އެކްޓަރ (ޕާޓް 12)
ލަޔާލީ ޝާއީގެ ކަންފަތް ބުޑުގައި ސިއްރުން ކޮންމެވެސް އެއްޗެކޭ ބުނިތަން އަހަންނަށް ފެނުނެވެ.ލަޔާލީ ބުނި އެއްޗެއް ނޭނގުނަސް އޭނާ އެ ބުނި އެއްޗަކުން ޝާއީގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ.
****
’ތެދެއް ހޭންޑްސަމް ކާކުތަ ތީ؟‘ ޝާއީ ހެމުން ހެމުން އަހަންނަށް ނިތް އެއްލަމުން ބުނެލިއެވެ.ލަޔާލީ ވަގުތުން އޭތް ވޭ ކިޔާ ޝާއީގެ އަތުގައި ބާރަކަށް ވިކައިގެންފިއެވެ. ޝާއީ ބާރަކަށް ’އާއޫ‘ އޭ ބުނެލިއެވެ.ވީ ގޮތް އަހަންނަށް ރެއަކާލީ ދެނެވެ.ލަޔާލީ ޝާއީ ކުރެން އަހަންނަކީ ކާކުކަން އޮޅުންފިލުވަން ބޭނުންވުމުން ޝާއީ އޭނާ ބަސްޓުކޮށްލީއެވެ.ލަޔާލީ ރަކިވިތަން ފެނި އަހަރެން ގާތަށް އައީ ހިންޏެވެ. އެކުއްޖާ އިތުރަށް ކަޑަ ނުކޮށް އަމިއްލަ ތަޢާރަފެއް ދޭން އަހަރެން ނިންމީމެވެ.އޭރުވެސް ޝާއީ ހަމަ ލަޔާލީ އާއި ދިމާކޮށް ކޮށްފައި ހެނީއެވެ.މީ ސަމާސާ ވެސް ބޮޑު ބައެއް ތާއޭ އަހަރެންގެ ހިތަށް އެރިއެވެ.
****
އަނޫކްގެ ބެސްޓު ބަޑީ އެކޭ ބުނެ އަހަރެން ތަޢާރަފް ވެލުމުން ލަޔާލީގެ ދެލޯވެސް ހީވީ ހިނިތުންވެލި ހެންނެވެ.އޭނާ އަނގަޔަށް ހަދައިލި ގޮތުން ފޮނިވެފައި ހުރި ވަރު އަހަންނަށް އެނގުނެވެ.ލަޔާލީއަށް ހީވީ ކަހަލައެވެ.އަނޫކްގެ ހިތް ފަތަހަ ކުރަން އަހަރެންގެ އެހީ އޭނާއަށް ހޯދި ދާނެއެވެ.
****
ލަޔާލީ ވެސް އޭނާގެ ތައާރަފެއް ދިނެވެ.
އޭނާއަކީ މާލެއަށް އުފަން މާލޭގެ ރައްޔިތެކެވެ.އާއިލާއާއިއެކު ތޮއްޑޫއަށް ދިރިއުޅުން ބަދަލުކުރީ އޭނާގެ މައިންބަފައިންގެ ގެސްޓުހައުސް ވިޔަފާރި ހިންގާ ބެލެހެއްޓުމަށެވެ.ލަޔާލީވެސް މަސައްކަތްކުރަނީ އެ ގެސްޓު ހައުސްގައެެވެ. އެތަނުގެ މާކެޓިންގެ ބައި ހަވާލުވެފައި އޮންނަނީ އޭނާއަށެވެ.އޭނާއަށް ޝާއީ އާއި ދިމާވީ ކުރިން ގެސްޓު ހައުސްގެ ސުވިނިއަރ ޝޮޕްގައި ޝާއީ މަސައްކަތް ކުރި އިރުގައެވެ.
