫހަރަކާތް ކުރިއެވެ.

”ޒަ..ޒައުމާ… އަހަންނަށް މާފްކޮށްދީ، އަހަރެން ވަނީ ވަރަށް ބޮޑަށް ޒައުމާއަށް އޮޅުވާލާފައި، އެކަމުގެ ސަޒާ ކަންނޭގެ މިއަދު އަހަންނަށް މިލިބެނީ…”

ނުހަނު އުނދަގުލުން ބަލްޤީޝް ވާހަކަ ދެއްކިއެވެ. އަދި ހުރިހާ ހަޤީޤަތެއް ޒައުމާއަށް ކިޔައިދީފިއެވެ. ޒައުމާއަށް ދެފަރާތަށް ބޯހޫރާލެވުނީ ނޫނަކޭ ބުނަމުންނެވެ. އޭރު ބަލްޤީޝްގެ ލޮލުން ފޭބި ކަރުނަ ތިކިތައް ވެގެން ދިޔައީ އޭނަގެ ވާހަކަތަކަށް ޤަބޫލުކުރަން ބާރު އެޅުވި އެއްޗެކަށެވެ. ޒައުމާއަށް ލިބިގެން ދިޔަ ޝޮކު ފިލައިގެން ނުދިޔައެވެ. ކުޑައިރުގެ ގާތް ރަހުމަތްތެރިއަކު އެފަދަ ބޮޑު ދޮގެއް ހަދާފާނެ ކަން ޤަބޫލުކުރެވޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ އޭނަ ބަލްޤީޝްއަށް ހާދަ ބޮޑަށް އިތުބާރު ކުރި ނޫން ހެއްޔެވެ؟ ފުރާނަ ފަދައިން ލޯބިވާ ދަރިފުޅު ބަލްޤީޝްގެ އަތްމައްޗަށް ދޫކޮށްލީ ވެސް އެއިތުބާރުގެ މައްޗަށް ބަރޯސާ ވެގެންނެވެ. ނަމަވެސް ބަލްޤީޝް އޭނައަށް ދިން ލަނޑު ނިކަން ދެކިބަލާށެވެ. ކޮން ފަދަ ބޮޑު އޮޅުވާލުމެއް ހެއްޔެވެ؟ އޭނައަށް އެކަން އެނގުނުނަމަ ޔަޝްމްއާއި އިޒްކާންގެ ކައިވެނި ދުވަހަކު ނުކުރުވީހެވެ. މިއަދު އޭނަ ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެއެވެ. ދަރިފުޅަށް ކުރެވުނު މަޖުބޫރީ މަތިން ހަނދާން ވެފައެވެ.

”މޭމް، މޫވް…” ބޭރު ނަރުސް ކުއްޖަކު އައިސް ޒައުމާ ގާތު ބުންޏެވެ. ހަމަހޭވެރިކަން ވެގެން ދިޔަ ޒައުމާއަށް ފަހަތަށް ޖެހިލެވުނެވެ. ފުސްވަމުން ދިޔަ ދެލޮލުން އޭނައަށް ބަލްޤީޝްއަށް ވަމުން ދިޔަ ގޮތް ވެސް ފެނުނީ ދެނެވެ. އެވަގުތު ޑޮކްޓަރުންނާއި ނަރުހުން އަވަސް ވެގަތީ ބަލްޤީޝްއަށް ފަރުވާ ދިނުމަށެވެ. އެހެނަސް އެފުރާނައަށް ކަނޑައެޅިފައިވާ ވަގުތު އޭރު ވަނީ ހަމަވެ ނިމިފައެވެ.

