މެލޭޝިޔާގެ މައި އެއާޕޯޓުން އެދެބަފައިން ބަހެއްގައި ދިޔައީ އެގައުމާއި ސިންގަޕޫރާ ދެމެދުގެ ބޯޑަރުގެ ކައިރިއަށެވެ. އެއަށްފަހު ޓެކްސީއެއްގައި މެލޭޝިޔާއިން ސިންގަޕޫރަށް ދަތުރު ކުރިއެވެ. ފާއިތުވި ބާރަ އަހަރުތެރޭގައި ސާހިލް އުޅުނީ ބެންކޮކްގައެވެ. އެއްދަރި ގެއްލުމުން އަނެއް ދަރިފުޅު ސަލާމަތްކުރަން ކުރި ދަތުރުގައި އޭނާއަށް އެދަރިފުޅުވެސް ގެއްލުނީއެވެ. ނުހައިކް ބޮޑުވެގެން އައީ ހަރުކަށި މީހެއްގެ ގޮތުގައެވެ. އެންމެފަހުން އޭނާއަށް ބައްޕާއޭ ކިޔާ ގޮވާލި ހަނދާނެއް ސާހިލް ނުވެއެވެ. ކޮންމެ ދުވަހަކު އެތައް ވަގުތެއް މަންހަލް ހަނދާންކުރުމުގައި ސާހިލް ހޭދަކުރެއެވެ. ދަރިފުޅަށް ހެޔޮގޮތް ދެއްވުމަށް އެދި އޭނާ ކޮންމެ ނަމާދަކަށް ފަހު ދުޢާކުރެއެވެ. އެނބުރި ދަރިފުޅުގެ ގާތަށް ދެވޭއިރު އެދަރިފުޅުގެ ހިތް ބައްޕައަށް ޓަކައި ސާފުކޮށްދެއްވާތޯ އޭނާ ދުޢާ ކުރެއެވެ.
ދެލޯ ފުހެލަމުން ސާހިލް ޚިޔާލުތަކުން ބޭރުވެލިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ މޫދު ފެނުން މޫނު ދޮވެލިއެވެ. އެނބުރި ރަށުތެރެއަށް ހިނގައިގަތް އިރު ހަމްދާންވެސް އެދިމާލަށް އަންނަތަން ފެނިއްޖެއެވެ.
“އަހަރެން މިދަނީ ދެން ގެއަށް ދާން. މާދަންވެސް މިކޮޅަށް އާދެވޭތޯ ބަލާނަން.” ހަމްދާންއާއި އެއްހަމައެއްގައި މަޑުކޮށްލަމުން ސާހިލް ބުންޏެވެ.
“އަހަރެން މާދަން ހެނދުނު ދާނަން ނުހައިކްއާއި ބައްދަލުކޮށްލަން.” ހަމްދާން ހުރީ ނުހައިކްއާއި ބައްދަލުކޮށްލުމަށް ކެތްމަދުވެފައެވެ.
“އެންމެރަނގަޅު!” ސާހިލް ބުންޏެވެ.
އެރޭ ޔަޒްދާން ދާން ޖެހުނީ ރޭގަނޑު ޑިއުޓީއަށެވެ. ކުރާނެ ކަމެއް ނެތި ފޫހިވެފައި އޭނާ އިންދާ ސްޓޭޝަނަށް ކޯލެއް އައެވެ. އެފޯނު ކޯލު ނެގީ ޔަޒްދާންއެވެ. ހާސްވެފައިހުރެ ވާހަކަދެއްކީ ކުޑަ އަންހެން ކުއްޖެކެވެ. އެވަގުތު އޮފީހުގައި ތިބި ޝިފާންއާއި ޒާހިލްއާއެކު ޔަޒްދާން ސައިކަލުގައި އަވަހަށް މިސްރާބުޖެހީ ރަށުގެ މެދެއްހާ ހިސާބުގައި ހުރި ގެއަކަށެވެ. މަގަށް އެޅުމާއެކު ގޭކައިރިއަށް މީހުން އެއްވެގެން އުޅޭތަން ފެނެއެވެ. ސައިކަލުން ފޭބި ގޮތަށް މީހުން އެއްފަރާތް ކުރަމުން ތިން މީހުން ވަމުންދިޔަ ގޮތް ފެނޭތޯ ބެލިއެވެ. މެދު އުމުރުގެ ފިރިހެނަކު އެގޭގެ ދޮރު ކައިރީ ހުރެގެން ގޭގައި ތިބި މީހުންނާ ދިމާއަށް އެއްޗެހި ކިޔަނީއެވެ. ގޭގެ މައިދޮރާށި ކައިރީގައި އޭނާގެ އަންހެނުންނާ ބަފައިބެ ހުއްޓެވެ. ކައިރީ ހުރި މީހެއް ގާތުގައި އަހާލުމުން، ފިރިހެންމީހާ އޭނާގެ އަންހެނުންނަށް އަނިޔާކުރާތީ އެގޭ މީހުން އޭނާ ގެއިން ނެރެލައިގެން އެކަމާ ޒުވާބު ކުރާ ވާހަކަ ބުންޏެވެ.
