Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަނދުވަރު ދިން އެރޭ …13

Hudhufinifenmaa_
Hudhufinifenmaa_ Level 2100 Login10 Stories
November 15, 2024 8 Mins Read
6 Comments

ހަނދުވަރުދިން އެރޭ … 13

 

ޒާނާއަށް ދޭން ގެންދިޔަ މާ ބޮނޑި ބެންޗުމަތިން ނަގާ ބިންމައްޗަށް ހޫރާލަމުން ލަގެޖް ހިފައިގެން ޓެކްސީއާއި ދިމާއަށް ހިނގައިގަތް އިރު ހުޝާމްގެ ދެލޯވަނީ ކަރުނުން ތެމިފައެވެ. އޭނާގެ ހިތުގައި ފުރަތަމަ ފަހަރަށް ޒާނާގެ ސަބަބުން ފޫ ނުބެއްދޭނެ ބާގަނޑެއް ހެދުނުކަމުގެ އިޙްސާސް ކުރެވުނެވެ.

ގޭގެ ދޮރުމައްޗަށް ޓެކްސީ މަޑުކޮށްލުމުން ހުޝާމް ސަމީރާއަށް ގުޅީ ގޭގެ ދޮރު ހުޅުވާށެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ސަބަބުން ސަމީރާ ނުކުުތީ ކުޑައެއް ނަގައިގެން ނަމަވެސް ހުޝާމް ވާރެއަށް ފަރުވާލެއް ނެތި ފޮށި ހިފައިގެން ގެއަށް ވަދެގެން އައީއެވެ. ހިސާބަކަށް ތެމިފައި ވި އިރު އޭނާގެ މޫނުމަތީގައިވީ މާޔޫސްކަމެވެ . ” ތެމިއްޖެ ދޯ… ޒާނާ ނިދާފި ކަންނޭނގެ …ކޮފީ ތައްޓެއް ބޭނުންތަ؟ “ ސަމީރާ އަހާލުމުން ނޫނެކޭ ބުނެފައި އޭނާ ކޮޓަރިއަަށް ދާން ހިނގައިގަތީއެވެ.

ދޮރުގައި ދެ ތިން ފަހަރު ޓަކި ޖަހާލުމުން ޒާނާ ދޮރު ހުޅުވާލީ ސަމީރާ ކަމަށް ހީކޮށެވެ. ދޮރު މަތީ ހުރި ހުޝާމް ފެނުމުން ޒާނާއަށް ލިބުނީ ސިހުމެވެ. ” ހުޝާމް.. !! “ މަޑުމަޑުން ޒާނާ ހުޝާމްއަށް ގޮވާލަމުން ތަން ދައްކާލިއެވެ. ” ތެމިގެންތަ؟ .. ބޯކޮށް ވާރޭ ވެހޭ ދޯ ..؟ ނުވެސް ބުނަމެއްނު އަންނަ ވާހަކަ.. “ ޒާނާ ވާހަކަ ދައްކަމުން ދިޔައިރު ކޮޓަރިއަށް ވަދެ ހުޝާމް އެނދުގައި އިށީނދެލައިގެން ހަނު ހުރީ ވާހަކަ ދައްކަން ފަށަންވީ ކިހާ ހިސާބަކުން ކަން ނޭނގިފައެވެ. ގަބުވެފައި އިން ހުޝާމް އަށް ބަލަން އިރުކޮޅަކު ހުރެފައި ޒާނާ އަވަސް އަވަހަށް ތުވާއްޔެއް ހިފައިގެން އައިސް ހުޝާމްގެ ކައިރީ އެނދުގައި އިށީނދެ ތެމިފައިވީ ހުޝާމްގެ ބޮލުގައި ފެން ހިއްކަން އުޅުނެވެ. ނަމަވެސް ހުޝިޔާރުވެ ހުރި ހުޝާމް ޒާނާގެ އަތުގައި ހިފަހައްޓަމުން އެ އަތް ދުރުކޮށްލީއެެވެ. ހުޝާމްގެ ހަރަކާތްތައް ހުރި ގޮތުން ޒާނާ ކަންބޮޑުވިއެވެ. ”ހުޝާމް… “ ވައި އަޑަކުން ޒާނާ ހުޝާމްއަށް ގޮވާލީ ކިހިނެއް ވީހޭ އަހާފަދައިންނެވެ.