ކޮންމެ އިންސާނަކަށް ވެސް މި ވަގުތީ ގޯތީގައި ދޫކުރެވޭނެ ނޭވާގެ އަދަދުތައްވެ އެވެ. އެނޭވާ ތަކުގެ އަދަދު ހަމަވުމާއެކު މަރު ތިމާއާ ބައްދަލު ކުރާނެކަން ޤަބޫލުކުރަން ޖެހޭނެ އެވެ. މަރަކީ ވަކި އުމުރެއް އޮތްނަ އެއްޗެއް ނޫނެވެ. ހަމައެއާއެކު މަރަކީ ތިމާއަށް ދައުވަތު ދީފައި ވެސް އަންނަ އެއްޗެއް ނޫނެވެ. މަރު އައިސް ތިމާއާ ބައްދަލު ކުރުމުން ދެއްކޭނެ އުޒުރެއް ވެސް ނޯންނާނެ އެވެ. ހިތް ނޭދުނަސް މި ފަނާވަނިވި ގޯތި ދޫކޮށް ދާން ޖެހޭނެއެވެ. އެއީ އިލާހީ ޤާނޫނެވެ.

ބަލްޤީޝް މިވަގުތީ ފާލަން ދޫކޮށް ދިޔައީ ޒައުމާގެ ކުރިމަތިންނެވެ. ޑޮކްޓަރުން މަސައްކަތް ކުރިކަމުގައި ވިޔަސް ބަލްޤީޝް ސަލާމަތެއް ނުކުރެވުނެވެ. ޒައުމާއަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނު އިރު އޭނަގެ އެސްފިތައް ތެމިއްޖެއެވެ. ”إنا لله و إنا إليه راجعون” ޒައުމާއަށް މަޑުމަޑުން ބުނެލެވުނެވެ. ލޯކުރިމަތިން އެންމެ ގާތް އެކުވެރިޔާ ބީވެގެން ދިޔުމުން އެހިތުގައި ވަނީ ތޫނު ރިހުމެއް އުފައްދާލާފައެވެ. ހަމައެއާއެކު ބަލްޤީޝް އެންމެ ފަހުން ބުނި ޖުމްލަތަކުން އެހިތަށް ވަކިން ބޮޑަށް އަސަރުކުރިއެވެ.

ޒައުމާއަށް އައި.ސީ.ޔޫ އިން ނިކުމެވޭއިރަށް އޭނަގެ ބަޑިފަޅައިގެން ހިނގައްޖެއެވެ. އަނބުރައި ވެސް ގެންފިއެވެ. މާހިރު ދުވެލާފައި އައިސް ޒައުމާގެ ގައިގައި ހިފެހެއްޓިއެވެ. ހަމައެއާއެކު މާހިރުގެ އަތުގެ ތެރެއަށް ޒައުމާގެ ހަށިގަނޑު ދެމިއްޖެއެވެ.

ބަލްޤީޝް ނިޔާވި ޚަބަރު ލިބިގެން ދިޔައީ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ. ރަސަލްގެ ކަންފަތް ދޮށުގައި ބާރުގަދަ ބޮމެއް ގޮއްވާލެވުނު ފަދައެވެ. ނޫނެކޭ ބުނެ ހަޅޭއްލަވައިގަންނަން ބޭނުން ވިއެވެ. ނަމަވެސް އޭނަ ހުރެވުނީ ހުއްޓުން އަރާފައެވެ. އެ ވޭން ދެނިވި ޖުމްލަ ކަންފަތުގައި ރަނގަބީލެއްގެ ސިފައިގައި އޭރު ވެސް ގުގުމަމުން ދިޔަ އެވެ.

އެހެނެއް ނުވާނެއެވެ. އޭނަގެ ލޯބިވާ އަންހެނުން އޭނަ ދޫކޮށްލާފައި ނުދާނެއެވެ. ބަލްޤީޝް ވަނީ އޭނައާއެކު މުޅި އުމުރު ހޭދަކުރާނަން ކަމުގައި ވަޢުދުވެފަ އެވެ. ދެން މިހެން ކަންތައް ވާންވީ ކީއްވެގެން ހެއްޔެވެ؟ އެއީ ދޮގެކެވެ. ސަމާސާ އެކެވެ.

ރަސަލް ހުރީ ގާވެފައެވެ. އިޒްކާން އާއި ޔޫޝައުގެ ހިތަށް ވެސް އަސަރު ކުރިއެވެ. ހަމައެއާއެކު ބައްޕަގެ ސިއްހަތާމެދު ވެސް އިންތިހާއަށް ކަންބޮޑު ވިއެވެ.

