
ނިދީތެރޭން
އަށްވަނަބައި
ދުންކިބައިގެ ދުމުގެ ކުލަ ރަތަށް ބަދަލުވެގެން ދިއުމާއެކު އަލީ އަހްމަދު ކިޔެވެލީގެ އަޑު ބާރުކޮށްލީ ކަމެއް އެނގިގެން
ކުރި ފަދައަކުންނެވެ. އަދި ވަރަށް ޝައުޤުވެރިކަމާއެކު އަވަސް އަވަހަށް ވަށައިގެން ހޯދާލިއެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުން ދަނީ ހިތްހަމަޖެހުމާއި ކާމިޔާބުގެ އަސަރުތަކެވެ.
އޮޔާއި ވަޔާ ރާޅާއެކު ވެލިގަނޑުގައި ބީހެމުންދިޔަ ފަންވަތްތަކުގެކުލަ ރަތްވާން ފެށިތާ މާގިނައިރެއް ނުވަނީސް ހުރިހާ
ފަންވަތެއްގެ ކުލަ ރަތަށް ބަދަލުވެގެން ދިޔައެވެ.
ފަރުމަސްވެރިކަމުގައި އުޅުމަށްފަހު ރަށާއިދިމާއަށް ދަތުރުކުރަމުން އައި ދޯނީގެ ކުނބުކުރިން ކުއްލިއަކަށް ފާޅުވި ގަދަރަތް
ކުލައިގެ އައްޔާއެކުހެން ބައެއްމީހުން ސިއްސައިގެން ދިޔައެވެ. ކަންބޮޑުވުމާއެކު އަވަސް އަވަހަށް ފަހަތް ބަލާލިއިރު މޯހިރު ތެރޭން ވެސް ގަދަރަތް ކުލައިގެ އަލިކަމެއް ފާޅުވާން ހުއްޓެވެ. ވެހޭންފެށި ހިމަފޮދު ވާރޭއާއެކުހެން ދޯނީގެ ކުރިމަތިންނާއި ދެއަރިމަތިން ސަންދޯކާއި ކަފުންކަފަ އަދި ގަބުރާއި ގަބުރުސްތާނު ފަދަ ތަންތަން ފެންނާން ފެށިއެވެ. ވެހެމުންދިޔަ ހިމަފޮދު ވާރޭއިން ލޮނުރަހަ ލަމުން ދިޔައިރު ދޯނި ދުއްވޭނެ މަގެއް ނުފެނިގެން މަޑުކުރާން ޖެހުނު އެތައް ފަހަރަކާއި ދިމާވެއްޖެއެވެ.
ދޯނި ކައިރީގައި ދައުރުވަމުން ދިޔަ ބައެއް ސަންދޯއް ރަށާއި ދިމާއަށް ދަތުރު ކުރަމުންދާކަން ބައެއް މީހުންނަށް ފާހަގަ
ކުރެވި އެވާހަކަތައް ސިއްރުސިއްރުން ދައްކަމުން ދިޔަ ވެސް މެއެވެ.
ނަގަމުންދިޔަ ބިޔަރާޅުތަކާއި ދަމަމުންދިޔަ ބާރުއޮޔާއިއެކު އައިސް ގޮނޑުދޮށައް ލެއްގި ސަންދޯކުތެރެއިން ތެދުވީ ގަދަރަތް
ކުލައިގެ ހެދުމެއްލައިގެން ހުރި ޒުވާންފުރައިގެ އަންހެންކުއްޖެކެވެ. ނުހަނު ބަލިކަށިގޮތަކަށް ސަންދޯކުތެރެއިން ފައިބާގެން އޮޑިހަރުގެ ތަކާއި ދިމާއަށް ހިނގައިގަތްއިރު އެއީ ނީނާ އެވެ. ޖެހެމުންދިޔަ ބާރު ވަޔާއި ގޮނޑުދޮށުން ވިއްސަމުންދާ ލޮނުފެނުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ.
ކިޔެވެލީގެ މަސައްކަތާއި ގެން އަވަދިނެތި ހަރަކާތްތެރި ވަމުންދިޔަ އަލީ އަހްމަދު އޭނާގެ މަސައްކަތް ކުޑައިރުކޮޅަކަށް މެދު
ކަނޑާލަމުން ވިސާމަށް ބަލާލީ އޮޑިހަރުގޭ ދޮރުގައި މީހަކު ތަޅައިގަތުމުންނެވެ. އެއާއެކުހެން ދޮރުހުޅުވުމަށް އަތުގެ އިޝާރާތުން ވިސާމަށް އަންގާލިއެވެ. އަދި އޭނާގެ ވާހަކަތައް ހަނދާން ބެހެއްޓުމަށް ވެސް ހަނދާން ކޮށްދިނެވެ.
