ޔަޒްދާން އޮތް އެނދާ ޖެހިގެން ދެ އެނދު ދޫކޮށްފައި ހުރި ކުޑަދޮރުން ބޭރަށް ނަޒަރު ހިންގާލެވުނު ހިނދު މިފަހަރުވެސް މަންހަލްއަށް ފެނުނީ ބުޅި އިސްތަށިގަނޑެއް އޮންނަ ކުއްޖަކު ކުޑަދޮރު ކައިރިން ދުރަށް ދަނިކޮށެވެ. އޭނާ މިފަހަރު ކުޑަކޮށް ބިރުގަނެއްޖެއެވެ.
ޔަޒްދާންގެ އަތުގައި ހިފާލާފައި އޭނާގެ މޫނަށް ބަލައިލިއިރު އެމޫނުމަތީގައިވީ ލާނެތް ހިނިތުންވުމެކެވެ. މަންހަލްއަށް ބަލަން އޮވެފައި ޔަޒްދާން އެއްލޯ މަރާލިއެވެ.
“ހޯލްޑް މައި ހޭންޑް ފޯރެވާ..” ޔަޒްދާން މަންހަލްގެ އަތަށް ބާރުކޮށްލިއެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކަށް ހިނިތުންވުމެއް ހަދިޔާ ކޮށްލެވުނެވެ. ޔަޒްދާން ކޮށްލި ކުޑަ ސަމާސާއިން މަންހަލް އެކުއްޖާ މަތިން ހަނދާން ނެތިއްޖެއެވެ. ކުޑައިރުކޮޅެއް ކުރިން ކުރެވުނު ބިރުވެރި އިހުސާސް ފިލާ ގޮސްފިއެވެ.
ކޮޓަރީގައި އޮތް އަތްދަބަސް ހިފައިގެން އޭނާ ކޮޓަރިން ނިކުންނަން އައެވެ. އޭރު އަދި ގަޑިން ހަގަޑި ބައިވީއެވެ. އައިސް އަލަމާރިން ފެންފުޅިއެއް ނަގައިގެން އެޕާޓުމަންޓުގެ ދޮރާ ހިސާބަށް ދެވުނު އިރު ޖެހިގެން ހުރި ކޮޓަރީގެ ތަޅު އަނބުރާލުމަށްފަހު މީހަކު ނިކުންނަ އަޑު އިވުނެވެ. އަވަސް އަވަހަށް ބޫޓަށް އަރައިގެން ނިކުންނަން އުޅުނެއް ކަމަކު ޒުވާނާގެ ހަރަކާތްތައް މަޑުޖެހިލީ އޭނާގެ ނަމުން ގޮވާލި އަޑު އިވުނީމައެވެ.
“ނުހައިކް.” ސާހިލް ގޮވައިލީ މަޑުމައިތިރި ކަމާއެކުއެވެ. އަޅައިވެސްނުލާ ނުހައިކް ނިކުންނަން އުޅުނެވެ.
“ދޮންބެ އެބަ އާދޭ ނުހައިކްއާ ބައްދަލުކުރަން!” ސާހިލް އަނެއްކާވެސް ވާހަކަދެއްކިއެވެ.
“ހަމްދާން ދޮންބެ؟ ބޮޑު ދޮންބެ؟” ނުހައިކް އަވަސް އަވަހަށް ސާހިލް އާ ދިމާއަށް އެނބުރިލިއެވެ. އޭނާގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ.
“ހަމްދާން ދޮންބެ.” ސާހިލްއަށް ހިނިތުންވެވުނެވެ. ހަފްތާތަކެއް ކުރިން ދެބަފައިން އަރާރުންވުމަށް ފަހު ފުރަތަމަ ފަހަރަށް ނުހައިކް ވާހަކަދެއްކީމައެވެ.
