ބަދަލް….10
ޚިޔާލުތަކުގެ ތެރޭގައި ދާނެ އައްސޭރިއެއް ނެތި ގެނބެމުންދިޔަ ޒިވިޔަންއަށް ވަށައިގެން ވަމުންދިޔަ އެއްވެސް ކަމެއްގެ ހިލަމެއްނުވާކަހަލައެވެ. ގެއަށްއައިސް ވަތްއިރު ސޯފާގައިއިން ޒައިކް އެތައްފަހަރަކު ގޮވުމުންވެސް ޒިވިޔަންގެ ފަރާތުން ޖަވާބެއްނުލިބުމުން، ޒިވިޔަންއާދިމާލަށް ހިނގައިގަތެވެ. “ޒިވް، ދޮންބެ ކިތައްފަހަރު ގޮވައިފިންތަ؟”. ޒައިކް، ޒިވިޔަންގެ ގައިގައި ކޮށްޓާލުމުން، ޒިވިޔަން ބިރެއްފެނުންހެން ޒައިކްގެ އަތްފޮޅުވާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޒައިކް ކަން ރެޔަކާލުމުން މޫނުމަތިން ނުތަނަވަސްކަން ނުދައްކަން ޒިވިޔަން މަސައްކަތްކުރިއެވެ. “ކީ..ކީއްވެ ދޮ..ންބެ ގޮވީ؟”. ޒިވިޔަންއަށް ވާހަކަދެއްކުނީވެސް އަޅައަޅައިގަންނަމުންނެވެ. “ކިހިނެއްވެފަ ތިހިރީ؟”. ޒިވިޔަންއަށް އައިސްފައިވާ ކުއްލި ބަދަލުފެނުމުން ޒައިކް ހައިރާންވިއެވެ. “ކަމެއްވެފަތަ މިހިރީ؟… ދެންވެސް ބުނެބަ، ކީއްވެހޭ ގޮވީ”. ރުންކުރުގޮތަކަށް ޒިވިޔަން އަހާލިއެވެ. “ކަމަކުއެއްނޫން.. ދޮންބެ ވާހަކައެއްދައްކާލަން އާދެބަ އެއްޗިހި ބަދަލުކޮށްގެން ޓެރަސްއަށް”. ޒައިކް އެހެންބުނުމުން ޒިވިޔަން ބޯޖަހާލަމުން ކޮޓަރިއާދިމާލަށް ހިނގައިގަތެވެ.
ފަނަރަވަރަކަށް މިނެޓުފަހުން ޒިވިޔަން ފެންވަރައިގެން ޒައިކް ބުނިހެން ޓެރަސްއަށް ދިޔައެވެ. ފެންވަރާލުމުން ޒިވިޔަން ހުރީ ހަމައަކަށްއެޅިފައެވެ. ދޮރުހުޅުވާލާފައި، ޒިވިޔަން އެ ތަނަވަސް ޓެރަސްއަށްވަތްއިރު ޒައިކްހުރީ ކޮފީތައްޓެއްހިފައިގެން ބޭރުބަލާށެވެ. ޒިވިޔަން އައިސް ޒައިކްގާތު ހުއްޓުމުން، ޒައިކް ޒިވިޔަންއާ ދިމާލަށް އެނބުރުނެވެ. “ދޮންބެ ދައްކަން މިއުޅޭ ވާހަކައަކީ، މަންމަމެން ފުރާ ހަފްތާގަ ދޮންބެގެ ރައްޓެއްސެއް އެބައާދޭ މިކޮޅަށް ކުޑަ ދުވަސްކޮޅަކަށް. ދެން މަންމަމެން ކޮޓަރީގަ އޭނަ ބެހެއްޓިޔަސް އޯކޭތޯ ދޮންބެ ބޭނުން ޒިވް ކައިރި އަހާލަން. އެއީ، ދޮންބެ ކުޑަކޮށް ބިޒީވާނެ އެކޮޅަށްދާންވާއިރަށް ބައިވަރު ކަންތައްކުރަން އެބަހުރި. ދެން ގިނަވަގުތު ޒިވް އެކަންޏެއްނު ގޭގަ އުޅޭނީވެސް”. ޒައިކް ވާހަކަދައްކަމުންދިޔައިރު ޒިވިޔަންހުރީ ކަނުލާ އަޑުއަހާށެވެ. “ދެން ޒިވް ބުނާނީ ކީކޭ، ދޮންބެ ބޭނުމިއްޔާ ޒިވްއަށް އޯކޭ ހަމަ. މަންމަ ނެތަސް ޒިވްއަށް ވީވަރަކުން ކަންކަންކުރަން މަސައްކަތްކުރާނަން. ޒިވްއަށް ފަހަރެއްގަ ނޭނގިދާނެ ދޮންބެގެ ފޭވަރިޓްސް ހަދަން މަންމަ ހަދާހާ ފުރިހަމަކޮށް، އެކަމަކު ޒިވްއަށް ވީވަރެއްކޮށްދޭނަން”. ޒިވިޔަން ދުރުބަލައިގެންހުރެ ވާހަކަދެއްކިއެވެ. “އެކަމް މިގެއަށް އަންނަނީ ފިރިހެން ކުއްޖެއް”. ޒައިކް ކިރިޔާ ޒިވިޔަންއަށް އަޑުއިވޭވަރަށް ބުނެލިއެވެ. “އޯކޭވާނެއޭ ދޮންބޭ”. ޒައިކްއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޒިވިޔަން ބުންޏެވެ. “އެންމެންނަކީ އެންމެ ފުރިހަމައަށް ކަންތައްކުރެވޭ ބަޔަކަށް ނުވެވިދާނެ، އެކަމް ޒިވްވެސް ވާނެ ކަންތައްތައްކުރަން ދަސްކުރަން. މާދަމާވެސް ގޮސް ރަޔަންއާ އިނީމަ މިހާރު ތިހުންނަހެން ދެއަތް އުރާލައިގެން ނުހުރެވޭނެ، މައިޓު ރުއްސަންވެސް ވާނެއެއްނު”. ޒައިކް ޒިވިޔަންއާދިމާލަށް ލޮލެއްޖަހާލަމުން، ލާނެތް ރާގަކަށް ބުނެލިއެވެ. އަސްލު ޒައިކްގެ މަގްސަދަކަށްވީ ޒިވިޔަން ހެއްވާލުމެވެ. “ދެންން…. ދޮންބެ ކޮންވާހަކައެއްތަ ތިދައްކަނީ، ޒިވް ނޫޅެމޭ މީހަކާ ނީނދެވިގެނެއް”. މޫނަށް އަރާފައިވާ ޖަންބުކުލަ ފޮރުވާލަން، ދެއަތުން މޫނުގައި އަތްއަޅާލަމުން ޒިވިޔަން ބުނެލިއެވެ. “އައްދޭ، ދޮންބެގެ ޕްރިންސަސްއަށް ލަދުގަންނަންވެސް އެނގޭތަ”. ޒިވިޔަން ގައިގައި ޒައިކް ނުހަނު ލޯބިން ބައްދާލިއެވެ. ޒައިކްއާއެކު ވަގުތު ހޭދަކޮށްލުމުން ޒިވިޔަންގެ މޫޑު އެއްކޮށްހެން ރަނގަޅުވިއެވެ. މިއަދު ވީކަންތަކުމަތިން ހަނދާންވުމުން ޒިވިޔަން ނިންމީ ދެން އެކަންތައްމަތިން ހަނދާން ނައްތާލާ ކުރިން އުޅުނުހެން އުޅޭށެވެ. ނަމަވެސް ކުއްލިއަކަށް ހަނދާންވީ މިއަދު ރަޔަން ހިތުގައި ޖައްސާލެވުން ގޮތެވެ. އެހެންކަމުން ޒިވިޔަން ވިސްނީ އެކަން ފޫބައްދަން ކުރާނެ ކަމަކާ މެދުއެވެ.