ވިސާމް ގޮސް އޮޑިހަރުގޭގެ ދޮރު ހުޅުވާލުމާ އެކުހެން ނީނާ އެތެރެއަށް ވަނެވެ. އޮޑިހަރުގެއަށް ވަދެގެން ދިޔަގޮތަށް ގޮސް
ނީނާ މަޑުކުރީ، ކުރީ ދެރޭގެ ވެސް އާދައިގެ މަތިން ދުންކިބަ ކައިރީގައެވެ. އޮޑިހަރުގޭގެ ދޮރުލައްޕާ ތަޅުލާފައި ވިސާމް އައިސް އަލީ އަހްމަދު ކައިރީ އިށީންއިރު ނީނާއަށް އެއްވެސް ސަމާލުކަމެއް ނުދީ އަލީ އަހްމަދު އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އެހެންކަމުން ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ދެން ވާގޮތެއް ބަލާން ވިސާމް މަޑުމަޑުން އިނެވެ.
އަލީ އަހްމަދު އޭނާގެ ކިޔެވެލި ނިންމާލަމުން ކޮޅަށް ތެދުވުމާއެކު ވިސާމް ވެސް ކޮޅަށް ތެދުވިއެވެ.
” ވިސާމް!.. އަހަރެންގެ މަސައްކަތް ނިމުނީ. ދެން އޮތީ ވިސާމަށް ވީ ބައި. އޭނާއާއެކު އޭނާ ބުނާ ތާކަށް ދޭ. އެކަމު
އޭނާ ވާހަކަ ނުދައްކަނީސް ވާހަކަ ނުދައްކާތި. ” ވިސާމަށް ބަލާލަމުން މަޑުމަޑުން އަލީ އަހްމަދު ވާހަކަދެއްކިއެވެ.
އަލީ އަހްމަދުގެ ވާހަކަތަކާއި އެއްބަސްވެ އާނއެކޭ ބުނާފަދައަކުން ބޯޖަހާލަމުން ވިސާމް ބަލާލީ ނީނާ އަށެވެ.
މަޑުމައިތިރިކަމާއެކު ވިސާމް އައިސް ނީނާގެ އަތުގައި ހިފައިގެން އޮޑިހަރުގެއިން ނުކުތެވެ. އޮޑިހަރުގެއިން ނުކުންނަމުން
ނީނާއާ ދިމާއަށް ވިސާމް ބަލާލުމާއެކުހެން ވިސާމަށް ބަލާލަމުން ނީނާ ހިނިތުންވެލި އެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަމުންދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
އަލީ އަހްމަދު ބުނި ފަދައިން ވިސާމް ހުރީ ނީނާ ބޭނުންތާކަށް ދާށެވެ. ވިސާމް ގޮވައިގެން ނީނާ މިސްރާބުޖެހީ ޖެޓީ
އާއި ދިމާއަށެވެ. މިފަދަވަގުތެއް އޭނާ ގޮވައިގެން ނީނާ އެތަނަށް އެދަނީ ކީއްކުރަންބާއޭ ހިތަށް އެރި ނަމަވެސް ވިސާމް ސުވާލެއް ނުކުރެއެވެ. އަލީ އަހްމަދު ބުނެފައިވާ ފަދައިން ނީނާ ވާހަކަ ނުދައްކަނީސް އޭނާ ވާހަކައެއް ނުދައްކާނެއެވެ.
ނީނާ އާއި ވިސާމް ދިޔަގޮތަށް ގޮސް މަޑުކުރީ ޖެޓީއާއި ދިމާއިން އެއްގަމުގައި ހަދާފައިވާ ޖޯލިފަތިތަކުން ޖޯއްޔެއްގައެވެ.
އޭރު އެ ސަރަހައްދުން އެދެމީހުން ފިޔަވާ އެހެން އެއްވެސް މީހަކު ނުފެނެއެވެ. މުޅި ސަރަހައްދަށް ވެރިވެފައިވަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އަމާން އޮމާން ކަމެވެ.
” ވިސާމް! ” ވިސާމްއާ ދިމާއަށް ބަލާލަމުން މަޑުމަޑުން ނީނާ ގޮވާލިއެވެ.
ނީނާ ގޮވާލުމާއެކުހެން ވިސާމް އަވަސް އަވަހަށް ނީނާއަށް ބަލާލިއެވެ. އޭރު ނީނާ އިނީ ވިސާމަށް ބަލަހައްޓައިގެން ކަމަށް
ވާތީ އެއްވެސް އިހްތިޔާރަކާނުލާ އެދެމީހުން ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އެއާއެކުހެން ދެމީހުނަށް ހުއްޓުން އަރައި ބަސްހުއްޓި ހަރަކާތް ވެސް ހުއްޓުނެވެ. ކުރާނެ ހަރަކާތެއް ބުނާނެ އެއްޗެއް ނޭނގިފައި އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން ތިބެވުނީ ކިހާ އިރަކު ކަމެއް އެދެމީހުން ކުރެ އެކަކަށް ވެސް ނޭނގެއެވެ.