ޖުވޭރިޔާ އާއި ޔޫސުފްއަށް ދުރުގައި ތިބެން އިތުރަށް ކެތްނުކުރެވުނެވެ. އެދެމަފިރިން ރަސަލްއަށް ހިތްވަރު ދޭން ބޭނުންވިއެވެ. މިވަގުތު ރަސަލްއަށް ލޯބިވާ މީހުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާނެކަން އެނގޭތީއެވެ. މާޒީ ހަނދާންނައްތާލަން ބޭނުންވީ ވެސް އެހެންވެ އެވެ.

****

ހިނަވައި ނިމުމާއެކު ބަލްޤީޝްއާއި ވަދާއީ ސަލާމް ކުރުމަށް ތިންބަފައިން ދިޔައިރު ތިބީ ކަރުނަތައް ހިފަހައްޓާލައިގެންނެވެ. ބަލްޤީޝްއަށް އަޑު އިވޭ ހިސާބުގައި ރޯން އެކަކު ވެސް ބޭނުމެއް ނޫނެވެ. މަންމަގެ މޫނަށް ބަލާލުމާއެކު އިޒްކާންގެ ލޮލުން ކަރުނަތައް ފައިބައިގަތީ ކޮންޓްރޯލް ނުކުރެވިގެންނެވެ. ހަމައެއާއެކު އަވަސް އަވަހަށް ކަރުނަތައް ވެސް ފޮހެލިއެވެ. މަންމައަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ހެއްދެވި ފަރާތަށް އެތައްފަހަރަކު ދުޢާ ކުރެވުނެވެ.

ރަސަލްގެ ހިތަށް އެންމެ އަސަރުކުރީ މޫނުގައި އެޅިވަގުތުގައެވެ. ވަގުތުން އެކަން ހުއްޓުވަން ވެސް ބޭނުންވިއެވެ. ނަމަވެސް އޭނައަށް ޖެހުނީ ހަޤީޤަތާ ކުރިމަތިލާށެވެ. އޭނަގެ ލޯބިވާ އަންހެނުން ދެން ދުވަހަކު އެނބުރި ނާންނާނެއެވެ. ބަލްޤީޝްގެ ފުރާނަ ވަނީ އޭގެ ވެރި ފަރާތުގެ ހަޒްރަތަށް ދަތުރުކޮށްފައެވެ. އެހިތާމަވެރި ވަގުތުކޮޅު ދުވަހަކު ހިތަކުން ފިލައިގެން ނުދާނެއެވެ. ފިރިހެނަކަށް ވިޔަސް ރަސަލްއަށް އަޑުން އަޑުނަގާފައި ރޮއިނުގަނެވުނީ ކިރިޔާއެވެ. މުޅި އުމުރު ދުވަސް އެކުގައި ހޭދަކުރި ބައިވެރިޔާއާއި ވަދާއުގެ ސަލާމް ކުރަން ޖެހުމުންނެވެ. އޭނަގެ ދިރިއުޅުމަށް ފަޅުކަން ގެނެސްދެމުންނެވެ.

ވަޅުލުމުގެ ކަންތައް ނިމި ގެއަށް އާދެވުނީ އާދުވަހަކަށް އިރުއެރި ފަހުންނެވެ. އޭރު ވެސް ކޮންމެ މީހެއްގެ ލޮލުގައި ކަރުނައިގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. ގެއަށް އާދެވުމާއެކު ރަސަލް ބޭނުންވީ އެކަނި ވެލާށެވެ. އިޒްކާން ބައްޕަގެ ފަހަތުން ދާން އުޅުމުން އެކަން މަނާ ކުރީ ޖުވޭރިޔާ އެވެ. އޭނަ ބުނީ ރަސަލްއަށް ވަގުތު ބޭނުންވާނެ ކަމަށެވެ. އިޒްކާން ހިތާއި ދެކޮޅަށް ބޯޖަހާލިއެވެ. ބައްޕަ އެކަނި ދޫކޮށްލާކަށް އޭނަ ބޭނުމެއް ނޫނެވެ.