މަޑުމަޑުން އެނބުރެމުންދިޔަ ފަންކާހަށް ބަލަހައްޓައިގެން ރަޔަންއޮތީ ފުން ވިސްނުމެއްގެ ތެރޭގައެވެ. މިއަދު ޒިވިޔަންއަށް ވީގޮތެއް އޭނާއަށް ވިސްނާ، ވިސްނާ ނޭނގުނެވެ. ހަމަގައިމުވެސް އޭނާ ޒިވިޔަން ހިތުގައިޖެހޭފަދަ އެއްޗެއް ނުބުނެއެވެ. އަނެއްކާ މަންމަމެންނާ މައްސަލައެއްޖެހުނީ ބާއެވެ؟. ނޫނެކެވެ، އެހެންނުވާނެއެވެ. އެހެންވެއްޖެނަމަ ޒިވިޔަން އޭނާއަށް އެކަންތައް ފޮރުވަންވީ ކީއްވެ ހެއްޔެވެ؟. ނުވަތަ ޒިވިޔަންގެ މަންމަމެން އެގުޅުމަށް ނުރުހެނީ ހެއްޔެވެ؟. ސުވާލުތަކުން ސިކުނޑި ފުރެމުންދިޔަވަރަކަށް، ރަޔަންގެ ބޮލަށްބާރުވާން ފެށިއެވެ. ބޮލަން ބާރުވާންފެށުމުން ލޯމަރާ ބާރުކޮށްލައިންއޮތް ރަޔަންއަށް ކުއްލި ސިހުމެއް ލިބިގެނދިޔައީ ކުއްލިއަކަށް ފޯނު ރިންގުވާންފެށުމުންނެވެ. އަވަހަށް ގައިދަށުގައި އޮތް ފޯނުނަގާ ބަލާލިއިރު ސްކީރަށް އަރައިފައި އޮތް ‘ލަވް’ ފެނުމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. ދެވިސްނުމެއްގައި ހުރެފައި، ރަޔަން ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ. “ހަލޯ ރެން؟”. ޒިވިޔަންގެ އަޑުއިވުމުން ރަޔަންގެ ނުތަނަވަސްކަމަށް ކުޑަވަރެއގެ ތަސައްލީއެއް ލިބިގެނދިޔައެވެ. “ހްމްމް، މިފޯނަށް ގުޅީމަ ދިމާވާނި މަށާދޯ”. ރަޔަންގެ ވާހަކައިން އަދިވެސް ރުޅިއައިސް ހުރިކަން އެނގެއެވެ. “އަދިވެސް ރުޅި އައިއްސަތަ؟”. ޒިވިޔަން ސުވާލުކޮށްލުމުން ރަޔަންގެ ފަރާތުން އެއްވެސް ޖަވާބެއްނުލިބުނެވެ. “ރެން… ޖަވާބުދީބަ”. ޒިވިޔަންއަށް ނުހުރެވިގެން ބުންޏެވެ. “ނޭނގެ، މިގަޑީގަ ބިޒީ ދެން-“. “ނުކަނޑާތި، ޒިވްއަށް އެނގޭ ރެން ބިޒީއެއްނޫންކަން. އެބަދަން ތިކޮޅަށް”. ބުނަން ބޭނުންވާއެއްޗެއް ބުނެފައި އިތުރަށް ރަޔަންއަށް ފުރުސަތެއްނުދީ ޒިވިޔަން ފޯނުކަނޑާލިއެވެ. ޒިވިޔަން އަންނަވާހަކަ ބުނުމުން ރަޔަން އަވަހަށް ތެދުވެ، ބޭރު ސޯފާއަށްދިޔައެވެ. ރަޔަން އެހެން އިންނަތާ ފަނަރަވަރަކަށް މިނެޓު ފާއިތުވެގޮސް ހުއްޓާ ޒިވިޔަންއައިސް ދޮރުހުޅުވާލިއެވެ. “ކެން އައި ކަމްއިން؟”. ދޮރުމަތީ ހުރެ ޒިވިޔަން އަހާލިއެވެ. އިރުކޮޅެއްވަންދެން ހުރެފައި ރަޔަންގެ ފަރާތުން އެއްވެސް ޖަވާބެއްނުލިބުމުން ޒިވިޔަން ވަދެ، ތަޅުލާފައިއައިސް ރަޔަންގެ ކުރިމަތީ އިށީނދެ ކަރުގައި އަތްވަށާލިއެވެ. އޭރުވެސް ރަޔަންއިނީ އަޅާނުލާ ފޯނާކުޅޭށެވެ. “ދެންހަމަ އަހަރެން އައިމަވެސް ތިހެން ރުޅިއައިއްސަތަ އިންނާނީ؟”. ރަޔަންގެ ދަތްދޮޅީގައިހިފާ ހިއްލާލަމުން ޒިވިޔަން ބުންޏެވެ. “ލީވް މީ އެލޯން”. ރަޔަން ޒިވިޔަންގެ އަތްފޮޅާ، އަލުން ފޯނާކުޅެން ފެށިއެވެ. ހަމައެވަގުތު ޒިވިޔަން، ރަޔަންގެ އަތުގައި އޮތް ފޯނުނަގާ ދުރުގައި ހުރި ސޯފާއަށް އެއްލާލިއެވެ. “ދެން ރެންއަށް ދެވޭނީ ތިރުޅި މަޑުކޮށްފަ ބައްދާލީމަ”. ދުރުބަލައިގެން އިން ރަޔަންގެ މޫނު އޭނާއާދިމާލަށް އަނބުރާލަމުން ޒިވިޔަން ބުންޏެވެ. “ޒިވް ބައްދާހިއްވާ، ހުރިހާ ވާހަކައެއް ކިޔާދޭހިއްވާ މީހެއްކައިރި ތިހެންބުނެބަލަ”. ޒިވިޔަންއާ ދިމާލަށް ރަޔަން ލޯއަޅާލިއެވެ. “ދެންން އެއްކަލަ ރެން، ތިހެން ނުބުނެބަ. ޒިވް ހުރިހާކަމެއްވެސް އެންމެ ކުރާހިއްވަނީ ހަމައެކަނި ރެންއާއެއްކޮށޭ. އިތުބާރުވެސްކުރަނީ ރެންއަށް. ޒިވް ހަމައެކަނި ލޯބިވެސްވަނީ ރެންދެކެ. ހަމައެކަނި ރެންދެކެ. ޕްލީޒް ދެން ރުޅިއައިސްގެން ނުހުރެބަ”. ވާހަކަދައްކާ ނިމުންއިރު ޒިވިޔަންހުރީ ރަޔަންއަށް ފުރަގަސްދީގެން ކޮޅަށެވެ. ޒިވިޔަންގެ ވާހަކަތަކުން ރަޔަންގެ ރުޅިގަނޑު ފިނިވެގެންދިޔައެވެ. އަދި ކޫސަނި ކަމަކު އެކުއްޖާދެކެ އެހާވަރަށް ރުޅިއާދެވުނީތީ ދެރަވެސްވިއެވެ. އެކަމަކު ރަޔަން މަސައްކަތްކުރީ މޫނުމަތިން އެކަން ނުދައްކާވޭތޯއެވެ. ޒިވިޔަން އެހެން ފަހަތަށް ބަލާވެސްނުލާ ހުއްޓާ ރަޔަން ކުއްލިއަކަށް ޒިވިޔަންގެ އަތުގައި ހިފާ ގެނެސް އޭނާގެ ފައިމަތީ ބޭނދިއެވެ. “އެހެންތަ؟…. ހަމައެހާވެސް ލޯބިވޭތަ؟”. ޒިވިޔަންގެ މޫނުމައްޗައް އެޅިފައިހުރި އިސްތަށިތައް ކަންފަތް ބިއްދޮށަށްލައިދެމުން ރަޔަން އެއްސެވެ. ނުވިސްނާ ހުއްޓާ ރަޔަންކޮށްލިކަމަކުން ޒިވިޔަން މުޅިން ފިނިވެގެންގޮސް މޫނަށް ޖަންބުކުލަ ވެރިވެގެންދިޔައެވެ. “ޒިވް… ސުވާލެއްކޮށްލަންތަ؟”. ޒިވިޔަންގެ ގަނޑުފެންކޮޅެއްފަދައިން ފިނިވެފައިވާ އަތުގައި ހިފާލަމުން ރަޔަން އަހާލިއެވެ. “ހްމްމް، އަހާލަބަ”. ޒިވިޔަން އިނީ ވަތަށް އިސްޖަހައިގެންނެވެ. “އަސްލު ކީއްވެތަ ޒިވް އަހަރެންދެކެ އެހާ ލޯބިވަނީ. ވަކި އެހެންމީހުންގެ ނެތް ކޮން ސިފައެއް ހުރެގެން؟”. ޒިވިޔަންގެ ދަތްދޮޅީގައިހިފާ މައްޗައް ނަގާ، ސީދާ އޭނާގެ ކަނޑެއްފަދަ ފުން ދެލޮލަށް ބަލަންއިނދެ އަހާލިއެވެ. “ޒިވް ރަޔަންދެކެ ލޯބިވީ ރަޔަންގެ ބޭރުން ފެންނަން ހުންނަ ސިފަތައްދެކެ އެކަންޏެއްނޫނޭ… ޔޫ އާރ ޖަސްޓް ޑިފަރެންޓް.. ދެންން ރަޔަންގެ ޕާރސަނާލިޓީއާ، ހުރިހާ ސިފަތަކެއްވެސް ޒިވްއަށް ވަރަށް ކަމުދޭ”. ޒިވިޔަން ކިޔައިދޭން އެންމެ ފަސޭހަކޮށް ކިޔައިދިނެވެ. ހަޤީޤަތުގައި ޒިވިޔަން އެސުވާލަށް ސީދާ ހިތުގައި އޮތް ޖަވާބު ދޭންވެއްޖެނަމަ ކިތަންމެ ދިގުދެމިގެންވެސް ހިނގައިދާނެއެވެ. “އެހެންވެއްޖެއްޔާ ދީބަ ވަރަށް ލޯބި ހަގްއެއް….ޕްލީޒް”. ރަޔަން އެހެންނުބުނެގެން މިއޮއްހުރިހާއިރު އިން ޒިވިޔަން ވަގުތުން ރަޔަން ގައިގައި ބައްދާލިއެވެ. ޒިވިޔަން ގައިގެ ހޫނު އިހުސާސްވުމުން ރަޔަންގެ ހިއްސުތަކަށް އެނގުންވެލައިގެންދިޔަ ކަހަލައެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި އެ އިހުސާސްތަކުގެ މައްޗައް ބާރުފޯރުވާ، އަމިއްލަ ނަފްސު ކޮންޓްރޯލްކޮށްލިއެވެ. ޒިވިޔަންއަށް ދެރައެއްދިނުމަކީ އޭނާއަށް ދުވަހަކުވެސް ކުރެވޭނެ ކަމެއްނޫނެވެ. ލޯބީގެ ކަނޑުގައި ޣަރަގުވަމުންދިޔަ ރަޔަންއާއި، ޒިވިޔަންއަށް ހަމަބިމަށް އާދެވުނީ ދޮރުގައި ޓަކިޖަހާލި އަޑަށެވެ.