” ރީހާން އަކީ ކާކު؟ “ ހުޝާމް ގެ ސުވާލުން ޒާނާގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ނޭނގޭ ބިރުވެރިކަމެއް ހިތުގައި އުފެދުނު އިރު ޖަވާބުދޭން ނޭނގިފައި ހުޝާމްއަށް ބަލަހައްޓައިގެން ހުރި ޒާނާ ކައިރިން ދެވަނަ ފަހަރަށް ވެސް ހުޝާމް ކުރީ އެ ސުވާލެވެ. ” ފްރެންޑެއް… “ ޒާނާގެ އަޑު ހުޝާމަށް ކިރިޔާ އިވުނީއެވެ. ” ކޮން އިރަކު ކޮންތާކުން ދިމާވި ފްރެންޑެއް؟ “ ހުޝާމް ގެ ސަމާލުކަން ހުއްޓިފައިވީ ކައިރީގައި އިށީނދެގެން އިން ޒާނާގެ މޫނަށެވެ. ” ކުރިއްސުރެވެސް .. “ ޒާނާގެ ޖަވާބުން ހުޝާމް އިތުރަށް ހިތްހަމަ ނުޖެހުނެވެ. ” ކީއްވެ އަހަންނަށް ތި މީހަކު ނޭނގުނީ މިހާ ދުވަސް ވީ އިރު…؟“ މަޑުމަޑުން ވާހަކަ ދެއްކި ނަމަވެސް ހުޝާމްގެ މޫނުން ޒާނާއަށް ފެންނަމުން ދިޔައީ އޭނާ ހިފަހައްޓައިގެން ހުރި ރުޅިއާއި ހިތްހަމަނުޖެހުމެވެ. ހުޝާމްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުމުން ޒާނާ ހިމޭނުން ހުރީއެވެ.
” ކޮން އިރަކު އެންމެ ފަހުން އޭނައާއި ދިމާވީ؟ “ ހުޝާމްގެ ސުވާލުން ޒާނާ ގެ ހިތް އަވަސްވަމުން ދިޔައިރު އޭނާގެ މޫނުން ހާސްކަން ފާޅުވެ އެނގެން ހުއްޓެވެ. ” ޒީންގެ ވެޑިން.. އިން.. “ ޒާނާ އިސްޖަހާލީ ހުޝާމްއާއި ކުރިމަތިލާނެ ހިތްވަރެއް ނެތުމުންނެވެ. ” ޒީން ގެ ވެޑިން އިންތަ؟ ނޫނީ އެރޭ ދަންވަރު ތުނޑީގައިތަ؟.. “ ހުޝާމް ވާހަކަ ދައްކަމުން ދިޔަ މަޑިމައިތިރި ކަންވެސް ޒާނާއަށް ސިފަވީ އޭނާއަށް ލިބެމުން ދިޔަ އަދަބެއްހެންނެވެ. ހުޝާމްގެ ސުވާލުން އަތުގައި އޮތް ތުވާލިވެސް އަތުން ދޫވެގެން ބިންމައްޗައް ވެއްޓުނު އިރު ޒާނާ ހުރީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަހެން ހީވެއެވެ. ހުޝާމަށް އޭނާ ތުނޑިއަށް ރީހާންއާއި ދިމާކުރަން ދިޔަކަން އެނގުނީ ކިހިނެތްބާއޭ ހިތައް އެރިއެވެ. ހުޝާމް އަށް ރީހާނާއި ބެހޭ ގޮތުން އެނގެނީ ކިހާވަރަކަށް ކޯއްޗެއް ކަންވެސް ނޭނގުމުން ޒާނާ ހުރީ ހުއްޓުންވެފައެވެ.

”ބުނެބަ.. ތުނޑިއަށް އޭނާއާ އެކު ޒާނާ ރޭގަނޑު ދަންވަރު ދިޔައިންތަ؟ ..“ ވެހެމުން ދިޔަ ވާރޭގެ އަޑާއިއެކު ޒާނާއަށް ހުޝާމްގެ އަޑު ސިފަވީ ހޮނު ގުގުރިއެއްގެ އަޑު ފަދައިންނެވެ. އެހެންނަމަވެސް ހުޝާމް ވާހަކަ ދައްކަމުން ދިޔައީ ކިރިޔާ ޒާނާއަށް އިވޭހާ މަޑުންނެވެ. ޒާނާގެ ހަމަ ހިމޭންކަމުން ހުޝާމް އަށް ވީ އުނދަގުލެވެ. އަނެއްކާވެސް އޭނާ ސުވާލު ތަކުރާރުކޮށްލުމުން ޒާނާ ބޯ ޖަހާލުމާއެކު ހުޝާމް އެނދުން ތެދުވެ ޒާނާގެ އަތުގައި ހިފާ ކޮޅަށް ނަގައި އެނާއާއި ހަތަރު ކަޅި ހަމަ ވާނެހެން ކުރިމަތީ ހުއްޓުނެވެ. ” ކީއްވެ؟ … ބުނެބަ… ކީއްވެ؟ އަހަންނާއެކު މި އޮތްހާ ދުވަހު ތި އުޅުނީ އަހަންނަށް އޮޅުވާލައިގެންތަ ހަމަ؟ ކޮން މަޖުބޫރު ކަމެއް އޮވެގެން އަހަރެންނާ އެކު ތި އުޅެނީ .. އެއްފަހަރު ވެސް ބުނި ނަމަ އަހަރެން ޒާނާ ބޭނުންވާ ތަނަކަށް ފޮނުވާ ދިނީމުސް.. “ ހުޝާމްގެ އަޑު ރުޅިން ތުރުތުރު އަޅަމުން ދިޔައިރުވެސް ބާރަށް އެންމެ ލަފްޒެއްވެސް ނުބުނެއެވެ.

