Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަނދުވަރު ދިން އެރޭ … 15

Hudhufinifenmaa_
Hudhufinifenmaa_ Level 2100 Login10 Stories
November 27, 2024 6 Mins Read
6 Comments

ހަނދުވަރު ދިން އެރޭ … 15

” އެހެންވިއްޔާ މައިރާ އަށް ބޭނުންވާ ވަގުތު އަހަރެން ދޭނަން.. މައިރާގެ މަޢާފު އަހަންނަށް ލިބޭނީ ކިހިނެއް؟ “ ރީހާންގެ ސުވާލަށް ދޭނެ ޖަވާބެއް މައިރާއަކަށް ނުވިސްނުނެވެ.
” ނޭނގެ.. ދެން ތި ފުރުސަތު ރީހާނަށް ދެވޭކަށް ނެތް. “ މައިރާ އަވަސް އަވަހަށް އެތަނުން ނުކުމެގެން ދިޔައީ ރީހާން އިތުުރު އެއްޗެއް ބުނާ އަޑު އަހަން ބޭނުން ނެތުމުންނެވެ.
​*****

​އާ ދުވަހަކަށް ދުނިޔެ ކުރިމަތިލީ ބަނަވިލާތަކަކުން އުދަރެސް ބައްދާލަމުންނެވެ. ވެހެން ތައްޔާރުވަމުން ދިޔަ ބޯ ވިލާތަކާއެކު ދުނިޔެމަތި އަނދިރިކޮށްފައިވީއިރު ފުރަން ދަބަސް ހިފައިގެން ނުކުތް ރީހާން ގޭތެރެއިން މައިރާ ފެނޭތޯ ހޯދާލިއެެވެ.
ދެ ކުދިންނާއެކު ގޯތިތެރޭގައި މައިރާ ހުރިކަން އެނގުމުން ރީހާން ނުކުމެ ކައިސްއާއި ރީނާގައިގައި ބައްދާލަމުން ފުރަން ދާ ވާހަކަ ބުނެލިއެވެ. ”ބައްޕި އަންނާނަން ވަރަށް އަވަހަށް އަނެއްކާވެސް އޮފް ލިބޭ އިރަށް .. ދެކުދިން ވ ބަސް އަހަން ވާނެ.. “ ކައިސްގެ ބޮލުގައި ފިރުމާލަމުން ރީނާ އުރާލައި ރީހާން ދެކުދިންނަށް ބުނެލިއެވެ. ކައިރީގައި ހުރި މައިރާ ދުރަށް ދިޔުމުން ރީހާން މައިރާ ފަހަތުން ގޮސް އޭނާގެ އަތުގައި މަޑުމަޑުން ހިފާލަމުން މައިރާއަށް ގޮވާލިއެވެ.
” މައިރާ.. ! ދިޔުމުގެ ކުރިން އަދިވެސް އެއްފަހަރު މަޢާފަށް އެދެން.. މައިރާ އަށް މިހާތަނަށް އަހަރެންގެ ފަރާތުން ދެވުނު ހުރިހާ ހިތްދަތިކަމަކަށް މައާފުކޮށްދޭނަންތަ؟… އަހަރެން ވަޢުދުވަން .. އަހަރެންގެ ސަބަބުން އެހެން މީހެއްގެ ހިޔަނި މި ދިރިއުޅުމަށް ދެން ނޭޅޭނެ… މައިރާ ހީކުރާކަހަލަ ގުޅުމެއް އަހަންނާ ޒާނާގެ ނެތް… ޒާނާ އެއް އަަހަރުމެން ދެމެދަކަށް ނާންނާނެ… އަހަރެން މަސައްކަތް ކުރާނަން މި ދިރިއުޅުން އުފާވެރި ކުރެވޭތޯ.. މައިރާ އުފަލުގަ ބަހައްޓަން…ޕްލީޒް .. އަހަރެން އުއްމީދު ކުރަން މައިރާ އަހަރެންނަށް ފުރުސަތެއް ދޭނެކަމަށް .. “ ރީހާންގެ ވާހަކަ އަޑުއަހަން ހުރި މައިރާ ރީހާންގެ އަތް ދުރުކޮށްލަމުން އެތަނުން ދިޔައީ ރީހާނަށް ބަލާލަންވެސް އޭނާގެ ހިތަށް އުނދަގޫކަމަކަށް ވުމުންނެވެ. މައިރާ ދިޔުމުން ރީހާން އަނެއްކާވެސް އޭނާގެ ކުދިންނަށް ވަދާޢީ ސަލާމް ކުރުމަށް ފަހު ލޯންޗަށް އަރަން ދާން ހިނގައިގަތެވެ.

