ހަނދުވަރު ދިން އެރޭ … 14
ހަނދުވަރު ދިން އެރޭ…14
އެންމެ ފުރަތަމަވެސް އޭނާ ހުޅުވާލީ ހުޝާމްގެ ނަންބަރަށް ފޮނުވާފައިވާ ފޮޓޯތަކެވެ. އެއާއެކު ފޯނުން މައިރާ ދެއްކި ވާހަކަ ރީހާނަށް ވިސްނުނެވެ. ފޮޓޯތައް ބަލާފައި ރީހާން މައިރާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ. ” މިއީތަ ރަށަށް އައިމަ ދޭނަމޭ ބުނި ސަޕްރަޒަކީ؟“ ރީހާންގެ އަޑުގައިވީ ނުރުހުމެވެ. އިރުކޮޅަކު މައިރާ އެއްޗެއް ނުބުނެ އިސްޖަހާލި ނަމަވެސް އޭނާގެ ހިތުގައި ޝަކުވާ ގިނަވިއެވެ. ” ތި ފޮޓޯ ފެންނަ ކޮންމެ މީހަކުވެސް ސަޕްރައިޒް ވާނެ. ނޫންތަ؟ “ މައިރާ މަޑުމަޑުން ޖަވާބުދިނެވެ.
” ކީއްވެ އޭނައަށް މި ފޮޓޯތައް ފޮނުވީ؟ އަހަންނާ ވާހަކަ ނުދެއްކޭތަ މައިރާއަށް ؟“ މައިރާ ކަންތައް ކުރިގޮތް ރީހާންއަށް ކަމުނުދިޔައީއެވެ. ހުޝާމަށް ފޮޓޯތައް ފޮނުވުމުން ޒާނާއަށް ހުޝާމްއާއި ކުރިމަތި ލާން ޖެހޭނެކަން ހިތަށް އައުމުން ހިތްނުތަނަވަސްވީއެވެ.
” އޭނައަށް ފޮނުވީމަ ކޮބާ މައްސަލައަކީ؟ .. ދެމީހުން ބައްދަލު ކުރި އިރު މައްސަލައަކަށް ނުވޭތަ؟ އޭނައަށްވެސް އަންގާލަންވާނެއްނު އޭނަ ރަށުގަ ނެތީސް އެހެން ފިިރިހެނަކާއެކު އޭނަ އަންހެނުން އުޅުނު ގޮތް؟ ގޮތެއް ނެތް އަންހެނެއް ކަން އެނގޭނެއްނު މިހާރު..“ މައިރާ ގެ ވާހަކައިން ރީހާން ގާތަށް އައީ ރުޅިއެވެ.
” ގޮތެއް ނެތީ އޭނައެއް ނޫން.. ގޮތެއް ނެތީ އަހަރެން.. އޭނަ ވާހަކަ ނުދައްކާ ހުއްޓާލީމަ ވެސް އެރަށަށް ދިޔައީ އަހަރެން.. އޭނަ ހޯދަން އުޅުނީ އަހަރެން.. އާދޭސް ކޮށްގެން ބައްދަލު ކުރީވެސް އަހަރެން.. އަހަންނާ ދިމާއަށް ކިޔަންވީ ގޮތެއް ނެތޭ.. މައިރާ ތި ހީކުރާ ކަހަލަ ގޮތެއް ނެތް މީހެއް ނަމަ މައިރާ ބުނެގެން އޭނަ ފަސް އަހަރު ވަންދެން އަހަންނާ ވާހަކަ ނުދައްކައެއް ނުހުންނާނެ. ތިހީކުރާ ކަހަލަ އަމިއްލަ އެދުން ބޮޑު މީހެއް ނޫން އެއީ.. !! “ ރީހާންގެ ވާހަކަ ތަކުން މައިރާ އިތުރަށް ހިތުގައި ޖެހުނީއެވެ. ” ކާކުތަ ބޭނުންވާނީ ތިމާގެ ފިރިމީހާ އެހެން އަންހެނަކާ ވާހަކަ ދައްކަން … ބައްދަލުކޮށް ހަދަން؟ އަހަންނަކަށް ރީހާން ކޮންމެ ގޮތަކަށް ކަންތައް ކޮށްފަ އައިމަ ރުހިގެން ހުރެވޭނެތަ ވަކި؟ ރީހާން އޭނަ ހޯދަން އެރަށަށް ދާން ޖެހޭތަ؟ އޭނައާ އެކި ތަންތަނުން ބައްދަލު ކުރަން ޖެހޭތަ؟ އޭނަ ފިރިމީހާއަށް ތި ފޮޓޯ ދައްކަން ކޮންމެހެން ޖެހުނީމަ މި ދެއްކީ..! އަހަރުމެން ދެމެދަށް އޭނަ ވަންނަން ޖެހޭތަ؟ “ މައިރާގެ ހިތުގައިވި ޝަކުވާތައް ރީހާނަށް އަންގައިދެވޭތޯ މަސައްކަތް ކުރިއެވެ.