ޔޫސުފްގެ ދެމަފިރިން ގެއަށް އައިއިރު ދީމް މަންމަމެންގެ އިންތިޒާރުގައި ބޮޑުކޮޓަރީގައި އިނެވެ. ދީމްގެ ހިތުގައި ބަލްޤީޝްއަށް ޓަކައި ރުޅިވެރިކަން އުފެދިފައި ވިޔަސް މަންމަގެ އެދުމުގެ މަތިން ބަލްޤީޝްގެ މޫނު ދެކިލަން ދިޔައެވެ. ގިނަ އިރު އެތަނުގައި ނުހުރެވުނީ ޔޫޝައު ދެރަވެފައިވާތަނާއި، އެކަނިވެރިކަން ފެނި އޭނަގެ ހިތަށް ލިބިގެން ދިޔަ ފުން ވޭނެއްގެ ސަބަބުންނެވެ. އޭނައަށް ވަނީ ފަލަކްއާއި މާހުތާބް ހައްޔަރުކުރިކަން ޚަބަރުތަކުން އެނގިފައެވެ.

****

”ދަރިފުޅާ ޔަޝްމް….” ރޭގަނޑުގެ ކެއުމަށް ފަހު ޔަޝްމް ގޮވައިގެން ހާމަފެންޑާއަށް އެރި ޒައުމާ ގޮވާލައިފިއެވެ. ޔަޝްމްއަށް މަންމަގެ އަޑުގައި ވި މޮޅިވެރިކަން ފާހަގަ ކުރެވުނެވެ.

”މަންމައަށް މާފް ކުރޭ، އެދުވަހު ޔަޝްމް ބުނި ފަދައިން ކަންތައް ކުރެވުނު ނަމަ….” ދަރިފުޅުގެ ގައިގައި ބައްދާލަމުން ޒައުމާ ވާހަކަ ދެއްކިއެވެ. އޭނައަށް ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނެވެ.

”މަންމާ، ނޭގި ވެވޭ ކަންތަކަށް މާފަށް އެދޭނެ ކަމެއް ނެތޭ، އަހަންނަށް އެނގޭ މަންމައަށް އެނގުނުނަމަ ޤަބޫލުނުވާނެކަން ވެސް….” ޔަޝްމް ބުންޏެވެ.

”އެކުއްޖާގެ މީހުންތަ މިއަދު މިގެއަށް އައީ؟…” ޒައުމާ ޔަޤީންކޮށްލަން އެހިއެވެ. އޭނަ ވަނީ އެމީހުންގެ ގާތުން މާފަށް އެދެން ބޭނުން ވެފައެވެ.

”ހޫމްމް…” ޔަޝްމް މަޢުލޫމާތު ސާފުކޮށްދިނެވެ.

”މަންމަ ބޭނުން އެމީހުންނާ ބައްދަލުކޮށްލަން….” ޒައުމާ އެދުނެވެ.

”މަންމާ، އަހަރެން ވަނީ މިޝްޔާގެ މަންމައާއި ވާހަކަ ދައްކާފައޭ، އެއީ ވަރަށް ރަގަޅު މީހެއް….” ޔަޝްމް ހާމަކުރި ކަމުގައި ވިޔަސް ޒައުމާ އެގޮތާ އެއްބަހެއް ނުވިއެވެ. އޭނަ ބޭނުންވީ ޖުވޭރިޔާއާއި ބައްދަލު ކުރާށެވެ. އެންމެ ފަހުން ޔަޝްމް އެކަމާ އެއްބަސް ވިއެވެ. ދެމައިންގެ ދެމެދުގައި ވާހަކަތައް ބަދަލުކުރެވުނެވެ. ޔަޝްމް އޮޅިގެން ވެސް ނަވްރަސްގެ ނަމެއް ނުގެނެއެވެ. ނަވްރަސްގެ ވާހަކަ މަންމައާއި ބައްޕަ ގާތު ބުނަން އޭނަ ބޭނުންވަނީ ރަގަޅު ފުރުސަތެއް ލިބުމުންނެވެ. އަދި އެވާހަކަ ބުނަން މާ އަވަސްކަމަށް ވެސް އޭނަ ހިތް ބުންޏެވެ.

