Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

އެކްޓަރ (ޕާޓް 27)

Lamtty
Lamtty Level 710 Stories100 Login100 Comments500 Login100 Stories
July 17, 2025 4 Mins Read
0 Comments

ޒަޔާއާއިއެކު އަހަރެން ސިޓިންރޫމަށް ނުކުތްއިރު މަންމަ ވީ އުޒައިރުއަށް ގޮވަން ވަދެ އެކޮޓަރީގައެވެ.އިރުކޮޅަކުން މަންމަގެ ފަހަތުން ދެލޯ އުނގުޅަމުން ހުސްގަޔާ ހުރެ އުޒައިރު ނުކުންނާތީ ފެނުނެވެ.ޒަޔާ ގުޅި ފަހުން މާ ގިނައިރުތަކެއް ނުވެ ޒީވާ ވެސް އަތުވެެއްޖެއެވެ.އޭނާ  ވިޔަފާރިކޮށްގެން ގެނައި ކޮތަޅުތައް ކޮޓަރިއަށް ލާފައި ނުކުމެ އަހަރެމެންނާއި ބައިވެރިވީ ވެގެން އުޅޭ އެއްވެސް ކަމެއްގެ ހިލަމެއްވެސް ނެތިއެވެ.އެކަން އޭނާ އެހާ ހަމަ ޖެހިލައިގެން އިން ގޮތުން އެނގެއެވެ.

****

’ހުރިހާ ކުދިން މިތާ އިށީނދެބަލަ…މަންމަ މި ދައްކާ ވާހަކަތައް ރަނގަޅަށް އަޑު އަހާފައި ހުރިހާ ކުދިން ވެސް މަންމައަށް މާފުކޮށްދެއްޗޭ…‘ ސޯފާއަށް އިޝާރާތް ކޮށްލަމުން ކަރު އެލުވާލައިގެން އިނދެ މަންމަ ބުނެލިއެވެ.އުޒައިރު ކަންނެތް ގޮތަކަށް އާފުރިލިއެވެ.އޭނައަށް އަދިވެސް ރަނގަޅަށް ހޭލެވުނުހެނެއް ހިޔެއް ނުވެއެވެ.ޒަޔާ އިނީ އެކަށް އޮއްސި ހަމަހިމޭންވެފައެވެ.އެއާ ޚިލާފަށް ޒީވާ ވަރަށް ކަންބޮޑުވެފައި އަނެއްކާ ކިހިނެއް ވީތޯ އަހައި މަންމައާއި ސުވާލުކޮށްލައިފިއެވެ.ކަމެއް ދަމެއް ބޮޑުވެގެން ނޫނީ މަންމަ އެފަދަ ގޮތަކަށް އެ މީހުންނާއި ވާހަކަ ދައްކާފައި ނުވާތީ، ކަމުގެ ސީރިއަސްކަން ޒީވާއަށްވެސް އަންދާޒާ ކޮށްލެވުނީ ކަންނޭނގެއެވެ.

****

މަންމަ އެއްވެސް ކަމެއް އުނި ނުކޮށް ހުރިހާ ވާހަކަތަކެއް ތެދަށް ކިޔައިދިނެވެ.އަމިއްލަ ކުށްތަކަށް އިއުތިރާފްވިއެވެ.އިފްރާހު މަންމަ ގޮވައިގެން ކޯޓަށް ހިނގައިދާނެކަމާއި، އެއަށްފަހު މަންމަގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ޖަލަށް ދާން ޖެހިދާނެކަަމަށް މަންމަ ބުނެލީ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔަ ހާލުގައެވެ.އެހެން ބުނި ހިސާބުން ޒަޔާއާއި ޒީވާވެސް ރޯން ފަށައިފިއެވެ. އެމީހުން ރޯން ފެށުމުން މަންމަ އިނީ ފާޑަކަށް ހައިރާންވެފައެވެ. މަންމަ ގަބޫލު ކޮށްގެން ހުރީ ދަރިންގެ ހިތުގައި މަންމައާއި ދޭތެރޭ ނަފްރަތު އުފެދޭނެކަމަށް ކަންނޭނގެއެވެ.އެކަމަކު މަޔަކު ޖަލަށް ދާން ޖެހިދާނެކަން އެނގުމުން މައިމީހާއަށް ކުލުނު ހުރި ދަރިއެއްވިއްޔާ ދެރަވާނެއެވެ.

