Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 2)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
July 25, 2025 4 Mins Read
0 Comments

އާރިން ފަސްދީ ދާތަން ބަލަން ހުރި އިރު އަހަރެންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައީ އެހެން މިހެންނަކުން ނޫނެވެ.އާރިން އެ އުޅެނީ ކީއްކުރަން ބާއެވެ؟

****

’ކޮންގްރާ މިހޫ!‘

ގިނަ ބަޔަކު އެއްފަހަރާ ބާރަށް ބުނެލި އަޑު އިވިފައި އަހަރެން ދިޔައީ ސިއްސައިގެންނެވެ.އޭރު އަހަންނަށް އެއްކޮށް ސިޑިން މައްޗަށްވެސް ނޭރެއެވެ.

****

އަހަރެންގެ ކާމިޔާބީ އާއިލާއިން މިހާ ކުލަގަދަކޮށް ފާހަގަ ކޮށްފާނެ ކަމަކަށް އަހަރެން ހިއެއްވެސް ނުކުރަމެވެ.ކެއުމަކަށޭ ކިޔާފައި އަހަރެން ގެންދިޔައީ އަހަންނަށްޓަކައި ތައްޔާރުކުރެވިފައިވާ ސަޕްރައިޒް ޕާޓީއަކަށެވެ.ރެސްޓޯރަންޓެއްގެ ޓެރަސް އެއްކޮށް ބުކްކޮށް ގްރެޖުއޭޝަން ތީމަކުން ޖަރީ ކުރެވިފައިވާއިރު އެއްފަރާތެއްގައި ހުރި ހުދު ފޮތި އަޅާފައިވާ މޭޒުތަކުގައި އެތައް ބާވަތެއްގެ ކެއުމާއި ބުއިންތައް އަތުރާލާފައި ހުއްޓެވެ.ހުދާއި ފިޔާތޮށިކުލައިގެ ލިލީ މާ ބޮނޑިއަކާއި ކޮންގްރެޓްސް ޖަހާފައި އިން ސޭޝްއަކުން އަހަންނަށް މަރުހަބާކީ އަހަންނާ ދެބެންގެ ދެދަރި ކުދިންތަކެވެ.ދޮންތައާއި ތުއްތަވެސް އެމީހުންނާއި ބައިވެރިވެގެން އަހަރެން ދަމާ ކޫއްތާފައި އެތަނުގައި މެދަށް ވާނޭހެން ބަހައްޓާފައި ހުރި ރަތް ކުލައިގެ ފޮތިގަނޑު އެޅި މޭޒުގެ ކައިރިއަށް ގެންދިޔައެވެ.މޭޒުގެ މެދަށް ވާނޭހެން ބަހައްޓާފައި ހުރި ކޭކު ފެނި އަހަންނަށް ތުންކޮޅު އޫކޮށްލެވުނެވެ.އެކަހަލަ ކޮންމެވެސް ސަމާސާއެއް އެމީހުން ކުރާނޭކަން އޭރުވެސް އަހަންނަށް އެނގެއެވެ.

****

’ދަންނު ކަމެއް ދޯ މި؟‘

އެ ފެންވަރަށް ކޭކު އަޅަން ދަންނަ މީހަކަށް އެތާ ހުރީ ދަނީން އެކަނިކަން އެނގޭތީ އަހަރެންގެ ސުވާލު އަމާޒުކޮށްލީ އޭނާއަށެވެ.ދަނީންއަކީ އަލްޒީރާ ބޮޑުދައިތަގެ ހަގު ދަރިފުޅެވެ.ލާނެތްކަމެއް ދެއްވާފައި ހުރި ކުއްޖެކެވެ.

****

ދަނީން ނުހޭން ވެގެން އަނގަމަތީ އަތް ހުރަސްކޮށްލިއެވެ. ބޮޑުދައިތަމެންނާއި ބޮޑުބޭބެމެންވެސް ނިކަން ހިނިއައިސްފައި ތިއްބެވެ. އެއީ އެންމެން ވަރަށް ރާވައިގެން ކޮށްފައި ހުރި ކަމެއްކަން އެންމެންގެ މޫނުމަތީގައިވި ލާނެތް ހިނިތުންވުމުން ހެކި ދެއެވެ.

