ޔާސިން މިންހާ ގޮވައިން އައިސް މޭރީ ބްރައުން ދޮރު މައްޗަށް މަޑު ކޮށްލިއެވެ. އޭނާގެ ފޯނު ރިންގްވާން ފެށީ އެވަގުތުއެވެ. ފޯނު ނަގާ ބަލާލިއިރު ގުޅަމުން ދިޔައީ ހުޝާމް އެވެ. އަވަހަށް ފޯނު ނެގިއެވެ. އަދި ހުޝާމް ދިން ހަބަރުން އެނާގެ ހިތްތެޅެން ފެށިއެވެ. ނައިރާ ގެއްލިގެން އުޅޭކަން އެގުމުން އަވަހަށް ބަގީޗާއަށް ދާން ސައިކަލު ނައްޓާލަން އުޅުނެވެ.
“ހާދަ ހާސްވެފަ؟” މިންހާއަށް ނައިރާ ގެއްލިގެން އުޅޭ ހަބަރު ޔާސިންއަށް ލިބުނު ކަން އިގުނެވެ. ނަމަވެސް ނޭގޭ ކަމަށް ހަދާލައިން ހުއްޓެވެ.
“އާން އެއީ ބައްޕަ.. ގެއަށް އައިސް ބަލާށޯ” ޔާސިން ދޮގުހެދިއެވެ. މިންހާއަށް ނައިރާ ގެއްލިގެން އުޅޭ ހަބަރު ދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އަނެއްކާ އެހަބަރު މިންހާ އާ ދީފިނަމަ މިންހާއަށް ވެގެން ދާނެ ގޮތެއް އޭނާ އަކަށް ނޭގެއެވެ. މިންހާވެސް އަވަހަށް ދާށޭ ބުނެ ގޮސް މޭރީ ބްރައުން ތެރެއަށް ވަނެވެ.
ނައިރާ އެތަނުގައި އިންނަ ކިޑްސް ޒޯނުގައި ކުޅެން ހުރިތަން ފެނުމުން މިންހާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ހަމަ އެވަގުތު ނައިރާ ކުޅޭތަން ވީޑިއޯކުރަން އިން އެޑަމް އޭނާއަށް ފެނުނެވެ. ނަސީބަކުން އެތަނުގައި ސްޓާފުން ނުން އިތުރު ބަޔަކު ނެތެވެ. އެއްވެސް މަޑުކުރުމެއްނެތި މިންހާ ދިޔަ ގޮތައްގޮސް އެޑަމްގެ ފޯނުނަގާ ބިންމައްޗަށް އެއްލާލިއެވެ. އަދި އެޑަމްގެ ކޯ މައްޗަށް އެރީ މިންހާގެ އަތްތިލައިގެ ހޫނު އެތިފަހަރެކެވެ. ކައުންޓަރުގައި ތިބި ކުދިން އެ އަޑަށް އެދިމާލަށް ބަލަން ތިއްބެވެ.
“ކަލޭ ކިހިނެއްވެގެން ތިއުޅެނީ… ” މިންހާ ދަތްކުދި ވިކާލަމުން ބުނެލިއެވެ.
“އަހަރެން އެބައުޅެންތަ ކަމެއްވެގެން.. އަހަންނަށް އަހަރެން ދަރިއާ ބައްދަލު ނުކުރެވެންވީ ކީއްވެ… މިންހާ ހީނުކުރައްޗޭ ތިހެން އަދި ހަދާން ނެތޭ މީހަކަށް ހެދިގެން އުޅެނަސް އަހަންނަށް ނޭގި ހުންނާނޭ.. ހުސް ފޭކް ޖައްސަނީ.. ކިހިނެއްވީ އެ ޔާސިން ގެއްލި ދާނެތީތަ..” ކޯ މަތީ އަތް އަޅައިން ހުރެ އެޑަމް ބުނެލިއެވެ.
“އަހަރެން ފޭކް ޖެއްސިއަސް ނުޖެއްސިއަސް އެއީ އެޑަމްއާ ބެހޭ ކަމެއް ނުން… ބުނަން ދެން މީގެ ފަހުން އަހަންނާ އަހަރެން ދަރިފުޅު ކުރިމައްޗަށް ނާންނާތި..” މިންހާ ނައިރާ އެތަނުން ނެރެން ހިގައިގަންނަން އުޅުނު ތަނުން އެޑަމް އޭނާގެ އުނަގަނޑުގައި ހިފާ ގާތް ކޮށްލިއެވެ.
