ނިދީތެރޭން
ދިހަވަނަބައި
ޒުބޭދާއާ ކައިވެނިކުރުމަށް އެތައް ޒުވާނުންނެއް އެދިއެދި ތިއްބާ އަންޖާމާއި ޒުބޭދާ ކައިވެނި ކުރުން ވެގެން ދިޔައީ ވަރަށް
ގިނަ ޒުވާނުން ރުޅިއައި ކަމަކަށެވެ. ފާޅުގައި އެއްޗެކޭ ނުބުނި ނަމަވެސް އެކަމާ ޙަސަދަވެރިވެ ނުބައި ރޭވުންތައް ރާވަމުންދިޔަ ބަޔަކު ތިބި ނަމަވެސް ޒުބޭދާ އާއި އަންޖާމަކަށް އަދި އެދެ ޢާއިލާގެ މީހުންނަކަށް އެކަމެއް ނޭނގެއެވެ.
ރާއްޖެތޭރެގެ އެކިސަރަހައްދުތަކުގައި ދިރިއުޅެމުންދާ ރައްޓެހިންގެ ތެރޭން ވިރާސްގެ އެންމެގިނަ ރައްޓެހިން ތިބި ރަށަކީ
ރަސްދޫ ކަމަށްވާތީ އާއި ރަސްދޫއަކީ ކުރިއަރަމުން ތަރައްޤީވަމުން އަންނަ ނުހަނު ރީތި އެހާމެ ފުރިހަމަ ރަށަކަށްވާތީ އަންޖާމާއި ޒުބޭދާ މާމުއިހަނދުގެ ދުވަސްތައް ހޭދަކޮށްލާން ބޭނުންވީ ރަސްދޫގެ ހިތްގައިމު މާޙައުލުގައެވެ.
ވިރާސްގެ ރައްޓެހިން މެދުވެރިކޮށް ވިރާސް ހަމަޖައްސައިދިން މާމުއިހަނދުގެ ދުވަސްތައް ހޭދަކޮށްލާން ރަސްދުއަށް ދާން
ޒުބޭދާ އާއި އަންޖާމު މާލެ ދިޔައިރު ދެމަފިރިންގެ މޫނުމަތިން ވެސް ފެންނަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. މި ގުޅުން އަބަދުގެ އަބަދަށް މިގޮތުގައި ލަހައްޓަވާތޯ ހެއްދެވިފަރާތަށް ދުޢާ ދައްނަވަމުން އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދަމުން ދިޔައެވެ.
އެމީހަކަށް ޓަކައި އަންޖާމު އެދިއެދި ހުރި ޒުބޭދާއާއި ކައިވެނި ކުރެވުނީތީ އޭނާއަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުމުގެ
ވާހަކަ އޭނާގެ ރައްޓެހިންގެ ގާތުގައި އަންޖާމު ދައްކަމުން ދިޔައެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު މާލެއިން ރަސްދޫއަށް އައި ދޯނިން ޒުބޭދާ އާއި އަންޖާމު ވެސް ރަސްދޫއަށް އައެވެ. އެދޯނީ
މީހުންގެ ފަރާތުން ފެނިގެންދިޔަ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން އެރަށުމީހުންގެ ރަނގަޅު އަޚުލާޤު ޒުބޭދާ އާއި އަންޖާމަށް ކިތަންމެ ރަނގަޅަކަށް ވެސް ފާހަގަކުރެވިގެން ދިޔައެވެ.
މޭލެއިން އަންނަ މީހުނަށް މަރުޙަބާ ކިޔުމަށްޓަކައި ރަށުގެ ވަރަށްގިނަ ބަޔަކު އަތިރިމައްޗަށް ޖަމާވެފައިވެއެވެ. އޭގެތެރޭގައި
އަންހެން ފިރިހެން ކުދިބޮޑު އެތައްބަޔަކު ހިމެނެއެވެ. އޭރު އެމީހުންގެ މޫނުމަތިން ފެންނަމުންދަނީ އުފާވެރިކަމުގެ އަސަރުތަކެވެ.
ދޯނި އައިސް ބަނދަރު ތޮށިގަނޑާއި ގާތްކުރުމާއެކުހެން ދަތުރުވެރިންތައް ފައިބާން ފެށިއެވެ. ހަމައެހެންމެ އެ މީހުންނަށްއެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ދޯނީގެ މީހުންނާއި އެމީހުނަށް އެހީވުމަށް ރަށުން އައި މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. އެހެން ވެސް ދަތުރުވެރިން ފަދައިން ޒުބޭދާ އާއި އަންޖާމު ވެސް ދޯނިން ފޭބިއެވެ.
