އޭނާ ބަލާ ބޮޑުކުރި މަންމަ އޭނާގެ ގަޔަށް ކިޔެވި އިރު ކުއްލިއަކަށް ފާޅުވި ގޮތް ނޭނގޭ ޖިންނި އަންހެން ކުއްޖަކަށް އޭނާ އިތުބާރުކުރާނީ ކިހިނެއް ހެއްޔެވެ؟
ޔުމްނާ ފަރާއާއި ދިމާއަށް ޝައްކުގެ ނަޒަރަަކުން ބަލާލިއެވެ. “ކުރިން ދުވަހު ބުނީމެއްނު ފަރާ ބޭނުންވަނީ އަހަރެންނަށް އެހީވާށޭ؟ އެއީ ކީއްވެގެން؟” ޔުމްނާ ސުވާލުކުރިއެވެ. ފަރާ އިނީ ޔުމްނާގެ މި ސުވާލަށް ތައްޔާރުވެގެންނެވެ. “އެއީ….އަހަރެންނަކީ…ޔުމްނާގެ މާމަގެ ބޮޑުދައިތަ.” ފަރާ މަޑުމަޑުން ބުނެލިއެވެ.
******* 10 ވަނަ ބައި *******
ޔުމްނާގެ ދެލޯ މުދުނަށް އަރައިގެން ދިޔައެވެ. އިރުކޮޅެއްވަންދެން ގަބުވެފައި ޔުމްނާއަށް އިނދެވުނެވެ. ޤަބޫލުނުކުރެވޭ ފަދައަކުން ޔުމްނާ ފަރާއާއި ދިމާއަށް ބަލާލިއެވެ. “ބޮ…ބޮޑުދައިތައޭ؟ އަހަރެންނެއް ދުވަހަކުވެސް އަހަރެންގެ މާމައެއް ނުދެކެން.” ޔުމްނާ ބުންޏެވެ. ތެދެކެވެ. ޔުމްނާ ދުނިޔެއަށް އައުމުގެ ކުރިން އޭނާގެ މާމަ ވަނީ މި ދުނިޔެ ދޫކޮށްފައެވެ.
“އަހަރެންނަށް އެކަން އެނގޭ.” ފަރާ ޔުމްނާއާއި ދިމާއަށް ބަލާލަމުން ބުންޏެވެ. “ދެ..ދެން ކިހިނެއް….ފަރާ ތިހިރީ…ތި ސިފައިގަ؟ ފަރާވެސް…މަރުވެފައެއް ނޫންތަ ތިހިރީ؟” ޔުމްނާ ފަސްޖެހޭ ފަދައަކުން އަހާލިއެވެ. އެއީ…ވަރަށް ދިގު ވާހަކައެއް. ތައްޔާރުތަ ވާހަކަ އަޑުއަހަން؟” ފަރާ އަހާލިއެވެ. ޔުމްނާ ޝައުގުވެރިކަމާއެކު ބޯ ޖަހާލިއެވެ. “އެހެންވެއްޖެއްޔާ ރަނގަޅަށް އަޑުއަހާ.” ފަރާ ބުންޏެވެ.
*******
ދުވަސްވަރަކީ 1900ގެ ކުރީކޮޅުގެ އަހަރުތަކެވެ. އާދައިގެ މަތިން މިއަދުވެސް މުލުހާލުގެ އަޑަށް ފަރާ ތެދުވިއެވެ. އަދި ފަތިސް ނަމާދުކޮށްގެން ސައި ކައްކަން ދިޔުމަށް އަވަސްވެގަތެވެ. މިއަދަކީ ފަރާގެ ކޮއްކޮ ފައްޔާޒުގެ ކައިވެނި ކުރެވޭ ދުވަހެވެ. އެހެންކަމުން މުޅި ގެޔަށް ހީވަނީ ކުޑަވަރެއްގެ އީދެއް އައިސްގެން އުޅޭހެންނެވެ.
ފަރާއަށް ބަދިގެއަށް ދެވުނު އިރު އޭނާގެ މަންމައާއި މަންމަގެ އެކުވެރިން ދިޔައީ އަވަދިނެތި ސައި ތައްޔާރުކުރުމުގައި ހަރަކާތްތެރިވަމުންނެވެ. ފަރާވެސް ބަދިގެ ބޭރުގައި ހުރި ވަޅު ކައިރީގައި ތެއްޔަކަށް އަޅާފައި ހުރި ކަންނެލި މަސްތަށް ކަނޑަން އަވަސްވެގަތެވެ.