****

’ޔޫ ޑިޑް އިޓް!‘ ޖަހާފައި އިން ހުދު ކުލައިގެ ކޭކުގެ މަތީ ފުށުގައި ފެންނަން ހުރީ ފޮންޑަންޓްއިން ތައްޔާރު  ކޮށްފައިވާ ވަރަށް ހާލު ދެރަވެފައި ގްރެޖުއޭޝަން ކެޕެއް އަޅައި ސްކްރޮލްއެއް ހިފައިގެން ހުރި ’ސްޕަންޖް ބޮބް‘ ގައި އުޅޭ  ’ސްކްއިޑްވާރޑް‘އެވެ.ދަނީންގެ ފާޑުވެރި މަސައްކަތެވެ.

****

ކޭކު ފަޅައި ޕާޓީ ފެށުނެވެ.އެންމެންގެ ހިތުގައި އަހަންނަށްޓަކައި އޮތް ލޯތްބާއި ގަދަރު ފެނި ލޮލުން ކަރުނަ ހިލުނެވެ.ހިތުގެ އެންމެ ފުނުން ޝުކުރުވެރިވެވުނެވެ.އެހާ ލޯބި އާއިލާއެއް އަހަންނަށް ދެއްވީތީ މާތް ރަސްކަލާނގެއަށް ހަމްދު ކުރެވުނެވެ.

****

އާއިލާއާއި އެކު އެ އުފާވެރި ވަގުތުކޮޅު ހޭދަކޮށްފައި ގެއަށް އާދެވުނުއިރުވެސް އަހަރެންގެ ބޮލުތެރޭގައި ރަސްކަން ކުރަމުންދިޔައީ އާރިންގެ ޚިޔާލުތަކެވެ.އެ  ތޫނު ނަޒަރު އަހަންނާއި އަމާޒުވެފައި ހުރި ގޮތް ހިތަށް އަރުވައިލިޔަސް ގައިން ހީބިހި ނަގައިގެން ދެއެވެ.އޭނާ އަހަރެންގެ ބައްޕަގެ ނަންބަރު ހޯދިކަން އެނގުނީއްސުރެ ހަގީގަތުގައި އަހަންނަށް އިންތިޒާރު ކުރެވެމުން ދިޔައީ އޭނާ ބައްޕައަށް ގުޅާނެ އިރަކަށެވެ.

****

ދެ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ.އާރިންއެއް ނުގުޅިއެވެ.އަހަރެންގެ ހިތް މާޔޫސްވާން ފެށިއެވެ.ކުލާސް ހުރިހާ ކުދިން ތިބޭ ވައިބާ ގުރޫޕުން އާރިންގެ ނަންބަރ ހޯދައި ފޯނަށް ސޭވްކޮށްލައިގެން އެއަށް ބަލަން އިނދެވުނީ ކިހާ އިރެއްވަންދެން ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ.ސިކުނޑިއަށް ބާރުލައިގެން އާރިންއާއި އެކު ކޯހުގައި ހޭދަވީ ކޮންމެ ދުވަހެއް ކުލަ ކުރެވޭތޯ އަހަރެން މަސައްކަތް ކުރަމުން ދިޔައިރު އިނދެވުނީ ނިތަށް ރޫ ގިނަކޮށްލައިގެންނެވެ.ހަމަ ހިލާ އިސްވެ އޭނާއަށް މެސެޖެއް ކޮށްލާކަށް އަހަންނަކަށް ނުކެރޭނެ އެވެ. އަޅެ އެފަދަ ހިތްވަރެއް އަހަރެންގެ ހުރި ނަމައެވެ.ގައިމުވެސް ހިތަށް ލުއިކަމެއް ލިބުނީހެވެ.

****

ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދޭން ފެށި އިރަށް އަހަރެންގެ ޚިޔާލުގެ ވާފަށް އިސާހިތަކު ބުރިވެއްޖެއެވެ.ވަންނާށޭ ބުނުމުން ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޯދިއްކޮށްލީ ބައްޕައެވެ.ހުރީ ނިކަން ހިނި އައިސްފައެވެ.

****

’ދަރިފުޅު ބިޒީތަ؟‘ ބައްޕަ އަހައިލިއެެވެ.

