Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – އެގާރަވަނަ ބައި

Mariyam Imna
Mariyam Imna Level 210 Stories100 Login
August 2, 2025 4 Mins Read
0 Comments

“ފަރާ ދަރިޔާ ކޮން އިރަކުންތަ ކައިވެނި ކުރަނީ؟”

ކާންތިބި އެންމެންގެ ލޯތަށް ފަރާއަށް އަމާޒުވިއެވެ. މީ އޭނާގެ މަންމަވެސް އެތަށް ފަހަރަކު ފަރާ ގާތުގައި އަހާފައި އޮތް ސުވާލެކެވެ. ނަމަވެސް އަދިވެސް ފަރާ ހިތްހަމަޖެހޭ ކުއްޖަކު ނުފެންނާތީ ފަރާ ހުރީއެވެ. “އަދި…ނޭނގެ” ފަރާ ބުނެލިއެވެ. “ތިކަހަލަ ގެވެހި ރީތި ކިޔަމަންތެރި މޮޅު އަންހެންކުއްޖަކު ނުވާނެއްނު ތިހެން އަބަދު ހުންނާކަށް؟ މަގޭ ސަރީފާވެސް ނުވާނެ ފަރާ ހާ މުރާއްޔެއް”. ހަރީރާ ބުންޏެވެ. ފަރާ ސަރީފާއަށް ބަލާލިއެވެ. އޭރު ސަރީފާގެ ލޮލުން ނަފްރަތުގެ ކަނިތައް އަނދަމުން ދިޔައެވެ.

******* 11 ވަނަ ބައި *******

ސަރީފާ ފަރާއާއި ދިމާއަށް ބަލަން އިން ގޮތުން އޭނާގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. ނަމަވެސް ނަސީބު ރަނގަޅުކަމުން ހަރީރާ ވާހަކަ ބަދަލުކޮށްލުމުން ފަރާގެ ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

އެންމެން ކައި ނިމިގެން ކޮޓަރިތަކާއި ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު އަންހެންވެރިން އުޅުނީ އަވަދިނެތި ތަށިތަށް ދޮވުމުގައެވެ. ފަރާ އިނީ ވަޅުދޮށުގައި ތަށިތަށް ދޮންނާށެވެ. އެ ވަގުތު އޭނާގެ މަންމަ ބަދިގެއަށް ދޮވުނު ތަށިތަށް ލާން ގޮސްފައި ވުމުން ވަޅުދޮށުގައި އިނީ ފަރާ އެކަންޏެވެ. ދާނިން ތަށިތަކުގައި ހުރި ފޮނުތަށް ފިލުވަން ފެން އަޅަނިކޮށް މީހަކު ފަހަތުގައި ހުރިކަމުގެ އިހުސާސް ފަރާއަށް ކުރެވުނެވެ. މަޑުމަޑުން ޖެހިލުންވެ ހުރެ ފަހަތް ބަލައިލި އިރު ފަހަތުގައި ބޯތަށްޓެއް ހިފައިގެން ހުރީ ސަރީފާއެވެ.

ސަރީފާގެ މޫނުމަތީގައި މަކަރުވެރި ހިނިތުންވުމެއް ކުޅެލިއެވެ. މި މަންޒަރު ފެނި ފަރާގެ ނުތަނަވަސްކަން އިތުރުވިއެވެ. ސަރީފާ އެތަނުގައި ކީއްކުރަނީތޯ އަހަން ވާއިރަށް ސަރީފާ އަތުގައި އޮތް ތަށި ބިންމައްޗަށް ވައްޓާލިއެވެ. ތަށި ވެއްޓުމާއެކު އެ އަގުބޮޑު ތަށި ތަޅައިގެން ގޮސްފިއެވެ. ހަމައެވަގުތު ސަރީފާވެސް ބިންމައްޗަށް ވެއްޓިގަތެވެ. އެ ވަގުތު ވީ ފަރާގެ މަންމަ ނާޝިދާ ބަދިގެއިން އެނބުރި އައި ވަގުތަށެވެ.

ނާޝިދާ ފެނުމާއެކީ ސަރީފާ ރޮއިގަތެވެ. “މައިދައިތާ! ބަލާބަލަ ފަރާ އަހަރެންނަށް ހެދިގޮތް!” ލޮލުން ކަރުނަ ބާލަމުން ސަރީފާ ރޮއިގަތެވެ. ފަރާ އެއްޗެއް ބުނަންވެގެން އަނގަ ހުޅުވާލިތަނާ ސަރީފާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “އަޅުގަނޑު މި ތަށި ދޮވެދެންހޭ ބުނީމަ ފަރާ އަޅުގަނޑާއި ދިމާއަށް އެއްޗެހި ގޮވީ! ގޮވާފަ ތަށި ތަޅާލާފަ އަޅުގަނޑު ކޮއްޕާލީ! އުނަގަނޑަށްވެސް ވަރަށް ތަދުވޭ އެބަ..” ސަރީފާ އުނަގަނޑުގައި އަތް ވިއްދާލަމުން ބުންޏެވެ.