****

އަހަންނަކީ އިފްރާހުގެ ދަރިއެއްކަން އެނގުމުން އެންމެނަށްވެސް ޝޮކު ލިބުނެވެ.އެންމެންގެ މޫނުމަތިންވެސް ފެނުނީ ސިހުމެވެ.އުޒައިރުއަކަށް އަނގަ ހިމޭންކޮށްގެނެއްވެސް ނީނދެވުނެވެ.ޒަޔާއާއި ޒީވާ ތިބީ އަނގަ ސަކަރާތްވެ ބުނާނޭ އެއްޗެއް ނޭނގިފައެވެ.

****

’ރީއްޗެއްނު…ނަހަލާލު އެތިގަނޑު!‘

އުޒައިރު އަހަންނާ ދިމާލަށް ބުނެލީ މަލާމާތުގެ ރާގަކަށެވެ.އެކަމާ މަންމަ ގާތަށް ރުޅިވެސް އައެވެ.އެހެނަސް އުޒައިރު ލަދެއް ނެތި މަންމައާއި ޒުވާބުކޮށްލީ މަންމަގެ ބަލި ފައި މަންމައާއި ދެކޮޅަށް ހަތިޔާރެއް ކަމުގައި ހަދައިގެންނެވެ.މަންމަ އޭނާއަށް އެއްޗެހި ކިޔަން މާ ތާހިރު ނޫންކަމުގައި ބުނުމުން މަންމައަށް އަދި ވަކިން ބޮޑަށް ރޮވުނީއެވެ.ނަމަވެސް  ޒަޔާއާއި ޒީވާގެ ހަމްދަރުދީ މަންމައަށް ލިބުނެވެ.އެކުދިން މަންމަ މަސަލަސް ކުރަން މަސައްކަތް ކުރިއެވެ.ކޮންމެ އިންސާނަކަށްވެސް ކުށެއް ކުރެވިދާނެކަން އެކުދިންނަށް ގަބޫލުކުރެވިފައިވާ ކަހަލައެވެ.ޒަޔާއަކީވެސް ކުރިން އެހާ ވިޔާނުދާ އުޅުމެއް އުޅުނު ކުއްޖެކެވެ.އެހެނަސް އެއްކަލަ ރޭގެ ހާދިސާއަށް ފަހު އަހަންނަށް ފެންނަމުން މިދަނީ މުޅިން ބަދަލުވެފައިވާ ޒަޔާއެކެވެ.އަދި އޭނާ ބުރުގާ ނޭޅިޔަސް އޭނާގެ އަޚުލާގަށް އައިސްފައިވާ ހެޔޮ ބަދަލުތައް އަހަންނަށް ވަނީ ފާހަގަ ކުރެވިފައެވެ. ވަކިން ޚާއްސަކޮށް ޒީވާ މަންމައާއި ދިމާލަށް ބުނެލި ނަސޭހަތުގެ ބަސްކޮޅު އަހަރެންްގެ ކަންފަތުގައި ހަރުލިއެވެ.އެކުއްޖާ އެހާ ހަރުދަނާވެ ދީނީ ކަންކަމަށް ސަމާލުކަން ދޭން ފެށީ ކޮން އިރަކުބާއޭ އަހަރެންގެ ހިތަށް އެރިއެވެ.ބަދަލެއް ނައިސް ގޮތުގައި މިހާރު އެހުރީ އުޒައިރު އެކަންޏެވެ.އޭނާވެސް އެ ގެންގުޅޭ ވިޔާނުދާ ރައްޓެހިންތައް ދޫކޮށްލަނިކޮށް ފަހަރެއްގައި ހަމައަކަށް އެޅިދާނެ ކަންނޭނގެއެވެ.

****

އުޒައިރު ނޫން އެންމެންވެސް މަންމައަށް މާފުކުރިއެވެ.މަންމަ ހަގީގަތް ކިޔައިދިނުމުން އުޒައިރު އެ ވާހަކަތައް ހެދީ މަންމަގެ އަނގަ ބަންދުކޮށްލަން ބޭނުން ކުރާނޭ ހަތިޔާރަކަށެވެ.އެކަމާ މަންމަ ދެރަވީވަރު އެ ދެލޮލުން ފެނުނެވެ.