” އޭނަ އަހަރުމެން ދެމެދަށް ވަންނަން މަސައްކަތް ކުރިނަމަ މިއަދު މައިރާ އަހަރެން ކައިރީ ނުހުންނާނެ.. އެނގޭތަ އެކަން..؟ ތި ހީކުރާކަހަލަ އަމިއްލަ އެދުން ބޮޑު މީހެއް ނޫން އެއީ.. އެނގޭތަ އަހަންނާ އޭނަ ބައްދަލު ކުރީ ކީއްކުރަން ކަން؟ .. “ ރީހާންގެ ވާހަކަތަކުން މައިރާ އިތުރަށް ހިތްހަމަ ނުޖެހި ވާހަކަ މެދުކަނޑާލިއެވެ. ” ލަދު ކުޑަ ކަމުން.. ގޮތެއް ނެތީމަ ދަންވަރު ފިރިހެނަކާއެކު ތުނޑިއަށް ގޮސް ދެމީހުން މާ ފޮޅުވަން ތިބޭނީ..އެހެން ނޫންނަމަ މީހެއްގެ ފިރިއެއްގެ ފަހަތުން އަވަލައިގެން ނުދުވާނެ… “ މައިރާގެ އަށް ވެސް ރުޅިއާދެވުނީ ރީހާން ޒާނާގެ ދިފާޢުގައި ވާހަކަ ދައްކަންފެށުމުންނެވެ.
” އޭނައެއް ނުދުވައޭ އަހަރެން ފަހަތުން އަވަލައިގެނެއް.. އޭނަ ފަހަތުން އަވަލައިގެން ވިޔަސް ދިޔައީ އަހަރެން.. އެނގޭތަ މިކިޔާ އެއްޗެއް؟ އެކަމަކު އޭނަ ބޭނުން ވީ އަހަރެން މައިރާ އާ އެކު ރީތި ދިރިއުޅުމެއް އުޅެން.. އެއީ އޭނަގެ އެންމެ ފަހުގެ އެދުން ..އަހަރެން މައިރާ ދޫކޮށް ނުލުން.. ތިހާ އަމިއްލަ އެދުން ބޮޑު މީހެއް ނަމަ މައިރާއާ މެދު ވިސްނަންވީ ކީއްކުރަން؟ އެކަމަކު މައިރާ ތިކަންތައް ކުރީ އޭނަގެ ދިރިއުޅުން ހަލާކުވާނެހެން…“ ރީހާންގެ ވާހަކަ އަޑުއަހަން ހުރި މައިރާ ފާޑަކަށް ހެމުން އަތް ޖަހަން ފެށީ ރީހާންގެ ދުލުން ޒާނާ ރަނގަޅުކޮށް މައިރާގެ ގޯސްކަން ދައްކަން މަސައްކަތް ކުރުމުންނެވެ.
”ވާ..! ވާ..! އޭނަގެ ހެޔޮފުޅުކަން ދޯ.. އަހަންނާއެކު ރީހާން ތި އުޅެނީ އޭނަ ބުނެގެން އޭނައަށްޓަކާތަ؟ .. ހާދަ ހެޔޮ މީހެއް އެއީ.. ހުރިހާވެސް ގޯހަކީ އަހަރެން ދޯ.. ބުނަންތަ ވާހަކައެއް .. އަހަަރެން ބޭނުމެއްނޫން އޭނަގެ އެ ދީލަތިކަމާ ހެޔޮކަމުން ރީހާންކައިރީ އާދޭސް ދަންނަވައިގެން ރީހާން އަހަންނާއެކު އުޅޭކަށް .. !! “ މައިރާގެ ގާތަށް އައީ އިންތިހާ ރުޅިއެވެ.
