Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – ހަތަރުވަނަ ބައި

Mariyam Imna
Mariyam Imna Level 210 Stories100 Login
July 10, 2025 4 Mins Read
2 Comments

އަޑެއް ކިޔާފައި ކުޑަދޮރު ހުޅުވުނެވެ. ޔުމްނާ ދެއަތުން ދޮރުގެ ކަނީގައި ހިފާ ފަޅޯ ގަހުން ދެފައި ދޫކޮށްލިއެވެ. ހަމައެވަގުތު ވަރަށް ގަދައަށް ވައިޖެހެން ފެށިއެވެ. ފަޅޯގަހުގައި އައްސާފައި އޮތް ދޯޕައްޓާ ވަޔަާ ވިހުރެމުން ދިޔައެވެ. ކުއްލިއަކަށް ޔުމްނާއަށް މީހަކު ވައި އަޑުން ގޮވާލިއެވެ. ޔުމްނާ ބަލަން ނުބަލަން ހުރެފައި ފަހަތް ބަލާލިއެވެ. ދޮރު ކަނިން އޭނާގެ އަތް ކައްސައިނުލީ ހަމަ ކިރިޔާއެވެ.

******* 4 ވަނަ ބައި *******

ޔުމްނާއަށް ދެލޯ ބޮޑުކޮށްގެން ވަށާފާރު މަތީގައި މޯޅިއަކަށް ދެމެން އޮތް ބުޅަލަށް ބަލަން އޮވެވުނީ ކިހާ އިރެއްވަންދެން ކަމެއްވެސް ނޭނގެއެވެ. އެއީ ހަމަ އެ ބުޅަލެވެ. ރުއްފަލުގެ ތެރެއިން ފެނުނު ބުޅަލެވެ. ޔުމްނާ އަށް އެސްފިޔަވެސް ޖަހައިނުލާ އެ ބުޅަލަށް ބަލަން އޮވެވުނެވެ. ރޭގަނޑުގެ ކަނު އަނދިރިކަމުގެ ތެރެއިން ވަކިވަނީ އޭތީގެ މާމުއި ކުލައިގެ ކަޅި އެކަންޏެވެ. ނަމަވެސް އޭތި ދެކޮޅު ދެކޮޅަށް ބަލާގޮތުން ކޮންމެވެސް ނުބައެއް އުޅޭކަމުގެ އިހުސާސް ޔުމްނާއަށް ކުރެވުނެވެ. ކަން ވީވެސް ހަމައެހެންނެވެ. ކުއްލިއަކަށް ހުދު ކުލައިގެ ބުޅަލެއް ފާރު މައްޗަށް އަރައި ކަޅު ބުޅަލުގެ މައްޗަށް ޖެހިގަތެވެ. އެ ހުދު ކުލައިގެ ބުޅަލުގެ ކަޅި އިނީ އަޅި ކުލައިގައެވެެ. ދެ ބުޅާ ކޯޅެން ފެށިއެވެ. ޔުމްނާއަކީ އަބަދުވެސް ބުޅާ ދެކެ ބިރު ގަންނަ މީހެކެވެ. އަދި މިފަދަ ވަގުތެއްގައި ދޭތީގެ ކަޅި ދިއްލިފައިހުރިއިރު ބިރު ނުގަންނާނީ ކާކު ހެއްޔެވެ؟

ޔުމްނާއަށް ގުޑިލަންވެސް ކެރުނީ އެހިސާބުންނެވެ. ދެފައި ފާރުގެ ދެ ގާގަނޑު ދޭތެރެއަށް ލުމަށްފަހު ޔުމްނާ ކޮޓަރި ކުޑަދޮރު ތެރެއިން ކޮޓަރި ތެރެއަށް ދެމިގަތެވެ. އޭރުވެސް ދެ ބުޅާ ކޯޅޭ އަޑު ދިޔައީ ގަދަވަމުންނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޔުމްނާ އުޑަފައިން ތަޅުންގަނޑުމަތީގައި އިންތަނާހެން ތޫނު ދިލައެއް އޭނާއަށް އިހުސާސް ކުރެވުނެވެ. ޔުމްނާ ކުކުރެމުން އެއް ފަރާތަކަށް ކަކޫ ލަނބާލާފައި ބަލާލިއިރު ކަމަކުދާކަށް ނެތެވެ. ކަކޫމެށިގެން މިއޮށް ލޭތައް ފައިބައިގެން ދަނީއެވެ. ނަމަވެސް އެ ވަގުތު އޭނާގެ ސަމާލުކަން ދަމައިގަނެފައިވަނީ ފާރުމަތީގައި ތޮޅެމުން ދިޔަ ދެ ބުޅަލެވެ. އެ ދެ ބުޅާ ކޮޓަރި ތެރެއަށް ފުންމާލަފާނެ ކަމުގެ ބިރު އޮތުމުން ފިރުކިފައި ކަހަލަ ގޮތަކަށް ކުޑަދޮރު ލައްޕަން ޔުމްނާ ދިޔައެވެ. ނަމަވެސް ހަމައެވަގުތު އެ ދެ ބުޅާ ފުންމާލީ އެ ކޮޓަރި ތެރެއަށެވެ.

