ނިދީތެރޭން
ނުވަވަނަބައި
ރަށުތެރޭން ފާޅުވަމުންދާ ހަމަހިމޭންކަމާއި ފަޅުކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ވިސާމް ގެއަށް ދިޔައިރު އަލީ އަހްމަދު
އޮތީ ނިދާފައެވެ. އަލީ އަހްމަދުގެ ސަބަބުން އޭނާއަށް އޭނާގެ ލޯބި ކާމިޔާބުވީތީ ހިތާ ހިތުން އޭނާއަށް ޝުކުރުއަދާކުރަމުން ވިސާމް އަރާ އެނދުގައި އޮށޯތުމާއެކުހެން އޭނާއަށް ނިދިއްޖެއެވެ.
ފަތިސްނަމާދު ވަގުތުގެ ބަންގިއާއެކުހެން ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ. އަޅުވެރިން މިސްކިތާއި ދިމާއަށް
ދިޔައިރު ބައެއް މީސްމީހުން އެހެން ކަންކަމާއިގެން ވެސް އުޅެން ފެށިއެވެ. ހާލާއި ކާޅުގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ގަދަވަމުން ދިޔައިރު މަސްވެރިންތައް މަހަށް ފުރުމަށްޓަކައި ބަނދަރަށް ޖަމާވަމުން ދިޔައެވެ.
އިރުގެ އަލިކަން ރަށުތެރެއަށް ގަދަވަމުން ދިޔަވަރަކަށް އަޑުތައް ވެސް ގަދަވަމުން ގިނަވަމުން ދިޔައެވެ.
ހެނދުނުގެ ސަޔަށް ދިއުމުގެ ކުރިން ރޭގެ ކަންތަކާ ބެހޭގޮތުން ވާހަކަ ދައްކާލާން އަލީ އަހްމަދާއި ވިސާމް ކޮޓަރީގައި
މަޑުކޮށްލިއެވެ. އޭރު ދެމީހުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ.
” ހާދަ ހިތްހަމަޖެހިފައި ހުރިހެން ހީވެޔޭ. ނީނާ ބުނީ ކީކޭތަ؟ ” ވިސާމަށް ބަލާލަމުން އަލީ އަހްމަދު އަހާލިއެވެ.
” ހުރިހާ ކަމެއް ވެސް ވަރަށް ބަރާބަރު. މިރޭ ވެސް ބައްދަލުކުރާ ގޮތަށް އޮތީ. ” އަލީ އަހްމަދަށް ހިނިތުން ވެލަމުން
ވިސާމް ވާހަކަދެއްކިއެވެ. އޭރު އޭނަ އުފާވެ ހިތްހަމަ ޖެހިފައިވާވަރު އޭނާގެ އަޑުންނާއި ހަރަކާތްތަކުން ކިތަންމެ ރަނގަޅަކަށް ވެސް ދޭހަ ވަމުން ދިޔައެވެ.
އަލީ އަހްމަދާއި ވިސާމް ވާހަކަދައްކާން ފަސްވަރަކަށް މިނިޓް މަޑުކުރުމަށްފަހު ދިޔައީ ސަޔަށެވެ.
ތަރިރުހަނދުގެ ދައުރުވުމާއެކު ދުވަސްތަކާއި ރޭތައް މާޒީއާއި އެކުވަމުން ދިޔައެވެ. ނީނާ އާއި ވިސާމް ރަށުގެ އެހެން
މީހުންނަށް ސިއްރުން އެމީހުންގެ ލޯބީގެ ބައްދަލުވުންތައް ބާއްވަމުން ކުރިމަގަށްޓަކައި ރޭވުންތައް ރާވަމުން ފޮނި ހުވަފެންތައް ދެކެމުން ދިޔައެވެ. ރަށުގެ މީހުންނަށް ސައްކު ވެސް ނުވާނޭހެން ރަށުގެ ހޭޅިފަށުގައި ކޮންމެރެއަކު އިރާކޮޅު ދެލޯބިވެރިން ބާއްވަ މުންދާ ބައްދަލުވުންތަކުން އެކަކުގެ ފަރާތުން އަނެކަކަށް ލިބެމުންދާ އުފަލާއި ހިތްހަމަޖެހުމަކީ މިދުނިޔެމަތީގައި ދެ ލޯބިވެރިއަކަށް ލިބޭނެ އެންމެބޮޑު އުފަލާއި ހިތްހަމަޖެހުން ކަމުގައި ދެމީހުން ވެސް ބުނަމުން ދިޔައެވެ.
