Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – ތިންވަނަ ބައި

Mariyam Imna
Mariyam Imna Level 1
July 5, 2025 5 Mins Read
0 Comments

ޔުމްނާގެ ގެއާއި އަރާހަމަވުމުން ޔުމްނާ ރަޝާއަށް ހަނާއަޅާލުމަށްފަހު ގެއަށް ވަންނަން ދިޔައެވެ. “ޔުމްނާ”! ކުއްލިއަކަށް ރަޝާ ގޮވާލިއެވެ. ޔުމްނާ ފަހަތަށް ބަލާލިއެވެ. ރަޝާ ސިއްރުވެރި ގޮތަކަށް ދެފަރާތް ދެފަރާތަށް ބަލާލިއެވެ. އަދި ޔުމްނާގެ ކަންފަތް ބުޑުގައި އަތް އަޅާލަމުން ބުންޏެވެ. “މިރޭ ތާސްކުޅޭނަންތަ؟ އަފީފާއާއި ޒައިނަބުވެސް އަންނާނެ”. ރަޝާ އަހާލިއެވެ. ޔުމްނާ ވިސްނާލިއެވެ. އަދި ބޮލުގެ އިޝާރާތުން އާއެކޭ ބުންޏެވެ. “އެހެންވީމާ މިރޭ  11:30 ގައި. އަހަރެންގެ ގެއަށް އިނގޭ”. ރަޝާ ބުންޏެވެ.

