އޭރުވެސް އެ މަޚްލޫޤު އިސްޖަހައިގެން ހުރީއެވެ. އެ އެތީގެ މޫނުމައްޗަށް އިސްތަށިތައް ހޭވިފައި ހުރިނަމަވެސް އެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ރީތިކޮށް ހުސްނާއަށް ފެނުނެވެ. “އަދި ނިކަން އެބަ ރޮއެއްނު؟ އަހަރެންވާ ރަނގަޅު ޒިންނީރާގެ ވަސް މި ދުނިޔޭގައިވެސް ނުދުވާ ވަރު ނުކޮށްލާކަން!” ހުސްނާގެ ޒީލަގަދަ އަޑުން ބުންޏެވެ. އެހެން ބުނުމުން އެ މަޚުލޫޤުގެ ގިސްލުމުގެ އަޑު ގަދަވިއެވެ. “މަށަށް ކަމެއް ކޮއްދެންޏާ އެ ފަރާގެ ދުވަސް ދުއްވާލާ. އޭރުވެސް ޔުމްނާ އައުމުގެ ކުރިން އަހަރެން ބުނިން އެކަން ކުރަން. އެކަމަކު އެކަމެއް ނުވިއެއްނު؟ އެކަން ކުރޭ! އެހެން ނޫނީ…..” ހުސްނާގެ މޫނުމަތީގައި ހިނގީ ނުރައްކާތެރި ކުލަވަރެކެވެ. ހުސްނާއަކަށް އިތުރަށް އެއްޗެއް ބުނާކަށް ނުޖެހުނެވެ. އެ މަޚްލޫޤް ބޯ ޖަހާލިއެވެ. އަދި އެއްޗެއް ބުނުމަށް އަނގަ ހުޅުވާލިއެވެ. ނަމަވެސް ހަމައެވަގުތު ހުސްނާ ވެލި ގޯނިން ވެލި ނަގާ އަލިފާންގަނޑު ނިއްވާލިއެވެ. ހަމަ އެއާއި އެކީ އެ މަޚްލޫޤުވެސް ޤައިބުވެއްޖެއެވެ.
******* 8 ވަަނަ ބައި *******
ޔުމާން ޔުމްނާ އަތަށް ރަތް ބޭސްފުޅި ދިނުމުން ޔުމްނާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އަދިވެސް ޔުމަނާގެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. އަވަސްއަވަހަށް ބޭސް ފުޅީގެ މަތި ނެގުމަށްފަހު ފޮތިކޮޅަކުން ވަކި އެޅިފައި ހުރި ތަނުގައި ބޭސް އެޅިއެވެ. ނެގި ދިލައިން ޔުމްނާއަށް ނުރޮވުނީ ކިރިޔާއެވެ. ބޭސް އެޅުމަށްފަހު ފުޅި ރީތިވާ މޭޒުމަތީގައި ބެހެއްޓުމަށްފަހު ޔުމްނާ އެނދުމަތި ފޮޅިއެވެ. އެނދުމަތި ފޮޅާ ނިންމާފައި އެނދުމައްޗަށް ޔުމްނާ ވެއްޓިގަތެވެ.
*******
ހުސްނާ މަގުގެ ދެފަރާތަށް ބަލާލުމަށްފަހު ގެއަށް ވަންނަން ހިނގައިގަތެވެ. ނަމަވެސް ހަމަ އެ ވަގުތު އެއްލި ކަޅިއަކުން ގޭ ކައިރީގައި ހުރި ހުވަނދުމާ ގަސްތަކުގެ ކައިރީގައި ހުރި ހިޔަނި އޭނާއަަށް ފެނުނެވެ. ހުސްނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި އެ ހިޔަންޏާއި ދިމާއަށް ހިނގައިގަތެވެ.
“ކީއްކުރަން މި ރަށަށް ތިޔައީ؟” ހުސްނާ ހިތްހަމަ ނުޖެހިފައި ހުރެ އަހާލިއެވެ. “މިއައީ ހުސްނާމެން ފެށި ކަންތައްގަނޑު ހުސްނާއަށް ނިންމަން ނޭނގުނީމަ އެކަން ނިންމާލަން”. އެ ފިރިހެން މީހާ ބުންޏެވެ. މިހެން އެ މީހާ ބުނުމުން ހުސްނާގެ ރުޅި ގަދަވިއެވެ. “އަހަރެން ނޫޅެން މިކަން ނުނިމިގެންނެއް! އެހެންނޫނަސް 18 އަހަރުވަންދެން ފިލައިގެން އުޅެފަ ކުއްލިއަކަށް ތިހެން ބުނީމަ އެކަކުވެސް ޤަބޫލެއް ނުކުރާނެ!” ހުސްނާ އަޑު ބާރުވަމުން ދިޔައެވެ.