”އޭނަ ބުނެގެން ނޫނަސް މައިރާއާއެކު އުޅެވޭނީ މައިރާގެ ތި ގޮތްދޫކޮށްގެން ނޫންތަ؟ އޭނަ ވާހަކަ ނުދައްކާ ހުއްޓާލީމަ މައިރާ އަށް ބަދަލެއް އައިތަ؟ މައިރާގެ ރުޅި މައިތިރި ކުރެވުނުތަ؟ ކޮންމެ ދުވަހަކުހެން އޭނައާ އަހަންނާ އަޅުވާ ކިޔުން ހުއްޓުނުތަ؟ އެންމެ ފަހަރަކުވެސް ހަމަޖެހިގެން ރީތިގޮތުގަ އެއްވެސް ކަމެއްގަ ގޮތް ދޫކުރިންތަ؟.. ނުކުރަމެއްނު؟ މިހާރުވެސް އަހަންނާ ވާހަކަ ދެއްކުމުގެ ބަދަލުގަ މައިރާ ތި މަސައްކަތް ކުރީ އެ ދިރިއުޅުން ހަލާކުކޮށްލަން.. މައިރާ ތި ކަންތައް ކުރިގޮތުން ހުޝާމް ޒާނާއަށް ކިރިޔާވެސް ދެރަގޮތެއް ހަދައިފިއްޔާ ހަނދާންކުރާތި.. އަހަރެން ފަހެއް ނުޖެހޭނަން ޒާނާ އަހަރެންގެ މީހަކަށް ހަދާކަށް.. މައިރާ ބޭނުން ނޫނިއްޔާ މައިރާ ޖެހޭނީ ދާން.. “ ރީހާނަށް އޭނާގެ ދުލުން ބުނެވުނު އެއްޗެއް ވިސްނުނީ ދުލުން ހުރިހާ ބަސްތައް ބޭރުވީ ފަހުންނެވެ. ރީހާންގެ ބުނި ކޮންމެ ލަފްޒެއް ވަކިވަކިން މައިރާގެ ސިކުނޑީގައި ގުގުމަން ދިޔައިރު މައިރާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ ހިތުގެ ހާލު ބަޔާން ކުރަމުން ދިޔައެވެ. އެހެން މީހަކަށްޓަކައި އޭނާ އެންމެ ލޯބިވާ ފިރިމީހާގެ ދުލުން ބުނި ބަސްތައްވީ ހިތަށް ހެރުނު ތޫނު ތީރުތަކަކަށެވެ. ” ރީހާން…!! “ ރޮމުން މައިރާއަށް ރީހާންގެ ނަމުން ގޮވާލެވުނީ ރީހާން ބުނި ބަސްތައް ޤަބޫލު ނުކުރެވިގެންނެވެ. މައިރާ އަށް ވީގޮތް ފެނުމުން ރީހާނަށް ވެސް އޭނާގެ ދުލުން އެބަސްތައް ނުބުނެވުނުނަމައޭ ހިތަށް އެރިއެވެ.
” ހަމަ އެހާ ލޯބިވޭތަ އޭނަ ދެކެ…؟ “ މައިރާގެ އަޑުމަޑުވެފައި އޭނާގެ ހިތުގައި ވި ރިހުން އެ އަޑުން ހާމަވިއެވެ.
”ބުނެބަ.. އެހާ ލޯބިވޭތަ ހަމަ.. ؟ އޭނަ ރީހާންގެ މީހަކަށް ހަދަން އެހާ ބޭނުންތަ؟ “ މައިރާ ރީހާންގެ މޫނަށް ބަލާލަމުން އަސަރާއެކު ރޮމުން އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލީ ކީއްވެހޭ އަހާފަދައަކުން ރީހާނާއި ހަތަރުކަޅި ހަމަ ކުރަމުންނެވެ. ރީހާނަށް ބަސްހުއްޓެވުނީ މައިރާގެ ހިތުގައި ޖެހިއްޖެކަން އެނގުމުންނެވެ. މައިރާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނުމުން ރީހާނަށް އޭނާގެ ކުށް އިހުސާސްކުރެވުނެވެ. ކޮންމެ ގޮތެއް ވިޔަސް މައިރާއަށް ރުޅިއައުމާއި ޝަކުވާ ކުރުމުގެ ޙައްޤުލިބިފައިވާކަން ވިސްނުނެވެ. އޭނާގެ ހިތުގައި އެހެންމީހަކަށްޓަކައި ވާ އިހުސާސްތަކެއްގެ ސަބަބުން މައިރާގެ ހައްޤުތަކުން އޭނާ މަޙުރޫމުކޮށް ކުށްވެރި ކުރެވޭކަން ވިސްނުމުން އިސްޖަހާލިއެވެ.
” އަހަރެން ދެކެ ކުޑަނަމަވެސް ލޯތްބެއް ނެެތްތަ ތި ހިތުގައި؟ ރީހާންގެ ލޯތްބަށް އެދި އަހަރެން ސަލާންޖަހާތާ މިހާރު ކިތައް އަހަރު މި ވީ؟ އަހަރެންގެ ހިތުގެ އަޑެއް ރީހާނަށް ހަމަ ނީވޭތަ…؟ އަހަރެން ހަމަ އެހާ ގޯސްތަ؟…“ މައިރާގެ އަޑު ބެދިފައި ވާހަކަދެއްކިއިރު ގިސްލަމުން މޫނުގައި އަތްއެޅިއެވެ. އިތުރު އެއްޗެއް ރީހާން ބުނުމުގެ ކުރިން މައިރާ ހިނގައިގަތީ އެތަނުން ދާށެވެ. މައިރާ ދިއުމުން ރީހާން އޭނާގެ ބޮލުގައި އަތް ހިންގާލަމުން ގޮސް އުނދޯލީގައި އިށީނީ ހަލަބޮލިވެފައިވާ ސިކުނޑިއަށް ދެން ހަދާނެ ގޮތެއް ނުވިސްނުމުންނެވެ. ހުޝާމް އަށް އެ ފޮޓޯތައް ލިބުމުން ޒާނާއާމެދު ކަންތައް ކުރިގޮތެއް ވީ ކިހިނެއް ކަމެއް ނޭނގުމުން އެކަމާވެސް އޭނާގެ ބޯހާސްވިއެވެ. ނަމަވެސް އެވަގުތު ޒާނާއަށް ގުޅާކަށް ވެސް އޭނާއަށް ރަނގަޅު ގޮތެއް ކަމަކަށް ނުފެނުނެވެ.