ފަރާއަށް ހުރެވުނީ ބަސް ހުއްޓިފައެވެ. ސަރީފާގެ އެކްޓިން ހާދަހާވާ މޮޅެވެ. ނަމަވެސް ފަރާގެ ނަފްސު ދިފާއުކުރުމަށް އެއްޗެއް ބުނަންވާއިރަށް ނާޝިދާ އެތިވަރު ގޮވައިގަތެވެ. ފަރާގެ ކަންފަތުގެ ފޫޅުގައި ހިފައި ދަމަމުން ސަރީފާއަށް އެހެން ހެދީ ކީއްވެތޯ ތަކުރާރުކޮށް ސުވާލުކުރަމުން ދިޔައެވެ. “މަންމާ! އަހަރެންނެއް އެހެނެއް ނުހަދަމޭ! ފަރާ ރޮމުން ބުންޏެވެ. “ދެން ތިބުނަނީ ސަރީފާ އެ ހަދަނީ ދޮގޭތަ؟ ލަދުން ބޯހަލާކު! އެއީ ފަރާގެ ކޮއްކޮގެ އަންހެނުންނޭ! ފަރާތީ އޭނާގެ ބޮޑުދައިތަ! އެކަމަކު ކުޑަކުއްޖަކަށްވުރެ ފަރާގެ ކަންތައްތައް ބޮޑު!” ނާޝިދާ އަޑަށް ބާރުލަމުން ބުންޏެވެ. އޭރުވެސް ސަރީފާ ދިޔައީ ރޯ ކަމަށް ހެދެމުންނެވެ.

ބަދިގެ ފަރާތުގައި މާ އަޑު ގަދަވެގެން ފައްޔާޒު އެ ދިމާއަށް އައެވެ. އޭރު ސަރީފާ ބިންމަތީގައި އޮވެގެން ރޮނީއެވެ. އޭނާގެ މަންމަ ހުރީ ފަރާގެ ކަންފަތުގައި ހިފަހައްޓައިގެން ހުރެ އެއްޗެހި ގޮވާށެވެ. ނަމަވެސް ފައްޔާޒު ފެނުމުން ނާޝިދާ ހިމޭންވިއެވެ.

“ކިހިނެއް ވެގެންތަ މިއުޅެނީ؟” ފައްޔާޒު ވާނުވާގައި ހުރެ އަހާލިއެވެ. ހަމައެވަގުތު ބިންމަތީގައި ތަދު އަރައިގެން އޮތްކަމަށް ހެދިގެން އޮތް ސަރީފާ ފުންމައިގެން ފައްޔާޒުގެ އަތުތެރެއަށް ވަނެވެ. އަދި ފަރާއާއި ދިމާއަށް އިނގިލި ދިއްކުރަމުން ބުންޏެވެ. “ފައްޔާޒުގެ ދައްތަ އަޅުގަނޑަށް ހާދަހާވާ ގޯހޭ! އަޅުގަނޑު ބޮޑުދައިތައަށް އެހީވާން އުޅުނީމަ އެއްޗެހި ގޮވީ. ދެން އަޅުގަނޑު ބިންމައްޗަށް ކޮއްޕާލާފައި މައިދައިތަ އެންމެ ލޯބިން ގެންގުޅު ބޯތަށި ތަޅާލީ.”

މި ވާހަކަ އަޑުއިވިފައި ނާޝިދާއާއި ދިމާއަށް ފައްޔާޒު ބަލާލިއެވެ. ނާޝިދާވެސް އެއީ ތެދެކޭ ބުނާ ފަދައަކުން ބީ ޖަހާލިއެވެ. ފައްޔާޒުގެ ރުޅިގަނޑު ކެކިގަތެވެ. “ދައްތަ ލަދެއް ނުގަނޭތަ؟ މިއީ އަހަރެންގެ އަންހެނުންނޭ! އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން ދައްތަ ސަރީފާއާއި މެދު ހަސަދަވެރިވާކަމަކަށް!” ފައްޔާޒު ރުޅިއައިސްފައި ހުރެ ވާހަކަ ދެއްކިއެވެ. އޭރުވެސް ފަރާ ދިޔައީ ގިސްލަ ގިސްލާފައި ރޮމުންނެވެ. މިއަދު އޭނާގެ އާއިލާވެސް ޤަބޫލުކުރީ ސަރީފާގެ ބަހެވެ. ފަރާގެ ބަސްތަކަކީ މިހާރު އެއްވެސް އެއްޗެއް ނޫނެވެ.

