Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

މާސްކު (ޕާޓް 1)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
July 23, 2025 4 Mins Read
1 Comment

ފޮތެއްގެ ބަނޑޭރި ގަނޑަށް ބަލައިގެން ފޮތުގެ އެތެރޭގައި އޮންނަ އެއްޗަކާއި މެދު ގޮތް ނިންމާނީ ވަރަށްވެސް ބޮޑު މޮޔައެކެވެ.ރީތި އެއްޗެއްސަށް ލޯބި ކުރުމަކީ އަހަރެމެން އިންސާނުންގެ ޠަބީޢަތުގައި ލައްވަވާފައިވާ ސިފައެކެވެ.ޚުދު އަހަރެންނަށްވެސް ވީ އެފަދަ ގޮތެކެވެ.ލޯބިން ހިތް ހިބައިން ދެވުނީ ރީތިކަން ހުސްކޮށްލައިގެން ހުރި ޖާދޫވީ ޒުވާނަކަށެވެ.އެހެނަސް އެކަން  ވީ އަހަރެންގެ މުޅި ޙަޔާތުގައިވެސް ނިންމުނު އެންމެ މޮޔަ ނިންމުމަށެވެ.ހެދުނު އެންމެ ބޮޑު ގޯހަށެވެ.ނަމަވެސް އެއީ ލިބުނު އިބުރަތްތެރި ފިލާވަޅެއްކަމަށް އަހަރެން މިއަދު ގަބޫލު ކުރަމެވެ.

****

އާރިންއަކީ އަހަރެންގެ މުޅި ޙަޔާތުގައިވެސް ދުށް އެންމެ ރީތި ޒުވާނާއެވެ.ދިގު އިސްކޮޅަކާއި ރޫފަ ހެޔޮ ކަސްރަތީ ހަށިގަނޑެކެވެ.ކަޅު ރޭގަނޑެއް ފަދަ ފުން ދެ ލޮލާއި،ދިގު އެސްފިޔަތައް އަދި ރީތި ވަރަކަށް ކޮށާލެވިފައިވާ ތުނބުޅި މަތިމަސް އޭނާގެ ކުލަ އަލި މޫނުގެ ފިރިހެންވަންތަކަން އެތައް ގުނައެއް އިތުރުކޮށްދީފައިވިއެވެ.އެ ޖާދުވީ މޫނު ފުރަތަމަ ފެނިލުމުންވެސް އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރުކުރުވިއެވެ.ބުނެދޭން ނޭނގޭ އިޙްސާސްތަކެއް ކުރުވިއެވެ.އޭނާ އަހަރެންގެ ހިތް އެކަށް މިލްކުކޮށްލީ ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.ޢުމުރުން ވިހި އަހަރު ފުރިގެން ދިޔައިރު އަހަރެންނަށް އެފަދަ ނަޒަރަކުން ފިރިހެނަކަށް ބަލައިލެވުނު އެއީ ފުރަތަމަ ފަހަރުވެސް މެއެވެ.ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ.

****

އަހަރެން އުޅެ ބޮޑުވީ ދީނީ ކަންކަމަށް ނުހަނު އިސްކަން ދޭ ޢާއިލާއެއްގެ ތެރޭގައެވެ.އަހަރެންގެ މައިންބަފައިން އެންމެ ތުއްތު އިރުއްސުރެވެސް ދީނީ ކަންކަމަށް އެހާ ބާރު އަޅައެވެ.އަހަރެން ގުރޭޑް އެކަކަށް ދިޔަ އަހަރު ބުރުގާ އެޅީވެސް އަމިއްލައަށް ބޭނުންވެގެންނެވެ.އޭރު އަހަރެންގެ ދޮށްޓަށް ތިބި  މަޒުނަތު ދޮންތައާއި މަހުވީނު ތުއްތަވެސް ތިބީ ބުރުގާ އަޅައިފަ އެވެ.މަަންމަ އުޅެނީ ނިޤާބުވެސް އަޅައިގެންނެވެ.ކޮންމެ ނަމާދު ގަޑިއެއްގައި ބުނެ ކިޔުމެއްނެތި މަންމައާއި އެކު ނަމާދުކުރަން އަހަރެމެން އަންނަމެވެ.ގުރުއާން ކިޔާވާށޭ ރޯދަ ހިފާށޭ މަންމަމެންނަށް އަހަރެމެން ގާތުގައި ކިޔާކަށް ނުޖެހެއެވެ.އެހާ ކުޑައިރުވެސް އެހުރިހާ ކަމެއް އިސް ނަގައިގެން ކުރީ ހަމަ ކުރާހިތުންނެވެ.މައިންބަފައިން ކުރިމަތީ ދެކޮޅަށް ބަސް ކިޔައި އުޅުމަކީ އަހަރެމެން އެއްގޮތަކަށްވެސް އުޅުނު ގޮތެއް ނޫނެވެ.ފުރާވަރުގެ ދުވަސްތައްވެސް ހޭދަވެގެން ދިޔައީ ހަމަ އެފަދައިންނެވެ.