******* 3 ވަނަ ބައި *******

ޔުމްނާ އަވަސްއަވަހަށް ގެއަށް ވަނެެވެ. އަދި ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތެވެ. ބޯމަތީގައި އެނބުރެމުން ދިޔަ ފަންކަލަށް ޔުމްނާގެ ނަޒަރު ހުއްޓިފައިވީއިރު އޭނާގެ ހިޔާލުތަށް ވަނީ މިރޭ އޭނާ ކުރަން އުޅޭ ކަންތައްތަކައިގެން ވިސްނާ ވިސްނާ އަވަދިނެތިކޮށްލާފައެވެ. މިކަން މަންމަމެންނަށް ފަޅާ އަރައިފިއްޔާ ޔުމްނާގެ ޒަމާން ދިޔައީއެވެ. އެހެންނަމަވެސް ޔުމްނާގެ ހިތް ބޭނުންވީ ކުރީގައިވެސް ކަންތައް ކުރި ފަދައިން ކަން ކުރާށެވެ. އެހެން އޮންނަތާ އެތައް އިރެއްފަހުން ޔުމްނާ ތެދުވެ އޭނާ މިރޭ ލާން ކަޅުކުލައިގެ އަތްކުރު ކުރުތާއެއް ނެގިއެވެ. ކުރުތާ އެނދުމަތީގައި ބޭއްވިތަނާހެން މީހަކު ދޮރުގައި ޓަކި ދިނެވެ. ޔުމްނާ ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަަހަށް ކުރުތާ އަލަމާރިތެރެއަށް އެއްލުމަށްފަހު ދޮރު ހުޅުވަން ޔުމްނާ ދިޔައެވެ. ދޮރުހުޅުވާލިއިރު އެތާގައި ހުރީ ހުސްނާއެވެ. “ދަރިފުޅާ ނަމާދުކޮށްގެން އާދޭ އަވަހަށް ކާން އިނގޭ” ހުސްނާ އެހެން ބުނެފައި ދިޔުމުން ޔުމްނާ ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ތަޅުލިއެވެ. ޔުމާންއަށް މީގެ ކުރިން މިފަދަ ގޮތަކަށް ރަޝާމެންގެ ގެއަށް ޔުމްނާ ދާން އުޅެނިކޮށް ވަނީ ފަޅާއަރާފައެވެ. ޔުމާން ކައިރީގައި އާދޭސްކޮށްކޮށް ވަރުބަލިވީފަހުން ޔުމާން އެ ސިއްރު ހިފަހައްޓަން އެއްބަސް ވީ ނަމަވެސް ހުސްނާއަށް އެކަން އެނގޭ ދުވަހަކުން ހުސްނާ ހިތްހަމަ ނުޖެހޭނެ މިންވަރު އަންދާޒާ ކޮށްލަންވެސް ޔުމްނާއަކަށް ނުކެރުނެވެ. ނަމަވެސް ޔުމްނާގެ ހިތް އެދެމުންދިޔައީ މަންމަމެންނަށް ސިއްރުން މިރޭ ދިއުމަށެވެ. އެއީ ޔުމްނާއަށް ވަރަށް މަޖާ ކަމަކަށް ވާތީއެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށްފަހު ޔުމްނާ ދިޔައީ ސިޓިންގް ރޫމަށެވެ. ސަރަންފީ ގޮނޑިއެއްގައި އިށީނުމަށްފަހު އެ ގޭގައި ހުރި ގުދު ޓީވީ އަޅުވާލިއެވެ. އުނގަށް ދުފާ ތަށި ލައިގެން ކަރަންފުލެއް ހަފަން ޔުމްނާ އިން އިރު ޓީވީއިން ރޭގަނޑު 8 ގެ ޚަބަރު ކިޔަމުން ދިޔައެވެ. ޔުމްނާ ޓީވީ އަޅުވައިގެން އިން ނަމަވެސް އޭނާގެ ޚިޔާލުތައް ހުރީ އެހެން ދިމާއެއްގައެވެ. ހަމައެވަގުތު ޔުމްނާގެ މަންމަވެސް ތަށިތައް ދޮވެ ނިންމާލުމަށްފަހު ސަރަންފީ ގޮޑިއެއްގައި އިށީނެވެ. “ދަރިފުޅާ. ކޮޓަރި ތަޅުލައިގެން ނިދަން އޮންނައްޗޭ. މަންމަ މިރޭ ވަރަށް ވަރުބަލި. މަންމަ މިދަނީ ނިދަން”. ހުސްނާ މިހެން ބުނެ ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޔުމްނާއަށް އެ ލިބުނު އުފާވެރިކަން ބަޔާންކުރާކަށްވެސް ނޭނގުނެވެ. 10:30 ވަންދެން ޓީވީ ބަލަން އިނުމަށްފަހު ޔުމްނާ ތެދުވެގެން ޓީވީ ނިއްވާލުމަށްފަހު އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަދި 11 ޖެހުމުން ޔުމްނާ އޭނާގެ ކަޅުކުލައިގެ ކުރުތާ ލިއެވެ. ޔުމްނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. ގަޑި ކައިރިވީ ވަރަކަށް ޔުމްނާ ދިޔައީ ކޮޓަރީގައި ދެކޮޅު ދެކޮޅަށް ހިންގަމުންނެވެ. އިރު އިރުކޮޅާ ލޯގަނޑުން އޭނާއަށް އަނދުން އެޅިފައި ހުރީ ރަނގަޅަށްތޯ ބަލައިލެވެއެވެ. ޔުމްނާ ގަޑިއަށް ބަލާލިއެވެ. 11:20 ވެއްޖެއެވެ. ޔުމްނާ އޭނާ ގެންގުޅޭ ޖޫޕު ސެންޓުފުޅިން ސެންޓު ޖަހައިގެން ކަޅުކުލައިގެ ދޯޕައްޓާއެއް އެޅުމަށްފަހު މަޑުމަޑުން ކޮޓަރިން ނުކުތެވެ.

