އެކްޓަރ (ޕާޓް 24)
ކޮޓަރިއަށް ވަތް ގޮތަށް އަހަރެން ލައިގެން ހުރި އަންނައުނުތައް ގަޔާ ވަކިކޮށްލީމެވެ. އޭރު އެތައް ޚިޔާލުތަކަކުން އަހަރެންގެ ބޯ ވަނީ ހާސްވެފައެވެ. ސިކުނޑިއަށް ކުޑަވެސް ލުޔެއް ލިބޭތޯ އަހަރެން ބޭނުންވީ ފިނި ފެނުން ފެންވަރައިލާށެވެ. ތުވާލި ހިފައިގެން ފާޚާނާއަށް ވަދެ ޝަވަރަ ދަށުގައި ހުއްޓި ފެން ދޫކޮށްލުމުން އޮހޮރިގެން އައި ފެންތައް އިސާހިތަކު އަހަރެން ތެންމައިލިއެވެ.
****
އެގޮތުގައި ފަނަރަވަރަކަށް މިނިޓް ހޭދަވީ ފަހުން އަހަރެން ޝަވަރަ ބަންދުކޮށްލީ ފޯނު ރިންގުވެލި އަޑު އިވުނުހެން ހީވެގެންނެވެ.ޝާއީ އަށް ވެދާނެތީ އަހަރެން އަވަސްކޮށްލައިގެން ނުކުތީމެވެ. އެހެނަސް ނުކުމެ ފޯނު ނަަގައި ބަލައިލުމުން ގުޅާފައި އިން ނަންބަރު ފެނި އަހަރެންގެ މޫޑު އިތުރަށް ގޯސްވީއެވެ.އުސައިދު އެހާ އަވަހަށް އެގުޅީ މަންމަ މިހާރު ނުހުރެވިގެން އަހަރެން ދެއްކި ވާހަކަތައް އުސައިދުގެ ގާތުގައި ކީމައިކަން އަހަންނަށް އެނގުނެވެ. މަންމަ އެހާ ވަރަކަށް އުސައިދު އަހަރެންގެ ދިރިއުޅުމުގައި ޙިއްސާ ކުރަން މަސައްކަތް ކުރާއިރުވެސް ދުވަހެއް ދުވަހަކަށް އަހަރެން ވަނީ އޭނާ ދެކެ ފޫއްސެވެ.
****
ޝާއީއަށް ގުޅައިގެން އިރުކޮޅަކު އޮވެފައި އޭނާ ނިދިއައިކަން އެނގުނު ހިސާބުން އިސްވެ ފޯނު ބޭއްވީ އަހަންނެވެ.އޭރު ގަޑިން އެކެއް ޖަހައި ބޮޑުވެއްޖެއެވެ.އަހަރެންގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ.މާލޭގެ ފަސްގަނޑުގައި ފައި ޖެހުނު ހިސާބުން އަހަރެންގެ ހުރިހާ ހަމަޖެހުމެއް ނިގުޅައިގަނެވިފައިވާ ކަހަލައެވެ.
****
ދެފަރާތަށް ފުރޮޅި ފުރޮޅި އެއްގޮތަކަށް ނުނިދިގެން އަހަރެން އެންމެ ފަހުން ތެދުވީއެވެ.ފާޚާނާއަށް ވަދެ ތާޒާ ވެލައިގެން ނިކުމެ އެކްޓިވް ވެއަރ އަށް ބަދަލުކޮށްލައިގެން ،ބޫޓު ހިފައިގެން އަހަަރެން ވަގު ހިފައިފާނެތީ އުޅޭ މީހެއްހެން މަޑު މަޑުން ކޮޓަރިން ނުކުތީ އަނޫކްވެސް ހޭލާ އުޅެފާނެތީއެވެ.އެހެނަސް ސިޓިން ރޫމް އަނދިރިކޮށް އޮތުމުން އޭނާ ވީ ކޮޓަރީގައިކަން ޔަގީންވިއެވެ. އޭނާއަށް އަހަރެން އެގަޑީގައި ބޭރަށް ދާކަން އެނގިގެން ކަންބޮޑުވާން އަހަރެން ބޭނުން ނުވީއެވެ.