އަލީ އަހްމަދުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ވިސާމް ހޯދި ލޯބިވެރިޔާއާއެކު ދުވަސްތައް ވޭތުކުރަމުން ރޭވުންތައް
ރާވަމުންދާ ގޮތް އަލީ އަހްމަދަށް ވިސާމް ކިޔައިދެމުން ދިޔައެވެ. މިކަން އަދި ނުނިމޭ ކަމާއި މިކަން ނިމޭނީ ނީނާއާ ކައިވެނި ކޮށްގެން ކަމަށް ދެކޭތީ އަދިވެސް އަލީ އަހްމަދުގެ އެހީތެރިކަން ބޭނުންވާނެ ކަމުގައި ވިސާމް ދެކެއެވެ.
” މިހާރު ދެން އަހަރެން ކުރާން އައި މަސައްކަތް ވެސް ނިމެނީ. ނީނާ ބޭނުންވަނީ އަހަރެންނާއި ކައިވެނި ކޮށްގެން
އަހަރުމެން ރަށަށް ބަދަލުވާން. ” ކައިވެންޏާއި ބެހޭގޮތުން ވިސާމް ވާހަކަދައްކަމުން ދިޔައީ އަލީ އަހްމަދާއެވެ.
” އެހެންވެ ދޯ ތިހާ ހިތްހަމަ ޖެހިފައި ތި ހުންނަނީ. ކައިވެނި ކުރާން ޖެހޭނީ މާލޭ. ވިސާމް ދާނީ އެކަނި. އަހަރެން
ދާނަށް ނީނާ އާއި އޭނާގެ މައިންބަފައިން ގޮވައިގެން. މިވަގުތައް އެންމެ ރަނގަޅު ވާނީ އެގޮތް. އެކަމު ބުނަން. ކައިވެނި ކުރެވުމާ އެކު އަހަރެންގެ ފައިސާގެކަންތައް ހަމަޖައްސަ ދޭން ވާނެ. ” ވިސާމްގެ ވާހަކައާ ގުޅުވައިގެން އަލީ އަހްމަދު ވާހަކަ ދެއްކިއެވެ.
އަލީ އަހްމަދުގެ ވާހަކަތަކާއި ވިސާމް އެއްބަސްވީ ނުހަނު އުފަލާއި ހިތްހަމަޖެހުމާ އެކުގައެވެ.
ވިސާމް ގުރައިދުއަށް އައިތާ ދެމަހެއްހާ ދުވަސްތެރޭ އޭނާ ކުރާންއައި މަސައްކަތް ނިންމާލިއެވެ. އެހެންކަމުން އޭނާ ހުރީ
ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.
ޖޫންމަހުގެ ސާދަވިލޭރޭ ދިހައެއް ޖަހާކަން ހާއިރެވެ. ހަނދުވަރުގެ ނަލަ އަލިން މުޅިބިން ވަނީ އަލިވެފައެވެ. ހަނދުވަރުން
މޫދަށް ފޯރާފައިވާ އަލީގެ ސަބަބުން ކަނޑުގެ ލޮނުގަނޑުން ދަޅައަޅަމުން ދިއުމާއި ހިތްގައިމު ވަރަކަށް ވައިޖެހެމުން ދިއުމަކީ މަންޒަރު ބަލާ މީހުންނަށް އިތުރު ހިތްހަމަޖެހުމެއް ގެނެސްދޭނެ ކަމެއް ކަން ޔަގީނެވެ.
