މާސްކު (ޕާޓް 3)
ހިތްތައް މޮޔަކުރުވާފަދަ ޖާދުވީ ހިނިތުންވުމެއް ވެރިކުރުވައިގެން އަހަރެންގެ ކުރިމަތީގައި ހުއްޓި އެހުރީ އަހަރެންގެ ދެލޯ އެދި ހޯދަމުން ދިޔަ ރީތި ހުސްކުރި ޒުވާނާއެވެ.އަހަރެންގެ އާރިންއެވެ.ގަދަ އަޅި ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ޖިންސެއްގައި އޭނާ ފެންނަލެއް ފިރިހެންވަންތަކަމާއި ފުރިހަމަކަމުން އާޝޯޚުވެފައި، ކަޅި ޖަހާލަން ވެސް ހަނދާން ނެތިފައި، ބަލަހައްޓައިގެން އަހަންނަށް ހުރެވުނީއެވެ.
****
’އަނހާ…އާރިން… އަވަހަށް ވަދޭ…‘ އަހަރެން ހުއްޓުން އަރާފައި ހުއްޓާ ބައްޕަ އައިސް އަހަރެންގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ފަހަތުން ބޯ ދިއްކޮށްލާފައި ބުނެލިއެވެ.ސިހިފައި އަހަރެން ދޮރުމަތިން އެއްފަރާތް ވެލީމެވެ.އާރިންގެ ތޫނު ނަޒަރު އަހަންނަށް އަމާޒުވެފައި ހުރި އިރު އޭނާގެ ތުންފަތް އެއްމިޔަކަނުން ދެމިލައިފިއެވެ.
****
’އަވަހަށް އާދޭ ސައިބޯން އާރިން…‘ މަންމަ ހިތްހެޔޮކަމާއިއެކު ބުނެލިއެވެ.އާރިން އެ އައީ އަހަރެންގެ އާއިލާގެ ފަރާތުން ހަވީރު ސަޔަކަށް ދައުވަތު ލިބިގެން ހެއްޔެވެ؟ އޭނާއަށް އެ ދައުވަތު ދިނީ ކާކު ހެއްޔެވެ؟ނޫނީ އާރިން ބުނެ ކިޔައިގެން އަމިއްލައަށް ދަޢުވަތެއް ލިބިގަތީހެއްޔެވެ؟ނޫނެކެވެ.އެހެންނެއް ނުވާނެއެވެ.އަހަރެންގެ ހިތް ހީވަނީ ދެންމެ ދެންމެ މޭ ފަޅާލާފައި ނުކުމެދާނެހެންނެވެ.
****
ދޮންތަ އާއި ތުއްތަގެ ލާނެތް ނަޒަރު އަހަންނަށް އަމާޒުވެފައި ހުރި އިރު އެހެންމީހަކަށް ނުފެންނާނެހެން އަހަންނާއި ދިމާކުރަންވެގެން އަނގަޔަށް ވައްތަރު ޖައްސަމުން ދިޔައެެވެ.އަހަރެން ލަދުން ހަލާކުވާވަރުވިއެވެ.
****
’ސައިބޮއެގެން ދޯ ވާހަކަ ދައްކާލާނީ…‘ ބައްޕަގެ އެ ހުށަހެޅުމަށް އާރިން ބޯ ޖަހައިލިއެވެ.
ކޮން ވާހަކައެއް ހެއްޔެވެ؟ބައްޕަގެ ފޯނު ނަންބަރު ހޯދައިގެން، އާރިން ބައްޕައަށް ގުޅައިގެންް އެ ދައްކަން އުޅޭ ވާހަކައެއް ހަމަ ނުދެއްކުނީ ހެއްޔެވެ؟ އަހަރެންގެ ގެއަށް ޒިޔާރަތް ކޮށްގެން ނޫނީ އޭނާއަށް އެވަރުން ނުދެއްކިގެން އެ އުޅެނީ ކޮން ވާހަކައެއްބާވައެވެ؟ ގައިމުވެސް ކުޑަ ވާހަކައެއް ނޫނެވެ.އެވަރު އަހަންނަށްވެސް ވިސްނިއްޖެއެވެ.