****

’މަގޭ ކުށުގެ ސަޒާ ކަންނޭނގެ މީ‘ އުޒައިރު މަންމަ އާއި ދިމާލަށް ލަދެއް ނެތި އެއްޗެހި ކިޔަމުން ގޮސް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖެހުމުން އަނެއްކާވެސް މަންމަގެ ބަޑި ފަޅައިގެން ދިޔައެވެ.ޒަޔާއާއި ޒީވާ އެގޮތަށް ނުވިސްނުމަށް ބުނެ މަންމަގެ ގައިގައި ފިރުމަންފެށި އެވެ.އެހެނަސް ޖަޒުބާތީވީ ވަރުން މަންމަގެ ރުއިން ހައްތަހާ ބާރުވެލިއެވެ. ގާތްވާން ނުކެރިފައި އަހަންނަށް ބަލަން ހުރެވުނީ އެވެ. އެކަން ފާހަގަ ކުރެވިގެން ކަންނޭގެއެވެ.ޒީވާ ލޮލުން މަންމަގެ ގާތަށް އައުމަށް އަހަންނަށް އިޝާރާތްކޮށްލިއެވެ.

****

އަހަރެން ގޮސް މަންމަގެ ކައިރީގައި އިށީނުމުން އަހަންނަށް ފުރުސަތު ދިން ފަދައަކުން ޒަޔާއާއި ޒީވާވެސް ކުޑަކޮށް ދުރަށް ޖެހިލިއެެވެ.އަހަރެން މަންމަގެ އަތްތިލައިގައި ހިފައިލުމުން މަންމަ ވަރަށް އަސަރާއެކު އަނެއްކާވެސް އަހަރެންގެ ކިބައިން މާފަށް އެދުނެވެ.

****

އަހަރެން ހިތުގެ އަޑިން މަންމައަށް މާފުކުރީމެވެ.އެހެނަސް އަހަރެންގެ ހިތަށް ލިބިފައިވާ ޒަޚަމްތައް ތާޒާކަން މަތީގައި ހުއްޓެވެ.ވޭން ނާޅަނީކީ ނޫނެވެ.ޝަކުވާތަކެއް ނެތީކީވެސް ނޫނެވެ. މާފު ނުދީ ހުރުމަކީ ހިތަށް ލިބޭ ބުރައެކެވެ.އުސައިދުއާއި ދޭތެރޭ ހިތް ސާފުވުމުން ވެސް އަހަރެންގެ ހިތަށް ހާދަ ލުޔެއް ލިބުނެވެ.އިފްރާހުއާއި ދޭތެރޭވެސް އަހަރެންގެ ހިތުގައި ބުރަކަމެއް ނެތެވެ. ގާތް ގުޅުމެއް އިހުސާސް ނުވިޔަސް އެއީ އަހަރެންގެ ’ބަޔޮލޮޖިކަލް‘ ބައްޕަކަން އަހަރެން ގަބޫލު ކުރަމެވެ.އިފްރާހު ގާތްކަން އުފައްދަން ބޭނުންވާނަމަ އަހަރެން އޭނާއަށް އެ ފުރުސަތުވެސް ދޭނަމެވެ.

****

ދެން ހުރީ އުސައިދުއެވެ.ހަގީގަތުގައި އުސައިދު އަހަންނަށް ގޯހެކޭ ބުނެވޭކަށް ނެތެވެ.އަހަންނާ ގާތްކަން އުފައްދަން އޭނާ މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތު ނުދިން މީހަކީ ޚުދު އަހަންނެވެ.އަސްލު އޭނާއަކީވެސް މަންމަގެ ލޯބީގައި ޝިކާރައަކަށްވީ މީހެކެވެ.ލޯބި އެއީ މީހާ ކަނުކޮށްލާ އެއްޗެކޭ މީހުން ބުނެ އުޅެނީ އެހެންވެގެންނެވެ.

****

ފޮށްޓަށް އެއްޗެހި އަޅާށޭ ކިޔާފައި މަންމަ ކޮޓަރިއަށް ވަދެ އިރުކޮޅެއްވީތަނާ އުސައިދުއާއި އިފްރާހު އެނބުރި އަތުވެއްޖެއެވެ.ޒީވާ އިސްވެ އުސައިދުއާއި ވާހަކަ ދެއްކިއެވެ.އެމީހުންގެ ނިންމުން އުސައިދުއަށް ހުށައެޅި އެވެ.

