“މިއޮށް އައީ އީޝާ. މިދެނީ ފޯނު” ޒީކް މިހެން ބުނުމަށްފަހު އަހަންނަށް ފޯނު ދިއްކޮށްލިއެވެ. އަހަރެން ޒީކްއާއި ދިމާލަށް ދެލޯ ބޮޑުކޮށްލުމަށްފަހު ފޯނުގައި ހިފީމެވެ. މަންމަ ގުޅިއަސް ފޯނު ނުނަގާށޭ ބުނުމުން ވެސް ޒީކް ފޯނު ނެގީއެވެ. ދެން ޖެހޭނީ ވާހަކަ ދައްކަންތާއެވެ. މިކަހަލަ ލަނޑެއް ނޫނީ ޒީކްެ ނުދޭނެއެވެ.
“އައްސަލާމްއަލައިކުމް” އަހަރެންގެ ކަންފަތުގައި ޖެހުނީ ނުދަންނަ އަޑެކެވެ.
ކަންފަތާއި ފޯނު ދުރުކޮށްލުމަށްފަހު ގުޅާފައިވާ ނަންބަރަށް ބަލައިލީމެވެ. އޮފީހެއްގެ ނަންބަރަކާއި ވައްތަރެވެ. ނަމަވެސް ސީދާ ކޮންތަނެއްގެ ނަންބަރެއްކަމެއް ޔަގީންކޮށް ބުނާކަށް ނޭނގުނެވެ.
“ވާލައިކުމްސަލާމް” އަހަރެން ޖަވާބު ދިނީމެވެ.
“ކާކު ގުޅީ؟” ވާހަކަދެއްކުމަށްފަހު އަހަރެން ފޯނު ކޯލު ނިންމައިލުމުން ކެތްމަދުވެފައި އިން ޒީކް އަހައިލިއެވެ.
“އެ ގުޅީ އެއްކަލަ އޮފީހުން. އިންޓަވިއުއަށް ދާން” އަހަރެން ބުނީމެވެ. ޒީކް އުފަލުން ނަށައިލިއެވެ. އަހަރެން އެ އޮފީހަށް ވަޒީފާއަށް ސިޓީ ލީ ޒީކްގެ އެދުމުގެ މަތިންނެވެ. މިހާރު އަހަރެން މަސައްކަތް ކުރަމުންދާ އޮފީހުގައި ހައިޖާނު ބޮޑުކަމުންނެވެ. ގިނަ ދުވަސްދުވަހު އޮފީސްތެރޭގައި އޮންނާނީ ކޮންމެވެސް ދެމީހަކު ދެބަސްވެފައެވެ. ނޫނީ ތަޅާފޮޅައި ގަނެފައެވެ. މައްސަލަ ބޮޑުވެގެން ގޮސް މީހުން ވަޒީފާއިން ވަކިވާ ހިސާބަށްވެސް ގޮސްފައި އެބަހުއްޓެވެ. ނަމަވެސް އަހަރެން އެހެން އޮފީހަކަށް ވަންނަން މިއުޅެނީ އެކަހަލަ މައްސަލައެއް ޖެހިގެނެއް ނޫނެވެ. އަނގަޔާ އަތާ ދިމާނުވާތީއެވެ. ލިބޭ މުސާރައިން އެއްބައި ރަށަށް ފޮނުވާފައި އަނެއްބައިން ކިރިޔާ އަމިއްލަ ޚަރަދު ކޮށްލާވަރު ވަނީއެވެ. އަހަންނަށް އޭގައި އެއްވެސް މައްސަލައެއް ނެތެވެ. މަދު ފައިސާ ކޮޅެއް ލިބުނަސް އަހަންނަށަ އުޅެވިދާނެއެެވެ. ނަމަވެސަ އަހަންނަށް މައްސަލައަކަށް ވަނީ ލިބޭ މުސާރައާއި ނުބައްދަލު މަސައްކަތް ކުރުވާތީއެވެ. އޮފީސްތެރޭގައި ވެސް ގިނަފަހަރަށް މައްސަލަޖެހެނީ އެކަހަލަ ކަންކަމާއެވެ.
“އެއީ ހުޅުމާލޭގައި ހުންނަ އޮފީހެއްދޯ؟ ދެން އީޝް ކިހިނެއް ހަދަނީ ޖޮބް ލިބުނީމަ؟ ކޮން ދުވަހަކު އެކޮޅަށް ދަނީތަ؟ މަށަށް ފެންނަނީ އީޝް ވެސް ހުޅުމެއަށަ ބަދަލުވާން. ހުޅުމާލެ މާ ސަޅިވާނެ މާލެއަށްވުރެ” ޒީކް ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލިއެވެ. އަހަންނަށް ވަޒީފާއެއް ލިބެން އުޅޭތީ އަހަންނަށްވުރެ ބޮޑަށް އެކަމާ އުފާވީ ޒީކްއެވެ. ޒީކް އުޅުނު ގޮތުން އަހަންނަށް ހިނިއައިސްފައި ޒީކްއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
“ކީއްވެ އެއްޗެކޭ ނުބުނީ؟” އަހަރެންގެ މޫނުމަތީގައި ފުއްޓަތްކެއް ޖަހާލަމުން ޒީކް އަހައިލިއެވެ.