އެއޮށް ލޯބި ވަގުތު ޚަރާބުވުމުން ރަޔަން ފޫހިކަމާއެކު ދޮރުހިޅުވަންދިޔައީ އެމީހަކާދިމާލަށް ކުދިކިޔަމުންނެވެ. އެއީ ކޮންމެ މީހަކަސް މިގަޑީ އަންނަންޖެހޭ ހެއްޔެވެ؟. އަމިއްލަ ނަފްސަށް މަޖުބޫރުކޮށްގެން ރަޔަންގޮސް ދޮރުހުޅުވިއިރު ކުރިމަތީގައި ހުރީ ޒައިޝާންއެވެ. ރަޔަން ޒައިޝާންއާ ދިމާލަށް ދެލޯއަޅާލަމުން ދޮރު ބޮޑަށް ހުޅުވާލީ ޒައިޝާން އެތެރެއަށް ވަންނަން ފުރުސަތުދެމުންނެވެ. އެތެރެއަށް ވަދެގެންއައި ޒައިޝާންއަށް ސޯފާގައިއިން ޒިވިޔަންފެނި މި ވަދެވުނީ ނުބައި ގަޑިއެއްގައިކަން ޝައްކުވިއެވެ. އަދި ޖެހިގެންއިން ސޯފާގައި އޮތް ފޯނުފެނި، ޝައްކު ޔަގީންވިއެވެ. “ހޫމް، މިހެންވެ ދޯ މިއޮށް ހުރިހާއިރު މަ ގުޅާ ގުޅާ ފޯނުނުނެގީ… އަނެއްކާ މާ ބިޒީ ގަޑިއެއްގަތަ މިއާދެވުނީ”. ރަޔަންއާ ދިމާކޮށްނުލާ ޒައިޝާންއަށް ހަމަ ކެތްނުކުރެވުނެވެ. “އާނ ހަމަ ވަރަށް ވަރަށް ބިޒީ ގަޑިއެއްގަ ތިއައީ، އެންޑް ކައެ މަ ފޯނަށް ގުޅިނަމަ މަށަށްވެސް އަޑުއިވޭނެދޯ މަމީ ކައެ ކަހަލަ ބީރެއްނޫންވިއްޔަ”. ރަޔަންވެސް އަނގައިންދެރަނުވާން ބުނެލިއެވެ. “ތެދެއް ޒިވް، މަ ނުގުޅަންތަ އެ ފޯނަށް؟”. ޒައިޝާން ކުރި ހޯދަން ޒިވިޔަންކައިރި އަހާލިއެވެ. “އަހަހަ، ޒިވް އަޑެއްނާހަން ފޯނު ރިންގުވި އަޑެއް”. ޒިވިޔަން ހިނިގަނޑެއްޖަހާލަމުން ބުންޏެވެ. “ހޫމް، މާ މަސައްކަތް ބުރަކޮށް ދަންޏާ އަޑެއްނީވޭނެއެންނުދޯ، އަޅެ ރަޔަން ބަލާބަ މަ ގުޅީ ކިތައްފަހަރުތޯ”. ރަޔަން އެންމެފަހުން ހަތިޔާރު ބަހައްޓާ ފޯނުބަލާލިއެވެ. ތެދެކެވެ. ޒައިޝާން އޭނާއަށް ބާރަފަހަރު ގުޅާފައި އިނެވެ. “އޯކޭ އޯކޭ… ކީއްވެ ގުޅީ މާ ވަރަކަށް؟”. “އެސައިންމަންޓް ނިންމާފަ ފޫހިވެގެން. ދެން ނޭނގޭނެއެއްނު މިހެންވެދާނެކަމެއް.” ލާނެއް ހިނިގަނޑެއްޖަހާލަމުން ޒައިޝާން ބުނެލިއެވެ. “ރެން، ދޮންބެ އެބަހުރި ތިރީގަ މިތާ ފިހާރައަކަށް އައިސް، ޒިވް ދަނީއޭ ދޮންބެއާއެކީ، މިރޭ ގުޅާނަން”. ރަޔަން އެންމެ ރަނގަޅުކަމަށް ބުނުމުން، ރަޔަންގެ ކޮލުގައި ބޮސްދީފައި، ޒައިޝާން އެއްޗެކޭ ބުނުމުގެ ކުރިން ޒިވިޔަން ނިކުމެގެންދިޔައެވެ. “އޮހޯ ހޯހޯ… ކައެމެންވެސް ރޯމިއޯ އެންޑް ޖޫލިއެޓްއަށްވުރެ ވަކި ތަންފުކެއްވެސް ދެރައެއްނޫނޭ”. ޒައިޝާން ބުނެލިއެއްޗަކުން ރަޔަން، ޒައިޝާން ކޮނޑުގައި ބޮނޑިއެއް އަޅާލިއެވެ. “އޭ ބްރޯ، ދެން މެރީކުރާކަށް ނުވިސްނަންތަ؟”. ޒައިޝާން ސީރިއަސްވެލަމުން އަހާލިއެވެ. “އާނ، އަދި ނުވިސްނަން ތިހާ ހިސާބަށް ދާކަށެއް…. މަށާދޭތެރޭ ތިވަރަށް ނުވިސްނަބަ، ޝާން ކޮންއިރަކުތަ ކުއްޖަކާ ރައްޓެހިވާނީ؟، ތިހެން ހުއްޓާ މިހާރު ތިބޮލުގަ ނުރަފަޅަނީ މިއޮއްގެން ހެހެހެ”. ޒައިޝާންގެ އިސްތަށިގަނޑުގައިހިފާ ދަމާލަމުން ރަޔަން ބުނެލިއެވެ. ރަޔަން މަޖަލަކަށް ނަމަވެސް މިބުނެވުނީ ނުބައިއެއްޗެއްކަން ވިސްނުނީ ޒައިޝާން ކުއްލިއަކަށް ހަމަހިމޭން ވުމުންނެވެ. އެހެންކަމުން ރަޔަންވެސް އިތުރަށް އެވާހަކަ ނުދައްކައެވެ.