****

ޤުރުއާން ޓީޗަރަކަށް ވުމަކީ ކުޑައިރުއްސުރެ ވެސް އަހަރެން ދެކެމުން އައި ހުވަފެނެކެވެ.އޭލެވެލް ނިންމައިލި ގޮތަށް އަހަރެން ޤުރުއާނުގެ ދާއިރާއިން ކޯސް ހަދަން ފެށީ ނުހަނު ފޮނި އުންމީދުތަކަކާއި އެކުގައެވެ.

****

އަހަންނާއި އާރިން ފުރަތަަމަ ބައްދަލުވީ ކޯހުގެ ފުރަތަަމަ ދުވަހު ކުލާހުންނެވެ.އޭނާވީ އަހަރެންގެ ކުލާސް މޭޓަކަށެވެ.ފުރަތަމަ ފެނިލި ވަގުތު އޭނާ އިސް އޮބައިލި ގޮތް ފެނި އަހަރެންގެ ހިތަށް އެނގުންވެލިއެވެ.ހިތުގެ ފުނުގައި ނިދާފައިވާ އިހުސާސްތައް ހޭލައްވައިލިއެވެ.އެ ފިރިހެންވަންތަކަމުގެ ޖާދޫގައި ޖެހި އެ ސަމާލުކަން ހޯދުމަށް ހިތް އެދެވެން ފެށީ އިޚުތިޔާރަކާއި ނުލައެވެ.އެހެނަސް އޭނާއާއި ހަތަރުކަޅި ހަމަ ކޮށްލަން ކެރޭ ވަރަށްވުރެ އަހަރެން ފިނޑިއެވެ.ސިއްރު ސިއްރުން އޭނާގެ މޫނަށް ބަލައިލެވޭ ކޮންމެ ފަހަރަކުވެސް އަހަރެންގެ އަތް ފައި ފިނިވަނީއެވެ.އެކަމަކާ ހުރެ އަހަރެން އުޅުނީ އޭނާއާއި ވަރަށް ދުރު ދުރުންނެވެ.ކިތަންމެ ގަޔާވި ނަމަވެސް އެކަން ފާޅުނުކޮށްވޭތޯ އަހަރެން ގަދައަޅައި މަސައްކަތް ކުރީމެވެ.

****

އާރިންއަށް ވެސް އަހަރެން ފާހަގަވާން ފެށިކަން  އަހަންނަށް އެނގުނީ އޭނާ އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުންނާތީ އެތައް ދުވަހެއްގެ މަތިން ވަގު ހިފުމުންނެވެ.ރައްޓެހި ބައެއް ކުލާސް ކުދިންނަށްވެސް އެކަން ފާހަގަވެގެން އަހަރެންގެ ގާތުގައި ކިޔެވެ.ހިތަށް ލިބިގެން ދިޔަ ފިނިކަން ބުނެދޭންވެސް ނޭނގެއެވެ.އާރިންގެ ސަމާލުކަން ލިބުމުން އުފާ ނުވާނީ ކާކު ހެއްޔެވެ؟އާރިންއަކީ އެތައް އަންހެން ކުދިންނެއްގެ ހިތުގައި ރަސްކަން ކުރަމުންދާ ރާޖާއެކެވެ.އޭނާގެ އެންމެ ބަލާލުމަކަށްވެސް އެތައް ބަޔަކު އެ ތިބެނީ ފިދާވާން ތައްޔާރަށެވެ.