****
ލަޔާލީގެ ތައާރަފުގައި ކަމާ ނުބެހޭ ވާހަކައަށް ދާންދެން ހިމެނިއެވެ.އެ އަނގަ ގަނޑު މައިތިރިވީ ދޮރު އަށި ހުޅުވާލައިފައި އެތެރެއަށް ވަދެގެން އައި ތިން ޒުވާނުން ފެނިފައެވެ.އެތަނުންވެސް އޭނާގެ ދެލޯ އަމާޒުވެފައި ހުރީ އޭނާގެ ދެލޯ އެދި ހޯދަމުންދާ އޭނާގެ ހިތުގެ ކެކުޅުމަށެވެ.އޭނާގެ ލޯބިވާ އަނޫއަށެވެ.
****
ލަޔާލީ އޭނާ ފެނި ސޮނި ވެއްޓިފައި ހުރި ތަން ފެނިފައި އަނޫކްގެ މޫނުމަތިން ފާޅުވީ އިންތިހާ ދަރަޖައިގެ ފޫހިކަމެވެ. އަނޫކް ލަޔާލީ ދެކެ އެހާ ފޫހިވާން ޖެހޭ ސަބަބަކީ ކޮބައިބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.މިޒަމާނުގައި ތިމާއާ ހެދި އުޅޭ، ތިމާ ދެކެ ލޯބިވާ މީހަކާ ދިމާވާނީވެސް ހާލަކުން ފަހަރަކު ވިއްޔާއެވެ.އަނޫކް ލަޔާލީއަށް ފުރުސަތެއް ނުދީފިނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނޭ އަހަރެންގެ ހިތަށް އެރީ އަނޫކް ފެނިފައި ލަޔާލީގެ ދެލޮލުން ފާޅުވެގެން ދިޔަަ ބޭގަރާރުކަން ފެނިފައެވެ. އަންހެން ކުއްޖަކު އަނޫކް އާއި ހެދި އެވަރުވެފައި ހުރިކަން އަހަރެންނަށް މި އެނގުނީވެސް ތޮއްޑޫގެ ފަސްގަނޑަށް އެރުނު ފަހުންނެވެ.މާލޭގައި އުޅުނު އިރު އަނޫކް އިސްވެ ލަޔާލީގެ ވާހަކަ ނަންވެސް ނުގަނެއެވެ.އެކަމުގެ ފަހަތުގައި ފޮރުވިފައިވެސް ކޮންމެވެސް ކަމެއް ވާނެޔޭ ހިތް ބުނީ އަނޫކް ލަޔާލީއާއި ދޭތެރޭ ކަންތައް ކުރި ގޮތް އަހަންނަށް ވެސް ހަމަ ލޮލުން ފެނުނީމައެވެ. އޭނާއަކީ ހިތްހެޔޮ މީހެކެވެ.އަނެއް ކޮޅުން މަޖަލަކަށް އޭނާ ލަޔާލީއާއި ފުލާޓު ކޮށްލީއޭ ބުނީމައި ވެސް އަހަންނަށް އެވާހަކަ ގަބޫލުކުރަން ހުރީ ދަތިވެފަ އެވެ.އަނެއްކާ އަނޫކްއަށް ލަޔާލީ ދެކެ ހަގީގަތުގައިވެސް ލޯބި ވެވުނީބާވައެވެ.އޭނާ އެ ފާޅު ކުރާ ފޫހި ކަމަކީ މަތި އަޅަން ދައްކާ ބަހަނާއަކަށް ނުވާނެ ބާއެވެ.ބައެއް ފަހަރު ލޯތްބަކީ ނިކަން ފާޑެއްގެ އެއްޗެކެވެ. އަހަންނަށް އަދި މީހަކު ދެކެ ލޯބި ނުވެވުނެއް ކަމަކު އެކަހަލަ ކިތަންމެ ’ރިއަލް ލައިފް ޑުރާމާ‘އެއް ދުށުމުގެ ނަސީބު އަހަންނަށް ލިބުނެވެ. އެހެނަސް އަހަރެންގެ އަމިއްލަ ދިރިއުޅުމުގައި އައި ’ޕުލޮޓު ޓުވިސްޓުތައް‘ ގިނަކަމުން އެހެން މީހެއްގެ ދިރިއުޅުމާއި މެދު އެހާ ފުންކޮށް ވިސްނާލާނެ ފުރުސަތެއް އަހަންނަކަށް ނުލިބުނެވެ.އެއަށްވުރެ އަހަރެންގެ ސިކުނޑި ހުންނަނީ ލޯޑު ބޮޑުވެފައި ވިއްޔާއެވެ.
