އެކްޓަރ (ޕާޓް 13)
ލަޔާލީ ނަޔާންއާއި މާ ވެފައި ވާހަކަދައްކާތަން ފެނި އަނޫކްގެ މޫނުމަތި މުޅިން ބަނަވިއެވެ.ނިތައް ރޫތައް ގިނަކޮށްލައިގެން ހުރެ، އޭނާ އައިސް ސައިކަލަށް އަރާ ސްޓާޓް ކޮށްލިއިރު، ކަތުރު ކަށިގަނޑަށްވެސް ހުރީ ވާން ވެލައިފައެވެ.ނަޔާން އާއި ދިމާލަށް އޭނާ ބަލައިލި ފާޑުން ނަޔާން ދެކެވެސް އޭނާ ހުރީ ރުޅި އައިސްފައި ހެން އަހަންނަށް ހީވިއެވެ.ލަޔާލީ ދެކެ އެހާ ފޫހިވާ މީހަކު އެހެން މީހަކު ލަޔާލީ އާއި ’ފްލާޓު‘ ކުރާތީ ހިތް ހަމަނުޖެހެންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އެމީހަކަށް ކަމުދާ މީހެއް އެނގޭނީ ހަމަ އެމީހަކަށް ނޫން ހެއްޔެވެ؟
****
އެ ރަށުގެ ރީތި ކަމާއި، ރަށް ފުށުގެ ދިރިއުޅުން ފެނި އަހަރެންނަށް ހުރެވުނީ އާޝޯޚުވެފައެވެ.ރަށް ފުށުގެ ދިރިއުޅުން އަސްލު ހާދަ ސަޅިއޭ އަހަރެންގެ ހިތަށް އެރިއެވެ. މިކަހަލަ ރަށެއްގައި ދިރިއުޅެވޭން އޮއްވައި މާލެ ކަހަލަ ’ކޮންކްރީޓް‘ ޖަންގައްޔެއްގައި ދިރިއުޅެން ބޭނުންވާނީ ބޮޑު މޮޔައެކެވެ.
****
ތޮއްޑޫ ގައި ހޭދަ ކުރި ފުރަތަމަ ދުވަސް އެހާ ހަލަބޮލިކޮށް ދިއުމުން, އަހަރެން ހުރީ ވަރުބަލިވެފައި ހުރި ވަރުން، ގޮސް ތަނެއްގައި ފޫ ޖައްސައިލަން ބޭނުންވެފައެވެ. ބޭރުން އައި ގޮތަށް ނަޔާން އާއި އަނޫކްވެސް ރޭގަނޑު ކައިގެން ކޮޓަރިއަށް އެ ވަތް ގޮތަށް ފޯނަކާއި ފޯނެއް ދޫކޮށްލައިފައި ނިދައިފިއެވެ. އައްޒާމް އޭނާގެެ އަންހެނުންނަށް ވީޑިއޯ ކޯލު ކޮށްގެން އިރުކޮޅަކު އޮތެވެ.އަހަރެންވެސް މަންމަ މާ ވަރަކަށް ގުޅާފައި އޮތުމުން ވީ ކީއްތޯ ބަލައިލަން ގުޅައި ލީމެވެ.ހީ ކުރި ގޮތަށް މަންމަވެސް މާ ވަރަކަށް ގުޅާފައި އޮތީ އުސައިދުއާއި މަންމަގެ ކައިވެނީގެ ޚަބަރު އަހަންނަށް ދޭށެވެ. މަންމަ ކީ ހާ އެއްޗަކަށް އާނ ހޫނު ކިޔާ ކިޔާ އޮއްވައި އަހަރެންގެ ދެލޮލަށްވެސް އިސާހިތަކު ނިދި ސަވާރު ވެއްޖެއެވެ.