*****

”ނައިޓިންގޭލް” އަށް ލިބުނު ފުން ހިތާމަތައް ފިލައިގެން ދާން ތިން ހަފްތާ ވަރު ނެގިއެވެ. ވަގުތަކީ ފަރުވާއޭ ބުނާ ބީދައިން މަޑުމަޑުން ހުރިހާ ކަމެއް ހަމައަކަށް އެޅެމުން ދިޔަ އެވެ. ބަލްޤީޝް ނެތުމުން ގޭތެރެއަށް ފަޅުކަން ވެރިވެފައި އޮތަސް ކޮންމެ މީހަކު ދިރިއުޅުމާ ކުރިމަތިލީ އާއުއްމީދަކާ އެކުގައެވެ. ބަލްޤީޝްގެ ހަނދާންތައް ކޮންމެ މީހެއްގެ ހިތުތެރޭގައި ވެސް ވަނީ މުޅި އުމުރަށްޓަކައި ފޮރުވާލެވިފައެވެ. އެހަނދާންތަކުން ހިތަށް ހަމަޖެހުމާ އެއްވަރަށް ކަރުނަ ވެސް ގެނެސްދެ އެވެ. ރުއިމަކުން ކުރާނެ ފައިދާއެއް މިހާރަކު ނެތެވެ. ބަލްޤީޝްއަށް ފައިދާ ކުރާނީ ހަމައެކަނި ކުރާ ހެޔޮ ދުޢާ ތަކުންނެވެ.

ރަސަލްގެ ސިއްހަތާ މެދު ކަންބޮޑުވެފައި ހުންނަ އިޒްކާން ކޮންމެ ދުވަހަކު ބައްޕައަށް ހާއްސަ ސަމާލުކަމެއް ބަހައްޓައެވެ. ބައްޕަ އެކަނި ވިޔަކަ ނުދެއެވެ. ހަމަ އެފަދައިން ޔޫޝައު ވެސް ކަންތައް ކުރެއެވެ.

ޒައުމާ ފުރައިގެން ދިޔައީ ހިތާއި ދެކޮޅަށެވެ. އޭނަ ބޭނުންވީ ޔަޝްމް ގޮވައިގެން ފުރާށެވެ. ނަމަވެސް މިފަހަރު ދަރިފުޅު ބޭނުންވި ގޮތަށް ކަންތައް ކޮށްދޭން މަޖުބޫރު ވީއެވެ. މާހިރުގެ އެދުމާއެކު ވެސް މެއެވެ. ރަސަލްގެ އެދުމުގެ މަތިން ޔަޝްމް ”ނައިޓިންގޭލް” ގައި މަޑުކުރި އެވެ. ޒައުމާ ވެސް އެކަމާ ޤަބޫލުވީ ފުންކޮށް ވިސްނުމަށް ފަހުގައެވެ. އޭރު އިޒްކާން އާއި ޔަޝްމްގެ ވަރީގެ ކަންތައްތައް ނިމި ޔަޝްމް ވަނީ ފުރިހަމަ މިނިވަނަކަށް ވެފައެވެ.

ޔަޝްމް ބަދަލުވީ ތިރީބައިގައި ހުންނަ ގެސްޓް ރޫމްއަށެވެ. ޔަޝްމް އެވާހަކަ ނަވްރަސްއަށް ގުޅާފައި އެންގިއެވެ. ބަލްޤީޝް ނިޔާވި ދުވަހު ނަވްރަސްއަށް އާދެވޭ ގޮތެއް ނުވީ އޭނަ ކުއްލި ގޮތަކަށް ބޭރަށް ފުރަން ޖެހުމުންނެވެ.

*****

ތިން ހަފްތާ ފަސް….

”ދީމްއަށް ނުކެރެންޏާ އަހަރެން ގޮސް ޔޫޝައުއާ ވާހަކަ ދައްކަންތަ؟، އަހަރެން ވަރަށް ހިތްހަމަނުޖެހިފަ މިހުރީ ދީމް އަހަރެން ގާތު ދޮގު ހެދީމަ، ޖުވޭރިޔާ އާންޓީގެ ފަރާތުންނޭ އެކަން އެނގުނީ ވެސް، އަޅެ ދީމް އެއްފަހަރު ވިޔަސް ބުނިނަމަ… އަހަރެން ދަންތަ ޔޫޝައު ގާތަށް؟….”