“ބައްޕްޕަ..އާ ކޮންއިރަކު ދިމާވީ؟” އޭނާ ބޫޓު ބާލާފައި ސޯފާތަކާއި ދިމާއަށް މިސްރާބު ޖެހިއެވެ.
“އިއްޔެގަ. ދަރިފުޅު ބައްޕައޭ ކިޔާފައި ގޮވާލާނެ ދުވަހަކަށް ހާދަ އިންތިޒާރެއް ކުރެވިއްޖޭ.” އެންމެފަހުން ނުހައިކް ބައްޕާއޭ ކިޔާ ގޮވާލި ދުވަހެއް ސާހިލް ހަނދާން ވެސް ނެތެވެ. ހިނިތުންވެލާފައި އޭނާ ދިޔައީ އުނދުން ކައިރިއަށެވެ. އަލަމާރި ތަކުން އެއްޗެހިތައް ނަގާ ނާސްތާ ތައްޔާރު ކުރުމުގެ މަސައްކަތް އޭނާ ފެށިއެވެ. ނުހައިކް ވަކި ޖަވާބެއް ނުދީ ސޯފާގައި އިށީނދެ ފޯނާ ކުޅެން ފެށިއެވެ.
“އަންނަ މަހުތަ ޓެސްޓު ފެށެނީ؟” ސާހިލް ސުވާލުކޮށްލިއެވެ.
“ނޫން. ޖޫންގަ ފެށެނީ. ޖުލައި މެދުތެރޭ ނިމޭނެ.” ފޯނަށް ނަޒަރު ހުއްޓައިގެން އިނދެ އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދިވެސް ޔަޒްދާން އޭނާ ކުރި ރިކުއެސްޓު އެކްސެޕްޓެއް ނުކުރެއެވެ. “ކިހާ އިރަކު ދޮންބެއަށް އާދެވޭނީ؟”
“އިރުކޮޅަކުން އަންނާނެ.”
“ކިޔަވާ ނިންމާފަ ރާއްޖެ ދާނަން، ބައްޕަ އެއްބަސް ނުވިއަސް. މިހާރު އަހަރެން މިއީ ކުޑަކުއްޖެއް ނޫން.” ސޯފާގައި ފޯނު ބޭއްވުމަށްފަހު ނުހައިކް ތެދުވެގެން އައިސް ކާމޭޒު ދޮށުގައި ހުއްޓިލިއެވެ.
“ބައްޕަގެ ވިސްނުން ވެސް ހުރީ ވީހާވެސް އަވަހަކަށް ރާއްޖެދާން. ޝަފްނާ ބުނިހާގޮތެއް ހެދިގެންނެއް އުމުރު ހުސްކޮށެއް ނުލެވޭނެ. މަންހަލް ވެސް މިހާރު ހުންނާނީ ބޮޑުވެފަ.” މަންހަލްގެ ވާހަކަދައްކާއިރު ސާހިލްގެ މޫނުމަތީގައި އުފާވެރި ކަމެއް ފެންނަން ހުރެއެވެ. އެދަރިފުޅާއި ބައްދަލުކުރުމަށް އޭނާވަނީ ކެތްމަދުވެފައެވެ.
“ކޮއްކޮގެ ހިތް ބައްޕައަށް ހެޔޮވިއްޔާއެއްނު. އެކަނިމާ އެކަނި އިތުބާރު ނުކުރެވޭ މީހެއްގެ އަތްމައްޗަށް ކޮއްކޮ ދޫކޮށްލާފަ އައިސް ބައްޕަ އުފާވެރި ދިރިއުޅުމެއް އުޅުންކަން އެނގުމަށް ފަހު ހީވޭތާ ކޮއްކޮ ބައްޕަގެ މޫނަށް ބަލަން ބޭނުންވާނެހެންވެސް. އެހެންނޫނަސް އަދިވެސް ދުނިޔޭގަ ކޮއްކޮ ހުރިއްޔާއެއްނު. ޝަފްނާ ނޭނގެ އަންނަ ރުޅީގައި ކޮއްކޮ މަރް-” ނުހައިކްގެ ވާހަކަ ހުއްޓުނީ ސާހިލް އޭނާގެ ނަމުން އަޑުހަރުކޮށް ގޮވާލުމުންނެވެ. ދެބުމަ ގޮށްޖަހާލާފައި ނުހައިކް އަނެއްކާވެސް ސޯފާގައި އިށީނެވެ.
