Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – ފަސްވަނަ ބައި

Mariyam Imna
Mariyam Imna Level 210 Stories100 Login
July 11, 2025 4 Mins Read
0 Comments

“ދަރިފުޅު ދޭ އަވަހަށް ފެންވަރާލަން”. ހުސްނާ ޔުމްނާގެ ހޭވިފައި ހުރި އިސްތަށިތައް ރަނގަޅުކޮށްލަމުން ބުންޏެވެ. އެ ވަގުތު ޔުމްނާގެ ލޮލުގައި އަޅައިގަތީ ހުސްނާގެ އިނގިލީގައި އަޅާފައި އިން އަލިމަސް އަނގޮށްޓިއެވެ.

******* 5 ވަނަ ބައި *******

ޔުމްނާ ކޮޓަރިއަށް ގޮސް ދޮރު ތަޅުލިއެވެ. އަދި އެނދުމަތީގައި އިށީނުމަށްފަހު ލޯގަނޑަށް ބަލާލިއެވެ. ޔުމްނާއަށް ފެނުނީ ހުވަފެނެއް ކަމުގައިވާނަމަ ޔުމްނާ ކަޅުކުލައިގެ ކުރުތާ ލައިގެން އެ އިނީ ކީއްވެ ހެއްޔެވެ؟ ޔުމްނާ ގައިމުވެސް ހެދުން ބަދަލުކުރީ 11 ޖެހި ފަހުންނެވެ. ކުއްލިއަކަށް ޔުމްނާ އޭނާގެ ދޯޕައްޓާ މަތިން ހަނދާން ވިއެވެ. އަވަސްއަވަހަށް ކުޑަދޮރު ހުޅުވާލުމަށްފަހު ފަޅޯގަހަށް ބަލާލިއެވެ. ދޯޕައްޓާއެއް ނެތެވެ. ޔުމްނާ ހަމަ އެ ބާރުމިނުގައި ދުވެފައި ގޮސް އަލަމާރި ތެރެ ހާވަން ފެށިއެވެ. ދޯޕައްޓާއެއް ނެތެވެ. އެހެންވާންވީ ކީއްވެބާވައެވެ؟

ޔުމްނާގެ ހިޔާލަށް އަންނަމުންދިޔައީ އެ ހުވަފެނުން ފެނުނު އަންހެން ކުއްޖާއެވެ. މަޑުމަޑުން ޔުމްނާ ސީލިންގު މައްޗަށް ބަލާލިއެވެ. އާދަޔާ ޚިލާފު އެއްވެސް ކަމެއް ނެތެވެ. ޔުމްނާގެ ހިތުގައި ސުވާލުތައް ފުނި ޖެހެމުންދިޔައެވެ. ޔުމްނާ އަނެއްކާވެސް އެނދުގައި އިށީނެވެ. ހަމަ އެ ވަގުތު އޭނާގެ ހަރުވާޅުގެ ޖީބުން ފޯނު ވެއްޓުނެވެ. ޔުމްނާ ފޯނު ނެގިއެވެ. ފޯނުގެ އެއްކަން ވަނީ ގޭނިގެން ގޮސްފައެވެ. ރޭގައި ހުވަފެނުގައި ވެސް ފެނުނު ގޮތަށެވެ. ތެޅި ތެޅި އޮތް ހިތަކާއިގެން ޔުމްނާ ފޯނު ހުޅުވުމަށްފަހު މިސްކޯލު ބަޔަށް ވަނެވެ. އެންމެ މިސްކޯލެއްވެސް ނެތެވެ. ޔުމްނާގެ ގައިން އޮއްދާ ހިއްލަން ފެށިއެވެ. ޔުމްނާ ރަޝާއަށް ގުޅިކަމަކަށްވެސް އަދި ރަޝާ ޔުމްނާއަށް ގުޅިކަމަށްވެސް އަރާފައެއް ނެތެވެ. ޔުމްނާގެ އިނގިލިތައް ތުރުތުރު އަޅާ ހާލު ރަޝާއަށް ގުޅާލިއެވެ.

“ހަލޯ! ރޭގަ ކިހިނެއްތަ ތިހެދީ!” ރަޝާގެ އަޑު ފޯނުން އައެވެ. “ރޭގަ….ނިދުނީ” ޔުމްނާ ބުންޏެވެ. “ގައިމު ވަރަށް ގުޅިން ތި ފޯނަށް. ކޮންމެ ފަހަރަކުވެސް ބުނަނީ ގުޅޭ ސަރަހައްދުން ބޭރުގައޭ ހުރީ”. ރަޝާ ބުންޏެވެ. ޔުމްނާގެ މެއަށް ހީވީ ފިނި އެއްޗެއް އޮއްސާލިހެންނެވެ. އިތުރު އެއްޗެއް ޔުމްނާ ނުބުނުމުން ހަވީރު ދިމާވާންނާނެ ކަމަށް ބުނެ ރަޝާ ފޯނު ބޭއްވިއެވެ. ޔުމްނާ ފޯނު ރީތިވާ މޭޒު މަތީގައި ބޭއްވުމަށްފަހު ފާރު ބުޑުގައި ލެނގިލިއެވެ. ޔުމްނާ މޮޔަވީބާވައެވެ؟ މިއީ ނަފްސާނީ ބަލިމަޑުކަމެއްގެ އަލާމާތެއް ބާވައެވެ؟ ނޫނީ……..