******
”ދަރިފުޅާ ހުޝާމް..! “ ދޮރުގައި ޓަކި ޖަހާލަމުން ސަމީރާ ގޮވާލީ ޒާނާ ދިޔަފަހުން ހުޝާމް ކޮޓަރިން ބޭރަށް ނުނިކުންނާތީއެވެ. ދެ ތިން ފަހަރު ސަމީރާ ގޮވާލުމުންވެސް ހުޝާމް ޖަވާބެއް ނުދެއެވެ. ނިތްމަތީ އަތް ބާއްވައިގެން އެނދުގައި އޮށޯވެއޮތް ހުޝާމް އަށް ހަދާނެ ގޮތެއް ނުވިސްނުނެވެ. އެއްވެސް މީހަކާ ވާހަކަ ދައްކާކަށް މީހަކަށް ފެންނަ ހިސާބަށް ނިކުންނަންވެސް ބޭނުން ނުވެފައި ވިސްނަން އޮތީއެވެ. އެތައް އިރަކު އެހެން އޮތުމަށްފަހު ތެދުވެ ފެންވަރާލީ އޭނާގެ ހަށިގަނޑަށް ހަމަ ޖެހުމެއް ލިބޭތޯއެވެ. ފެންވަރާލައިގެން ބޭރަށް ނުކުތް އިރު ސަމީރާ ރޭގަނޑުގެ ކެއުން ތައްޔާރުކުރަން ބަދިގޭގައި އުޅެއެވެ.
” ރޭއްސުރެ ނުވެސް ކައިނު ތި އުޅެނީ.. ކަމެއް ވީތަ؟ .. ހުޝާމް އައިމަ ޒާނާ ކީއްވެ ގެއަށް އެ ދިޔައީ.. ޒަހުރިއްޔާ ބަލީތަ؟ “ ކަންބޮޑުވެފައި ސަމީރާއަށް ހިތުގައިވާ ސުވާލުތައް ކޮށްލެވުނީއެވެ. ” ނޫން.. ޒާނާ މަންމަ މިދުވަސްކޮޅު އެކަންޏެއްނު އުޅެނީ.. އެހެންވެ“ ހުޝާމް ބެލީ ވީހާވެސް ކުރު ޖަވާބަކުން ފުއްދާލެވޭތޯއެވެ. ”މަންމަ ހީކުރީ ދެކުދިން ކަމަކާ ހިތްހަމަ ނުޖެހި ކަމަށް .. ދަރިފުޅުވެސް ރަށުން ބޭރުގަ އެތައް ދުވަހަކު ހުރެފަ ރޭގަ ވިއްޔަ ތި އައީ.. އެހެންޏާ ޒާނާ އެގޮތަކަށް ގެއަކަށް ނުދޭނު.. އެހެންވެ މަންމަ އެހާ ކަންބޮޑުވީ.. ދެން އާދޭ ކާން .. “ ކާން ހަދައި ނިންމައި ސަމީރާ އެދުމުން ހުޝާމް ދެކޮޅު ނުހަދައި ކާން އިށީނެވެ. ނަމަވެސް މުޅި ގެއިން އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ ޒާނާއާއި ކުދިން ނެތުމުން ފަޅުކަމެވެ. އޭނާގެ ދިރިއުޅުމުގެ އެންމެ މުހިއްމު ބައި މަދުވެއްޖެ ކަމެވެ.
******
ކުދިން ނިދުމުން ބޭރަށް ނުކުމެ ޒާނާ ޖޯލިފަތީގައި އިށީނދެ އޭނާގެ ފޯނު ހުޅުވާލީ ހުޝާމް އޭނާގެ މެސެޖައް ޖަވާބެއް ފޮނުވިތޯ ބަލާށެވެ. ނަމަވެސް ހުޝާމްގެ ހަބަރެއް އޭނާ ގެއަށް ދިޔަފަހުން ނުވެއެވެ. އޭނާއަށް މަޢާފު ލިބޭނެ ބާއޭ ސުވާލު އުފެދުމުން ދެލޯ ކަރުނުން ފުރުނެވެ. ވިސްނަން ހުރެފައި ޒާނާ ހުޝާމްއަށް ގުޅީ ފޯނު ނަގާނެކަމާމެދު ސުވާލު އުފެދި ޖެހިލުންވެ ހުރެއެވެ. ފޯނު ރިންގް ވާން ފެށުމާއެކު ހުޝާމް ފޯނު ބިޒީ ކޮށްލުމުން މާޔޫސްވެފައި ޖޯލީގައި އޮށޯވެ ދެލޯ މަރާލިއެވެ.