****
ދެންވެސް އޭނާގެ ނަޒަރު އަމާޒުވީ އަހަންނަށެެވެ.ސީދާ އަހަރެންގެ ދެލޮލަށް ބަލައިލުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ.އާރިން އެ އުޅެނީ އަހަންނަށް ޖާދޫ ޖައްސަން ހެއްޔެވެ؟ އެހެން ކަމުގައި ވާނަމަ މާ ރަނގަޅަށްވެސް އަހަރެން އެ ޖާދޫގައި ޖެހިއްޖެއެވެ.އޭނާ އެވަރަށް ބަލަންޏާ އެންމެނަށްވެސް އެކަން ފާހަގަވާނެއެވެ.ލަދުގަތްވަރުން އަހަންނަށް ތުންފަތުގައި ދައިގަނެވުނެވެ.
****
ސައިބޯން ފަށާފައި ހެދިކާ މީރުވެގެން އާރިން ތައުރީފުކޮށްލިއެވެ.ތިޔަވީ މާ ރަނގަޅަކަށް ނޫންހޭ މަންމަ ބުނެލައިފިއެވެ.
****
ސުފުރާމަތީގައި ދެކެވުނު އެއްވެސް ވާހަކައަކުން އާރިން އަސްލު އައި ބޭނުމެއް ސާފެއް ނުވިއެވެ. އެކަމަކު އޭނާގެ ވަނަވަރު ވަރަށް ރަނގަޅަށް އެނގި ސާފުވިއެވެ.އޭނާގެ އާއިލާއާއި ބެހޭގޮތުން އިސްވެ ސުވާލުކުރީ ބައްޕައެވެ.
****
އާރިންއަކީ މާލޭ ރައްޔިތެކެވެ.ދިރިއުޅެނީ އޭނާގެ މައިންބަފައިންގެ ގެއިން އޭނާއަށް ވަކިން ދީފައިވާ ފުލޯގައެވެ. ތަނަވަސް ކަމުން އިންތިހާ ނޫނެއް ކަމަކު އޭނާއަކީވެސް ލިބޭ މީހެކެވެ.އަމިއްލަ ކުޑަ ވިޔަފާރިއެއްވެސް އޮވެއެވެ.އޭނާގެ ބޭބެ އަކާއި ދައްތައެއް ހުންނަ އިރު އެެމީހުން ދިރިއުޅެނީ ރާއްޖޭން ބޭރުގައެވެ.މައިންބަފައިންވެސް ދުނިޔޭގައި ހެޔޮހާލުގައި އެބަ ތިއްބެވެ.
****
އާރިން ގުރުއާން ކޯސް ހެދީ އަހަންނެކޭ އެއްފަދައިން ކުޑައިރުއްސުރެވެސް ގުރުއާނަށް އެ ހިތުގައި ދެވިފައިވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.އޭނާ ބޭނުންވަނީ އެ އިލްމު އެހެން މީހުންނަށް އުނގަންނައިދޭށެވެ.
****
ސައިބޮއެ ނިމިގެން އާރިން ބައްޕައާއި އެކު ގޮސް ސޯފާގައި އިށީނދެއްޖެއެވެ.ދެމީހުންގެ ދެމެދުގައި ވާހަކަ ދެކެވެނުތަން ފެނުނެވެ.
****
’ދަރިފުޅާ މިހްރާ… އާދެބަލަ މަންމައާއެކު މިތާ އިށީނދެލަން.‘ ބައްޕަ ވަރަށް ސީރިއަސްވެފައި ގޮވައިލިއެވެ.އަހަރެންގެ ހަށިގަނޑު ރޫ ރޫ އަޅައިގެން ދިޔައެވެ.މިއުޅެނީ ކިހިނެއްވާން ބާވައެވެ.އަޅެ އަހަންނަށް މި ހީވަނީ ރަނގަޅަށް ހެއްޔެވެ؟
****
އަހަރެން ގޮސް މަންމައާއި އެކު އެމީހުންގެ ކުރިމައްޗަށް ވާނޭހެން އިށީނުމުން ބައްޕަ ބޮލުން އާރިންއަށް އިޝާރާތް ކޮށްލިއެވެ.އޭރު ދޮންތައާއި ތުއްތަވެސް އައިސް އަހަރެމެންނާއި ޖެހިގެން އިށީނދެއްޖެއެވެ.