ޒުބޭދާ އާއި އަންޖާމު ދޯނިން ފޭބުމާއެކުހެން މެދުއުމުރުގެ ފިރިހެނަކު އައިސް ޒުބޭދާ އާއި އަންޖާމުއާ ސަލާން ކޮށްލަމުން
އަމިއްލައަށް ތަޢާރަފް ވެލިއެވެ. އެއްވެސް މަސައްކަތަކާނުލާ އަބްދުލް ހާދީ އާއި ބައްދަލުވުމާ އެކުހެން އޭނާގެ ހަނދާނަށް އައި އޭނާގެ ބައްޕަ ވިރާސް ދެއްކި ވާހަކައެވެ. ވިރާސް އޭރު ބުނި ފަދައިން އެދެމަފިރިންނަށް މަރުޙަބާ ކިޔުމަށް އަބްދުލް ހާދީ އައިސް ހުއްޓެވެ. ހަމައެހެންމެ އަބްދުލް ހާދީ އަށް އެ ދެމަފިރިން ދެނެގައްނާކަށް އެއްވެސް އުނދަގުލެއް ނުވިއެވެ.
އަބްދުލް ހާދީ އާ އެކުގައި ޒުބޭދާ އާއި އަންޖާމު ގެތަކާއި ދިމާއަށް ހިނގައިގަތެވެ. އޭރު އަންޖާމުމެން ގެނައި ދެދަބަހުގެ
ތެރެއިން އެއްދަބަސް އޮތީ އަބްދުލް ހާދީގެ އަތުގައެވެ.
” އަންޖާމުމެން ބޭނުމިއްޔާއި އަހަރެމެން މިއުޅޭ ގޭގައި ވެސް ތިބެވިދާނެ. އެގޭގައި އުޅޭނީ އަހަރެމެން ދެމަފިރިންނާއި ދެ
ދަރިން. އެމީހުންގެ ފަރާތުން އަންޖާމުމެނަށް އުނދަގުލެއް ނުވާނެ. އެހެން ނޫނީ އަހަރުމެންގެ އާގެއަށް ވެސް ދެވިދާނެ. އެކަމު އެއީ މީހުން އުޅޭ ހިސާބާއި ތަންކޮޅެއް ދުރު. އެކަހެރި ހަމަހިމޭން މާހަޢުލެއް އެއީ. ހަނދުވަރުދޭ މޫސުމްގަ އެހިސާބު ވަރަށް ހިތްގައިމުވާނެ. އެގޭގައި އެހެން މީހަކު މިހާރު ނޫޅޭނެ. އަންޖާމުމެން ބޭނުން ގޮތެއް ބުނޭ. ” ގެތަކާއި ދިމާއަށް ދަމުން އަބްދުލް ހާދީ ވާހަކަ ދެއްކިއެވެ.
” އަހަރުމެން އުޅޭނީ އަބްދުލް ހާދީބޭމެން ގޭގައި ދޯ އަންޖާމު. ” އަބްދުލް ހާދީއަށް ބަލާލުމަށްފަހު އަންޖާމަށް ބަލާލަމުން
ޒުބޭދާ ވާހަކަ ދެއްކިއެވެ. އޭނާއަށްވުރެ ދުވަސްވީ މީހުނަށް އިޚުތިރާމް ކުރުމަކީ ޒުބޭދާގެ އަބަދުގެ ވެސް އާދައެވެ.
” ޒުބޭދާ އާއި ހާދީބެއަށް ރަނގަޅުގޮތެއް އަހަރެންނަށް ވެސް ރަނގަޅުވާނެ. ” އަބްދުލް ހާދީއަށް ބަލާލަމުން އަންޖާމު
ވާހަކަ ދެއްކިއެވެ. އަބްދުލް ހާދީއަކީ އެދެމަފިރިންނަށްވުރެ ދުވަސްވެފައިވާ މީހަކަށް ވާތީ ދެމީހުން ވެސް ދެކުނީ އޭނާއަކީ ބޭބެއެއް ފަދަ އިންނެވެ.
ތަފާތު މައުޟޫޢުތަކަށް ވާހަކަ ދައްކަމުން ހިނގަމުންދިޔަ ތިންމީހުން އެކުގައި ކަހަލަގޮތަކަށް ގޮސް، އާދައިގެ ގޮތަކަށް
ހަދާފައިވާ ބޮޑުގެއެއްގެ ގޯތިތެރެއަށް ވަނެވެ. އޭރު އެގޭ ޖޯލިފަތީގައި މެދުއުމުރުގެ އަންހެނަކާއި ދިހަވަރަކަށް އަހަރުގެ އަންހެން ކުއްޖެއް އަދި ބާރަވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކު ތިއްބެވެ. އަންޖާމުމެން އައިސް ވަނުމާއެކުހެން އަންޖާމުމެނަށް ބަލާލަމުން ދެކުދިން ހިނިތުންވެލިއިރު އެއަންހެންމީހާގެ މޫނުމަތިން ވެސް ފެންނަމުންދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
” އަންޖާމު … ޒުބޭދާ. މިއީ އަހަރެންގެ އަންހެނުން މަރީނާ. ދެން މިތިބީ އަހަރުމެންގެ ދެދަރިން ކަމުގައިވާ މާހު އާއި
ނައުރާ. ” ޒުބޭދާ އާއި އަންޖާމަށް ބަލާލަމުން އަބްދުލް ހާދީ ވާހަކަ ދެއްކިއެވެ.