****

ދުވަސްތައް ފާއިތުގެން ދިޔަ ގޮތްވެސް އަހަންނަށް ނޭނގެއެވެ.އާރިންއާއި ބައްދަލުވީ ފަހުން ދުވަސްވެސް  އަހަންނަށް އޮންނަނީ ކުރުވެފައެވެ.އަބަދުމެ އެ ރީތި ސޫރަ ދުށުމަށް ހިތް އެދެވެނީއެވެ.އޭނާ ދެން ފެންނާނެ އިރަކަށް އިންތިޒާރު ކުރެވެނީއެވެ.އާރިންވެސް އަހަރެން ފެނުމުން ހިނިތުންވެލައި އުޅުނަސް އަހަރެމެންގެ ދޭތެރޭގައި މާގިނަ ވާހަކަތަކެއް ދެކެވިފައެއްް ނެތެވެ.ދެކެވޭނެ ފުރުސަތުވެސް ނުލިބެނީއެވެ.ދެމީހުންވެސް ދިމާވަނީ ކޮލެޖުން އެކަންޏެވެ.ކުލާހުގައި އުޅޭ އިރުވެސް އާރިންއަކީ މާ ގިނަ ވާހަކަތަކެއް ދައްކާ އުޅޭ މީހެއް ނޫނެވެ. ހުންނާނީ އެހާ މަޑު މަޑުންނެވެ.އެއީވެސް އަހަރެންގެ ހިތް އޭނާގެ މައްޗަށް އެހާ ފަސޭހައިން ލެނބިގެން ދިޔަ އެއް ސަބަބެވެ.

****

އަހަރެންގެ ނަން ގޮވުމުން ސްކްރޮލްއާއި ހަވާލުވާން ސްޓޭޖަށް އެރި އިރު ހަމަ ރަނގަޅަށްވެސް ފެންކަޅި ވެއްޖެއެވެ.އަހަރެން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ މިިއޮތްގެން ފެންނަނީއެވެ.ނިމުމަކަށް މި އައީ ހާދަ ދުވަހެއްގެ ދިގު އިންތިޒާރެކެވެ.

****

އަހަރެން ކޯސް ނިންމައިލީ އެންމެ މަތީ ދަރަޖައިގައި ފާސްވެ ކޯހުން ފަޚުރުވެރި އެއްވަނަ ހޯދައިގެންނެވެ.އުފަލުގެ ކޮޅެއް ނެތެވެ.އާރިންގެ ތޫނު ނަޒަރު އަހަންނަށް ހުއްޓިފައި ހުރި އިރު އެ ތުންފަތުގައި ކުޅެލަ ކުޅެލާ ހުރި ހިނިތުންވުން އިތުރަށް ފުޅާވެލިތަން ފެނި ހިތުގެ ހިނގުން އިހުނަށްވުރެވެސް ބާރުވެލިއެވެ. ކޮން ފަދަ ސިހުރުވެރިކަމެއް ހެއްޔެވެ؟

****

’މަރުހަބާ މިހްރާ…‘

ގްރެޖުއޭޝަން ނިންމާފައި ކޮލެޖުގެ ގޯތިތެރޭގައި އާއިލާއާއި އެކު ފޮޓޯ ނެގުމައިގެން އުޅެނިކޮށް ނުހަނު ގާތުން އާރިންގެ އަޑު އިވިފައި އަހަރެންގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔަ އެވެ.މަންމައާއި ދޮންތަމެންވެސް ޝައުގެވެރި ގޮތަކަށް އާރިންއަށް ބަލާލައިފައި ކާކުތޯ އަހައިލާ ފަދަ ގޮތަކަށް އަހަންނަށް ނަޒަރެއް ދިނެވެ.ބައްޕަވެސް އާރިންއަށް ހިނިތުންވެލީ ހިތްހެޔޮކަމާއި އެކުގައެވެ.އާރިން އިސްވެ ބައްޕައާއި ސަލާމަށް އަތްދިއްކޮށްލާފައި އަހަރެންގެ ކުލާސް ކުއްޖެއްކަމަށް ބުނެ ތައާރަފްވެލިއެވެ.އެހާ މަޑު މަޑުން ހުންނަ އާރިންގެ އެފަދަ ހިތްވަރެއް ހުރެދާނޭކަމަށް އަހަރެން ހިއެއް ނުކުރަމެވެ.އަނެއްކާ ދެކެ ފަރިތަވިއެއް ކަމަކު އަހަންނާ އާރިންއަކީ ގާތް ރައްޓެހިންނެއްވެސް ނޫނެވެ.