” ހުޝާމް ތި ހީކުރާ ކަހަލަ ….“ ޒާނާގެ ބުނަން އުޅުނު އެއްޗެއް އަޑު އަހަން ހުޝާމް ބޭނުމެއް ނުވިއެވެ. ”ޝްޝް… ހުއްޓާލާ.. !! ބޭނުމެއް ނޫން އަޑުއަހާކަށް.. އަމިއްލަ ދުލުންވެސް އެއްބަސް ވެއްޖެއްނު އެ މީހަކާ އެކު ދަންވަރު ތުނޑިއަށް ދިޔަކަމަށް؟ ދެން އިތުރަށް ބުނާނެ އެއްޗެއް އެބަ އޮތް…؟؟؟ “ ހުޝާމް ގެ ވާހަކަ އިން ޒާނާއަށް ލިބިގެން ދިޔައީ މާޔޫސްކަމެވެ.
އޭނާ ދައްކާ އެއްވެސް ވާހަކައެއް އަޑު އަހަން ހުޝާމް ތައްޔާރު ނޫންކަން ޒާނާއަށް ވިސްނުމުން އިސްޖަހާލީ ކުއްވެރިއެއްހެންނެވެ. ” ދޭ…! “ ޒާނާއަށް ފުރަގަސް ދެމުން ހުޝާމް މަޑުމަޑުން ބުނެލި ބަސް ޒާނާއަށް ފަހުމް ނުވި ކަހަލައެވެ. އޭނާ އެ ހުރި ފިޔަވަޅުމަތީ ހުއްޓި ހުރީއެވެ. ” ދާށޭ…! ނީވޭތަ؟ “ ހުޝާމް ތަންކޮޅެއް ބާރަށް އަނެއްކާވެސް ބުނެލުމުން ޒާނާ ސިހުނެވެ. ” ކޮންތާކަށް ؟ “ ޒާނާއަށް އެ ސުވާލު ކޮށްލެވުނީ ބޭ އިޚްތިޔާރުގައެވެ. ” ދާން ބޭނުން ތަނަކަށް … ހެޔޮ ކޮންމެ ތަނަކަށް ދިޔަސް … އޭނަ ކައިރިޔަށް ދިޔަސް.. އަހަންނަށް ނުފެންނަ ހިސާބަކަށް ދުރަށް ދޭ…!!“ ހުޝާމް ބުނެލި ޖުމްލަތަކުން ޒާނާގެ ހިތަށް ހޫނުފެން އެޅުނު ކަހަލައެވެ. އޭނާގެ ލޮލަށް ކަރުނަ ގިނަވެ ހިތް ކުދިކުދިވި ފަދައެވެ.

” ނޫން.. ތިހެން ނުބުނޭ…“ ޒާނާ ހުޝާމްގެ އަތުގައި ހިފާލަމުން ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް ހުޝާމް ޒާނާގެ އަތް ނައްޓުވާލަމުން ދުރަށް ޖެހިލިއެވެ. ” ވާހަކަ ނުދައްކާ މިތަނުން ދޭ.. އަހަންނަކަށް ނޭނގެ ދެން އިތުރަށް ބުނާނެ އެއްޗެއް .. ހެޔޮނުވާނެ ޒާނާ އަހަންނަށް ނުފެންނަ ހިސާބަކަށް ދޭ.. “ ހުޝާމް އަށް އެވަގުތު އޭނާގެ ރުޅި މައިތިރި ކުރަން އެ ނޫން ގޮތެއް ނުވިސްނުނެވެ.
” ހުޝާމް ޕްލީޒް.. މި ދަންވަރު އަހަރެން ކޮންތާކަށް ދާނީ.. ޕްލީޒް .. އަޑު އަހާބަލަ.. “ ޒާނާއަށް އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތައް އިތުރަކަށް ނުހިފެހެއްޓުނެވެ. އެހެން ނަމަވެސް ހުޝާމް އެ އަޑު އަހާކަށް ބޭނުމެއް ނުވިއެވެ. އޭނާ ގެ ހިތަށް ސިފަ ކުރެވެމުން ދިޔައީ ޒާނާ ރީހާންއާއި އެކު ތުނޑީގައި ތިބި މަންޒަރެވެ. އެއް ފޮޓޯއިން ރީހާން ޒާނާގެ އަތުގައި ހިފަހައްޓައިގެން ހުރިތަނެވެ. އެ ޚިޔާލުތަކުން އޭނާގެ ހިތަށް އުނދަގޫވުމުން އިތުރު ވިސްނުމަކާ ނުލައި ޒާނާގެ އަތުގައި ހިފައިގެން ހިނގައިގަތީ ކޮޓަރި ދޮރާ ދިމާއަށެވެ. ޒާނާ ނުދާން އުޅުމުން އެ އަތުގައި ބާރަށް ހިފައި ގަދަކަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނެރެގެން ގެންގޮސް ގޭގެ ދޮރު ހުޅުވާލީ ޒާނާ ބޭރުކޮށްލަން ހިތުލައިގެން ނަމަވެސް އޭނާގެ ޟަމީރު އެކަމަށް އެއްބަހެއް ނުވިއެވެ. އެހިސާބުން އޭނާ ހުއްޓި ޒާނާގެ އަތުން ދޫކޮށްލަމުން ދޮރު ލައްޕާލީ ހިތުގައި ރޯވެފައިވާ ރުޅި މައްޗަށް ބާރު ފޯރުވަމުންނެވެ.
” ހުޝާމް.. “ ޒާނާ އަނެއްކާވެސް ހުޝާމަށް ގޮވާލީ އޭނާގެ ވާހަކަ އަޑުއަހާށޭ ބުނެ އާދޭސް ކުރާ ރާގަކަށެވެ. ނަމަވެސް ހުޝާމް އޭނާގެ އަތުން އިޝާރާތް ކޮށްލީ ހުއްޓާލާށޭ ބުނެއެެވެ.
” ހެނދުނު ޒާނާގެ އެއްޗެހި ހިފައިގެން މިގެއިން ދޭ.. ދާނެ ތަނެއް ޒާނާއަށް އެނގޭނީ.. އަހަރެން އަޑު އަހަން ބޭނުން އެއްވެސް ވާހަކައެއް ނެތް. އަހަންނަށް ކިޔާދޭވަރު ވާހަކައެއް ނަމަ ނުވަ އަހަރު އޭނައާ ވާހަކަ ދެއްކި އިރު އޮންނާނީ އަހަރެންގާތު ބުނެވިފަ… ސިއްރުން އަހަންނަށް ނާންގައި ވާހަކަ ދައްކައި ބައްދަލުކޮށް ހަދާފަ މިހާރު އަހަންނަށް އެނގުނީމަ ދެން ކޯއްޗެއް ކިޔާދޭން..؟ އޭނައާއި އެކު ކުރި ކަންކަން؟؟؟ “ ހުޝާމް ހީކުރާކަހަލަ އެއްވެސް ކަމެއް ރީހާންއާއިއެކު ނުކުރަމޭ ހިތާހިތުން ކިޔާލިނަމަވެސް ހުޝާމް ގެ ވާހަކަ ތަކަށް ރައްދު ދޭކަށް ޒާނާއަކަށް ނުކެރުނެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން އިސްޖަހާލީ އޭނާއަކީ ކުއްވެރިއެކޭ ބުނާ ބީދައިންނެވެ.

