“މި ގަޑީގައި އަހަރެންނަކަށް ހުރެވޭކަށް ނެތް. އެހެން ދުވަހަކުން އަހަރެން ޔުމްނާ ކައިރިއަށް އަންނާނަން. ހަނދާންކުރާތި. ނަމަނަމަ އެކަކު ކައިރީގައިވެސް މި ވާހަކަ ނުބުނާތި. ރޭގަނޑު ބޭރަށް ނުނިކުންނާތި. ޔުމްނާގެ އެކުވެރިން މިއަދު ހަވީރު ޔުމްނާއާއި އެކީ ނުކުތް ހަނދާނެއް ނުވާނެ. އަދި….” ފަރާ ކުޑަދޮރުން އޮއްސެމުން ދިޔަ އިރަށް ބަލަމުން ބުންޏެވެ. “ހުދުކުލައިގެ ބުޅަލެއް ފެނިއްޖެއްޔާ އެތަނުގައި ނުހުންނާތި. އެ ބުޅާ ޔުމްނާއާއި ކައިރިވިޔަ ނުދޭތި.”
******* 7 ވަނަ ބައި *******
( އެއް ހަފްތާ ފަސް )
ޔުމްނާއަށް އަބަދުމެހެން ވިސްނެނީ ފަރާ އެ ކިޔައިދިން ވާހަކަ ތަކާއި މެދުގައެވެ. ޔުމްނާއަށް ދިމާވާން މިއުޅޭ ކަމަކީ ކޮބައި ބާވައެވެ؟ މިކަން ވަކި ޔުމްނާއަށް ދިމާވާންވީ ކީއްވެހެއްޔެވެ؟ ޔުމްނާއަށް އިނދެވެނީ އަބަދުވެސް މި ފިކުރުގައެވެ. މިކަން ހުސްނާއަށް ވެސް ފާހަގަކުރެވުނެވެ.
“ދަރިފުޅާ. ކީއްވެގެންތަ މިހާރު ތިހާ މަޑުމޮޅިވެގެން ތި އިންނަނީ؟ ބަލީތަ؟” ހުސްނާ އަހާލިއެވެ. “ނޫން މަންމާ. އަހަރެން ބައްޔެއް ނޫން. އަހަރެންނަކަށް ކަމެއް ނުވޭ.” ޔުމްނާ އަވަސްއަވަހަށް ޖަވާބުދިނެވެ. ނަމަވެސް ޔުމްނާގެ އެ ކުރު ޖަވާބަކުން ހުސްނާގެ ހިތުގައި ހިނގަމުންދިޔަ ޝައްކުގެ އޮއިވަރު މަޑުޖެހޭ ގޮތެއް ނުވިއެވެ.
ރޭގަނޑުގެ ވަގުތެވެ. އެންމެން ތިބީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރާށެވެ. ޔުމާން އޭނާގެ ދުވަހުގެ ވާހަކަތަށް ކިޔައިދެމުން ދިޔައިރު ޔުމްނާ އިނީ ބަތާއި ގަރުދިޔަ އަތުން މޮޑެލަ މޮޑެލައެވެ. ކާކަށް ނޫޅެއެވެ. ހަމައެވަގުތު ހުސްނާ ކަރުކެހިލިއެވެ. އަދި ބުންޏެވެ. “މިރޭ މަންމަ އެބަޖެހޭ ޖަމްޝީދާމެންގެ ގެއަށް ދާން. ދޮރުތައް ތަޅުލައިގެން ނިދަން އޮންނާތި އިނގޭ”. މި އަޑަށް ޔުމްނާ ހުސްނާއާއި ދިމާއަށް ބަލާލުމަށްފަހު ބޯ ޖަހާލިއެވެ. ފަހަރުގައި މި ފުރުސަތުގެ ސަބަބުން ފަރާއަށް އައުމަށް މަގުފަހިވެދާނެއެވެ.