****

ޒަޔާއާއި ޒީވާ ނިންމީ މަންމައާއި އެކު އެގެއިން ނުކުންނާށެވެ.މަންމަ ނުކުމެގެން ގޮސް ދެން ވަންނަން ހުރި ތަނަކީ ކާފަމެންގެ މުސްކުޅި ގެއެވެ.ހުރިހާ ދަރިންގެ މައްޗަށް ގެ ބަހާފައި އެގެއިން މަންމައަށް ލިބިފައި ހުރީވެސް ހަކޮށްޓެއް ވަރުގެ ދެ ކޮޓަރީގެ އެޕާޓްމަންޓެެކެވެ. އެތަނުން އެއް ކޮޓަރި ހުންނަނީ ކުއްޔަށް ދީފައެވެ.މަންމަ އެތަނަށް ދިޔަޔަސް އުޅެން ޖެހޭނީ އެތާ އުޅޭ މީހުންނާ ބަދިގެއާއި ލޯންޑްރީވެސް ހިއްސާ ކޮށްގެންނެވެ. ކޮންޓްރެކްޓް އުސޫލުން ދޫކޮށްފައި ހުރުމުން މަންމައަށް ހަމަ ހުރެފައި އެމީހުން ނެރެ އެއްލައެއްވެސް ނުލެވޭނެއެެވެ.މަންމަގެ ދައްތަމެންނާއި ބޭބޭމެންގެ ގާތުގައި މަޑުކުރާހާ އެމީހުންނާ މަންމަގެ ގުޅުން ރަނގަޅެއް ނޫނެވެ. މާމައާއި ކާފަ ނިޔާވުމަށްފަހު އެމީހުންގެ ހުރިހާ ދަރިންވަނީ އެކަށް ބައިބައިވެފައެވެ.އަހަރެމެން އެކަކާވެސް އެއިން މީހަކު ގައިގައި އަޅައިގެންފައި ވެއްޓުނަސް އަނގައިންވެސް ނުބުނެއެވެ.

****

އުސައިދު ކިތަންމެ ރަނގަޅަސް މަންމަ ނޫޅޭ ތަނަކު ޒަޔާ އާއި ޒީވާ އުޅެން ބޭނުން ނުވަނީ ކަހަލައެވެ.އަދި އުޒައިރު ހަދާނީ ކިހިނެއް ކަމެއް ނޭނގެއެވެ.އެންމެން ދަންޏާ އޭނާވެސް ވަކި މަޑުކުރާނެހެނެއް ހިއެއް ނުވެއެވެ.އަނެއްކާ ގާދިރުގެ ގޭގައި ހުރެވެން އޮއްވައި އޭނާ ދެން އެހެން ތަނަކަށް ދާން ޚިޔާލު ކުރާނެހެނެއްވެސް ހިއެއްނުވެއެވެ.

****

އިފްރާހު އައިސް އަހަންނާއި ވާހަކަ އަޅުވައިލިއެވެ.އަހަރެންގެ ޅަ ދުވަހުގެ ވާހަކަތަކާއި ފޮޓޯތަކަށް ދާންދެން އުސައިދުގެ އަތުންވެސް ހޯދިއެވެ.އަހަންނާއި ގުޅުން ބަދަހިކުރަން ބޭނުންވާ ކަން އޭނާ ބަހާއި ޢަމަލުން އެންގިއެވެ.އަހަރެންގެ ނަންބަރުވެސް ހޯދިއެވެ.އޭނާގެ އާއިލާއާއި ބައްދަލުކޮށްދޭން ބޭނުންވާކަމުގައި ބުނުމުން އަހަރެން ފަސްޖެހޭ ގޮތްވީ އަހަންނަކީ އޭނާގެ ދަރިއަކަސް ކައިވެނީގެ ބޭރުން ލިބިފައި ހުރި ދަރިއަކަށް ވީތީއެވެ. އެހެނަަސް އިފްރާހުގެ ވާހަކަ ހުރިގޮތުން އެއީ މައްސަލައެއް ކަމަކަށް އޭނާ ދެކޭ ހެނެއް އަހަންނަކަށް ހިޔެއް ނުވިއެވެ.