އިތުރު ވާހަކަ ދައްކާނެ ހިތްވަރެއް ހުޝާމް އަކަށް ނުލިބުނެވެ. ފަޅިފަޅިވެފައިވާ އޭނާގެ ހިތަކަށް ފަރުވާއެއް ނެތޭ ހިތާ ހިތުން ކިޔާލަމުން ހުޝާމް އެނބުރި ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލައި ދެލޯމަރާލި ނަމަވެސް އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. ދެން ހަދާނެ ގޮތަކާމެދު ވިސްނަން އޮތީ އެވެ. ޒާނާ އެ ހުރި ގޮތަށް ބޭރު ސޯފާގައި އިށީނދެ އިނީއެވެ. ހުޝާމް އޭނާގެ ސޫރަވެސް ދެކެން ބޭނުން ނުވާކަން އެނގުމުން ހުޝާމަށް ފެންނަ ހިސާބަކަށް ދާން ޖެހިލުންވެއެވެ.

*****

ހުޝާމަށް ފޮޓޯ ފޮނުވާލައި ހުރިހާ ކަމެއް ބޭޒާރު ކޮށްލެވުމުން މައިރާއަށް ހަމަޖެހުމެއް ލިބުނުކަމުގެ އިހުސާސް ކުރެވުނެވެ. އޭނާގެ ދިރިއުޅުމުގައި ކުރިމަތިވެގެން އުޅޭ ހަމަ އެކަނި މައްސަލައަކީ ޒާނާ ކަމުގައި ހީވެފައި މައިރާ ހުރީ ޒާނާގެ ހިޔަނި އޭނާގެ ހަޔާތުން ފޮހެލަން ކުރެވުނު މަސައްކަތް ކާމިޔާބުވެއްޖެ ކަމުގެ އުފަލުގައި ހިނިތުންވެގެންނެވެ. ސޯފާއިން ތެދުވެ މޯޅިއަކަށް ދެމިލައި ރާގަކަށް ’ހްމްމް ހްމްމް‘ ލަމުން ގޮސް ނިދާފައި އޮތް ރީހާންގެ މޫނަށް ބަލާލަމުން ހީލާފައި އެނދަށް އަރައި ރީހާން ގާތުގަައި އޮށޯވެ ރަނގަޅަށް ރީހާން ގައިގައި ބައްދާލައިގެން މައިރާ ލޯމަރާލިއެވެ. ނިދީގައި އޮވެ ރީހާންވެސް މައިރާ ގައިގައި ބައްދާލުމުން މާގިނަ އިރެއް ނުވެ އޭނާ ފުން ނިންޖަކަށް ގެނބުނީއެެވެ.