7 ޖެހުމާއެކީ މޭޒުމައްޗަށް ސުފުރާތަށް އެރުވުނެވެ. ހުނިރޮށްޓާއި ގަރުދިޔައެވެ. ފެން ފޮޅިއާއި ހަވާދު ރިހައެވެ. އެކި ވައްތަރުތަކުގެ މަސްހުންޏެވެ. ކުޅި ދިޔައާއި ދިޔާ ހަކުރެވެ. މޭޒުގެ އެއް އަރިމަތީގައި ސައިކުރަލެއް ހުއްޓެވެ. އެ ރަހަމީރު ސުފުރާ މައްޗަށް ބަލަން ފަރާއަށް ހުރެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. މާ ގިނަ އިރުތަކެއްނުވެ ބައި ބަޔަށް ފިރިހެންވެރިން ކާން އަންނަން ފެށިއެވެ.
ފަރާ އޭނާގެ މަންމައަށް އެހީވުމަށްޓަކައި ބަދިގެ ފަރާތަށް ދިޔައެވެ. ހަމައެވަގުތު އެއްލި ކަޅިއަކުން ފަރާއާއި ދިމާއަށް ބަލަހައްޓައިގެން އިން ފިރިހެން ކުއްޖާ ފެނުނެވެ. ފަރާ އަވަސްއަވަހަށް ބަދިގެއަށް ވަނެވެ.
އެއީ އަބަދުވެސް އާދައެވެ. ފަރާއަކީ ގުދުރަތުން ރީތި ސޫރައެއް ދެއްވާފައިވާ އަންހެން ކުއްޖެކެވެ. އޭނާގެ ރީތި އޮމާން ކަޅު ކުލައިގެ ހަންގަނޑާއި މާމުއި ކުލައިގެ ބޮޑު ދެލޮލުގެ ޖާދުލުގައި ޖެހިފައިވާ ޒުވާނުންގެ އަދަދު ގުނޭ ވަރަށްވުރެ ގިނައެވެ. ހިމަތޮޅިކޮށް ހުންނައިރު އޭނާގެ ދިގު ކަޅުކަންގަދަ އިސްތަށިގަނޑުން ފަރާގެ ރީތިކަން އިތުރުކޮށްދެއެވެ. ނަމަވެސް ފަރާގެ ކިބައިން ފެންނަ އެންމެ ކަމުދާ ސިފައަކީ އޭނާގެ ހިތްހެޔޮކަމެވެ. މިހެންވެ ރަށުތެރޭގައި ފަރާއަކީ ގިނަ ބަޔަކު ދަންނަ، ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ ކުއްޖެކެވެ.
ވަގުތުތައް ފާއިތުވަމުން ގޮސް އެންމެ ފަހުން ހަވީރުގެ ވަގުތު އައިސް ޖެހިއްޖެއެވެ. ކައިވެނީގެ ސައި ބާއްވަން ހަމަޖެހިފައިވަނީ ފަރާމެންގެ ގޭ ކުރިމަތީގައި އޮތް ބޮޑު މަގުގައެވެ. 16:30 ވުމާއެކީ ރަށުގެ ރައްޔިތުން އެ މަގަށް އެއްވާން ފެށިއެވެ. އެކި ޒާތްޒާތުގެ ހެދިކާތައް ތަށިތަށްޓަށް އަޅާފައި ހުއްޓެވެ. މުޅި މާހައުލުންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ކޮންމެ މީހަކުވެސް ނަލަ ހެދިލައިގެން އެކި ތަންތަނުގައި ތިބެގެން ސަޔަށް އިންސާފުކުރަމުން ދިޔައެވެ.
ފަރާވެސް ރަތް ކުލައިގެ މާ ޖެހި ދިގު ހެދުމެއް ލުމަށްފަހު ރަތް ކުލައިގެ ވިދާ ފޮތިގަނޑެއް ތިނެސްކަނަށް ފަތްޖެހުމަށްފަހު ޓިސް ދަތިން އެ ފޮތިގަނޑު އިސްތަށިގަނޑުގައި ހަރުކޮށްލިއެވެ. އަދި އަނދުން ކޮޅެއް އެޅުމަށްފަހު އޭނާ ހާއްސަ ދުވަސް ދުވަހު އުނގުޅަން ގެންގުޅޭ ކުޑަ އަތަރުފުޅިން އަތަރުކޮޅެއް އުނގުޅާލިއެވެ. ހިތްހަމަ ޖެހޭވަރު ވުމުން ފަރާ ގެއިން ނުކުތެވެ. އަދި ސައި ހަދާފައި އޮތް ދިމާއަށް މިސްރާބު ޖެހިއެވެ.