ޔުމްނާ ބާރުބާރަށް ގޮސް ފާޚާނާއަށް ވަނެވެ. އަދި މާގަނޑު ދޫކޮށްލައިގެން ހުއްޓެވެ. ރަށަށް އައުމުގެ އެއް ހަފްތާ ކުރިން ފެންނަން ފެށި ހުވަފެންތަކާއި، ރޭގައި ފެނުނު ހުވަފެނާއި، އެ ދެ ހުވަފެނުގައި ވެސް ފެނުނު އަލިމަސް އަނގޮށްޓި މަންމަގެ އިނގިލީގައި އިނުމުން ޔުމްނާގެ ބޯ ހާސްވާ ގޮތްވިއެވެ. މިއީ އާދައިގެ ކަމެއް ނޫނޭ ޔުމްނާގެ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް މި ކަމުގެ ހަޤީޤަތް ނޭނގޭތީ ޔުމްނާގެ ބިރު ދެގުނައަށް އިތުރުވަމުންދިޔައެވެ.  މި ކަންކަމާއި ވިސްނަން ބައި ގަޑިއިރު ވަންދެން ހުރުމަށްފަހު މާގަނޑު ބަންދުކުރުމަށްފަހު ޔުމްނާ ފާޚާނާއިން ނުކުތެވެ. އަދި ރީތިވެލައިގެން ސައިބޯން ދިޔައެވެ.

ހަވީރުގެ ވަގުތެވެ. ޔުމްނާ އިނީ ނެގިމަޑުވެފައެވެ. އިރުއިރުކޮޅާ ސީލިންގް މައްޗަށް ބަލާލެވެއެވެ. އަދިވެސް ޔުމްނާގެ ލޯ މައްޗަށް އެ އަންހެން ކުއްޖާ ސިފަވާ ކަހަލައެވެ. ޔުމްނާއާއި އެ އަންހެން ކުއްޖާ އެހާ ވައްތަރީ ކީއްވެބާވައެވެ؟ ޔުމްނާގެ ހިޔާލީ ދުނިޔެއިން ނެރެދިނީ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. ޔުމްނާ އެ އަޑަށް ސިހުނެވެ. މި ވަގުތު ގޭގައި މަންމައެއް ނެތެވެ. ޔުމާން ވެސް ވިއީ އޭނާގެ އެކުވެރިންނާއެކު މަހަށް ގޮހެވެ. މިހެންވީއިރު ދޮރުގައި އެ ޓަކި ޖަހަނީ ކާކު ބާވައެވެ؟

ލަސްލަހުން ޔުމްނާ ދޮރު ހުޅުވާލުމަށްފަހު ބޯ ދިއްކޮށްލިއެވެ. ދޮރުމަތީގައި ހުރި ރަޝާ ފެނިފައި ހަމަޖެހުމުގެ ނޭވާއެއް ޔުމްނާ ދޫކޮށްލިއެވެ. “ރަޝާ؟ މި ގަޑީގައި ކީއްކުރަނީ؟” ޔުމްނާ އަހާލިއެވެ. “މިއައީ ޔުމްނާ ބަލައެއްނު! ހެނދުނު ބުނީމެއްނު އަންނައްޗޭ! ހިނގާ ގޮބާއި ރިހާކުރު ކާންދާން ވަލަށް!” ރަޝާ ބުންޏެވެ. ޔުމްނާ ވިސްނާލިއެވެ. އެކަނި އޮވެގެން ރޭގައި ފެނުނު ހުވަފެނާއި މެދު ވިސްނަން އޮތުމަށްވުރެ އެހެން މީހުންނާއެއްކޮށް ބޭރުތެރެއަށް ނުކުމެ އުޅުނީމަ ޔުމްނާގެ ހިތުގައި އޮތް ބިރުވެރިކަން ފިލައިދިޔުމަށް ފަސޭހަވާނެއެވެ. އެހެންކަމުން ޔުމްނާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި ރަޝާގެ ފަހަތުން ގެއިން ނުކުތެވެ.

