ހިތުގެ ރިހުން (14)
“އައްދޯތް…” މިންހާއަށް ވީތަދުން ބުނެލެވުނެވެ.
“އަހަރެން މިންހާ އާ ބައްދަލު ނުވެ ނުގުޅި އުޅޭތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވީ… އަހަރެން މަތިން ހަދާނެއް ނުވޭތަ؟” މިންހާގެ އުނަގަނޑުގައި ހިފާ ގާތް ކޮށްލަމުން އެޑަމް ބުނެލިއެވެ.
“ދުރައްދޭ.. ކަލޭ ތިހިރީ ބޮއެގެންތަ؟” މިންހާ ބުނެލިއެވެ. އެވަޤުތު ޔާސިން އައިސް އެޑަމްގެ މޭ މަތީ އަޅާ ކޮށްޕާލިއެވެ.
“އާރ ޔޫ އޯކޭ؟” މިންހާގެ ދެއަތުގައި ހިފާލަމުން ޔާސިން އަހާލިއެވެ.
“ކޮބާ ކަލޭ މައްސަލައަކީ؟ އައިސް މީހުން ގަޔަށް ބޮލަށް އަރަނީ؟” ޔާސިން މިންހާ އޭނާގެ ފުރަގަހަށް ލަމުން އެޑަމްއާ ދިމާލަށް ބުނެލިއެވެ.
“އަހަރެން ދައްތަ ކައިރި ބުނީ ސައި ބޯލަން ރުފިޔާއެއް ދޭން…” އެޑަމް އަވަހަށް އޮޅުވާލިއެވެ. ޔާސިން މިންހާގެ އަތުގައި އޮތް ވޮލެޓު ނަގާ 100 ރުފިޔާ ދިއްކޮލިއެވެ.
“ދެންވެސް މީގެ ފަހުން ތަނަކު އަންހެނެއް ހުރިއްޔާ ގޮސް ގަޔަށް ބޮލަށް އަރާނީކީ ނުން. އަހަރެން ވީމަ ކަލޭ މި ދުކޮށްލީ..” ޔާސިން ބުނެލިއެވެ.
“ސޮރީ ދައްތާ.. ސޮރީ ބޭބޭ…” އެޑަމް އަވަހަށް އެ 100 ރުފިޔާ ހިފައިން އެތަނުން ހިގައްޖެއެވެ.
“ބޮއެގެން ހުރި މީހެއް ކަންނެގެ.. އަހަރެން ނެތޭ ރުފިޔާއެއް ބުނީމަ އޭނަ އަހަރެން އަތުގަ ހިފާ އެ ދަމައިގަތީ..” މިންހާ ހުރީ ޔާސިން ހިތްހަމަ ނުޖެހިދާނެތީ ބިރު ގަނެފައެވެ.
“އާން އެވައްތަރު ޖަހަނީ.. ކީއް ކުރާނީ ގައުމުގެ ހާލަތުތީ” މިހެން ބުނުމަށްފަހު ޔާސިން މިންހާ އަތުލަފި ކޮށްލައިގެން މޫދާ ދިމާލަށް ހިގައިގަތެވެ.
*****
ޖެހިގެން އައި ދުވަސް
އާތިކާ ތައްޔާރު ވަމުން ދިޔައީ މޫސަބެއާ ބައްދަލު ކުރަން އެގޭ ދޮށަށް ދިއުމަށެވެ. ޔާސިރު ގާތުގައި ބުނާނެ އެއްޗެއް ވިސްނަމުންދިޔައީ އޭނާ އަކީ އާންމުކޮށް ގެއިން ބޭރަށް އެކަނި ނިކުންނަ މީހެއް ނުން ކަމުންނެވެ. ކުއްލިއަކަށް ހަދާނަށް އައި ނައިރާއެވެ. ނައިރާ ގޮވައިން ޕާކަށް ދަނީޔޭ ބުނާނަމޭ ހިތާ ހުޝާމްގެ ކޮޓަރިއަށް ނައިރާ ތައްޔާރު ކުރަން ގޮސް ވަނެވެ. ކޮންމެ ބަންދެއްގައި ޔާސިންމެން އައިސް ތިބެނީ ޔާސިރުމެންގޭގައެވެ.
