ނިދީތެރޭން
ބާރަވަނަބައި
އިރުގެ ހަލުވި ދައުރުވުމާއެކު ވަގުތުތައް ފާއިތުވަމުން އައިސް މެންދުރުގެ ހޫނުކަމުގެ މައްޗަށް ހަވީރުގެ ފިނިކަން ގަދަވެ
ގަނެއްޖެއެވެ. ކުރިއްސުރެ ވާހަކަދައްކާ މަޝްވަރާ ކޮށްފައިވާ ފަދައިން ހަވީރު ސައިބޮއިގެން އަންޖާމުމެން ހަމީހުން ނުކުތީ ނީނާގެ ޚަބަރެއް ވޭތޯ އެވެ. ޒުބޭދާ އާއި އަންޖާމު ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް ނީނާއާ ބައްދަލު ކުރާށެވެ.
ނީނާއާ އެންމެ ފަސޭހައިން ބައްދަލުވާނީ ވިސާމްމެން ގެއިން ކަމަށްވާތީ ޒުބޭދާ އާއި ވިސާމް ގޮވައިގެން އަބްދުލް ހާދީ
ދިޔަގޮތަށް ދިޔައީ ވިސާމްމެން ގެއަށެވެ. އަންޖާމުމެން ގޮސް އެގޭ ގޯތިތެރެއަށް ވަތްއިރު ގޯތިތެރޭހުރި ގަސްތަކަށް ފެން ދިނުމުގެ މަސައްކަތުގައި މެދުއުމުރުގެ އަންހެނަކު އުޅެމުން ދިޔައެވެ. އަންޖާމުމެން ސަލާން ގޮވާލުމުން އެމީހާ ސަލާން ބަލައިގަތެވެ. އަދި އޭނާގެ މަސައްކަތް މެދުކަނޑާލުމަށްފަހު އައިސް ޖޯލިފަތި ދައްކަމުން އިށީންނާން ބުންޏެވެ.
” ވިސާމް އުޅޭތޯ ބަލާލާން މިއައީ. ” އެއަންހެންމީހާ އަށް ބަލާލަމުން އަންޖާމު ބުންޏެވެ.
” ވިސާމް ވީ ފުޓްބޯޅަ ކުޅޭން ގޮސް. ނީނާ ވީ ނެޓްބޯޅަ ކުޅޭން ގޮސް. އެއީ ކުޅިވަރަށް މާ ފޯރި ހުންނަ ދެމަފިރިން.
ތިއީ ކޮން ކުދިންނެއްތަ؟ މީގެކުރިން މިރަށަކުން ނުދެކެން. ” ޒުބޭދާ އާއި އަންޖާމަށް ބަލާލަމުން އެއަންހެންމީހާ ވާހަކަ ދެއްކިއެވެ. އޭނާގެ ވާހަކައިންނާއި ހަރަކާތްތަކުން ފެނިގެން ދިޔައީ ގާތްކަމާއި މެހެމާނުންނަށް ކަމޭހިތުމެވެ.
އެއަންހެންމީހާގެ ވާހަކާގައި ނީނާގެ ނަން ބުނުމާއި އޭނާއަކީ ވިސާމް އަންހެނުން ކަމަށް ބުނި ބުނުން އަންޖާމުމެނަށް
ފާހަގަ ކުރެވުނެވެ. އެހެންވެ އަބްދުލް ހާދީގެ އާއި މަރީނާގެ ވާހަކަތަކާމެދު އިތުރަށް ވިސްނާން ޖެހުނެވެ.
” އަޅުގަނޑުމެންނަކީ ނީނާމެން ރަށު ބައެއް. އެދެމީހުން ކުރެ މީހަކާއި ބައްދަލުވޭތޯ އައީ. ދެން ގޮސްލަނީ. ” އެމީހާ
އަށް ބަލާލަމުން ޒުބޭދާ ވާހަކަ ދެއްކިއެވެ.