ޔުމްނާ ރަޝާއާއި އެކީ ހިނގަމުން ދިޔައިރު ވަށައިގެން އޮތް މާހައުލަށް ނަޒަރު ހިންގާލިއެވެ. އުޑުމަތީގައި ބަރިބަރިއަށް ނަގަމުންދިޔަ ވިލާތަލުން ވިއްސާރަ ވެހޭނެ ކަމުގެ އިންޒާރު ދެމުން ދިޔައެވެ. ނަމަވެސް އޭރުވެސް ކުޑަކުދިން މަގުމަތީގައި ބޯޅަ ކުޅެން އުޅުނެވެ. “ގޮބު ބިންނަންތަ މިދަނީ؟ ކޮބާ ރިހާކުރު؟” ޔުމްނާ އަހާލިއެވެ. “ރިހާކުރު ގެންނާނެ އަފީފާ. އަހަރުމެން ދެމީހުން ދާނީ ގޮބު ބިންނަން. ދެން އެ ކާންދާނީ ތުނޑިއަށް ދޯ!” ރަޝާ ބުންޏެވެ. “ތިއީ ރަނގަޅު ގޮތެއް. އެކަމަކު ވަރަށް ވިއްސާރަ ހަދާ އެބަ” ޔުމްނާ އުޑުމައްޗަށް ބަލާލަމުން ބުންޏެވެ. ”އެއީ އެއްވެސް ކަމެއް ނޫން! ވާރެއާއި ތެމިލަންވެސް ވާނެ!” ރަޝާ މަޖާވެލާފައި ބުންޏެވެ. “ވާރެއާ ތެމިގެން ރޯގާ ޖެހިއްޖެއާ މާ ދެރައެއްނު؟” ޔުމްނާ ބުންޏެވެ. “އުނހު. ގައިމު ޔުމްނާ ކުރިން ހުންނަނީ ކެރިކޮޅެއް ވެހިލިޔަސް ބޭރުގަ.” ރަޝާ ހަނދާންކޮށްދިނެވެ. ތެދެކެވެ. ކުރިން ރަށުގައި އުޅުނުއިރު ޔުމްނާއަކީ ވަރަށް ވާރެއާއި ތެމޭހިއްވާ ކުއްޖެކެވެ. ނަމަވެސް މާލޭގައި ދިރިއުޅޭތާ ގިނަދުވަސްވުމުން އެ އާދަތައް މަޑުމަޑުން އޭނާގެ ކިބައިން ފިލީއެވެ. “ދެން ތިހެންވެއްޖެޔާ ތެމިފަ މިއަދު ގެއަށް ދާނީ”. ޔުމްނާ ބަލިނުވާންވެގެން ބުންޏެވެ.

ދެ އެކުވެރިން މިފަދަ ވާހަކަތަކެއްގައި ތިބެ ވަލާއި ހިސާބަށް އާދެވިއްޖެއެވެ. އޭރު އުޑުމަތި އެއްކޮށް ކަލުކުލައިގެ ބޯ ވިލާތަކުން ބައްދާލާފިއެވެ. “ހިނގާބަލަ ބޮޑު މިދިލި ގަސް ބަލައިލަން”. ރަޝާ އެދުނެވެ. ޔުމްނާ ރަޝާއާއި އެކީ ވަލުގެ ތެރޭގައި ހިނގަމުން ދިޔައިރު ފާއިތުވި އަހަރުތަކުގެ ތެރޭގައި ވަލަށް މާ ބޮޑު ބަދަލެއް އައިސްފައި ނެތްކަން ފާހަގަކުރެވުނެވެ. މާ ގިނައިރުތަކެއްނުވެ އެ މިދިލި ގަސް ފެނިއްޖެއެވެ. ގަހުގެ މަތީ އޮފިތަކުގައި ކޯޅިކޯޅިއަށް އެލިފައި ހުރި ގޮބުތައް ފެނި ޔުމްނާއާއި ރަޝާގެ ކުޅު ދިޔާވިއެވެ. “އަޅޭ. ދަނޑިން ތަޅާ ވައްޓާލެވޭ ވަރަށް ވުރެ މާ މަތީގައި ގޮބުތައް އެހެރީ. ކުރިން އައި މީހުންތައް ބިނީމަ ކަންނޭނގެ ދޯ. މިތާ ކައިރީގައިވެސް ނެތް ދިގު ދަނޑިއެއް. މިވީ ގޮތުން ގަހަށް އަރަން ޖެހޭނީ.” ރަޝާ ދެރަވެލާފައި ބުންޏެވެ. “އަހަރެން އަރައިދާނަން”. ޔުމްނާ ބުންޏެވެ.