’ނޫން ބައްޕާ… ކިހިނެއްވީ…ކަމަކުތަ؟‘ އަހަރެންގެ ސަމާލުކަން ބައްޕައަށް ހުއްޓުނެވެ.

****

’ނޫނޭ… ދަރިފުޅު ހަވީރު ތައްޔާރުވެލައިގެން ހުންނައްޗޭ ބުނެލަން ވެގެން…ގެޔަށް މެހުމާނަކު އަންނާތީ…‘ބައްޕަ ވަރަށް ހިތްހެޔޮކަމާއިއެކު ބުނެލިއެވެ.އަހަރެންގެ ހިތް އަވަސްވެގެން ދިޔައެވެ.ކާކުތޯ ބައްޕަ ގާތުގައި އަހާލާ ހިތްވިއެވެ.އެހެނަަސް ބައްޕަ އިސްވެ ކާކުކަން ނުބުނީތީ އަހާކަށްވެސް ނުކެރުނެވެ.

****

ބައްޕަ ހަމަ ދިޔަތަނަކާއިހެން އަނެއްކާ ދޮރުގައި ޓަކި ދީފިއެވެ.އަހަރެން ވަންނާށޭ ބުނުމުން ކޮޓަރި ދޮރުހުޅުވާލާފައި ދޮންތަ ވަތް ގޮތަށް މޫނު މައްޗަށް މަޖާ ވައްތަރެއް ޖައްސާލައިފިއެވެ.

****

’މިހޫ…ހާދަ އެހެންކަހަލަ ވަހެއް އެބަ ދުވައޭ…އަން މިއޮތީ މަންމަ ދެންމެ މިހޫ އަތަށް ދޭށޭ ކިޔާފައި ދިން އެއްޗެއް…‘ ދޮންތަ އަތުގައި އޮތް އެތެރެ ނޭނގޭ ކޮތަޅު އަހަންނާއި ދިމާލަށް އެއްލަމުން ބުނެލިއެވެ.

 

****

 

’އެއްކަލަ ދޮންތަ!ކޮން ވަހެއްތަ؟ ނުދުވާނެ މި ރޫމަކު ނުބައި ވަހެއް! ތި މިހާރު ކޯއްޗެއް؟‘ ދޮންތަ ފާޑަކަށް ވަގު ހިންޏެއް އައިސްފައި ހުރުމުން އަހަރެންގެ ހިތުގައި ޝައްކުގެ އޮއިވަރެއް ހިނގައިގަތެވެ.

****

’އުހުނ ހަމަ ފާޑެއްގެ ވަހެއް ދުވާ އެބަ….ތި ބަލާބަލަ.ބެލީމައެއްނު އެނގޭނީ…‘ ދޮންތަ ހެމުން ޗޮކެއް ކަނޑައިލިއެވެ.

****

އެ ކޮތަޅު ތެރެއިން އަހަންނަށް ނެގުނީ އެސް ޖަހާފައި އަތުކުރީގައި ވަރަށް ރީތި ފަރުމާއެއް ކޮށްފައިވާ އަބާޔާއަކާއި ކަޅު ކުލައިގެ ތިން މުށް ޝޯލެކެވެ.އާންމުކޮށް އަހަރެން ލައި އުޅޭ ހެދުންތަކަށް ވުރެ ގޮތް ބޮޑެވެ.ޝާހީ ގޮތެއް ހުއްޓެވެ.

****

’ތި މިއަދު ހަވީރު ލާން މަންމަ ދިން އަބާޔާއެއް.. އަނެއްކާ ތި ދޮންނަން އުޅޭނީކީ ނޫން.ތި ދޮވެފަ ތިއޮތީ…‘ ދޮންތަ ސަމާސާ ރާގަކަށް ބުނެލިއެވެ.

****

’ދިސް އިޒް ޓޫ މަޗް… މަންމައަށް ހަމަ ރަނގަޅަށް އެނގޭނެ އެހާ ގޮތް ބޮޑު އަބާޔާ އަހަރެން ނުލާކަން…ވައި ޓުޑޭ؟ ވަޓްސް ދި އޮކޭޝަން؟ ބައްޕަވެސް ދެންމެ އައިސްފައި ބުނެފި ހަވީރު މީހަކު އަންނަ ވާހަކަ.ކާކުތަ އަންނަނީ؟ އަނެއްކާ ރާއްޖެ ރައީސުލްޖުމްހޫރިއްޔާތަ؟‘ އަނގަޔަށް ގޮތެއް ހަދައިލަމުން އަހަރެން ބުނެލީމެވެ.