****
’އަޅުގަނޑު މި އައީ މިހްރާގެ ބައްޕަގެ ފަރާތުން މިހްރާގެ ކައިވެންޏަށް އެދެންވެގެން…މިހްރާ އަޅުގަނޑާއި ރުހޭ ކަމުގައިވާނަމަ އަޅުގަނޑު ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން. މިހްރާ ވިސްނާލާފައި ޖަވާބެއް ދީ…އުންމީދު ކުރަން ރަނގަޅު ޖަވާބެއް ލިބޭނެކަމަށް…‘ އާރިން ވަރަށް ކެރިގެން ބުނެލިއެވެ.އޭރުވެސް އޭނާގެ ނަޒަރު ސީދާ ވެފައި ހުރީ އަހަންނަށެވެ.
****
އަހަރެން ދުވަހަކު ނުސިހޭ ވަރަށް ސިހުނެވެ.ލައި ލައި ހުރި ނޭވާ ވެސް މަޑު ޖައްސައިލެވުނެވެ.ހޭލާ ހުއްޓާ ހުވަފެންވެސް ފެންނަން ފެށީ ހެއްޔެވެ؟މިއީ އަސްލަކަށް ނުވާނެއެވެ.
****
’މިހޫ؟‘
އިނދެވުނީ ދެލޯ ބޮޑުކޮށްލައިގެންކަން ރެއަކާލީ މަންމަ މަޑުމަޑުން ގޮވައިލީމައެވެ.
’މިހްރާ ވިސްނާލާފައި ޖަވާބެއް ދީ..ނޯ ޕްރެޝަރ އިނގޭ.އަޅުގަނޑު ދެން މިވަގުތު މި ގޮސްލަނީ‘ އާރިން ނުކުންނަން ދާންވެގެން ބައްޕައާއި ސަލާމް ކޮށްލާފައި ތެދުވިއެވެ.އެހެނަސް ދެން އަހަރެން ބުނެލި އެއްޗަކުން އޭނާ އަނެއްކާވެސް އިށީންދެއްޖެއެވެ.އެންމެންގެ މޫނު މައްޗަށްވެސް ވެރިވީ ހިނިތުންވުމެކެވެ.
****
’އަހަރެން ގަބޫލު!‘ އަހަރެންގެ ދުލުން ބޭރުވި ބަސްތައް އިވިފައި އަމިއްލަ ނަފްސަށްވެސް ލިބުނީ ސިހުމެކެވެ.ހިތުގައި އޮތް އެއްޗެއް އެހާ ފަސޭހައިން ދުލާއި ހަމައަށް އައި ގޮތެއްވެސް އަހަންނަކަށް ނޭނގެއެވެ.އާރިން އާއި އިންނަން އަހަރެން ހަމަ އެހާ ކެތްމަދުވީ ހެއްޔެވެ؟ބުނެވުނީވެސް އެހާ ބާރަށެވެ.އާރިން ހިތަށް އަރާނީ ކީކޭ ބާވައެވެ؟ އަހަރެންގެ އިހުސާސްތައް އޭނާގެ ކުރިމަތީގައި މިހާ އަވަހަށް ފަޟީޙަތްވީ ހެއްޔެވެ؟ މާތް ކަލާކޯއެވެ! ގަތް ލަދުން އެވަގުތު ބިން ފަޅާފައި އަޑިއަށް ދެވޭނެ ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ.
****
’ހަމަ ތެދެއްތަ މިހްރާ؟‘ އާރިން އުފާވިވަރުން އޭނާގެ ހުދު ހުދު ދަތްތައް އިޝްތިހާރުކޮށްލިއެވެ.އަހަންނަށް ކަޅި ޖަހާނުލައި ބަލަން އިނދެވުނެވެ.އާރިން ހާދަ ހިތްގައިމެވެ.