*****
ދުވަސްތައް ފާއިތުވަނީ ހާދަހާ އަވަހަށެވެ.މިހާރު އަހަރެމެން ތޮއްޑޫއަށް އައިތާ ދެ ހަފްތާއާއި ގާތް ކުރަނީއެވެ. މިހާރު ޝާއީގެ ބައްޕަވެސް ރަށަށް އައިތާ ދުވަސްކޮޅެއް ވެއްޖެއެވެ.މާމައާއި ޚިލާފަށް އެ މީހާއަކީ ވަރަށް ބަސްމަދު މީހެކެވެ.އެހާ މަޑުމައިތިރިއެވެ. އެހެނަސް ހަމަ މާމަހެން ނިކަން ހިތް ހެވެވެ.އެކަމަކު ޝާއީގެ އެ ހުންނަނީ ބޮޑަށް އޭނާގެ މަންމަގެ ގޮތްތާއޭ އަހަރެންގެ ހިތަށް އެރިއެވެ.
****
ފާއިތުވީ ދުވަސްތަކުގެ ތެރޭގައި، ވަރަށް ރަނގަޅަށް ޝާއީގެ މިޒާޖު އަހަންނަށް އެނގި ދަސްވިއެވެ. އެއީ ފިސާރި ލާނެތް ކަމެއް ދެއްވާފައި ހުރި ކުއްޖެކެވެ. މީހަކަށް ލަނޑެއް ދެންޏާ މުގުލުގައި ހުންނަނީ އޭނާއެވެ.މިހާރު އެއްދުވަހު ނަޔާން ފަކީރު އަވަދި ކޮށްފިއެވެ.ކެތް ނުވާވަރަށް މިރުސް އަޅައިގެން ނޫޑްލްސް ކައްކާ ބަހައްޓާފައި، ލަޔާލީ ލައްވާ އެސޮރަށް އެ ކާންދިނީއެވެ.ލަޔާލީ އާއި ހެދި ހޭބަލިވެފައި ހުންނަ ވަރުން، އެސޮރު ވެސް އެމަންޖެ ބުނީމައި އެ ކެއީއެވެ. އެދުވަހު އެސޮރު ފަކީރު ކުޅިވެގެން އެ ތެޅުނު ހާލު އަދިވެސް އަހަންނަށް ސިފަވެއެވެ.އައްޒާމުއާއި ނުބެހި ހުރެދާނޭ ހީކުރެވުނީވެސް މޮޔަކަމުންނެވެ.އެއްދުވަހަކު އެސޮރު ޖޯލިފަތީގައި އިންދާ ފަހަތުން އައިސް އުނގަށް ބުޅަލެއް ލައިފިއެވެ.އެދުވަހު އައްޒާމް ފަކީރު ކިރިޔާ ހޭ ހުރިކަމެވެ.ފިރިހެނެއް ކަމަކު އޭނާއަކީ ބުޅާ ދެކެ އިންތިހާއަށް ބިރުގަންނަ މީހެކެވެ. އެކަން ޝާއީއަށް އެނގުނީ އަނޫކްގެ ފަރާތުންނެވެ.
****
ދެން ހުރީ އަހަންނެވެ.އަހަންނަށް ގިރާ ކޮފީ ތަށްޓަށް ލޮނާއި އަޖިނަމުޓޯ އަޅާ މިކަހަލަ ކިތަންމެ ސަކަރާތެއް މިހާރު އޭނާ ޖަހައިފިއެވެ.ނުވިތާކަށް މިހާރު އެއް ފަހަރަކު އަހަންނާއި މުޑިވެސް އަރައިފިއެވެ.ބައެއް ފަހަރު ޝާއީވެސް އުޅޭނީ ހިފި ނުހުރެގެންނެވެ.ކުރަން އުޅޭ ކަމެއް ނުނިމެންޏާ ދެން ހަމަ އެއްތާކު ދެފައި ނުޖަހާނެއެވެ. އަދި އެދުވަހު އަހަރެމެންގެ ’އެ އެކްސިޑެންޓް‘ ’ލައިވް‘ކޮށް އަނޫކް އަށް ފެނުނެވެ.އޭގެ ފަހުން އޭނާގެ ކަމަކީ އަހަންނާ ޝާއީއާއި އަޅުވާ ކިޔުމެވެ.