****

ދޮންތަގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

’އޭ ދެން ތިއެއް ނޭނގޭ…ބައްޕަ ބުންޏޭ ދޮންތަމެން ކައިރީވެސް ތައްޔާރުވެގެން ތިބޭށޭ…މަންމަ ވަރަށް ހިންގާލައިގެން އެބައުޅޭ ބަދިގޭގަ މިހާރު…ސައި ހަދަން އެއްޗެހި ރެޑީ ކުރަން… ތުއްތަވެސް އެބައުޅޭ…އާދައިގެ ކަމެއް ހެނެއް ހިއެއް ނުވޭ…ހެ ހެ‘ ދޮންތަ ހެމުން ބުނެލިއެވެ.

****

’ޕިސްޕިސް!އަޅެ މަންމަވެސް ފައްކާ!ގޮވައިވެސް ނުލިއެއްނު…‘ ސައި ހަދަން އުޅޭ ވާހަކަ މަންމަ އަހަރެން ކައިރީގައި ނުބުނީތީ ހިތުގައި ޝަކުވާ އުފެދުނެވެ.އަބަދުވެސް މަންމަ ކުރާ ކޮންމެ ކަމެއްގައިވެސް އެއްކޮޅުގައި ހިފައިގެން އެހީތެރިވެދިނުމަކީ އަހަންނަށް އާދަވެފައި ހުރި ކަމަކަށް ވީތީއެވެ.

****

ދޮންތަ ދިޔުމުން އަހަރެންގެ ސަމާލުކަން އަނެއްކާވެސް އެ އަބާޔާއަށް ހުއްޓުނެވެ.ހާދަ ރީއްޗެވެ.އޭގެ ފުރިހަމަކަމާއި މެދު ހިތާ ހިތުން ތައުރީފް ކޮށްލެވުނެވެ.އެހެނަސް އާންމުކޮށް އަހަރެން އެކަހަލަ އަބާޔާ ލައި ނޫޅޭތީ އެ ލާން އަހަރެން ކުޑަކޮށް ޖެހިލުންވަނީއެވެ.

****

ބަދިގެއަށް ވަދެ އަހަރެންވެސް މަސައްކަތުގައި ބައިވެރިވީމެވެ.އެކަމަކު އެންމެން ހީވަނީ އަހަރެން ފޮނުވައި ނުލެވިގެން އުޅޭ ހެންނެވެ.ހަންގަނޑުގައިވެސް ފިޔާ ވަސް ހިފާނޭ ދޮންތަ ކިޔަން ފެށިއެވެ.އަތް ދޮވުނަސް ފިޔާ ވަހެއް ނުކެނޑޭނޭ ތުއްތަ ބުނެލީ ދޮންތައާއި އެއްބައި ވުމުގެ ގޮތުންނެވެ. އަހަރެން އަޖައިބުވިއެވެ.އަހަރެން މަސައްކަތެއް މިކުރަނީ އަލަކަށް ނޫން ވިއްޔާއެވެ! އެމީހުންގެ އަމަލުތައް ހުރި ގޮތުން ކޮންމެވެސް ކަމެއް ސިއްރުކުރާކަން އަހަންނަށް ޝައްކުވިއެވެ.އެކަމަކު ހަމަ ހިލާ އެކަކުވެސް އެނގޭ ކަމަކަށް ނުހެދިއެވެ.

****

ހަވީރުގެ ވަގުތަށް އިރުގެ ދޮންކަން މަޑުވެލައިފިއެވެ. ވައި ރޯޅިތައް ފިނިވެލައިފިއެވެ.ހަވީރު ފިންޏަށް ނުކުމެ އުޅޭ މީހުންތައް ގިނަކަމުން މަގުތައް ވަނީ ފުރި ބާރުވެފައެވެ.އުޅަނދު ފަހަރުގެ އަޑު ތަކުން މުޅި މާހައުލުގެ ހަމަ ހިމޭން ކަން ވަނީ ނަގާލައިފައެވެ.

