ހުސްނާ ދިޔަކަން ކަށަވަރުވުމުން ޔުމްނާ ދެލޯ ހުޅުވުމަށްފަހު އެނދުމަތީގައި އިށިނެވެ. އޭރުވެސް ކެތް ނުވާ ވަރަށް އޭނާގެ ހަށިގަނޑުގައި ވޭން އަޅަމުން ދިޔައެވެ. އޭނާގެ މަންމަ އޭނާއަށް މިކުރީ ކީއްހެއްޔެވެ؟ ޔުމްނާއަށް މިހާރު ދިމާވަމުން މިދާ ކަންްކަމުގައި ހުސްނާގެ އަތެއް ވޭ ބާވައެވެ؟ މިހެން ފިކުރުކުރަނިކޮށް ދިލަ ތަދެއް ޔުމްނާގެ ބަނޑަށް އެރިއެވެ. ހަމައެއާއިއެކީ ކަނޑާލި ރުކެއްހެން ޔުމްނާ ތަޅުންގަނޑު މައްޗަށް ދެމިއްޖެއެވެ.
******* 9 ވަނަ ބައި ******
ހުސްނާ ޔުމްނާގެ ކޮޓަރިން ނުކުމެގެން ގޮސް އޭނާގެ އަމިއްލަ ކޮޓަރިއަށް ވަނެވެ. އަދި ދޮރު ތަޅުލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. މިރޭ ޔުމްނާއަށް އެހެން ހަދަން މިޖެހުނީ މަޖުބޫރުވެގެންނެވެ. މިހާރުވެސް މަސްލަހަތު މާ ބޮޑަށް ގޯސްވެއްޖެއެވެ. ހުސްނާ އޭނާ ހިފައިގެން ހުރި ބިއްލޫރި ތަށި މޭޒުމަތީގައި ބެހެއްޓިއެވެ. އަދި މަޑުމަޑުން އެނދާއި ދިމާއަށް ހިނގައިގަތެވެ. އެނދާއި އަރާ ހަމަވުމުން ހުސްނާ ގުދުވެލިއެވެ. އަދި އެނދު ތަންދޮށުގައި ރައްކާކޮށްފައިހުރި އެކި ފާޑުފާޑުގެ ފޮށިތައް އެއްފަރާތް ކުރަން ފެށިއެވެ.
މިހެން ފޮށިތަކާއި ކޮތަޅުތައް އެއްފަރާތްކުރަމުން އެންމެ ބިއްދޮށުގައި އިން ފޮށި ހުސްނާގެ އަތުގައި ޖެހުމުން އެ ފޮށި ދަމާފައި އެނދު ތަންދޮށުން ނެރުނެވެ. އެ ފޮށްޓަކީ އާދައިގެ 2 ފޫޓުގެ ފޮށްޓެކެވެ. ހައިވަކަރުން ހަދާފައި ހުރިއިރު ފޮށީގެ ކަންތަކުގައި ދަގަނޑު ޖަހާފައި ހުއްޓެވެ. ހުސްނާ އެ ހައިވަކަރު ފޮށީގެ މަތިގަނޑުގައި ހުރި ހިރަފުސް ފޮޅާލިއެވެ. ހުޅުވިފައިވާ ކުޑަދޮރުގެ ތެރެއިން ފުރޭނިގެން އައި ހަނދުވަރުގެ އަލިކަމުގެ ތެރޭގައި އެ ހިރަފުސް ކުނޑިތައް ފެތުރެމުން ދިޔައެވެ.
ހުސްނާ އޭނާގެ ހެދުމުގެ ޖީބުގެ ތެރެއަށް އަތް ކޮއްޕާލިއެވެ. އަދި ވަރަށް ކުޑަ ތަޅުދަނޑިއެއް ނެގުމަށްފަހު ފޮށީގައި ލާފައި އިން ތަޅަށް ކޮއްޕާލުމަށްފަހު އަނބުރާލިއެވެ. އެ ތަޅު ހުޅުވުމުން ހުސްނާ މަޑުމަޑުން ފޮށި ހުޅުވާލިއެވެ. އެތެރޭގައި އެކި ސައިޒުތަކުގެ ތަވީދާއި، ފިޔޮއްސާއި ވޫލުން ހަދާފައި ހުރި ބުދުތަކެއް ހުއްޓެވެ.