****
ވީ ގޮތަކީ އަހަރެން ފެންފުޅިއެއް ބަލައި ކާގެއަށް ވަންނަން ދިޔަތަނާ ޝާއީ ކާގެއިން ނުކުންނަނިކޮށް އޭނާގެ ގައިގައި ލައިގަތީ އެވެ. ފިލްމުތަކުގައި އެ ފެންނަހެން އަހަރެންވެސް ޝާއީ ވެއްޓުނަ ނުދީ ހިފެހެއްޓީމެވެ.އޭރު އޭނާވެސް ހުރީ ނޭވާ ހިފަހައްޓާލައިގެން ހުރި ކަހަލަ ގޮތަކަށެވެ.މޫނުވެސް ހުރީ ރަތް އަރާފައެވެ. އެމަންޒަރު އަހަރެންގެ ފަސްފަހަތުން އައި އަނޫކް އަށް ފެނިގެން އަހަރެމެން ދެމީހުން ’ރޮމޭންޓިކް ސީންއެއް‘ ކުޅެލީއޭ ކިޔައި ދިމާ ފަށެއް ކޮށްލިއެވެ.ދެން ގޮސް އެވާހަކަ ނަޔާން އާއި އައްޒާމް ގާތުގައި ކިޔައިގެން އެ މީހުންވެސް އޭނާއާއި ބައިވެރި ކުރުވިއެވެ. އަނެއްހެން ބުނަންޏާ އެމީހުން އަހަންނާއި ޝާއީ ’ޝިޕް‘ ކުރީއެވެ. ފިރިހެނަކަށް ވިޔަސް އަހަރެންވެސް އެދުވަހު ވަރަށް ލަދުގަތެވެ. އެ މީހުންނަށް އެނގިގެން އެވަރަށް ދިމާކުރަން ފެށުމުން ޝާއީވެސް އެދުވަހު ދެން ހުރީ ފާޑަކަށް ރަކިވެފައެވެ.
****
ޝާއީ އެކޭ އެއްވަރަށް ލަޔާލީ ވެސް މިހާރު އަހަންނާއި ’ކޮމްފޮޓަބަލް‘ ވެއްޖެއެވެ.އޭނާ އަކީ ކިތަންމެ ފޮނި އަދި މި ޒަމާނުގެ ގިނަ ކުދިން އުޅޭހެން، އެކަކާއި ރައްޓެހި ވެލާފައި ،އަނެކަކާއި ރައްޓެހި ވެލާފައި އުޅޭ ކަހަލަ ކުއްޖެކޭ ހީ ކުރެވުނަސް ހަގީގަތަކީ އެޔެއް ނޫނެވެ.އަސްލު އޭނާއަކީ ވަރަށް ހިތްހެޔޮ، މީހުންނާއި ގުޅޭ، ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ބައެއް ފަހަރު އޭނާ އުޅޭލެއް ގާތް ކަމުން އެހެން ގޮތެއް އަދި ހީވި ޔަސް ހަގީގަތުގައި އެއީ އޭނާއަށް އޭނާގެ މައިންބަފައިން ދިން ތަރުބިއްޔަތުގެ ނަތީޖާއެވެ.ލަޔާލީގެ މަައިިންބަފައިން އޭނާ ބަލާ ބޮޑުކޮށްފައި ހުރީ ހުޅަނގުގެ ވައްޓަފާޅިއަށެވެ. ހެދުން އެޅުންވެސް ހުރީ އެގޮތަށެވެ. ދަންނަ މީހުންނާއި ބައްދަލުވީމައި ’ހަގް‘ ކޮށްލުމަކީވެސް އޭނާގެ އާދައެކެވެ.އެކަހަލަ ކިތަންމެ ދިވެހި އާދަކާދައާއި ބީރައްޓެހި ކަންތައްތަކެއް އޭނާގެ ފަރާތުން އަހަންނަށްވެސް ފެނުނެވެ.އެހެނަސް ލަޔާލީ އަދި އަލަށްވެސް ކުއްޖަކާ ރައްޓެހި ނުވެއެވެ. އަނޫކް ފެނުނު ހިސާބުން އޭނާގެ ހިތް އަނޫކްއަށް ހިބަކޮށް ނިންމައިފިއެވެ.އަނޫކް އޭރު އޭނާ ބަލައިގަތް ނަމަ މިހާރު އޭނާ އިންނާނީ ވެސް އަނޫކްގެ އަންބެއްގެ ގޮތުގައި ކަންނޭނގެއެވެ.އެހާވެސް ލަޔާލީ އަނޫކް ބޭނުންވެއެވެ.އަހަންނަށްވެސް ނޭނގުނީ އަނޫކް ލަޔާލީ ’ރިޖެކްޓު‘ އެ ކުރާ ސަބަބެވެ.