” އާން. އެ ދެމަފިރިންނާއި ގެއިން ބައްދަލުވާނީ ކާގަޑިތަކުގައި. ” އަންޖާމުމެން ހިނގައިގަތުމުން އެއަންހެންމީހާ ވާހަކަ
ދެއްކިއެވެ.
އަންޖާމުމެން ހަތަރުމީހުން އެކުގައި ކަހަލަގޮތަކަށް ގޮސް އެގޯތިން ނުކުތެވެ. ނީނާއާ ބައްދަލުކުރުމުގެ ޝައުޤުވެރިކަން
އަންޖާމުމެން ދެމަފިރިންގެ ހިތުގައި އިތުރުވަމުން ދިޔައެވެ.
” އެބުނާ ނެޓްބޯޅަ ކޯޓް ކައިރިއަށް ދާންވީނު. ” މަރީނާއަށް ބަލާލަމުން ޒުބޭދާ ބުންޏެވެ.
” އާން. ހިނގާ ދާން. އެތަން ވެސް ބަލާލަންވާނެ. ” ޒުބޭދާއަށް ޖަވާބުދެމުން މަރީނާ ހިނގައިގަތުމުން އަންޖާމުމެން
ވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.
ތަފާތު މަޢުލޫތަކަށް ވާހަކަ ދައްކަމުން ދިޔަ ހަތަރުމީހުނަށް އެހިސާބަށް ދެވުނުއިރު ޒުވާނުންތައް ނެޓްބޯޅަ ކުޅުމާއިގެން
އުޅެމުން ދިޔައެވެ. އެހިސާބަށް ދެވުމާއިއެކުހެން އަންޖާމާއި ޒުބޭދާ ބަލާލީ އެތަނުން ނީނާ ފެނޭތޯ އެވެ.
ނެޓްބޯޅަ ކުޅުމާއިގެން މަޝްޣޫލްވެއޮތް ނީނާ، ޒުބޭދާގެ ލޮލުގައި އަޅައިގަތެވެ. އެމީހުންގާތު މަރީނާ އާއި އަބްދުލް ހާދީ
ބުނެފައިވާ ފަދައިން އެއީ އެރަށު ނީނާ އެވެ. އެއީ އެހެން މީހެއް ނޫނެވެ. އެކަން އަންޖާމަށް ވެސް ފާހަގަކުރެވުނެވެ. އެހެނަސް އެކަން ނީނާއަށް އެނގޭހެނެއް ހިޔެއް ނުވެއެވެ.
” އެއީ އަހަރުމެން ރަށު ނީނާ. ހިނގާ ދާން. ” ޒުބޭދާމެނަށް ބަލާލަމުން އަންޖާމު ބުންޏެވެ.
ރަށުތެރޭގައި ކުޑަކޮށް ހިނގާލުމަށްފަހު، މަދަރުސާގެކުޅިވަރު ކޯޓަށް ގޮސް ނައުރާ އާއި މާހު ގޮވައިގެން އަންޖާމުމެން
ދިޔައީ ގެއަށެވެ.
ނީނާއާމެދު ވާހަކަދައްކާން ޒުބޭދާ އާއި އަންޖާމު ތިބީ ކޮޓަރިތެރޭގައެވެ.
” މިރަށު މީހުން އެބުނާ ގޮތުން ވިއްޔާ ނީނާ މިރަށުގައި އުޅޭތާ ދެމަހެއްހާ ދުވަސް ވެދާނެ. އެކަމު ވަރަށް ފަހުން ވެސް
ރަށުން އޭނާ ފެނުނު ހަނދާނެއް ވޭ …… އެ ނީނާގެ ޙަޤީޤަތް ބަލާން އެބަޖެހޭ. ” އަންޖާމަށް ބަލާލަމުން ޒުބޭދާ ވާހަކަ ދެއްކި އެވެ. ނީނާއާ މެދުގައި ޒުބޭދާއަށް ސައްކުވަނީ ކަންނޭނގެއެވެ.