“މިންހާ ތިއުޅެނީ އަހަރެން ކައިރިން ސަލާމަތް ނުވެވިގެންތަ… މިންހާ މީގެ 5 އަހަރު ކުރިން ކުރި ކަންތައް ހަދާން ނެތް ދޯ؟ ހިގާބަ ރޫމް އަކަށް އަހަރެން ވަރަށް އެބަ ބޭނުންވޭ!” މިންހާގެ އަތް ނަގާ އޭނާގެ މޭގައި ކާއްތާލަމުން އެޑަމް ބުނެލިއެވެ.
“ޗީ… ދުރައްދޭ! ” އެޑަމް ކޮއްޕާލުމަށް ފަހު ނައިރާ ގޮވައިން މިންހާ އެތަނުން ދިޔައެވެ. މިންހާ ކަންތައް ކުރާނީ މިހެންކަން ކުރިން އެޑަމް އަށް އިނގެއެވެ. އެނާ ގެ އަތުގައި އޮތް ޕްލާސްޓިކް ޒިޕާ ބޭގް ނަގާ އޭގައި އޮތް ނައިރާގެ އިތަށިކޮޅަށް ބަލާލުމަށްފަހު ހިނި ގަނޑެއް ޖަހާލިއެވެ.
“މިންނުތީ އަހަރެންގެ މީހެއް.. އަހަރެން ކައިރިން ސަލާމަތެއް ނުވެވޭނެ. އަހަންނަށް ނުލިބުނުތާ ޔާސިން އަކަށް ވެސް ނުލިބޭނެ.” އޭނާ އަށް އެކަނި އަޑު އިވޭވަރަށް ބުނެލިއެވެ.
*****
“ޕޮލިހަށް އަންގައިފިންތަ؟” ޔާސިން ޕާކަށް ވަދެ އެތަނުގައި ހުރި ހުޝާމް ކުރެން އަހާލިއެވެ.
“އާން އެކަމް އަދި ނާދޭ ސީންއަކަށް.. މަންމާ ދެން ހުއްޓާލަބަލަ.. ނައި ފެންނާނެއޭ” ރޮމުން ދިޔަ އާތިކާއަށް ހުޝާމް ބުނެލިއެވެ. ޔާސިންވެސް އައިސް އާތިކާގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. އަދި ހުއްޓާލުމަށް ބުނެލިއެވެ. ޔާސިން ފޯނު ރިންގްވާން ފެށިއެވެ.
” ޔާސިން.. ކީއްވެތަ ނައި އެކަނި ޕާކްގަ އުޅުނީ..” މިންހާ މިހެން ބުނުމުން ޔާސިން އަށް ތެޅި ގަނެވުނެވެ. އަދި މިންހާއަށް ނައިރާ އެކަނި ޕާކްގައި ހުރިކަން އިނގުނީ ކިހިނެއްތޯ އަހާލިއެވެ.
“އަޅެ އަހަރެން ބުނީމެއްނުން ޔޫކޭގަ ހުރި ފްރެންޑެކޭ.. އޭނަ އަހަންނަށް ގުޅީ ނައި ގޮވައިން ހުރެ… ބަގީޗާގަ ކުއްޖަކު ރޯތީ އޭނަ ބަލާލި އިރު ނައި އޯ…. އަހަރެން އޭނައަށް އަބަދު ނައި ފޮޓޯ ސްނެޕް ކުރާތީއޯ އިންގުނީ…” މިންހާ ދޮގު މައްޗަށް ދޮގު ހަދަމުން ދިޔައެވެ. އަދި ރޯ އަޑުން ވާހަކަ ދެއްކިއެވެ.
“މިންނޫ ހަމަ ޖެހިބަ… މަންމަ ފާހަނައަށް ދިޔަ ގަޑީ ނައި ޕެނިކް ވެގެން އެ ރޯންފެށީ… އަހަރެން މިންނު ގާތު ނުބުނީ އަނެއްކާ މިންނު ސަކަރާތް ވެދާނެތީ..” ޔާސިން މިންހާ ގޭގައި ހުރިކަން އެގުމުން ފޯނު ބޭއްވުމަށްފަހު ގެޔަށް ދާން ސައިކަލަށް އެރިއެވެ. އާތިކާގެ ސިކުޑީގައި ޔާސިން މަންމާ އޭ ބުނި އަޑު ގުގުމަމުން ދިޔައެވެ. އޭނާ ޔާސިންއަށް އެހާ ވަރަށް އެއްޗެހި ކިޔާ އިރުވެސް ޔާސިން ހިތުގައި އެއްވެސް އެއްޗެއް ނެތްކަން އިގުމުން ދެރަވެ ރޮވެން ފެށުނެވެ.