ޔުމްނާއަށް ނުކެވުނު ބަތްކޮޅު ކުނި ބާލިދީއަށް އަޅާލުމަށްފަހު އަތްދޮވެލައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. އޭރު ގަޑިން 10 ޖަހައިފިއެވެ. ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު ޔުމްނާ ކުޑަދޮރުން ބޯދިއްކޮށްގެން އޮތެވެ. އެ ހަނި ގޯޅިގަނޑުގެ އެންމެ ދުރުން ގޭގެ ދޮރާށި ފެންނަން އޮންނާތީ ޔުމްނާއަށް މީހަކު ނުކުމެއްޖެއްޔާ އެތަން ފެންނާނެއެވެ. ޔުމްނާއަށް މާ ގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ހުސްނާ އަވަސްއަވަހަށް ދެކޮޅު ބަލާލާފައި ދޮރާށިން ނުކުމެގެން ދިޔައެވެ.
ޔުމްނާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ދެން އޮތީ މަޑުކުރުމެވެ. މިރޭ ފަރާ އަދި އަންނާނެކަމެއްވެސް ޔުމްނާއަކަށް ޔަޤީނެއް ނޫނެވެ. ނަމަވެސް އޭނާގެ ހިތް ބުނަމުންދިޔައީ މިރޭ ފަރާ އަންނާނެކަމަށެވެ.
**********
ހުސްނާ މަގުގެ ދެފަރާތަށް ބަލާލުމަށްފަހު ހިނގައިގަތެވެ. މުޅި މަގުމަތީގައި ވަނީ އަނދިރިކަމެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ހުސްނާގެ މިސްރާބު ހުރީ ހަވޭލީގެ ވަލުފަރާތާއި ދިމާއަށެވެ. އޭނާގެ ބޮޑު ބުރުގާގެ ތެރޭގައި ކޮންމެވެސް އެއްޗެއް ބޮނޑިކޮށްގެން ހިނގަމުން ދިޔައެވެ. އެ ގަސްބޯ ވަލުގެ ތެރެއަށް ހުސްނާ ވަނީ އެއްވެސް ބިރުވެރިކަމެއް ނެތިއެވެ. ވަލުގެ މެދުގައި ހުރި މިދިލި ގަހާއި އަރާ ހަމަވުމުން ހުސްނާ ހުއްޓުނެވެ. އަދި ބުރުގަލުގެ ތެރެއިން ބޮނޑިކޮށްފައި އޮތް ކާނި މާތައް ނަގާ ބުރުއްސާލިއެވެ. އަދި އެއަށްފަހު އަލިފާންފޮށްޓެއް ނަގާ އެ މާތަކުގައި އަލިފާން ރޯކޮށްލިއެވެ. މިހުރިހާ ކަމެއް ކުރިއިރުގައިވެސް ހުސްނާ ދިޔައީ ތުންތަޅުވަމުންނެވެ.
ހުރިހާ މަލެއްގައި އަލިފާން ހިފިތަނާހެން ބާރުބާރަށް ވައިޖެހެން ފެށިއެވެ. ހުސްނާ ކައިރީގައި އޮތް ދޮންވެލި ގޯނިން އަތް ފުރާ ވެލި ނެގުމަށްފަހު އެ އަލިފާންގަނޑު ވަށައިގެން ވަށްބުރެއް އެޅިއެވެ. އަދި ހަރުއަޑުން “ޒިންނީރާ” އޭ ކިޔާ ގޮވައިގަތެވެ. ހަމައެވަގުތު އޮރެންޖު ކުލައިގެ އަލިފާންގަނޑު ނޫ ކުލައަށް ބަދަލުވިއެވެ. ހުސްނާ މައްޗަށް ބަލާލިއެވެ. އޭރު އެ ވައްބުރުގެ ތެރޭގައި އިސްޖަހައިގެން ހުރި މަޚްލޫޤެއް ހުއްޓެވެ.
**********
ޔުމްނާ ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައެވެ. މިހާރު ގަޑިން 11 ޖަހައިފިއެވެ. ޔުމްނާ އޭނާގެ ބައްތި ފޯނު ނަގާ ރަޝާއަށް ގުޅޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ރޭންޖު ނުލިބޭ ކަމަށް ދެއްކުމުން ޔުމްނާ ފޯނު ބޭއްވިއެވެ. ހަމައެވަގުތު ޔުމްނާއަށް ކޮޓަރިތެރެއަށް މަޑު ގުޑުމެއް އެރި ހެން ހީވިއެވެ. ޔުމްނާ ކުޑަދޮރުން ބޭރު ބަލާލިއެވެ. އޭރު ފާރުމަތީގައި އެރޭ ފެނުނު ހުދުކުލައިގެ ބުޅާ އޭތީގެ އަޅި ކުލައިގެ ކަޅި ދިއްލައިގެން އިނެވެ.
