Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – ހަވަނަ ބައި

Mariyam Imna
Mariyam Imna Level 210 Stories100 Login
July 14, 2025 3 Mins Read
0 Comments

ޔުމްނާއަށް އޮވެވުނީ ގުޑައިލަންވެސް ނޭނގިފައެވެ. ޔުމްނާގެ އެއް ފައި މަތީގައި އޮތް ގޮފިގަނޑުގައި އޮތްއިރު އަނެއް ފައި އޮތީ ތިރީގައި އޮތް ގޮފިގަނޑުގައެވެ. އޭރުވެސް އެ ކަޅު ބުޅާ ޔުމްނާއަށް ބަލަހައްޓައިގެން އޮތެވެ. ކިރިޔާވެސް ނުބައި ގޮތަކަށް ފައި އެޅިއްޖެއްޔާ ޔުމްނާ ގަހުން ވެއްޓޭނެއެވެ. ޔުމްނާ އެހެން ބުޅަލަށް ބަލަން އޮއްވައި ކުއްލިއަކަށް ޖެހި ބާރު ގުގުރިއާއެކު ޔުމްނާއަށް ހަޅޭލަވައިގަނެވުނެވެ. އަދި ގަހުން އޭނާގެ އަތް ދޫވިއެވެ. ޔުމްނާގެ މުޅި ދުނިޔެ ހުއްޓުނު ފަދައެވެ. ޔުމްނާ ވެއްޓެން ދިޔައިރު އެންމެ ފަހު އެއްޗަކަށް ފެނުނީ އެ ކަޅު ބުޅާ އޭނާއާއި ދިމާއަށް ފުންމާލިތަނެވެ.

******* ހަވަނަ ބައި *******

އެއްވެސް އަލިކަމެއް ނެތެވެ. ވަށައިގެން ބަލައިލިނަމަވެސް ފެންނަމުންދިޔައީ ކަނު އަނދިރިކަމެވެ. ޔުމްނާގެ ހިތް ތެޅޭ އަޑު ނޫން އެހެން އަޑެއް އޭނާއަކަށް ނީވެއެވެ. ޔުމްނާ މިހުރީ ކޮންތާކު ހެއްޔެވެ؟ ކުއްލިއަކަށް މުޅި ތަން ދިއްލިގެން ދިޔަލެއް އަވަސްކަމުން ޔުމްނާގެ ދެލޯ ބާރަށް ތަގުޅިކޮށްލިއެވެ. މުޅި ތަނަށް ވެރިވެފައި ހުރި އަލި ގަދަކަމުން އޭނާގެ ހަށިގަނޑަށްވެސް ހޫނުގެ އަސަރު ކުރަމުން ދިޔައެވެ. ބައެއް ފަހަރު އޭނާއަށް އެ އުޅެވެނީ ވައިގެ ތެރޭގައިހެން ވެސް ހީވެއެވެ. ނަމަވެސް ގަންނާކުރެއްވި ބިރުން ޔުމްނާއަށް ދެލޯ ހުޅުވާކަށް ލާހިކެއް ނޫނެވެ. 15 ވަރަކަށް މިނެޓުފަހުން އެ މާހައުލުގެ އަލިކަން މަޑުވިއެވެ. ޔުމްނާ އޭނާގެ ދެލޯ ހުޅުވާލިއެވެ.

ޔުމްނާއަށް މިހުރެވުނީ އޭނާގެ ކޮޓަރީގައެވެ. ނަމަވެސް އެކަންޏެއް ނޫނެވެ. އޭނާގެ ކުރިމަތީގައި އެހެން މީހެއް ހުއްޓެވެ. ލައިގެން ހުރި ދިގު ކަޅުކުލައިގެ ހެދުން ބިންމަތީގައި ކޭއްތިލާ ހުއްޓެވެ. އޭނާގެ އިސްތަށިތައް މޫނުމައްޗަށް ހޭވިފައި ހުރުމުން ޔުމްނާއަށް އެ އަންހެން ކުއްޖާގެ މޫނު ފެންނަ ވަރެއް ނޫނެވެ. މިއީ އަނެއްކާވެސް ހުވަފެނެއް ހެއްޔެވެ؟ ޔުމްނާއަށް މިވަނީ ކީއްހެއްޔެވެ؟ ޔުމްނާ ގަހުން ވެއްޓި ވެއްޓި އޮއްވައި ކުއްލިއަކަށް އޭނާގެ ކޮޓަރިއަށް އާދެވިފައި މިހުރީ ކޮންކަހަލަ ބާރަކުން ހެއްޔެވެ؟