*****
ނޫރާ ދެކޮޅަށް ހިގަމުން ދިޔައީ ޔާސިން އެފަހުން އެއްގޮތަކަށްވެސް ނުފެންނާތީއެވެ. ޔާސިން އާ ދޭތެރޭ ވިސްނާ ވިސްނާ ނޫރާ ހީވަނީ މޮޔަވެދާނެ ހެންނެވެ. ޔާސިން އަށް ގުޅަން އެތައްފަހަރަކު ފޯނު ނެގިއެއްކަމަކު ގުޅަން ނުކެރެއެވެ.
“ދަރިފުޅާ އަޅެ ތި ފޫކޮޅުގަ ކައްޓެއް ހުރީތަ.. މިތާ އައިސް އިށީދެބަލަ” އައިޝާގެ ބޮލަށް ތުރާވާން ފެށުމުން ބުނެލިއެވެ. ނޫރާ ގޮސް އައިޝާ ގާތު އިށީދެލިއެވެ. އަދި އައިޝާގެ އުގުގައި ބޯ އަޅާލުމަށްފަހު ދެފައި ކައިރި ކޮށްލަމުން ސޯފާގައި އޮށޯވެލިއެވެ.
“ދެން ބުނެބަލަ ކޮންކަމަކާތަ ދަރިފުޅު ތިވިސްނަނީ” ނޫރާގެ ބޮލުގައި ފިރުމާލަމުން އައިޝާ ބުނެލިއެވެ.
“މަންމާ އަހަރެން ނުވިސްނަން ހުއްޓަސް ވިސްނޭ.. ޔާސިން އާ ދޭތެރޭ!” ނޫރާ ޖެހިލުންވެފައި ބުނެލިއެވެ.
“ހިތަކީ ހުއްޓުވޭނެ އެއްޗެއް ނުން.. އެހެންވެ މަންމަ ބުނީ އަޅެ މީހަކާ އިނދެބަލާށޭ… ޔާސިންވެސް އެ އުޅެނީ ނުން ހަމަ ދެން ކީއްވެ ދަރިފުޅަށް ނޫޅެވެންވީ.. ދަރިފުޅުގެ ވަކި ކޮންކަމެއް ނެތިގެން..” އައިޝާ ބެލީ ނޫރާ އަށް ވިސްނަދެވޭތޯއެވެ. ކިތަންމެ ފަހަރަކު އެކައްޗެއް ތަކުރާރު ކުރަން ޖެހުނަސް އޭނާގެ ދަރިފުޅަށް އެކަމުން މަންފާ ވަންޔާ ތަކުރާރު ކުރާނެއެވެ.
“މަންމާ އަހަރެންގެ ހިތް އެދެނީ ޔާސިން.. އަހަންނަށް އޭނަ ފެނުނިއްސުރެ ހަދާން ނުނެތޭ އެންމެ ހިދުކޮޅެއްވެސް.. ދެން.. ދެން އަހަރެން ކިހިނެއް އެހެން މީހަކާ އިންނާނީ ވަކި..” މިފަހަރު ނޫރާ ރުޅިއެއް ނާދެއެވެ. އޭނަގެ ސިކުޑީގައި މިހިނގާ ކަންކަމާ ދުރުވާން އޭނާވެސް ބޭނުންވެއެވެ. ކޮންމެ ގޮތެއްވިޔަސް ޔާސިން އަކީ މިއަދު މީހެއްގެ ފިރިއެކެވެ. އެ ދިރިއުޅުން ހަލާކު ކޮށްލާފައި ޔާސިން ގާތަށް ދާކަށް އޭނާ ބޭނުމެއް ނޫނެވެ.
“ދެން އެކަމް ދަރިފުޅު އުމުރު ހުސްކުރަނީ ތިހެންތަ.. ތީ މަންމަގެ ހުރިހާވެސް ކަމަކީ.. މަންމަ ވެސް ބޭނުންވޭ ދަރިފުޅު މީހަކާ އިނދެ މާމަ ދަރިއެއް އުރާލާ ދެކިލަން.. މަންމަ ވެސް މިހާރު މި މުސްކުޅި ވަނީ.. މާދަމާ ކަންނޭގެ މަންމަ މި ދުނިޔެއިން ވަކިވެގެން ދާނީ…” އައިޝާ މިހެން ބުނުމުން ނޫރާ އައިޝާގެ އަތުގައި ބާރަށް ހިފާލިއެވެ.