އަރާމު ނިންޖަކަށް ފަހު ހޭލެވުނު ރީހާނަށް ކައިރީގައި ނިދާފައިއޮތް މައިރާ ފެނުމުން ލިބުނީ ހައިރާންކަމެވެ. ރުޅި އައިސްގެން ކޮޓަރިން ނުކުމެގެން ދިޔައިރު އޭނާ އެގޮތަށް އައިސް ކައިރީގައި އޮވެދާނެކަމަށް ހިތަށް ޤަބޫލު ކުރަން ދަތިވި ނަމަވެސް ނިދާފައި އޮތް މައިރާގެ މޫނަށް ބަލާލަމުން ރީހާން ހިނިތުން ވެލިއެވެ. އަދި އޭނާގެ އިނގިލިތަކުގެ ނުފުށުން މައިރާގެ މޫނުގައި މަޑުމަޑުން ފިރުމާލިއެވެ. އެއާއެކު މައިރާ ލޯ ހުޅުވާލިއެވެ. ދެ މީހުންގެ ލޮލާ ލޯ ދިމާވި އިރު މައިރާ ހިނިތުންވެލުމުން ރީހާނަށް ލިބުނީ އިތުރު ހައިރާންކަމެވެ. މައިރާގެ އެ މައުސޫމު ސިފަތަށް އޭނާއަށް ނުފެންނަތާ ވީ ދުވަހެއް ވެސް އޭނާއަށް ނޭނގޭތީއެވެ. މައިރާ ހަދިޔާ ކޮށްލި ހިނިތުންވުމުގެ ބަދަލުގައި ރީހާންވެސް ހިނިތުންވެލަމުން މައިރާއާއި ގާތަށް ޖެހިލިއެވެ.

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ފިނި ރޯޅިތައް ހުޅުވާފައިވާ ކުޑަދޮރުތަކުން ވަންނަމުން ދިޔައިރު ރީހާން އިނީ ދެކުދިން ގޮވައިގެން ސޯފާގައެވެ. ދުވަސްތަކަކަށްފަހު ކުދިންނާ ދިމާވުމުން އެކުދިންގެ ވާހަކަ އަޑުއަހައި ކުދިންނާ އެކު ވަގުތު ހޭދަކުރާށެވެ. އޭނާ ހީކުރި ގޮތާ ހިލާފަށް މައިރާ ވެސް ހުރީ އުފާވެރި މޫޑެއްގައެވެ. އެ ރޭގެ ފަހުން އޭނާ ދިޔަ ތަނަކާމެދު ސުވާލެއް ނުކުރެއެވެ. ހެނދުނު ހޭލިގޮތަށްވެސް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އުޖާލާކަމާއި ހިނިތުންވުމެވެ. ހެނދުނުގެ ނާސްތާވެސް ތައްޔާރުކޮށްލީ އެހެން ދުވަހާ ތަފާތުކޮށް ހާއްސަ އެކި ބާވަތްތަކުންނެވެ.
” ހުރިހާ ކުދިން އާދޭ އަވަހަށް ސައިބޯން“ ކާގެ ތެރެއިން ބޯދެމުން މައިރާ ގޮވާލިއެވެ. މައިރާ ގޮވާލުމުން ރީހާން ކުދިން ގޮވައިގެން ކާގައަށް ވަނެވެ. ހަބީބާ އާއި ހާދީ ވެސް ސައިބޯން ތައްޔާރުވެލައިގެން ކާމޭޒުދޮށުގައި ތިއްބެވެ. ” ކޮންއިރަކު ރިސޯޓަށް ދަނީ ރީހާން؟ ޗުއްޓީ ހަމަ ނުވޭދޯ އަދި؟“ ރީހާން ފެނުމުން ހާދީ އަހާލިއެވެ. ” މާދަން ހެނދުނު ދަނީ.. “ ތަށި ކައިރި ކޮށްލަމުން ރީހާން ޖަވާބު ދިނެވެ. މައިރާ ރީހާން ކައިރީ އިން ގޮނޑީގައި އިށީންނަމުން ރީހާނަށް ބަލާލާފައި ހިނިތުންވެލިއެވެ. ހުރިހާ އެންމެން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލީ ދުވަސްތަކަށް ފަހުގައެވެ.

*****

މުޅި ރޭ ހޭލާހުރުމުގެ ސަބަބުން ޒާނާގެ މޫނުމަތި ވީ މިލާފައެވެ. ރުއިމުގެ ސަބަބުން ދެލޯ ދުޅަވެ ރަތްވެފައެވެ. ހެނދުނު ހެނދުނާ އޭނާ ބޭނުންވާ ބައެއް އެއްޗެހި ދަބަހަކަށް އަޅައިގެން ތައްޔާރުވެލީ ގެއަށް ދާށެވެ. ނަމަވެސް އޭނާގެ މަންމައާއި ކުރިމަތިލައި ސުވާލުތަކުގެ ޖަވާބު ދޭނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ގެއަށް ގޮސް ދާންޖެހުނު ސަބަބެއް ދައްކާނެ ބަހަނާއެއްވެސް ނެތެވެ. އެކި ހިޔާލުތަކުގައި ކަންބޮޑުވެފައި ހުރެވުނީ ހަދާނެ ގޮތް ހުސްވެއެވެ. ” މަންމީ … ކޮންތަނަކަށް ދާން؟“ ތައްޔާރުވެލައިގެން އިން ޒާނާ ފެނުމުން ލީމް އޭނާގެ މަންމަ ކައިރިން އަހާލިއެވެ. ދޭނެ ޖަވާބެއް ޒާނާއަކަށް ނުވިސްނުނެވެ. ”ދޭ މާމަ އާއި އެކު ސައިބޯން އަވަހަށް ..“ ބަދިގޭގައި ހުރި ސަމީރާ ކައިރިޔަށް ލީމް ފޮނުވާފައި ޒާނާ ކޮޓަރިއަށް ވަނީ ހުޝާމް އާއި އަނެއްކާވެސް ވާހަކަ ދައްކާލެވޭތޯއެވެ.
ނިދާފައި އޮތް އުމައިރް މޭމަތީގައި ބާއްވައިގެން ލޯމަރާލައިގެން ހުޝާމް އޮތެވެ. މަޑުމަޑުން ކޮޓަރިއަށް ވަދެގެން ގޮސް ހުޝާމް ކައިރީ އެނދުގައި އިށީނދެ ޒާނާ ވާހަކަ ދައްކަންފެށީ ޖެހިލުންވެ ހުރެއެވެ. ” ހުޝާމް ޕްލީޒް.. އަހަރެން ފޮނުވި މެސެޖް ކިޔާލައްޗޭ..! އަހަރެން މިދަނީ ގެއަށް … މެސެޖް ކިޔާލާފައި އަހަންނަށް ޖަވާބެއް ދޭނެ ކަމަށް ހީކުރަން ..ހުޝާމްގެ ޖަވާބަކަށް އަހަރެން އިންތިޒާރު ކުރާނަން.. އަހަންނަކަށް ކުދިންނާ ދުރުގައެއް ނުހުރެވޭނެ.. އަހަރެން ދާނީ ކުދިން ގޮވައިގެން…“ ޒާނާގެ ވާހަކަ އަޑުއަހަން އޮތް ހުޝާމް އިތުރު އެއްޗެއް ނުބުނެ ލޯމަރައިގެން އޮތީއެވެ.