****
ނަޔާން ހުރީ ލަޔާލީ ފެނި ވަރަށް ވާހަކަ އަޅުވައިލަން ބޭނުންވެފައިކަން އޭނާ ތުބުން ފުމެން ފެށުމުން އަހަންނަށް އެނގުނެވެ.އޭނާ އަންހެން ކުދިންނާއި ފުލާޓު ކުރަން ފެށުމުގެ ފުރަތަމަ މަރުހަލާއަކީ އެއީއެވެ.ދެން ހުރީ އައްޒާމްއެވެ.ފޯނުގައި ދެލޯ ތަތްކޮށްގެން ހުރި އިރު އެތަނުގައި އަންހެން ކުދިން ތިބިކަން އޭނާ ހަނދާނުންވެސް ފުހެލާފައިވާ ކަހަލައެެވެ.
****
’އަނޫ….ޔޫ ވާރ މިސްޑް ޑިއަރލީ…އަންގާވެސް ނުލާ ތިއައީ‘
ލަޔާލީ ޖެހިލުމެއް ނެތި ސީދާ އަނޫކްއާއި މުޚާތަބުކޮށް ބުނެލިއެވެ.އަނޫކް ނޫން މީހަކު އެތަނުން އޭނާއަށް ނުފެންނަ ކަހަލައެވެ.
****
’ކުޑާ…އަހަރެން މިދަނީ ރޫމަށް ގޮސް ޖައްސާލަން…ވަރަށް ޓަޔަޑް… މިއަދު ދެން އިތުރު ޕްލޭނެއް ނެތް…ޒައިފްވެސް ހިނގާ …‘ އަނޫކް ވަރަށް ގަޔާނުވެފައި ބުނެލިއެވެ.ލަޔާލީ ބުނެލި ބަސްތައް އޭނާއަށް ނުވެސް އިވޭ ކަހަލައެެވެ.
’އޭ ކާން ތެދުވަން ޖެހޭނެ.‘ޝާއީ ބުނެލިއެވެ.
’ހޫނ ރެޑީ ކޮށްފައި ކުޑާ ގޮވާލާ…އަދި ހަމަ ޖައްސާލާއިރަކަށް ނޭނގެ ނިދޭނެކަމެއްވެސް…‘ އަނޫކް ބުނެލިއެވެ.
****
އަނޫކް ހަމަ ގަސްދުގައި ލަޔާލީއަށް އަޅައި ނުލީއެވެ.އެކުއްޖާގެ މޫނުމަތީގައިވި އުފާވެެރި ކުލަވަރު އޮއްސުނީ އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައެވެ.ގަނޑުވެފައި ހުރި ސްތެޗޫއެއްހެން ހުއްޓުން އަރާފައި ލަޔާލީ ހުރިއިރު އެ ދެލޮލުން އިސާހިތަކު ފާޅުވީ ވޭނީ އަސަރުތަކެކެވެ.ދުލާއި ހަމައަށް ގެންނަން ނުކުޅެދިފައިވާ އޭނާގެ ހިތުގެ ޝަކުވާތަކެވެ. އެހެނަސް އެކަން ފާހަގަވިހެން ހީވަނީ އަހަންނާއި ޝާއީއަށް އެކަންޏެވެ.އަހަރެން ބަލައިލިއިރު ޝާއީވެސް ހުރީ ވަރަށް ފާޑަކަށެވެ.