“އަހަރެން ވާ ރަނގަޅު ހުސްނާއާއި ވާހަކަ ދައްކާކަންވެސް. ހުސްނާ ކޮށްފަ ހުރި ކަންކަން އެހެން މީހަކަށް އެނގޭނަމަ-” އެ މީހާއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ހުސްނާ ބުންޏެވެ. “އަހަރެންނަށް ބިރު ދައްކާނެކަމެއް ނެތް! ތިއީ އަދި މާ ނުބައި މީހެއް!” ހުސްނާ ދަތްކުނޑި ވިކަމުން ބުންޏެވެ. އެ މީހާ އެއްވެސް އެއްޗެއް ނުބުންޏެވެ. މިހެންވެ ހުސްނާ ބާރުބާރަށް ހިނގާފައި ގޮސް ގެއަށް ވަނެވެ.
*******
ޔުމްނާ އެނދުގައި ފޮރޮޅި ފޮރޮޅިލާ އޮތެވެ. އޭނާގެ ލޮލަށް ނިދި ސަވާރުވާ ގޮތެއް ނުވިއެވެ. ވާނީވެސް އެހެންތާއެވެ. މިރޭ މި ހިނގި ކަންތައްތަކުން ޔުމްނާއަށް އެ އޮވެވެނީ ވަރަށް ނުރައްކާތެރި ފައްތަރެއްގައިކަން ކަށަވަރު ވެއްޖެއެވެ. ނަމަވެސް މި ކަމުގެ ހަގީގަތް ނޭނގޭހާ ހިނދު ޔުމްނާއަށް ހަދަންވީ ކިހިނެއް ކަމެއް ނޭނގެއެވެ. މިކަމާ ވިސްނާ ވިސްނާ ޔުމްނާގެ ބޮލުގައިވެސް ރިއްސަން ފަށައިފިއެވެ.
ޔުމްނާ ތެދުވެ ކޮޓަރިތެރޭގައި ހިނގަން ފެށިއެވެ. އޭރު ބޮލުގެ ރިހުން ދިޔައީ ގަދަވަމުންނެވެ. ޔުމްނާ ގޮތް ހުސްވެފައިހުރެ ފާރުގައި ލެނގިލިއެވެ. އަދި ބޮލުގައި އަތް އަޅާާލިއެވެ. ހަމައެވަގުތު ވަރަށް ބާރަށް ގޭގެ ދޮރާށި ލެއްފުނު އަޑު އިވުނެވެ. ޔުމްނާ ސިހުނެވެ. އަދި މަޑުމަޑުން ކުޑަދޮރު ދޮށަށް ގޮސް ހުޅުވައި ބަލައިލަން ހިތަށް އެރިއެވެ. ނަމަވެސް އެ ހުދު ބުޅާ މަތިން ހަނދާންވުމުން ޔުމްނާ ފަސްޖެހުނެވެ.
ކުއްލިއަކަށް ކޮޓަރިއާއި ދިމާއަށް ފިޔަވަޅުތައް އަންނަ އަޑު އިވުމުން ޔުމްނާ އަވަސްއަވަހަށް އެނދަށް އަރާ ރަޖާގަނޑު މުޅި ގައިމަތީގައި އެޅުމަށްފަހު ނިދި ކަމަށް ހެދުނެވެ. އެ ފިޔަވަޅުތައް ޔުމްނާގެ ކޮޓަރި ކުރިމަތީގައި ހުއްޓުނެވެ. އިރުކޮޅެއްފަހުން ދޮރުގެ ތަޅު އެނބުރެން ފެށިއެވެ. ޔުމްނާ ނޭވާ ހިފަހައްޓައިގެން ދެލޯ ތަގުޅިކޮށްގެން އޮތެވެ. މަޑުމަޑުން ދޮރުގެ ތަޅަށް ތަޅުދަނޑި ޖެހި އަޑު އިވުނެވެ. ލަސްތަކެއްނުވެ މަޑުމަޑުން ދޮރު ހުޅުވުނެވެ.
ޔުމްނާ ނޭވާލާންވެސް ނުކެރިފައި އޮތެވެ. މަޑުމަޑުން ރަޖާގަނޑުގެ ތެރެއިން ތަންކޮޅެއް ހިއްލާލާފައި އެއީ ކާކުތޯ ބަލާލިއެވެ. އޭރު ހުސްނާ ކޮޓަރި ތެރެއަށް ބޯ ދިއްކޮށްގެން އޮތެވެ. އިރުކޮޅެއްވަންދެން އެހެން ހުރުމަށްފަހު ހުސްނާ ކޮޓަރި ތެރެއަށް ދެމިަގތެވެ. އަދި މަޑުމަޑުން ދޮރު ލެއްޕިއެވެ.