****
އިހުގެ ރޫޓު ދޫކޮށްލައި އަހަރެން ދުވަމުން ދިޔައީ މާލޭގެ އެތެރޭގެ މަގުތަކާއި ގޯޅިތަކުންނެވެ.މެންދަމުގެ ވަގުތު ކަމުން މާ ގިނަ މީހުންނާއި ދުއްވާ އުޅަނދު ފަހަރެއް ވެސް ނުފެނެއެވެ.
****
ހެންވޭރުގެ ތަންކޮޅެއް އަނދިރިކޮށް އޮތް ހަނި ގޯޅިގަނޑަކަށް ވަދެވުނު ވަގުތު ގެއެއްގެ ފާރުގައި ތަތްވެގަނެގެން ތިބި ދެ ޒުވާނުން ގެ ފަރާތުން ފެނުނު ލަދުވެތި މަންޒަރަކުން އަހަންނަށް މޫނު އަނބުރައިލެވުނެވެ.އެމީހުންގެ ސިފަ ވަކިނުވިޔަސް އެ ދެމެދުގައި ހިނގަމުން ދިޔައީ ބަދު އަޚުލާގީ އަމަލެއްކަން އެނގޭހާވެއެވެ.އައި ކޮޅަށް ދާން އެނބުރިލި ވަގުތު އިވުނު އަޑަކުން އަހަރެންގެ ފިޔަވަޅުތައް ގަނޑުވިއެވެ.އެ އަޑެއް ދުވަހަކުވެސް އަހަންނަކަށް ނޯޅޭނެއެވެ.
****
’ނާފް ހެޔޮނުވާނެ އަހަރެން ދޫކޮށްބަ…ތިހެން ނުހަދާ… ތަދުވެޔޭ‘ އަނިޔާތަކެއް ލިބެމުންދިޔަ ފަދައަކުން އެތާ ހުރި އަންހެން ކުއްޖާ ބާރަށް ބުނެލި އަޑު އިވުނެވެ. ނަމަވެސް ދެވަނަ ސިކުންތު އެކުއްޖާގެ އަޑު ބޭރު ނުވާނެހެން އެ ފިރިހެން މީހާ އެކުއްޖާގެ އަނގަމަތީގައި އަތް އެޅިކަން އެކުއްޖާގެ އަޑު ކުއްލިއަކަށް މަޑުވެގެން ދިޔަ ގޮތުން އެނގުނެވެ. އަހަންނަށް ފެނުނު ހުތުރު މަންޒަރުގެ ހަގީގަތް ހާމަކޮށް ދިނީ އެ އަންހެން ކުއްޖާގެ ވޭނީ އަޑެވެ.އެކަމެއް ހިނގަމުން އެ ދަނީ އެކުއްޖާގެ ރުހުމުގައި ނޫންކަން އެހިސާބުން އެނގުނެވެ.އަހަރެންގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ.
****
ސިކުންތަކުވެސް މަޑުނުކޮށް އަހަރެން އެނބުރި ދުވެފައި ދިޔަ ގޮތަށް ގޮސް އެ އަންހެން ކުއްޖާގެ ގައިގައި ދަހިވެތި ސިންގާއެއްހެން ހިތްޕައިގެނެގެން ކަރު ހިއްކުން ފިލުވަން މަސައްކަތް ކުރަމުން ދިޔަ ޒުވާނާގެ ގަމީހުގެ ގިރުވާނުގައި ހިފައި މަގުމަށްޗަށް ގުޅަވަރަކަށް ޖެހީމެވެ.އެ ސޮރު އައްދިޔޯއޭ ބުނި ގޮތަށް ހަމަ އެ ނޭވާގައި އަނގައިގައި ވާގިނެތް ފަދައަކުން ދެން ގޮވައިލީ އަވަގުރާނައެވެ. އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަން އޭނާގެ ދުލުން ބަސްތައް ބޭރުވި ގޮތުން އަހަންނަށް އެނގުނެވެ.އަހަރެންގެ އެ ކުއްލި ހަރަކާތުން އެ ދެމީހުނަށްވެސް ސިހުން ލިބުނުކަން ދެމީހުންގެ މޫނު މައްޗަށް އެރި ކުލަވަރުތަކުން ދޭހަވިއެވެ.