“ނައި.. ހިނގާ މާމައާ އެކު ޕާރކަށް ދާން..” ހުޝާމްގެ ފޯނުން ޔޫޓިއުބު ބަލަން އިން ނައިރާ އަވަސް އަވަހަށް ތެދުވީ ޕާރކަށޭ ބުނުމުންނެވެ. ހުޝާމް ގެ ހިތުގައި ސުވާލުތައް އުފެދެން ފެށިއެވެ. ކުއްލިއަކަށް އޭނާގެ މަންމަ ނައިރާ ގޮވައިން ޕާރކަށްދާން ނިންމީ ކީއްވެބާއެވެ. ހުޝާމް ހީކޮށްގެން ހުރީ އާތިކާ ޔާސިން ދެކެ އަންނަ ރުޅި ނައިރާއަށްވެސް ބާލާނެ ކަމަށެވެ. ނަމަވެސް އާތިކާ އައިސް ނައިރާ ރީތި ކުރުމުގައި ގެންގުޅުނު އޯގާތެރި ގޮތް ގަނޑު ފެނުމުން އޭނާ ކުޑައިރު އާތިކާ އުޅުނު ގޮތް ހަދާނަށް އައެވެ. ހުޝާމް ބަލަހައްޓައިން އޮތް ގޮތުންވެސް އާތިކާއަށް ހުޝާމްގެ ސިކުޑީގައި ސުވާލު އެބުރޭކަން އެގެއެވެ.
“މަންމަ އަށް އިނގޭ ދަރިފުޅު ތި ވިސްނަނީ ކޯންޗެއްކަން… މަންމަ ވެސް މި ބަލަނީ ޔާސިން އާ ނައިރާ އެކްސެޕްޓް ކުރެވޭތޯ.. ދަރިފުޅަށް ދިން ލޯބި ނުދެވުނަސް އެދެބަފައިންނަށް ހެޔޮކޮށް ހިތަން.” އާތިކާ ބުނެލީ ހުޝާމް ވާ ވައްދަންށެވެ.
“ތޭންކްސް މަންމާ.. ނައި ރަގަޅަށް ބަލައްޗޭ.. ކިހާ އިރަކު އަންނާނީ..” އާތިކާ ހުރީ ހުޝާމްގެ މި ސުވާލަށް ތައްޔާރުވެގެންނެއް ނޫނެވެ.
“ކޮއްކޮ އަންނާނީ އައިސްކްރީމް ބޮއެގެން ދޯ މާމާ..” މިފަހަރު އާތިކާ ސަލާމަތްވީ ނައިރާ މިހެން ބުނުމުންނެވެ. ނައިރާ ބޫޓަށް އަރުވާލައިން އާތިކާ ބޭރަށް ނިކުތެވެ. އަދި ޓެކްސީއަކަށް އަރައިން މޫސްބެމެންގޭ ކައިރިއަށް ދިޔައެވެ. ނަސީބަކުން އެގެ އިންނަނީ ކުޑަކުދިން ބަގީޗާ ކައިރިއެވެ. ކާރުން ފައިބައިގެން އާތިކާ ގޮސް ކުޑަކުދިން ބަގީޗާއަށް ވަނެވެ.
“ނައި.. ދޭ އުދޯއްޔަށް އަރާ ސްލައިޑަށް އަރާލަން… މާމަ އަންނާނަން ފާހަނައަށް ވަދެލާފަ.. މިތަނުން ދުރަށް ނުދައްޗޭ..” އާތިކާ ބެލީ ނައިރާއަށްވެސް ދޮގު ހަދައިން އޭނާ ކުރަން ބޭނުންވާ ކަންތައް ކުރަން އަވަހަށް ދިއުމަށެވެ. ނައިރާ ކުޅެން ދުއްވައިގަތުމުން ތެޅެމުން ފޮޅެމުން އާތިކާ ގޮސް މޫސަބެމެން ގެއަށް ވަނެވެ.
*****
ޕާރކުތެރޭ ކުޑަކުއްޖަކު ރޯ އަޑަށް މީހުންނަތައް އެއްވަމުން ދިޔައެވެ. ނައިރާ ރޮމުން ދިޔައީ އާތިކާ ފާހަނައަށޭ ކިޔާ ދިޔަފަހުން ނައުމުންނެވެ. އެވަޤުތު އެޑަމްވެސް ނައިރާއަށް ފާރަލަމުން ޕާރކައް އައިސް އެތާ ހުއްޓެވެ. އެޑަމްއަށް ވިސްނުނީ މިންހާ އާ އެންމެ ފަސޭހައިން ބައްދަލުވާނީ ނައިރާ ގޮވައިން ހުރިއްޔާކަމެވެ. ލަސްނުކޮށް އެޑަމް ގޮސް ނައިރާ ގާތުގައި ހުއްޓިލިއެވެ.
