ނިދީތެރޭން
ތޭރަވަނަބައި
ސިއްސައިގެން ގޮސް ޒުބޭދާއަށް ހޭލެވުނީ ނޭވާ ހާސްވެގެންނެވެ. އެއްވެސް މީހަކު ފެންނާން ނެތް ނަމަވެސް ވަރަށް ބާރަށް
ކަރުގައި ހިފާފައިވާ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. ފެނުނު މަންޒަރުން ގަތްބިރާއި ލިބެމުންދާ ވޭނުން ސަލާމަތްވުމަށްޓަކައި ޒުބޭދާ ހަޅޭލެވޭތޯ މަސައްކަތް ކުރި ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. ނުހަނު ބާރަށް އިވޭންފެށި ތޫލިއަޑުގެ ސަބަބުން ކަންފަތަށް ވެސް އުނދަގޫވަމުން ދިޔައެވެ.
ކަރުގައި ހިފާ އޭނާގެ ނޭވާ ހާސްކުރާން މަސައްކަތް ކުރަމުންދިޔަ ނުފެންނަ އަތުގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް
ކުރަމުންދިޔަ ޒުބޭދާއަށް ކޮޅަށް ތެދެވެވުނީ އޭނާގެ އެއްވެސްބާރަކާ ނުލައެވެ. ޒުބޭދާގެ އަނގައިން ލޭ ފައިބަމުން ދިޔައިރު ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. އެއަތުގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދިޔަ ޒުބޭދާއަށް އިތުރު ވޭނަކަށްވީ ކުއްލިއަކަށް ކަހަލަ ގޮތަކަށް ބެޑްޝީޓްގެ އަނެއްކޮޅު އައިސް އޭނާގެ ކަރުގައި އޮޅުމާ އެކުހެން މައްޗަށް އަރާން ފެށުމުންނެވެ.
އެކަމުން އޭނާ ސަލާމަތްވޭތޯ ޒުބޭދާ ކިތަންމެ މަސައްކަތެއް ކުރަމުން ދިޔަ ނަމަވެސް ކުރިއެރުމެއް ކާމިޔާބެއް ލިބޭގޮތެއް
ނުވިއެވެ. އެހީއަކަށް އެދޭން ބޭނުންވި ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ.
ވިސާމްގާތުގައި އަންޖާމު ދައްކާން އައި ވާހަކަ ދެއްކޭގޮތް ނުވުމުން އެގާރަ ޖަހާންދެން އެތަނުގައި މަޑުކުރުމަށްފަހު
ވިސާމް ފިހާރަ ބަންދުކުރުމުން އޭނާއާއެކު ގޮސް ކޮފީއެއް ބޮއިގެން ގެއަށް ދިޔައީއެވެ.
ވިސާމް ގެއަށް ދިޔައިރު ނީނާ އޮތީ ޖޯލިފަތީގައެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔަ ހިތްހަމަ ޖެހުމުގެ އަސަރު
ތައް ވިސާމަށް ފާހަގަ ކުރެވުނެވެ.
” ކީއްވެފަ ތިއޮތީ؟ ނިދާކަށް ނުވޭތަ؟ ” ނީނާއަށް ބަލާލަމުން ވިސާމް އެހިއެވެ.
” ހަނދުވަރު ރީތިކަމުން ވިސާމް އަންނަންދެން މަޑުކޮށްލީ. ހިނގާދާން ނިދާން. ” ވިސާމްގެ ސުވާލަށް ޖަވާބު ދިނުމުގެ
ގޮތުން ނީނާ ވާހަކަ ދެއްކިއެވެ.
ވިސާމާއި ނީނާ ވާހަކަ ދައްކަމުން ދައްކަމުން އައިސް ކޮޓަރިއަށް ވަނެވެ. ނީނާ ހުރީ ކޮޓަރިއަށް ވަނުން ލަސްވެފައި
ކަންނޭނގެއެވެ. ކޮޓަރިއަށް ވަދެވުމާއެކުހެން އަވަސް އަވަހަށް އެނދުމައްޗަށް ވެއްޓިގަތެވެ. ހީވީ އެތައް ދުވަހެއް ވާންދެން ނުނިދާ ހުރި މީހަކަށް ނިދާނެތަނެއް ލިބުނު ހެންނެވެ.
” ހެދުން ވެސް ބަދަލު ނުކޮށްތަ ނިދަނީ؟ ” ކޮޓަރީގެ ދޮރު ލައްޕާތަޅުލަމުން ނީނާއަށް ބަލާލާފައި ވިސާމް ބުންޏެވެ.
ވިސާމްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ނީނާ އާނއެކޭ ބުނީ ބޮލުންނެވެ.
ކުރާންދިޔަ ކަންތައް ނުވުމުން ފާޑަކަށް މާޔޫސްވެފައިހުރި އަންޖާމަށް ގެއަށް އާދެވުނީ ބައިގަޑިއެއްހާއިރު ފަހުންނެވެ.
އަންޖާމު އައިސް ގެއަށް ވަތްއިރު ގޭތެރޭގައި ރަސްކަން ކުރަމުން ދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އެއީ ގޭ އެންމެން
ނިދާފައި ތިބުމުން ވެގެން އުޅޭ ގޮތެއްކަން އަންޖާމަށް އެނގުނެވެ. އެހެންވެ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ގޭ ދޮރުލައްޕާ ތަޅުލުމަށްފަހު އަންޖާމު ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ. އޭރު އޭނާގެ މޫނުމަތިން މާޔޫސްކަމުގެ އަސަރުތަކުގެ އިތުރުން ނިދީގެ އަސަރު ވެސް ފާޅުވަމުން ދިޔައެވެ.
އަންޖާމު ގޮސް ކޮޓަރީގެ ތަޅުގައި ހިފާލިއިރު ކޮޓަރި ހުރީ ތަޅުލާފައެވެ. ތަޅުދަނޑި ވާނީ ކޮޓަރީގައި ކަމަށްވާތީ ދެތިން
ފަހަރަކު ދޮރުގައި ޓަކިޖަހަމުން ޒުބޭދާއަށް ގޮވާލިއެވެ. އެހެނަސް ޒުބޭދާގެ ޚަބަރެއް ނުވިއެވެ. ޒުބޭދާއަކީ އެހާ ނިދިގަދަ މީހަކަށް ނުވާތީ އާއި ދެތިން ފަހަރަށް އެހެން ހެދުމުން ވެސް ޒުބޭދާގެ ޚަބަރެއް ނުވުމުން އަންޖާމު ކޮންމެވެސް ވަރަކަށް ހައިރާންވެ ނުތަނަވަސް ވާގޮތް ވިއެވެ.
ދިހަވަރަކަށް މިނިޓް ކުރި މަސައްކަތުން ވެސް ޒުބޭދާގެ ޚަބަރެއް ނުވުމުން އަންޖާމުގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ.
އެކަމުގެ ނަތީޖާއަކަށްވީ އަންޖާމުގެ އަޑު މަޑުމަޑުން ނަމަވެސް ބާރުވަމުން އައުމެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުން ދަނީ ހައިރާން ކަމާއި ނުތަނަވަސްކަމުގެ އަސަރުތަކެވެ.
މަރީނާ އާއި އަބްދުލް ހާދީއަށް ހޭލެވުނީ އަންޖާމުގެ އަޑަށެވެ. އެއާއެކުހެން ކޮންމެވެސް ކަމެއް ވެއްޖެކަން އެދެމީހުނަށް
ޔަގީންވި އެވެ. އެހެންވެ އަވަސް އަވަހަށް އައިސް ދޮރުހުޅުވާލިއެވެ.
އަބްދުލް ހާދީމެން ކޮޓަރީގެ ދޮރުހުޅުވާލިއަޑަށް އަންޖާމު ދިޔައީ ސިއްސައިގެންނެވެ. އެއާއެކުހެން އަވަސް އަވަހަށް އެދިމާ
އަށް ބަލާލިއިރު މަރީނާ އާއި އަބްދުލް ހާދީ ކޮޓަރިން ނުކުމެގެން އެދިމާއަށް އަންނަނީއެވެ.
އަންޖާމަށް އެދެމަފިރިން ފެނުމުން ޒުބޭދާއަށް ގޮވުމާއި ދޮރުގައި ޓަކިތެޅުން ހުއްޓާލިއެވެ.
” އަންޖާމު. ކިހިނެތްވީ؟ ހާދަ ހާސްވެފައި ހުރިހެން ހީވެޔޭ. ” އަންޖާމުގާތަށް ހުއްޓެމުން އަބްދުލް ހާދީ ވާހަކަ ދެއްކިއިރު
ފާޅުވަމުން ދިޔައީ ހައިރާންކަމުގެ އަސަރުތަކެވެ.