ޔަޒްދާން އެމީހާއާ ގާތްވެލީ އެތަނުން އެމީހާ ފޮނުވާލުމަށެވެ. ޔަޒްދާން ވާހަކަދައްކަން އަނގަހުޅުވާލިތަނުން ގޭތެރެއިން ނިކުމެގެން އައި ފިރިހެނެއް އެމީހާގެ މޫނުގައި ޖެހި ޖެހީނުން ބިންމައްޗަށް ވައްޓާލައިފިއެވެ.
“ދޮންބޭ!” އަންހެންމީހާ ރޮވިފައި އޭނާގެ ބޭބެ ކައިރިއަށް އަންނަން އުޅުނެވެ. އެހެނަސް އަންހެން މީހާގެ އަތުގައި ހިފައިގެން އޭނާގެ ބައްޕަ ގޭތެރެއަށް ވަނީއެވެ. ޒާހިލް އައިސް ހާމިދު ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް އޭނާ ފޮޅުވާލާފައި އަނެއްކާވެސް ބިންމަތީގައި އޮތް ރާފިއުގެ ގާތަށް ތިރިވެ އޭނާގެ މޫނުމަތީގައި އެތިފަހަރެއް ވީއްލާލިއެވެ. މިފަހަރު ޔަޒްދާންވެސް ދިޔައީ ހާމިދު ހިފަހައްޓާށެވެ.
“ހާމިދުބޭ. ރުޅިމަޑުކޮށްބަލަ!” ޒާހިލް ހާމިދުއާ ދިމާއަށް ހަޅޭއްލަވައިގަތެވެ. ދެމީހުންނަށް ވެގެން ކިރިޔަ ކިރިޔާ ހާމިދު ހިފެހެއްޓޭ ކަމެވެ.
“ޔަޒްދާން!” ފަހަތުން ޝިފާން ގޮވާލިއެވެ. އޭނާއަށް ފަހަތް ބަލައިލެވުމުގެ ކުރިން ބިންމަތީގައި އޮވެފައި ތެދުވެގެން އައި ރާފިއު ޔަޒްދާންގެ ގައިގައި އަޅުވާލާފައި އޭނާ ބިންމައްޗަށް ވައްޓާލިއެވެ. ހާމިދަށް ލުޔެއް ލިބުމާއެކު އޭނާ ގޮސް ރާފިއުގެ ކަރުގައި ހިފިއެވެ. އެދިޔަގޮތަށް ގޮސް ރާފިއު ތަތްކޮށްލީ ގޭގެ ވަށާފާރުގައެވެ. ޝިފާންއާ ޒާހިލްއާ ޔަޒްދާން ދެމީހުން ދުރުކުރަން މަސައްކަތް ކުރިއެވެ. އާއްމުންގެ ތެރެއިން ބައެއް ފިރިހެނުންވެސް އައެވެ. ހާމިދުގެ އަތުގައި ހިފަހައްޓަމުން ޔަޒްދާން އޭނާގެ ކޮނޑުގައި ޖެހިގަތުމާއެކު ރާފިއުގެ ކަރުން ހާމިދުގެ އަތް ނެއްޓިއްޖެއެވެ. އަމިއްލަ ހަށިގަނޑު ކޮންޓްރޯލްނުވެ ޔަޒްދާން އައީ ވެއްޓޭށެވެ. ރާފިއު އައިސް ޖެހުނީ ޔަޒްދާންގެ ގައިމައްޗަށެވެ. އަރިކަށްޓަށްއެރި ތަދާއެކު ޔަޒްދާންގެ ދެލޯ ބޮޑުވިއެވެ. ރާފިއުގެ އަތް މައްޗަށް ނެގި ވަގުތު އޭނާގެ އަތުގައި އޮތް ޕޮކެޓް ނައިފްގައި ހޭކިފައިހުރި ލޭތައް އޭނާއަށް ފެނުނެވެ. ރާފިއުއަށް ގުޑިނުލެވިގެން އުޅެނިކޮށް ފިރިހެނަކު އައިސް އޭނާގެ އަތުގައި އޮތް ވަޅި އެއްލާލައިފިއެވެ. ހަމައެވަގުތު ޝިފާން އައިސް އޭނާގެ ފަހަތުން ބިޑިއަޅުވައިފިއެވެ. ޒާހިލްއައިސް ޔަޒްދާންގެ ގާތުގައި އިށީނެވެ.
“ބައިވަރު ލޭ އެބަ އާދޭ! އެމްބިއުލަންސަށް ގުޅާ އަވަހަށް!” އެތަނަށް ކައިރިވެލި މުސްކުޅި ފުރައިގެ މީހަކު ބުނެލިއަޑު އޭނާއަށް އިވުނެވެ. ޔަޒްދާންއަށް އޭރު މަންޒަރު ފުސްވަނީއެވެ.
“ހޭންގް އޮން ބްރަދަރ. ކަލޭ މަންމައަށް އެނގިއްޖެއްޔާ ވަރަށް ކަންބޮޑުވާނެ.” ޒާހިލް ޔަޒްދާންގެ ގާތުގައި ބުންޏެވެ.
“ޔަޒްދާންންން!” ދެލޯ މެރިގެން ދިޔަ ހިނދު އެންމެ ފަހު އަޑަކަށް އޭނާއަށް އިވުނީ ޒުވާން އަންހެންކުއްޖަކު އޭނާއަށް ގޮވާލިއަޑެވެ.