އެ އެއްޗެހިތައް އެއްފަރާތް ކުރުމަށްފަހު ހުސްނާ އެ ފޮށީގެ އެންމެ އަޑީގައި އޮތް ފޮތެއް ނެގިއެވެ. އެ ފޮތުގެ ބޭރު ހަންގަނޑުގައި ކަތުރު ފަނި އަޅާފައި ހުރިއިރު އެ ފޮތުގެ ބައެއް ގަނޑުތައް ހުރީ ނައްޓާފައެވެ. ހުސްނާ އެ ފޮތް ހުޅުވާލިއެވެ. އެ ފޮތުގެ ގަނޑުތަކުގައި ހުރީ ކަޅު ދެލިން ކުރަހާފައެވެ. އެއް އަރިމަތީގައި ފާރިސީ ބަހުން ލިޔެފައި ހުރިއިރު އެ ލަފުޒުތައް ކުދިކަމުން ކިޔަން ވަރަށް އުނދަގުލެވެ. ނަމަވެސް އެންމެ ބޮޑަށް ލޮލުގައި އަޅައިގަންނަނީ ގަނޑު މެދުގައި ކުރަހާފައި އިން ބޮޑު ވައްބުރެވެ. އެ ވައްބުރު ތެރޭގައި 5 ކަން އިން ތަރިއެއް ކުރަހާފައި އިނެވެ. އެ ތަރީގެ އެންމެ މެދުގައި ގަބުރު ބޮލެއް ކުރަހާފައި އިނެވެ.
ހުސްނާ ގަނޑުތައް އެއްލަމުން ދިޔައިރު އެ ގަނޑުތަކުގައި އެކި ސޫރަ ސޫރައަށް ހުރި މަޚްލޫޤުންގެ ތަސްވީރުތައް ކުރަހާފައި ހުއްޓެވެ. އެ މަޚްލޫޤުން ހުރި ގޮތުން އެއީ އިންސާނުން ނޫންކަން ބަލާލި މީހަކަށް އެނގޭނެއެވެ. ގަނޑު އެއްލި ވަރަކަށް އެ މަޚްލޫޤުންގެ ސިފަތައް ދިޔައީ ހުތުރު ވަމުންނެވެ. ގަނޑު އެއްލަމުން ގޮސް ފޮތުގެ މެދު ފާހަގަކުރަން ލާފައި އިން ރަތް ކުލައިގެ ވާފަށް އިން ގަނޑަށް ހުސްނާ އެއްލިއެވެ. މިފަހަރު ތަސްވީރު އިނީ ދެ ގަނޑަށް އަރުވައިގެން ކުރަހާފައެވެ. އެ ތަސްވީރުގައި އިނީ ބިޔަ ބޮޑު ކަޅުކުލައިގެ މަޚްލޫޤެކެވެ. އަނގުރު ކުލައިން އެ މަޚްލޫޤުގެ ލޮލުގައި ކުލަ ޖައްސާފައި ހުރިއިރު، އޭތީގެ ހަށިގަނޑުގައި ކުލަ ޖައްސާފައި ހުރި ގޮތުން ސިފަވަނީ ދުންގަނޑެކެވެ. އެ އެތީގެ ފޭރާ ދަތްތަކެއް ހުރިއިރު އެ އެތި އިނީ ގެއެއްގެ ކުރިމަތީގައެވެ. ދެވަނަ އެހެން ގެއެއް ނޫނެވެ. ހަވޭލީގެ ކުރިމަތީގައެވެ.
ހުސްނާ ކުޑަދޮރުން ބޭރު ބަލާލިއެވެ. މިރެއަކީ ހަނދުމަހުން 13 ވަނަ ރެއެވެ. މާދަމާއަކީ ހުކުރު ދުވަހެވެ. އަދި ހަނދުމަހުން 14 ވަނަ ރެއެވެ. އެހެންކަމުން ކުރިއާލާ ފިޔަވަޅު އަޅަން ހުސްނާއަށް މަޖުބޫރެވެ. އެހެންނޫނީ މި ފަހަރު ހުސްނާއަކަށްވެސް އަދި މިގޭގައި ދިރިއުޅޭ އެކަކަށްވެސް ސަލާމަތެއް ނެތެވެ.