****
އަނޫކް ލަޔާލީގެ ކައިރިން އަޅާފައި ގޭތެރެއަށް ވަންނަން ދިޔައީ އޭނާގެ މޫނަށް ބަލައިލުމެއްވެސް ނެތިއެވެ. އެހެނަސް ނަޔާން އޭނާއާއި އަރާ ހަމަވުމުން އަމިއްލަ ތަޢާރަފެއް ދެމުން ސަލާމަށް އަތްދިއްކޮށްލިއެވެ. ލަޔާލީ ގަދަ ކަމުން ހިނިތުންވެލައި،ނަޔާންގެ އަތުގައި ހިފައިލި ނަމަވެސް އޭނާ ހުރީ ވަރަށް ދެރަވެފައިކަން އެ މޫނުމަތިން ނުލާހިކު ރީތިކޮށް އެނގެއެވެ.ނަޔާން ވަރަށް ވާހަކަ ދައްކަން އުޅުމުންވެސް ’އާނ ހޫނ‘ ނޫން އެއްޗެއް އޭނާ ނުކިޔެވެ.އެންމެ ފަހުން ހަތިޔާރު ބަހައްޓާފައި ނަޔާން ވެސް ފަހުން ބައްދަލުވާނެކަމަށް ބުނެފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ.އަނޫކް އެކޭ އެއްފަދައިން އަައްޒާމުވެސް ލަޔާލީ ފެންނަ ކަމަށްވެސް ނުހަދައި ދިޔައީއެވެ.
****
ލަޔާލީ މަޑު މަޑުން އިސްދަށަށް ޖަހައިގެން އައިސް ޖޯލީގައި އިށީނުމުން،ޝާއީ އައިސް އޭނާގެ ބުރަކަށީގައި ފިރުމައިލަމުން މަޑުމަޑުން އޭނާގެ ކަންފަތް ބުޑުގައި ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ.ލަޔާލީ ނޭފަތް ދަމައިލުމުން ނުރޮއެ ވޭތޯ އޭނާ މަސައްކަތް ކުރަނީކަން އަހަންނަށް އެނގުނެވެ.
****
’އަނހާ ދަރިފުޅުމެން.‘ ދޮރު އަށި ހުޅުވާލައިފައި ސުބާޑުން ބަނދެފައިވާ މުރަނގަ ތޮޅި ބޮނޑިއެއް ކިހިލި ޖަހާލައިގެން އެތެރެއަށް ވަތްތަން ފެނުނީ އަނޫކްގެ މާމައެވެ. ލަޔާލީ ނިކަން އަވަހަށް އޭނާގެ މޫނުމަތީގައިވި އަސަރުތައް ފަރުދާކޮށްލުމުގެ ގޮތުން ގަދަކަމުން ހިނިތުންވެލައިފިއެެވެ.
****
’ސަމިއްތާ…ތީ ކޮންކަމެއް؟‘ ލަޔާލީ އަހައިލިއެވެ.
’މި އުޅޭ އަނޫއަށް ނޯންނާނެ މިހާ ކަމުދާ އެއްޗެއް.މޮޔަވެފައި ހުންނާނީ ކިރުގަރުދިޔަ ފޮދެއް ކައްކައިފިއްޔާ…މާދަމާ ހެނދުނަށް ތައްޔާރުކޮށްލާނަމޭ ހިތާ މިއުޅެނީ…އެކޮއެ މިހާރު އަނޫ އާ ދިމާވެއްޖެތަ؟ މިފަހަރު އުޅެނީ ރައްޓެހި ކުދިންކޮޅުވެސް ގޮވައިގެން… ދަރިފުޅުމެން ވާާނެ މިކުދިން ފޫހިވިޔަ ނުދީ ވަރަށް ކަން ކަން ރާވާލަން އިނގޭ. ‘ މާމަ އަަަހަރެންނަށް އިޝާރާތްކޮށްފައި ހިތްހެޔޮކަމާއި އެކުގައި ބުނެލިއެވެ.