ޔުމްނާގެ ހިތުގައި އެނބުރެމުން ދިޔަ ސުވާލުތަށް އެ އަންހެން ކުއްޖާއަށް އިހުސާސް ކުރެވުނު ފަދައަކުން އެ އަންހެން ކުއްޖާ އިސް އުފުލާ ބަލާލިއެވެ. އެންދެރި ކުލައިގެ ހަންގަނޑެކެވެ. އިސްތަށިގަނޑަށްވުރެ ކުޑަ ތަންކޮޅެއް އައްޔެވެ. އޭނާގެ މާމުއި ކުލައިގެ ދެލޮލުން އޭނާގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދެއެވެ. ޔުމްނާއަށް އެ އަންހެން ކުއްޖާ ބަލަން ހުރި ގޮތުން ޔުމްނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ބިންދާލިއެވެ. ޔުމްނާއަށް އެ އަންހެން ކުއްޖާގެ އަތަށް ބަލާލެވުނެވެ. އޭނާގެ ހިމަތޮޅި އިނގިލިތަކުގެ ތެރެއިން ކަށި އިނގިލީގައި އަލިމަސް އަނގޮށްޓިއެއް އިނެވެ.

ޔުމްނާގެ ހިތުގައިވީ ބިރުވެރިކަން ދެގުނައަށް އިތުރުވެގެންދިޔައެވެ. މި އަނގޮއްޓީގެ ސިއްރަކީ ކޮބައިހެއްޔެވެ؟ ޔުމްނާއަށް ބިރުން މަޑުމަޑުން ފަހަތަށް ޖެހެވެން ފެށުނެވެ. ތުރުތުރުއަޅާހާލު ޔުމްނާ ފަހަތަށް ހިނގަމުން ދިޔައިރު އެ އަންހެންކުއްޖާ ޔުމްނާއާއި ދިމާއަށް ކަޅި ޖަހައިނުލާ ބަލަހައްޓައިގެން ހުއްޓެވެ. ޔުމްނާ ދޮރާއި ހަމައަށް ގޮސް މަޑުމަޑުން ތަޅުގައި ހިފައި އަނބުރާލިއެވެ.

“ދޮރު ނުހުޅުވާތި.”

ޔުމްނާގެ ހަށިގަނޑުގައި ހުރި ލޯލިކޮޅުތައް ކޮޅަށް ޖެހުނެވެ. އެ އަންހެން ކުއްޖާ އެހެން ބުނުމުން ޔުމްނާއަށް ދޮރު ހުޅުވާކަށް ނުކެރުނެވެ. ޔުމްނާގެ ނިތްކުރިމަތީގައި ދާ ތިކިތައް ބަބުޅަމުން ދިޔައިރު އެ އަންހެން ކުއްޖާއަށް ހޫނުވާހެން ވެސް ހީނުވެއެވެ.

“އަހަރެން ޔުމްނާއަކަށް ގެއްލުމެއް ނުދޭނަން.”

އަނެއްކާވެސް އެ އަންހެން ކުއްޖާ ބުންޏެވެ. އެ އަންހެން ކުއްޖާއަށް ޔުމްނާގެ ނަން އެނގުނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް އެ އަންހެން ކުއްޖާ އަމާން ދިނުމުން ޔުމްނާގެ ހިތުގައި ހިނގަމުން ދިޔަ ޝައްކުގެ އޮއިވަރު ކޮންމެވެސް ވަރަކަށް މަޑުވިއެވެ. “ތި..ތިއީ ކާކު؟” ޔުމްނާ މަޑުމަޑުން އަހާލިއެވެ. “އަހަރެންގެ ނަމަކީ ފަރާ”. އެ އަންހެން ކުއްޖާ ތައާރަފުވެލިއެވެ. “ކިހިނެއް އަހަރެންގެ ނަން އެނގުނީ؟” ޔުމްނާ އަހާލިއެވެ. އެ އަންހެން ކުއްޖާ ހީލިއެވެ. “އެނދުގައި އިށީނދެލާ” ފަންކާ ޖަހަމުން ފަރާ ޔުމްނާގެ ސުވާލަށް ޖަވާބުދިނުމުން ރެކި ގަތެވެ.