“މަންހަލް.” ޔަޒްދާންގެ ދުލުގައި ވަރުނެތް އިރުވެސް ކިޔާލެވުނެވެ.
ޔުނިވާސިޓީގެ ބޭރު ދޮރުން ނިކުންނަމުން އެޒުވާނާ ކޯޓު ގަޔަށް މަހާލިއެވެ. ރޭގަނޑުގެ ތެތްފިނިކަން އިހުސާސްވުމުގެ ކުރިން އޭނާ އަމިއްލަ ނަފްސު އެފިނިން ރައްކާތެރިކުރީއެވެ. ކޯޓުގެ ޒިބު އަޅުވާލާފައި އޭނާ ދަބަސް ކޮނޑުގައި އަޅުވާލިއެވެ. ކުކުޅުބިސް ބައްޓަމުގެ މޫނެއް ލިބިފައިވާ އެޒުވާނާގެ ހަމުގެ ކުލަ އައްޔެވެ. ފުން ކަނޑެއްފަދަ ބޮޑު ދެލޮލުގައިވަނީ މުށިކުލައިގެ ކަޅިއެކެވެ. ކަނދުރާއާ ހަމައަށް އަރާ ފަން އިސްތަށިގަނޑުގަޔާއި ކުރުކޮށް ހުރި ތުނބުޅީގައި އޭނާ އަތްފުނާ އަޅާލިއެވެ. ސައިކަލެއްގެ ކައިރީގައި ހުރި ހިމަތޮޅި ޒުވާނަކު ހަނާއަޅާލުމާއެކު އޭނާ މިސްރާބު ޖެހީ އެޒުވާނާގެ ގާތަށެވެ.
“ކަލޭ ކޮންމެ ދުވަހަކު ދަންވަންދެން ތިއިންނަނީ ލައިބްރަރީގަ. މަށަށް ހީވަނީ ތިވަރަށް ނުކިޔެވިއަސް ވެދާނެހެން.” އަތުގައި އޮތް ހެލްމެޓު އެކުވެރިޔާއަށް ދިއްކޮށްލަމުން ސައިކަލު ކައިރީހުރި ޒުވާނާ ބުންޏެވެ.
“ކަލޭ ނުކިޔެވިއަސް މަގޭ ކިޔަވަމޭ.” ހެލްމެޓް އަޅާފައި އޭނާ ސައިކަލަށް އެރިއެވެ.
“މަގޭ ސައިކުވީ އެކޮޅުގަ ޕާކުކޮށްފަ. އެހިސާބަށް ގެންގޮސްދީ!” ހިކިކޮށްހުރި ޒުވާނާ އެރީ އޭނާގެ ސައިކަލު ފަހަތަށެވެ. “މަގޭ ބުނަންތަ ކަލެއަށްވީ ގޮތް. ކަލޭ އަނެއްކާ ބައްޕައާ އަރާރުންވެފަ އައިސް ތިއުޅެނީ.”
“ސާދުއަށް ކީއްތަ. ކައެ ތިހާ މަންމައާއި ބައްޕައާ ދެކެ ލޯބިވަންޏާ ދާންވީނު ރާއްޖޭގަ ހުރެގެން ކިޔަވަން.” ސައިކަލުގެ އިންޖީނު ހިންގާލާފައި ޒުވާނާ ބުންޏެވެ. އޭނާގެ ރުޅިގަނޑު މިއަދު ދެގުނަހެން ހީވެއެވެ.
“ރޭގައި މަންނު ފެނުނީ. ވަރަށް ދެރަވެފަ ހުރީ.. އަހަރެންނަށް ގޮވާފަ ބުނަނީ ތިމަންނައަށް އެހީވާށޯ. އެކަމަކު އަހަންނަށް މަންނު ކައިރިއަށް ނުދެވެނީސް ގެއްލިއްޖެ. ދެން ކުއްލިއަކަށް ފެނުނީ މަންމަ. އަހަރެން އަތް ދިއްކޮށްލިއިރު މަންމަ ހިނިތުންވެލާފަ ގެއްލިއްޖެ.” ސާދު އޭނާގެ ސައިކަލާ ހިސާބަށް ގެންގޮސްދިނުމަށްފަހު އެޒުވާނާ ބުންޏެވެ.
“މަ ފްރެންޑެއް އުޅޭނެ ޕޮލިހުގަ. ބުނަންތަ ބަލައިލަދޭށޭ؟ ކުރިންދުވަހު ގުޅި ވަރަށް ދުވަސްކޮށްލާފަ. މިފަހަރުވާނެ ކަލޭގެ ކޮއްކޮ ހޯދަން.” ސާދު އޭނާގެ އަމިއްލަ ސައިކަލަށް އެރިއެވެ. “ހިނގާ ކޮފީއަކަށް ދާން.”
ދެއެކުވެރިން އެކުގައި ދިޔައީ ކެފޭއަކަށެވެ. ރޭގަނޑުގެ އެވަގުތު އެތަނުގައި ފުދޭވަރަކަށް މީހުން ގިނައެވެ. ސާދު އެކުވެރިޔާއަށް ނަޒަރެއް ދިނީ މީހުން ގިނަވީމާ އޭނާއަށް އުނދަގޫވާނެކަން އެނގޭތީއެވެ. ގަޔާނުވިފަދަ ކުލަވަރެއް މޫނުމަތިން ދައްކާލާފައި އޭނާ ގޮސް އިށީނީ ހުސްކޮށް ހުރި މޭޒެއް ކައިރީއެވެ.