މުޅި ގޭތެރޭގައިވެސް ވަނީ އަނދިރިކަމެވެ. ޔުމާންގެ ކޮޓަރި ކައިރިއަށް ގޮސް ޔުމްނާ އެ ކޮޓަރި ދޮރުގައި ކަންފަތް ޖެހިއެވެ. އެ ކޮޓަރިން އިވެމުންދިޔައީ ޔުމާން ގުގުރި ދަމާ އަޑެވެ. ހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު ޔުމްނާ ހުސްނާގެ ކޮޓަރި ކައިރިއަށް ގޮސްފައި ހަމަ މިފަދައިން ކަންކުރިއެވެ. ދެ މީހުންވެސް ނިދާފައި އޮތްކަން ކަށަވަރުކުރުމަށްފަހު ގޭގެ ވަލާއި ވީ ފަރާތުގެ ދޮރުން ބޭރަށް ނުކުތެވެ. އަދި އެތަނުގައި ހުރި ރުށްތަކަށް ބަލާލިއެވެ. ރޭގަނޑުގެ ވަގުތުކަމުން އެ ދިމާ ފެންނަމުންދިޔައީ ވަރަށް ނާމާންކޮށެވެ. ޔުމްނާ ދެކޮޅު ދެކޮޅަށް ބަލާލުމަށްފަހު ބާރުބާރަށް ދުއްވައިގަތެވެ. ދުވަމުން ދިޔަ ވަރަކަށް ޔުމްނާގެ މޫނުމައްޗަށް ޖެހެމުންދިޔަ ފިނި ވައިރޯޅިތައް ބޮސްދެމުން ދިޔައެވެ. ޔުމްނާއަށް ރުށްތަކާއި ހަމައަށް އާދެވުމުން އޭނާ ގެންގުޅޭ ބައްތި ފޯނުގެ ފްލޭޝް ލައިޓު ދިއްލާލުމަށްފަހު ހިނގަން ފެށިއެވެ. މިފަދަ ރޭރޭގައި ޔުމްނާ އާންމުކޮށް ގެއިން ނުކުންނަނީ ވަލާ ފަރާތު ވަށާފާރު މަތިން ފުންމާލައިގެންނެވެ. އެއީ ހަވޭލީގެ މަގުމައްޗާއި ވީ ފަރާތުގެ ވަށާފާރަށްވުރެ ވަލުފަރާތާއި ވީ ވަށާފާރު ތިިރިވީމައެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި މި ދިމާގައި ގަސްބޯވެފައި ހުރުމުގެ ސަބަބުން ޔުމްނާއަށް ވަށާފާރު ފެންނަ ގޮތެއް ނުވިއެވެ. އެތައް އިރެއްވަންދެން އެ ތަނުގައި އެނބުރުނު ފަހުންވެސް ޔުމްނާއަށް ވަށާފާރު ފެންނަ ގޮތެއް ނުވިއެވެ. މިހާރު އެހެރަ 11:35 ވީއެވެ. ޔުމްނާ މާޔޫސްވެގެން އެނބުރި ގެއާއި ދިމާއަށް ހިނގައިގަންނަން އެނބުރިލިތަނާ ޔުމްނާއަށް ކޮންމެވެސް މަޑު އެއްޗެއްގައި ފައި އެޅުނެވެ. ޔުމްނާ ތިރިއަށް ބަލާލިއިރު ކަމަކުދާކަށް ނެތެވެ. ޔުމްނާއަށް މިއެރުނީ ކަޅުކުލައިގެ ބުޅަލެއްގެ ގައިމައްޗަށެވެ. ޔުމްނާ ގަތީ އަމަށަކު ބިރެއް ނޫނެވެ. ބާރުބާރަށް ޔުމްނާ ދުއްވައިގަތެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޔުމްނާ ރުކެއްގެ މުލުގައި ފައި އަޅައިގަނެ އަނގަވަތަށް ބިންމައްޗަށް ވެއްޓުނެވެ. ޔުމްނާ އަވަސްއަވަހަށް ތެދުވަން މަސައްކަތްކުރިއެވެ. ނަމަވެސް އެތަނުގައި ގަސް ގިނަވުމުގެ ސަބަބުން ޔުމްނާގެ ފައި އޮތީ މޫތަކުގެ ތެރޭގައި އޮޅިފައެވެ. ޔުމްނާއަށް ހަޅޭލަވަންވެސް ނުކެރުނެވެ. ލަސްލަހުން ޔުމްނާ ފަހަތަށް ބަލާލީ އެ ބުޅާ އެތާ އޮތްތޯ ބަލާށެވެ. އޭރު އެ ބުޅާ އޭނާގެ މޫނާ މޫނު ޖެހޭހާ ކައިރީގައި އޭތީގެ މާމުއި ކުލައިގެ ކަޅިން ބަލަން ހުއްޓެވެ. ޔުމްނާއަށް ހަޅޭލަވައިގަނެވުނީ ދެނެވެ. ގައިގައި ނެތް ހިތްވަރުން ފައި މޫތަކުގެ ތެރެއިން ދަމައިގަނެ ދުއްވައިގަތެވެ. އަދި ގޭގެ ދޮރާއި އަރާ ހަމަވުމުން ޔުމްނާ ފަހަތް ބަލާލިއެވެ. އޭރު އެ ބުޅަލުގެ ހިލަމެއްވެސް ނެތެވެ.