ޔުމްނާ އެނދުގައި އިށީނެވެ. ފަންކާ ޖެހުމުން ޔުމްނާގެ ހަށިގަނޑަށް ފިނިކަން ވެރިވިއެވެ. ފަރާ ވެސް ޔުމްނާ ކައިރީގައި އިށީނދެލިއެވެ. ހަމައެވަގުތު ފަންކަލުގެ ވައިން އެ އަންހެން ކުއްޖާގެ ފަން އިސްތަށިތައް ވަޔާ ވިހުރުވާލިއެވެ. ފަރާގެ ކަނދުރާގައި އިން ލަކުނު ޔުމްނާއަށް ފެނުނީ އެ ހިސާބުންނެވެ. “ފަރާ…ގެ ކަނދުރާ…” ޔުމްނާއަށް ބުނެވުނީ މިހާ ހިސާބަށެވެ. ފަރާ އަވަސްއަވަހަށް އޭނާގެ އިސްތަށިތަކުން އެ ލަކުނު ފޮރުވާލިއެވެ. “އެއީ ކަމެއް ނޫން”. ފަރާގެ ރާގު ބަދަލުވެ ދުރަށް ބަލާލިއެވެ. ފަރާއަށް އެވީ ގޮތުން ޔުމްނާއަށް އެ ސުވާލުކުރެވުނު މޮޔަ ހިތަށް އެރިއެވެ. “މައާފުކުރޭ…” ޔުމްނާ ބިރުން އިނދެ ބުނެލިއެވެ. “މައާފުކޮށްފިން.” ފަރާގެ ރާގު މަޑުމައިތިރިވެއެވެ.

ޔުމްނާގެ ހިތުގައި ސުވާލުތަށް އުތުރި އަރަމުން ދިޔައެވެ. ނަމަވެސް އެ ސުވާލުތަކަށް ޖަވާބެއް ހޯދުމުގެ ނިޔަތުގައި އަނގަ ހުޅުވާލިތަނާ ފަރާ ވާހަކަ ދައްކަން ފެށިއެވެ.

“އަހަރެންނަށް އެނގޭ ޔުމްނާގެ ހިތުގައި ވަރަށް ބައިވަރު ސުވާލު އެބަހުރިކަން. ޔުމްނާ އަހަރެންނަށް އިތުބާރު ކުރަންތަ؟” ފަރާ ޔުމްނާއާއި ހަތަރު ކަޅި ހަމަކޮށްލަމުން އަހާލިއެވެ. ޔުމްނާގެ ހިތާއި ސިކުނޑި މިކަމުގައި ދެބައިވިއެވެ. ހިތް ބުނަމުން ދިޔައީ ޔުމްނާއަށް ދިމާވަމުން މިދާ އާދަޔާ ޚިލާފު ކަންތައްތަކުގެ ސިއްރުތައް ފަރާއަށް އެނގޭނެކަމަށެވެ. އަދި ފަރާއަށް އިތުބާރު ކުރުމަށެވެ. ނަމަވެސް އޭނާގެ ސިކުނޑި މިކަމާ ދެކޮޅު ހަދަމުން ދިޔައެވެ. ނަމަވެސް އެންމެފަހުން ޔުމްނާ އެރީ އޭނާގެ ހިތާއި އެއްކޮޅަށެވެ. ޔުމްނާ ފަރާއާއި ދިމާއަށް ބަލާލަމުން އިތުބާރުކުރަމޭ ބުނާ ފަދައިން ބޯ ޖަހާލިއެވެ.

“ބިރު ނުގަންނާތި. އަހަރެން މިއައީ ޔުމްނާއަށް ގެއްލުމެއް ދޭކަށް ނޫން. މި ވާހަކަތައް އެއްވެސް މީހެއް ކައިރީގައި ނުބުނާތި.” ފަރާ މުޅި ކޮޓަރިތެރެއަށް އެއްޗެއް ހަނދާންވެގެން ބަލާ ބީދައަކުން ބަލަމުން ބުންޏެވެ. ޔުމްނާ އަނެއްކާވެސް ބޯ ޖަހާލިއެވެ.

“އަހަރެން މިއީ……އިންސާނެއް ނޫން.”

މި ލަފުޒުތައް ފަރާގެ އަނގައިން ބޭރުވި ތަނާ ޔުމްނާއަށް އެނދުން ތެދުވެވުނެވެ. ޔުމްނާގެ ޝައްކުތައް ޔަޤީނަށް ބަދަލުވީއެވެ. ބިރުން ރޫރޫ އަޅާ ހާލު ޔުމްނާ ދޮރާއި ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް ހަމަ އެ ވަގުތު ހިޔަނި އެޅޭހާ އަވަހަށް ފަރާ އެ ކޮޓަރި ހުރަސްކޮށް ދޮރު ކުރިމަތީގައި އަތް ވިއްދައިގެން ހުއްޓެވެ. ޔުމްނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ.