****
އެކަމާ އަހަރެން އަނޫކްއާއި ސުވާލުކުރުމުން އޭނާ ހުރީ ހަނެވެ.އަމިއްލަ އިހުސާސްތައްވެސް ގަބޫލުކުރަން އޭނާ ބޭނުން ނުވާ ކަހަލައެވެ.އަހަރެން ތަކުރާރުކޮށް އަހަން ފެށުމުން އޭނާ އުޅުނީ މަޢުޟޫ ބަދަލުކޮށްލާށެވެ.އެހެނަސް އަހަރެން ގޮތުގައި ހިފެހެއްޓުމުން އޭނާ ބުނިހާ ވެސް އެއްޗަކީ އޭނާއާއި ފްލާޓް ކުރަމުން ދިޔަ ދުވަސްކޮޅު ލަޔާލީ އެހެން ފިރިހެނަކާއި ގައިގޯޅިވީ މަންޒަރު އޭނާއަށް ފެނުނު ވާހަކައެވެ.އިތުރަށް ނުބުނި ނަމަވެސް އަނޫކް އެ ހުންނަނީ އެކަން ހިތު އަޅައިގެން ކަން އަހަންނަށް އެނގުނެވެ.ބައެއް ފަހަރު އޭނާ ވަރަށް ބޯ ހަރު ވާނެއެވެ.ގޮތުގައި ހިފަހައްޓާނެއެވެ.
****
ތޮއްޑޫ ދަތުރުގެ ކޮންމެ ދުވަހެއްވެސް ވެއަތު ވަމުން ދިޔައީ ވަރަށް ’ހެޕެނިން‘ ކޮށެވެ. ޝާއީ އާއި ލަޔާލީ އަކީ ވަރަށް ހިންގާލަން ދަންނަ ދެމީހުންނެވެ.ފޫހިވާނޭ ވަގުތެއް އަހަރެމެނަކަށް ނުލިބެއެވެ.ރަށުގައި ތިބި އަނޫކް އާއި ޝާއީގެ ރައްޓެހިންނާއި އެކުވެ އެހާ ތަނަށް ދިޔައިރު،ގުރޫޕު ގަނޑުވެސް އޮތީ ބޮޑުވެފައެވެ.
****
މަސް ދަތުރަކު ދާން އެންމެން މަޝްވަރާ ކުރަން އެއްވެ ތިބީ ލަޔާލީމެންގެ ގެސްޓު ހައުސް އާއި އިންވެގެން ހުރި އެމީހުން ހިންގާ ’ބީޗް ވިއު‘ ނަމަކަށް ކިޔާ ރެސްޓޯރަންޓް ގައެވެ.ދެ މޭޒު ގުޅުވާލައިގެން ވަށައިގެން އެންމެން ގޮނޑިތަކުގައި ތިބިއިރު އެންމެންވެސް ދިޔައީ ކޮފީއަކަށް އިންސާފު ކުރަމުންނެވެ.
****
’ސޯ… ގާއިޒް….ސަމް ވަން ވެރީ ސްޕެޝަލް އިޒް ޖޮއިނިން އަސް ޓުނައިޓް!‘ ލަޔާލީ ވަރަށް ފޮނިވެލާފައި ފުޅާ ހިނިތުންވުމަކާއިއެކު ބުނެލިއެވެ. ދެން ފޯނު ނަގައި މެސެޖެއް ޓައިޕް ކޮށްލިތަން ފެނުނެވެ. އޭރު އެންމެންވެސް ތިބީ އެމީހުންނާއި ބައިވެރިވާން އެ އުޅޭ މެހުމާނަކީ ކާކުތޯ ބަލައިލުމުގެ ޝައުގު ބޮޑުވެފައެވެ.ޚާއްސަކޮށް އަނޫކްގެ ދެލޯ ރެސްޓޯރަންޓްގެ މައި ދޮރަށް އަމާޒުވަމުން ދިޔަލެއް ގިނައެވެ.