“ކާކު ތިފްރެންޑަކީ؟” ފުންނޭވާއެއް ދޫކޮށްލާފާ ޒުވާނާ އަހާލިއެވެ.
“އެއީ ސުކޫލުން ދިމާވި ސޮރެއް، އޭނާގެ އެކުވެރިއެއް. ދެމީހުންވެސް އުޅޭނީ ޕޮލިހުގަ. އެކަމަކު އަސްލު ރައްޓެހިމީހާއަށް ވުރެ އޭނާގެ ރައްޓެއްސާ ރައްޓެހީ..” ސާދު ބުނެލިއެވެ.
“ތިބުނަން އުޅޭ އެއްޗެއް އެބަ އެނގޭތަ އަޅެ؟” ނިތަށް ރޫއަރުވާލާފައި ޒުވާނާ ބުންޏެވެ.
“އަޅާނުލާ! އޭނާއަށް ގުޅަންތަ؟” ސާދު ހިނިގަނޑެއް ޖަހާލާފައި ޖީބުން ފޯނުނެގިއެވެ. ފޯނު ރިންގުކޮށްފައި މޭޒުމަތީ ފޯނު ބާއްވާލިއެވެ. އެހެނަސް ޖަވާބެއް ނުލިބި ފޯނު ކެނޑުނީއެވެ. ދެފަހަރު ގުޅުމުންވެސް ފޯނެއްނުނެގިއެވެ.
“އެފް.ބީ ރިކުއެސްޓެއް ކޮށްލަބަލަ. މިއޮތީ އައިޑީ!” މިފަހަރުވެސް ސާދު ފޯނު ނަގާ މޭޒުމަތީގައި ބާއްވާލިއެވެ. ޒުވާނާވެސް އޭނާގެ ފޯނުނަގާ ފޭސްބުކް ހުޅުވާލިއެވެ. ސާޗްކުރާ ގޮޅިއަށް ފިތާލަމުން އޭނާ ސާދުގެ ފޯނަށް ނަޒަރު ހިންގާލިއެވެ.
“މުހައްމަދު ޔަޒްދާން” ހިތާހިތުން އޭނާ ކިޔާލިއެވެ.
ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު މަންހަލް ކޮޓަރިއަށް ވަނެވެ. ޔަޒްދާން ޑިއުޓީގައި ވުމުން އޭނާ ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯތެވެ. ޒިކުރުތައް ކިޔުމަށްފަހު އޭނާ ދެލޯ މަރާލީ ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުންނެވެ. ނިދީގެ ފުންކަނޑަށް ގެނބެމުން ދަނިކޮށް އޭނާ ސިއްސައިގެން ދިޔައީ ފޯނު ރިންގުވާން ފެށުމުންނެވެ. ސްކްރީނުން ފެންނަށް އޮތީ ނަންބަރެކެވެ. ދެޚިޔާލެއްގައި ހުރެފައި އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލީ ކަންބޮޑުވެފައި ހުރެއެވެ. އަޒީމްއާއި ޝަފްނާ ގުޅާފާނެތީ އޭނާގެ ހިތުގައި ޖެހިލުންވުމެއްވިއެވެ.
“މަންހަލްލް.. މީ ލަމްހާއޭ. އަހަރެން މިހުރީ ޑިއުޓީގަ.” އެކޮޅުން ވާހަކަދެއްކީ ލަމްހާއެވެ.
“ކިހިނެއްވީ؟” މަންހަލްއަށް އޮޅުނެވެ. ލަމްހާ ޑިއުޓީގައި ހުރެފައި އޭނާއަށް ގުޅަންވީ ސަބަބެއް ނުވިސްނުމުންނެވެ.
“ޔަޒްދާން….. ޔަޒްދާންއަށް އަނިޔާވެގެން ހޮސްޕިޓަލަށް އެބަގެނޭ. އަހަރެން ވަރަށް އަވަހަށް ދާންޖެހިއްޖެ.” މަންހަލްއަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ލަމްހާ ފޯނުކަނޑާލައިފިއެވެ. ލިބުނު ސިހުމުގައި އޭނާއަށް ހަރަކާތެއް ކޮށްލާކަށްވެސް ނޭނގުނެވެ. މޭގައި އަތް އަޅާލާފައި އޭނާ ފޯނު ގެންގޮސް އެނދުމަތީ ބާއްވާލިއެވެ. ދެލޯ މަރާލާފައި އޭނާ ފުންކޮށް ނޭވާއެއް ލިއެވެ.