ނާޝިދާ ފަރާ ކޮޓަރިއަށް ފޮނުވާލިއެވެ. ފަރާ ގެއަށް ވަދެފައި މަޑުމަޑުން ފަހަތް ބަލާލިއެވެ. އޭރު ސަރީފާގެ ތުންފަތުގައި ކާމިޔާބީގެ ހިނިތުންވުމެއް ކުޅިލަ ކުޅިލާ ހުއްޓެވެ.

ދުވަސްތައް ފާއިތުވަމުންދިޔައެވެ. ފަރާގެ އާއިލާގެ ތެރޭގައި ސަރީފާގެ ބާރު ގަދަވަމުން ދިޔައެވެ. ފަރާ ނުކުރާ އެތައް ކަމެއްގެ ޒިންމާ ފަރާގެ ބޮލުގައި އެޅިއްޖެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ނާޝިދާއާއި ފައްޔާޒު ބުރަވަނީ ސަރީފާގެ ކޮޅަށެވެ. މީގެ ސަބަބުން ފަރާގެ ހިތް ވަނީ އެކީ އެއްކޮށް ކުދިކުދި ވެފައެވެ. ފަރާ ބޭރަށް ދިޔުން ހުއްޓުނެވެ. ކޮންމެހެން މަޖުބޫރުވެގެންނޫނީ ނުކިމެއެވެ. ކަނީވެސް ދުވާލަކު އެއްފަހަރެވެ. ކާން ގޮސްފިނަމަ މަންމައާއި ކޮއްކޮގެ ނުރުހުންވެފައިވާ މޫނު ނޫން އެއްޗެއް ނުފެނެއެވެ. މިހެންވެ ފަރާ އޭނާގެ އަމިއްލަ އާއިލާގެ ތެރޭގައި ވަރަށް ބޮޑަށް ބާކީވެއްޖެއެވެ.

ހުކުރު ދުވަހެކެވެ. ފަރާ އިނީ ގޭގެ ފެންޑާގޭގައި ހަނޑޫ ހޮވާށެވެ. ނަމަވެސް މިހާރަކަށް އައިސް އަބަދުވެސް ފަރާ އިންނަނީ އެހެން ދުނިޔެއެއްގައެވެ. މިހެންވެ ގޭގެ ދޮރުމަތީގައި ސަލާން ގޮވަން ހުރި ފިރިހެން ކުއްޖާގެ އަޑު އިވުނީ އޭނާ ސަލާން ގޮވާ ގޮވާ ވަރުބަލިވީފަހުންނެވެ.

ފަރާ ސަލާން ބަލައިގަތެވެ. އެ ފިރިހެން ކުއްޖާ ފެންޑާއަށް ވަނެވެ. “ސަރީފާ އެބައުޅޭތަ؟” އެ ފިރހެން ކުއްޖާ އެހިއެވެ. “އާނ. އެބައުޅޭ ކޮޓަރީގަ. ގޮވަންވީތަ؟” ފަރާ ބުންޏެވެ. “ނޫން. އަހަރެން ގޮސްލާނަން.” އެހެން ބުނެފައި އެ ފިރިހެން ކުއްޖާ ހިނިތުންވެލާފައި ގޭތެރެއަށް ދިޔައެވެ.

ހަނޑޫ ހޮވާ ނިންމުމަށްފަހު ފަރާ ހަނޑޫ ދޮންނަންވެގެން ބަދިގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ސަރީފާއާއި ފައްޔާޒުގެ ކޮޓަރި ކައިރިން ހިނގާފައި ދިޔަތަނާ އިވުނު ޖުމްލައަކުން ފަރާގެ ފިޔަވަޅުތައް ހުއްޓުނެވެ.

“މަހްމޫދޫ! މަހްމޫދަށް އެނގެއްނު އަހަރެން ކައިވެނިކުރިކަން؟ ކީއްކުރަން އެހާ ކުރިން ތިއައީ؟؟؟” ސަރީފާ ދަތްކުނޑި ވިކަމުން ބުންޏެވެ. “ސަރީ. އަހަރެން މިއައީ ސަރީފާ ބަލައެއްނޫން. އަހަރެން ދެން ސަރީފާއެއް ބޭނުމެއްނޫން. ސަރީފާ ދިޔައީމަ އަހަރެންނަށް ފެނިއްޖެ ސަރީފާގެ އަސްލު ސިފަ.” މަހްމޫދު އެއްވެސް އަސަރެއްނެތި ބުންޏެވެ.