’އާނ މައްސަލައެއް ނޯންނާނެ. ސަމިިއްތަ ނުބުންޏަސް ތިކަން ކޮށްދޭނަމޭ.ދެންމެ ދިމާވެއްޖެ އަނޫއާއިވެސް ‘ ލަޔާލީ އެހެން ބުނެލިއިރު އެ އަޑުގައި ހުރި ރިހުން އަހަންނަކަށް ސިއްރެއް ނުވިއެވެ.
****
ލަޔާލީ ދިއުމުން ޝާއީވެސް އެނބުރި ބަދިގެ ފަރާތަށް ދިޔައެވެ.އަހަރެންވެސް ގޮސް އަހަރެމެނަށް ޚާއްސަ ކުރެވިފައި ހުރި ގެސްޓު ރޫމަށް ވަނީމެވެ.ކޮޓަރީގެ ދެ ބިތުގައި ދެ ބަންކު ބެޑު ހުރި އިރުވެސް އެހާ ޖާގަ ތަނަވަހެވެ.އޭސީ ޖައްސައި ހެޔޮވަރު ވަރަކަށް ފިނިކޮށްލާފައި ހުރި އިރު ކޮޓަރިތެރޭގައި ހިފާލައިފައި ވަނީ ’މެލަން އެއާރ ފްރެޝްނާގެ‘ ލުއި ލުއި މީރުވަހެވެ.އެހެނަސް އޭރު މުޅި ކޮޓަރީގައި އެއް އަޑަކަށް އޮތީ އެ ތިން މީހުންގެ ގުގުރީގެ އަޑެވެ. ޖައްސާލާ އިރަކަށް އަދި ނުނިދޭނޭ ބުނި މީހާވެސް އޮތީ ނިދާ ހަރު ދަނޑިވެފައެވެ.
****
ޝާއީ ކާން ގޮވުމުން އަހަރެމެން އެންމެންވެސް ތެދުވެ ތާޒާ ވެލައިގެން އަވަހަށް ދިޔައީ ކާށެވެ. ޝާއީއާއި މާމަ ވެގެން ތައްޔާރުކޮށްލާފައި ހުރި ޖާފަތުގައި، ބާވަތްތައް ގިނަކަމުން އަހަންނަށް ކައިފައި ނުކާނެ އެއްޗެއްވެސް ނޭނގުނެވެ.އެންމެ ފަހުން ވައްތަރަކުން އެތިކޮޅެއް ތަށްޓަށް އެޅީމެވެ.ނުކާނާމޭ ކިޔައި ދޫކުރާ ވަރުގެ އެއްޗެއް އެތާކު ނެތެވެ.
****
ތަށިމަތި ބަލަހައްޓަން އުޅެމުން ޝާއީ ވަރަށް ނޫންކަމަށް އަހަންނާއި ދިމާލަށް ބަލައިލިތަން އަހަރެންގެ ލޮލުގައި އަޅައިގަތެވެ.އަހަންނަށް އެއް މިޔަކަނުން ހީލެވުނީ ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ. އަންހެން ކުއްޖެއްގެ ސަމާލުކަން ލިބިގެން އަހަރެން ހިތްހަމަ ޖެހުނު މިއީ ފުރަތަމަ ފަހަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
****
ފަހުން ޚިޔާލު ބަދަލުވެގެން އެއް ދުވަސް ވެސް ބޭކާރު ކޮށްލާކަށް ނުވާނޭ ކިޔައި ހަވީރު ބުރު ޖަހަން ދާން އަނޫކް ދެ ސައިކަލު ހަމަޖެއްސިއެވެ.ޝާއީވެސް ލަޔާލީ ގާތުގައި ދާން ވާނޭ ކިޔައި އާދޭސް ކޮށްގެން އޭނާވެސް ދާން އެއްބަސްކުރުވިއެވެ.އޭނާ ރެޑީވެގެން ނުކުތް އޭރު ސްކޫޕީއެއްގައި ގޭ ދޮރުއަށި ކައިރީ މަޑުކޮށްލައިގެން ލަޔާލީ އިނެވެ. އޭނާ އަދިވެސް އިނީ ވަރަށް މޫޑް އޮފްވެފައެވެ.ލަޔާލީ ނޫނަކަސް އޭރު އަހަރެންވެސް ހުރީ އަނޫކް ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ސައިކަލު މަތީގައެވެ.އޭރު ނަޔާން ވީ ސުޕާރީ ގަންނަންވެގެނޭ ކިޔައި ގޮސް ކައިރި ފިހާރައެއްގައެވެ.އައްޒާމުވެސް ސައިކަލުމަތީ ފޫހިވެފައި އިނދެ އަތްމުނިމުނި ކަވައި ގަނެގެން ސައިކަލުގެ ލޯގަނޑާއި ކުޅެއެވެ.