“އަހަރެން. އަހަރެން ދާންޖެހޭނެ. ޔަޒްދާން. ޔަޒްދާންއަށް ކަމެއްވެއްޖެއްޔާ މަންމަ ދެރަވާނެ.” މަންހަލްގެ ސިކުނޑި މަސައްކަތް ކުރަންފެށީ އެހިނދުއެވެ. ބޭރަށްދާންލާ ބޮޑުހެދުން، ނިދާހެދުން މަތިން ވައްޓާލުމަށްފަހު ބުރުގާ ބޮލަށް މަހާލަމުން އޭނާ ކޮޓަރިން ނިކުތެވެ. ސިޓިންރޫމު ދޮރުކައިރިއަށް ނިކުމެވުނުއިރު ދޮރުމަތީގައި ހުރި އަންހެން މީހަކާއި، ޒަހީނާވެސް މަންހަލްއަށް ފެނިއްޖެއެވެ.
“ޔަޒްދާންގެ ގަޔަށް ވަޅި ހެރިއްޔޯ.” އެއަންހެން މީހާ ޒަހީނާއާ ވާހަކަދެއްކިއެވެ. މަންހަލްއަށް ބަލާލަމުން އޭނާ އަތް އެޅީ މޭމަތީގައެވެ. ކަންބޮޑުވެފައި މަންހަލްއަށް ޒަހީނާގެ ގާތަށް ދެވުނެވެ.
“މަންމާ.. އިރާދުކުރެއްވިއްޔާ ރަނގަޅުވާނެއޭ.” މަންހަލް މަޑުމަޑުން ބުނެލިއެވެ. މަންހަލްއަށް ބަލައިލާފާ އެއަންހެން މީހާ ގެއިން ނިކުމެގެން ހިނގައްޖެއެވެ.
“ހިނގާ ދަރިފުޅާ. ހިނގާ މަރުކަޒަށް ދާން. މަންމަވެސް ގޮވައިގެން ހިނގާ..” އިސާހިތަކު ޒަހީނާގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. މަންހަލްގެ ލޮލުންވެސް ކަރުނަ ހިލުނެވެ. ހިތްވަރުކޮށްފައި އޭނާ އެކަރުނަތައް ހިންދާލީއެވެ.
“މަންމަވެސް ހިނގާ. އެކަމަކު މަންމަ ވާނެ ކެތްކުރަން.” ފައިވާނަށް އަރައިގެން ހިނގައިގަންނަމުން މަންހަލް ބުނެލިއެވެ. އޭނާ ޒަހީނާގެ އަތުގައި ހިފާލިއެވެ.
“ޔަޒްދާންގެ ބައްޕަވެސް ހަމަ ކުއްލިއަކަށް ނިޔާވީ. އެދުވަހު ހެނދުނުވެސް އުޅުނު، ރުކަށްއަރާފަ އައިސް ޔަޒްދާން ގޮވައިގެން މޫދަށް ގޮސްފަ. ގޭގަހުރި ކެޔޮގަސްތަކުން ދޮންވެފަ ހުރި ފަތްތައް ކަނޑާ އެތަން ސާފުކޮށްފަ. މެންދުރު ނަމާދަށް ދާންވެގެން އޭނާ ވަނީ ގިފިއްޔަށް. އިރުކޮޅެއްފަހުން ކެއްސަމުން ގިފިލިން ނިކުތީ. އޭރު މުޅި އަނގައިން ލޭތައް ނިކުމޭ. މަންމަ ދުވަމުން އައިސް ބައްޕަ ގޮވައިގެން މަރުކަޒަށް ދިޔައީ. މިގޮތަކަށް ނޫން އޮންނާނީ އޭރު. އޭރު ތިބެނީ ދެ ނަރުހުންނާ ބޭރު ޑޮކްޓަރެއް. އެތާ ތެރެއަށް ވައްދާފަ މަންމަ ބޭންދީ ބޭރުގަ. އިރުކޮޅެއްފަހުން ނިކުމެފަ ބުނީ ހިތްވަރުކުރާށޭ….” ޒަހީނާގެ ރުއިން ހައްތަހާވީ އިތުރެވެ.
“މަންމާ! އިރާދުކުރެއްވިއްޔާ ޔަޒްދާންއަށް ބޮޑުވަރެއް ނުވާނެއޭ. މަންމައަށްވެސް އެނގެއެއްނު ޔަޒްދާންއަކީ ކިހާ ހިތްވަރު ގަދަ މީހެއްކަން. ދެން ތިވާހަކަނުދައްކާ މިގަޑީގަ މަންމާ.” މަންހަލްއަށް މިފަހަރު ކުޑަކޮށް ރޮވުނެވެ. ޒަހީނާ ދެއްކި ވާހަކަތަކުން އޭނާ ހަނދާންވީ އޭނާގެ މަންމަގެ މަތިންނެވެ.