ނީނާ އާއި ވިސާމް އެ ދެލޯބިވެރިންގެ އާދައިގެމަތިން ދިގުމަގާދިމާ އަތިރިމަތީ ހޭޅިފަށުގައި ލޯބީގެ އަހުދުތަކާއި ވައުދުތައް
ވާން ތިއްބެވެ. އެހެނަސް އެހެން ރޭތަކާއި ހިލާފަށް މިރޭ ނީނާގެ މޫނުމަތިން ފާޅުވަމުންދަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއްގެ އަސަރުތަކެވެ. އޭނާ ހަމައަކަށް އެޅުވޭތޯ ވިސާމް މަސައްކަތް ކުރަމުން ދިޔައެވެ.
” އަހަރުމެން ގޮވައިގެން އަލީ އަހްމަދު މާލެ ދާނެކަން ވިސާމަށް ޔަގީންތަ؟ ބައްޕަ އުޅެނީ ވެސް ވަރަށް ބަލިކޮށް.”
މާޔޫސްކަމާއެކު ވިސާމަށް ބަލާންއިނދެ ނީނާ ވާހަކަދެއްކިއެވެ. އޭރު އޭނާގެ ދެލޮލުގެ ކައިރިން ކަރުނައިގެ އަސަރުތައް ފާޅުވާން ހުއްޓެވެ.
” އާން. އަހަރެން ވަރަށް އިތުބާރު ކުރަން އޭނާއަށް. އަހަރެން މާލެ ގޮސް ކައިވެނީގެ ކަންތައް ހަމަޖައްސާއިރަށް އޭނާ
ދާނެ ނީނާމެން ގޮވައިގެން. އެކަމާ ދެން ނުވިސްނާ. އަހަރެންނަށް ޔަގީން އޭނާ އެކަން ކޮށްދޭނެކަން. ” ނީނާ ގެނެސް މޭގައި ލައްގާލަމުން ވިސާމް ވާހަކަދެއްކިއެވެ.
ނީނާ އާއި ވިސާމް އެދެމީހުންގެ ލޯބީގެ އެންމެފަހުގެ ބައްދަލުވުން ނިންމާލީ ބާރަ ވެސް ޖެހި ފަހުންނެވެ. އޭރު ދެމީހުންގެ
މޫނުމަތިން ހިތާމަ އާއި ހިތްދަތިކަން ފާޅުވަމުން ދިޔަ ނަމަވެސް ދެމީހުން ވެސް ތިބީ ދުވަހަކު ވެސް ވަކިނުވެ އެކުގައި ވާން ކަމަށްވާތީ އެކަކު އަނެކަކަށް ހިތްވަރާއި ނަސޭހަތް ދެމުން ދިޔައެވެ.
އިރުގެއަލިން ދުނިޔެމަތި އަލިކޮށްލުމާ އެކުހެން ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ. ދުވަހަކީ މަދަރުސާތަކުގެ
ކިޔެވުން ބަންދު ދުވަހަކަށްވާތީ ހެނދުނުގެ ސަޔަށްފަހު ގިނަކުދިންގެ އަމާޒަކަށް ވެފައިވަނީ މޫދެވެ.
މާލެ ދިއުމަށްޓަކައި ފެރީ ފުރާގަޑި ގާތްވަމުންދާ ވަރަކަށް އަތިރިމައްޗަށް ޖަމާވަމުންދާ މީހުން ގިނަވަމުން ދިޔައެވެ. މާލެ
ދިއުމަށްޓަކައި އަންނަ މީހުންނާއި ގާތްމީހަކު ނުވަތަ ތިމާގެ ކޮންމެވެސް މީހަކު ފުރުވާލާން އަންނަ މީހުންގެ އިތުރުން ރައްޓެހިން ނުވަތަ ޢާއިލާގެ މެންބަރަކު ފުރުވާލުމަށް އަންނަމީހުން ވެސް އޭގެތެރޭގައި ހިމެނެމުން ދިޔައެވެ.