ވިޝާ ހިތްހަމެނުޖެހިފައިވާ ރާގަކަށް ބުންޏެވެ. ދީމްގެ ހާލާ މެދު ކަންބޮޑުވެފައި ހުރި ޖުވޭރިޔާއަށް މިއަދު އޭނަ ގާތު ދެއްކުނު ވާހަކަ ތަކުންނެވެ.

”އަޅެ މަންމަ ގާތު އެހާ ވަރުން ޕްރޮމިސް ކުރުވީމަ ވެސް ވިޝޫ ގާތު ބުނީތަ، ރަގަޅަށް ވިއްޔާ މިހާރު ބައްޕައަށް ވެސް އެނގޭނެ….” ދީމްއަށް ބުނެވުނެވެ.

”ޖުވޭއްތަ ނުބުނަންށޭ އުޅުނީ ހަމަ ދީމް ގޮތަށް، ދެން އަހަރެންމީ ވާހަކަ ކޮންނަން ނުލާހިކު މޮޅު މީހެއްކަން އެނގެއެއްނު…. އަޅެ ދެން ދީމް މަ ބުނި ގޮތަށް ކަންތައްކޮށްބަލަ، ތިހެން ހުއްޓާ ޔޫޝައު ބީވެއްޖެ ނަމަ ކިހާ ދެރަ… މަށަށް ފެނިފައޭ މިހުރީ ދީމް ރުއި ރުއިމާ އުފުލި ހިތާމަތައް، ލިސިން ޓު މީ ގާރލް….” ވިޝާގެ ވާހަކަ ދެއްކުމުގެ ރާގު މިފަހަރު ބަދަލު ވެއްޖެއެވެ.

”ވިޝޫއަށް ޔަޤީންތަ ޔޫޝް ޤަބޫލުކުރާނެކަން؟، އާފްޓާރ އޯލް ދެޓް އައި ޑިޑް ޓު ހިމް؟… ޔޫޝް އަހަރެން ދެކެ ހޭޓް ނުކުރާނެ ކަމުގެ ޔަޤީންކަން އެބައޮތްތަ؟….” ދީމްގެ ދެލޯ ފެންކަޅިވެގެން ދިޔަ ހިނދު އަޑު ވެސް ކުރެހިގެން ހިނގައްޖެ އެވެ.

”ދީމް، އަހަންނަސް ޓްރަސްޓްކޮށްބަލަ، ދީމްއަށް ނުކެރެންޏާ އަހަރެން ޔޫޝައުއާ ވާހަކަ ދައްކާނަން، އޯކޭ؟….” ވިޝާ ހުރީ އެކުވެރިޔާއަށް އެހީވާން ބޭނުން ވެފައެވެ. ދީމް ފުން ވިސްނުމަކަށް ގެއްލިފައި ހުރެ ބޯޖަހާލި އެވެ.

”މިއަދު ހަވީރު ޔޫޝައު އޮފީހުން ނިމެންވާއިރަށް އަހަރެން ދާނަން ޔޫޝައުއާ ބައްދަލުކުރަން، ނައު ސްމައިލް، އެއެމް ޝުއާރ ހީޒް ގޮއިންގް ޓު ބިލީވް….” ވިޝާ ދީމްގެ އުއްމީދު އާކޮށްދިނެވެ.

*****

ހަވީރުގެ ވަގުތެވެ. އޮފީސް ނިމިގެން ބޭރަށް ނިކުތް ޔޫޝައުގެ ސަމާލުކަން ކާރުން ފޭބި ވިޝާ އަތުލައިފި އެވެ. ވިޝާ ފެނި ޔޫޝައުއަށް ހައިރާންކަންވެސް ލިބުނެވެ.