ޔުމްނާގެ ހޭވެރިކަން ނުނެތުނީ ހަމަ ކިރިޔާއެވެ. ދެބުޅާ އެކެތި އަނެކެއްޗެގެ ގައިމަތީގައި އޮވެގެން ހަނގުރާކުރަމުން ދިޔައިރު ޔުމްނާއަށް ހިރިވެސް ނުލެވިފައި އޮތެވެ. ޔުމްނާއަށް ރޯންވީކަމެއް ނޫނީ ހަޅޭލަންވީކަމެއްވެސް ނޭނގުނެވެ. އެހެން އެ މަންޒަރު ބަލަން އޮންނަތާ އެތައް އިރެއް ވީފަހުން ޔުމްނާގެ މި ހިޔާލުތަކުން އޭނާ ނެރެދިނީ އިވުނު ތޫލި ހަޅޭކުގެ އަޑުންނެވެ. އެއީ އާދައިގެ ހަޅޭކެއްގެ އަޑެއް ނޫނެވެ. އެއީ މީހުންގެ ހިތް ހުއްޓުވާލަފަދަ ވޭނީ ހަޅޭކެއްގެ އަޑެވެ. އެ އަޑާއި އެކީގައި ހުނުމުގެ އަޑުވެސް އެ ކޮޓަރިތެރޭގައި ގުގުމާލިއެވެ. އެ އަޑަށް ދެ ބުޅަލުގެ ކޯޅުންގަނޑުވެސް ހުއްޓުނެވެ. އަދި ދޭތިވެސް ކުޑަދޮރުން ފުންމާލައިގެން ދުވެފައި ހިނގައްޖެއެވެ.

ޔުމްނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އާދަޔާޚިލާފު ކަމެއް ވާންއުޅެނީއޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ. ކޮޓަރި ތެރޭގައި އެހެން މީހަކު އުޅޭހެންވެސް ޔުމްނާއަށް ހީވިއެވެ. އެއޮށް ހޫނުގަދަ ރޭ ޔުމްނާ ހީކަރުވަން ފެށިއެވެ. ނަމަވެސް ބޭރު ތެރެއަށް ވައިރޯޅީގެ ހިލަމެއްވެސް ނެތެވެ. ހީވަނީ ކޮޓަރި ތެރެއިން ގަނޑުފެން ފައިބާހެންނެވެ. އެހެން ޔުމްނާ ކޮޓަރިތެރެއަށް ބަލަން އިންދައި މުޅި ކޮޓަރި ތެރެއަށް ތެތްފިނީގެ އަސަރު ކުރަން ފެށިއެވެ. އެ ދުންގަނޑު އަރަނީ ކޮންތަނަކުން، ކިހިނެތް ކަމައްވެސް ޔުމްނާއަކަށް ނޭނގެއެވެ. މާގިނަ އިރުތަކެއްނުވެ މުޅި ކޮޓަރި ތެރެ ފުސް ވެއްޖެއެވެ. ތަނެއް ދޮރެއް ވަކިވާ ވަރެއް ނޫނެވެ. ޔުމްނާ ހިތްވަރަށް ކޮޅަށް ތެދުވިއެވެ. އަދި ފާރުގައި އަތް ކާތަމުން މި މުސީބާތުން ސަލާމަތްވުމަށްޓަކައި ކޮޓަރިން ނުކުމެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ހަމައެވަގުތު ޔުމްނާއަށް ދިޔާ އެއްޗެއްގެ މައްޗަށް އެރުނުކަމުގެ އިހުސާސެއް ކުރެވުނެވެ. ޔުމްނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އެ ބޯ ފުސްގަނޑުގެ ތެރެއިން އެކި ޒާތްޒާތުގެ ހިޔަނި އުޅޭހެންވެސް ޔުމްނާއަށް ހީވަނީއެވެ. ޔުމްނާ މަޑުމަޑުން ގުދުވެލިއެވެ. އަދި ތަޅުންގަނޑުގައި އަތް ހާކާލުމަށްފަހު މަޑުމަޑުން މޫނާއި އަތް ކައިރިކޮށްލިއެވެ.