*****
ގެއަށް އައިސް ވަނުމާ އެކު ޔާސިން ދުވެފައި ގޮސް ސޯފާގައި އިން ނައިރާގެ ގައިގާ ބައްދާލިއެވެ. އަދި ނައިރާގެ ދެއަތް ނަގާ ބޮސްދިނެވެ. އޭރު މިންހާ ސޯފާގެ ކަނުގައި މޫނުގައި އަތް އަޅާލައިން އިނެވެ. އަދި ޔާސިރުވެސް މައި ސޯފާގައި އިށީދެލައިން ވަރަށް ހިތްހަމަ ނުޖެހިފައި އިނެވެ.
“ކިހިނެއްވީ ކަމެއްކަން ކިޔާދެން ތައްޔާރުތަ؟” ޔާސިން ފަހަތުން ވަދެގެން އައި އާތިކާ އާ ދިމާލަށް ޔާސިރު ބުނެލިއެވެ. ޔާސިރު އަށް އާތިކާ ކުރި ހުރިހާ ކަމެއް އިގެއެވެ. އާތިކާ ފާހާނާގައި ހުއްޓާ މޫސަބެ އާތިކާއަށް ދޮނުވި މެސެޖު ޔާސިރު އަށް ފެނުނެވެ. އަދި އެހިސާބުން ޔާސިރު ނިދާފައި ކަމަށް ހަދައި އޮތީ އާތިކާ ގެއިން ނިކުންނަން ދެނެވެ. އާތިކާއަށް ފާރަލާން ވިސްނައިގެންނެވެ. އާތިކާ މަޑުމަޑުން އައިސް ޔާސިރުގެ ގާތުގައި އިށީދެލިއެވެ.
” އަހަރެން ނައިރާ ކުޅެން ބަހައްޓާފަ ދިޔައީ ވަރަށް ބޮޑަށް ފާހާނާއަކަށް ދާން ޖެހިގެން ދެން އަހަރެން އައި އިރު ނައިރާއެއް ނެތް ފެންނަން.” އާތިކާ އަށް ރޮވޭ ގޮތް ވިއެވެ. ހަޤީޤަތުގައިވެސް އޭނާ ހުރީ ނައިރާ ގެއްލުނީކަމަށް ހިތާ ދެރަވެފައެވެ. ޔާސިރު ތެދުވެ އާތިކާގެ އަތުގައި ހިފައި ދަމައިގަތެވެ. މީ ހުޝާމުއަށް ޔާސިރު މިހާ ރުޅިއައިސް ހުއްޓާ ފެނުނު ފުރަތަމަ ފަހަރެވެ. އާތިކާ ވީ ތަދުން އައްދޯތް އޭ ބުނެލިއެވެ. ނަމަވެސް އާތިކާއަށް ވީ ތަދަކަށް ބެލުމެއް ނެތި އަތުގައި ހިފާ ދަމާފައި ގޮސް ޔާސިރު ވަނީ ކޮޓަރިއަށެވެ. އަދި ދޮރު ލައްޕާ ތަޅުލިއެވެ. ހުޝާމް ފަހަތުން ވަދެވޭތޯ ބެލީ އޭނާގެ މަންމަ އަށް އެއްވެސް އަނިޔާއެއް ބައްޕަ ދޭން ނޭދޭތީއެވެ.
“ބައްޕާ ރުޅި މަޑު ކޮށްފަ ނުކުމެބަލަ.. މަންމަ ވެސް ގަސްދުގަ…” ހުޝާމް އަށް ބުނެވުނީ މި ވަރަށެވެ.
” ހުޝާމް މިކަމަށް އެއްޗެއް ނުބުނެ މަޑުން ހުރޭ.. މީ މަށާ މަގޭ އަންހެނުންނާ އޮތަ މައްސަލައެއް..” ޔާސިރު ދޮރު ހުޅުވާ މިހެން ބުނުމަށްފަހު އަނެއްކާވެސް ދޮރު ލައްޕާ ތަޅުލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




MASHA ALLAH VARAH REETHI
NEXT PART KONIRAKUN???
LYSM❤️❤️❤️
I don’t know why but I really want Minha and Yaasin to be the end game 😭😔. And Noora & Husham to be. After all this Husham deserves Noora. I know that’s not gonna happen tho . Ekamaku varah loabi Minha Ranghalhah ulhey than fenuneema. Btw Nice story 🤍