” ހޭއި… ސިސް.. މިތާ އެކަނި ތީނިއްޔޯ.. ކޮން އިރަކު މިކޮޅަށް އައީ..“ ގެއަށް ވަދެގެން އައި ލީޝް ގެ އަޑަށް ޒާނާ ތެދުވެ ބަލާލަމުން ހިނިތުންވެލީ އޭނާގެ މާޔޫސްކަން ފޮރުވާލަމުންނެވެ. ޒާނާ ކައިރީގައި އިން ޖޯލީގައި އިށީންނަމުން ލީޝް އަނެއްކާވެސް ވާހަކަދައްކަން ފެށީ ހިތުގައި ޝައްކު އުފެދުމުންނެވެ.
” ނުވެސް ގުޅަމެއްނު ގެއަށް އަންނަން.. ޓެކްސީއެއްގަތަ އައީ.. “ ހަމަޖެހިލަމުން ލީޝާ ސުވާލުކޮށްލިއެވެ.
” ހްމްމް.. މިއަދު އައީ.. ޓެކްސީއެއެްގަ އައީ.. ލީޝް އެގަޑީ އުޅޭނީ އޮފީހުގައެއްނު.. އެހެންވެ ނުގުޅީ.. “ ޒާނާ ހިތުންވެލަމުން ޖަވާބު ދިންނަމަވެސް އެ ކުޑަ ވަގުތުކޮޅުގައި ލީޝާ އޭނާގެ ދައްތަގެ މޫނު މަތިން ފޮރުވަން މަސައްކަތް ކުރަމުން ދިޔަ މާޔޫސްކަން ދެނެގަތެވެ. ” ހުޝާމްބެ ނާދޭތަ އަދި ރަށަށް ؟“. ޒާނާގެ އަތުގައި ހިފާލަމުން ލީޝާ ސުވާލު ކޮށްލިއެވެ.
” އެބަ އުޅޭ ރަށުގަ.. “ ޒާނާ މަޑުމަޑުން ޖަވާބު ދެމުން އިސްޖަހާލިއެވެ. ” ބުނެބަ.. ކޮންމެވެސް ކަމެއް ވެއްޖެ.. ނުބުނާތި ކަމެއް ނުވެޔޭ..! ކަމެއް ވީމަ ހުޝާމްބެ އައިމަ ތި އައީ ގެއަށް .. ނޫންތަ؟ “ ޒާނާގެ ފަރާތުން އެއްޗެއް އޮޅުން ފިލުވުންވާނީ އުނދަގޫކަމެއްކަން އެނގޭ އިރުވެސް ލީޝާ ސުވާލު ކޮށްލިއެވެ. ” ނުވޭ ކަމެއް … މަންމަ އެކަނި އުޅޭތީ ދެން އައީ ހަމަ.. “ ވެގެން އުޅޭ ގޮތް ކިޔާދޭން ޒާނާއަށް ފަސޭހަކަމަކަށް ނުވުމުން ހަޤީޤަތް ފޮރުވަން މަސައްކަތް ކުރީއެވެ. ” އޯކޭ.. ސިސް ވީކަމެއް ބުނަން ބޭނުން ނޫނިއްޔާ ދެން ޤަބޫލު ކުރަން ދޯ ޖެހޭނީ .. އެކަމް އައި ނޯ.. ނުބުނަންވެގެންކަން .. ކިތައް ދުވަހަށް ތި އައީ؟“ ލީޝާ ކަރުއެލުވާލަމުން ވާހަކަ ދެއްކީ ޒާނާގެ ގޮތް އެނގޭތީއެވެ. ” ދުވަސް ކޮޅަކަށް “ އެ ޖަވާބު ދިން އިރު ޒާނާއަށް އޭނާ އެގޭގައި ދެން ހުންނަން ޖެހޭނީ އުމުރަށް ނޫންކަމެއް ވެސް ނެނގޭ ހިތައްއެރުމުން ހާސްކަމާއެކު ހިން ދިރުވާލެވުނެވެ.
” މަންމަ ކޮބާ؟ މަންމަ ކައިރިޔަށް ނާދެވޭތީ މިރޭ މި އައީވެސް.. ނިދީތަ އަނެއްކާ؟ “ ލީޝާ ތެދުވަމުން ސުވާލު ކޮށްލަމުން ޒަހުރިއްޔާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ.
ލީޝް ދިއުމުން އަނެއްކާވެސް ހަމަޖެހިލަމުން ޒާނާ ލޯމަރަަލައިގެން އޮތީއެވެ. އަތުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުން އަވަސް އަވަހަށް ޒާނާ ފޯނު ބަލާލީ ހުޝާމްގެ ކޯލެއް ކަމަށް އުއްމީދުކޮށްގެން ނަމަވެސް އެއީ ޒީނާ އެވެ. ކައިވެންޏަށްފަހު ހަމަޖެހިލައިގެން ޒީނާ ގުޅީ ކައިވެނި ޕާޓީ އިން ރީހާން ފެނުނު ފަހުން ހިތުގައިވި ސުވާލުތައް ކުރާށެވެ. ”ހަލޯ… ކިހިނެއްތަ ލޯބިވާ…! “ ޒާނާ ފޯނު ނެގުމާއެކު ޒީނާ ޖޯޝާއެކު ރާގަކަށް ވާހަކަ ފެށިއެވެ.