“ބައްޕަ އުޅުނީ އުފާވެރި ދިރިއުޅުމެއްތަ؟ މަންހަލްގެ ހިތް ބައްޕައަށް ހެޔޮވާނެ. މަންހަލްއަށް ވިސްނޭނެ ބައްޕައަށް މަޖުބޫރުވީކަން.” ސާހިލްގެ ލޯ ފެންކަޅިވިއެވެ. އެހެނަސް އޭނާ ހުށިޔާރުކަމާއެކު ކަރުނަތައް ހިންދާލިއެވެ. ރުއިމަކުން ހާލަތު ބަދަލުނުވާނެކަން އޭނާ ދަނެއެވެ. ކަމެއް ދިމާވާ ހިނދު ދުވެ ފިލައިގެން މައްސަލަ ހައްލު ނުވާނެކަންވެސް އޭނާ މިހާރު ރަނގަޅަށް ދަނެއެވެ. ގަޑީގެ ކަށި ނުއަތަށް އެނބުރޭނެނަމަ އޭނާ މާޒީ ބަދަލުކުރީހެވެ. އެކަމަކު ގެއްލިއްޖެ ވަގުތެއް އަނބުރާ ލިބުމެއްނުވެއެވެ.
އެޕާޓުމަންޓުގެ ބެލްޖަހާލި އަޑު އިވުމާއެކު ނުހައިކް އަވަސް އަވަހަށް ސޯފާއިން ތެދުވެގެންގޮސް ދޮރު ހުޅުވާލިއެވެ.
“ކޮންކުއްޖެއް؟” ތައި ބަހުން ހަމްދާން އަހާލިއެވެ. ނުހައިކް ހަމްދާންއަށް ބަލައިލީ އޭނާ ނޭނގުންހޭ ބުނާ ފަދައަކުންނެވެ. އެއާއެކު ހަމްދާން މޫނުމަތިން ފޮރުވަން އުޅޭ ހިނިތުންވުން އޭނާއަށް ސިއްރެއް ނުވިއެވެ.
“ދޮންބޭ..” ނުހައިކް ހަމްދާން ގައިގައި ބައްދާލިއެވެ. ދެމީހުން ކަރާކަރު ޖައްސާ ސަލާމް ކުރިއެވެ. ސާހިލްވެސް އުނދުން ނިއްވާލާފައި ދޮރު ކައިރިއަށް އައެވެ.
“ބަލާ މިހާރު ދޮންބެއަށް ވުރެވެސް އިސްކޮޅު ދިގުވެފަ ތިހުރީ. ގައިގަ މަސްޖަހާލާފަ.. ޖިމަށް ދަންދޯ؟ ކިހިނެއް ހާލު؟” އެތެރެއަށް ވަންނަމުން އޭނާ ނުހައިކްގެ ކޮނޑުގައި ޖަހާލިއެވެ.
“ހެހެ. ރަނގަޅު އިރާދުކުރެއްވިއްޔާ. ދޮންބެ ކިހިނެއް؟” ހަމްދާން އިށީންނަން ތަން ދައްކަމުން ނުހައިކް ޖަވާބު ދިނެވެ.
“އައްދެ ދޮންބެ ހީކުރީ މިހާރު ދިވެއްސެއް ނޭނގޭނެ ކަމަށް ނުހައިކްއަކަށް. ދޮންބެވެސް ރަނގަޅުހަމަ އަލްޙަމްދުﷲ.” ހަމްދާންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.