އުމައިރް ހޭލުމުން ދެކުދިން ގޮވައިގެން ޒާނާ ޓެކްސީއެއްގައި އޭނާގެ މަންމަގެއަށް ދިޔައީ އެ ނޫން ގޮތެއް ނެތުމުންނެވެ. އޭނާ ދާން އުޅުމުންވެސް ހުޝާމް އަޅައެއް ނުލިއެވެ. ސަމީރާ ސުވާލު ކުރުމުން މަންމަ ކައިރިޔަށް ގޮސްލަނީއޭ ބުނެފައި ޒާނާ ދިޔައީއެވެ. ހުޝާމްއާއި ސުވާލު ކުރުމުން އޭނާ ސަމީރާއަކަށް އިތުރު ޖަވާބެއް ނުދެއެވެ. ސުވާލު އުފެދިފައި ހުރި ސަމީރާއަށް ވެސް އިތުރު އެއްޗެއް އޮޅުން ފިލާގޮތެއް ނުވިއެވެ.

” ދަރިފުޅުމެން.. ހުޝާމް ނެތީތަ ރަށުގަ.. ނާދޭ ދޯ އަދިވެސް.. “ ޒާނާ ފެނުމާއެކު ޒަހުރިއްޔާ ސުވާލުކުރިއެވެ. ”ނޫން ބައްޕި އެބަ އުޅޭ.. ރޭގަ އައީވެސް.. “ ޒަހުރިއްޔާގެ އަޑު އިވުމާއެކު ލީމް އޭނާގެ ބައްޕަ ރަށުގައި އުޅޭވާހަކަ ބުނެލިއެެވެ. ”ތެދެއް ؟ ދެން ތި އައީ ޔޯ؟؟ “ ހައިރާން ކަމާއެކު ޒަހުރިއްޔާ އަނެއްކާވެސް ޒާނާއަށް ބަލާފައި ސުވާލުކޮށްލުމުން ޒާނާ އިސްޖަހާލީ އޭނާގެ މޫނުމަތިން ކަމެއް ވެއްޖެކަން އެނގިދާނެތީއެވެ. ” ހަމަ އައީ.. ހުޝާމް ދަތުރު ކޮށްފަ އައިމަ ރެސްޓް ކޮށްލަން ވަގުތު ދޭންވާނެއްނު.. އެހެންވެ މި އައީ .. “ ޒާނާ ހަމަޖެހޭގޮތް ދައްކާލަމުން ޖަވަބު ދިންނަމަވެސް ޒަހުރިއްޔާ ހުރީ ކަންބޮޑުވެފައެވެ. އޭނާގެ ހިތުގައި ޝައްކު އުފެދުނު ނަމަވެސް އިތުރު ސުވާލެއް ނުކޮށް މާމަ ކުދިންނަށް އުފަލާއެކު ހިނިތުންވެލިއެެވެ. ” މަންމަ އެކަނި ދޯ.. ސާއިމްވެސް ފުރީ ދޯ.. ލީޝް ނާދޭތަ؟“ ޒާނާ ވާހަކަ ދެއްކީ ޒަހުރިއްޔާއަށް ކަމެއް ގޯސްވެއްޖެ ކަން ފޮރުވާލާށެވެ. ” ހްމްމް.. ދެން ޒީނާ އަންނަންދެން މަންމަ އުޅޭނީ އެކަނި ދޯ.. އަދި ހަފްތާއެއް ފަހުން އަންނަ ވާހަކަ ބުނި.. ބުނި ޝަޔާން ރިސޯޓަށް ދިޔައިމަ މިގޭގައޭ ހުންނާނީ..“ އުމައިރް އުރާލަމުން ޒަހުރިއްޔާ ކިޔައިދިނެވެ. ”ސައިބޮއެފިންތަ؟. ހިނގާ ސައިބޯންދާން.. “ ކާގެއަށް ދާން ހިނގައިގަންނަމުން ޒަހުރިއްޔާ އެދުމުން ޒާނާއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. ހިތުގައިވި އުދާސްތަކާއެކު ކެއުމާއި ނިދުން އޭނާއަށް މުހިއްމު ނޫނަސް އެކަން އެހެން ބަޔަކަށް އެނގިދާނެތީ ބިރުންނެވެ.