ޒުބޭދާ އާއި އަންޖާމު އައިސް މަރީނާ އާއި ނައުރާ އަދި މާހުއާ ސަލާންކޮށްލަމުން އަމިއްލައަށް ތަޢާރަފް ވެލިއެވެ.
ޒުބޭދާ އާއި އަންޖާމަށް ކޮޓަރިދެއްކީ ނައުރާ އެވެ. ހަމައެހެންމެ ދަބަސް ގެނެސް ދިނީ މާހުއެވެ. އޭރު އެކުދިންގެ މޫނު
މަތިން ފެންނަމުންދަނީ އުފާވެރިކަމުގެ އަސަރުތަކެވެ.
ގާތްގަނޑަކަށް ސާދަފޫޓު ބާރަފޫޓުގެ އެކޮޓަރިއަކީ އެންމެ މިހާރުގެގޮތަށް ހަދާފައިވާ ކޮޓަރި އެކެވެ. ކޮޓަރި އާއި ފާޚާނާ
ބަޔަށް ބަލާލުމުން ޒުބޭދާ އާއި އަންޖާމަށް ގަބޫލުކުރެވުނީ މާމުއިހަނދުގެ ދުވަސްތައް ހޭދަކޮށްލުމަށް ރާއްޖެތެރޭން ލިބޭނެ އެންމެ ރަނގަޅު ފެންވަރުގެ ކޮޓަރިއަކަށް އެކޮޓަރި ވާނެކަމެވެ. އެހެންކަމުން އަބްދުލް ހާދީގެ ޢާއިލާއަށް ޝުކުރު އަދާކުރީ ހިތުގެ އެންމެ ފުން މިނުންނެވެ.
މެންދުރުގެ ގަދަހޫނުން ހަވީރުގެ ފިންޏަށް އެޅުމާއެކުހެން ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފަށައިފިއެވެ. ކުޅިވަރުގެ
މައިދާންތަކާއި މަގުތަކުން މީހުން ފެނުން ގިނަވަމުން އަޑުގަދަވަމުން ދިޔައެވެ. ހަވީރު ސައިގެ ކަންތައް ނިންމާލުމަށްފަހު އަބްދުލް ހާދީގެ ޢާއިލާމެންބަރުންނާ އެކުގައި ޒުބޭދާ އާއި އަންޖާމު ނުކުތީ ވިރާސް ބުނެފައިވާ ފަދައިން އޭނާގެ ރައްޓެހިންނާއި ބައްދަލުކޮށް އެމީހުންގެ ހާލު އަހުވާލު އޮޅުން ފިލުވާލުމަށް ޓަކައެވެ.
ތަރިރުހަނދުގެ ދައުރުވުމާއެކު ރޭދުވާ ދައުރުވަމުން އައިސް ހަފްތާއެއްހާ ދުވަސް މާޒީއާ އެކުވެގެން ދިޔައީ އެވެ. ޒުބޭދާ
އާއި އަންޖާމުގެ މޫނުމަތިން ފާޅުވަމުންދާ އުފަލާއި ހިތްހަމަ ޖެހުމަށް ކުޑަނަމަވެސް ބަދަލެއް ނާދެއެވެ. ހަމައެހެންމެ ޒުބޭދާ އާއި އަންޖާމު އެރަށަށް އައުމުން އަބްދުލް ހާދީގެ ޢާއިލާއަށް ލިބިފައިވާ އުފަލާއި ހިތްހަމަ ޖެހުން އިތުރުވެފައި ވެއެވެ.
ހަވީރު ފަހެއް ޖަހާކަން ހާއިރެވެ. ނީނާ އާއި ވިސާމް ތިބީ ހުޅަނގުކޮޅު ތުނޑިމަތީގަ އިށީންދެލައި ގެންނެވެ. އޭރު އެ
ދެމަފިރިން ފިޔަވާ އެހެން ވެސް ދެތިން މީހަކާއި ކުޑަކުދިންތަކެއް އެސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔައެވެ. އެކުދިން ކުޅުމާއިގެން އުޅެމުން ދިޔައިރު އެކުދިންނަށް އެހީތެރިވުމާއިގެން އެކުދިންގެ އެހީތެރިން އުޅެމުން ދިޔައެވެ. އޭގެތެރޭން ބައެއްކުދިން ކުޅުމުގައި ވެސް އެކުދިންގެ އެހީތެރިން ބައިވެރިވަމުން ދިޔައެވެ.