“އާދޭ ސައިބޯން.” މޭޒުމައްޗަށް ތަށިތައް ނަގާފައި ސާހިލް ގޮވާލިއެވެ.
“ކަލޭ ހަދާ އެއްޗެހި ކާކަށް ނުކެރޭނެ. އަބަދުވެސް ހުންނާނީ ކޮންމެވެސް ރަހައެއް ގަދަކޮށް. މި ބާރަ އަހަރުތެރޭގަ ކިހާވަރަކަށް ކައްކަން ދަސްވެއްޖެކަން އެނގޭނެ ދޯ މިއަދު.” ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލާ އިށީންނަމުން ހަމްދާން ބުނެލިއެވެ.
“އެކަނި އުޅެންވީމަ ދަސްކުރަން ޖެހޭނެ ދޯ. އެހެންނޫނަސް ކިޔަވަން ބޭރަށް ގޮސް އުޅުނުއިރު އަހަރެން ކެއްކީމޭ، އޭރު ކެއްކިއެއްޗެހީގެ ރަހައެއް ކަލެއަކަށް ނޭނގޭނެއްނު.” ދެއެކުވެރިންވެސް މާޒީގެ އުފާވެރި ދުވަސްތައް ހަނދާންކޮށްލިއެވެ.
“ނުހައިކްގެ ކިޔެވުން ނިމެނީ ދޯ. ކިހިނެއް ކިޔެވުމުގެ ކަންތައް؟ އެހީއެއް ބޭނުމިއްޔާ ދޮންބެ މިހުރީ އެނގޭ!” ކޮޓަރިން ގޮނޑިއެއް ހިފައިގެން އައިސް އެމީހުންނާ ގުޅުނު ނުހައިކްއަށް ނިސްބަތްކޮށް ހަމްދާން ބުންޏެވެ.
“ރަނގަޅު.” ހިނިތުންވެލާފައި ނުހައިކް ބުންޏެވެ.
“އަދިވެސް ހަމަ ކުރީގެ ނުހައިކް ތިޔައީ. އަބަދުވެސް ބަސްމަދުވެފަ.” ހަމްދާން ނުހައިކްއާ ދިމާކޮށްލިއެވެ.
“އެހެންވިއްޔާ ދޮންބެވެސް ތިއީ ހަމަ ކުރީގެ ދޮންބެ. އެނާޖެޓިކް، ޓޯކެޓިވް އެންޑް ފަން އަންކްލް.” ނުހައިކް ހިނި ގަނޑެއް ޖަހާލިއެވެ. “ދޮންބެ ކޮންތާކު އުޅެނީ؟”
“ބައްޕައަށް އެނގޭނެ. މިރޭ ކެއުން އޮންނާނީ ދޮންބެމެން ގޭގަ. ދެމީހުންވެސް އަންނައްޗޭ.” ހަމްދާން ދައުވަތު ދިނެވެ.
“މިރޭ ދޯ..”
“ހުމްމް. އެއްވެސް ބަހަނާއެއް އަޑުއަހާކަށް ނެތިން. ބައްޕަ ބުނި އަބަދު ލައިބްރަރީގަ އިނދެގެން ކިޔަވާ ވާހަކަ. އެންމެ ރެއަކު ކިޔެވުން ދޫކޮށްފަ ދޮންބެމެން ގެއަށް އަޔަސް ޓެސްޓު ތަކުން ދަށެއް ނުވާނެ އިންޝާﷲ.” ނުހައިކްއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލާފައި ހަމްދާން އަމުރުކޮށްލިއެވެ.
“އެންމެ ރަނގަޅު. އެކަމަކު ކުޑަކޮށް ލަސްވެދާނެ.” ނުހައިކް ބަލި ގަބޫލުކުރިއެވެ. އަވަސް އަވަހަށް ކައި ނިންމާލައިގެން ސާހިލް ކޮޓަރިއަށް ވަނީ އޮފީހަށް ދާން ތައްޔާރުވާށެވެ.