****
’އަނޫ ތަތްމަރު ތާޅަފިލި ގޮވައިގެން ނުވާނެ މިކަމެއް… ޕްލޭންކޮށް ބަހައްޓާފައި އަހަރުން އަންހެން ކުދިންނަށްވުރެ ވާގަނޑު ދިގޭ އޭނަ …‘ ޝާއީ ކުދި ކިޔައިލިއެވެ.
***
ކަޅާއި ހުދު އެކުލެވޭ ’އެމްބްރޮއިޑާރޑް‘ އަބާޔާއާއިއެކު ބޮޑުކޮށް އަޅާފައި ހުރި ކަޅު ކުލައިގެ ޝޯލްގައި ޝާއީ ފެންނަލެއް ނިކަން ލޯތްބެވެ.ލަޔާލީ ވެސް ހުރީ ތަންކޮޅެއް ގައި ފޮރުވޭނެހެން ފައިކުރި ފުޅާ ޖިންސަކާއި ,ސޭޖް ގްރީން ކުލައިގެ އަތް ދިގު ޓޭންކް ޓޮޕެއްގައެވެ.އޭނާގެ ބުޅި އިސްތަށިގަނޑު ވަޔާ ވިހުރެން ދޫކޮށްލާފައި އޮތް އިރު މާ ގިނަ މޭކަޕުތަކެއް ކޮށްފައެއް ނެތެވެ. ހަމުގެ ކުލަ އަނދިރިއެއްކަމަކު ލަޔާލީއަކީވެސް ރީތި ކުއްޖެކެވެ.އޭނާ ބޮޑަށް ވައްތަރީ ވެސް ’އެފްރިކަން އެމެރިކަން‘ ކުއްޖަކާއެވެ.
****
’ހޭއި ގޯޖަސް‘
ފިހާރައިން އައި ގޮތަށް ލަޔާލީގެ ސައިކަލު ކައިރީގައި މަޑުކޮށްލި ނަޔާން، ވަރަށް ’ފްލާޓީ‘ ރާގަކަށް އޭނާއަށް ގޮވައިލިއެވެ.އޭރު އަނޫކް ދޮރު އަށި ހުޅުވާލައިފައި ނުކުންނަނީއެވެ.ނަޔާން އެހެން ބުނި އަޑު އިވި އަނޫކްގެ ނަޒަރު ވަގުތުން ދަތުރުކޮށްލީ ލަޔާލީ އާއި ދިމާލަށެވެ.އޭރު ލަޔާލީ ވެސް އިނީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
****
’ހޭއި ހޭންޑްސަމް…‘
ލަޔާލީ ނަޔާން ބުނި އެއްޗަކާއި ވިއްދައި ހަމަ އެ ބީދައިން އެރާގުގައި ބުނެލީ އަނޫކްއާއި ހަތަރުކަޅި ހަމަކޮށްގެން ހުރެ އެއް މިޔަކަނުން ހީލަމުންނެވެ. އެވަގުތު އަނޫކްގެ މޫނަށް ވެރިވި ރުޅިވެރިކަމުގެ ކުލަވަރު އަހަރެންގެ ’ޑިޓެކްޓިވް ލެންސަކަށް ‘ސިއްރެއް ނުކުރެވުނެވެ.
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