****

އިފްރާހުއާާއި ވާހަކަ ދައްކަން އަހަންނަށް ވަރަށް ފަސޭހައެވެ.މާ ގިނަ ބަސްތަކެއް ބޭނުން ކުރުމަކާއިނުލާ އެކަކު އަނެކަކު ބުނަން އުޅޭ އެއްޗެއް ނިކަން ފަސޭހައިން ނަގައިގަނެވެއެވެެ.އެކަހަލަ އެތައް ކަމަކާ ހުރެ ކަންނޭނގެއެވެ.އަހަންނަށް ވަރަށް ފަސޭހައިން އިފްރާހު ބަލައިގަނެވިއްޖެއެވެ.އަދި މިއީ އުމުރުގައިވެސް އަހަރެމެން ބައްދަލުވީ ދެވަނަ ފަހަރެވެ.އެހާވެސް ހަމަ ލޭގެ ގުޅުމުގެ ބާރު ގަދައީ ހެއްޔެވެ؟

****

މަންމައާއި އެކު ޒަޔާއާއި ޒީވާވެސް އުސައިދުގެ ގެއިން ނުކުމެގެން ހިނގައްޖެއެވެ.އެމީހުން އެ އެޕާޓްމަންޓްގެ ދޮރުން ނުކުމެގެން ދިޔަތަން ބަލަން ހުރެފައި އުސައިދު އެނާގެ ތުނބުޅީގައި އަތް ހިންގައިލީ ފިކުރުބޮޑުވެފައި ހުރި މީހަކު ފަދައިންނެވެ.އެމީހުން ދިއުމުން އަހަރެން އެތަނުގައި ދިރިނޫޅޭ މީހާއަށްވެސް ހުސްކަން އިހުސާސް ކުރެވިގެން ދިޔަ އެވެ.އުސައިދުއަށް އަދި އެމީހުން ނެތުމުގެ ފަޅުކަން އިހުސާސް ކުރެވޭވަރު އެތައް ގުނައެއް ބޮޑުވާނެކަން އަހަންނަށް ޔަގީނެވެ. އެއީ އޭނާވެސް ހިތުގައި އަތް ހުރަސްކޮށްފައި ނިންމި ނިންމުމެއްކަން އޭނާގެ ދެލޯ ދިޔައީ ހެކި ދެމުންނެވެ.އުސައިދު ކިތަންމެ ނޫންކަމަށް ހަދައިގެން ހުއްޓަސް އެ ދެލޯ ފެންކަޅިވެފައި ހުރިތަން އަހަރެން ދުށީމެވެ.އުސައިދުގެ ހިތުގައި އަޅަމުން އެ ދާ ވޭނަކީ މަންމަ ދެކެ ވީ ލޯބީގެ އަގެވެ.

****

އުސައިދުމެން ގެއިން ނުކުމެ ސައިކަލަށް އަރަނިކޮށް އަނޫކް ގުޅިއެވެ.ލަޔާލީ ގޮވައިގެން މާލެ އައިސްފައި އަހަރެންވެސް ގޮވައިގެން ތިން މީހުން އެކީ ކެއުމަކަށް ދާން ދައުވަތު ދޭން ވެގެންނެވެ.ދާންވީ ތަން ބުނެފައި އޭނާ ފޯނު ބޭއްވުމުން އަހަރެން ޝާއީގެ މަތިން ވަރަށް ވަރަށް ހަނދާންވިއެވެ.އޭނާ ނުލައި އަހަރެމެން ތިން މީހުން ކާން ދާކަން އެނގިއްޖެއްޔާ އޭނާ ހާދަ ދެރަވާނެއެވެ.އަހަރެން ތުން ފިތާލައިގެން ހުރެ ’މިސިން ޔޫ ސޯ މަޗް މައި ލަވް‘ އޭ ކިޔާފައި ޝާއީއަށް މެސެެޖެއް ކޮށްލީމެވެ.

 

ނުނިމޭ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 710 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

މަޢާފް އެދެމުން 33

Next

ވެވުނު ލޯތްބަކުން 1

Next
July 17, 2025

ވެވުނު ލޯތްބަކުން 1

Previews
July 17, 2025

މަޢާފް އެދެމުން 33



All Right Reserved!