“ދޮންބެ ފަހުން ރާއްޖެ ދިޔައިންތަ؟” ހަމްދާންގެ ހަރަކާތްތަކަށް ފަރުވާތެރިވެ އިނދެ ނުހައިކްއެހިއެވެ.
“ހްމް. ދެތިން ފަހަރަކު ގޮސްފިން. ކިހިނެއްވީ؟ ނުހައިކްވެސް ދާންވީތަ؟ ޖަވާހިރުގެ ހުރީ ހަމަ ތައްޔާރަށް.” ނުހައިކްއަށް ބަލައިލާފައި ހަމްދާން ޖަވާބު ދިނެވެ.
“ކޮބާ މައިރާ ދައްތަ؟” ނުހައިކް ކޮށްލި ސުވާލާއެކު ހަމްދާންގެ މޫނުމަތީގެ ކުލަ އޮއްސުނެވެ.
“ޑިވޯސްވީ.” ހަމްދާން އިސްޖަހާލިއެވެ. އަލަތު ކައިވެނި ރޫޅުމަށްފަހު ލިބުނު ހިތާމައިން އަދިވެސް އޭނާއަށް އަރައެއް ނުގަނެވެއެވެ.
“ރިއަލީ. ކޮންއިރަކު؟ އަހަރެންގެ ކަޒިންއެއް ނުހުރޭތަ؟” ނުހައިކް ތުންފިއްތާލިއެވެ.
“ނުހައިކްމެން ފުރިތާ ކައިރީގަ. ކަޒިންއެއް ނުހުންނާނެތާ، މައްސަލައަކީވެސް އެއީ ވިއްޔަ. ދެން އެވާހަކަ ނުދައްކަމާ..” ހަމްދާން ބޭނުންވީ މައުޟޫ ބަދަލުކޮށްލާށެވެ.
“ދެން އެހެންމީހަކާ ނުއިންނަންތަ؟” އަނެއްކާވެސް ނުހައިކް ސުވާލުކުރިއެވެ.
“ނުހައިކްކް!” ހަމްދާން ގޮވާލީ އާދޭސް ކުރާ ފަދައަކުންނެވެ.
“ސޮރީ ސޮރީ.. ދޮންބޭ، ދޮންބެއަށް މަންހަލް ފެނުންތަ؟” ނުހައިކްގެ ސުވާލުތައް ހުހެއް ނުވިއެވެ.
“ނުހައިކް. މަންހަލް އުޅޭތަނެއް ދޮންބެއަކަށް ނޭނގުނު. އޭގެ ފަހުން ދޮންބެއަށްވެސް މަންހަލްއެއް ނުފެނުން. ހޯދަން މަސައްކަތްކުރިން. ވަރަށް މަސައްކަތްކުރިން.” ހަމްދާން ދުރަށް ނަޒަރު ހިންގާލިއެވެ.
“އެންމެ ރަނގަޅު. ކޮލެޖަށް ދާ ގަޑި ޖެހެނީ.” ނުހައިކް މޭޒުދޮށުން ތެދުވިއެވެ. ތަށި ގެންގޮސް ސިންކަށް ލުމަށްފަހު އޭނާ އަތްދަބަސް ހިފައިގެން އެޕާޓްމަންޓުން ނިކުތީއެވެ. އެވަގުތު ފޯނަށް ނޮޓިފިކޭޝަންއެއް އައި އަޑަށް އޭނާއަށް ފޯނު ބަލައިލެވުނެވެ. އޭނާ މެސެޖު ކިޔާލިއެވެ. ‘ޔަޒްދާން މުހައްމަދު’ އޭނާގެ ރިކުއެސްޓް އެކްސެޕްޓު ކުރީއެވެ.