“ހަހަހަ.. އެއްޗެކޭ ބުނެވޭ ވަރެއްތަ؟ ޒީކް ތިއުޅޭ ގޮތުން އަހަރެން މިހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ.” އަހަރެން ހިނިގަނޑެއްޖަހާލަމުން ބުނީމެެވެ.
“އަދި ޖޮބް ލިބޭމެ ކަމެއްވެސް ނޭނގެ އެއްނު. ލިބުނަސް އަހަރެން އުޅޭނީ މިކޮޅުގަ” ޒީކް ދެވަނަ ފަހަރަށް އެ ސުވާލުތައް ތަކުރާރުކޮށްލުމުން އަހަރެން ބުނީމެވެ. އަހަރެން ހުޅުމާލެއަށް ބަދަލުވާ ޚިޔާލު ނުގެންގުޅެނީ ހުޅުމާލެ ކަމު ނުދާތީކީ ނޫނެވެ. އަހަންނަށް މާލެއަށްވުރެ ހުޅުމާލެ މާ ކަމުދެއެެވެ. މާ ހިތްފަސޭހައެވެ. ނަމަވެސް އަމިއްލައަށް ތަނެއް ހިފައިގެން އުޅޭނެ ފެންވަރެއް އަހަރެންގެ ނެތެވެ.
ކޮންމެއަކަސް އެރޭގެ ބާކީ ބައި ހޭދަވެގެން ދިޔައީ އަހަންނާއި ޒީކު ކައިގެން ފިލްމު ބެލުމުގައެވެ. ފިލްމު ނިންމުމަށްފަހު ޒީކް ގެއަށް ދިޔައީ މާދަމާގެ އިންޓަވިއުއަށް ތައްޔާރުވާން އަހަންނަށް އެހީތެރިވެދޭން އަންނާނެކަމަށް ވައުދުވެފައެވެ. އަހަރެންވެސް ޒީކް ދިއުމުން ކޮޓަރިއަށް ވަނީ ނިދާށެވެ. އޭރު ގަޑިން ދަންވަރު ބާރަ ޖަހަނީއެވެ.
ޖެހިގެންއައި ދުވަހު އަހަންނަށް ހޭލެވުނީ ފަތިިސް ނަމާދުކުރަން މަންމަ ގުޅުމުންނެވެ. އަހަރެން ފޯނު ނެގުމަށްފަހު ހޭލައިފިން ކަމަށް ބުނެ އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތު މަންމައަށް ނުދީ ފޯނު ކަންޑައިލީމެވެ. ނިދާ ހޭލާ ވަގުތަކީ އަހަރެން މީހުންނާއި ވާހަކަދައްކަން ވަރަށް ފޫހިވާ ވަގުތެކެވެ. އެގަޑީގައި މީހަކު އަހަންނާއި ކިތަންމެ ވާހަކައެއް ދެއްކިޔަސް ތިޔަ ކިޔަނީ ކީކޭހޭ ވެސް އަހަރެން އަހައި ނުލާނަމެވެ. މީހުން ދައްކާ ވާހަކައަށް ޖަވާބު ނުދޭތާނގައި އެމީހުން ދައްކާ ވާހަކަ އަހަންނަށް އަޑު އިވޭނީވެސް ބައެއް ފަހަރުއެވެ.
ފަަތިސް ނަމާދު ކޮށްގެން ނިކުމެ އަހަރެން ކޮފީއެއް ގިރައިލީމެވެ. އަދި ބެލްކަނީގައި ހުންނަ ހެއްލޭ އުނދޯލީގައި އިނދެ ފޯނުން ފޭސްބުކް ހާވަމުން ކޮފީ ބޮމުން ދިޔައީމެވެ. އޭރު ދުނިޔެމަތި އަލިވާން ފަށައިފިއެވެ. ފޭސްބުކުން އަހަންނަށް އައިސްފައިވާ ފްެެންޑު ރިކުއެސްޓުތައް ބަލަމުން ދިޔައީމެވެ. ހުސް ނުދަންނަ މީހުންނެވެ. ގިނައީ މެދު އުމުރުގެ ފިރިހެނުންނެވެ. އެކަހަލަ މީހުންނަކަށް އަހަރެން މާބޮޑު ސަމާލު ކަމެއް ނުދެމެވެ. އަހަރެން ބަލަމުން ދިޔައީ ދަންނަ މީހަކު ފެނޭތޯއެވެ. އެހެން ބަލަމުން ދަނިކޮށް އަހަރެންގެ ލޮލުގައި އަޅައިގަތީ ދަންނަ ފާޑު ޖަހައި މީހެއް ފޮނުވާފައި އިން ފްރެންޑު ރިކުއެސްޓެކެވެ. އޭނާގެ ޕްރޮފައިލް ފޮޓޯ ފެނިފައި ކުރިން ކޮންމެސް ތާކުން ފެނުނު ހަނދާނެއްވިއެވެ. އެމީހާ ޖަހާފައި އިން ނަމަށް އަހަންނަށް ސަމާލުކަމެއް ދެވުނީ އެވަގުތެވެ. އެނަން ކިޔައިލި ވަގުތު އަހަރެންގެ ދެލޯ ބޮޑުވިއެވެ.