ޒާނާ ދިޔުމުންވެސް ހުޝާމް ކޮޓަރީގައި އޮތީ އެކި ފިކުރުގައެވެ. ޒާނާ އާއި ރީހާނާއި އޮތީ ކޮންކަހަލަ ގުޅުމެއް ކަމެއް އޭނާއަކަށް ޔަޤީނެއް ނޫނެވެ. ހަމަ އެކަނި އެ ދެމީހުން ތުނޑީގައި ތިބި ފޮޓޯއިން އެދެމީހުންގެ ގުޅުން އޭނާ ޔަޤީން ކުރާނެ ގޮތެއް ނެތޭ ހިތަށް އެރުމުން ބޯހާސްވެފައި އޮވެ ވިސްނަމުން ދިޔައެވެ. ޒާނާ އަށް ކުރެވުނު އިތުބާރާއި ޒާނާގެ އުޅުމުން އޭނާއަށް އެފަދަ ކަމެއް ދުވަހަކުވެސް ފާހަގަ ކުރެވިފައި ނުވުމުން ހައިރާންވިއެވެ. ޚިޔާލުތަކުގައި އޮވެ ފޯނު ބަލާލީ ޒާނާ ކުރި މެސެޖް ކިޔާލާށެވެ.
” ހުޝާމް.. އައި އެމް ސޮރީ.. ވ ބޮޑަށް ސޮރީ.. ރީހާނަކީ ކުރިއްސުރެ އަހަރެން ދަންނަ އަހަރެންގެ ރައްޓެއްސެއް.. ހުޝާމް ހީކުރާ ކަހަލަ ގުޅުމެއް އަހަރެން ރީހާންއަކާ ނުބާއްވަން.. އެހެން އެއްވެސް މީހަކަށް ވުރެ އަހަންނަށް އަހަރުމެންގެ ކުދީން މާ މުހިއްމު.. ތުނޑިއަށް އޭނާއާ ވާހަކަދައްކާލަން ދިޔައިން..އަހަންނަށް އެނގޭ އެއީވެސް ހެދުނު ބޮޑު ގޯހެއްކަން.. އަހަރެންނަށް ކުރެވުނު ކުށުގެ ސަބަބުން އަހަރުމެންގެ މި ކުޑަ ކުޑަ އާއިލާ ރޫޅާނުލާ …ޕްލީޒް ފޯގިވް މީ.. ހުޝާމް ގެ ހިތުން އަހަންނަށް މަޢާފު ކުރެވެންދެން އަހަރެން އިންތިޒާރުކުރާނަން.. “
މެސެޖް ކިޔާލާފައި ހުޝާމް އަނެއްކާވެސް އޮށޯތީ ޒާނާއަށް މަޢާފު ދެވޭވަރަށްވުރެ އޭނާގެ ހިތް ޝައްކުތަކާއި ވަހުމް ތަކުން ކިލަނބުވެފައިވާތީއެވެ. ވިސްނަން އޮތް ހުޝާމަށް ފޯނެއް އައުމުން ފޯނު ނަގައި ބެލިއިރު ކުރީރޭވެސް ގުޅި ނަންބަރު ފެނުމުން އެއީ މައިރާކަން އޭނާއަށް ވިސްނުނެވެ.