****
ދިހަ ވަރަކަށް މިނެޓް ފަހުން ރެސްޓޯރަންޓްގެ މައި ދޮރުން ވަދެގެން އަންނާތީ ފެނުނީ އިސްކޮޅުން ދިގު، ކަސްރަތީ ހަށިގަނޑެއްގެ ވެރި ޒުވާނެކެވެ.ހުދު ކުލައިގަ ’ލިނަން‘ އަތް ކުރު ގަމީހަކާއި ކްރީމް ކުލައިގެ ސޯޓެއްގައި އެ ޒުވާނާ ފެންނަލެއް ވަރަށް ފިރިހެންވަންތައެވެ.އޮޅަލި ކުލަ އަރާ ހަންގަނޑާއި، ހިސާބަކަށް ކުލައަށް ބަދަލު އައިސްފައި ކަނދުރާއާއި ހަމައަށް ހުރި ބުޅި އިސްތަށިގަނޑު ހެކި ދިނީ އޭނާ އަކީ އަވީގައި ގިނަ ވަގުތުތަކެއް ހޭދަ ކުރާ ޒުވާނެއް ކަމެވެ.
****
އެ ޒުވާނާ ފެނި އަނޫކް ހުރީ ދެލޯ ބޮޑުވެ، ޝޮކެއް ޖެހިފައި ހުރި މީހަކު ފަދައިން ހުއްޓުން އަރައިފައެވެ. އަނޫކްއަށް ވީ ގޮތް ފެނި އެ ޒުވާނާއަކީ ކާކުކަން އެނގުމުގެ ޝައުގު އަހަރެންގެ ހިތުގައި އިހުނަށް ވުރެވެސް ބޮޑުވެގެން ދިޔައެވެ.ޝާއީވެސް އިނީ އޭނާ ލައި ލައި އިން ނޭވާ ވެސް ހިފަހައްޓާލައިގެން އިން ފަދަ ގޮތަކަށެވެ.
****
’ހޭއި… އައި މިސްޑް ޔޫ!‘
ލަޔާލީ ތެދުވެގެން ދިޔަ ގޮތަށް އެ ޒުވާނާގެ ގައިގައި އޮޅުލައިގަތެވެ. އެ ޒުވާނާ ވެސް ހީލަމުން ’ހޭއި ޕްރިންސެސް‘ އޭ ކިޔައި ލަޔާލީގެ ގައިގައި ބައްދާލި ގޮތަށް އެނާ ބިމުން މައްޗަށް އުފުލައިލިއެވެ.
****
އެމަންޒަރު ފެނި އަހަންނަށްވެސް ވީ އަނޫކްއަށްވެސް ވީ ކަހަލަ ގޮތެކެވެ.ލަޔާލީ އެ ޒުވާނާ އާއި އެހާ ގައިގޯޅި އެވީ އޭނާ ފުރާނަ ފަދައިން ލޯބިވާ ކަމަށް ދައުވާ ކުރާ އަނޫކްގެ ކުރިމަތީގައެވެ. އިސާހިތަކު އަނޫކްގެ މޫނުމަތިން ފާޅުވީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އެ މަންޒަރު ފެނި އަހަރެންގެ ސިކުނޑިވެސް ސުވާލުތަކުން ފުނި ޖެހުނެވެ.އެއީ ފަހެ ކާކު ހެއްޔެވެ؟ލަޔާލީ އާއި އޭނާގެ ގުޅުމަކީ ކޮބައި ހެއްޔެވެ؟ އެއީ ލަޔާލީގެ ހަގީގީ ލޯބިވެރިޔާ ހެއްޔެވެ؟ އޭނާ އަނޫކް އާއި ހެދި އެ އުޅެނީ މަޖަލަށް ،ކުޅިވަރަށް ހެއްޔެވެ؟
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Hii Lamtty!!
mi part ves Varah varah reethi maasha allah ehaa kiyaa hithun indha e nimuny
when is next
<33
Hello Aysherrr.
Thank you 😊
Hehe trying hama avahah genesdheyn. mi dhuvas kolhu kudakoh busy vegen next part kudakoh lasvegen miulheni.
IA soon