****
’އައްދޭ މާ ރަނގަޅަކަށްނު މިވީ…ވަރަށް އުފާވެއްޖެ…އެހެންވީމަ ދެކުދިން ވާހަކަ ދައްކާފައި ތާރީޚެއް ކަނޑައަޅަން ވީނުން.‘ ބައްޕަ ހުރިހާ ދަތެއް ފެންނަ ވަރަށް ހިނިއައިސްފައި އިނދެ ބުނެލިއެވެ.
****
’ދެ ހަފްތާ ފަހުން ކިހިނެއް ވާނެ؟ އެހާ ތަނަށް އަޅުގަނޑަށް ކައިވެނީގެ ހުރިހާ ކަމަކަށް ތައްޔާރުވެވޭނެ…މިހްރާ ބޭނުންތަ ބޮޑު ވަލީމާއެއް ބާއްވަން…؟މިހްރާ ބޭނުން ގޮތެއް… އަވަހަށް ބުނޭ…‘ އާރިން ބުނެލީ ނިކަން ލޯބިންނެވެ.އަހަރެންގެ ބަނޑުގައި ކުދި ކޮކާތަކެއް ހަރަކާތް ކޮށްލި ފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ.އާރިން ހަމަ އަސްލުވެސް އަހަރެންގެ މީހަކަށް ވަނީ ހެއްޔެވެ؟
****
’ފެމިލީ އެންޑް ފްރެންޑްސް އެކަނި…‘ ލަދުން އިނދެ އަހަރެން ބޭނުންވާ ގޮތް ބުނެލުމުން އާރިން ބޯޖަހައިލިއެވެ.އޭނާވެސް ބޭނުންވީ ގޮތަކީ އެއީހެން ހީވެއެވެ.
****
ކައިވެންޏާއި ބެހޭ ގޮތުން ކުޑަކޮށް މަޝްވަރާ ކޮށްލާފައި އާރިން ދިއުމުން އަހަރެން ރަނގަޅަށް ހަމައަކަށްވެސް ނޭޅެނީސް ދޮންތަ އާއި ތުއްތައާއި ވެގެން އަހަންނާ ދިމާ ކުރަން ފަށައިފިއެވެ. މިއަދުވެސް އަހަރެންގެ ކޮޓަރިތެރޭން ކައިވެންޏެއް ބޯ މަތިވާ ވަސް ދުވިއޭ ދޮންތަ ބުނެލީ ހިނިގަނޑަކާއި އެކުގައެވެ.އޭރުވެސް ދޮންތަމެންނަށް އާރިންގެ މަގުސަދު އެނގިފައި އޮތްކަން އަހަންނަށް ރެއަކާލީ ދޮންތަ އެހެން ބުނީމައެވެ.އެހެންވީމައި އާރިން ހަމަ އަސްލުވެސް ބައްޕައަށް ގުޅީތާއެވެ!މި ހުރިހާ ކަމަކީ އޭނާއާއި ވާހަކަ ދެކެވުނު ފަހުން އެ އެންމެން ވެގެން ރޭވި ކަމެއްތާއެވެ! ކޮންމެއަކަސް އަހަންނަށް މި ލިބުނީ ދުވަހަކު ކޮޅުންވެސް ނުލިބޭހާ އުފާވެރި ސަޕްރައިޒްއެކެވެ.އަހަރެންގެ ހިތުގެ ރާޖާ އަހަރެންގެ މިލްކަކަށް ވަނީއެވެ.
****
ކައިވެނި ކުރެވޭ ދުވަސް ކައިރިވެއްޖެއެވެ.އާރިންގެ އާއިލާއާއި ބައްދަލުކުރުމަށް އަހަރެން އޭނާގެ ގެއަށް ދިޔައީ ބައްޕައާއި އެކުގައެވެ.އޭރު އާރިންގެ ބޭބެއާއި ދައްތަވެސް ރާއްޖެ އަތުވެއްޖެއެވެ.އެ އާއިލާއަށް އަހަރެން ކަމުނުގޮސްފާނެތީ އަހަރެން އިނީ ވަރަށް ބިރުންނެވެ.އެގޮތަށް އެކަންވެއްޖެއްޔާ އާރިން އަހަންނާއި ހަމަ އިންނާނެ ބާވައެވެ؟އެކަހަލަ ހިތް ބިރު ގަންނަ އެތައް ޚިޔާލުތަކަކުން އަހަރެންގެ ބޯ ހާސްވިއެވެ.