” ރަނގަޅު.. ޒީން ކިހިނެއް.. ؟ ކޮބާ ޝަޔާން؟ “ ޒާނާ އަހާލިއެވެ. ” ޝަޔާން ވީ ބޭރުގަ.. ހްމްމް އަމް ސޯ ގުޑް .. ބުނެބަ.. ހޫ އިންވައިޓެޑް ހިމް..؟ “ ޒީނާގެ ސުވާލުން ޒާނާއަށް ލިބުނީ ނުތަނަވަސްކަމެވެ. ޒީނާ ދައްކަން އުޅެނީ ރީހާންްގެ ވާހަކަ ކަން ވިސްނުމަށް އައުމުން އޭނާއަށްވީ އުނދަގުލެވެ. ” ހޫ؟ ކާކު ކާކަށް އިންވައިޓް ކުރީ؟ “ ނޭނގޭ ކަމަށް ހަދާލައި ޒާނާ ކޮށްލީ ސުވާލެވެ. ” ޔުރ ފްރެންޑް ރީހާން.. ވެޑިން އަށް އޭނައަށް އިންވިޓޭޝަން ދިނީ ކާކުހޭ…“ ތަންކޮޅެއް ދަމާލަމުން ހެވިފައި ޒީނާ ވާހަކަ ދެއްކި ނަމަވެސް ޒާނާ ހުރީ އެވާހަކަ އަލުން ދައްކަން ނުޖެހޭތޯ ހިތުން ދުޢާކޮށްކޮށެވެ. ” ނޮޓް މީ… ޝަޔާން އެއް ނޫންތަ؟ ނޭނގޭތަ ހަމަ؟ “ ޒާނާ ބެލީ އަވަަަހަށް އެވާހަކައިން ދުރުވެވޭތޯއެވެ. ” ހްމްމް.. ކާކު ހިތައް އަރާނީ އޭނަ ޝަޔާންގެ ފްރެންޑަކަށް ވާނޭ.. އައި ވޯޒް ސޯ ސަޕްރައިޒްޑް… އެކަމަކު އޭނަ ވައިފް ނުދިޔައީ ކީއްވެ ދޯ.. ޑިޑް ހީ މީޓް ޔޫ..؟ “ ޒީނާގެ ސުވާލުން ޒާނާ ބަސްހުއްޓުނެވެ. އެރޭ ތުނޑިން ރީހާންއާއި ބައްދަލު ކުރަން ދިޔަ މަންޒަރު އަލުން ސިކުނޑިއަށް ސިފަވާން ފެށީއެވެ. ” ނޭނގެ ދޯ.. އުމީ އަށް ހޭލެވުނީކަންނޭގެ.. ބާއްވަނީ އިނގޭ ..! ފަހުން ގުޅާނަން..“ އިތުރު އެއްޗެއް ޒީނާ ބުނުމުގެ ކުރިން ފޯނު ކަނޑާލާފައި ތެދުވެގެން ޒާނާ ކޮޓަރިއަށް ދިޔައީ އޭނާ ސިއްރު ކުރަމުންދާ ކަންތައް ގޭގެ އެއްވެސް މީހަކަށް އެނގިދާނެތީއެެވެ.
ޒަހުރިއްޔާ ކައިރީ އިރުކޮޅަކު ވާހަކަ ދައްކަން ހުރެފައި ލީޝާ ނުކުތް އިރު ޒާނާ ކޮޓަރިއަށް ވަދެ ދޮރުތަޅުލައިފިކަން އެނގުމުން އިތުރަށް އުނދަގޫ ނުކޮށް ދާން ހިނގައިގަތެވެ. ” ލީޝް.. އެނގޭތަ ވެގެން އުޅޭ ގޮތެއް ؟ އެހިންތަ؟ “ ލީޝާ ފަހަތުން ނިކުމެ ޒަހުރިއްޔާ އަހާލީ ޒާނާ ގެއަށް އައި ސަބަބެއް ލީޝާއަށް އެނގިފައި އޮތްތޯއެވެ. ”ނޭނގެ މަންމާ !! އެހީމަވެސް ނުބުނޭ.. “ މާޔޫސްކަމާއެކު ލީޝާ ބުނެލިއެވެ. ” ދަރިފުޅަށް ކެރޭނެތަ ހުޝާމް ކައިރިން އަހަން.. ދުރު ދުރުން ވާހަކަ ދެއްކިދާނެ ދޯ.. މަންމަ ވ ކަންބޮޑުވޭ އެބަ.. ކިތަންމެ ނޫންކަމަށް ދައްކަން އުޅުނަސް މޫނުމަތިން ވެސް އެނގޭ އައިއިރުވެސް ކޮންމެވެސް ކަމަކާ ވަރަށް ރޮއެފަ ހުރިކަން.. “ ޒަހުރިއްޔާއަށް ޒާނާގެ މޫނުމަތިން ފެނުނު މޮޅިވެރިކަން ލީޝާއަށް ކިޔައިދިނެވެ. ” މަންމާ .. އެހާ ކަންބޮޑު ނުވޭ.. އަދިވެސް ބަލާނަން ސިސްއާ ވާހަކަ ދައްކައިގެން ވީގޮތެއް ބުނޭތޯ.. މަންމަ ދެން ދޭ ނިދަން.. ނާއިލް ލަސްވެގެން ގުޅާ އެބަ.. ދަނީ އިނގޭ.. “ ހިނިތުންވެލަމުން ލީޝާ ހިނގައިގަތުމުން ޒަހުރިއްޔާވެސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.