“ޔޭސް!” އަތް މުއްކަވާލުމަށްފަހު އޭނާ ބުނެލިއެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަން ހުރީ އުފާވެރިކަމެވެ. މެސެންޖަރ އަށް ވަނުމަށްފަހު އޭނާ ‘ސަލާމް’ ޖަހާލުމަށްފަހު ޔަޒްދާންއަށް މެސެޖެއް ފޮނުވާލިއެވެ.
ހޮސްޕިޓަލުން ޑިސްޗާޖު ކުރުމާއެކު ލިއާމް އަވަސްވެގަތީ އެތަނުން ނިކުންނާށެވެ. އޭނާގެ ބޮލުގައި ބެންޑޭޖު ގަނޑެއް އޮޅާފައި އޮތްއިރު އަތުގައިވެސް ބޭސް މަލަން އަޅާފައި ހުއްޓެވެ. ޖިންސު ޖީބަށް ފޯނު ލުމަށްފަހު ޗޮކެއް ކަނޑާލާފައި އަނެއްކާވެސް ފޯނު ނެގީ އޭތި ރިންގުވާން ފެށުމުންނެވެ. ޝަފްނާގެ ނަން ފެނުމާއެކު އޭނާ އަވަސް އަވަހަށް ކޯލް ރިސީވް ކޮށްލައިފިއެވެ.
“ޝަފް.. ދެންމެ ޑިސްޗާޖު ކުރީ.. މަޑުކުރައްޗޭ، ކާރަށް އަރާފަ އެބަ ގުޅަން.” ލިއަމް ފޯނު ކަނޑާލަން އުޅުނެވެ.
“ކަލެއަށް މިރޭ މަސައްކަތެއް އެބައޮތް. އަހަރެން ބުނާ ކަމެއް ކުރަން ޖެހޭނެ.” ޝަފްނާ އުޅުނީ އަވަސް އަރުވާލައިގެންނެވެ.
“ކިޔާބަލަ.” ޝަފްނާ ދެއްކި ވާހަކަތައް ލިއާމް ކަނުލާ އަޑުއެހިއެވެ.
“ޝަފްނާ، ކިހިނެއް ހޯދީ؟ އެހާ އަވަހަށް؟” ލިއާމް ހައިރާންވެފައި އަހާލިއެވެ.
“ކަލޭ ނޫނަސް އަހަންނަށް ކަންތައް ކޮށްދޭނެ މީހުންވާނެ. ބީ ރެޑީ. އަހަރުން ގުޅާނަން.” ލިއާމްއަށް ވާހަކަދައްކާނެ ފުރުސަތެއް ނުދީ ޝަފްނާ ފޯނު ކަނޑާލީއެވެ.
ޔުނިވާސިޓީއަށް ދާން ތައްޔާރުވެގެން ޝަޔަމް ނިކުތެވެ. އޭރު ޖާވިދު ހުރީ ކާރު ކައިރީގައި ތައްޔާރަށެވެ.
“ގުޑް މޯނިންގް.” ޝަޔަމް ފެނުމާއެކު ޖާވިދު ހެނދުނުގެ ސަލާން ކޮށްލިއެވެ. ޝަޔަމްވެސް ހިނިތުންވެލާ ބާއްޖަވެރި ހެނދުނަކަށް އެދުނެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދަނީ ތާޒާކަމާއި އުފާވެރިކަމުގެ ކުލަވަރެވެ. ކާރު އޭގެ މަންޒިލަށް ދަތުރު ފަށައިގެން ދިޔައިރު ދެމީހުންގެ ދޭތެރެއަށް ވެރިވެފައިވީ ހަމަހިމޭންކަމެވެ.
“މަންހަލް އަށް ގުޅަންވެއްޖެ. މިކޮޅަށް އައިފަހުން އަދި ގުޅައެއް ނުލެވޭ.” ޝަޔަމް އޭނާގެ ބެކްޕެކްގެ ޒިބު ހުޅުވާލަމުން ބުނެލިއެވެ. ފޯނުނަގާ މެސެންޖަރ އަށް ވަދެ މަންހަލްއަށް ގުޅާލިއެވެ.