“އެދުވަހު މަންމައަށް އެނގުނީވެސް، އޭނާ ހަތަރު އަހަރުވަންދެން އުޅުނީ ފުރަމޭގެ ބައްޔެއްގައިކަން. މަންމަ ކައިރިއަކު އެއްފަހަރުވެސް ނުބުނޭ. ބުރަ މަސައްކަތްކުރީ އަހަރެމެން ދެމައިންނަށް ކާއެތިކޮޅެއް ނުލިބިދާނެތީ. އެހެންކުދިން ގޮތަށް ޔަޒްދާންވެސް ސުކޫލަށް ދާއިރު ރީތި ދަބަހާއި ބޫޓަށް އަރައިގެން ފޮނުވަން ބޭނުންވާތީ. އޭނާގެ ގައިގައި ވޭން އެޅިއިރު މަންމަ އޮތީ ނިދާފަ. މަންމަގާތު އެއްފަހަރުވެސް ނުބުންޏޭ މަންމަ ދެރަވެދާނެތީ. އަބަދުވެސް އަންހެން ކުއްޖެއް ވަރަށް ބޭނުންވާނެ. އެހެންވެ ގެއެޅިއިރުވެސް އަންހެން ކުއްޖެއް ލިބޭ ދުވަހަކުން އޭނާއަށް ހާއްސަކޮށް ކޮޓަރިއެއް ހެދީ…” ޒަހީނާގެ ވާހަކައެއް ނުހުއްޓުނެވެ. ރޮމުން އޭނާ ދެއްކީ ޔަޒްދާންގެ ބައްޕަގެ ވާހަކައެވެ.
ޒަހީނާއާއެކީ މަންހަލްވެސް ސިއްހީމަރުކަޒުގެ ދޮރުން އެތެރެއަށް ވަނެވެ. މަރުކަޒުގެ ދޮރު ކައިރިން ވޯޑުގެ ދޮރާ ހަމައަށް އެޅިފައިހުރި ލޭގެ ތިކިތައް އޭނާއަށް ފެނުނެވެ. އޭނާގެ ހިތަށް ނުބައި ގޮތެއް ވެލިއެވެ. ބިރުވެރިކަން ވަށާލިއެވެ. ޔަޒްދާންއަށް ކަމެއްވެ އަނެއްކާވެސް ޝަފްނާމެންގެ އަތްދަށަށް ގޮސްދާނެތީ އޭނާ ކަންބޮޑުވިއެވެ. ދުރުގައި ހުރެފައި އައިޒިން އާއި ފައުޒާން ނުހަނު އަވަހަށް އައިސް ޒަހީނާ އަތުލަފިކޮށްގެން ގެންގޮސް ގޮނޑިއެއްގައި ބޭންދިއެވެ.
“ޔަޒްދާން.. ކޮބާ؟” ތުރުތުރުއަޅާ އަޑަކުން މަންހަލްއަށް ސުވާލުކޮށްލެވުނެވެ.
“އެތެރޭގަ. ޑޮކްޓަރުވެސް އައިސްފި. އަދި އެއްވެސް އެއްޗެއް ނުބުނޭ..” ޒާހިލް އިސްދަށަށް ޖަހާލިއެވެ. މަންހަލް ވޯޑުގެ ދޮރާ ކައިރިވެލިއެވެ. ދިގުއަކައެއްގެ ބައްޓަމަށް އިން ބިއްލޫރިގަނޑުން އެތެރެ ބަލައިލިއެވެ. ޔަޒްދާން އޮތް އެނދުކައިރީގައި ފޮތިގަނޑު ދަމާފައި ހުއްޓެއް ކަމަކު ނަރުސް ކުދިން އަވަސް އަރުވާލާފައި އުޅޭތަން އޭނާއަށް ފެނެއެވެ. އަތުގައި އޮތް އަންގި ޑަސްބިނަށް ލުމަށްފަހު ލަމްހާ ދޮރާ ދިމާއަށް އަންނަން ފެށުމުން މަންހަލް ފަހަތަށް ޖެހިލިއެވެ. ގޮނޑި ބަރީގައި އިން ޒަހީނާއަށް ބަލައިލެވުނީ ހިތްނުތަނަވަސްވީ ވަރުންނެވެ. ލިބޭ ޚަބަރަކުން މަންމަގެ ހާލުބޮޑުވެދާނެތީއެވެ.
އެއްލި ކަޅިއަކުން އޭނާއަށް މަރުކަޒުގެ ބޭރު ދޮރުކައިރީގައި ހުރެފައި އަންހެން ކުއްޖަކު ފަހަތަށް އެނބުރި ހިނގައިގަތް މަންޒަރު ފެނުނެވެ. މަންހަލްއަށް ފެނުނީ ކަޅުކަންގަދަ އޭނާގެ ބުޅި އިސްތަށިގަނޑެވެ. އޭނާގެ ނިތައް ރޫގިނަވެލިއެއް ކަމަކު އެވަގުތު ސަމާލުކަން ދެވުނީ ލަމްހާއަށެވެ.
“ވަރަށް އަވަހަށް ލޭ ބޭނުން.” ބޭރަށް ނިކުތް ގޮތަށް ލަމްހާ ބުންޏެވެ. މަންހަލްއަށް ތެޅިގަނެވުނެވެ. އޭނާއަށް ޔަޒްދާންގެ ލޭގެ ގުރޫޕެއް ނޭނގެއެވެ.
“އަހަރެން ދޭނަން. ދެމީހުންވެސް އޭ ޕޮޒިޓިވް ހުންނާނީ.” އައިޒިން ކުރިއަށް ޖެހިލިއެވެ. ލަމްހާ އޭނާ ގޮވައިގެން ދިޔައީއެވެ.