ރަޔަންމެންގެއިން ޒައިޝާން އައީ އިޝާނަމާދަށްފަހުގައެވެ. މަންމަ ގުޅާފައި ވަރަށް މުހިންމު ވާހަކައެއްދައްކާލަން އައުމަށް ބުނުމުން ޒައިޝާންއަށް އިތުރަށް މަޑުކުރަން ނުކެރުނީއެވެ. އެހެންކަމުން ގެއަށްއައިސް އެންމެ ފުރަތަމަވެސް ޒައިޝާން ދިޔައީ އޭނާގެ މަންމަމެން ބަޔަށެވެ. ޒައިޝާން އެބަޔަށް ދިޔައިރު ޒީނާއާއި ޒިޔާންތިބީ ކާމޭޒުދޮށުގައެވެ. “އަނހާ، މިއޮށް އައީއެންނު… ދަރިފުޅު އާދެ ކާން”. “ރަޔަންމެން ގެއިން ކައިގެން މިއައީ، މަންމަ ކޮން ވާހަކައެއްދައްކަން އަންނާށޭބުނީ؟”. ޒައިޝާންހުރީ ޒީނާ ދައްކާވާހަކައެއް އަޑުއަހާހިތުން ކެތްމަދުވެފައެވެ. “އާނ އެއީ… މަންމަ މި ވިސްނަނީ އީޝަލް މިގެއަށް އެއްކޮށް ބަދަލުކުރަން. އެއީ މަންމަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް. އޭނަ ވަރަށް ހާލުދެރަވެގެން އީޝަލްއާ ހަވާލުވާނެ އިތުރު މީހެއްނެތީމަ މަންމަ އޭނައާ ހަވާލުވީ، އިޝަލް ދަރިފުޅަށްވުރެ ދެއަހަރު ހަނގުވާނެ. ދެން ދަރިފުޅުގެ ވިސްނުމަކީ ކޮބާ މިކަމަށް؟”. ޒިނާ އިޝަލްއާބެހޭ ހުރިހާ ވާހަކައެއް ޒައިޝާންއަށް ކިޔައިދިނެވެ. “މަންމަ ތިހެންތިކަން ކުރަން ބޭނުމިއްޔާ އަޅުގަނޑު ހަމަ އެއްބަސް. އެކަމް، އީޝަލްގެ އާއިލާގެ ދެންތިބި މީހުން ކޮބާ؟”. ޒައިޝާން އިތުރަށް އެނގެންބޭނުންވިއެވެ. “އީޝަލްގެ ބައްޕަ ނިޔާވީ މިދިޔައަހަރު އެކްސިޑެންޓެއްވެފަ. އީޝަލްގެ އެއްބަނޑުއެއްބަފާ ދެން އެއްވެސްމީހެއްނުހުރޭ، ދެންން މަންމަފަރާތުވެސް ބައްޕަފަރާތުވެސް އާއިލާއާ އެއްވެސް ކަނެކްޝަންއެއްނޯވޭ”. އީޝަލްގެ ހާލަތު އެނގުމުން ޒައިޝާންގެ ހިތުގައި އީޝަލްގެ މައްޗަށް ހަމްދަރުދީ އުފެދުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ސުޒީ ކަންތައްކުރިގޮތް ހަނދާންވުމުން ފޫހިވެސްވިއެވެ. ނޫނެކެވެ. ސުޒީއާއި އީޝަލްގެ ތަފާތު އެންމެ ފުރަތަމަ ފެނިލުމުންވެސް އެނގުނެވެ. ސުޒީއާ ޚިލާފަށް އީޝަލް ބަސްމަދުވެފައި މަޑުމައިތިރިއެވެ. އީޝަލްގެ ޚިޔާލުތަކަށް ގެނބެމުންދިޔަ ޒައިޝާންއަށް ހޭވެރިކަންވީ ޒީނާ އަނެއްކާވެސް ވާހަކަދައްކަން ފެށުމުންނެވެ. “އަދި މަންމަ އެބައޮތް ދަރިފުޅުކައިރި ބުނަންޖެހޭ ވާހަކައެއް”. “އެއީ ކޮންވާހަކައެއް؟”. ވަރަށް ފަރުވާތެރިކަމާއެކު ޒީނާގެ މޫނަށް ބަލާލަމުން ޒައިޝާން ބުންޏެވެ. “މަންމަމެން އެޕާޓްމަންޓްގަ އީޝަލް ބެހެއްޓޭކަށްނެތް ގެސްޓް ރޫމް އިނީ މަރާމާތުކުރަންޖެހިފަ، އެހެންމަ ދަރިފުޅުބައިގަ ބަހައްޓާލަދޭންވީއެއްނު އަނެއް ކޮޓަރީގަ؟، އޭރަށް ދަރިފުޅުގެ ކަންތައްވެސް މަންމަ އޮފީހުގަ އުޅޭ ވަގުތު އޭނަ ކޮށްދޭނެ.” ޒީނާ އެހެންބުނުމުން ޒައިޝާން ވަގުތުން ދެކޮޅުހަދަން ބޭނުންވިއެވެ. ނަމަވެސް މަންމަގެ އެދުމެއް ބޮލާލާޖަހާކަށް ނުކެރުނެވެ. އެހެންކަމުން ބޯޖަހާލުމަކުން ފުއްދާލިއެވެ. “އެހެންމަ މާދަމާ ހެނދުނަށް ކޮޓަރި ރެޑީކޮށްފަ މަންމަ ބުނާނަން އީޝަލްކައިރި. އެންމެ ރަނގަޅު ދެން ދަރިފުޅު ދިޔަސް”. ޒީނާ އެހެންބުނުމުން، ޒައިޝާން އަމިއްލަ އެޕާޓްމަންޓަށްދާން ހިނގައިގަތެވެ.
އެޕާޓްމަންޓަށްވަދެ ޒައިޝާން އެންމެފުރަތަމަވެސް ބެލީ އީޝަލް އުޅެން ހަމަޖައްސާ ކޮޓަރި ހުރިގޮތެކެވެ. ނަސީބަކުން އެތަން ބަލަހައްޓާމީހާ، އެތަން ބަރާބަރަށް ސާފުކޮށްފައިހުރުމުން މާބޮޑަށް ހިރަފުހެއްވެސް ނެތެވެ. ނަމަވެސް ބެޑުޝީޓު ކޮންމެވެސްވަރަކަށް މިލަވެފައިހުރުމުން އޭނާ ބޭނުންވީ އެ ބަދަލުކުރާށެވެ. އެހެންކަމުން އޭނާ އަމިއްލައަށް އަލަމާރިން އުރަބައެއް ހިފައިގެންއައިސް އުރަބަދަލުކޮށްލިއެވެ. އެންމެ ފަހުފަހަރަށް ހުރިހާތަނެއް ރަނގަޅުތޯ ބަލާލާފައި އަމިއްލަ ކޮޓަރިއަށް ނިދަން ދިޔައެވެ. ޒައިޝާން ފެންވަރާލައިގެންއައިސް އޮށޯތުމުން ވަރުބަލިކަން އިހުސާސްކުރެވުނެވެ. ނަމަވެސް ނިދީގެ ކަންފުޅެއްވެސް ނެތެވެ. މިރޭ މަންމަދެއްކި ވާހަކަތައް އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔައެވެ. ކޮޅުކޮޅަށް ފުރޮޅި ފުރޮޅި އޮތް ޒައިޝާންއަށް، މެންދަމު ދެގަޑި ބައިވީއިރުވެސް ނިދޭގޮތެއްނުވިއެވެ. އެހެންކަމުން ތެދުވެ ފޯނުނަގާ ރަޔަންގެ ނަމްބަރަށް ގުޅާލީ އެއްގޮތަކަށްވެސް ނަގާނެކަމަށް އުންމީދުކޮށްގެނެއްނޫނެވެ. އެންމެފުރަތަމަ ގުޅިއިރު ރަޔަން ކޯލްވެއިޓިންގައި ހުރިތަންފެނުމުން ރަނގަޅަށްވެސް ވެގެންއުޅޭގޮތް އޭނާއަށް އެނގުނެވެ. “ކަލޭ މިގަޑީގަ ނުނިދާ ކީއްކުރަނީތަ؟”. ޒައިޝާން ވަގުތުން ރަޔަންއާ ދިމާކުރަންފެށިއެވެ. “ހޯން، ކަލޭ ތިއޮތީ ނިދާފައޭދޯ މިގަޑީ”. ރަޔަންވެސް ދެރަނުވާންވެގެން ރައްދުދިނެވެ. “ކަލެއާހެދީ މަށަށް މިއުޅެނީ ހަމަނޭވާއެއްނުލެވިގެންނޭ. ރޭގަނޑަސް، ދުވާލަސް، ހަވީރަސް ކަލޭ. މަ ރައްޓެހިވާންވީ ޝާންއާ ކަންނޭނގެ”. ރަޔަން އަމުނާލި ފަތިވަރުން ޒައިޝާން ކައިރިއަށް ހިނިއައެވެ. “ހެހެހެ…. އާނ މަ ރަޔަންދެކެ ވަރަށް ލޯބިވެއޭ. ޕްލީޒް ބީ މައިން ބޭބީ”. ފިލްމީ ގޮތަކަށް ޒައިޝާން ވަގުތުން ބުނެލިއެވެ. “ކަލޭ ތިގުޅީ މާފޮޅުވަންކަމަށްވިއްޔާ ބުނެލަންއޮތީ ނެތޭ ޝައުގެއް… ކަލޭ ތި ފިލްމުޖައްސަން ކޮންމެސް އެހެންމީހަކު ހޯދާ”. ރަޔަން އެހެންބުނުމުން ޒައިޝާންގެ އަނގައިން ނިކުތީ އީޝަލްގެ ނަމެވެ. އޭނާ ރަޔަންއަށް އެގުޅީވެސް އެވާހަކަ ދައްކާށެވެ. ނަމަވެސް ވަރުގަދަ ސަކަރާތްގަނޑަކު ޖެހުމުން ހަނދާނުން ކައްސާލީއެވެ. ޒައިޝާން ވައިއަޑުން ކޮންމެސް އެއްޗެކޭ ބުނުމުން ރަޔަން ކީކޭތޯ އެހުމުން ޒައިޝާން އެއްޗެކޭ ނޫނޭ ބުނުމުން ފޯނު ކަނޑާލިއެވެ. ރަޔަން ފޯނު ކަނޑާލިތާ އިރުކޮޅަކުން ޒައިޝާންވެސް ނިދީގެ ފުންކަނޑަށް ގެނބިގެންދިޔައެވެ.