****
އަހަރެންގެ މޫނު ރަނގަޅަށް ފެނުނު ވަގުތު އެ އަންހެން ކުއްޖާގެ ދެލޯ ބޮޑުވިއެވެ.
****
’ތުއް…ތުއްތޭ..!!‘ ޒަޔާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ.އޭނާގެ އަޑުގައިވަނީ ބިރާއި ސިހުމުގެ އަސަރެވެ.އެހެންޏާ އެހުންނަ ރުޅިވެރިކަމާއި ގޮތްދޫނުކުރުމެއް ފެންނާކަށް ނެތެވެ.ދަނޑިވަޅުގެ ނާޒުކުކަމުން ކަންނޭނގެއެވެ.
****
ޒަޔާ ހުއްޓުން އަރާފައި ހުންނަން ފެށުމުން އަހަރެން އޭނާގެ އަތުގައި ހިފައި ލަތްކެއް ޖެހި ގޮތަަށް ގެނެސް އަހަރެންގެ ފުރަގަހަށް ވާނޭހެން ބަހައްޓާފައި ހިރި ނުލެވިފައި އޮތް ސޮރާ ދިމާލަށް ގުދުވެލީމެވެ.
’ކަލޭވެސް ގޮޅިއަށް ދާން ރެޑީވޭ…!‘ ރުޅިއައިސް ރަތްވެފައި އަހަރެން ބުނެލީމެވެ.
’ޔޫ އޯކޭ؟‘ އަހަރެން ތެދުވެ ޒަޔާ ކުރެން އަހައިލުމުން އޭނާ މޭގައި ދެއަތް ހުރަސްކޮށްލައިގެން ހުރެ ބޯ ޖަހައިލިއެވެ.
****
އެ ސޮރު ވަރަށް މަސައްކަތުން ތެދުވެ ކޮޅަށް ޖެހުމުން އަހަރެން އޭނާގެ ފައިގައި އަހަރެންގެ ފައިން ލޮކު އަޅުވައި ދެވަނަ ފަހަރަކަށްވެސް ވައްޓައިލީއެވެ.ވީ ތަދުން އެ ސޮރު އަވަގުރާނަ ގޮވަމުން ރޮއެގަތެވެ. އަނޫކް ފަރާތުން އެކަހަލަ ބައެއް އުކުޅުތައް ތަންކޮޅެއް ކުރިން ވެސް އަހަންނަށް ހުރީ ދަސްވެފައެވެ.އެ އުކުޅުތަކުގެ ބޭނުން ކޮށްލަން ލިބޭނީ މިކަަހަލަ މަދު ފަހަރަކުއެވެ.
****
ފުލުހަށް މައްސަލަ ރިޕޯޓްކުރުމުން ފުލުހުން އައިސް އެ ޒުވާނާ ބިޑި އަޅުވައި ހައްޔަރުކޮށްގެން އަހަންނާ ޒަޔާއާއިވެސް އެކުގައި ބަޔާން ނަގަން ޕޮލިސް ސްޓޭޝަނަށް ގެންދިޔައެވެ.