ސުބުހާނަﷲއެވެ. އެއީ ލެޔެވެ. އޮލަވެ ރަތްކަންގަދަ އިންސާނެއްގެ ލެޔެވެ.

ޔުމްނާގެ ދެފައި ތުރުތުރު އަޅަމުން ދިޔައެވެ. ބޮލަށް އެނބުރުން އަރަމުން ދިޔައެވެ. މޭ ނުބައިކުރަނީއެވެ. ރޮވެނީއެވެ. މިވަރަށް ރޮއި ހަޅޭލަވާއިރުވެސް މަންމަމެންނަށް އަޑު ނީވެނީ ކީއްވެ ބާވައޭ ޔުމްނާގެ ހިތަށް އަރަމުން ދިޔައެވެ. ޔުމްނާއަށް މިކަންކަން ދިމާވާންވީ ކީއްވެހެއްޔެވެ؟ ޔުމްނާގެ ކުށަކީ ކޮބައިހެއްޔެވެ؟ ޔުމްނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ހިތާ ހިތުން ކުރުސި ކިޔަން އުޅުނު ނަމަވެސް ހަނދާނަށްވެސް އެ ވަގުތަކު ކުރުސިއެއް ނައެވެ. ގޮތްހުސްވެފައިހުރެ ތަޅުންގަނޑުމަތީގައި ޔުމްނާ އޮތީ މި ބިރުވެރިކަމުން މިންޖުކޮށްދެއްވުން އެދި ހިތާހިތުން ދުއާ ކުރާ ހާލުގައެވެ.

ނަމަވެސް ހަމަ އެ ސިކުންތުގައި ޔުމްނާގެ ކޯތާފަތް މައްޗަށް ކޮންމެވެސް ދިޔާ އެއްޗެއްގެ ތިކި ޖެހުނެވެ. ނޭފަތުގައި ޖެހުނު ދަގަނޑުގެ ވަހުން އެއީ ކޮން އެއްޗެއްކަން ޔުމްނާއަށް ދެނެގަނެވުނެވެ. ސީލިންގު މަތިން ލޭ ތިކި އެ ޖަހަނީ ކީއްވެތޯ ބަލަން އޭނާއަށް ހަމަ ލާހިކެއް ނޫނެވެ. އަނެއްކާވެސް ޔުމްނާގެ ނިތްކުރިމައްޗަށް ލޭ ތިއްކެއް ޖެހިއެވެ. އެ ލޭތިކި ޔުމްނާގެ އޮމާން ނިތްކުރިމަތިން ދުވެލާފައި ގޮސް ހޭވިފައި އޮތް އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް ހިކިއްޖެއެވެ. ޔުމްނާއަކަށް ދެނެއް ނުބަލައެއް ނޯވެވޭނެއެވެ. މަޑުމަޑުން އޭނާގެ ބޯ ހިއްލާލިއެވެ. އަދި ސީލިންގު މައްޗަށް ބަލާލިއެވެ. ޔާރައްބީއެވެ.