*******
ޔުމްނާއަށް އެއްވެސް ތަނެއް ގުޑުވައެއް ނުލެވުނެވެ. ޔުމްނާއަށް އޭނާ ހޭނެތުނު ކަން އެނގެއެވެ. ނަމަވެސް އަދިވެސް އޭނާއަށް އަޑު އިވި ކަންކަން އިހުސާސް އެބަ ކުރެވެއެވެ. ހޭނެތުނީމަ ވަނީ މިހެން ބާވައެވެ؟
ޔުމްނާ އަތްފައި ގުޑުވަން މަސައްކަތް ކޮށްކޮށް ވަރުބަލިވެއްޖެއެވެ. ހީވަނީ މުޅި ހަށިގަނޑުގައި ކަސްތޮޅު އެޅުވިފައި ހުރިހެންނެވެ. ޔުމްނާގެ ހަނދާނަށް އަންނަމުންދިޔައީ އޭނާގެ މަންމަ އޭނާއަށް މިރޭ އެ ހެދި ގޮތެވެ. ދުވަހަކުވެސް އޭނާގެ މަންމަ އެފަދަ ކަމެއް ކުރާނެކަމަކަށް ޔުމްނާ އުންމީދެއް ނުކުރެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟
ޔުމްނާގެ ގައިގެ ރިހުން ކުރިއަށްވުރެ ކުޑަ ތަންކޮޅެއް ރަނގަޅެވެ. ނަމަވެސް އަދިވެސް އެ ހުދު ބުޅާ ވަކި އަޅާފައި ހުރި ތަންތަނުން އިންތިހާއަށް ދިލަ ނަގަމުން ދިޔައެވެ. ކުއްލިއަކަށް ޔުމްނާއަށް ފިނި އެއްޗެއް އޭނާގެ މޫނުގައި ކޭއްތޭކަމުގެ އިހުސާސް ކުރެވުނެވެ. މައްޗަށް ބަލާލަން ބޭނުންވި ނަމަވެސް ޔުމްނާގެ ހަށިގަނޑު ގުޑައިވެސް ނުލާތީ ޔުމްނާއަށް ޖެހުނީ އޮންނާށެވެ. ކުއްލިއަކަށް ފިނި ފިނި އަތެއް ޔުމްނާގެ ކޯތާފަތްމަތީގައި ބީހުނެވެ. ޔުމްނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
“……މީ އަހަރެންނޭ…..މީ ފަރާ….”
ފަރާގެ އަޑު އިވުމުން ޔުމްނާގެ ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އަނެއްކާވެސް ފަރާގެ އަތް ޔުމްނާގެ ކޯތާފަތުގައި ބީހުނެވެ. އެ ވަގުތު ހީވީ ޔުމްނާގެ ހަށިގަނޑުން ބަރެއް އުފުލިގެން ދިޔަހެންނެވެ. ޔުމްނާއަށް އަވަހަށް ލޯ ހުޅުވާލެވުނެވެ. އޭރު ކުރިމަތީގައި އުޑަފައިން ފަރާ އޭނާއާއި ދިމާއަށް ކަންބޮޑުވެ ހުރެ ބަލަހައްޓައިގެން ހުއްޓެވެ.
ޔުމްނާ މަޑުމަޑުން ތެދުވިއެވެ. މިހާރު އޭނާގެ ގައިގެ ރިހުންވެސް މުޅިންހެން ކެނޑިއްޖެއެވެ. ތަޅުންގަނޑުމަތީގައި ދެފައި ވައްކޮށްގެން އިށީނުމަށްފަހު ފަރާއާއި ދިމާއަށް ޝުކުރުވެރި ނަޒަރަކުން ބަލާލިއެވެ. “ކި..ކިހިނެއް އަހަރެންނަށް ތިހެދީ؟” ޔުމްނާ އާސޯޚުވެފައި އިނދެ އަހާލިއެވެ. “އެއީ ދެން އެހާ ބޮޑު ކަމެއް ނޫނެއްނު؟ އަހަރުމެން ކަހަލަ މަޚްލޫޤުންނަށް އެއީ ފެންފޮދެއް ބޯލުންކަހަލަ ކަމެއް” ފަރާ ބުންޏެވެ. ހަމައެވަގުތު ޔުމްނާއަށް ފަރާގެ އަނދާފައި އިން އަތްތިލަ ފެނުނެވެ.