ނެޓްބޯޅަ ކުޅެ ނިންމާލާފައި ނީނާ ގެއަށް އައުމުން ވިސާމްގެ މަންމަ ވާފިރާ، ނީނާ ހޯދުމަށް ބަޔަކު އައި ކަމަށާއި އެއީ
ނީނާމެން ރަށު ދެމީހުން ކަމަށް ވެސް ބުންޏެވެ. އެއީ އަންޖާމުމެން ކަން ނީނާއަށް ޔަގީންވިއެވެ. އެހެނަސް ނީނާ އެރަށުގައި އުޅޭކަން އަންޖާމުމެނަށް އެނގުމުން ކޮންވެސް ވަރަކަށް ހައިރާންވި ނަމަވެސް ވާފިރާގާތު އެވާހަކައެއް ނުދައްކައެވެ.
ވާފިރާ އާއި ވާހަކަ ދައްކާން ފަސްވަރަކަށް މިނިޓް މަޑުކުރުމަށްފަހު ނީނާ ގޮސް ކޮޓަރިއަށް ވަތްއިރު ކޮޓަރިތެރޭގައި ވިސާމް
ހުއްޓެވެ. އޭނާ ވެސް ކުޅެފައި އައިސް ފެންވަރާން ތައްޔާރު ވަނީ އެވެ.
ނީނާ ހޯދުމަށް ޒުބޭދާ އާއި އަންޖާމު އައިކަމަށް ވާފިރާ ބުނި ކަމަށާއި އޭނާ އެރަށުގައި ހުރިކަން އަންޖާމުމެނަށް އެނގުނީ
ކިހިނެތްތޯ ވިސާމާއި ނީނާ ސުވާލުކުރިއެވެ. އެސުވާލުގެ ސަބަބުން ކޮންމެވެސް ވަރަކަށް ހައިރާންކަން ލިބިގެންދިޔަ ވިސާމް ބުނީ އޭނާއަށް ވެސް އެކަން ނޭނގޭކަމަށާއި އޭނާގާތު އެމީހުން އެފަދަ ވާހަކައެއް ދައްކާފައި ވެސް ނުވާ ކަމަށެވެ.
” އެމީހުން އުޅެނީ ކޮން ގެއަކު؟ ” ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައިހުރި ނީނާ އަހާލިއެވެ.
” އަބްދުލް ހާދީ މެން ގޭގައި. ” ވިސާމް ޖަވާބު ދިނެވެ.
ނީނާއާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ޒުބޭދާ ފޯނުކުރީ އޭނާގެ ރައްޓެހި ފާތުން ނަށެވެ. އަދި ވެގެން އުޅޭގޮތް
ފާތުންނަށް ކިޔައިދީ އޭނާ ހޯދާން ބޭނުންވާ މަޢުލޫމާތުތައް ހޯދިއެވެ.
” މިކަމުގައި ވަރަށްބޮޑު ނުބަޔެއް އެބައުޅޭ ….. އެއީ އަހަރުމެން ރަށު ނީނާއެއް ނޫން. ” ފޯނު ބޭއްވުމަށްފަހު އަންޖާމަށް
ބަލާލަމުން ޒުބޭދާ ވާހަކަ ދެއްކިއެވެ. އޭރު އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ފާޅުވަމުންދަނީ ނުތަނަވަސްކަމުގެ އަސަރުތަކެވެ. ކަންބޮޑުވުމުގެ ކުލަވަރެވެ.
” ފާތުން ބުނީ ކީކޭ؟ ” ޒުބޭދާގެ ވާހަކައިން އަންޖާމަށް ލިބިގެން ދިޔަ ނުތަނަވަސްކަމުގައި އަވަސް އަވަހަށް އަހާލެވުނެވެ.