” ރީހާން..! ވަރަށް ވިއްސާރައެއްނު.. ވައިވެސް ވަރަށް ގަދަ.. ލޯންޗު ފުރާތަ އެބަ.. ؟“ ގެއަށް ވަދެގެން އައި ހާދީ ރީހާން ދާން އުޅުމުން އަހާލިއެވެ. ” ނުފުރާ ވާހަކައެއް ނާންގާ.. އެހެންވެ ދާން މި ދަނީ.. “ ރީހާން ޖަވާބުދިނެވެ.
” ބައްޕައަށް ހީވަނީ މިހާ ގަދައިރު ދިޔުން ރަނގަޅެއް ނޫންހެން.. ވައިމަޑުވެ ކަނޑުމަޑުވުމުން ދާން މަޑުކޮށްލަން ވީނު؟ “ ހާދީ އަނެއްކާވެސް އޭނާއަށް ފެންނަ ރަނގަޅުގޮތް ބުނެލިއެވެ. ” މިއަދު މެންދުރު ޑިއުޓީއަށް އަރަން ޖެހޭ.. މިހާރުވެސް މީހުން މަދުވެގެން މަސައްކަތްތައް ކުރިޔަށް ނުގޮސްގެން މައްސަލަ ޖެހިފަ އޮތީ.. މިއަދު ދާންޖެހޭ ކޮންމެހެންވެސް.. “ ހާދީއަށް ޖަވާބު ދެމުން ދޮރު މަތީ ހުރި މައިރާއަށް ބަލާލަމުން ރީހާން ހިނިތުންވެލާފައި މިސްރާބު ޖެހީ ލޯންޗް ފުރާތަނަށް ފާލަމާ ދިމާއަށެވެ.
ގެއިން ނުކުމެ ފޯނުނަގައި ރީހާން ވިސްނާލީ ހުޝާމްއަށް ފޮޓޯ ލިބުމުން ވީގޮތެއް ޒާނާ ކައިރިން އަހާށެވެ. މައިރާއަށް ވީ ވަޢުދާއެކުވެސް ޒާނާގެ ހަބަރެއް ބަލާނުލާ އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެކަން އެނގޭތީއެވެ. ތެޅިތެޅި އޮތް ހިތަކާއެކުވެސް ޒާނާގެ ނަންބަރަށް ޑައިލް ކޮށްލީ ފޯނަށް ޖަވާބެއް ލިބޭނެކަމަށް އުއްމީދުކޮށްފައެވެ. ދެތިންފަހަރު ރިންގުވުމާއެކު ފޯނު ނެގުމުން ރީހާން ފުންނޭވާއެއް ދޫކޮށްލަމުން ފޯނު ކަންފަތުގައި ޖެހިއެވެ. ” ނާ! އާރ ޔޫ އޯކޭ؟“ ރީހާނަށް ކެތްމަދުވެފައި އަހާލެވުނެވެ. ” ހްމްމް.. އޯކޭ.. “ ޒާނާ މަޑުމަޑުން ޖަވާބު ދިނެވެ.
” ނާ..! އައިމް ސޮރީ.. މައިރާގެ ސަބަބުން …ނާ!! ހުޝާމް ކީކޭތަ ބުނީ؟؟ މި ބުނީ ކިހިނެއް ރިއެކްޓް ކުރީ..؟ “ ރީހާން އަނެއްކާވެސް އަހާލިއެވެ. ” ހުރިހާ ކަމެއްވެސް އޯކޭ.. ރީހާންއަކީ ފްރެންޑެކޭ ބުނީމަ އަންޑަސްޓޭންޑް ވެއްޖެ ހުޝާމްއަށް .. ޑޯންޓް ވޮރީ.. “ ޒާނާގެ އަޑު އަހަން ހުރި ރީހާނަށް އެވާހަކަތައް ޔަޤީން ކުރަން ދަތިވިނަމަވެސް ހިނިތުންވެލަމުން ހިންދިރުވާލިއެވެ. ” ހާސް ވާނެ ދޯ.. އަހަރެން ހިއެއް ނުކުރަން މައިރާގެ ޖާސޫސުން ތިތާވެސް އުޅޭނެ ކަމަކަށް .. ސޮރީ… އަހަރެންގެ ސަބަބަން ނާގެ ލައިފްގަ އެއްވެސް މައްސަލައެއް ޖެހޭކަށް ބޭނުމެއް ނޫން.. މައިރާ ކަންތައް ކުރިގޮތުން ވަރަށް ހާސްވެފަ މި ހުންނަނީ.. “ ހިނގަމުން ދިޔަ ރީހާނަށް ލޯންޗާ ހަމައަށް ދެވުމުން ވަށައިގެން ހޯދާލަމުން ފޯނުންވާހަކަ ދެއްކިއެވެ. ” އަހަންނާ މެދު އެވަރަށް ނުވިސްނާ.. އަމް އޯކޭ.. ހުޝާމްވެސް އޯކޭ.. އެކަމަކު ދެން ރީހާން އަހަންނަށް ނުގުޅާ.. މައިރާ ދެރަވާނެ.. “ ޒާނާގެ އަޑުގައިވި މޮޅިވެރިކަން ރީހާންގެ ހިތް ދެނެގަތް ނަމަވެސް އިތުރު ސުވާލު ކުރާކަށް އޭނާއަށް ފުރުސަތެއް ނުލިބުނެވެ. ” ނާ .. މިދަނީ ފުރަން… ދެން ބާއްވަނީ އިނގޭ ..ޓޭކް ކެއާ.. “ ބޯކޮށް އޮއްސަން ފެށި ވާރެއިން ސަލާމަތްވާން އަވަހަށް ލޯންޗާ ދިމާއަށް ދުއްވައިގަންނަމުން ރީހާން ފޯނު ބޭއްވީއެވެ. ގަދަ ވިއްސާރައިގައިވެސް ލޯންޗް ނައްޓާލުމުުން ރީހާން މައިރާއަށް ލޯންޗް ނައްޓާލިކަން މެސެޖަކުން އަންގާލިއެވެ.

