އެކްޓަރ(ޕާޓް 25)
ޗުއްޓީއަށް ފަހު ޑިއުޓީއަށް ނުކުތްއިރު މަސައްކަތްތައް އޮތީ ފުނި ޖެހިފައެވެ.އަނެއްކޮޮޅުން ނިދި ހަމަ ނުވާތީ އަހަރެންގެ ބޮލުގައި ރިހެނީ އެހެން މިހެންނަކުން ނޫނެވެ.ކޮފީއެއް ބޯލާނަމޭ ހިތާ ތެދުވެފައި ފޯނު ޗެކު ކޮށްލި އިރު ޝާއީގެ އިތުރުން އުސައިދުގެ މެސެޖެއްވެސް ލިބިފައި އޮތެވެ.ޝާއީއަށް ޖަވާބު ދީފައި އަހަރެން އުސައިދުގެ މެސެޖު ބަލައިލީ ފޫހިކަމާއި އެކުގައެވެ.އެހެނަސް އެ މެސެޖު ކިޔާފައި އަހަރެން ދިޔައީ އެއްލިގެންނެވެ.ސުވާލުތަކުން ސިކުނޑި ފުނި ޖެހި ބޯ ހާސް ވިއެވެ.އަނެއްކާ އެއީ އުސައިދު އަހަންނާ ބައްދަލު ކުރަން ދައްކާ ބަހަނާ އެއް ނޫންބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ކޮންމެ ގޮތެއްވިއަސް އުސައިދު އެހެން ބުނަން ޖެހުނު ސަބަބެއް އޮޅުން ފިލުވަން އަަހަރެން ބޭނުންވިއެވެ.ކިތަންމެ ފޫހި ވިޔަސް ބައްދަލު ކުރަން އެއްބަސްވީ އެހެންވެއެވެ.
****
ޑިއުޓީ ނިންމާފައި އަހަރެން އެޕާޓްމަންޓަށް އައި އިރު އަނޫކް ސޯފާގައި ވެޑުވިލައިގެން އޮތެވެ.އޭނާވެސް ޑިއުޓީ ނިންމާފައި އައި ފަހުން ގިނައިރުތަކެއް ނުވާކަން އޭނާގެ ތެތްކަން ހުރި އިސްތަށިގަނޑު ހެކި ދިނެވެ.އެކްޝަން ފިލްމެއް ބަލަން އޭނާ ގެއްލިފައި އޮތް ވަރުން އުނދަގޫ ކުރަން ބޭނުން ނުވެ އަހަރެން ގޮސް ވަނީ ކޮޓަރިއަށެވެ.
****
އުސައިދުއާ ބައްދަލުކުރަން އޭނާ ބުނި ރެސްޓޯރެންޓްއަށް ދާން އަހަރެން ނުކުތްއިރު އަނޫކްވެސް ލަޔާލީ ބަލައި އެއާޕޯޓަށް ދާން ތައްޔާރުވެގެން ނުކުމެ އެވެ. އޭނާގެ އަތުގައި ރަތް ފިނިފެންމަލާއި ހުދުކުލައިގެ ’ބޭބީ ބްރެތް‘ އިން ތައްޔާރުކޮށްފައިވާ މާ ބޮނޑިއެއް އޮތެވެ.އެވަރުންވެސް އަހަރެން ރީތިވެލައިގެން ހުރިތަން ފެނި ޝާއީ ގާތުގައި ބުނާނަމޭ ކިޔައިގެން އޭނާ ދިމާކޮށްލީ އަހަންނާ އެވެ.އެހެނަސް އަހަރެންގެ ބޮލުތެރޭގައި އަޑުތައް ގަދަ ކަމުން އެ ބީދައިން އަނޫކްއާއި ދިމާކޮށްލުމުގެ ބަދަލުގައި އަހަރެން ހިނިތުންވުމަކުން ފުއްދައިލީއެވެ.
****
ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ރެސްޓޯރަންޓް އަށް އަހަރެން ވަތް އިރު އެތަން އޮތީ އެކަށް ތޮއްޖެހިފައެވެ. ތަންކޮޅެއް އެކަހެރިކޮށް ހުރި މޭޒެއްގައި އުސައިދުއާއިއެކު އިތުރު ފިރިހެނަކުވެސް އިންދާ ފެނުމުން ސުވާލު އުފެދުނެވެ. އަހަރެން ގޮސް ގޮނޑި ދަމާލާފައި އިށީނީ އެއީ ހަމަ އެހާ ސީރިއަސް ވާހަކައެއް ދައްކަން އެންމެ އެކަށޭނަ މާހައުލުބާއޭ ހިތުގައި ސުވާލު އުފެދިފައި ހުރެއެވެ.އަދި އެވެސް އެހެން މީހެއްގެ ހާޒިރުގައެވެ.