****

އަހަރެން ފެންވަރައިގެން ނުކުމެ ތައްޔާރުވާން އިން އިރު ހިތަށް ވަރަށް ގިނަ އެއްޗެހި އަރާ ފައިބަމުން ދިޔައެވެ.

****

އެހެންޏާވެސް ގެއަށް ދޭތެރެއަކުން މެހެމާނުން އާދެއެވެ.އެކަމަކު ވަކި ހެދުމެއް ލާށޭ ކިޔައިފައި ދިން މިއީ ފުރަތަމަ ފަހަރެވެ.އަނެއްކާ އަހަންނަށް މި ހީވަނީ ރަނގަޅަށް ބާއެވެ.ހިތް ބިރުގަތް ވަރުން ހިތާ ދިމާލުން މޭގައި އަތް އަޅައިލެވުނެވެ.

****

އަހަރެން ތައްޔާރުވެ ނިމިގެން ނުކުތް އިރު މަންމަ ތަށިމަތި ރެޑީކޮށް ނިންމާލައިފި އެވެ.ތުއްތަވެސް ސިޓިންރޫމްގައި އުޅެއެވެ.ވާ ގަނޑު ދިގު ކަމުން ނުނިކުމެވިގެން އުޅެނީ ދޮންތައަށް އެކަންޏެވެ.ބައްޕަވެސް ސޯފާގައި އިނެވެ.އެންމެންވެސް ތިބީ ވަރަށް ތައްޔާރުވެލައިގެންނެވެ.

****

ހެދިކާގެ މީރުވަހުން މުޅިތަން އޮތީ އެއް ވަސް ވެފައެވެ.މެންދުރު ނުކައި ހުރުމުން އަހަރެން ހުރީ ބަނޑުހައިވެގެން ގޮސް ހާންތިވާ ވަރުވެފައެވެ.ހެދިކާތައް ފެނި ދަހިވީ ވަރުން އިސާހިތަކު ކުޅު ދިޔާވެއްޖެއެވެ.

****

ދޮންތައަށް ހަމަ ނުކުމެވުނުތަނަކާއިހެން އެޕާޓްމަންޓުގެ ބެލް އަޅައިލި އަޑު އިވުނެވެ.ދޮރު ހުޅުވަން ދާށޭ ބުނާ ކަހަލަ ގޮތަކަށް ދޮންތަ އަހަރެންގެ މޫނަށް ބަލައިލިއިރު އެ މޫނަށް ވެރިވެފައިވަނީ ލާނެތް ހިނިތުންވުމެކެވެ.

****

އަހަރެން ގޮސް ދޮރު ހުޅުވައިލި ވަގުތު ކުރިމަތީގައި ހުރި މީހާ ފެނި މުޅި ގަޔަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްލެވުނެވެ.ހިތް އޮބި ނޯންނަހާ ބާރަށް ތެޅިގަތެވެ.މީ ހަގީގަތަކަށް ނުވާނެއެވެ.

****

’އަައްސަލާމް ޢަލައިކުމް މިހްރާ…‘

ހިތްތައް މޮޔަކުރުވާފަދަ ޖާދުވީ ހިނިތުންވުމެއް ވެރިކުރުވައިގެން އަހަރެންގެ ކުރިމަތީގައި ހުއްޓި އެހުރީ އަހަރެންގެ ދެލޯ އެދި ހޯދަމުން ދިޔަ ރީތި ހުސްކުރި ޒުވާނާއެވެ.އަހަރެންގެ އާރިންއެވެ.ގަދަ އަޅި ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ޖިންސެއްގައި އޭނާ ފެންނަލެއް ފިރިހެންވަންތަކަމާއި ފުރިހަމަކަމުން އާޝޯޚުވެފައި ، ކަޅި ޖަހާލަން ވެސް ހަނދާން ނެތިފައި، ބަލަހައްޓައިގެން އަހަންނަށް ހުރެވުނީ އެވެ.

 

 

 

 

(ނުނިމޭ)

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ކިޔުން ތެރިންނަށް

Next

ހަވޭލީ – ނުވަވަނަ ބައި

Next
July 25, 2025

ހަވޭލީ – ނުވަވަނަ ބައި

Previews
July 25, 2025

ކިޔުން ތެރިންނަށް



All Right Reserved!