“ގުޅާލާ ގުޅާލާ..” މަންހަލް އަށް ބަލައިލާފާ ޖާވިދު ހިނިތުންވިއެވެ. އެއާއެކު އޭނާގެ އެއްކޮލަށް އަޑިކޮޅެއް އެޅިގެން ދިޔައެވެ. ޝަޔަމް ބޯ އަރިކޮށްލާފައި ޖާވިދަށް ބަލައިލިއެވެ.
“ވާވް. ޔޫ ސްމައިލްޑް. ފައިނަލީ.. އަދި އެއްފަހަރު..” ޝަޔަމްގެ މޫނުމަތި ވިދައިގެން ދިޔައެވެ.
“ކޮންއެއްޗަކަށް ތިބަލަނީ؟” މަންހަލް ގޮވާލި އަޑަށް ޝަޔަމް ދިޔައީ ސިއްސައިގެންނެވެ. ޝަޔަމްއަށް ވީގޮތް ފެނި ޖާވިދުގެ ހިނިތުންވުން ފުންވީއެވެ.
“އެއްޗެއް ނޫން. މަންނޫނޫ.. ކިހިނެއް ބޭބްސް..؟؟” ޝަޔަމް ޅަވެލާފާއި ގޮވާލިއެވެ.
“ކާކު މިހާރު އަހަރުންގެ ވައިފްއަށް ބޭބީއޭ ކިޔާފަ ގޮވަނީ؟” މަންހަލްގެ ފޯނު އަތުލާފައި ޔަޒްދާން ވާހަކަދެއްކިއެވެ.
“ސާބަސް. ހަޒްބެންޑް ވައިފްއަށް ބޭބީއޭ ކިޔާފަ ނުގޮވަންޏާ އެހެންމީހުން ގޮވާނެދޯ.” ޝަޔަމް ދިމާކޮށްލިއެވެ. “ދެން މަންހަލްއަށް ފޯނު ދީބަލަ. އަހަރެންގެ ބެސްޓީއަށޭ މިގުޅީ..”
“ރަނގަޅޭ އިރާދުކުރެއްވިއްޔާ. ޝަޔަމް އަޒީމްގެ ހާލު ކިހިނެއް؟” މަންހަލް ޔަޒްދާންގެ އަތުން ފޯނު އަތުލާފައި ބުންޏެވެ.
“އައިމް ޑުއިން ވެލް އަލްޙަމްދުލިﷲ” ޝަޔަމް ބުންޏެވެ.
“މިހާރުދެން އިނގިރޭސިން ނޫނީ ވާހަކަދެއްކޭ ވަރެއް ނޫންދޯ ޝަޔަމްއަށް. ރަށުގަ އުޅުން އިރު ކުޑަކުދިން އިނގިރޭސިން ވާހަކަދައްކާތީ ވަރަށް އުޅުނީމެއްނު. މިހާރު އުޅޭ ކުދިންނަށް އިނގިރޭސިން ނޫނީ ވާހަކަދައްކާކަށް ނޭނގެއޭ ކިޔައިގެން.” މަންހަލްއަށް ފާހަގަވި ކަމަކީ އެއީއެވެ. “އޭ. ޔަޒްދާން ބަލިވެގެން މިއުޅެނީ.”
“ހުން އައީތަ؟” ޝަޔަމް ހީކުރީ ޔަޒްދާންއަށް އާދައިގެ ހުމެއް ޖެހުނީ ކަމަށެވެ.
“ނޫން. ރޭގަ މީހަކު ވަޅިހެރީ.” މަންހަލް ތުންފިއްތާލިއެވެ.