“ނައި.. ބޭބެ މިއައީ މަންމި ފޮނުވައިން ނައި ބަލާ..” އެޑަމް މިހެން ބުނުމުން ނައިރާ ކުޑަކޮށް ޖެހިލުންވިއެވެ. ޔާސިން އަބަދުވެސް ނައިރާ ގާތު ބުނަމުން ދާ ވާހަކަ އަކީ ނުދަންނަ މީހަކު އައިސް މަންމަ ބުނެގެންނޭ ބައްޕަ ބުނެގެންނޭ ބުންޔަސް އެ މީހަކު ފަހަތުން ނުދިއުމަށެވެ. ނައިރާގެ ރުއިމުގެ އަޑު ވީ ބާރެވެ.
“ބަލަ. ބަލަ.. މީނީ ނުން މަންމި.. މީ ބޭބެގެ ފްރެންޑެކޭ މަންމި އަކީ…” ނައިރާ އަށް އެޑަމް ދައްކާލީ މިންހާގެ ފޮޓޮއެކެވެ. އެހިސާބުން ނައިރާ އަށް އެޑަމް ދައްކާ ވާހަކަ ގަބޫލު ކުރެވެން ފެށުނެވެ. އެޑަމްގެ އަތުކޮޅުގައި ހިފައިން ނައިރާ ގޮސް އެޑަމްގެ ސައިކަލު ފަހަތަށް އެރިއެވެ. އަދި މަޑު ދުވެއްޔެއްގައި ގޮސް މަޑުކޮށްލީ މޭރީ ބްރައުން ކައިރިއެވެ. ނައިރާ އުރާލައިން ގޮސް މޭރީ ބްރައުން ތެރެއަށް އެޑަމް ވަނެވެ. މީ ނައިރާ އާ އެޑަމް މިހާ ގާތްވި ފުރަތަމަ ފަހަރެވެ. އޭނާގެ ދަރިއެއް ކަމަކު ނައިރާ އާ ގާތްވެ ވާހަކަ ދައްކާ ހަދާކަށް މިންހާ ފުރުސަތެއް ނުދެއެވެ.
-މޭރީ ބްރައުންނަށް އާދޭ- ނައިރާގެ ފޮޓޯ މިންހާ އަށް ފޮނުވާލަމުން އެޑަމް މެސެޖު ކޮށްލިއެވެ.
-ހަބަރުދާރު އެޑަމް ކަލޭ ނައިރާ އަށް ކަމެއް ނުކުރާތި.. އަހަރެން މިއުޅެނީ ބޭރުގަ ޔާސިންއާ އެއްކޮށް- މިންހާގެ ޖަވާބު އައެވެ.
-ބަލަ ނައިރާ އެއީ އަހަރެންގެ އުފަން ލެޔޭ.. އަހަރެން އޭނައަށް ކީއްތަ ކުރާނީ.. އެކަމް ބުނަން ކުރިއަށް އޮތް 15 މިނިޓް ތެރޭ މިތަނަށް މިންހާ ނައިއްސިްޔާ ދެން ނޭގެ މިންހާ އަށް ނައިރާ ފެންނާނެ ކަމެއް- މިންހާ ބިރު ދައްކާލަން އެޑަމް ބުނެލިއެވެ.
“ޔާސިން އަހަރެން ލާދީބަ މޭރީ ބްރައުންއަށް.. ޔޫކޭގަ އުޅޭ ފްރެންޑެއް އައިސް މެސެޖެއް ކޮށްފި ބައްދަލު ކޮށްލަން” ޔާސިންގެ ސައިކަލު ފަހަތުގައި އިދެ މިންހާ ބުނެލިއެވެ.
“އަހަރެން ދަންތަ.. މިންނު އަކަށް ނޭގޭނުން އޭނަ އެހާ ރަގަޅަކަށް” ޔާސިން ބުނެލިއެވެ.