****
މަސްތުގެ ހާލަތުގައި ހުރި އެ ޒުވާނާ ލައިގެން ހުރި އަންނައުނުގެ ޖީބުން އޭނާ ބޭނުންކޮށްގެން ހުރި ޑުރަގު އަޅާފައި ހުރި ކުޑަ ޕެކެޓެއްވެސް ފެނުނެވެ.އެ ދެމީހުންގެ ކުޑަކަމުދާ ތަކެތިވެސް ޓެސްޓު ކުރިއެވެ.ނަސީބަކުން ޒަޔާ ޕޮޒިޓިވްއެއް ނުވިއެވެ.އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.
****
އެތަނުން ސަލާމަތް ވެވުނު އިރު އިރު އަރައިފި އެވެ.މިއަދަކީ އަހަރެން އެނބުރި މަސައްކަތަށްވެސް ނުކުންނަން ޖެހޭ ދުވަހެވެ.ހަމަ ނިދި ނުލިބި ހުރުމުން އަހަރެން ހުރީ ބޮލުގައި ރިއްސައިގަނެފައެވެ.
****
’ކެންޔޫ ޕްލީޒް ނޮޓް ޓެލް މޮމް އެބައުޓް ދިސް‘ އެތަނުން ނުކުތް ގޮތަށް ޒަޔާ ފުރަތަމަވެސް ބުނެލީ އެހެންނެވެ.
’ކެން ޔޫ ބީ މޯ ރެސްޕޯންސިބަލް ދެން ދިސް ޒަޔާ!‘ އަހަރެން ރައްދުގައި ބުނެލީމެވެ.އަހަރެންގެ ރުންކުރު އަޑު އިވިފައި ޒަޔާ ހުއްޓުން އެރިއެވެ.ފުރަތަމަ ފަހަރަށް އަމިއްލަ ކުށް ގަބޫލު ކުރި ބީދައަކުން ޒަޔާ އަހަރެން ބުނި އެއްޗަކަށް ރައްދު ނުދީ އިސްޖަހައިލިއެވެ. އަހަރެންގެ ކުރިމަތީގައި މާާ ގައްޑާވެލައިގެން އުޅުނު މީހާ އަހަރެންގެ ކުރިމަތީގައި އެކަށް ’ސައިޒު‘ ވިއެވެ.
’އަހަންނަށް މިރޭ ނާދެވުނު ނަމަ ކިހިނެއް ކަންތައް ވާނީ ޒަޔާ…؟ހީ ކުޑް ހޭވް ރޭޕްޑް ޔޫ…އަހަންނަށް އެނގޭހާވެސް ކަމަކީ ޒަޔާ އޭނާއާއެކު ބޭރަށް ނުކުމެގެން ތިއުޅުނީ އޭނާ ޒަޔާ ކިޑްނެޕް ކޮށްގެނެއް ނޫންކަން…ޒަޔާގެ އިރެސްޕޮންސިބަލްކަމުން މަންމަމެން އެވަރަށް ނަސޭހަތް ދޭއިރުވެސް އެ ބޮލާލާ ޖަހާފަ މިހާ ދަންވީމައި ބޭރުތެރެއަށް ނުކުމެގެން ތިއުޅެނީ…‘ ޒަޔާ އަހަންނާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް މިރޭ އޭނާ އެ ހާލަތުގައި ވަނިކޮށް ފެނުމުން އަހަރެން ހުރީ ’ޕްރޮޓެކްޓަރ‘ މޯޑު އޮންވެފައެވެ.
’ކެން ޔޫ ޕްލީޒް ނޮޓް ޓެލް މޮމް؟ ޝީ ވިލް ޓެލް އުސައިދްބޭ އެބައުޓް ދިސް އިފް ޝީ ފައިންޑް އައުޓް.އެވަރުކޮށްދެވޭނެތަ؟‘ ޒަޔާ ފުން ނޭވާއެއް ދޫކޮށްލަމުން އާދޭހުގެ ރާގަކަށް ތަކުރާރުކޮށްލިއެވެ.