ގަޑިއެއްހާއިރު ފަހުން އެތެރެއިން ޑޮކްޓަރު ނިކުންނަން އައެވެ. ޔަޒްދާންގެ ހާލު ރަނގަޅު ކަމަށާއި ޒަހަމް ރަނގަޅު ވަންދެން ރަނގަޅަށް އަރާމުކުރަން ޑޮކްޓަރު ނަސޭހަތް ދިނެވެ. މިވަގުތު ޔަޒްދާން އޮތީ ހޭލާކަމަށާއި އޭނާގެ ކައިރިއަށް ވަދެވޭނެކަމަށް ބުންޏެވެ. އެހެންނަމަވެސް މާ ގިނަމީހުން ވަދެ ގިނައިރު ނުތިބުމަށް އިރުޝާދު ދިނެވެ.
އެވަގުތު އެތަނަށް އައިސް ހުރި ސްޓޭޝަން އިންޗާޖާއެކު ފުލުހުންގެ ޓީމެއް ޔަޒްދާންގެ ގާތަށް ވަނެވެ. އެމީހުންގެ ފަހަތުން ޒަހީނާއާއި މަންހަލްވެސް ވަނެވެ. ޔަޒްދާން ރަނގަޅުކަން އެނގުމުން ޒަހީނާގެ ހާލު އޭރު ރަނގަޅުވެފައިވިއެވެ. ފުލުހުން އެތަނުގައި ގިނަވަގުތު މަޑެއް ނުކުރިއެވެ. ޔަޒްދާން ގާތު އަރާމުކުރަން އެދި އަވަސް ޝިފާއަކަށް އެދެމުން ފުލުހުންގެ ޓީމް ނިކުމެގެން ދިޔައީއެވެ. ޒަހީނާ ޔަޒްދާންގެ ގާތަށް ގޮސް ބޮލުގައި ފިރުމާލިއެވެ. އެނދުގެ ފައިލާ ކޮޅުގައި ހުރެ މަންހަލް ޔަޒްދާންއަށް ބަލައިލިއެވެ. އޭނާ އޮތް ހާލުން މަންހަލް ފެންކަޅިވާގޮތްވިއެވެ.
“މަންމާ.. އަހަރެން ރަނގަޅޭ މިހާރު..” ޔަޒްދާންގެ އަޑުގައި ލޮޑުކަމެއް ހުއްޓެވެ. އޭނާގެ ދެލޯ މަންހަލް ހޯދާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު މަންހަލްގެ ލޮލުގައި ފޮރުވިފައިވީ އިހުސާސްތައް ޔަޒްދާން ކިޔާލިފަދައެވެ. ވަރެއް ނެތް ފަދައިން އޭނާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އޭނާ ދިއްކޮށްލި އަތަށް ބަލަހައްޓައިގެން މަންހަލްއަށް ހުރެވުނެވެ. މަޑުމަޑުން ގޮސް އެއަތުގައި ހިފާލުމާއެކު ކައިރީހުރި ގޮނޑީގައި އިށީނުމަށް އޭނާ އިޝާރާތް ކޮށްލިއެވެ. އެއަށްފަހު އަނެއްއަތުން ޒަހީނާގެ އަތުގައި ހިފާލިއެވެ.
“ތިދެމީހުން ދޫކޮށްފަ އަހަރެން ކިހިނެއްދާނީ! މަންމަވެސް މާބޮޑަށޭ ކަންބޮޑުވަނީ.. މީ މަންމަގެ ޔަޒްދާންވިއްޔާ ވަރަށް ހިތްވަރުގަދަވާނެއޭ.” ޔަޒްދާންގެ ވާހަކައިން ދެމީހުންނަށްވެސް ހިނިތުންވެވުނެވެ.
“ހޫނ. ދެން ވާހަކަނުދައްކާ އަރާމުކުރޭ..” ޒަހީނާ ސިއްރުސިއްރުން އޭނާގެ ލޮލުން އައި ކަރުނަ ފުހެލިއެވެ. މިފަހަރު އޭނާގެ ލޮލުން އައީ އުފާވެރިކަމުގެ ކަރުނައެވެ.
ހަށިގަނޑަށް ލިބިފައިވާ ލޮޑުކަމުން ޔަޒްދާންއަށް ނިދެން ގިނައިރެއް ނުނެގިއެވެ. ޒަހީނާވެސް އިނީ ނިދިޖެހިފައެވެ. ދޭތެރެ ދޭތެރެއިން އޭނާއަށް ހޭލެވެއެވެ. ޔަޒްދާން ރަނގަޅުތޯ ބަލައިލައެވެ. މަންހަލް އިނީ އެއްގޮތަކަށްވެސް ނިދިނައިސްފައެވެ. ޔަޒްދާންގެ މޫނަށް ބަލަން އޭނާއަށް އިނދެވުނީއެވެ. ޔަޒްދާންގެ އަތަށް އޭނާގެ ނަޒަރު ދޭތެރެ ދޭތެރެއިން ދަތުރުކޮށްލައެވެ. ނުކެރިފައި އިނދެވެސް މަންހަލް އޭނާގެ އަތް އުފުލާލިއެވެ. ޔަޒްދާންގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. ރޭގެ ބާކީވަގުތު އޭނާ އިނީ ޔަޒްދާންގެ އަތުގައި ހިފަހައްޓާލައިގެންނެވެ.