” އަހަރެން އައިއިރު ކޮޓަރި ހުރީ ތަޅުލާފަ ….. ގޮވާ ގޮވާ ޒުބޭދާގެ އެއްވެސް ޚަބަރެއް ނުވި. ޒުބޭދާ އަކީ އެއްވެސް
އިރެއްގައި އެހާ ނިދިގަދަ މީހެއް ނޫން. މިކޮޓަރީގެ އެހެން ތަޅުދަނޑިއެއް ނެތްތަ؟ ” ހާސްކަމާ ނުތަނަވަސްކަމާއެކު އެހެނަސް އަވަސް އަވަހަށް އަންޖާމު ވާހަކަ ދެއްކިއެވެ. އޭރު އޭނާ ހާސްވެ ނުތަނަވަސް ވެފައިވާ ވަރު އޭނާގެ އަޑުންނާއި ހަރަކާތްތަކުން ކިތަންމެ ރަނގަޅަކަށް ވެސް ދޭހަވެއެވެ.
އަންޖާމުގެ ވާހަކަތަކުގެ ސަބަބުން މަރީނާ އާއި އަބްދުލް ހާދީ ވެސް ހާސްވެ ކަންބޮޑުވާގޮތް ވިއެވެ. އެއާއެކުހެން މަރީނާ
އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް ހިނގައިގަތީ އެކޮޓަރީގެ އަނެއް ތަޅުދަނޑި ބަލައެވެ.
” ޒުބޭދާއަކީ އެހާ ނިދިގަދަ މީހެއް ނޫން. އަހަރެންނަށް ހީވަނީ ކޮންމެ ވެސް ކަމެއް ވެއްޖެހެން. ” އަންޖާމު ވާހަކަ
ދެއްކިއިރު ދެލޮލުން ކަރުނައިގެ އަސަރުތައް ފާޅުވެއްޖެއެވެ.
އެކޮޓަރީގެ ތަޅުދަނޑި މަރީނާ ގެނެސް ދިނުމުން އޭނާއަށް ޝުކުރުއަދާކޮށްފައި އަންޖާމު އަވަސްވެގަތީ ކޮޓަރީގެ ދޮރު
ހުޅުވާށެވެ.
ކޮޓަރީގެ ތަޅުހުޅުވައި ދޮރު ހުޅުވާލަމުން އެތެރެއަށް ނަޒަރު ހިންގާލި ވަގުތު ފެނުނު މަންޒަރާއެކު އަންޖާމަށް އަޑުގެ
ކޮޅަށް ރޮއިގަނެވިއްޖެއެވެ. ކޮޓަރީ ފަންކާގައި ބެޑްޝީޓެއް އައްސައި ދަންޖެހިގެން މަރުވެފައި ހުރި ޒުބޭދާ ފެނުމުން އަންޖާމަކަށް ކެތެއް ނުވިއެވެ. ދުވެފައި ކަހަލަގޮތަކަށް ގޮސް ޒުބޭދާގެ ގައިގަ އޮޅުލައިގަތެވެ. އެއާއެކުހެން ބެޑްޝީޓްގެ މަތީކޮޅުން ނެއްޓިގެން ޒުބޭދާ އާއި އަންޖާމު ތަޅުން މައްޗަށް ވެއްޓިއްޖެއެވެ.
އަންޖާމުގެ ފަހަތުން ކަހަލަގޮތަކަށް ކޮޓަރިއަށް ވަތް އަބްދުލް ހާދީ ހުރީ ހައިރާންވެ ބަސް ހުއްޓިފައެވެ. ދެލޮލުން ކަރުނަ
އޮހޮރިގެން ދިޔަ އެމަންޒަރު ބަލާން ކެތް ނުވެގެން ރޮއިގަންނަމުން މަރީނާ ނުކުތީ ބޭރަށެވެ.
އަންޖާމު ހީވަނީ މޮޔަވެގެން އުޅޭ ހެންނެވެ. ރޮއި ރޮއިފަ ޒުބޭދާގެ ގައިގަ އޮޅުލަމުން އޭނާއާ ވާހަކަ ދައްކަމުން އޭނާއާ
ވާހަކަ ދައްކާން ބުނަމުން ދިޔައެވެ. ހަމައެހެންމެ ވާހަކަ ނުދައްކާތީ ސަކުވާ ކުރަމުން ދިޔައެވެ. އޭރު އަންޖާމުގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.
އަންޖާމުގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ތިބުމަކީ މަރީނާ އާއި އަބްދުލް ހާދީއަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. އެހެންވެ
އަބްދުލް ހާދީ އައިސް ގަދަކަމުން ކަހަލަ ގޮތަކަށް އަންޖާމު ދުރަށް ޖެއްސިއެވެ. އަންޖާމުގާތަށް ދާން ދެވަނަ ފަހަރަށް އަންޖާމު މަސައްކަތް ކުރި ނަމަވެސް އަބްދުލް ހާދީ ހިފަހައްޓައިގެން ހުރުމުން އަންޖާމަށް ކާމިޔާބެއް ނުލިބުނެވެ.
އަބްދުލް ހާދީގެ ބުނުމާއެއްގޮތަށް މަރީނާ އަވަސް އަވަހަށް ގޮސް ރަށުކައުންސިލްގެ ރައީސް އަލީ ވާފިރަށް ގޮވައި އެވާހަކަ
ބުންޏެވެ. ހަމައެހެންމެ ވެގެން އުޅޭގޮތް ކިޔައިދިނެވެ. މަރީނާގެ އެވާހަކަތައް އަޑުއިވުމާއެކުހެން ވާފިރުގެ މޫނުމަތިން ވެސް ފާޅު ވެގެން ދިޔައީ ނުތަނަވަސްކަމުގެ އަސަރުތަކެވެ. ކަންބޮޑުވުމުގެ ކުލަވަރެވެ.
މަރީނާއާއެކު މަރީނާމެން ގެއަށް ވާފިރު އައިމަގުމަތީގައި ރަށުކައުންސިލްގެ ނާއިބުރައީސް ހަސަން ޖަނާހުގެ ގެއަށްވަދެ އޭނާ
އަށް ގޮވާ ހޭލައްވައި އެޚަބަރު ދިނެވެ. އެއާއެކުހެން ޖަނާހުގެ މޫނުމަތިން ހިތާމައިގެ ކުލަވަރު ފާޅުވެގެން ދިޔައެވެ.
މަރީނާ އާއި ވާފިރު އެގެއަށް އައިއިރު އަބްދުލް ހާދީ މަސައްކަތް ކުރަމުން ދިޔައީ އަންޖާމު ހޭއަރުވާށެވެ. ވާފިރުމެން އެގެ
އަށް އައިސް މާގިނައިރެއް ނުވަނީސް ރަށުކައުންސިލްގެ ނާއިބްރައީސް އާއި ކައުންސިލްގެ އެހެން މެންބަރުންގެ އިތުރުން ޑޮކްޓަރ ވެސް އައިސް ފިއެވެ.
ފެނުނު މަންޒަރުގެ ސަބަބުން އެންމެންގެ މޫނުމަތިން ވެސް ފާޅުވެގެން ދިޔައީ ހައިރާންކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ.
ހިތާމައާއި ހިތްދަތިކަމުގެ ކުލަވަރެވެ.
ރަށުކައުންސިލްގެ ފަރާތުން ރަށުގައި ތިބި ފުލުހުންނަށް އެޚަބަރު ދިނުމާއެކުހެން ފުލުހުން އައިސް އެބޭކަލުންގެ މަސައްކަތް
ފަށައިފިއެވެ. އޭރު ޑޮކްޓަރ މަސައްކަތް ކުރަމުން ދިޔައީ އަންޖާމު ހޭ އަރުވާށެވެ.
ފޮލިހުންގެ ބޭކަލުން އައިސް އެބޭކަލުންގެ މަސައްކަތް ފެށިއިރު ވެސް ޒުބޭދާއޮތީ އޭނާ ދަންޖެހުނު ބެޑްޝީޓާއެކުގައެވެ.
ބެޑްޝީޓްގެ އެއްކޮޅު ޒުބޭދާގެ ކަރުގައި އައްސާފައި އޮތްއިރު އަނެއްކޮޅު އޮތީ ތަޅުންމައްޗަށް ދޫކޮށްލާފައެވެ.
ޒުބޭދާގެ މަރާ ބެހޭގޮތުން ޕޮލިހުން އެއްކުރާން ބޭނުންވާ މަޢުލޫމާތުތައް އެއްކުރަމުން ދިޔައިރު ޕޮލިހުންގެ ބެލުމުގެ ދަށުން
ޒުބޭދާގެ ހަށިގަނޑު ބަލައި ޓެސްޓްތައް ހެދުމުގެ މަސައްކަތް ޑޮކްޓަރ ކުރަމުން ދިޔައެވެ. ހަމައެހެންމެ އެބޭކަލުންގެ މަސައްކަތަށް ބޭނުންވާ ފޮޓޯތައް ވެސް ނަގަމުން ދިޔައެވެ.