“ހުސްނީ ހުސައިން” އެވަގުތު އަހަރެންގެ ހިތުތެރޭގައި ބިރުވެރިކަމުގެ ރާޅެއް ފުރަތަމަ ފަހަރަށް އުފެދުނެވެ. ހުސްނީއަށް އަހަރެންގެ ފޭސްބުކް އައިޑީ ލިބުނީ ކިހިނެތް ހެއްޔެވެ؟ އޭނާ އަހަރެންގެ ފަހަތުން އަޅައިގަނެގެން އެ އުޅެނީ ކީއްވެހެއްޔެވެ؟ ތިޔަ ހުސްނީއަކާއި ހެދި އަހަރެން ބޯން އިން ކޮފީތަށި ވެސް ބޯހިތް ކެނޑިއްޖެއެވެ.
އެދުވަހު މެންދުރުފަހު އޮފީސް ނިންމާފައި ޒީކް އަހަރެންގެ ގެއަށް އައެވެ. އެވަގުތު ހުސްނީގެ ވާހަކަ ޒީކް ކައިރީގައި އަހަރެން ބުނީމެވެ.
“ޕިސް ޕިސް. ވަރުގަދަ ހުސްނީއެއް ދޯ ތިއީ؟ އަޅައި ލާނެ ވެސް ކަމެއް ނެތް.” އަހަރެމެން ވާހަކަ ދައްކަން ތިބީ ބެލްކަނީގައެވެ. ހަވީރުގެ ހިތްގައިމު ވަގުތު ކަމުން ފިނި ވައިރޯޅި ވެސް ޖެހިލައެވެ. ކޮންމެއަކަސް، ޒީކް ބުނި ގޮތަށް އަހަރެން ހުސްނީއާއި މެދު މާބޮޑަށް ނުވިސްނާން ނިންމީމެވެ. އަދި އެރޭގެ އިންޓަވިއު އަށް ތައްޔާރުވާން ފެށީމެވެ.
ޒީކް އަކީ ސަރުކާރު ކުންފުންޏެއްގެ މާކެޓިން ޑިޕާޓްމެންޓުގައި މަސައްކަތްކުރާ މީހެއް ކަމުން އެ ދާއިރާގައި ފުދޭވަރަކަށް ތަޖުރިބާ ހުންނާނެއެވެ. އެހެންކަމުން، އިންޓަވިއުއަށް ދިއުމުގެ ކުރިން އަހަންނަށް އެންގެން ޖެހޭ ހުރިހާ އެއްޗެއް ޒީކް ކިޔައިދިނެވެ. އެ ދާއިރާ އާއި ބެހޭ މުހިއްމު މައުލޫމާތުތަކާއި، ސުވާލުތަކަށް ޖަވާބުދޭއިރު ގެންގުޅެންވީ އުކުޅުތަކެވެ. އެދުވަހުގެ އިރު އޮއްސުނީ އަހަންނާއި ޒީކް ބެލްކަނީގައި ތިއްބައެވެ. މަޣްރިބް ނަމާދު ބަންގީގެ އަޑަށް، ޒީކް ގެއަށް ދާން އަވަސްވެގަތެއެވެ. ޒީކް ދިއުމުން އަހަރެން ވެސް ގޭތެރެއަށް ވަންނަން ހިނގައިގަތީމެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ މަގުމަތިން ދުއްވާފައި ދިޔަ ކަޅުކުލައިގެ ކާރެކެވެ. އަހަރެންގެ ހިޔާލުތައް ދަތުރު ކުރީ އިއްޔެ ހަވީރު އަހަންނާ ދިމާވި ޒުވާނާއަށެވެ. އެއީ ކާކު ހެއްޔެވެ؟ އޭނާ އަހަންނަށް އެހީތެރިވީ ކީއްވެހެއްޔެވެ؟ އޭނާ އަހަރެންގެ ފަރާތުން ބޭނުން ވަނީ ކޮން ކަމެއް ހެއްޔެވެ؟ މިފަދަ ޚިޔާލުތަކެއްގައި އަހަންނަށް ހުރެވުނީ ކިހާއިރަކު ކަމެއް ވެސް ނޭނގެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Haadha curious kohlaafa thi nimmaaly
Plssssssss next part fast
Waiting for next part