ދުވަސްތައް އޭގެ ބާރުމިނުގައި ފާއިތުވަމުންގޮސް މިއަދަކީ ހުކުރުދުވަހެވެ. ރަޔަންގެ އާއިލާ މިއަދު ކާން ދައުވަތު ދީފައިއޮތުމުން އެވާރޓަން ފެންނަނީ ނުހަނު ހަލަބޮލިކޮށެވެ. ޒިވިޔަން އާއި އޭނާގެ މަންމަ ފަރިޝާގެ އިތުރުން ނޯކަރުންވެސް ހަރަކާތްތެރިވަމުންދިޔައީ އެކި ބާވަތުގެ ކާއެއްޗެހި ތައްޔާރުކުރުމުގައިއެވެ. އެތައް ވަގުތަކާއި، ބުރަމަސައްކަތަކުން އެންމެފަހުން ޒިވިޔަން ކާމޭޒު ތައްޔާރުކޮށްފައި ފެންވަރަންދިޔައީ ހުކުރުވަގުތު ނިމެންއުޅެނިކޮށެވެ. ފަނަރަވަރަކަށް މިނެޓުފަހުން ޒިވިޔަން ނިކުތީ ރީނދޫކުލައިގެ އަތްދިގު ޓީޝާޓަކާއި ގަދަނޫކުލައިގެ ޖިންސެއްލައިގެންނެވެ. ބޮޑު ދައްޗަކުން އިސްތަށިގަނޑު ހައްޔަރުކުރެވިފައިވާއިރު ބާލާލަން ނުހަނު ރީއްޗެވެ. “އަނހާ މިއައީނު ޒިވް. ބޭބެމެން ކާންގެނެއްސަ ޒިވް ތިއުޅެނީ ފިލައިގެން”. ޒިވިޔަން ގައިގައި ލޯބިން ފިރުމާލަމުން ރިޔާދުބުނެލިއެވެ. “ނޫނޭ، ޒިވް ފެންވަރާލަން ވަތްތަނުން ތިއައީ. ހިނގާ އަވަހަށް”. ރަޔަންއާ ދިމާލަށް ވަށްކަޅިން ބަލާލަމުން ޒިވިޔަން ބުނެލިއެވެ. ޒިވިޔަން އެހެންބުނުމުން އެންމެން ކާމޭޒުކައިރިއަށް މިސްރާބުޖެހިއެވެ. ފަރީޝާއާއި ރިޔާނާވެސް ކޮންމެސް އޮލަ ވާހަކައެއްގައިތިބެގެން އެމީހުން ފަހަތުން އައެވެ. ކާމޭޒު ވަށައިގެން ރަޔަންގެ އާއިލާއާއި، ޒިވިޔަންގެ އާއިލާތިބިއިރު ރަޔަންއިނީ ޒިވިޔަންގެ ކުރިމައްޗައްވާގޮތަށެވެ. އިރުއިރުކޮޅާ ރަޔަން، ޒިވިޔަންކައިރި ކޮންމެސް އެއްޗެއްކިޔާލުމުން ޒިވިޔަން މަޑުމަޑުން ހީލައެވެ. އެއްވެސްމީހަކަށް މިކަން ރޭކާނުލީ އެންމެންވެސް އެމީހުންގެ އަމިއްލަ ވާހަކައަށް ހުސްވެފައިތިބީމައެވެ. ނަމަވެސް ރަޔަންއާ ޖެހިގެންއިން ޒައިކްއަށް މިކަންތައް ސިއްރުވާގޮތެއްނުވިއެވެ. ނޭނގޭކަމަށް ހަދާފައި ޒައިކްގެ ފޯނުގައި މި މަންޒަރު، އޭނާ ރައްކާކުރަމުންދިޔައެވެ. އެންމެން ކައިނިމުމުން ދެން ދެކެވިގެން ދިޔައީ ޒިވިޔަންގެ މައިންބަފައިން ރާއްޖޭން ބޭރަށް، ދިގުމުއްދަތަކަށްދާ ވާހަކައެވެ. ކިތަންމެ ދާންބޭނުން ނުވިޔަސް ނުގޮސްވާންނެތްކަމަށް ފަރީޝާ ބުނެލީ މާޔޫސްވެފައި އިނދެއެވެ. “ޕިސް، ފަރިއްތަ ހާސްނުވެބަ ޒެކްއާ ރަޔަންއާ މިތިބީނު ޒިވް ބަލަން ދޯ ޒެކް؟، އިރާދުކުރެއްވިއްޔާ ބުޅަލަކަށްވެސް ޒިވްއަށް ވައި އެޅިޔަކަނުދޭނަން”. ރަޔަން ޒައިކްއަށް ދޯ ދެމުން މިހެންބުނެލީ، ތަނަށް ވެރިވެފައިވާ ނުތަނަވަސްކަން ކަނޑުވާލާށެވެ. ކަންވީވެސް އެހެންނެވެ. ރަޔަން އެހެންބުނެލުމުން އެންމެން ހޭންފެށިއެވެ. “ފަރިއްތައަށް އެނގޭ ރަޔަން ޒިވްދެކެ ލޯބިވާވަރު”. ފަރީޝާ، ލޮލެއްޖަހާލަމުން ބުންޏެވެ. ރަޔަންގެ މޫނަށް އަރައިގެންދިޔަ ކުލަވަރު ފެނުމުން ޒަމްހާންގާތަށްއައީ ލާނެއް ހިންޏެކެވެ. “އެހެންވީމައޭ ބައްޕަ މިބުނަނީ ޒިވްއާ ރަޔަންއާ އަވަހަށް ކައިވެނިކުރާށޭ”. ޒަމްހާން އެމައުޟޫ ފެށުމުން މުޅިތަން ހަމަހިމޭންވެގެންދިޔައެވެ. “ހެހެހެ ކިހިނެއްވީ، އަނެއްކާ ނުބުނަންވާވަރުގެ އެއްޗެއްތަ މިބުނެވުނީ؟…. މިހެން ބުންޏަސް ބައްޕަ ޒިވްއަކަށް މަޖުބޫރެއްނުކުރާނަން ކައިވެނިކުރާކަށް، ތި ދެކުދިންނަށް އެނގޭނީ ދިކުދިން ކައިވެނި ކުރާނެއިރެއް. ބައްޕެއްނޫނެއްނުދޯ ކައިވެނިކުރަން މިއުޅެނީ”. ޒަމްހާން ވާހަކަދައްކާ ނިންމާލިއިރު އެންމެންވެސްތިބީ ހަމަޖެހިފައެެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ…. ދެން ހިޔެއްނުވޭ ފުރުމުގެކުރިން ދިމާވާނެހެނެއް، އަންނަ ހަފްތާ ވަރަށް ބިޒީކޮށްދާނީ، އެކަމަކު ކިރިޔާވެސް ވަގުތެއްވިއްޔާ އަންނާނަން”. ރިޔާދު ތެދުވެ ދާން ހިނގައިގަތުމުން ފަހަތުން ރިޔާނާވެސް ދިޔައެވެ. “ފަރީޝާ، ޒަމްހާން… ހިތްހެޔޮކުރާތި، ޒިވްވެސް”. ފުޅާ ހިނިތުންވުމަކާއެކު، ރިޔާނާ ޒިވިޔަން ގައިގައި ބައްދާލިއެވެ. “އަހަރުމެން އަބަދުވެސް ހިތްހެޔޮ”. ރިޔާނާމެން ފަހަތުން ނިކުންނަންދިޔަ ރަޔަންވެސް، ޒަމްހާންއާއި ޒައިކްއާ ސަލާމްކޮށް ދަނީކަމުގައި ބުނެލިއެވެ. އަދި އެއްވެސް މީހަކަށް ނުފެންނާނެހެން ޒިވިޔަންއަށް ‘ފްލައިން ކިސްއެއް’ ފޮނުވާލިއެވެ.