އަވަސްއަވަހަށް ގެއަށް ވަދެ ދޮރު ލެއްޕުމަށްފަހު ދޮރުގައި ލެނގިލިއެވެ. ޔުމްނާއަކަށް ދެން ނުކުންނާކަށް ނުކެރޭނެއެވެ. ޔުމްނާއަށް ރަޝާ މަތިން ހަނދާންވީ އެވަގުތުއެވެ. އަވަސްއަވަހަށް ޔުމްނާ އޭނާގެ ކުރުތާގެ ޖީބަށް އަތްކޮއްޕާލިއެވެ. ކަމަކުދާކަށް ނެތެވެ. ފޯނެއް ނެތެވެ. ޔުމްނާގެ ނިތްކުރިމަތީގައި އަތް އަޅާލެވުނެވެ. ފޯނު އޮންނާނީ ޔަޤީނުންވެސް އެ ރުއްތަކުގެ ތެރޭގައެވެ. ޔުމްނާ ހަދާނެ ގޮތް ހުސްވިއެވެ. ކޮންމެހެންވެސް ޔުމްނާ އެ ފޯނު އެބަ ބޭނުންވެއެވެ. އެތަނުގައި އޮއްވާ މީހަކަށް ފެނިއްޖެއްޔާ ކުރިމަތިވާނެ ސުވާލުތަކާއި މެދު ޔުމްނާއަށް ވިސްނާލެވުނެވެ. މަޑުމަޑުން ބޭރު ދޮރު ހުޅުވާލިއެވެ. ކުއްލިއަކަށް ޔުމްނާއަށް ފެނުނީ އެ އަނދިރިގަނޑުގެ ތެރެއިން އެއްޗެއް ދިއްލިފައި އޮތް މަންޒަރެވެ. އެއީ އޭނާގެ ބައްތި ފޯނެވެ. ނަސީބު ރަނގަޅުކަމުން ފޯނު އޮތީ ގެއާއި ތަންކޮޅެއް ކައިރީގައެވެ. ޔުމްނާއަށް ކުއްލިއަކަށް ހަނދާންވީ ޔުމާން ބުނި ބަސްތަކެވެ. “ޔުމްނާ މިހާރު ހާދަ އަވަހަކަށް ބިރު ގަނެޔޭ ދޯ؟” އެ ބުނުން ޔުމްނާއަށް މަލާމާތް ކުރާ ކަހަލައެވެ. ޔުމްނާ ފުން ނޭވާއެއް ލިއެވެ. ނޫނެކެވެ. ޔުމްނާއަކީ މިއަށްވުރެ ދަން ގަޑި ގަޑީގައިވެސް ވަލުތެރޭގައި އުޅުނު މީހެކެވެ. މިރޭ ވަކި ބިރުގަންނަންވީ ކީއްވެހެއްޔެވެ؟ ޔުމްނާ ބިރެއް ނުގަންނާނެއެވެ. ފުން ނޭވާއެއްލުމަށްފަހު ޔުމްނާ ހިނގައިގަތެވެ.