”ޔޫޝައު މަޑުކޮށްބަލަ…” ދެވަނަ ފަހަރަށްވެސް ވިޝާ ގޮވާލަމުން ޔޫޝައުގެ ފުރިހަމަ ސަމާލުކަން ވިޝާއަށް ހުއްޓާލިއެވެ. ވިޝާގެ އަތުގައި އޮތް ފައިލުވެސް ލޮލުގައި އަޅައިގަތީ ދެނެވެ. މިއޮތް ވަގުތެއްގައި ވިޝާ އޭނައާއި ބައްދަލުކުރަން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟

”ޔޫ ފްރީ؟….” ޖެހިލުން ވުމެއް ނެތި ވިޝާ އޭނަގެ މަޤުސަދާއިގެން ކުރިއަށް ދިޔަ އެވެ. ވިޝާ އަކީ ކަންކަމާ ކެރިގެން ކުރިމަތިލާ އަންހެންކުއްޖެކެވެ. ބައެއް ފަހަރު ފިރިހެނަކަށް ވެސް ދުލެއް ނުކުރާނެ އެވެ.

”ހޫމްމް، ކިހިނެއް ވީ؟…” ޔޫޝައު ފަޓްލޫނުގެ ޖީބަށް ދެއަތްތިލަ ކޮއްޕާލަމުން އަހާލިއެވެ. ނޫކުލައިގެ ގަމީހާއި ކަޅުކުލައިގެ ފަޓްލޫނުގައި ޔޫޝައު ފެންނަ ގޮތް ވަރަށް ވެސް ރީއްޗެވެ. އޭނަގެ ޝަހުސިއްޔަތުގެ ވަރުގަދަ ކަން ވެސް ހާމަކޮށްދެއެވެ.

”ވާހަކައެއް ދައްކާލަން ވެގެން…” ވިޝާ ކުރިއަށް ގެންދިޔައެވެ. ޔޫޝައުއަށް ލިބިގެން ދިޔަ ހައިރާންކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. އޭނަ ވިޝާއަށް ބަލާލިއެވެ.

”އަން މި ރިޕޯޓްތައް ބަލާލުމުން ޔޫޝައުއަށް ޖަވާބު ލިބޭނެކަމަށް އުއްމީދުކުރަން….” ވިޝާ ދިއްކޮށްލި ފައިލަށް ޔޫޝައު ބަލަން ހުރީ ހައިރާންކަމާއެކުގައެވެ. އެއްފަހަރު ވިޝާގެ މޫނަށް އަދި ފައިލަށް އޭނަ އަވަސް ނަޒަރެއް ދިނެވެ.

”ތީ ކާކުގެ އެއްޗެއް؟…” ޔޫޝައު އަހާލިއެވެ.

”ދީމް…”

ވިޝާގެ ޖުމްލައިން ޔޫޝައު އެތެރެއަށް ލާން އުޅުނު ނޭވާ ވެސް ތާށިވެގެން ދިޔަ ކަހަލައެވެ. ދުވަސްތަކަށް ފަހު އެނަން އިވުމުން ވެސް ހިތުގެ ވިންދު އަވަސް ކުރުވައިފިއެވެ. އިހްތިޔާރަކާ ނުލައި އޭނައަށް އެފައިލު ޖަހައިގަނެވުނެވެ. އިތުރު ސުވާލެއް ކުރުމުގެ ފުރުސަތު ނުލިބެނީސް ވިޝާ ގޮސް ކާރަށް އަރައިފި އެވެ.

ފުންނޭވާއެއްލަމުން ތެޅިތެޅި އޮތް ހިތަކާއެކު ޔޫޝައު ފައިލް ހުޅުވާލިއެވެ. އެއާއެކު އޭނަގެ ހިތަށް ގޮށްމުށުގެ އެތިފަހަރެއް އަރައިގެން ދިޔަ ފަދައެވެ. ލޯކުރިމަތިން މަންޒަރުތައް ސިފަވާނެ ފެށި ކަލަހައެވެ. އޭގައިވާ ލިޔެކިޔުންތައް ފެނި އެދޮގުކޮށް ހަޅޭއްލަވައިގަންނަން ވެސް ބޭނުން ވިއެވެ.