ފެރީގިމަތަ ކައިރިއަށް އެއްވެފައިވާ މީހުންގެ ތެރޭން ވިސާމް ހޯދަމުންދިޔައީ ނީނާ ނަމަވެސް އޭނާއަކަށް އެތަނަކުން ނީނާ
އެއް ނުފެނުނެވެ. ނީނާ އެތަނަށް ނައުމުން ކަންބޮޑުވެ މާޔޫސްވި ނަމަވެސް ނީނާއަށް ނާދެވުނީ ކޮންމެވެސް ސަބަބެއް އޮވެގެން ކަމުގައި ގަބޫލު ކުރެވޭތީ ހިތްހަމަ ޖައްސާލިއެވެ.
ފެރީދޯނި ފަޅުން ނުކުންނާން ދަނިކޮށް ވިސާމްގެ ލޮލުގައި އަޅައިގަތީ އެހިސާބާއި މާދުރުނޫން ހިސާބެއްގައި ހުރި ނީނާ
އެވެ. އޭރު ނީނާ ދެއަތް ހިއްލައި ވިސާމަށް ހަނާއަޅާމުން ދިޔައެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމުގަ ވިސާމް ވެސް ނީނާއަށް ހަނާ އަޅާލިއެވެ. އެހެނަސް ވިސާމް ފިޔަވާ އެހެންމީހަކަށް އެކަން އެނގޭހެނެއް ހިޔެއް ނުވެއެވެ.
މާލެ ދެވުމާއިއެކުހެން ވިސާމް އަވަސްވެގަތީ އޭނާއާއި ނީނާގެ ކައިވެނީގެ ކަންތައް ހަމަޖައްސާށެވެ. އޭރު އޭނާގެ ފަރާތުން
ފެންނަމުންދާ އުފަލާއި ހިތްހަމަޖެހުން އިތުރުވަމުން ދިޔައެވެ.
ނީނާ އާއި ވިސާމް ދެރަށެއްގައި ތިބި ނަމަވެސް ފޯނުމެދުވެރިކޮށް ދެލޯބިވެރިންގެ ބައްދަލުވުންތައް ބާއްވަމުން އަހުދުތަކާއި
ވައުދުތައް ވަމުން ކުރިމަގު ރާވަމުން ދިޔައެވެ. ހަމައެހެންމެ ކައިވެނީގެ ކަންތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ދިޔައެވެ.
ކައިވެނީގެ ކަންތައް ހަމަޖައްސާފައި ވިސާމް އެންގުމުން ނީނާ ގޮވައިގެން އަލީ އަހްމަދު މާލެ އައިސްފިއެވެ. އޭރު ނީނާގެ
މޫނުމަތިން ފާޅުވަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
އަލީ އަހްމަދުގެ މޮޅު ރޭވުންތެރިކަމާއެކު ނުހަނު ފަސޭހަކަމާއެކު ނީނާ އާއި ވިސާމްގެ ކައިވެނީގެ ކަންތައް ހަމަޖެހިގެން
ހިނގައްޖެއެވެ. ދެކެމުންއައި ހުވަފެންތައް ޙަޤީޤަތަކަށްވެ އަބަދުގެ އަބަދަށް ގުޅި ލާމެހުމުގެ ނަސީބު ލިބުމުން ދެމީހުނަށް ވެސް ލިބިގެން ދިޔައީ ބަޔާންކުރާން ވެސް ނޭނގޭވަރުގެ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ.
އަލީ އަހްމަދު ގާތުގައި ވިސާމް އެއްބަސްވެފައިވާ ފަދައިން އޭނާގެ އަދާކޮށް ނިންމިއެވެ.