“ފަރާގެ އަތަށް ކިހިނެތްވެފަ އޭނީ؟” ފަރާގެ އަތަށް އިޝާރާތްކުރަމުން ޔުމްނާ އަހާލިއެވެ. ހަމައެވަގުތު އަވަސްއަވަހަށް ފަރާ އޭނާގެ ކަޅުކުލައިގެ ހެދުމުގެ އަތްދިގު އަތްކުރިން އަތް ފޮރުވާލިއެވެ. “އެ…އެއީ…ޔުމްނާ ގައިގައި އަތްލީމަ ވީ ގޮތެއް” ފަރާ ދުރަށް ބަލަމުން ބުންޏެވެ. ފަރާ މިހެން ބުނުމުން ޔުމްނާގެ ހިތުގައި އުފެދުނު ސުވާލުތަށް އިތުރުވިއެވެ. “ކީއްވެގެން އަހަރެން ގައިގައި އަތްލީމަ އެހެން ވާންވީ؟” ޔުމްނާ ސުވާލު ކުރިއެވެ. ފަރާ ޖަވާބު ދޭން ނުދޭން އިނދެފައި ބުންޏެވެ. “އެއީ…..ޔުމްނާ ގަޔަށް ކިޔަވާފަ ހުރީމަ.” ފަރާ މަޑުމަޑުން ބުނެލިއެވެ.
“އޭ؟ ކިޔަވާފައޭ؟ އެއި ދޯ އަހަރެންގެ މަންމަ މި ކުރި ކަމަކީ!” ޔުމްނާ ދަތްކުނޑި ވިކަމުން ބުންޏެވެ. ފަރާ ބޯ ޖަހާލިއެވެ. ޔުމްނާ އޭނާގެ ރުޅި މައިތިރި ކުރެވޭތޯ މަސައްކަތް ކުރިއެވެ. މިހާރު މި ދިމާވަމުން މިދާ އާދަޔަޚިލާފު ކަންކަމުގައި ހުސްނާގެ އަތެއް ވާކަން ކަށަވަރުވެއްޖެއެވެ. ނަމަވެސް ކިހިނެތް ހެއްޔެވެ؟ ޔުމްނާއަށް ގެއްލުމެއްދީގެން ހުސްނާއަށް ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟
މި ސަބަބާއި ހުރެ ފަރާއާއި މެދު ޔުމްނާގެ ހިތުގައި ޝައްކުގެ އޮއިވަރެއް ހިނގައިގަތެވެ.
އޭނާ ބަލާ ބޮޑުކުރި މަންމަ އޭނާގެ ގަޔަށް ކިޔެވި އިރު ކުއްލިއަކަށް ފާޅުވި ގޮތް ނޭނގޭ ޖިންނި އަންހެން ކުއްޖަކަށް އޭނާ އިތުބާރުކުރާނީ ވަކި ކިހިނެއްހެއްޔެވެ؟
ޔުމްނާ ފަރާއާއި ދިމާއަށް ޝައްކުގެ ލޮލަކުން ބަލާލިއެވެ. “ކުރިން ދުވަހު ބުނީމެއްނު ފަރާ ބޭނުންވަނީ އަހަރެންނަށް އެހީވާށޭ. އެއީ ކީއްވެގެން؟” ޔުމްނާ ސުވާލުކުރިއެވެ. ފަރާ އިނީ ޔުމްނާގެ މި ސުވާލަށް ތައްޔާރުވެގެންނެވެ. “އެއީ އަހަރެންނަކީ……ޔުމްނާގެ މާމަގެ ބޮޑު ދައިތަ.” ފަރާ މަޑުމަޑުން ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