ފަތިސްވާން ގާތްވުމުން ޒަހީނާ ގެއަށް ދިޔައީ ފަތިސް ނަމާދުކޮށްގެން އަންނާނަމޭ ކިޔާފައެވެ. މަންހަލް ގުދުވެލައި އެނދުގައި ބޯ އަޅާލިއެވެ.
“ޔަޒްދާން. އަހަރެން ބިރުގަންނަވާލީ ކީއްވެތަ؟ ޔަޒްދާން އަހަރެން ދޫކޮށްފަ ގޮސްދާނެތީ އަހަރެން ވަރަށް ބިރުގަތް. އަނެއްކާވެސް ޝަފްނާ އަހަރެން ބަލައި އައިސްދާނޭ ހިތަށް އެރީ. ޕްލީޒް، އަހަރެން ދޫކޮށްފަ ނުދައްޗޭ. އަހަރެން ހިތްދަތިވެގެން ގޮސް މަރުވެދާނެ. ޔަޒްދާންއާ ނުލާ އަހަރެން ދިރިއުޅޭނެ ގޮތެއް ނުވިސްނޭ. ތިނޫން އެހެން ކާކު އަހަރެން އުފާކޮށްދޭން ހުރީ. އަހަރެންގެ ހިތާމަތަކަށް ފަރުވާހޯދައިދޭން ޔަޒްދާން ވަރަށް މޮޅު. ދެން އަހަރެން ބިރުނުގަންނަވައްޗޭ.” މަޑުމަޑުން އޮވެގެން މަންހަލް ވާހަކަދެއްކީ އޭނާގެ ނަފްސާ ކަހަލައެވެ. އެހާވެސް އޭނާގެ އަޑުމަޑެވެ.
“ސޮރީ!” ޔަޒްދާންގެ އަޑު ޖެހުމާއެކު މަންހަލް ތެޅިގަނެފައި ތެދުވަން އުޅުނެވެ. އެހެންނަމަވެސް ޔަޒްދާން އޭނާގެ ކަރުދޮށުގައި ހިފާ ގާތްކޮށްލުމާއެކު ނުތެދުވެވިފައި އޮންނަން ޖެހުނީއެވެ.
“ޔަޒްދާން. މަރުކަޒުގައޭ މިތިބީ.” މަންހަލް ދެލޯ ބޮޑު ކޮށްލާފައި ބުނެލިއެވެ.
“ގެއަށް ގޮސްފަ ދޯ.” މަންހަލްގެ ކޯތާފަތަށް ބޮސްދީފައި ޔަޒްދާން މަންހަލްގެ ކަރުދޮށުން ދޫކޮށްލިއެވެ. އެއާއެކު ނުހަނު އަވަސް އަވަހަށް މަންހަލް ގޮނޑީގައި އިށީނދެ ހަމަޖެހިލައިފިއެވެ. ޔަޒްދާން އޮތް އެނދާ ދުރުގައި އޮތް އެނދާ ޖެހިގެން ދެ އެނދު ދޫކޮށްފައި ހުރި ކުޑަދޮރުން ބޭރަށް ނަޒަރު ހިންގާލެވުނު ހިނދު މިފަހަރުވެސް މަންހަލްއަށް ފެނުނީ ބުޅި އިސްތަށިގަނޑެއް ހުރި ކުއްޖަކު ކުޑަދޮރު ކައިރިން ދުރަށް ދަނިކޮށެވެ. އޭނާ މިފަހަރު ކުޑަކޮށް ބިރުގަނެއްޖެއެވެ.
ޔަޒްދާންގެ އަތުގައި ހިފާލާފައި އޭނާގެ މޫނަށް ބަލައިލިއިރު އެމޫނުމަތީގައިވީ ލާނެތް ހިނިތުންވުމެކެވެ. މަންހަލްއަށް ބަލަން އޮވެފައި ޔަޒްދާން އެއްލޯ މަރާލިއެވެ.
“ހޯލްޑް މައި ހޭންޑް ފޯރެވާ..” ޔަޒްދާން މަންހަލްގެ އަތަށް ބާރުކޮށްލިއެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކަށް ހިނިތުންވުމެއް ހަދިޔާ ކޮށްލެވުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.




Salaam All readers. Eid Mubarak!💐🎉
I’m finallyyyy backkk and I’ll try my best to upload next part on next week Saturday. I know waiting isn’t easy and I’m so thankful for those who’ve waited patiently.
I hope y’all will like my Eid gift 😊🤍
Hii youu
Surprise eh tha mee
Mi part ves Varah reethi maasha allah
I’m curiously waiting for the next part
Eid mubarak to you too girrll 💐
Heyyy Aysherr.. Thank you for the lovely comment.. Surprise akah dw mi vee. Hehe.. 😊🤍
Masha allah mi partttvss vrhh reethii
Nuvs engi huhta thi dhin surprise vrh kamu gossi
Yazdhaan n manhal haadha cute eyyy…curiously waiting…tcc lyyy…
eid mubarak..❤
I’m glad you liked it. Thank you for the lovely comment aanaa! 😊🤍
Finally
Such long wait ongg
I was kinda shocked when I saw this part cause I thought youu stopped writing this stry
Hope you’ll continue writing this stry aaya dear☺️
Curiously waiting for the next part
Thank you girllyy_! 😊🤍
I didn’t stop writing I was just busy last few months..