’އޮންލީ އިފް ޔޫ ސްޓޮޕް ދިސް‘ އަހަރެން ވަރަށް ސީރިއަސްވެފައި ބުނެލީމެވެ.ޒަޔާ މަޑު މަޑުން ބޯ ޖަހައިލިއެވެ.
’ހިނގާ ގެއަށް…އިރުވެސް އެރީ އެޔޮއް. މަންމައާ ކުރިމަތިލާން ބޭނުން ނޫނިއްޔާ ތި އުޅުން އިސްލާހުކުރޭ.އަހަރެން ދާނަން ޒަޔާ ގެއަށް ލައިދޭން‘ އަހަރެން ބުނެލީމެވެ.
****
ނަސީބަކުން މީހުން މަދު ގަޑިއެއް ކަމުން ތަންކޮޅެއް ފަސޭހައިން ޓެކްސީއެއް ވެސް އަތު ޖެހުނެވެ. އުސައިދުމެން ގެޔާ އަރާ ހަމަވުމުން އަހަރެން ޑުރައިވަރަށް އިޝާރާތް ކޮށްލީމެވެ.އަހަރެން ޒަޔާއާއިއެކު ކާރުން ފޭބުމުން އޭނާ ގެއަށް ވަންނަން ގޮސް ގޮސްފައި ހުއްޓި ފަހަތަށް އެނބުރުނެވެ.
****
’ތެންކިޔު ފޮރ ސޭވިން މީ…އަމް ސޮރީ ތުއްތޭ…ފޮރ ހައު އައި ޓްރީޓެޑް ޔޫ… ފޮރ އެވްރިތިން….އައި ރިއަލައިޒްޑް ސަމްތިން ޓުޑޭ…އިފް އިޓް ވޮޒަންޓް ފޮރ ޔޫ…ނާފް އަހަރެން މަރާލާކަށްވެސް ފަހަކަށް ނުދާނެކަންނޭނގެ…‘ޒަޔާ އެހެން ބުނެލިއިރު އޭނާ ހުރީ ފެންކަޅިވެފައެވެ.ޚުދު އަހަރެންވެސް ފެންކަޅިވިއެވެ.އަހަރެންގެ ހިތަށް ލިބުނު ލުއިކަން ބަޔާންކޮށްދޭން ވެސް އުނދަގުލެވެ.
’ޔުއަރ ވެލްކަމް…އެޕޮލޮޖީ އެކްސެޕްޓެޑް…އަމް ހެޕީ ދެޓް ޔުއަރ އޯކޭ‘ އަހަރެން ލުއި ހިނިތުންވުންވުމެއް ހަދިޔާ ކޮށްލީމެވެ.
’އޯކޭ…ސީ ޔޫ އެރައުންޑް ތުއްތޭ…‘ ޒަޔާވެސް ފެންކަޅިވެފައި ހުރެ ކުޑަކޮށް ހިނިތުންވެލިއެވެ.އެ ހިތަށް ވެސް ލުއި ލިބުނުކަން ޒަޔާގެ މޫނުމަތިން އެނގުނެވެ.
****
އަހަރެން އެނބުރި ގެއަށް ދާން މިސްރާބު ޖެހީ ތަންކޮޅެއް ހަލުވި ދުވެއްޔެއްގައި ފައިމަގުގައެވެ. އަހަރެން އައިސް އެޕާޓްމަންޓަށް ވަތް އިރު އަނޫކް އުޅެނީ ޕާން ޓޯސްޓްކޮށްގެން ބަޓަރާއި ޖޭމް ޖަހައިގެން ކޮފީއަކާއި އެކު ހެނދުނުގެ ނާސްތާ ކުރެވޭތޯއެވެ.އަަހަރެން ފެނުނު އިރަކަށް އޭނާ އަނގައަށް ލައިލައި ހުރި ޕާން ފޮތި ތިރިކޮށްލިއެވެ.