****

’ތެންކިއު….އާރިންއަށްވެސް މަރުހަބާ…‘ އާރިން ލަދުގަންނުވާލަން ބޭނުން ނުވާތީ އަހަރެންގެ ހިނިތުންވެލަމުން ބުނެލީމެވެ.ބަދަލުގައި އޭނާވެސް ހަދިޔާކޮށްލީ މާނަވީ ހިނިތުންވުމެކެވެ.

****

’މިހްރާ ބައްޕާ… އަޅުގަނޑާ ވަކިން ވާހަކަ ދައްކާލެވިދާނެތޯ؟‘ ވަރަށް އަދަބުވެރިކަމާއެކު އާރިން ބައްޕަ ގާތުގައި އެއްސެވެ.އަހަރެންގެ މޫނުމަތިން ތަރި ބުރައިގެން ދިޔައެވެ.އާރިން އަހަރެންގެ ބައްޕައާއި އެކަހެރިވެ ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟ ދޮންތައާއި ތުއްތަގެ މޫނަށް ވެރިވި ލާނެތް ހިނިތުންވުން އަހަންނަކަށް ސިއްރެއް ނުވިއެވެ.

****

’ޔަގީން މަންމާ…މިހޫ ބިޓެއް އެއީ…އަހަރެމެން ހުހަށް ތިއްބާ މީނަ ނިންމަން އެ އުޅެނީ…މާޝާ الله…ހާދަ ރީތިވެސް ކުއްޖެކޭ…‘ ދޮންތަ އަހަންނާއި ދިމާކޮށްލުމުން އެ ތެދެކޭ ކިޔައި ތުއްތަވެސް އެއްބައި ވެއްޖެއެވެ.

****

’ސާބަސް މަޒުނަތުއަށް…މަންމައަށް ޔަގީން މަންމަގެ މިހޫ ކުއްޖަކާ ރައްޓެހިވެގެން ނޫޅޭނެކަން…އެޔެއް ނޫނެއްނު ދީނުގަ އޮންނަ ގޮތަކީ…ދެން ރަނގަޅު ގޮތުގައި ކައިވެންޏަށް އެދިގެން މީހަކު އައިސްފިއްޔާ ދަރިފުޅުމެން ރުހެންޏާ އެވީ ހަމަ އިންނަން…އެއީ މަންމަމެން އަބަދުވެސް ބުނާ ވާހަކައަކީ.ރަނގަޅު މީހެއް ވިއްޔާ މަންމަވެސް ބައްޕަވެސް ހުރަހެެއް ނާޅާނަމޭ..މީ ތިން ކުދިންނަށް ބުނާ އެއްޗެއް….މަހުވީނު ކައިވެނި ކުރަން ބޭނުމޭ ބުނި ކުއްޖާ އަދިވެސް ބައްޕައަށް ނުގުޅާ ވާހަކަ ބައްޕަ ބުނި…ކޮބާ އެކުއްޖާ ދަރިފުޅާ؟‘މަންމަ ވާހަކަ ނިންމައިލީ ތުއްތައަށް އަމާޒުކޮށްފަ އެވެ.

****

’މަންމާ ތި ވާހަކަ ދައްކާނީ ދެން ފަހުން… އަޅުގަނޑު އަޝަރުއަށް ބައްޕަގެ ނަންބަރުވެސް ދިނިން.‘ ތުއްތަގެ އަޑަށް މޮޅިވެރިކަން ވެރިވިއެވެ.އަޝަރުގެ ވާހަކަ ދެއްކުމުން ތުއްތަ ދެރަވީކަން އެނގުމުން އަހަރެން މަޢުޟޫ ބަދަލުކޮށްލަން އުޅެނިކޮށް ބައްޕަ އަހަރެމެންގެ ކައިރިއަށް އަތުވެއްޖެއެވެ.އޭރު އާރިން އަހަރެމެނަށް ފަސް ދީ ހިނގައިގެންފިއެވެ.