ޒައިޝާން ހުކުރުންފާބައިގެން ގެއަށް އައިއިރު މަންމަމެން ފެންނާކަށްނެތެވެ. ގުޅާލުމުން ބޭރުގައިއުޅޭވާހަކަ ބުނުމުން ޗޮކެއް ކަނޑާލާފައި އަމިއްލަ އެޕާޓްމަންޓަށް ދިޔައެވެ. އީޝަލްވެސް މިހާރު އެބައިގައި އުޅޭތީ އޭނާގެ ހުރިހާކަމެއް ބަލަހައްޓައިދެނީ އީޝަލްއެވެ. ކުލިދައްކައިގެން ހުންނަވާހަކަ އީޝަލްދެއްކުމުން ޒީނާއާއި ޒިޔާން އެކަމަށް އެއްބަސްނުވުމުން އީޝަލްބުނީ އެބައިގައި އުޅޭހާ ހިނދަކު ޒައިޝާންގެ ހުރިހާކަމެއް އޭނާ ކޮށްދޭނެކަމަށެވެ. އެންމެފަހުން ޒީނާއާއި ޒިޔާންއަށްވެސް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ޚިޔާލެއް ފިކުރެއްނެތި، ލައިގެންހުރި ހުދުކުލައިގެ ގަމީހުގެ ގޮށްތައްނައްޓަމުން ދޮރުންވަތް ޒައިޝާންއަށް ނޭފަތްދަމާލެވުނީ ކުއްލިއަކަށް ދުވަންފެށި ބިރިޔާނީ ވަހަކުންނެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ބަދިގެއަށްދެވުނީ ބަނޑުހައިވެފައިހުރިލެއް ބޮޑުކަމުންނެވެ. އޭނާ، ބަދިގެއަށްވަތްއިރު ކާމޭޒުމަތީގައި ބިރިޔާނީ ތައްޓަކާއި ސެލެޑު ތައްޓެއްހުއްޓެވެ. “ޝާން އައީތަ؟. މިހިރީ އަހަރެން ޝާންއަށް ހަދާފަހުރި ބިރިޔާނީ”. ފުޅާ ހިނިތުންވުމަކާއެކު އީޝަލް ބުންޏެވެ. މިވީ ކުޑަދުވަސްކޮޅުތެރޭ ޒައިޝާންއާއި އީޝަލްވަނީ ރަހުމަތްތެރީންނަށްވެފައެވެ. ނަމަވެސް މަދުފަހަރަކު ފިޔަވާ އީޝަލް އެހެން ފޯރިއަރާފައި ބަހެއްބުނެލާއަޑު ނީވޭނެއެވެ. ޒައިޝާން އަވަހަށް ކޮޓަރިއަށްގޮސް ގަޔަށް ޓީޝާޓެއްމަހާލަމުން އަވަހަށްއައިސް ކާންއިށިނެވެ. ޒައިޝާންއަށް އިންތަނުން ގުޑާނުލެވޭވަރަށް ކެވުނުއިރުވެސް ރޭކާނުލީ، ބިރިޔާނީ މީރުކަމުންނެވެ. ކަމުންދިޔައިރުވެސް އީޝަލްގެ ކެއްކުމަށް އެތައް ތައުރީފެއްކުރިއެވެ. އެންމެފަހުން ފަޅައިގެންދާވަރަށް ކެވުމުން ޒައިޝާން އިންތަނުން ތެދުވިއެވެ. އޭރު އީޝަލް ފޯނެއް އައިސްގެން ކޮޓަރިއަށް ވަނުމުން ޒައިޝާން އަމިއްލައަށް މޭޒުމަތި ސާފުކޮށް ތަށިތައްނަގާލީ، އިތުރަށް އީޝަލްއަށް ބުރައެއްނުޖެއްސުމަށެވެ. ޒައިޝާން ކައިގެން އައިސް ސޯފާގައި އޮއްވާ ފޯނު ރިންގުވާންފެށިއެވެ. ކަންނެތަކަމާއެކު ފޯނުނަގާ ބަލާލިއިރު ގުޅަމުންދިޔައީ ރަޔަންއެވެ. “ހަލޯ، އޭ ހިނގާބަ ހަވީރު ބޭރަށްދާން…. މަށާ، ކަލެއާ ޒިވްއާ. ކުޑަ ގެ-“. ރަޔަން ވާހަކަދައްކާ ނިމެންދެންވެސް ޒައިޝާންއަށް ކެތެއްނުކުރެވުނެވެ. “ރަޔަންއާ ޒިވްއާ މާފޮޅުވާތަން ބަލަން މަ ގެންދަނީ؟”. މޫނައް ވައްތަރެއްޖައްސާލަމުން ޒައިޝާން ބުންޏެވެ. “އާނ ދެން ޝާންއާއެއްކޮށްވެސް މާފޮޅުވާލާނަމޭ، އަންނާތި ރަސްފަންނަށް ހަތަރެއްޖަހަންވާއިރަށް”. އެވަގުތު ޒައިޝާންއަށް މޮޅު ޚިޔާލެއްއައެވެ. “އޭ ބްރޯ، އޯކޭތަ އީޝް ގޮވައިގެން ދިޔަސް؟”. ކުރީދުވަހު ޒައިޝާންވަނީ އީޝަލްގެ ވާހަކަ ރަޔަންއަށް ކިޔާދީފައެވެ. ނަމަވެސް ޒައިޝާންގެ އިހުސާސްތައް ނުކިޔައިދެއެވެ. “އާނ އޯކޭ ޝާން ބޭނުމިއްޔާ ގެނައަސް”. އެހެންބުނެފައި ރަޔަން ފޯނު ކަނޑާލިއެވެ. ދެންއޮތީ އީޝަލްގާތު އެވާހަކަ ބުނުމެވެ. ޒައިޝާން ފޯނު ލައިގެން ހުރި ޖިންސުގެ ޖީބަށްކޮށްޕާލާފައި ހިނގައިގަތީ އީޝަލްގެ ކޮޓަރިއާދިމާލަށެވެ. އެކޮޓަރި ދޮރުމަތީހުރެގެން ހަށިފުރާނޭވާއެއްލާފައި ޒައިޝާން، ޓަކިޖަހާލިއެވެ. ދެފަހަރު ޓަކިޖަހާލުމުން ނަސީބަކުން އީޝަލް ދޮރުހުޅުވާލިއެވެ. “ވާހަކައެއްދައްކާލަން ބޭރަށް އާދެވިދާނެތަ؟”. އީޝަލް ބޯޖަހާލުމަށްފަހު އައިސް ސޯފާގައި އިށީނެވެ. “ބިރިޔާނީ ވަރަށްމީރު އިނގެ، އަދި އަހަރެން އެހާމީރު ބިރިޔާނީއެއްނުކަން ހަމަގައިމުވެސް ހެހެހެ….އާނ އީޝް މަންމައަށް ރަނގަޅުތަ މިހާރު؟”. ޒައިޝާންފެށީ ދުރުދުރުންނެވެ. “ތެންކިޔު…. މަންމައަށް ދެންން ރަނގަޅު އެކަމަކު އަދިވެސް ހޭނާރާ”. އީޝާލް އިސްޖަހައިންއިނދެ ބުންޏެވެ. “އިރާދުކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ، އަހަރުމެންނަށް އޮތީ ދުޢާކުރުން… އީޝްއަށް ކެރޭނެތަ އަހަންނާއެކީ ހަވީރު ރަސްފަންނަށްދާން؟، ހުކުރުދުވަސްވީމަ ކުރާނެވަކި ކަމެއްވެސް ނޯންނާނެއެންނު. ދެން އަންނަ މަގުމަތީގަ ހޮސްޕިޓަލަށްވެސް ވަދެލާނީ”. ޒައިޝާން ސުވާލުކުރުމުން އީޝަލްއަށް ދެކޮޅުހަދާކަށް ނުކެރުނެވެ. އެހެންކަމުން ބޯޖަހާލިއެވެ. “އޯކޭ އެހެންމަ ހަތަރެއްޖަހާއިރަށް ރެޑީވާތި، އަދި އަހަންނަށް އީޝްގެ ނަމްބަރވެސް ދީބަ.. އެއްގެއެއްގަ އުޅޭއިރު އެނގުން މުހިނމުވެދާނެތީ”. އީޝަލް ނަމްބަރުދީފައި އަވަހަށް ކޮޓަރިއަށްދިޔައީ ހަވީރަށް ތައްޔާރުވާށެވެ.