****
’ޝުކުރިއްޔާ އައިސްދިނީމަ…މީ އިފްރާހު…އިފްރާހު މީ ޒައިފް….‘ އުސައިދު އަހަރެމެން ތައާރަފް ކޮށްދިނުމުގެ ގޮތުން ބުނެލިއެވެ.
’މީ ޒައިފް އަޑު އަހަން ބޭނުން ނުވާ ކަހަލަ ވާހަކައަކަށް ވެދާނެ އެކަމަކު މި ކިޔައިދެނީ ޒައިފްއަށް އެނގެން ޖެހޭނެ ކަމަށް އަހަރެން ގަބޫލުކުރާތީ.‘ އުސައިދު ހުރީ ނިކަން ސީރިޔަސްވެފައެވެ.
ބޯޖަހާލަމުން ވާހަކަ ކުރިއަށް ގެންދަން އަހަރެން އިޝާރާތް ކޮށްލީމެވެ.
****
އެ ދެމީހުންގެ ވާހަކަ އަޑު އަހަމުން ދިޔަ ވަރަކަށް އަހަރެންގެ ނިތުގައި ރޫތައް ދިޔައީ ގިނަވަމުންނެވެ.
****
އެ ވާހަކަތައް އަޑު އަހާފައި އަހަރެން އުސައިދުއާއި އިފްރާހުއާއިއެކު އެ މީހުން ބުނި ތަނަކަށް ގޮސް އެމީހުން އެ ބުނި ގޮތަށް ކަންތައް ކޮށްދިނީމެވެ.ދެން އޮތީ އިންތިޒާރު ކުރުމެވެ.އެހެނަސް އަގު އަދާކުރަން ޖެހުނީ ނަފްސުގެ ހުރިހާ ހަމަ ޖެހުމެއް ނަގާލައިފަ އެވެ.
****
އެ ބައްދަލުވުން ނިންމާފައި އަހަރެން ގެއަށް އައި އިރު އަނޫކްވެސް އަދި ނާދެއެވެ.ނަސީބެކޭ ހިތަށް އެރިއެވެ. އެހެން މީހަކާ ކުރިމަތިލާނޭހާ ހިތްވަރެއް މިރޭ އަހަރެންގެ ނެތެވެ.އެއަށްވުރެ އަހަރެންގެ ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަން ބޮޑެވެ.
****
’ޔޫ އޯކޭ ލަވް؟‘ކޯލުގައި ތިބެފައި އަހަރެންގެ ތަބީއަތަށް އައިސްފައިވާ ބަދަލު ޝާއީއަށް ފާހަގަ ކުރެވިގެން އަހައިލިއެވެ.
’އޯކޭއޭ ބުނެފިއްޔާ ވާނީ ދޮގަކަށް…‘ ޝާއީއަށް ކޮންމެހެން ސިއްރު ކުރާކަށް އަހަރެން ބޭނުމެއްނުވިއެވެ.އަލިފުން ޔާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން އޭނާއަށްވެސް ވީ އަހަންނަށްވެސް ވީ ކަހަލަ ގޮތެކެވެ. ފާޑަކަށް ބަސް ހުއްޓުނީ އެވެ.
****
’އިޓްސް އޯކޭ ޝާއީ… ޑޯންޓް ވޮރީ އެބައުޓް މީ…އަލް ބީ އޯކޭ ‘އަހަރެން ޝާއީގެ ނުތަނަވަސްކަން ކުޑަކޮށްލެވޭތޯ މަސައްކަތް ކުރީމެވެ.އެހެނަސް އަހަރެންނާއިމެދު ކަންބޮޑުވެފައި ހުރި ވަރުން ޝާއީވެސް މުޅިން މޫޑު ސަކަރާތްވިއެވެ.އެކަމާ ހެދި ގިނަ ވާހަކަތަކެއް ދެއްކޭ ގޮތް ނުވުމުން އަހަރެން ޝާއީ ގާތުގައި ނިދާލާށޭ ބުނެފައި ފޯނު ބޭއްވީއެވެ.