****
ހީކުރެވުނު ގޮތާއި މުޅިން ޚިލާފަށް އާރިންގެ އާއިލާ ވަރަށް އުފަލާއިއެކު އަހަރެން ބަލައިގަތެވެ.އެންމެންވެސް ވަރަށް ހެވެވެ.ބައްޕަވެސް ހުރީ އެމީހުންނާއި ބައްދަލުވެ ވާހަކަ ދައްކައިލަން ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހިފައެވެ.
****
މިއަދަކީ އަހަރެންގެ އިންތިޒާރުގެ ނިމުން އަންނަ ދުވަހެވެ.އާރިންއާއި އަހަރެންގެ ކައިވެނި ކުރެވޭ ދުވަހެވެ.ކައިވެނިކޮށްދޭ މީހުން ގެއަށް އަންނަންވާއިރަށް އަހަރެން ވަނީ ތައްޔާރުވާށެވެ.ދޮންތައާއި ތުއްތައާއި ދެބެންގެ ދެދަރި ކުދިންތައް އަހަރެން ތައްޔާރުކޮށްދޭން އެހީތެރިވިއެވެ.
****
’ދަންނު…ނޯ! ނޯ!‘
ދަނީން އޭނާ ގެނައި މޭކަޕް ސާމާނުތައް ވެނިޓީ ޓޭބަލް މަތީ އަތުރައިލިތަން ފެނި އަހަރެން ވަގުތުން ދެކޮޅު ހެދީމެވެ.މޭކަޕް ކުރުމަށް ވުރެ އަހަރެން ފޫހިވާ ކަމެއް ނޯވެއެވެ.
’ކަމޮން މިހޫ… އެންމެ ދުވަހަކުއޭ…މިހޫ ފެނިފަ އާރިން ފެއިންޓް ވާވަރު ކުރަން ޖެހޭނެއެއްނު…އޭރުން ދޯ މިރޭ…‘ އަހަރެން ދަނީން އިތުރަށް އެންމެ ލަފުޒެއް ވެސް ބުނިޔަނުދީ ހުއްޓުވީމެވެ.
’ޝުޝް…ނޮޓް އެނަދަރ ވޯރޑް ދަންނު…މާ ލާނެތް ވެގެން ތިއުޅެނީ…‘ އަހަރެން ދަނީން އާއި ދިމާލަށް ކަޅިއަޅައިގަތުމުން އޭނާއަށް މަޖާވެގެން ހޭން ފެށިއެވެ.
’މިހޫ ފެނިފަ އާރިންއާ ނިދިވެސް ރުޅިވާނީ މިރޭ…އޭނާ ފެއިންޓެއް ނޫން ވާނީކީ މޮޔަގަނޑާ…‘ އަހަރެންްގެ އެހެން ދެބެންގެ ދެދަރި ކުއްޖެއް ކަމަށްވާ ދިލްފާ ދަނީންއަށް ޖެއްސުމަށް ބުނެލިއެވެެ.
’ސާބަހޭ އިނގޭ ދެން ހުއްޓާލަންވީނުން… ތި މީހުން މެރީ ކުރާ ދުވަސް އައިމަ ނިކަން ބަލަން ހުންނައްޗޭ.‘ ލަދުގަތް ނަމަވެސް ދެރަ ނުވާންވެގެން އަހަރެން އެމީހުންނާއިވެސް ދިމާކޮށްލީމެވެ.
****
މޭކަޕް ކުރަން އަހަރެން އެވަރަށް ދެކޮޅު ހެދުމުން ވެސް ދަނީން ކުރެއް ނުކުރިއެވެ.ހަތިޔާރު ބަހައްޓާފައި ވީހާވެސް މިނިމަލްކޮށް މޭކަޕް ކުރާށޭ އަހަރެން ބުނީ އޭނާ ބޮލުގައި ކޮށާވަރުން ބޮލަށް އުނދަގޫވެގެންނެވެ.އާރިންއަށްޓަކައި ވަރަށް ރީތިވެލައިގެން ހުންނަން އަހަރެންވެސް ބޭނުންވިއެވެ.