ސައި ހަދާފައި އޮތް ތަނަށް ދިޔަތަނާހެން ގޭގެ ކުރިމަތީގައި ބަހައްޓާފައި އިން އުނދޯލި ފަރާއަށް ފެނުނެވެ. އުނދޯލީގައި ފަރާގެ ލޯބިވާ ކޮއްކޮ ފައްޔާޒާއި އޭނާގެ އަންހެނުން ސަރީފާ ހެއްލާލަ ހެއްލާލާ އިނެވެ. ފަރާ އަވަސް އަވަހަށް އެ އައު ޖޯޑަށް މަރުހަބާ ކިޔަން ދިޔައެވެ.
ފަރާ އުނދޯއްޔާއި އަރާހަމަވުމުން ފައްޔާޒު އާއި ދިމާއަށް ސަލާން ކުރުމަށް އަތް ދިއްކޮށްލިއެވެ. “މަރުހަބާ ކޮއްކޯ. ސަރީ.” ފަރާ ސަރީފާއާއި ދިމާއަށް ހިނިތުންވަމުން ބުންޏެވެ. ސަރީފާއަކީ ކުޑައިރުއްސުރެ ފަރާގެ އެކުވެރިއެކެވެ. ނަމަވެސް ފައްޔާޒުއާއި ކައިވެނި ކުރަން އުޅެން ފެށިފަހުން ސަރީފާ އުޅުނީ ވަރަށް ދުރުދުރުންނެވެ. އެކަމަކާ ފަރާ އެހާ ބޮޑަކަށް އަޅައެއް ނުލައެވެ. ފަރާ ޤަބޫލުކުރީ ކައިވެނި ކުރަން އުޅޭތީވެ ސަރީފާ މާ ބޮޑަށް ކަންކަމުގައި އަވަދިނެތި އުޅެނީކަމަށެވެ.
ފަރާ ސަރީފާއަށް ރަނގަޅަށް ބަލާލިއެވެ. ސަރީފާއަކީ ހަމުގެ ކުލަ އަލި ކުއްޖެކެވެ. ސަރީފާ ލައިގެން އިން ރަތް ކުލައިގެ ލިބާހުން އޭނާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. އޭނާގެ ރާޅުބާނީ އިސްތަށިގަނޑު ވަނީ އެއް ފަޅިއަށް ހުޅި ޖަހާ ގުލްޗަމްޕާ މަލަކާއި އެކީ ހަރުކޮށްލެވިފައެވެ. ރަން ކުލައިގެ ފައްޓަރު ބަޔަކުން ސަރީފާގެ ކަރު ޒީނަތް ކުރެވިފައިވާ އިރު އޭނާގެ ގިޔުޅި އަތުކުރީގައި ރަން އުޅާ އަޅާފައި ހުއްޓެވެ. ސަރީފާ ރީތިކަމުގެ ދާއިރާއިން ފަރާއަކަށް ދުލެއް ނުކުރެއެވެ.
ފައްޔާޒުއާއި ސަލާން ކުރި ތަނާހެން ފައްޔާޒުގެ އެކުވެރިއެއް ކަމަށްވާ އަޝްރަފު އައުމުން ފައްޔާޒު އުނދޯލިން ތެދުވެގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އެހެންކަމުން އެ ވަގުތަށް ފަރާއާއި ސަރީފާ އެކަނި ވިއެވެ. ފަރާ ސަލާމަށް އަތް ދިއްކޮށްލިއެވެ. ނަމަވެސް ހަމަ އެވަގުތު ފަރާގެ އަތް ސަރީފާ ފޮޅުވާލިއެވެ. ފަރާ ދިޔައީ ސިއްސައިގެންނެވެ. “މާ ރަނގަޅު ކަމަށް ހެދިގެން އުޅޭނެކަމެއް ނެތް.” ސަރީފާ ރުންކުރު ގޮތަކަށް ބުންޏެވެ. ފަރާއަށް ގަބުވެފައި ހުރެވުނެވެ. “ސަރީ….ސަރީ ކީއްވެ ތިހެން ތިހެދީ؟” ފަރާ ދެރަވެފައި ހުރެ އަހާލިއެވެ.
ފަރާއާއި ދިމާއަށް ސަރީފާ ލޯ އަޅާލިއެވެ. “ކޮންމެހެން އަހަރެން ރުއްސަން އުޅޭނެކަމެއް ނެތް. ދާންއުޅޭ!” ސަރީފާ އަޑަށް ބާރުލަމުން ބުންޏެވެ. ހަމައެވަގުތު ފައްޔާޒު އެނބުރި އުނދޯއްޔަށް އައެވެ. ފައްޔާޒު އައުމުން ސަރީފާ އިހު އިން ގޮތަށް ހެވި ދިލިފައި އިނެވެ. ފަރާ އަވަސްއަވަހަށް އެތަނުން ގޮސް ގެއަށް ވަނެވެ.