“އާން ނޭގޭ.. އެކަމް އަހަރެން ބޭނުމެއް ނުން އެއްވެސް މީހަކަށް އަހަރެން ހަދާން ނެތްކަން އަންގަން.. އެމީހުން އަދި ދެކޭނެ ގޮތްވެސް ނޭގޭ..” މިންހާ ދޮގު ހަދާލިއެވެ. އަދި ޔާސިން އޭނާ އާ އެއްކޮށް އައުމަށް އިންކާރު ކުރިއެވެ.
*****
“އެކޮއެ… މިފަހަރު ކޮން އެތިފަހަރެއް ހަދަން ބޭނުން ވަނީ… ” މޫސަބެ ވާހަކަ ދެއްކީ އެގޭ ގޮޑީގައި ހާސްވެފައި އިން އާތިކާއާއެވެ.
“މިއުޅެނީ އެއްކަލަ އަންހެނާގެ ދަރިފުޅު އަހަރެމެން ދިރިއުޅުމުގެ ތެރެއަށް ވަދެގެން.. އޭނަ ި ދިރިއުޅުމުން ދުރަށް ދާން އަހަރެން ބޭނުން ވަނީ..” އާތިކާ އެއްނޭވާއިން ބުނެލިއެވެ.
“ހަމަ ޖެހޭ.. ބޭބެ ދޭނަން ތަވީދެއް ލިޔެފަ އެ އެޅުވޭނެތަ އެސޮރު އަތުގަ؟” މޫސަބެ އަހާލިއެވެ.
“ތިކަމެއްނުން އަހަންނަށް މީގެ 25 އަހަރު ކުރިން ނުވީ… އެފަހަރު ހެދި އެތިފަހަރު ކަހަލަ އެތިފަހަރެއް ހަދާބަލަ.. އެ އަންހެނާވެސް ދިޔައީނުން އަހަރެމެންނާ ދުރަށް..” އާތިކާ ބުނެލިއެވެ.
“ބޭބެ އޭރު ނަހަދަން އެތިފަހަރެއް.. އޭރު ބޭބެ ޖިންނި ކަންތައް ގަނޑެއް ލައިގަނެގެން އެކަން ނުކުރެވުނު..” މޫސަބެ މިހެން ބުނުމުން އާތިކާއަށް ލިބުނީ ހައިރާން ކަމެކެވެ. އެފަހަރު ކަމެއް ނުކުރާ ނަމަ މަރީ އެހާ ފަސޭހައިން އެމީހުން ދިރިއުޅުމުން ދިޔައީ ކީއްވެ ބާވައެވެ. މަރީ ޔާސިރު ދެކެ ލޯބިވި މިންވަރު އާތިކާ އަށް ތަސައްވަރު ކުރެވުނެވެ. އޭނާފަދަ ނިކަމެއްޗެއް ހުރިހާ ތަކުލީފަކާއެކު އެމީހުންނާ ދުރަށް ދިޔައީ ލައްކަ ހިއްވަރު ގަދަ ވީމައެވެ. ޔާސިންއަށް އަނިޔާއެއް ދިނުމުގެ ވިސްނުމާ މަޑު މަޑުން އާތިކާ ދުރަށް ދިޔައެވެ.
“އަހަރެން އަންނާނަން ފަހުން..” އާތިކާ ގޮޑިން ތެދުވެ ދުއްވައިގަތީ ނައިރާ ހޯދަން ޕާރކަށެވެ. މުޅި ތަން ހޯދާ ބެލި އިރުވެސް ނައިރާ އެއް އޭނާ އަކަށް ނުފެނުނެވެ. ނައިރާ އަށް އެތަށް ފަހަަރަކު ގޮވިއެވެ. ނަމަވެސް އެއްވެސް ތަނަކުން ނައިރާގެ ހިލަމެއް ނުވެއެވެ.
“ދަރިފުޅާ ނައި ގެއްލިގެން މިއުޅެނީ.. މަންމަ ދިޔައި ވަރަށް ބޮޑަށް ފާހަނައަކަށް ދާން ޖެހިގެން.. އެކަމް އައި އިރު.. އައި އިރު ނައި އެއް ނެތް..” އާތިކާ ރޮމުން ރޮމުން ވާހަކަ ދެއްކީ ހުޝާމާއެވެ. ހުޝާމްވެސް އަވަސް އަރުވާލައިން ގަމީސް ލައިގެން ބަގީޗާ އާ ދިމާލަށް މިސްރާބު ޖެހިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