ހަތަރެއްޖަހަން ފަނަރަމިނެޓަށް ވެފައިހުއްޓާ ޒައިޝާން ތައްޔާރުވާންދިޔައެވެ. ކޮޓަރިއަށްވަދެ އަލަމާރިން ކަޅުކުލައިގެ ޓީޝާޓަކާއި މަޑުބިސްކުލައިގެ ކާރގޯޕޭންޓްސްނަގާލިއެވެ. އެއަށްފަހު އޭނާގެ ދިގުވެފައިވާ އިސްތަށިގަނޑު ތަރުތީބެއްނެތް، އެހެނަސް ރީތިގޮތަކަށް ސްޓައިލްކޮށްލިއެވެ. އެންމެ ފަހުކަމަކަށް ސެންޓުފުޅީނަގާ ޖަހަންފެށިއެވެ. އެޖަހަމުންގޮސް އަމިއްލަމީހާ ކޮށިއަރާވަރުވުމުން ފޯނާ ތަޅުދަނޑި ނަގައިގެން ބޭރަށްނުކުތެވެ. ހަމައެވަގުތުވީ އީޝަލްވެސް ބޭރަށްނުކުތް ވަގުތަށެވެ. ގަދަނޫކުލައިގެ ހައިވެއިސްޓަކާއި، ކަޅުކުލައިގެ ޓޮޕެއްލައިގެންހުރިއިރު އީޝަލްއާ ނުލާހިކުގުޅެއެވެ. އޭނާގެ ރާޅުބާނީ، ދިގު އިސްތަށިގަނޑު މިނިވަންކޮށްލެވިފައިވާއިރު އެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ޒައިޝާންއަށް ހުރެވުނީ އީޝަލްއާދިމާލަށް ކަޅިވެސްޖަހާނުލާ ބަލަހައްޓައިގެންނެވެ. “ވޯހް، ޔޫ ލުކް ސްޓަނިންގް”. ބޭއިޚްތިޔާރުގައި ޒައިޝާންއަށް ބުނެވުނެވެ. “ހެހެ ތޭންކްސް ފޯ ދަ ކޮމްޕްލިމެންޓް”. އިސްޖަހާލަމުން، ކިރިޔާ ޒައިޝާންއަށް އަޑުއިވޭވަރަށް އީޝަލް ބުންޏެވެ. ޒައިޝާން އީޝަލްގޮވައިގެން ސައިކަލުން ރަސްފަންނަށްދިޔައިރު އެދެމެދުގައި އެއްވެސްވާހަކައެއްނުދެއްކެއެވެ. ދިހަ މިނެޓުގެ ދަތުރަކަށްފަހު އެމީހުންގެ މަންޒިލަށް ވާސިލްވެވުނެވެ. ސައިކަލު ޕާކްކޮށްލުމަށްފަހި ރަސްފަންނަށްވަދެގެންއައި ޒައިޝާންއަށާއި، އިޝަލްއަށް ގިނަބައެއްގެ ނަޒަރު ހުއްޓެމުންދިޔައެވެ. ހަވީރު ވަގުތުކަމުން ރަސްފަންނުގައި ފުދޭވަރަކަށް މީހުންވެސް ގިނައެވެ. ރަސްފަންނަށްއައިސް މާގިންއިރުނުވެ ނަސީބަކުން ޒައިޝާންއަށް ރަޔަންއާއި ޒިވިޔަން ފެނުނެވެ. ނަމަވެސް އެމީހުންނަށް ޒައިޝާން ނުފެނުމުން، އޭނާއަށް މޮޅު ޚިޔާލެއްލިބުނެވެ. އެހެންކަމުން އީޝަލްގާތު ވާންމިއުޅޭގޮތް ކިޔައިދީފައި ޒައިޝާން މިސްރާބުޖެހީ ފަހަތަށްއެނބުރިގެން އިން ޒިވިޔަންއާ ދިމާލަށެވެ. މަޑުމަޑުން ޒިވިޔަންގާތަށް ގޮސް ޒައިޝާން، އޭނާގެ ކަންފަތް ކައިރިއަށް ގުދުވިއެވެ. “ޕޮއް”. ޒައިޝާން ހަޅޭލަވައިގަތުމުން، އޭނާގެ މަޤްސަދު ރަނގަޅަށްވެސް ހާސިލުވިއެވެ. ޒިވިޔަން ސިއްސައިގެންގޮސް ޒައިޝާންއަށްވުރެ ބާރަށް ހަޅޭލަވައިގަތެވެ. އެހިސާބު މީހުންމަދުކަމީ ނަސީބެކޭ ޒިވިޔަން ހިތަށްއެރިއެވެ. އޭރުު އީޝަލްވެސް މި މަންޒަރުބަލާފައި ހެމުންދިޔައެވެ. ޒައިޝާންވެސް ބިނދިބިނދިފައި ހެމުންދިޔައިރު ރަޔަން މަސައްކަތްކުރީ ނުހީ ވޭތޯއެވެ. “ކަލޭ ކީއްތަތިކުރީ، އެފަކީރު ކިރިޔާނު ހިތްނުހުއްޓުނީ”. ރަޔަން އެންމެފަހުން ޒައިޝާންއާ ދިމާލަށް ބުނެލިއެވެ. “އޭނަ މާ ލޯބިކޮށްއިނީމަ ސިއްސުވާލީ، ދެން މަވެސް އޭނަ ހިތްހުއްޓޭވަރެއް ނުކުރާނަމެއްނު ދޯ ޒިވް”. ޒައިޝާން ބަލާލިވަގުތު ޒިވިޔަން ވަގުތުން ލޯއަޅާލިއެވެ. “އެހެހެ އެހެރީ ރުޅިއައިއްސަ، މިހާރު ތިހާ ތުންދިގުވަންޏާ މާކަނައަކަށް ބަދަލުވެދާނެއޭ”. ޒައިޝާން ޒިވިޔަންގެ ބޮލުގައި ޖަހާލަމުން ދިމާކޮށްލިއެވެ. އޭރު އީޝަލްވެސް އެދިމާލަށް އަންނަނީއެވެ. “ގާއިޒް… މީ އީޝަލް، ޝާންގެ ފްރެންޑެއް ޔޫ ކޭން ކޯލް ހާރ އީޝް، އެންޑް އީޝް، މީޓް މައި ޗައިލްޑްހޫޑް އެންޑް އޯލްޓައިމް ބެސްޓީ ރަޔަން އެންޑް ހިޒް ގާރލް ޒިވިޔަން، ވި ކޯލް ހާރ ޒިވް”. ޒައިޝާން އީޝަލްއަށް ރަޔަންއާއި ޒިވިޔަން ތަޢާރަފްކޮށްދިނުމުން އީޝަލް އެދެމީހުންނަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. “ޝާން، ހާދަ ރީތިކުދިން ގެންގުޅެއޭދޯ… މީ މިހާރު އީޝްގެވެސް ފްރެންޑްސްކަމަށް ހީކޮށްލާ…އާދެބަ ކޮޅަށްނުހުރެ އިޝީންނަން މިތާ”. ޒިވިޔަން އެހެންބުނުމުން ރަޔަން އޭނާއިން ގޮނޑި އިޝަލްއަށް ދިނެވެ. “ހެހެހެ ތޭންކްސް”. އީޝަލް ޒިވިޔަންއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. “އީޝަލްއަށް ހަމަ އެވޯރޑްއެއްދޭންވަނި”. ރަޔަން އީޝަލްއާދިމާލަށަ ބަލާލަމުން ބުންޏެވެ. “އެއީ ކީއްވޭ؟”