އަލަތުކައިވެންޏާއި އެކުހެން ވިސާމާއި ނީނާ ވިސާމްގެ ރަށްކަމުގައި ރަސްދޫއަށް ދިރިއުޅުން ބަދަލުކުރިއެވެ.
ވިސާމްގެ ރަށަށް ނީނާގެ ދިރިއުޅުން ބަދަލުކުރުމުން ވިސާމްގެ ޢާއިލާއިން ވެސް ވަރަށް ހިތްހަމަޖެހުނެވެ. އެޢާއިލާ
އިން ވިސާމަށް ދެމުންދިޔަ އަޅާލުމާއި ލޯބި ނީނާއަށް ވެސް ދެމުން ދިޔަ އެވެ.
ކޮންމެ ސައުވީސް ގަޑިއިރަކުން ރޭއަކާއި ދުވާލެއް މާޒީއާއެކުވަމުން ދިޔައެވެ. ނީނާގެ މިޒާޖުގެ ސަބަބުން އޭނާއާ
އެއްއުމުރުގެ ގިނަ ކުދިންތަކެއް އޭނާއާ ގާތްގުޅުމެއް އުފައްދަމުން ދިޔައެވެ. އެހެންކަމުން ނީނާގެ އިތުރުން ވިސާމް ވެސް ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ނީނާގެ އުޅުމަށް ނަޒަރު ހިންގާލާ ކޮންމެމީހަކަށް ވެސް ފެންނަނީ އޭނާ އެރަށުގައި ދިރިއުޅުމަށް ބޭނުން ވެފައިވާ މިންވަރެވެ. އެރަށާމެދު އޭނާ ހިތްހަމަ ޖެހިފައިވާ ވަރެވެ.
ޒުބޭދާ އާއި އަންޖާމުގެ ކައިވެނީގެ ކަންތައް ވެގެން ދިޔައީ އެ ދެލޯބިވެރިންގެ އިތުރުން އެދެޢާއިލާއަށް ވެސް ލިބިގެން
ދިޔަ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމަކަށެވެ. ރަށުގެ ގިނަބަޔަކު ގަބޫލުކުރާގޮތުގައި ޒުބޭދާ އާއި އަންޖާމަކީ އެކަކު އަނެކަކާއި އެންމެ ގުޅޭ ދެޒުވާނުންނެވެ. ޒުބޭދާއާއި އަންޖާމުގެ ކައިވެނީގެ އުފަލުގައި ބޭއްވި ކުލަގަދަޙަފުލާ ވެގެންދިޔައީ ރަށަށް އައި ޢީދެއް ފަދަ ދުވަހަކަށެވެ. ރަށުގެ ރައްޔިތުންގެ އިތުރުން އެތައްބައިވަރު ބީރައްޓެހިންނެއް ވެސް އެޙަފުލާގައި ބައިވެރިވިއެވެ.
ކައިވެންޏާއި އެކުހެން އަންޖާމުގެ ގެއަށް ޒުބޭދާގެ ދިރިއުޅުން ބަދަލުކުރިއެވެ.
ޒުބޭދާއާ ކައިވެނިކުރުމަށް އެތައް ޒުވާނުންނެއް އެދިއެދި ތިއްބާ އަންޖާމާއި ޒުބޭދާ ކައިވެނި ކުރުން ވެގެން ދިޔައީ ވަރަށް
ގިނަ ޒުވާނުން ރުޅިއައި ކަމަކަށެވެ. ފާޅުގައި އެއްޗެކޭ ނުބުނި ނަމަވެސް އެކަމާ ޙަސަދަވެރިވެ ނުބައި ރޭވުންތައް ރާވަމުންދިޔަ ބަޔަކު ތިބި ނަމަވެސް ޒުބޭދާ އާއި އަންޖާމަކަށް އަދި އެދެ ޢާއިލާގެ މީހުންނަކަށް އެކަމެއް ނޭނގެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



ވަރަށް ސަޅި
salhi