ފަރާ އަވަސްއަވަހަށް ކޮޓަރިއަށް ވަދެ ދޮރު ތަންޑު އެޅުވިއެވެ. އަދި އޭނާގެ ލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތަށް އަތުގެ ނުފުށުން ފޮހެލިއެވެ. ސަރީފާ ފަރާއާއި ދިމާއަށް އެހެން ބުނުމުން ފަރާގެ ހިތަށް ވަރަށް ބޮޑަށް ތަދުވިއެވެ. އޭނާއަށް ކުރެވުނީ ކޮންކަމެއް ބާވައޭ ފަރާގެ ހިތަށް އަރަމުން ދިޔައެވެ. ފަރާ ބޭރަށް ދާ ހިތްވެސް ކެނޑިއްޖެއެވެ. ނަމަވެސް އޭނާގެ މަންމަ އޭނާ ހޯދާނެތީ އަނދުން ރަނގަޅުކޮށްލުމަށްފަހު އަނެއްކާވެސް ކޮޓަރިން ނުކުތެވެ.
އިރުއޮއްސުމުން ހެދިކާ ހުސްކޮށްފައި ހުރި ތަށިތައް ނަގާ ސާފުކުރުމުގައި ފަރާއާއި އެހެން އަންހެންވެރިން އަވަދިނެތި އުޅުނެވެ. އެއްބަޔަކު ތަށިތައް ނަގަމުން ދިޔައިރު އަނެއް ބަޔަކު ދިޔައީ ރޭގަނޑުގެ ކެއުން ތައްޔާރުކުރަމުންނެވެ. ފަރާ ތަށިތައް ދޮވެ ނިންމާފައި ކޮޓަރިއަށް ދެވުނިއިރު އިޝާއަށް ގޮވަން ތައްޔާރުވަނީއެވެ. އަވަސްއަވަހަށް ފެން ވަރާލައިގެން ފަރާ ނަމާދުކުރިއެވެ.
އިޝާ ނަމާދުކޮށް ނިންމުމަށްފަހު ފަރާ ބަދިގެ ފަރާތަށް ދިޔައެވެ. އޭރު ކާގޭގެ މޭޒުމަތީގައި ރޭގަނޑުގެ ކެއުން އަތުރާލެވިފައި ހުއްޓެވެ. ހުރިހާ އެންމެން ވެސް މޭޒުދޮށުގައި އިށީނެވެ. އޭރު ސަރީފާ ގެ މައިންބަފައިންކަމަށްވާ ހަރީރާއާއި ވާހިދުވެސް އައިސް ތިއްބެވެ. މާ ގިނަ އިރުތަކެއްނުވެ ފައްޔާޒާއި ސަރީފާ އައުމުން ކެއުން ފެށިއްޖެއެވެ.
ތަފާތު އެކި ވާހަކަތައް ދެކެވެމުން ދިޔައެވެ. ފައްޔާޒާއި ސަރީފާގެ ކައިވެނީގެ ވާހަކާއި، ދެ އާއިލާ ދެމެދު ހިނގާފައިހުރި ކަންކަމެވެ. މިހެން ވާހަކަ ދައްކަމުން ގޮސް ހަރީރާ ބުންޏެވެ.
“ފަރާ ދަރިޔާ ކޮން އިރަކުންތަ ކައިވެނި ކުރަނީ؟”
ކާންތިބި އެންމެންގެ ލޯތަށް ފަރާއަށް އަމާޒުވިއެވެ. މީ އޭނާގެ މަންމަވެސް އެތަށް ފަހަރަކު އަހާފައި އޮތް ސުވާލެކެވެ. ނަމަވެސް އަދިވެސް ފަރާ ހިތްހަމަޖެހޭ ކުއްޖަކު ނުފެންނާތީ ފަރާ ހުރީއެވެ. “އަދި…ނޭނގެ” ފަރާ ބުނެލިއެވެ. “ތިކަހަލަ ގެވެހި ރީތި ކިޔަމަންތެރި މޮޅު އަންހެންކުއްޖަކު ނުވާނެއްނު ތިހެން އަބަދު ހުންނާކަށް؟ މަގޭ ސަރީފާވެސް ނުވާނެ ފަރާ ހާ މުރާއްޔެއް”. ހަރީރާ ބުންޏެވެ. ފަރާ ސަރީފާއަށް ބަލާލިއެވެ. އޭރު ސަރީފާގެ ލޮލުން ނަފްރަތުގެ ކަނިތައް އަނދަމުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