***
’އޭ ކައެ މިއޮއް ހެނދުނާ ކޮންތާކުން…؟މަ ހީކުރި ނިދާފަ ކަމަށް…މަ މިއުޅެނީ އެއްގޮތަކަށް ނުނިދާ…މިއަދު ޑިއުޓީއަށް އަރާފަ ބުރާންތި ކައިފަ ހުންނާނީ.‘ އަނޫކް އެއް ނޭވާއިން ބުނެލިއެވެ.
’މަވެސް މިއުޅެނީ ނުނިދާ…ރޭ މެންދަމު ދުވަން ދިޔަ މީހާ އަދި މި އާދެވުނީ ގެއަށް.‘ އަހަރެން މާ ބޮޑު ތަފުސީލެއް ނުދީ ބުނެލީމެވެ.
’އޭނ…ލަކީ ކަންތަކާ މާ ބޮޑަށް ވިސްނާލީ ދޯ ކައެވެސް…ކުޑާވެސް ވަރަށް ރުއި ދޯ.‘ އަނޫކް އަހައިލިއެެވެ.
’އާނ ދެން…އަނެއްކާ ދުވަން ނުކުތް ތަނާ ވަރުގަދަ ކަމަކާ ލައިގަތީ…ފާޑެއްގެ ބޮއެގެން ހުރި ސޮރަކު ގޯޅިގަނޑެއް ތެރޭ ޒަޔާ ގަޔަށް އަރަން އުޅެނިކޮށް މަށަށް އެތަނަށް ދެވުނީ…މަ މި އައީ އެގޮލާ ޕޮލިހަށް ހަވާލުކޮށްފަ ޒަޔާ ގެންގޮސް ގެޔަށް ލައިފަ. އެހެންވެ އެހާ ލަސްވީ…ބަޔާން ދޭން ދާން ޖެހުނީމަ.‘ އަހަރެން ބުނި އެއްޗަކުން އަނޫކް ދިޔައީ އެއްލިގެންނެވެ.
’ކީކޭ؟ކައެ އަޅެ މަށަށްވެސް ގުޅާލި ނަމަ‘ އަނޫކް ޝަކުވާކޮށްލިއެވެ.
’ދެން ޒަޔާ ރަނގަޅުތަ؟ ވަރަށް އަނިޔާ ވެފަތަ ހުރީ؟ އެވަރުންވެސް އެކުއްޖާއަށް އެއްޗެއް ވިސްނޭނެނަމަ ދޯ‘ އަހަންނަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ދެންވެސް ވާހަކަ ދެއްކީ އަނޫކްއެވެ.
’ނަސީބަކުން ޝިޒް އޯކޭ…އެންޑް އަވަރ ބީފް އިޒް އޯވަރ…ޒަޔާ މާފަށް އެދުނު…‘ ފުން ނޭވާއެއް ދޫކޮށްލަމުން އަހަރެން ބުނެލީމެވެ.
’އޯކޭ ދެޓްސް ގުޑް ނިއުސް…‘ އަނޫކް ބުނެލިއެވެ.
’ލަޔާ އަންނަނީ ކޮން އިރަކުން…؟‘ ވާހަކަ ބަދަލުކޮށްލުމުގެ ގޮތުން އަހަރެން އަހައިލީމެވެ.
މިރޭ އަންނާނެ… ފަތިހު ލަޔަކް ވަޅުލައިފި… އައި ހޯޕް ޝިޒް އޯކޭ…އަމް ރިއަލީ ވޮރިޑް އެބައުޓް ހާރ ބުރޯ…‘ އަނޫކް މާޔޫސީ ރާގަކަށް ބުނެލިއެވެ.
****
އަނޫކްއަށް ހިތްވަރު ދިނުމުގެ ގޮތުން ދެތިން އެއްޗެކޭ ބުނެލާފައި އަހަރެން ކޮޓަރިއަށް ވަނީ ފެންވަރައިގެން ޑިއުޓީއަށް ދާން ތައްޔާރުވާށެވެ.
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