. އީޝަލްއަށް ރަޔަންބުނީ ކީކޭކަމެއް ނަގައިނުގަނެވުނެވެ. “ޝާން އެހާ ޖެއްސުން ބޮޑުއިރު އޭނައާއެއްކޮށް އުޅޭތީ”. ރަޔަން މަޖާވެލާފައި ބުނެލީ ޒައިޝާންއާ ދިމާކޮށްލާހިތުންނެވެ. “އޯވ، ޝާން ނަސީބަކުން އީޝްއަށް އަދި ތިކަހަލަ ޖެއްސުމެން ނުކުރޭ ހެހެހެ….އެހެންނޫނަސް އީޝް ދެން ނިކުމެގެންދާންވެސްޖެހޭނީ ހޮސްޕިޓަލަށް”. ކިތަންމެ މަޖާވެލާފައި އެހެންބުންޏަސް، އީޝަލްއަށް އަމިއްލަ މީހާގެ ނިކަމެތިކަން އިހުސާސްކުރެވުނެވެ. ރަޔަންއަށް މިބުނެވުނީ ކިހާވަރެއްގެ އެއްޗެއްކަން އިހުސާސްކުރެވުނީ ދެނެވެ. ނަމަވެސް އެންމެންގެ މޫޑު ހަރާބުނުކުރަން ރަޔަން ދެން އެވާހަކައެއްނުދައްކައެވެ. “މަށާ ޝާންއާ އަންނާނަން އައިސްކްރީމް ގަނެގެން، ޒިވްއާ އީޝްއާ މިތާ މަޑުކޮށްލައްޗޭ”. ރަޔަން ގައިގައިހުރި ވެލިތައް ފޮޅާލަމުން ބުންޏެވެ. “ދެން ތިދެމީހުން އެތަނަށްގޮއްސަ ތަތްލަވާނީކީއެއްނޫން…. މާލަސް ވަންޏާ އަހަރުން ދާނަން މިތަނުން”. ޒައިޝާންއާ ރަޔަންއާ ތާކަށްގޮއްސިއްޔާ އެތަނަކުން އަންނާނީ މުޅިއެތަން ހިތުދަސްކޮށްގެންކަން ޒިވިޔަންއަށް އެނގެއެވެ. “ހޫން އެއްކަލަ ޒިވްއޭދޯ… ރަޔަންއާ ދުރުގަ އެންމެ ސިކުންތަކަށްވެސް ނުހުރެވެންޏާ ތެރަސްލާފަ ތަތްކޮށްދީފާނަމޭ”. ޒިވިޔަންއާ ދިމާލަށް ވައްތަރެއްޖައްސާލަމުން ޒައިޝާން ރަޔަންގެ ފަހަތުން ހިނގައިގަތެވެ. ނަސީބަކުން ދިހަމިނެޓުތެރޭ ރަޔަންމެން އައިސްކްރީމް ގަނެގެން އައެވެ.
އެކިީމީހުންގެ ދުރުއުޅުމަށް އެކި ކުލަތައް ވެރިކުރަމުން ދިރިއުޅުން ކުރިއަށްދަމުންދިޔައެވެ. ވަޤުތު އޭގެ ޒިންމާ އަދާކުރަމުން ދިޔައިރު، ޙަޔާތުގެ ސަފްޙާތައް ގަނޑަކަށް ފަހު ގަނޑެއް މާޒީއާ އެކުވަމުނދިޔައެވެ. ގިނަދުވަސް ވީވަރަކަށް އީޝަލްއާއި އެންމެންގެ މެދުގައި އޮންނަ ގުޅުންވެސްއައީ ވަރުގަދަވަމުންނެވެ. ޒިވިޔަންގެ މަންމަމެން ފުރުމުންވެސް، ޒިވިޔަން އެކަނިވާނެތީ އީޝަލް އެގެއަށް ގޮސްހަދައެވެ. ޒައިޝާންގެ ހިތުގައިވެސް އީޝަލްއަށްވަނީ ތަފާތު އިޙުސާސްތަކެއް އުފެދިފައެވެ. ނަމަވެސް، އެ އިހުސާސްތަކުގެ މައްޗައް ބާރުފޯރުވާލަނީ މިއޮއްހާދުވަހު ފަސްއަޅާ ފޮރުވާފައިވާ އޭނާގެ މާޒީ އަލުން ހަނދާންކުރަން ބޭނުންނުވާތީއެވެ. ލޯބި އެއް އިރެއްގައި ޒައިޝާންއަށް ކެސްދިނުމުން އޭނާއަށްވަނީ އެބަހުގެ މާނަ އޮޅިފައެވެ. އޭނާއަށް މިހާރު އެ ލޮތްބަކީ ބޭކާރު އެއްޗެކެވެ. އަނެއްހެން ބުނާނަމަ އޭނާވަނީ ފޫއްސެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ރަޔަންގެ ފޯނަށް ގޮތްނޭނގޭ ކޯލްތަކެއް އަންނަމުނދިޔައެވެ. އަދި ހަމަ އެ ނަމްބަރުން މެސެޖުކޮށްވެސް ހަދައެވެ. ނަމަވެސް އެއީ ކާކުކަމެއް ރަޔަންއަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. ކޮންމެދުވަހަކު ބާރަޖަހާއިރު އަންނަ މިކޯލަށް ރަޔަން ކޮންމެ ރެޔަކު ބީރުކަންފަތެއްދިނަސް މިއީ ކާކުގެ ކަމެއްކަން އޭނާ ބަލަން ބޭނުންވިއެވެ. ޒައިޝާންގާތުވެސް އެވާހަކަ އަހަންއުޅެފައި އަޅާނުލީ އޭނާގެ ފަރާތުން އެއްވެސް އެކަހަލަކަމެއް ޝައްކުނުކުރެވޭތީއެވެ. އަދި ރަޔަންހެދި ‘ޕްލޭން’ އާ އެއްގޮތަށް ފުރަން ގާތްވެފައި އޮއްވާ އިތުރު މައްސަލައެއް ފެންމަތިވެއްޖެނަމަ އޭނާ ކުރަންއުޅޭ ކަންތަކަށް ބުރޫއަރާނެކަން އޭނާވެސް ދަނެއެވެ. ޒިވިޔަންގެ މަންމަމެން ފުރުމުން ރަޔަން ނިންމީ އަވަހަށް ފުރާށެވެ. ޒިވިޔަންއާއި އީޝަލްގާތުވެސް މިވާހަކަ ބުނުމުން އެމީހުންވެސް އެކަމަށް ފުރިހަމަ އެއްބާރުލުންދޭނެކަމަށްބުނީ ނުހަނު އުފަލާއިއެކުއެވެ. އެހެންކަމުން ރަޔަންމެންގެ ރޭވުމަށް އިތުރު އެއްބާރުލުމެއް ލިބުނީއެވެ. އުއްމީދުގެ ހުޅުކޮޅު އިތުރަށް އަލިގަދަވީ ސަބަބަކަށް ޒިވިޔަންއާއި އީޝަލްގެ އެއްބާރުލުން ވެގެންދިޔައެވެ. ފުރާދުވަސް ގާތްވަމުންދިޔަ ވަރަކަށް ރަޔަންބެލީ ޒިވިޔަންއާއި ވީހާވެސް ކައިރީގައި އުޅެވޭތޯއެވެ.
(ނުނިމޭ)
އަޟްޙާ ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ކިޔުންތެރިންނަށް އަރިސްކުރަމެވެ. ❤️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