” ފާތުން ބުނީ މިއަދު ވެސް ނީނާމެންނާއި އެކުގައި ތުނޑިއަށް ދިޔަ ވާހަކަ. އެހެންވީމަ ވިސާމް ކައިވެނިކޮށްގެން އެއުޅެނީ
އަހަރުމެން ރަށު ނީނާ އަކާ ނޫން. އަހަރުމެން ރަށު ނީނާއާ ކިތަންމެ ވައްތަރު ގޮތެއް ހުއްޓަސް އެއީ އެހެން މީހެއް. މިކަމުގައި ވަރަށްބޮޑު އޮޅުންތަކެއް އެބަހުރި. ” ކޮންމެވެސް ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުރެގެން ޒުބޭދާ ވާހަކަ ދެއްކިއެވެ.
” ތިހެން ވެދާނެ. ފަންޑިތަ ހަދާ އަލީ އަހްމަދާ އޭނަޔާ އުޅުނީ ވަރަށް އެއްކޮށް. އަލީ އަހްމަދުގެ ކަމަކަށް ވެސް ވެދާނެ
އެއްނު. ” އަންޖާމު ވާހަކަ ދެއްކި އޭނާއަށް ހީވި ހީވުމެއްގެ މައްޗަށް ބުރަވެއެވެ.
އެކަމާބެހޭގޮތުން އެތައް އިރެއް ވާންދެން ވާހަކަދެއްކުމަށްފަހު ޒުބޭދާ އާއި އަންޖާމު ނިންމީ އެކަންތައް އިތުރަށް ބަލާ
ދިރާސާ ކުރުމަށާއި އެކަމުގައި ހޯދާންޖެހޭ ހުރިހާ މަޢުލޫމާތެއް ހޯދާށެވެ.
އަށެއް ޖަހާކަން ހާއިރެވެ. ޙިޔާލެއްގެ ތެރެއަށް ގެއްލިފައި ކަހަލަގޮތަކަށް ނީނާ އެނދުގައި އޮތްއިރު ކޮޓަރިތެރޭގައި ވަނީ
ހަމަހިމޭންކަމާއި ފަނޑު އަލިކަމެވެ. މިއަދު ހަވީރު ކަންތައް ވީގޮތުން ނީނާ އޮތީ ހިތްހަމަ ނުޖެހިފައިކަން އޭނާގެ މޫނުމަތިން ފާޅު ވަމުންދާ ޝުޢޫރުތަކުން ކިތަންމެ ރަނގަޅަކަށް ވެސް އެނގެއެވެ.
އަންޖާމާއި ޒުބޭދާ ތިބީ ގޯތިތެރޭހުރި ޖޯލިފަތީގައެވެ. އެހެން ތިބިއިރު ޒުބޭދާ އާއި އަންޖާމު ވާހަކަ ދައްކަމުން ދިޔައީ
ނީނާއާ ބެހޭގޮތުންނެވެ. ނީނާގެ ޙަޤީޤަތް ހޯދުމަށް ކަންތައް ކުރާނެގޮތަކާމެދު ދެމީހުން ވާހަކަ ދައްކަމުން ދިޔައެވެ.
ޒުބޭދާ އާއި އަންޖާމު ވާހަކަދައްކާ މަޝްވަރާކޮށް ނިންމިފަދައިން ކަންތައް ކުރުމަށް އަވަސްވެގަތެވެ.
އަންޖާމުމެން ގާތު ވިސާމް ބުނިފަދައިން އަންޖާމު ފިހާރައަށް ދިޔައިރު ފިހާރާގައި ވިސާމް އިނެވެ. އޭރު ވެސް އޭނާ
އިނީ ކޮންމެވެސް ކުރެހުމެއްގެ މަސައްކަތް ކުރާށެވެ. މަސައްކަތާއިގެން މަޝްޣޫލްވެ އިން ނަމަވެސް ވިސާމަށް އަންޖާމު ފެނުމުން ގޮނޑިއެއް ދައްކައި އިށީންނާން ބުންޏެވެ.
އެނދުގައި އޮށޯވެލައިގެން އޮތީ ނިދާން ނޫން ނަމަވެސް އެހެން އޮއްވައި ޒުބޭދާއަށް ނިދިއްޖެއެވެ.