” ވިސާމް! މިއީ ހާދަ ހިތްގައިމު ތަނެކޭދޯ؟ އަހަރުމެން ވެސް ދަރިއަކު ލިބުނީމަ އޭނާ ގޮވައިގެން މިތަނަށް އަންނާން
ވާނެ ދޯ؟ ” ކުރިމަތިން ފެންނަމުންދިޔަ ހަރަކާތްތަކަށް ބަލަހައްޓައިގެން އެތައް އިރަކު އިނުމަށްފަހު ނީނާ ވާހަކަ ދެއްކިއެވެ.
” އާން. އެކަމު އެއީ ހާދާ ދުވަހެކޭ ދޯ؟ އެހާ ދުރަށް ވެސް ވިސްނަންތަ؟ ” ނީނާއަށް ބަލާލަމުން ވިސާމް އަހާލިއެވެ.
” މިތަނުން ފެންނަމުންމިދާ މަންޒަރުތަކުން ހިތަށް އެރީ. ” ޙަޤީޤަތް ހާމަކުރުމުގެ ގޮތުން ނީނާ ބުނެލިއެވެ.
” އެހެންދޯ؟ ” ވިސާމް އަހާލިއެވެ.
ނީނާ އާއި ވިސާމް ގެއާއި ދިމާއަށް ހިނގައިގަތީ ފަސްގަޑިބައި ވީ ފަހުންނެވެ. އޭރު އެހެން ވެސް ބައެއް މީހުން ގެތަކާ
ދިމާއަށް މިސްރާބު ޖަހާފައިވެއެވެ. އިރުއޮއްސޭ ވަގުތު ގާތްވަމުންދާތީ ވެރިވަމުންދިޔަ އަނދިރިކަމާ އެކުހެން ހަމަހިމޭންކަން ވެސް ވެރިވަމުން ދިޔައެވެ.
ޒުބޭދާ އާއި އަންޖާމު އަދި ނައުރާ އާއި މާހު ތިބީ ގޯތިތެރޭހުރި ޖޯލިފަތީގައެވެ. ނައުރާ އާއި މާހުގެ ކިޔެވުމާ ބެހޭގޮތުން
ވާހަކަ ދައްކަމުން އެކަމާ މަޝްވަރާކުރަމުން ދަނީއެވެ.
އިރުއޮއްސި ހަތެއް ޖަހާކަން ހާއިރެވެ. ނައުރާ އާއި މާހު ފިލާވަޅުގެ މަސައްކަތްތައް ކުރަމުން ދިޔައިރު އެދެކުދިންނަށް
އެހީތެރިވުމާއިގެން ޒުބޭދާ އުޅެމުން ދިޔައެވެ. އަންޖާމު އާއި އަބްދުލް ހާދީ ބޭރު ޖޯލިފަތީގައި ތިބިއިރު ރޭގަނޑަށް ކެއުން ތައްޔާރު ކުރުމާއިގެން ބަދިގެތެރޭގައި މަރީނާ އުޅެމުން ދިޔައެވެ.
ރޭގަނޑުގެ ކެއުމަށްފަހު އަބްދުލް ހާދީ އާއި މަރީނާއާ އެކުގައި ޒުބޭދާ އާއި އަންޖާމު ނުކުތީ އަބްދުލް ހާދީ އެދުނު ފަދައިން
އޭނާގެ ޢާއިލާގެ ބައެއްމީހުން ދިރިއުޅެމުންދާ ގޭގެއަށް ގޮސްލާށެވެ. ވިރާސް އެކޭ އެއްފަދައިން އަންޖާމު ވެސް އޭނާގެ ޢާއިލާ މީހުންނާ ބައްދަލުކޮށް ރަހުމަތްތެރި ކުރުވާން ޖެހޭނެކަމުގައި އަބްދުލް ހާދީ ދެކެއެވެ.
ވިރާސްގެ ރައްޓެހިން އެރަށުގައި ތިބިވަރު ފެނި އެމީހުންގެ އޯގާތެރިކަމާއި ހިތްހެޔޮކަން ފެނުމުން ޒުބޭދާ އާއި އަންޖާމު
ތިބީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ. ހަމައެހެންމެ ހިތާހިތުން އެފަރާތްތަކަށް ޝުކުރު އަދާކުރުމުގައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



މިބައިވެސް ވަރަށް ސަޅި