ޕޮލިހުން ނަގާން ބޭނުންވި ހުރިހާ މަޢުލޫމާތެއް ނަގައި ޒުބޭދާ ވަޅުލުމުގެ ހުއްދަ ދިން އިރު ފަތިސްވުމާއި ވަރަށް ގާތް
ވެއްޖެއެވެ. އެއާއެކުހެން ރަށުކައުންސިލާއި އަބްދުލް ހާދީ ގުޅިގެން ޒުބޭދާ ހިނެވުމުގެ މަސައްކަތް ފެށިއެވެ.
އާދުވަހަކަށް އިރުއެރުމާއެކުހެން ރަށުތެރެއަށް ޚަބަރު ފެތުރިގެން ދިޔައީ ރޭގެވަގުތެއްގައި ޒުބޭދާ ދަންޖެހިގެން މަރުވި ވާހަކަ
އެވެ. އެއާއެކުހެން އެއްބަޔަކު ބުނަމުންދަނީ އެކަން ހިނގާދިޔަގޮތް އަންޖާމަށް އެނގޭނެ ކަމަށެވެ. އަނެއް ބަޔަކު ބުނަމުން ދަނީ އަންޖާމު ގޭގައި ނެތިސް އެކަން ހިނގިކަމަށް ވަންޏާއި އަބްދުލް ހާދީމެނަށް އެކަން އެނގޭނެ ކަމަށެވެ. ކޮންމެ މީހަކު ވެސް އެ މީހަކަށް ހީވާ އެއްޗެއް ކިޔަނީއެވެ.
ހޭއެރުމާއެކުހެން އަންޖާމު ފެށީ ރޯށެވެ. އެހެނަސް މަރީނާ އާއި އަބްދުލް ހާދީމެންގެ ހެޔޮނަސޭހަތާއި ވިސްނައިދެމުންދިޔަ
ވިސްނައި ދިނުން ތަކުގެ ސަބަބުން އަންޖާމު ކޮންމެ ވެސް ވަރަކަށް ހަމައަކަށް އެޅުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



ވ ސަޅި މި ވާހަކަ..
ވާޙަކައިގެ ނަން: މޫނުމަތީގެ އަސަރު
ވާހަކަ ލިޔުނީ: މޫނުމަތީގެ ހާއްސަ ޑޮކްޓާރު
އޭރު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔަ ހިތްހަމަ ޖެހުމުގެ އަސަރުތައް ވިސާމަށް ފާހަގަ ކުރެވުނެވެ.
އޭރު އޭނާގެ މޫނުމަތިން މާޔޫސްކަމުގެ އަސަރުތަކުގެ އިތުރުން ނިދީގެ އަސަރު ވެސް ފާޅުވަމުން ދިޔައެވެ.
އޭރު އޭނާގެ މޫނުމަތިން ފާޅުވަމުން ދަނީ ހައިރާން ކަމާއި ނުތަނަވަސްކަމުގެ އަސަރުތަކެވެ.
މަރީނާގެ އެވާހަކަތައް އަޑުއިވުމާއެކުހެން ވާފިރުގެ މޫނުމަތިން ވެސް ފާޅު ވެގެން ދިޔައީ ނުތަނަވަސްކަމުގެ އަސަރުތަކެވެ.
އެއާއެކުހެން ޖަނާހުގެ މޫނުމަތިން ހިތާމައިގެ ކުލަވަރު ފާޅުވެގެން ދިޔައެވެ.
ފެނުނު މަންޒަރުގެ ސަބަބުން އެންމެންގެ މޫނުމަތިން ވެސް ފާޅުވެގެން ދިޔައީ ހައިރާންކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ
ނައިސް މި ޕާޓް ވެސް.
ނީރު ލޯބި )ގުރިއެޓް ފެރިދޫ( ފަދަ ވާނުވާ ނޭނގޭމީހުން ވާހަކަތަކަށް ކޮމެންޓް ނުކުރެއްވުން އެދެން. ހަޖަމު ނުވިޔަސް މިވާހަކަ އަކީ ވަރަށް ރީތި ވަރަށް ފުރިހަމަ ވާހަކައެއްކަން ޔަގީން. ވަރަށް ސަލާމް ވައްސަލާމް އަލައިކުމް