”ނޫން.. ނޫން… ދީމް.. އަހަރެން ދޫކޮށް ދިޔައީ މިހެން ވެގެންތަ؟… އާނ، މީގަ މިއޮތް ތާރީހުން ފެށިގެން ދީމް އަހަންނާ މެދު ފަރުވާ ކުޑަ ކުރަން ފެށީ، ރުޅި އައިސް އަބަދު މޫނު ހަދަން ފެށީ… އަބަދު ޒުވާބުކުރަން ފެށީ…. އޯހ ގޯޑް، ދީމް އަހަންނަށް އެންމެ ބޭނުންވި ދުވަހު ދުރުކޮށްލެވުނީ، އަހަރެން މީ ކޮންކަހަލަ މީހެއްތަ؟ ދީމްގެ ހާލަތާ މެދު އެއްފަހަރު ވެސް ވިސްނާލާކަށް ބޭނުމެއް ނުވި، ދީމްގެ ހިތުގައި ވެސް ޖެއްސިއްޖެ. އޯހ ދީމް، އައެމް ސޮރީ….. ދީމް… ދީމް….”

ޔޫޝައުގެ ލޮލުން ފޭބި ކަރުނަތިކިތަކުން ރިޕޯޓްތަކުގެ ގަނޑުތައް ތެމެންފެށިއެވެ. ފައިލް ލައްޕާލަމުން އޭނަ ދުއްވައިގަތީ ސައިކަލާއި ދިމާއަށެވެ. އޭނަގެ ހިތް ރޮނީއެވެ. ދީމްގެ ގާތަށް ދިއުމަށް އެދިއެވެ. މިއަދު ކޮންމެ ގޮތެއް ހަދާފައި ވިޔަސް އޭނަ ދީމްއާއި ބައްދަލު ކުރާނެ އެވެ. އެހިތުގެ ހާލު އަންގައިދޭނެ އެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ޝެރިން (32 ވަނަ ބައި)

Next

އަނިޔާ.. 24 ވަނަ ބައި

Next
January 2, 2016

އަނިޔާ.. 24 ވަނަ ބައި

Previews
January 1, 2016

ޝެރިން (32 ވަނަ ބައި)

16 Comments!

  1. Sandy says:
    January 2, 2016 at 5:52 am

    Alheyy muthu….haadha reehchey…avahah up kohba next part ves…..

  2. mice says:
    January 2, 2016 at 6:32 am

    Varh reethi mi bai vex… 🙂

  3. ninth says:
    January 2, 2016 at 7:28 am

    nimendhw miulheni… mashakah reg eh nuvevun. passward ekey arani. plz help me

    1. Mai says:
      January 2, 2016 at 11:16 am

      kon gothakuntha help vedheynvy ninth???????

  4. Fathun says:
    January 2, 2016 at 7:36 am

    muthaa ur the best… v v v reethi story… next part ah inthizaaru gai

  5. inaya says:
    January 2, 2016 at 7:37 am

    Thanks mutha next part ga misyaa aai ixkaan gulhuvaathi plx yashmu and nervers, yoosau and dheem plz

  6. Niha says:
    January 2, 2016 at 7:44 am

    Ow.. haadhr salhiey mi story.
    Waiting for next partx..
    Upload soon ngey..
    Luv it :-*

  7. Aal says:
    January 2, 2016 at 8:04 am

    Perfect

  8. mixoo88 says:
    January 2, 2016 at 8:06 am

    Vara reethi mi partves….. Anei part upload kuraane vagutheige inthixaaruga 🙂

  9. aminth says:
    January 2, 2016 at 10:02 am

    Vara reethi mi vaahaka just waiting for the next part

  10. Kai says:
    January 2, 2016 at 10:18 am

    Oh muthaa haadha salhi ey 😀 dhen next prt avahah upload kohdheebala 😛 😛 waiting waiting 😉

  11. maahish? says:
    January 2, 2016 at 10:59 am

    Vrh salhi..?

  12. beynuvey says:
    January 2, 2016 at 11:30 am

    Kurin up kuraahen baivaru prt tha up kodhybala ehphaharaa

    1. Shabee says:
      January 2, 2016 at 12:16 pm

      Dhen othy 1 part

    2. beynuvey says:
      January 2, 2016 at 3:36 pm

      Ehen dw

  13. Kiyuntheriyaa says:
    January 2, 2016 at 1:45 pm

    Reethi. Do upload the last part soon…. Waiting for the last part. 🙂

Comments are closed.

Next Episodeފޮހެވޭނޭ ބާއޭ… 50 (ފަހުބައި)←


All Right Reserved!