******
ރީހާންގެ ވާހަކަތަކުން ހިތް ކުދިކުދިވެފައި މައިރާ ކޮޓަރީގައި އެނދަށް ވެއްޓި ރޯން އޮތީއެވެ. ހިތުގައިވި ވޭނީ ރިހުމާއެކު ކަރުނަ އަޅަމުން ހިތާއި ހިތުން ޝަކުވާކުރަމުންނެވެ. ލޯތްބަށް އެދި ކުރިހާ އިންތިޒާރަށްފަހު ރީހާންގެ ހިތުގައި ހަޤީޤަތުގައިވެސް ވަނީ ޒާނާކަން ޔަޤީންވުމުންނެވެ. ”ކީއްވެ.. ކީއްވެ އޭނަ…! “ މޫނުމަތީ ބާލީސް އަޅައި ބާރުކޮށްލަމުން މައިރާއަށް ރޮއެގަނެވުނެވެ.
ކޮޓަރިއަށް ވަދެގެން އައި ރީހާން މައިރާ ހިފަހައްޓައިގެން އޮތް ބާލީސް ދުރަށް ލާފައި މައިރާ ކައިރީގައި އިށީނެވެ. ”އައިމް ސޮރީ މައިރާ.. އެނގޭ މައިރާގެ ހިތުގައި ޖެހިއްޖެކަން.. “ އިސްޖަހާލަމުން ރީހާން އޭނާގެ ކުށް ޤަބޫލު ކުރުމުން މައިރާ ތެދުވެ އިށީނެވެ. ” ރީހާނަށް އެނގޭތަ އަހަަރެންގެ ހިތުގައި ޖެހުމުން؟ އަހަންނާ އެކު ތި އުޅެނީ ރީހާން ބޭނުން ވެގެނެއް ނޫނެއްނު.. އަހަރެން ދެކެ ލޯތްބެއްވެސް ނުވޭނު.. އަހަރެންގެ ނެތެއްނު ރީހާން އަށް ކަމުދާ އެއްވެސް ސިފައެއް؟ “ މައިރާ ރޮމުން ހިތުގައި ވާ ޝަކުވާތަށް ކުރަމުން ދިޔައިރު ރީހާން އެއްޗެއް ނުބުނެ ހިމޭނުން ހުރީ އެވެ. ” ޤަބޫލު ކުރަން އަހަރެންގެ ކުށް.. އަހަރެން ބޭނުން މައިރާއާއި އެކު އުޅެން.. އަހަރެންގެ ފަރާތުން މައިރާ ދެރަވާ ކަމެއް ދެން ނުފެންނާނެ.. “ ރީހާން މައިރާއަށް ބަލާލަމުން ކުށްވެރިއެއްހެން އިސްޖަހާލިއެެވެ.
” އަހަރެން ކިހިނެއް ދެން ތިވާހަކަ ޤަބޫލު ކުރާނީ؟.. އަހަންނަށް މިހާރު ޔަޤީންވެއްޖެ ރީހާނަށް އަހަރެން ދެކެ ލޯބި ނުވެވުނީ ރީހާންގެ ހިތުގައި އެހެން މީހަކަށް ލޯބިވާތީކަން.. ކުރިން އަހަންނަށް ކުރެވުނު ޝައްކުތައް މިހާރު ޔަޤީން ވެއްޖެ.. ރީހާނަށް ޒާނާ މުހިއްމުވަރު އިހުސާސްކުރެވުމުން އަހަރެންމީ ރީހާނަކަށް މުހިއްމު މީހެއް ނޫންކަން އެނގިއްޖެ.. ޒާނާ މިއަދުވެސް އާނއެކޭ ބުނެފިއްޔާ ރީހާން ދާނެ.. އަހަންނަކަށް ދެން ރީހާނަށް ފުރުޞަތެއް ނުދެވޭނެ.. އަހަރެން ވަރަށް ގިނަ އަހަރު ތި ލޯތްބަށް އިންތިޒާރުކޮށްފިން.. މަޖުބޫރުން ކައިވެނި ކޮށް މަޖުބޫރުން ލޯބި ހޯދަންވެސް އުޅެފިން.. ދެން ނުވާނެ.. އަހަރެންގެ މަޖުބޫރު ލޯބިން ރީހާން މިނިވަންކޮށްދީފިން.. ރީހާން ހިތްއެދޭގޮތަކަށް ދެން ކަންތައް ކުރޭ..“ މައިރާއަށް އަށް އޭނާގެ ހިތުގެ އަޑު ރީހާނަށް އިއްވާދެވުނީ އުނދަގުލުންނެވެ.