” ކިރިޔައެއްނު މިސަލާމަތްވީ. ” ވިސާމާއި ނީނާ ސިއްސައިގެން ދިޔައީ ކޮންމެވެސް ބަޔަކު ވާހަކަދައްކާ އަޑަށެވެ.
އަޑުއައި ދިމާއަށް ބަލާލިއިރު ޒުވާނު ފުރައިގެ ދެ ފިރިހެނުން މަހުން ލަފައިގެން ބަރޯއަކަށް މަސްތައް އަޅައިގެން ގެއާ ދިމާއަށް ދަނީއެވެ. އެމީހުންގެ ވާހަކަތަކާއި ހަރަކާތްތައް ހުރިގޮތުން އެމީހުނަށް ކޮންމެވެސް ނުރައްކަލެއް ދިމާވެއްޖެކަން ޔަގީންވެއެވެ.
އެމީހުނަށް އެދެމީހުން ފެނިދާނެތީ ވިސާމް ކޮންމެވެސް ވަރަކަށް ކަންބޮޑުވި ނަމަވެސް އެމީހުންގެ ހަރަކާތް ތަކާއި
ބަސްމަގު ހުރިގޮތުން މިވަގުތު އެމީހުންގެ ސަމާލުކަން އެހެން ދިމާއަށް ނޭނބުރޭނެކަން ޔަގީންވެ ހިތްހަމަ ޖައްސާލިއެވެ.
އެމީހުންގެ އެވާހަކަތައް އަޑުއިވުމުން ނީނާ ހީލި ހީލުން ވިސާމަށް ކިތަންމެ ރަނގަޅަކަށް ވެސް ފާހަގަ ކުރެވުނެވެ.
އެހެނަސް ނީނާގެ އެ ހީލުމުގެ މާނައާއި އެކަމުގެ އަޑީގައި ފޮރުވިފައިވާ ސިއްރު އެއްގޮތަކަށް ވެސް ވިސާމަކަށް ނުވިސްނުނެވެ.
” ވިސާމް! އަހަރެންނަށް މަޢާފްކުރޭ. އަހަރެން ވެސް ގަބޫލުކުރަން ލޯތްބަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަން. އަހަރެން
ވިސާމް ދެކެ ވަރަށް ލޯބިވޭ. ” ވިސާމްގެ މޫނަށް ބަލަހައްޓައިގެން ހުރެ މަޑުމަޑުން ނީނާ ވާހަކަ ދެއްކިއެވެ.
” އަހަރެން އަބަދު ވެސް ނީނާއަށް މަޢާފްކުރާނަން. އެކަމާ ދެން އަޅާނުލާ. ކުރިއެކޭ އެއްގޮތަށް މިހާރު ވެސް އަހަރެން
ނީނާ ދެކެ ލޯބިވޭ. އެ ނިމުނީނުދޯ؟ ” ނީނާގެ އަތުގައި ހިފާ ބާރުކޮށްލަމުން ވިސާމް ބުންޏެވެ. ވިސާމްގެ އެވާހަކަތަކުން ނީނާ އުފާވެ ހިތްހަމަޖެހުނުވަރު އޭނާގެ މޫނުމަތިން ކިތަންމެ ރަނގަޅަކަށް ވެސް ފާޅުވެގެން ދިޔައެވެ.
ނީނާ އާއި ވިސާމް ލޯބީގެގޮތުން ގުޅި ލާމެހިގެން ދިޔައީ އެހެން އެންމެންގެ ލޯތަކަށް ސިއްރުންނެވެ. ހަމައެހެންމެ
ފުރަމެންދަމެއްގެ ހަމަހިމޭންކަމާއި އަމާން އޮމާންކަމާ އެކުގައެވެ. އެދިއެދި ހުރި ލޯބި ކާމިޔާބުވުމުން ދެމީހުން ވެސް ތިބީ އުފަލުން ފޮޅިފައެވެ. ނީނާގެ އަތުގައި ހިފާ ގަޔާއި ގާތަށް ދަމާލަމުން ވިސާމް ދިން ދަޢުވަތު ނީނާ ގަބޫލުކުރީ ނުހަނު އުފަލާއި ހިތްހަމަޖެހުމާ އެކުގައެވެ. ވިސާމް ބޭނުންވި ފަދައިން ނީނާ އައިސް ވިސާމްގެ މޭގައި ލައްވެލިއެވެ.