“އަހަރެންނަށް އިތުބާރުކުރޭ ޔުމްނާ”. ހަރުކަށި ރާގެއްގައި ފަރާ ބުންޏެވެ. ޔުމްނާ ތުރުތުރު އަޅާހާލު އަނެއްކާވެސް ފަހަތަށް ފިޔަވަޅު އަޅަން ފެށިއެވެ. “ޔުމްނާއަށް އަހަރެން ގެއްލުމެއް ނުދޭނަމޭ ބުނީމެއްނު؟ އާދޭސްކޮށްފައި މި ބުނީ. އަހަރެން ޔުމްނާއަށް ގެއްލުމެއް ދޭން ބޭނުންވިނަމަ ޔުމްނާއެއް މި ދުނިޔޭގައި މިހާރަކު ނުހުރީސް.” މިހެން ފަރާ ބުނުމުން ޔުމްނާގެ ފިޔަވަޅުތައް ހުއްޓުނެވެ. އަދި ދެލޯ ބޮޑުވެފައިވާ ހާލު ޔުމްނާ ފަރާއަށް ބަލަން ހުރެވުނެވެ. “ކި..ކީކޭ؟” ޔުމްނާއަށް ޤަބޫލުނުކުރެވޭ ފަދައަކުން މަޑުމަޑުން އަހާލިއެވެ. “އާނ. ޔުމްނާއަށް ގެއްލުމެއްދޭކަށް އަހަރެން ނޭދެން. އަހަރެން ބޭނުންވަނީ ކުރިމަތިވާން މިއުޅޭ މުސީބާތުން ޔުމްނާ ސަލާމަތްކުރަން.” މިހެން ބުނުމުން ޔުމްނާގެ ހައިރާން ދެގުނައަށް އިތުރުވެގެންދިޔައެވެ.

“ކި…ކޮން މުސީބާތެއް؟” ޔުމްނާ ބިރުން ހުރެ އަހާލިއެވެ. ފަރާ ޔުމްނާއާއި ދިމާއަށް ހިނގައިގަތެވެ. ހަމައެވަގުތު މުޅި ކޮޓަރިއަށް ހީވީ ބިންހެލުމެއް އައިހެންނެވެ. ޔުމްނާ ވެއްޓުނެވެ. ހަމައެވަގުތު ފަރާގެ މާމުއި ކުލައިގެ ދެލޯ ދިއްލުނެވެ. އަދި ދެ އަތުން ހަރަކާތްތަކެއް ކުރަމުން ޔުމްނާ ދުވަހަކުވެސް އަޑު އަހާފައިނުވާ ބަހަކުން އެއްޗެހިތަކެއް ކިޔަން ފެށިއެވެ. މާ ގިނައިރުތަކެއްނުވެ ކޮޓަރި ތެރެ އަމާންވެއްޖެއެވެ. ޔުމްނާ މަޑުމަޑުން ތެދުވިއެވެ. އޭރުވެސް ފަރާގެ ކަޅި ހުރީ ދިއްލިފައެވެ.

“މި ގަޑީގައި އަހަރެންނަށް ހުރެވޭކަށް ނެތް. އެހެން ދުވަހަކުން ޔުމްނާ ކައިރިއަށް އަހަރެން އަންނާނަން. ހަނދާންކުރާތި. ނަމަނަމަ އެކަކު ކައިރީގައިވެސް މި ވާހަކަ ނުބުނާތި. ރޭގަނޑު ބޭރަށް ނުނިކުންނާތި. ޔުމްނާގެ އެކުވެރިން މިއަދު ހަވީރު ޔުމްނާއާއި އެކީ ނުކުތް ހަނދާނެއް ނުވާނެ. އަދި…..” ފަރާ ކުޑަދޮރުން އޮއްސެމުން ދިޔަ އިރަށް ބަލަމުން ބުންޏެވެ. “ހުދުކުލައިގެ ބުޅަލެއް ފެނިއްޖެއްޔާ އެތަނުގައި ނުހުންނާތި. އެ ބުޅާ ޔުމްނާއާއި ކައިރިވިޔަ ނުދޭތި.”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

ކަޅު ބުޅާ 5

Next

އެކްޓަރ(ޕާޓް 25)

Next
July 14, 2025

އެކްޓަރ(ޕާޓް 25)

Previews
July 14, 2025

ކަޅު ބުޅާ 5



All Right Reserved!