ޔުމްނާ ހިނގާފައި ގޮސް ފޯނު އޮތް ހިސާބަށް ދެވުމުން ފޯނު ނަގާ ބަލާލިއެވެ. އޭރު ގަޑިން 12:30 ވެއްޖެއެވެ. ޔުމްނާ ހައިރާންވިއެވެ. އެހާ އަވަހަށް ގަޑި ހިނގީ ކިހިނެއްހެއްޔެވެ؟ އެ ހިޔާލުގައި ހުރެ ޔުމްނާ އޭނާގެ މިސްކޯލު ބަޔަށް ވަނެވެ. އޭރު ރަޝާގެ 5 މިސްކޯލު އޮތެވެ. އަވަސްއަވަހަށް ރަޝާއަށް ގުޅާލިއެވެ. ނަމަވެސް ޔުމްނާގެ ހައިރާން ދެގުނައަށް އިތުރުވެގެންދިޔައީ އެ ނަންބަރަށް ގުޅުމުން ރޭންޖު ނުލިބޭކަމަށް ބުނުމުންނެވެ. އެހެންވާންވީ ކީއްވެހެއްޔެވެ؟ ޔުމްނާއަށް ރަޝާއަށް ގުޅޭތޯ މަސައްކުރަމުން ހިނގަމުންދިޔައިރު އޭނާއަށް ވަލުފަރާތާއި ދިމާއަށް ދެވޭކަމުގެ އިހުސާސެއް ނުކުރެވުނެވެ. އެތައް އިރެއް ވީ ފަހުންވެސް ރަޝާއަށް ނުގުޅުމުން ޔުމްނާ ގަސްތުކުރީ މާދަމާ ގުޅާށެވެ. މިހެން ހިތައި ޔުމްނާ އޭނާގެ ކުރުތާގެ ޖީބަށް ފޯނު ލައިފައި ގެއާއި ދިމާއަށް އެނބުރިލިއިރު ކަމަކުދާކަށް ނެތެވެ. އޭނާ މިހިރީ އަނެއްކާވެސް ރުއްފަލުގެ އެންމެ ގަސްބޯ ދިމާއަށް ވަދެވިފައެވެ. ކުއްލިއަކަށް ދެ ބުޅާ ކޯޅޭ އަޑު އިވެންފެށިއެވެ. ޔުމްނާގެ ގައިން ހީބިހި ނަގައިގަތެވެ. އެ އަޑު އަންނަމުންދިޔައީ ގަސްތަކުގެ މަތިންނެވެ. ދެފިކުރެއްގައި ހުރެ ޔުމްނާ މައްޗައް ބަލާލިއެވެ. ހަނދުވަރު ނުދޭ ރެއެއް ކަމުން ޔުމްނާއަށް ތަންދޮރު ވަކިވާ ވަރެއް ނޫނެވެ. ޔުމްނާ އޭނާގެ ބައްތި ފޯނު ނަގާ އަލިކޮށްލިއެވެ. ފޯނުގެ އަލިން ގަސްތަކަށް ތަފާތު އެކި ޒާތްޒާތްުގެ ހިޔަނި އެޅެމުން ދިޔައެވެ. ކުއްލިއަކަށް ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ޔުމްނާ ސިހުނު ވަރުން އަތުން ފޯނުވެސް ވެއްޓުނެވެ. ބިންމަތީގައި ފަތްތަކާއި ހުއި ގިނަކަމުން ފޯނު ފެންނަވަރެއް ނޫނެވެ. އެހެން ބިންމަތީގައި އަތް ހާކަނިކޮށް ޔުމްނާއާއި ދާދި ކައިރިން އެ ބުޅާ ރޮއިގަތް އަޑު އިވުނެވެ. ޔުމްނާގެ ގައިގައި ހުރި ލޯލިކޮޅުތައް ކޮޅަށް ޖެހިގެން ދިޔައެވެ. މިއީ ސަހަލު ކަމެއް ނޫނޭ ޔުމްނާގެ ހިތް ބުނަމުންދިޔައެވެ. ޔުމްނާ އެހެން ބިންމަތީގައި އަތްހާކަނިކޮށް ފޯނު އަތުޖެހުނެވެ. ޔުމްނާއަށް އެވީ އުފާ ބަޔާންކުރަންވެސް ދައްޗެވެ. އަވަސްއަވަހަށް ގައިގައި ހުރި ވެލިތައް ފޮޅާލުމަށްފަހު ޔުމްނާ ޖެހި ބަޑިއެއްހެން ގެއާއި ދިމާއަށް ދުއްވައިގަތެވެ.