އިސްޖަހާލައިގެން އިން ރީހާން މައިރާގެ އަތުގައި ހިފާލުމުން މައިރާ އޭނާގެ އަތް ދުރަށް ޖައްސާލިއެވެ. ” ސޮރީ.. އެކަމަކު އަހަރެން މައިރާ ދޫކޮށެއް ނުލާނަން.. “ ރީހާންގެ ވާހަކައަށް އިތުރު އެއްޗެއް ނުބުނެ މައިރާ މޫނު ފޮހެލަމުން ތެދުވިއެވެ. ލޯގަނޑު ކުރިމަތީ ހުއްޓި އޭނާގެ ސޫރައަށް ބަލާލަމުން ހިތާހިތުން އޭނާއާއި ޒާނާ އަޅާކިޔާލިއެވެ. ރީހާންވެސް ތެދުވެގެން އައިސް މައިރާގެ ފަހަތުގައި ހުއްޓިލައި މައިރާއަށް ބަލާލިއެވެ. ”އަހަރެން ދެން ރީހާންއާއި އެކު އުޅޭކަށް ބޭނުމެއް ނޫން.. “ ލޯގަނޑުން މައިރާއަށް ބަލަން ހުއްޓި ހުރި ރީހާނަށް ބަލާފައި މައިރާ ބުނެލިއެވެ.
”އަހަންނަކަށް މަޢާފެއް ނުކުރާނަން..؟ “ މައިރާއާއި ކައިރިއަށް ޖެހިލަމުން ރީހާން ސުވާލުކޮށްލިއެވެ.
”އަހަރެން މާފު ކުރުމުން ރީހާންގެ ހިތުގައި އެހެންމީހަކަށް އޮތް ލޯބި ފޮހެވެނީތަ؟ “ މައިރާ އެނބުރި ރީހާނަށް ކުރިމަތިލަމުން ސުވާލުކޮށްލިއެވެ.
” އަހަރެން މަސައްކަތް ކުރާނަމޭ ބުނެފިއްޔާ .. އޭރުންވެސް ނެތްތަ އަހަންނަށް އިތުރު ފުރުސަތެއް؟ އަހަރެން މި ދިރިއުޅުން ރޫޅާލާކަށް ބޭނުމެއް ނޫން.. އަހަރުމެންގެ ކުދިން ނިކަމެތި ކޮށް އުފާވެރި އާއިލާއަކުން މަޙުރޫމު ކޮށްލަން ބޭނުމެއްނޫން.. “ ރީހާން މަޑުމައިތިރިކަމާއެކު ވާހަކަދައްކަމުން ދިޔައިރު މައިރާ ރީހާނަށް ބަލަން ހުރީއެވެ.
”މައާފު ކޮށްފީމޭ ދުލުން ބުނަން ފަސޭހަވިޔަސް އަހަންްނަށް ކިހިނެއް ހަނދާން ނައްތާލާފަ އާ ފެށުމަކުން ފެށޭނީ..؟ އިއްޔެއާ ޖެހެންދެން ރީހާން އަށް އަހަރެން ވެފައިވީ ރީހާންގެ ހަޔާތުގަ މަޖުބޫރު ލޯތްބަކުން ރީހާން ބަނދެލައިގެން ހުރި މީހަކަށް.. ކިހިނެއްތަ މަދު ސިކުންތުކޮޅެއްގެ ތެރޭ ހުރިހާކަމެއް ނުވާކަމަކަށް ހަދާލެވޭނީ؟ “ މައިރާ ރީހާންއަށް ބަލާލަމުން އަނެއްކާވެސް އިސްޖަހާލިއެވެ.
” އެހެންވިއްޔާ މައިރާ އަށް ބޭނުންވާ ވަގުތު އަހަރެން ދޭނަން.. މައިރާގެ މަޢާފު އަހަންނަށް ލިބޭނީ ކިހިނެއް؟ “ ރީހާންގެ ސުވާލަށް ދޭނެ ޖަވާބެއް މައިރާއަކަށް ނުވިސްނުނެވެ.
” ނޭނގެ.. ދެން ތި ފުރުސަތު ރީހާނަށް ދެވޭކަށް ނެތް. “ މައިރާ އަވަސް އަވަހަށް އެތަނުން ނުކުމެގެން ދިޔައީ ރީހާން އިތުުރު އެއްޗެއް ބުނާ އަޑު އަހަން ބޭނުން ނެތުމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



mi part ves v reethi masha allah
curiously waiting for next part
keep it up
reehan and naa gulhuvachey
maira ah visnuneethee ufaa kuran
Thankyou cutie girl 😊
Mi part vex vrh reethi masha allah..dhenn oiyy bayah vrh bodah inthizaaru kurann..
Mi vaahaka vrh raathi maasha allah..
Mi vaahaka vrh dhigudhemigenn dhaane kamah vrh foni umeedhu kurann
Thankyou anonymous, v ufaavehje..new part mihaaru upload kohfa innaane.. hope you will like it too.. 😊