ޔުމްނާއާއި ދިމާއަށް ހުސްނާ ހިނގާފައި އަންނަ ތަން ފެނުމުން ހިސާބަކަށް ޔުމްނާ ބިރުގަތެވެ. ޔުމްނާއަށް އޭނާގެ ހިތް ބަންބަން ލާފައި ޖެހޭ އަޑު ނޫން އެހެން އަޑެއް ނީވެއެވެ. ކުއްލިއަކަށް ޔުމްނާއަށް އޭނާގެ ގައިމަތީގައި އޮތް ރަޖާގަނޑު ނެގޭ ކަމުގެ އިހުސާސް ކުރެވުނެވެ. ކަނދުރާއާއި ހަމައަށް ރަޖާގަނޑު ތިރިކުރެވުމުން ހުސްނާ ރަޖާގަނޑު ދޫކޮށްލި ކަމުގެ އިހުސާސް ޔުމްނާއަށް ކުރެވުނެވެ. އަދި ކޮންމެވެސް އެއްޗެއް ހުސްނާ ކިޔަންފެށި އަޑު އިވުނެވެ. 15 ވަރަކަށް މިނެޓު ވަންދެން ކިޔެވުމަށްފަހު ހުސްނާ ހަމަހިމޭންވިއެވެ. ދެން ޔުމްނާއަށް އިހުސާސް ކުރެވުނީ އޭނާގެ މޫނުގައި ފެން ހޭކޭކަމުގެ އިހުސާސެވެ.
ޔުމްނާއަށް ބޭ އިޚްތިޔާރުގައި ދެލޯ ތަގުޅިކޮށްލެވުނެވެ. ޔުމްނާގެ މޫނުމަތީގައި ފެން އުނގުޅަން ހުރި ހުސްނާގެ އަތުގެ ހަރަކާތް ހުއްޓުނެވެ. ހުސްނާއަށް ޝައްކުވީކަން ޔަޤީނެވެ. ހަމައެވަގުތު އޭނާގެ ބަނޑުގައި އެ ހުދު ބުޅާ ވަކި އެޅި ތަނުން އާދަޔާޚިލާފަށް ބާރަށް ދިލަ ނަގަން ފެށިއެވެ. އެ ނެގި ދިލައިން ޔުމްނާގެ މޫނުމައްޗަށް އަނދރިވާގޮތްވިއެވެ. ދެލޯ ހުޅުވަން ބޭނުންވިނަމަވެސް ހުސްނާއަށް މިހާރުވެސް ޝައްކުވެފައި ހުރީމަ ޔުމްނާ ކެތްކުރެވޭތޯ މަސައްކަތްކުރިއެވެ.
ހުސްނާ އިރުކޮޅެއްވަންދެން ހުރުމަށްފަހު އަނެއްކާވެސް ޔުމްނާގެ މޫނުމަތީގައި އެ ފެން އުނގުޅަން ފެށިއެވެ. ޔުމްނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން ދެގުނައަށް އިތުރުވިއެވެ. ނަަމަވެސް ދަތް ކުނޑި ވިކާލައިގެން މޫނުމަތިން އެކަން ނުދައްކާ ވޭތޯ އޭނާ މަސައްކަތްކުރިއެވެ. ހުސްނާ އޭނާ ހިތްހަމަ ޖެހޭވަރަށް ފެން އުނގުޅާފައި ފެން ތަށީގައި ބާކީ ހުރި ފެންފޮދު މުޅި ކޮޓަރިއަށް ވިއްސަން ފެށިއެވެ. ފެންފޮދު ވިއްސާ ނިންމުމަށްފަހު މަޑުމަޑުން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.
ހުސްނާ ދިޔަަކަން ކަށަވަރުވުމުން ޔުމްނާ ދެލޯ ހުޅުވުމަށްފަހު އެނދުމަތީގައި އިށީނެވެ. އޭރުވެސް ކެތް ނުވާ ވަރަށް އޭނާގެ ހަށިގަނޑުގައި ވޭން އަޅަމުން ދިޔައެވެ. އޭނާގެ މަންމަ އޭނާއަށް މިކުރީ ކީއްހެއްޔެވެ؟ ޔުމްނާއަށް މިހާރު ދިމާވަމުން މިދާ ކަންކަމުގައި ހުސްނާގެ އަތެއް ވޭ ބާވައެވެ؟ މިހެން ފިކުރުކުރަނިކޮށް ދިލަތަދެއް ޔުމްނާގެ ބަނޑަށް އެރިއެވެ. ހަމައެއާއެކީ ކަނޑާލި ރުކެއްހެން ޔުމްނާ ހޭނެތިގެން ތަޅުންގަނޑު މައްޗަށް ދެމިއްޖެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