ވިސާމްގެ އޭނާގެ މަސައްކަތާއިގެން އުޅެމުން ދިޔަ ނަމަވެސް އަންޖާމާއި ވާހަކަދައްކަމުން ދިޔައެވެ.
ނީނާ ފިހާރައަށް އައިއިރު އެތަނުގައި އަންޖާމު ހުރުމުން އޭނާއަށް ފެނުމުގެ ކުރިން ފިހާރައާ ދުރަށް ހިނގައިގަތެވެ. އޭރު
އޭނާގެ މޫނުމަތިން ފެންނަމުންދަނީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ.
ވަގުތުތައް ފާއިތުވަމުން އައިސް ދިހައެއް ޖެހިއިރު ގެއާއި ގޯތިތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އަބްދުލް ހާދީގެ
ދެމަފިރިންނާއި ދެކުދިން ނިދި ނަމަވެސް އަންޖާމު ނާއްނާތީ ގެއާއި ޒުބޭދާމެން ކޮޓަރި ހުރީ ތަޅުނުލައެވެ. އޭރު ވެސް ޒުބޭދާއަށް އޮތީ ނިދިފައެވެ.
ކުއްލިއަކަށް ކަހަލަގޮތަކަށް ގޭގެ ދޮރުހުޅުވުނު ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ހަމައެހެންމެ އެއްވެސް
މީހެއްގެ އެހީއަކާނުލާ ޒުބޭދާމެން ކޮޓަރީގެ ދޮރު ވެސް ހުޅުވިގެން ދިޔައެވެ. ކޮޓަރީގެ ހޮޅިބުރި ނިވާލަމުން ބޮކި ދިއްލާލިއިރު ހީވީ މީހަކު ކުރި ކަމެއްހެންނެވެ. އެއާއެކުހެން ފަންކާގެ އެނބުރުމަށް ވެސް ހުއްޓުން އައިސްފިއެވެ. ތަނެއް ދޮރެއް ނޭނގޭހާލުގަ ނިދާލާ ފައި ޒުބޭދާ އޮއްވާ ކޮޓަރީގެ ދޮރުލެއްޕި ތަޅުލެވިއްޖެއެވެ.
އެނދުގެ އެއްފަރާތުގަ ބާއްވާލާފައި އޮތް ބެޑްޝީޓްގެ އެއްކޮޅު މައްޗަށް އަރައިގެން ގޮސް ފަންކާގައި ގޮށެއް ޖެހުނީ މީހަކު
ވެސް އެކަން ކޮށްލާހާ ފުރިހަމަ އަށެވެ. އަނގުރު އަލިފާންފަދަ ގަދަރަތްކުލައިގެ ދެ ލޯ އެ ބެޑްޝީޓްގެ ތެރޭން ފާޅުވި ނަމަވެސް އެއްވެސް މީހެއްގެ އިސާރާތެއް ނުވެއެވެ.
ސިއްސައިގެން ގޮސް ޒުބޭދާއަށް ހޭލެވުނީ ނޭވާ ހާސްވެގެންނެވެ. އެއްވެސް މީހަކު ފެންނާން ނެތް ނަމަވެސް ވަރަށް ބާރަށް
ކަރުގައި ހިފާފައިވާ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. ފެނުނު މަންޒަރުން ގަތްބިރާއި ލިބެމުންދާ ވޭނުން ސަލާމަތްވުމަށްޓަކައި ޒުބޭދާ ހަޅޭލެވޭތޯ މަސައްކަތް ކުރި ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. ނުހަނު ބާރަށް އިވޭންފެށި ތޫލިއަޑުގެ ސަބަބުން ކަންފަތަށް ވެސް އުނދަގޫވަމުން ދިޔައެވެ.
ނުނިމޭ
2 Comments!
Comments are closed.
އެސޮރަށް ފެންނަ ހުވަފެނެއްދޯ ތިއީ
If I communicated I could thank you enough for this, I’d be lying.