“މަހްމޫދު ކީކޭތަ ތިކިޔަނީ؟؟ އަހަރެންނަށް ފައްޔާޒުގެ ވާރުތަ މުދާ ލިބުނީމަ ދާނަމޭ މަހްމޫދު ކައިރިއަށް! އަދިވެސް އަހަރެން ވަރަށް ލޯބިވޭ މަހްމޫދު ދެކެ!” ސަރީފާގެ ރުޅި ގަދަވަމުން ދިޔައެވެ. “ދޮގު. ހުސް ދޮގު. ސަރީފާ ލޯބިވަނީ ފައިސާ ދެކެ. ތިއީ ދަހި އަންހެނެއް. އަހަރެން ކައިރީ ކިތަށް ފަހަރު ވައުދުވިން އަހަރެން ދޫކޮށްލާފަ ނުދާނެކަމަށް؟ އެކަމަކު އެހުރިހާ ކަމެއް ވީ ފޫ ނެތް ފެޔަށް ފެން ފުރުން ކަހަލަ ކަމަކަށް! މިއަދު އަހަރެންނަށް ސަރީފާގެ ހަޤީޤީ ކުލަވަރު ފެނިއްޖެ. އަހަރެން ކައިރީގައި ބުނެވެސް ނުލާ މީހަކާ އިން އިރު އަހަރެންނަށް ވާނެ ގޮތަކާއި މެދުވެސް ވިސްނާނުލަމެއްނު؟ އެހެންނެއްނޔ ވާނީ؟ ސަރީފާއަށް ފެންނާނީ ފައިސާ. އަހަރެންނަށް ސަރިފާއަށްވުރެ ދެންމެ ތި ބައްދަލުވި ފަރާވެސް މާ ރަނގަޅު.” މަހުމޫދުވެސް ހިތްހަމަނުޖެހި ހުރެ ބުންޏެވެ.

ދެން އިވިގެންދިޔައީ މީހަކު ކޯތާފަތެއްގެ މަތީގައި ޖެހި އަޑެވެ. “ކަލެއަށްވެސް އޭނާ ދޯ ފެންނަނީ؟ އޭނާގެ ކޮންކަމެއްތަ ރީތިވެގެން ތިއުޅެނީ؟ އޭނ؟!” ސަރީފާ ހަޅޭލަވައިގަތެވެ. “އޭނާއަކީ ސަރީފާ ހާ ކިބުރުވެރި ، ބޮޑާ ކުއްޖެއް ނޫން. މަށަށް އޭނާ މިހާރުވެސް މާ ރަނގަޅު ސަރީފާއަށްވުރެ!” މަހުމޫދު ރައްދު ދިނެވެ. އަދި ސަރީފާގެ ކޮޓަރިން ނުކުމެގެން ދިޔައެވެ.

ފަރާއަށް މި އިވުނު އާ މައުލޫމާތުތަކުގެ ސަަބަބުން އޭނާގެ ސިކުނޑި ސުމަކަށް ދިޔައެވެ. މަހްމޫދަކީ ސަރީފާގެ ކުރީގެ ލޯބިވެރިޔާތާއެވެ. ސަރީފާގެ ކުރިމަތީގައި މަހުމޫދު ފަރާގެ އަގު ހިފަހައްޓައިދިނުމުން ފަރާގެ ހިތަށް ފިނިކަން ވެރިވެގެން ދިޔައެވެ. ފަރާގެ ސިފަތަށް ކަމުދާ މީހަކުވެސް އެބަހުރިތާއެވެ.

ހަމައެވަގުތު މަހްމޫދަށް ނުކުމެވުނީ ފަރާގެ ކުރިމައްޗަށެވެ. ފަރާ ސިހުނުވަރުން ހަނޑޫ ދޮލަނގު އޭނާގެ އަތުން ދޫވިއެވެ. ނަމަވެސް ހަމަ އެ ސިކުންތުގައި ފަރާގެ އަތުގައި މަހްމޫދު އެއް އަތުން ހިފިއެވެ. އަދި އަނެއް އަތުން ހަނޑޫ ދޮލަނގު ތެދުކުރިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ފަރާގެ ހިތުގެ ހިނގުން އަވަސްވާން ފެށިއެވެ.

“ފަރާއަށް އިވުނުދޯ ދެންމެ އަހަރެން ދެއްކި ހުރިހާ ވާހަކައެއް؟” މަހްމޫދު އެހިއެވެ. ފަރާ މަޑުމަޑުން ބޯ ޖަހާލިއެވެ. “އަހަރެން….ވާހަކައެއް ބުނަންތަ؟” މަހްމޫދު ވައި އަޑުން އަހާލިއެވެ. ފަރާ އަނެއްކާވެސް ބޯ ޖަހާލިއެވެ. “…އަހަރެންނަށް ފަރާ ވަރަށް ކަމުދޭ.” ރަކި ހިނިތުންވުމެއް ރައްދުކުރަމުން މަހްމޫދު ބުންޏެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

އެހަނދާން 3

Next

އެވެލީން މަރުގެ ހަގީގަތް

Next
August 2, 2025

އެވެލީން މަރުގެ ހަގީގަތް

Previews
August 2, 2025

އެހަނދާން 3



All Right Reserved!