​*****

ގޯތި ތެރޭގައި އެލުވާފައިހުރި އުނދޯއްޔެއްގައި އިށީނދެގެން އިން މައިރާ އިރުއިރު ކޮޅުން އަތުގައި އޮތް ފޯނަށް ބަލަމުން ވަށައިގެން ހޯދާލައެވެ. މީހަކު ފެންނަ ހިސާބުގައި ނެތްކަން ޔަޤީން ވުމުން ނަންބަރަކަށް ޑައިލް ކޮށްލިއެވެ. ” ހުޝާމް؟ .. “ މައިރާގެ އަޑު އިވުމުން ހުޝާމް މަޑުމަޑުން އާނއެކޭ ބުނެލުމުން މައިރާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ” ރޭގަ ފަހުން ކިހިނެތް ހެދީ؟ ޒާނާ ކައިރިން އެހިންތަ؟ ކީކޭ ބުނީ އޭނަ؟ޱޱ ފޮޓޯ ތައް ދެއްކިންތަ؟“
ވީގޮތް ބަލަން ކެތްމަދުވެފައި ހުރި މައިރާ އެއްފަހަރާ ސުވާލުތައް ކޮށްލީއެވެ. ނަމަވެސް ހުޝާމްގެ އަޑުގައި ވީ ފޫހި ކަމެވެ. ޖަވާބު ދޭން އޭނާ ބޭނުން ނުވާ ހެން އިރުކޮޅަކު ހުރީއެވެ. ” ހްމްމް.. ތުނޑިއަށް ދިޔައިމޭ ބުނި.. “ ހުޝާމް ބުނެލުމާ އެކު މައިރާގެ މޫނުގެ ކުލަ ބަދަލިވިއެވެ. ” ފޮޓޯ ދެއްކިން..؟ ދެން ކީކޭ ބުނީ؟؟ ދެން ރީހާންއާ ވާހަަކަ ނުދައްކާށޭ ބުނިންތަ؟ އަހަރުމެންގެ ލައިފްގެ ތެރެއަށް ނުވަންނާށޭ ބުނިންތަ؟“ މައިރާގެ ސުވާލުތަކުން ހުޝާމް ހުރީ ބޮލަށް އުނދަގޫވެފައެވެ. ” ތިކަމާ ފިރިމީހާއާ ވާހަކަ ދައްކަންވީނު؟ އޭނަ ވާހަކަ ނުދައްކަންޏާ އަހަންނަކަށް ހިއެއް ނުވޭ ޒާނާ އޭނައާ ވާހަކަ ދައްކާނެހެން.. އަހަރެން ޒާނާ ކައިރީ ދައްކަންވާ ވާހަކަ ދައްކާނަން..އަހަންނަށް ފެންނަނީ ތިދެ މީހުންވެސް އަމިއްލައަށް ވާހަކަދައްކަން ތިކަމުގަ.. އަހަންނަށް ރަނގަޅީ ދެން އިތުރަށް އަހަންނަށް ނުގުޅިއްޔާ.. “ އިތުރު އެއްޗެއް މައިރާ ބުނުމުގެ ކުރިން ހުޝާމް ފޯނު ކަނޑާލީއެވެ.

ހުޝާމް ފޯނު ކަނޑާލުމުން މައިރާއަށް ލިބުނީ ނުތަނަވަސްކަމެވެ. އޭނާ އުއްމީދުކުރިފަދައިން ހުޝާމްގެ ފަރާތުން އިތުރު އެއްޗެއް އޮޅުންފިލާ ގޮތް ނުވުމުން ހިތްހަމަ ނުޖެހިއެވެ. ފޯނު ހިފައިގެން ތެދުވެގެން ހިނގައިގަތް މައިރާ އަށް ހުއްޓެވުނީ ރީހާންގެ ކުރިމައްޗަށެވެ. ރީހާން ފެނުމުން މައިރާއަށް ލިބުނީ ސިހުމެވެ. ނަމަވެސް އޭނާ ފޯނުން ދެއްކި ވާހަކަ ރީހާނަށް ނީވޭނޭ ހީކޮށްފައި ހަމަޖެހިލަމުން ހީލާފައި ދާން ހިނގައިގަތުމުން ރީހާން މައިރާގެ އަތުގައި ހިފެހެއްޓައި މައިރާ އަތުން ފޯނު އަތުލިއެވެ. އޭރު މައިރާގެ ފޯނު ލޮކްނުވެ އޮތުމުން ފަސޭހަކަމާއެކު ފޯނު ހުޅުވާލެވުނެވެ. އެންމެ ފުރަތަމަވެސް އޭނާ ހުޅުވާލީ ހުޝާމްގެ ނަންބަރަށް ފޮނުވާފައިވާ ފޮޓޯތަކެވެ. އެއާއެކު ފޯނުން މައިރާ ދެއްކި ވާހަކަ ރީހާނަށް ވިސްނުނެވެ. ފޮޓޯތައް ބަލާފައި ރީހާން މައިރާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ. ” މިއީތަ ރަށަށް އައިމަ ދޭނަމޭ ބުނި ސަޕްރަޒަކީ؟“ ރީހާންގެ އަޑުގައިވީ ނުރުހުމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Hudhufinifenmaa_
Follow Me Written By

Hudhufinifenmaa_

Level 2100 Login10 Stories

Other Articles

Previous

ތިނެސްކަން ލޯބި (3)

Next

ޝަލީން 18

Next
November 16, 2024

ޝަލީން 18

Previews
November 15, 2024

ތިނެސްކަން ލޯބި (3)

6 Comments!

  1. Repunzil says:
    November 15, 2024 at 8:11 pm

    Vvv reethi
    When is next ??

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      November 16, 2024 at 9:53 am

      Thankyou Repunzil, mi week therey upload kohdheveytho balaanan IA ☺️

  2. cutie girl says:
    November 17, 2024 at 11:12 am

    mi part ves v reethi masha allah
    curiously waaiting for next part
    keep it up
    reehan and naa gulhuvachey
    they both are made for each other
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work
    alhugandhu ge support abadhuves libeyne insha allah

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      November 19, 2024 at 10:33 am

      Thankyou cutie girl

  3. Purple_daisy💜 says:
    November 18, 2024 at 7:14 am

    😊😍! ވަރަށް ވަރަށް ރީތި. 14ވަނަ ބަޔަށް އިންތިޒާރުކުރަން

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      November 19, 2024 at 10:34 am

      Thank you so much Purple daisy ☺️, new part is now uploaded.. hope you will like it too.

Comments are closed.

Next Episodeހަނދުވަރު ދިން އެރޭ … 14←


All Right Reserved!