****
އަހަރެންގެ މޫނުގައި ދަނީން ބޭނުންކުރީ މޮއިސްޗަރައިޒަރ އަކާ އަހަރެންގެ ހަމުގެ ކުލައާ ގުޅޭ ޓިންޓެޑް ސަންސްކްރީނެކެވެ.މަސްކަރާއިން އަހަރެންގެ އެސްފިޔަތަށް ފަވާލާފައި ތުންފަތުގައި ބޭނުންކުރީ އެއްވެސް ކުލައެއް ނާރާ ލިޕް ގްލޮސްއެއް އެކަންޏެވެ.ދަނީން އައި ލައިނާރ ވެސް އަޅަން އުޅުމުން އަހަރެން އެކަމާ ދެކޮޅު ހެދީއެވެ.އެވަރުން މޭކަޕް ފުރިހަމައެއް ނުވާނޭ ކިޔައި އެކުއްޖާ ހުރީ ތުންކޮޅު އޫކޮށްލައިގެންނެވެ.
****
މޭކަޕްގެ ބައި ނިންމާފައި ދަނީން އަހަރެންގެ ރީތިކަމަށް ތައުރީފް ކޮށްލިއެވެ.އެކަމަކު މޭކަޕް ފުރިހަމަ ނޫނޭ ކިޔައި ހަމަ އެވަރަށް ފާޑުވެސް ކިޔައިލިއެވެ.އެވަރުންވެސް އަހަރެން އިނީ ދަނީންއަށް ދޫނުކުރަންވެގެން ގޮތުގައި ހިފަހައްޓާލައިގެންނެވެ.
****
ދެން ތިބި އެންމެންވެސް އަހަންނަށް ތައުރީފުގެ ބަސްތައް އޮއްސައިލިއެވެ.ދަނީންގެ ޓާސްކު ނިމުމުން އަހަރެންގެ ބުރުގާ ސްޓައިލް ކުރުމުގެ މަސައްކަތާއި ހަވާލުވީ ދޮންތައާއި ތުއްތައެވެ.ވީހާވެސް ބޮޑުކޮށް ބުރުގާ އަޅަން އަހަރެން އިރުޝާދު ދިނުމުން އެކަމާ ފާޑު ކީ ބަޔަކަށް ތިބީ ދަނީންއާއި ދިލްފާ އެކަންޏެވެ.އެކުދިންނަކީ ޒަމާނާ އެއްގޮތަށް ހެދުމާއި ބުރުގާ އަޅައި އުޅޭ ކުދިންނެވެ.އާ ޓްރެންޑެއް ވިއްޔާ ފޮލޯ ކުރާ ކުދިންނެވެ.
****
ބުރުގާ އަޅައި ނިމުމުން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން އަހަންނަށް އިރުކޮޅަކު އިނދެވުނެވެ.ހުދުކުލައިގެ އަބާޔާއާއި ޝޯލްގައި އަހަރެން ފެންނަނީ އާންމުކޮށް ފެންނަ އިރު ހުންނަ ގޮތާ ވަރަށް ތަފާތުކޮށެވެ.އޭރު ދެތިން ތިބި އެހެން މީހުންވެސް ފަހަރަކު މީހަކު ތައްޔާރުވަމުންގޮސް ރީތިވެ ނިންމާލައިފިއެވެ.
****
ކައިވެނި ކޮށްދޭ މީހުން އައުމުން އަހަރެމެން ތައްޔާރުވާން ތިބި ކޮޓަރީގެ ދޮރުގައި ޓަކި ދީފައި އަވަހަށް ނުކުތުމަށް ބައްޕަ އެންގިއެވެ.އަހަރެން ފިނިވެފައި އިން ތަން ފެނި އެންމެން އަހަރެންގެ ގާތަށް ޖެހިލައި ބިރު ނުގަންނާށޭ ކިޔައި ހިތްވަރު ދޭން ފެށިއެވެ.
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