ސީލިންގުގައި ގުޅަވަރަކަށް ޖެހިފައި އެ އޮތީ އަންހެން ކުއްޖެކެވެ. ހަންގަނޑު ހުދު، ހިކި އަނަރޫފަ ވެފައި ހުރި ހަށިގަނޑެއްގެ ވެރިއެކެވެ. އޭނާއަށް ލިބިފައިވާ ކަޅުކަން ގަދަ އިސްތަށިގަނޑު ކިރިޔަ ކިރިޔާ ޔުމްނާގެ ގައިގައި ނުކޭއްތޭކަމެވެ. ހަތަރު މޮއްގަނޑު ޖަހައިގެން ސީލިންގުގައި އެ އަންހެން ކުއްޖާ އޮތް އިރު އޭނާގެ ރަތްކުލައިގެ ކަޅި އަމާޒުވެފައި ވަނީ ޔުމްނާއަށެވެ. އެ އަންހެންކުއްޖާގެ ހުދު ކުލައިގެ ހެދުން ލެއާއި ތަތްތެޅިފައިވީއިރު އޭނާގެ އިސްތަށިގަނޑުގެ ތެރެއިން ލޭތިކިތައް ބިންމައްޗަށް ފައިބަމުން ދިޔައެވެ. ނަމަވެސް ޔުމްނާ އެންމެ ބިރުގަތީ އެކަމަކާއެއް ނޫނެވެ. ޔުމްނާ އެންމެ ބިރުގަތީ އެ ކުއްޖާ އޭނާއާއި ވައްތަރުކަމުންނެވެ. އަޅާ ކިޔާފަ ތަފާތެއް ނެތެވެ. ހަމަ އެ ރޫފައެވެ. އެ މޫނެވެ. އެ ދެ ލޮލެވެ. އެ އިސްތަށިގަނޑެވެ. އެ ހިނިތުންވުމެވެ. ޔުމްނާގެ ހަރަކާތަކަށް ބަލާލަ ބަލާލާ އެ އަންހެން ކުއްޖާ އޮތެވެ. ޔުމްނާއަށް ގުޑިލާން މަސައްކަތް ކޮށްކޮށްވެސް އެކަމެއް ނުވިއެވެ. ހީވަނީ ނުދަންނަ ބާރަކުން އޭނާގެ ހަށިގަނޑު ކަސްތޮޅު އަޅުވާފައި ހުރިހެންނެވެ.

“ތި..ތިއީ ކާކު…އަހަރެންނަށް..ތި..ތިހެން ނުހަދާ….އަހަރެން ދޫކޮށްލާ….އާދޭސްކޮށްފަ މިބުނީ….” ޔުމްނާ އަޅައިގަންނަ ގޮތަކަށް ބުންޏެވެ. އޭގެ ޖަވާބުގައި އެ އަންހެން ކުއްޖާ ޖަހާލީ ހިނިގަނޑެކެވެ. މުޅި ކޮޓަރިއަށް ގުގުމައިގެންދާފަދަ ހިނިގަނޑެކެވެ. “މިއީ ޔުމްނާ. އަހަރެން މީ ޔުމްނާ. ޔުމްނާ ތިއީ އަހަރެން”. އެ އަންހެން ކުއްޖާ ބަރު އަޑަކުން ބުންޏެވެ. “ކީކޭތަ ތި..ތި ކިޔަނީ…” ތުރުތުރުއަޅާ ހާލު ޔުމްނާ އަހާލިއެވެ. އޭގެ ރައްދުގައި އެ އަންހެން ކުއްޖާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. އަދި އޭގެ ބަދަލުގައި ފައިދިގު މަކުނެއްހެން ސީލިންގު މަތީގައި ފިރުކެން ފެށިއެވެ. ފިރުކެމުން ފިރުކެމުން ގޮސް ސީލިންގުން ބިންމައްޗަށް ފޭބިއެވެ. އަދި ދެތިން ކަށި އަޑު ގޮއްވަމުން އޭނާގެ އަތާއި ފައި ދަމާލިއެވެ. ޔުމްނާއާއި ދިމާއަށް ހިނގާފައި އަންނަ މަންޒަރު ފެނުމުން ޔުމްނާގެ އަތާއި ފައި ހަރަކާތް ކުރަން ފެށީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. އެ އަންހެން ކުއްޖާ ހިންގަމުން އައި ވަރަކަށް ޔުމްނާ ފަހަތަށް ޖެހެމުންދިޔައެވެ.

ޔުމްނާގެ ބާމަތި ފާރުގެ ކަނުގައި ޖެހުނެވެ. ދާނެ އެހެން ދިމާއެއް ނެތެވެ. އެ އަންހެން ކުއްޖާ އެހެރީ މޫނާއި މޫނު ޖެހޭހާ ކައިރީގައެވެ. ޔުމްނާގެ ދެލޯ ރޮއިރޮއި ވަނީ ރަތްވެ ދުޅަވެފައެވެ. އެ އަންހެން ކުއްޖާ ބިރުވެރި ގޮތަކަށް ހީލިއެވެ. އަދި ޔުމްނާގެ ކަރުގައި ހިފައި ވާންކޮށްލިއެވެ. ޔުމްނާގެ އަރުތެރެއިން އެއްވެސް އަޑެއް ނުނިކުތެވެ. އޭނާގެ ހޭވެރިކަން ނެތުމުގެ ކުރިން އޭނާއަށް ފެނުނީ އެ އަންހެން ކުއްޖާ އަޅާފައި އިން އަލިމަސް އަނގޮށްޓިއެވެ.