****
އަހަރެންގެ އަތުގައި އޮތް ލިޔުމަށް ބަލަހައްޓައިގެން ހުރިއިރު އަހަރެންގެ ދެލޮލަށް ފެން ޖަމާވަމުން ދިޔަ އެވެ.ތުންފަތުގައި ދައިގަނެވިފައި ހުރިލެއް ބާރުކަމުން އަނގައިގައި ލޭ ރަހަލިއެވެ. އަހަރެންގެ އަތުގައި ފެންނަން އޮތީ ހަގީގަތެވެ.އެޔަކާ ދެކޮޅެއް ނުހެދޭނެ އެވެ.އުސައިދު އަހަރެންގެ ކޮނޑުގައި ހިފައި ގާތްކޮށްލިއެވެ.އުސައިދު ދެކެ ފޫހިވުމުގެ ބަދަލުގައި އުސައިދުގެ އެ ގާތްކަން ފުރަތަމަ ފަހަރަށް އަހަންނަށް ބަލައި ގަނެވުނެވެ.ހަމްދަރުދީގެ ނަޒަރަކުން ބަލައިލެވުނެވެ.
****
’ހިނގާ ދަމާ ގެއަށް…މަންމަ މިހާރު ހުންނާނެ އިންތިޒާރުގަ…ދަރިފުޅު ގޮވައިގެން ދާނަމޭ ނިކަން ގަދަޔަށް ސައި ހަދާލާށޭ ކިޔާފައި އައިސް މިއުޅެނީ…ވަރަށް އުފާވެފަ ހުރީ…ކޮއްކޮމެން ވެސް އެބައުޅޭ ގޭގަ.‘އުސައިދު ވާހަކަ ދެއްކީ ނުހަނު އޯގާތެރިކަމާއެކުގައެވެ.އަހަންނަށް ހިންދިރުވައިލެވުނެވެ.ފުރަތަމަ ފަހަރަށް ރުހުމުގެ ނަޒަރަކުން އަހަންނަށް އޭނާގެ މޫނަށް ބަލައިލެވުނެވެ. އިންސާނުންނަށް ކުށްވެސް ކުރެވެއެވެ.އެހެނަސް ކުށަށް ތައުބާވެ ކެތްތެރިކަމާއިއެކު ދިރިއުޅުމާ ކުރިމަތިލަނީ ކިތައް މީހުން ހެއްޔެވެ؟
****
އަހަންނާއި އުސައިދު އެކުގައި އެޕާޓްމަންޓްއަށް ވަތް ތަން ފެނި މަންމަގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ.ދަރިފުޅާއޭ ކިޔައި އައިސް އަހަރެން ގާތް ކޮށްލިއެވެ.ޒަޔާ ވެސް އަހަރެން ފެނުމުން އިސްވެ ތުއްތޭއޭ ކިޔައި ގޮވައިލިއެވެ. ކޮޓަރިން ނުކުތް ޒީވާއަށްވެސް އަހަރެން ފެނިގެން ތުއްތޭ ކިހިނެއް ހޭ އަހައިލައިފިއެވެ.ޒީވާ ހުރިގޮތް ފެނުމުން އަހަރެން ޝޮކު ވިއެވެ.އެއީ ކުރީގެ ޒީވާއެއް ނޫނޭ އޭނާ ހުރި ގޮތުންވެސް އަހަރެންގެ ހިތް ބުނެލިއެވެ.މަންމަގެ މޫނުންވެސް ފެނުނީ ހައިރާން ކަމެވެ.
****
’ދަރިފުޅު ބުރުގާ އެޅީތަ؟! މާޝާالله! ވަރަށް ވަރަށް ރީތި‘ މަންމަ އުފާވެރިކަމާއިއެކު ބުނެލިއެވެ.ޒީވާ ހުރީ ކަޅު އަބާޔާއަކާއި އެކު ބޮޑުކޮށް ކަޅު ޝޯލެއް އަޅައިފައެވެ.ރީތިވެލައިގެން ހުރުމުން ބޭރަށް ދާން އުޅެނީހެން ހީވެއެެވެ.ޒަޔާއެކޭ އެއްގޮތަށް ޒީވާއަށްވެސް އައިސްފައިވާ ހެޔޮ ބަދަލުތައް ފެނުމުން އެކުދިން އެގޮތުގައި ލެހެއްޓެވުމަށް އަހަންނަށް ހިތާ ހިތުން ދުޢާކޮށްލެވުނެެވެ.