ޔުމްނާ ގަތީ އަމަށަކު ބިރެއް ނޫނެވެ. ފަރާ ބުނި ބަސްތައް ހަނދާންވުމުން ޔުމްނާ އަވަސްއަވަހަށް ކުޑަދޮރުގެ ކަނީގައި ހިފައި ލައްޕަން އުޅުނެވެ. ނަމަވެސް ދެން ބަލާލިއިރު ފާރުމަތީގައި އެ ބުޅަލެއް ނެތެވެ. ޔުމްނާގެ ހިތް ހީވީ މޭ ފަޅާފައި ނުކުމެ ދާނެހެންނެވެ. ޔުމްނާގެ ފަހަތުން “މިއާއު” ގެ އަޑު އިވުނެވެ. ޔުމްނާ މަޑުމަޑުން ފަހަތަށް އެނބުރި ބަލާލިއެވެ.
އެ ބުޅާ އިނީ ޔުމްނާގެ އެނދުމަތީގައެވެ.
އެއީ ކިހިނެއް ހެއްޔެވެ؟
ޔުމްނާ އެ ބުޅަލާއި ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ސިކުނޑި ތެރޭގައި އެތަކެއް ސުވާލުތަކެއް އެނބުރެމުންދިޔައެވެ. ނަމަވެސް ފަރާ ބުނި ވާހަކަ ހަނދާންވުމުން ޔުމްނާ އޭނާގެ ކޮޓަރީގައި ކަހަން ގެންގުޅޭ އިލޮށިފަތި ނެގިއެވެ. އަދި މަޑުމަޑުން ބުޅަލާއި ދިމާއަށް ހިނގައިގަތެވެ. ރޭގަނޑު ގަޑީގައި ދިރޭ އެއްޗިއްސަށް ގޯނާ ކުރުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން ޔުމްނާއަށް އެނގެއެވެ. ނަމަވެސް މި ވަގުތު ޔުމްނާއަކަށް އެ ނޫން ގޮތެއް ނެތެވެ. މަޑުމަޑުން އިލޮށިފަތީގެ ކޮޅު އެ ބުޅާގެ ބޯ ކެހެރި ގަނޑުގައި ކާއްތާލިއެވެ. އެ ބުޅާ ގުޑައިވެސް ނުލިއެވެ. އަނެއްކާވެސް ޔުމްނާ އޭތީގެ ގައިގައި އިލޮށިފަތި ކާއްތާލިއެވެ. ހަމައެވަގުތު އެ ބުޅާ އޭނާގެ ގައި މައްޗަށް ފުންމައިގަތެވެ.
ޔުމްނާ ބާރުބާރަށް ހަޅޭލަވައިގަތެވެ. އަދި ސަލާމަތަށް އެދި ގޮވަން ފެށިއެވެ. ނަމަވެސް އެ ބުޅާ އޭނާގެ ހެދުމުގައި އޭތީގެ ކަޅުކުލައިގެ ވަކިތަކުން ވަކި ހިއްޕާލައިގެން އޮތެވެ. އެ ވަކިތައް ޔުމްނާގެ ހަންގަނޑުގައި އެޅުމުން އެ ނެގި ދިލައިން ޔުމްނާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ޔުމްނާ އެ ބުޅަލާއެކީ ތަޅުންގަނޑުގައި ފޮރެޅެމެން ދިޔަވަރަކަށް އޭތީގެ ރުޅި ގަދަ ވަމުންދިޔައެވެ. އެހެން ފޮރެޅެނިކޮށް ޔުމްނާގެ ބޯ އެނދުގެ ފަޑީގައި ޖެހި ޔުމްނާ ހުއްޓުނެވެ. އެ ދަނޑިވަޅު ބަލާ ގައިމަތީގައި އެ އޮތް ބުޅާ ފުންމާލީ ޔުމްނާގެ މޫނުމައްޗަށެވެ.