ޔުމްނާގެ ދޯޕައްޓާ ރަޝާއަށް ދިނުމަށްފަހު ގޮފިގަނޑެއްގައި ހިފައި ޔުމްނާ ގަހަށް އަރަން ފެށިއެވެ. ގަހަށް ނާރާތާ ގިނަދުވަސްވެފައިހުރުމުގެ ސަބަބުން ޔުމްނާއަށް ކޮންމެވެސް ވަރަކަށް އުނދަގޫ ވިއެވެ. ނަމަވެސް އެކަން ރަޝާއަށް ނުދައްކާ ގަހަށް އެރުމައިގެން އޭނާ ކުރިއަށް ދިޔައެވެ.

ވަކި ހިސާބަކަށް އަރާފައި ވަރުބަލިވުމުން ޔުމްނާ އޮފިގަނޑެއްގެ މަތީގައި އިށީނެވެ. ޔުމްނާ އިން ދިމާގައި ފަތްތައް ގިނަވުމުގެ ސަބަބުން  ރަޝާއަކަށް އޭނާއެއް ނުފެންނާނެއެވެ. ޔުމްނާ އަތިރިމައްޗާއި ދިމާއަށް ބަލައިލިއެވެ. އޭރު ވަރަށް ރީތިކޮށް އަތިރިމަތީގައި ހަރަކާތްތެރިވަމުންދިޔަ މީހުންތައް ފެންނަމުންދިޔައެވެ. ކުދިންތައް ހިރިކުޅޭ މަންޒަރާއި އަންހެންވެރިން ބޮނބިތަޅަން ތިބި މަންޒަރު ބަލަން ޔުމްނާއަށް އިރުކޮޅެއްވަންދެން އިނދެވުނެވެ. ނަމަވެސް ގަހަށް އެރި މަގްސަދު ހަނދާންވުމުން ޔުމްނާ އަނެއްކާވެސް ތެދުވެ ގޮބުތަކާއި ދިމާއަށް އެރޭތޯ މަސައްކަތް ފެށިއެވެ.

ގޮބުތަށް ހުރި އަފިތަކާއި ހަމައަށް ޔުމްނާއަށް އެރިއްޖެއެވެ. އަދި އަތުން ޖަހާފައި ގޮބުތައް ބިންމައްޗަށް ވައްޓާލިއެވެ. އޭރު ތިރީގަިއ ހުރި ރަޝާ ގޮބުތައް ހޮވަންފެށިއެވެ. ހިތްހަމަ ޖެހޭވަރަށް ގޮބު ބިންދެވުމުން ޔުމްނާ ފޭބުމަށްޓަކައި ގޮފިގަނޑުން ފައި ނެގުމަށްފަހު ތިރީގައި އިން ގޮފިގަނޑަށް ކަނާތު ފައި ލިޔެވެ. ނަމަވެސް އެ ވަގުތު އެއްލި ކަޅިއަކުން ޔުމްނާގެ ލޮލުގައި ކަޅުކުލައިގެ އެއްޗެއް އަޅައިގަތެވެ. ޔުމްނާގެ ހިތްހުއްޓުނެވެ.

އެއީ ރޭގައި ހުވަފެނުން ފެނުނު ބުޅަލެވެ.

ޔުމްނާއަށް ހުރެވުނީ ގުޑާއިލަންވެސް ނޭނގިފައެވެ. ޔުމްނާގެ އެއްފައި މަތީގައި އޮތް ގޮފިގަނޑުގައި އޮތް އިރު އަނެއް ފައި އޮތީ ތިރީގައި އޮތް ގޮފިގަނޑުގައެވެ. އޭރުވެސް އެ ކަޅު ބުޅާ ޔުމްނާއަށް ބަލަހައްޓައިގެން އޮތެވެ. ކިރިޔާވެސް ނުބައިގޮތަކަށް ފައި އެޅިއްޖެއްޔާ ޔުމްނާ ގަހުން ވެއްޓޭނެއެވެ. ޔުމްނާ އެހެން އެ ބުޅަލަށް ބަލަން އޮއްވައި ކުއްލިއަކަށް ޖެހި ބާރު ގުގުރިއާއެކު ޔުމްނާއަށް ހަޅޭލަވައިގަނެވުނެވެ. އަދި ގަހުން އޭނާގެ އަތް ދޫވިއެވެ. ޔުމްނާގެ މުޅި ދުނިޔެ ހުއްޓުނު ފަދައެވެ. ޔުމްނާ ވެއްޓެން ދިޔައިރު އެންމެ ފަހު އެއްޗަކަށް ފެނުނީ އެ ކަޅު ބުޅާ އޭނާއާއި ދިމާއަށް ފުންމާލިތަނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

ކަޅު ބުޅާ 3

Next

ހިތުގެ ރިހުން (8)

Next
July 11, 2025

ހިތުގެ ރިހުން (8)

Previews
July 11, 2025

ކަޅު ބުޅާ 3



All Right Reserved!