****
’ތެންކިއު މަންމާ… އެބަ އަންނަން އެނގޭ މަހާ އާއެކީ ޝޮޕިންއަކަށް ޖައްސާލާފަ… އަޅުގަނޑު އައިއްސަ ސައިބޯނަން…ތުއްތޭވެސް އަންނަކަން ކުރީބައިގައި އެނގުންނަމައެއްނު ޕްލޭން ކެންސަލް ކޮށްލެވުނީ ހީވެސް…މަހާ މިހާރު ހުރީ އައިސް…އެހެންވެ މިދަނީ…‘ޒީވާ މަންމައާވެސް މުޚާތަބު ކުރީ މަޑުމައިތިރިކަމާއި އެކުގައެވެ.
****
ޒީވާ ނުކުމެގެން ދިޔުމުން ޒަޔާވެސް ފެންވަރަން ދަނީއޭ ކިޔާފައި ވަނީ ކޮޓަރިއަށެވެ.އުޒައިރު ކޮބާހޭ އެހުމުން އަދިވެސް ހިއްލައިނުލައޭ މަންމަ ބުނެލީ ވަރަށް ހިތްހަމަ ނުޖެހިފައި ހުރި ރާގަކަށެވެ.
****
’ޝާމާ އަދި ހަނދާން ނެތުނީއޭ… އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް އެބަ އުޅޭ މިކޮޅުގަ މިހާރު…އޭނައަށްވެސް ދައުވަތު ދިނިން އެނގޭ…މިހާރު އަންނާނެ…‘ އާދައިގެ ރާގަކަށް އުސައިދު ބުނެލިއެވެ.
’ހޫމ އޯކޭއޭ…އޭނާވެސް އައިމާ ދޯ ސައިބޯން އުޅޭނީ… އަހަރެން ތަށިމަތި ރެޑީކޮށްލަނީ މި‘ މަންމަ އެހެން ބުނެލާފައި ބަދިގެ ފަރާތަށް ޖެހިލުމުން އަހަރެންވެސް ދިޔައީ މަންމަގެ ފަހަތުންނެވެ.ފުން ނޭވާއެއް ދޫކޮށްލެވުނީ މީހާ ހާސްވާ ވަރުންނެވެ.
****
އެޕާޓްމަންޓުގެ ބެލް އަޅައިލުމުން ދޮރު ހުޅުވަން ދިޔައީ އުސައިދުއެވެ. އަހަރެން މަންމަ ކައިރީ މަޑުކޮށްލީމެވެ.އޭރު މަންމަ މޭޒުމަތީގައި ތަށިތައް އަތުރަނީއެވެ.އަހަރެން އިނީ ނޭވާ ހިފަހައްޓާލައިގެން މަންމަގެ މޫނަށް ބަލަހައްޓައިގެންނެވެ.މަންމަ ކަމެއްގައި އުޅޭތީ އަހަރެން ބަލަން ހުރިކަން ފާހަގަވީހެނެއް ހިޔެއް ނުވެއެވެ.
****
’އަނހާ…އިފޫ…ވަދޭ ވަދޭ‘ އުސައިދު ބުނެލިއެވެ.އިފްރާހު ގޮވައިގެން އައިސް އުސައިދު ސޯފާގައި އިށީނދެފައި އަޑު ހަރުކޮށް މަންމައަށް ގޮވައިލިއެވެ.އެ އަޑަށް މަންމަ ސިޓިން ރޫމާއި ދިމާލަށް މިސްރާބު ޖެހުމުން ފަހަތުން އަހަރެންވެސް ހިނގައިގަތީމެވެ.
****
ސިޓިން ރޫމް ސޯފާގައި ތިބި އުސައިދުއާއި އިފްރާހު ފެނިފައި މަންމަގެ ފިޔަވަޅުތައް ގަނޑުވިއެވެ.އަހަންނަަށް ބަލައިލެވުނީ އުސައިދުގެ މޫނަށެވެ. އުސައިދު ބޮލުން ކުޑަކޮށް އިޝާރާތް ކޮށްލުމުން އަހަރެން ގޮސް އެމީހުންގެ ގާތުގައި ސޯފާގައި އިށީނީމެވެ.
’ކަ…ކަލޭ… ކިހިނެއް….؟‘ މަންމައަށް ހީީވީ ބިރެއް ފެނުނުހެންނެވެ.
’ހައިރާންވެއްޖެ ދޯ…‘މަލާމާތުގެ ރާގަކަށް އިފްރާހު ބުނެލިއެވެ.މަންމަގެ ދެލޯ ބޮޑުވިއެވެ.
’ޝާމާ…ކުޅިގަނޑު ނިމުނީ މިހިސާބުން.‘ އުސައިދު ރުޅިއައިސްފައި ބުނެލިއެވެ.
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