****

ބައްޕަގެ މޫނުމަތީ ހުރި އަސަރުތަކުން އެއްވެސް އެއްޗެއް ނަގައިގަންނާކަށް އަހަރެމެންނަކަށް ނޭނގުނެވެ.އެންމެންވެސް ތިބީ އާރިންއާއި ބެހޭ ގޮތުން ބައްޕަ އެއްޗެއް ބުނޭތޯ ކެތްމަދުވެފައެވެ.

****

’ކޮބާ ނިމުނީތަ ފޮޓޯ ނަގާ؟ ނިމިއްޖެއްޔާ ހިނގާ އަވަހަށް ކާން ދަމާ…ބައްޕަގެ ޓުރީޓެއް‘ ބައްޕަ ފެށީ މުޅިން އެހެން ވާހަކައެކެވެ.

****

’ބައްޕާ އެކުއްޖާ ކީކޭ ބުނީ؟‘ ދޮންތައަށް ނުހުރެވިގެން އަހައިލައިފިއެވެ.ދޮންތަގެ ކެތްތެރިކަން ކުޑަ މިންވަރު ފެނި އަހަންނަށް މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލެވުނެވެ.ބައްޕަ އިސްވެ އެކަމާ ބެހޭގޮތުން އެއްޗެކޭ ބުނަންދެންވެސް އޭނާއަށް ނުހުރެވުނީއެވެ.

****

’ހެހެހެ…މާ ބޮޑު އެއްޗެއް ނޫން…ބައްޕަގެ ފޯނު ނަންބަރު ބޭނުންވެގެން…‘ މާ ގިނަ ތަފްސީލަކަށް ބައްޕަ ނުދިޔަ އެވެ.

’ކީއްކުރާށޯ؟‘

ދޮންތަ ހަމަ ކޮންނަނީއެވެ.އަހަރެން މަޑު މަޑުން ދޮންތަގެ އަތުގައި ވިކައިގަތީ ސުވާލު ކުރުން ހުއްޓައިލަން ސިގުނަލް ދިނުމުގެ ގޮތުންނެވެ.ތަދުވެގެން ދޮންތަ ކަޅިއަޅައިގަތެވެ.

****

’އެޔެެއް އެނގޭނީ ގުޅީމަތާ…‘ ބައްޕަ މާ ބޮޑު ކަމަކަށް ނުހެދިއެވެ.އެހެނަސް އަހަންނަށް އެކަން ވީ ވަރަށް ބޮޑު ކަމަކަށެވެ. އާރިން އަހަރެންގެ ބައްޕަގެ ފޯނު ނަންބަރު ހޯދާނީ ގައިމުވެސް ކޮންމެވެސް ވާހަކައެއް ދައްކަން ތާއެވެ.އެހެން ނޫނީ ކުރިން ނުވެސް ދަންނަ މީހެއް ކައިރީ އައިސް ފޯނު ނަންބަރު ދޭށެކޭ އާރިންވެސް ނުބުނާނެއެވެ. އަހަރެންގެ އާއިލާ އާރިންއަށް އެނގޭނީވެސް އެ ހަފްލާއިން ފެނިގެންނެވެ.

****

އާރިން ފަސް ދީ ދާތަން ބަލަން ހުރި އިރު އަހަރެންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައީ އެހެން މިހެންނަކުން ނޫނެވެ.އާރިން އެ އުޅެނީ ކީއްކުރަންބާއެވެ؟

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ކަޅު ބުޅާ 10

Next

އަބަދަށް-28

Next
July 23, 2025

އަބަދަށް-28

Previews
July 23, 2025

ކަޅު ބުޅާ 10

One Comment

  1. Anonymous says:
    October 13, 2025 at 7:32 pm

    …

Comments are closed.

Next Episodeމާސްކު (ޕާޓް 2)←


All Right Reserved!