ޔުމްނާ ގޭގެ ދޮރާއި އަރާ ހަމަވުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ނަމަވެސް ދޮރުގެ ތަޅުގައި ހިފަން އަތް ދިއްކޮށްލިތަނާ ދޮރު ބަންލާފައި ޖެހުނެވެ. ޔުމްނާގެ ހިތް ހީވީ މޭފަޅާފައި ނުކުންނަން އުޅުނުހެންނެވެ. އަވަސްއަވަހަށް ދޮރުގެ ތަޅުގައި ހިފާ ދޮރު ހުޅުވޭތޯ މަސައްކަތްކުރިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. ޔުމްނާއަށް ހުރީ ރޮވޭ ނުރޮވޭ ވަރުވެފައެވެ. ނަމަވެސް ޔުމްނާއަކަށް ދޮރުގައި ތަޅާ އެހީއަށް ގޮވާކަށް ނުކެރުނެވެ. އެހެންނޫނީ އޭނާގެ މަންމަމެންނަށް އޭނާ މިރޭ ކުރަން އެ އުޅުނު ކަންތައް ފަޅާ އަރާނެއެވެ. ކުއްލިއަކަށް ޔުމްނާއަށް ހިޔާލެއް ލިބުނެވެ. ޔުމްނާގެ ކޮޓަރީގެ ކުޑަދޮރު ހުންނާނީ އެތެރިއިން ތަންޑު ނާޅުވައެވެ. ޔުމްނާ އަވަސްއަވަަހަށް އޭނާގެ ކޮޓަރީގެ ކުޑަދޮރާއި ވީ ދިމާއަށް ދުއްވައިގަތެވެ. ޔުމްނާގެ ކޮޓަރީގެ ކުޑަދޮރު ހުންނަނީ މަގުމަތި ފަރާތާއި ވީ ވަށާފާރު ކައިރީގައެވެ. ނަމަވެސް އެ ދޭތެރެއަކީ ވަރަށް ހަނި ދޭތެރެއެއް ކަމުން ޔުމްނާއަށް ޖެހުނީ ފާރުގައި ލައްވެލައިގެން ހުރެ ދާށެވެ. ކޮޓަރީގެ ކުޑަދޮރު ހުންނަނީ ފުދޭވަރަކަށް މަތީގައެވެ. ނަސީބު ރަނގަޅުކަމުން އެ ފަރާތުގެ ފާރު ރާނާފައި ހުންނަނީ ތެޅިގަލުންނެވެ. އޭރުން ޔުމްނާއަށް ފާރުން ކުޑަދޮރަށް އަރަން ފަސޭހަވާނެއެވެ. ކުޑަދޮރާއި އަރާ ހަމަވުމުން ޔުމްނާ އޭނާގެ ދޯޕައްޓާ ކުޑަދޮރާއި ޖެހިގެން ހުރި ފަޅޯގަހުގެ އަތްފޯރާ ފަށުގައި ހުރި އޮފިގަނޑެއްގައި އައްސާލިއެވެ. އަދި އޭގެ އެހީގައި ދެ ގާގަނޑު ދޭތެރެއަށް ފައިލައިގެން ޔުމްނާ ފާރަށް އަރަން ފެށިއެވެ. ކުޑަ ދޮރުގެ ފިލާގަނޑާއި އަރާހަމަވުމުން ތޭރީގައި ހިފައި ގަޔާއި ދިމާއަށް ދަމާލިއެވެ. ކުޑަ ތާށިކަމެއް ހުރުމުން ދޮރު ނުހުޅުވުނެވެ. ދެފައި ފަޅޯ ގަހުގެ އޮފީގައި އޮޅާލަމުން ޔުމްނާ ދެއަތުން ތޭރިތަކުގައި ހިފައި އަދި އެއްފަހަރު ދަމާލިއެވެ.

އަޑެއް ކިޔާފައި ކުޑަދޮރު ހުޅުވުނެވެ. ޔުމްނާ ދެއަތުން ދޮރުގެ ކަނީގައި ހިފައި ފަޅޯ ގަހުން ދެފައި ދޫކޮށްލިއެވެ. ހަމައެވަގުތު ވަރަށް ގަދައަށް ވައިޖެހެން ފެށިއެވެ. ފަޅޯގަހުގައި އައްސާފައި އޮތް ދޯޕައްޓާ ވަޔާ ވިހުރެމުން ދިޔައެވެ. ކުއްލިއަކަށް ޔުމްނާއަށް މީހަކު ވައި އަޑުން ގޮވާލިއެވެ. ޔުމްނާ ބަލަން ނުބަލަން ހުރެފައި ފަހަތަށް ބަލާލިއެވެ. ދޮރު ކަނިން އޭނާގެ އަތް ކައްސައިނުލީ ހަމަ ކިރިޔާއެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 1

Other Articles

Previous

އަލީ އާއި އަލީގެ ދޫނި

Next

އެކުގައިވާނަން-5

Next
July 5, 2025

އެކުގައިވާނަން-5

Previews
July 5, 2025

އަލީ އާއި އަލީގެ ދޫނި


All Right Reserved!