“ވާޓްޓް… ރިއަލީ؟ ޔަޒްދާންން.. ޔަޒްދާން ރަނގަޅުތަ މިހާރު؟ އޯ މައި ޕުއަރ ކަޒިން.. ކިހިނެއްވީ؟ ރާވައިގެން ކުރި ކަމެއްތަ؟ ކަމެއްގެ ބަދަލު ހިފީތަ؟ ގޭގަ ހުއްޓާތަ؟ މަންހަލްވެސް ހުރިންތަ؟” ޝަޔަމްއަށް ލިބުނު ސިހުމާއެކު އާދައިގެ މަތިން އޭނާގެ އަޑު ބާރުވެއްޖެއެވެ. އެއްނޭވާމަތިން ހުރިހާ ސުވާލެއް ކޮށްލައިފިއެވެ.
“ޝަޔޫ.. ކާމް ޑައުން.” މަންހަލް އަތުގެ އިޝާރާތާ އެއްވަރަށް ފުންކޮށް ނޭވާލާފައި ނޭވާ ބޭރުކުރަން އަނގައިދިނެވެ. “ޔަޒްދާން ރަނގަޅޭ މިހާރު. ޑޮކްޓަރު ބުނީ އަރާމުކުރީމަ ރަނގަޅުވާނެއޯ.”
ޝަޔަމްއަށް ޔުނިވާސިޓީއަށް ދެވެންދެން ދެއެކުވެރިން ވާހަކަދައްކަން ތިއްބެވެ. އެއަށްފަހު ފޯނު ބޭއްވީ އަވަސް މުސްތަޤުބަލެއްގައި ބައްދަލުވާނެ ކަމަށް އުންމީދުކުރާ ހާލުގައެވެ.
ގޭގެ ބެލް އަޅާލި އަޑު އިވުމާއެކު ހަމްދާން އަވަހަށް ގޮސް ގޭގެ ދޮރު ހުޅުވާލިއެވެ. ސާހިލް ފެނުމާއެކު އެކުވެރިޔާ އެތެރެއަށް ވަނުމަށް ތަންދެއްކިއެވެ.
“ކޮބާ ނުހައިކް؟ އަންނާނަމޭ ކިޔާފަ ނާދޭދޯ!” ހަމްދާން ދެރަވެލާފައި ބުނެލިއެވެ.
“އަންނާނެ އިރުކޮޅަކުން. އަހަރުން ކައިރީ ބުނީ ދާށޭ.” ސާހިލް ކާމޭޒު ކައިރީ އިށީނެވެ. މޭޒުމަތީ ޕެކުކޮށްފައިހުރި ތަށިތައް ފެނުމާއެކު އޭނާއަށް އެކުވެރިޔާއާ ދިމާކޮށްނުލައެއް ނުހުރެވުނެވެ.
“ކޮބާ ކަލެއަށެއްނު ކައްކަން ނޭނގެނީ.” ސާހިލް ހެވިފައި ބުނެލިއެވެ.
“ކައްކަން ބޭނުންވިއަސް ބިޒީވިއްޔާ ނުކުރެވޭނެ ދޯ.” ހިނިގަނޑެއް ޖަހާލާފައި ހަމްދާން ބުނެލިއެވެ.
ކުއްލިއަކަށް މުޅި ގޭތެރެ އަނދިރިވެގެން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




Maasha Allah mi prt vx vrh reethi
Kurin cmmnt nukuriyas mi vahaka kiyan
Aaya you are very talented
Anekka shafna mn ge plan akh tha e andhiri v
Vrh curious
Can’t wait
Whn nxt???
Tc… Lysm 💜
Thank you Shaf_maan!
Next part in engeyne kaaku plan eh kan. Insha Allah mi week ga upload kollaanan. 😊🤍
Heyy
When is next part??
Curiously waitingg😭😭😭
Heyy
When is next part??
Curiously waiting😭😭😭
Hii.. Insha Allah maadhan vaahaka kiyalan libeyne.