ލޯބީގެ ޢަހުދުތަކާއި ވަޢުދުތައް ވަމުން އެކަކު އަނެކަކުގެ ކިބައިން އުފަލާއި ހިތްހަމަޖެހުން ހޯދަމުންދިޔަ ނީނާ އާއި
ވިސާމަކަށް ވަގުތުތައް ހޭދަވަމުން ދިޔަގޮތެއް ނޭނގެއެވެ. ދެމީހުން ވެސް ތިބީ ލޯބީގެ އިޝްޤީ މަސްތުގަ ޖެހި ބަނދެވިފައިވާ ފަދަ އަކުންނެވެ.
” ހިނގާ ގެއަށް ދާން …. ބައްޕަ ފަތިސްނަމާދަށް ދާން ހޭލާއިރު އަހަރެން ގޭގައި ނެތްކަން އެނގިއްޖެއްޔާ ވަރަށް
ސަކަރާތްވާނެ. މާދަމާރޭ ނުވައެއް ޖަހާއިރު އަހަރެން ދާނަން ދިގުމަގު ކޮޅަށް. އެގަޑިއަށް ވިސާމް އާދޭ އެތަނަށް. ” ކުއްލިއަކަށް ކަމެއް ހަނދާން ވެގެން ކަހަލަގޮތަކަށް ވިސާމަށް ބަލާލަމުން ނީނާ ވާހަކަދެއްކިއެވެ.
ނީނާއާއި ވިސާމްގެ ލޯބީގެ ފެށުންކަމުގައިވި ބައްދަލުވުމަކީ ދެމީހުނަށް ވެސް ވަރަށްބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް
ލިބިގެން ދިޔަ ބައްދަލުވުމަކަށް ވިއެވެ. ބައްދަލުވުން ނިންމާލުމަށްފަހު ގެއާ ދިމާއަށް މިސްރާބު ޖެހިއިރު ދެ މީހުންގެ މޫނުމަތިން
ވެސް ފެންނަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ހިނިތުންވުމުގެ ކުލަވަރެވެ.
އަތުގައި ހިފާލައިގެން ތިބެ ދެ މީހުން ނީނާމެން ގެއާއިދިމާއަށް ހިނގަމުން ދިޔައިރު އެކަކު އަނެކަކާއި ވާހަކަދައްކާ
ހިތް އުފާކުރަމުން ދިޔައެވެ. ނީނާއާ އެކުގައި ނީނާމެން ގެއާއި ހަމައަށް އާދެވުމުން ވިސާމް މަޑުކޮށްލިއެވެ.
މާދަމާރެއަށް އިންތިޒާރު ކުރާކަމަށް ބުނަމުން ވަރަށް ލޯބިވެތި ސަލާމަކުން ސަލާން ކޮށްލުމަށްފަހު ނީނާ ގޮސް ގޯތި
ތެރެއަށް ވަނުމުން ވިސާމް އޭނާ ހުންނަ ގެއާއި ދިމާއަށް ހިނގައިގަތެވެ.
ވިސާމްގެ ފުރަގަހުން ކަހަލަގޮތަކަށް ވަރަށް ބާރަށް ދުވެފައި އައި ކަޅުބުޅާ ނީނާމެން ގޯތިތެރެއަށް ވަންނަމުން ގޮވާލި
ނަމަވެސް ވިސާމަކަށް އެކަމުގެ އެއްވެސް ހިލަމެއް ނުވެއެވެ.
ނީނާމެން ގޯތިތެރެއަށް ވަދެގެންދިޔަ ބުޅަލާއި ނީނާގެ ހަތަރުކަޅި ހަމަވުމާއެކުހެން ބުޅަލުގެ ދެލޮލުން ފޮނުވާލި ގަދަރަތް
ކުލައިގެ އަލި ނީނާގެ ލޮލު ތެރެއަށް ގޮސް ގެއްލުނެވެ. އެއާއެކުހެން އުއްބައްތިއެއް ވިރޭފަދައަކުން ނީނާ ވިރިގެން ގޮސް ގެއްލިއްޖެ އެވެ. ވީނުވީއެއް ނޭނގުނު ތާންގައި ޖެހުނުތާ ލަކުނު ވެސް ނެތެވެ.
ރަށުތެރޭން ފާޅުވަމުންދާ ހަމަހިމޭންކަމާއި ފަޅުކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ވިސާމް ގެއަށް ދިޔައިރު އަލީ އަހްމަދު
އޮތީ ނިދާފައެވެ. އަލީ އަހްމަދުގެ ސަބަބުން އޭނާއަށް އޭނާގެ ލޯބި ކާމިޔާބުވީތީ ހިތާ ހިތުން އޭނާއަށް ޝުކުރުއަދާކުރަމުން ވިސާމް އަރާ އެނދުގައި އޮށޯތުމާއެކުހެން އޭނާއަށް ނިދިއްޖެއެވެ.
ނުނިމޭ
One Comment
Comments are closed.
މިބައިވެސް ރީތި…………..