*******

“ޔުމްނާ! ހޭލަބަލަ!” ހުސްނާގެ އަޑަށް ޔުމްނާއަށް ފުންމައިގެން ތެދުވެވުނެވެ. އަދި ބާރުބާރަށް ހަޅޭލަވައިގަނެވުނެވެ. ޔުމްނާ ދުއްވައިގަންނަން އުޅުމުން ޔުމާން އަވަސްއަވަހަށް ޔުމްނާގެ ގައިގައި ހިފެހެއްޓިއެވެ. އޭރުވެސް ޔުމްނާ ބިރުން ރޫރޫ އަޅާ ހާލު ހަޅޭލަވަމުންދިޔައެވެ. “ދޫކޮށްލާ! އޭނާ އަންނާނެ! އޭނާ އަހަރެން މަރާލާނޭ! ދޫކޮށްލާށޭ!” ޔުމާން ޔުމްނާ މައިތިރިކުރެވޭތޯ މަސައްކަތްކުރިއެވެ. “އެއީ ހުވަފެނެކޭ! އެކަކުވެސް ނާދެޔޭ ޔުމްނާ ކައިރިއަކަށް! ޔުމްނާ ތިއޮތީ ގޭގައޭ!” ޔުމާން ބުންޏެވެ. އެ ވާހަކަ އަޑުއިވިފައި ޔުމްނާގެ ހަރަކާތްތައް ހުއްޓުނެވެ. އަދި ވަށައިގެން ނަޒަރު ހިންގާލިއެވެ. ޔުމްނާ މިއޮތީ ސިޓިންގް ރޫމުގައެވެ. އޭނާ ރޭގައި ޓީވީ ބަލަން އިން ސަރަންފީ ގޮނޑި އޮތީ ވެއްޓިފައެވެ. ޔުމްނާ ފާރުގައި ހަރުކޮށްފައި އިން ގަޑިއަށް ބަލައިލިއިރު ގަޑިން ހެނދުނު 7 ޖަހާ ބޮޑުވެއްޖެއެވެ. “ދަރިފުޅު ރޯ އަޑަށް މަންމައަށް ހޭލެވުނީ. މަންމަ ސިޓީންގް ރޫމަށް ނުކުތްއިރު ދަރިފުޅު ނިދީގައި އޮވެ ތެޅި ފޮޅެނީ. ދަރިފުޅަށް ގޮވާ ގޮވާ ވެސް އަޑެއް ނީވުނު. އެހެންވެ ޔުމާންއަށްވެސް ގޮވީ.” ހުސްނާ ބުންޏެވެ. ޔުމްނާ ތުރުތުރު އަޅާހާލު ފުން ނޭވާއެއް ލިއެވެ. އަދިވެސް ޔުމްނާގެ ހިތުގައިވީ ބިރުވެރިކަމެއް ނުފިލައެވެ. ނަމަވެސް އެއީ ހުވަފެނެއްކަން އެނގުމުން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ޔުމްނާގެ ހިތަށް ލިބުނެވެ. “ދަރިފުޅު ދޭ އަވަހަށް ފެންވަރާލަން.” ހުސްނާ ޔުމްނާގެ ހޭވިފައި ހުރި އިސްތަށިތައް ރަނގަޅުކޮށްލަމުން ބުންޏެވެ. އެ ވަގުތު ޔުމްނާގެ ލޮލުގައި އަޅައިގަތީ ހުސްނާގެ އިނގިލީގަިއ އަޅާފައި އިން އަލިމަސް އަނގޮށްޓިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

މަޢާފް އެދެމުން 30

Next

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ (1)

Next
July 10, 2025

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ (1)

Previews
July 10, 2025

މަޢާފް އެދެމުން 30

2 Comments!

  1. Nunu says:
    September 5, 2025 at 1:46 pm

    JUS STARTED READING IT ITS SOO GOOD IM KINDDA SCARED NOW

    1. Mariyam Imna Mariyam Imna says:
      September 5, 2025 at 1:52 pm

      Hi Nunu!
      Im so glad you loved it!
      Don’t worry there’s plenty of horror up ahead!👀

Comments are closed.

Next Episodeހަވޭލީ – ފަސްވަނަ ބައި←


All Right Reserved!