ކުއްލިއަކަށް ބަން ލާފައި ކޮޓަރި ދޮރު ފާރުގައި ޖެހުނު އަޑު އިވުނެވެ. އަދި މީހަކު ބާރުބާރަށް “ޔުމްނާ” އޭ ކިޔާ ގޮވި އަޑުވެސް އިވުނެވެ. އަޑުން އެއީ ޔުމާން ކަން ޔުމްނާއަށް ދެނެގަނެވުނެވެ. ނަމަވެސް މޫނުމަތީގައި އޮތް ބުޅަލުގެ ސަބަބުން ޔުމްނާއަކަށް އެއްވެސް ތަނެއް ނުފެނެއެވެ. ދެން ޔުމްނާއަށް އިވުނީ އެ ބުޅާ ރޮއިގަތް އަޑެވެ. އެ ބުޅާ ޔުމްނާ މޫނުމަތިން ފުންމާލުމުން ޔުމާންގެ އަތުގައި އޮތް އިލޮށިފަތި ޔުމްނާއަށް ފެނުނެވެ. ޔުމާން އެ އިލޮށިފަތިން ބުޅާ ކޮޓަރިން ނެރެ ފައްސާލިއެވެ. އެ ބުޅާ ކުޑަދޮރުން ފުންމާލައިގެން ދިޔުމުން ޔުމްނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި ގޮސް ކުޑަދޮރު ލައްޕާ ރީއްޗަށް ތަންޑު އެޅުވިއެވެ.
“އެ ބުޅާ ވަކިވެސް އަޅާފަ ދޯ ތިހިރީ؟ ހިނގާ އަވަހަށް ރަތްބޭސް ޖަހަން.” ޔުމާން ހާސްވެފައިހުރެ ބުންޏެވެ. ޔުމްނާ ބޯޖަހާލިއެވެ.
**********
ހުސްނާ އެ މަޚްލޫޤަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. “ޒިންނީރާއަށް ތިކަމެއް ނުވިއެއްނު، ދޯ؟ މަށަށް ޔަޤީން މިހާރު ޔުމްނާއަށް ޝައްކުވެއްޖެކަން. ކަލޭ ވެއްޖެ ވިއްޔަ އޭނާއަށް އެރޭ ފެންނަން!” ހުސްނާ ދަތްކުނޑި ވިކަމުން ބުންޏެވެ.
އޭރުވެސް އެ މަޚްލޫޤު އިސްޖަހައިގެން ހުރީއެވެ. އެ އެތީގެ މޫނުމައްޗަށް އިސްތަށިތައް ހޭވިފައި ހުރިނަމަވެސް އެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ރީތިކޮށް ހުސްނާއަށް ފެނުނެވެ. “އަދި ނިކަން އެބަ ރޮއެއްނު؟ އަހަރެންވާ ރަނގަޅު ޒިންނީރާގެ ވަސް މި ދުނިޔޭގައިވެސް ނުދުވާ ވަރު ނުކޮށްލާކަން!” ހުސްނާގެ ޒީލަގަދަ އަޑުން ބުންޏެވެ. އެހެން ބުނުމުން އެ މަޚުލޫޤުގެ ގިސްލުމުގެ އަޑު ގަދަވިއެވެ. “މަށަށް ކަމެއް ކޮއްދެންޏާ އެ ފަރާގެ ދުވަސް ދުއްވާލާ. އޭރުވެސް ޔުމްނާ އައުމުގެ ކުރިން އަހަރެން ބުނިން އެކަން ކުރަން. އެކަމަކު އެކަމެއް ނުވިއެއްނު؟ އެކަން ކުރޭ! އެހެން ނޫނީ…..” ހުސްނާގެ މޫނުމަތީގައި ހިނގީ ނުރައްކާތެރި ކުލަވަރެކެވެ. ހުސްނާއަކަށް އިތުރަށް އެއްޗެއް ބުނާކަށް ނުޖެހުނެވެ. އެ މަޚްލޫޤް ބޯ ޖަހާލިއެވެ. އަދި އެއްޗެއް ބުނުމަށް އަނގަ ހުޅުވާލިއެވެ. ނަމަވެސް ހަމައެވަގުތު ހުސްނާ ވެލި ގޯނިން ވެލި ނަގާ އަލިފާންގަނޑު ނިއްވާލިއެވެ. ހަމަ އެއާއި އެކީ އެ މަޚްލޫޤުވެސް ޤައިބުވެއްޖެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