******

ރީހާން ފޯނު ބޭއްވުމުން ޒާނާ ފުންނޭވާއެއް ދޫކޮށްލައި އޭނާގެ ލޮލަށް ގިނަވި ކަރުނަތައް ފޮހެލިއެވެ. ވެހެމުންދިޔަ ވާރެޔާއެކު ޖެހެމުން ދިޔަ ވަޔަށް ބޯލަނބަމުން ހޫރެމުން ދިޔަ ގަސްތަކުގެ ގޮފިތަށް ހުޅުވާފައި ހުރި ކުޑަދޮރުތަކުން ފެންނަމުންދިޔަ މަންޒަރު ބަލަން ހުއްޓިހުރިއިރު އޭނާގެ ހިތުގައި އެތަކެއް ސުވާލެއް އެނބުރެމުން ދިޔައެވެ. މައިރާއަށް ހަޤީޤަތް އެނގެނީ ކިހާ ވަރަކަށް ކަމާއި ހުޝާމްއަށް މައިރާ ކިޔައިދިނީ ކޮންވާހަކަތަކެއްބާއޭ ހިތައްއެރިއެވެ. ހުޝާމް އޭނާގެ ވާހަކަ އަޑުއަހަން ފުރުސަތެއްވެސް ނުދީ ގެއަށް ފޮނުވާލީ މައިރާ ހަމަ އެކަނި އޭނާ ރީހާނާއި ބައްދަލު ކުރަން ތުނޑިއަށް ދިޔަ ވާހަކަ ބުނުމުން ބާއޭ ތަކުރާރުކޮށް ހިތާހިތުން ސުވާލު ކޮށްލިއެވެ. މައިރާގެ ގެ މަޤްޞަދަކީ ބަދަލު ހިފުން ބާއޭ ހިތަށްއެރި ނަމަވެސް މައިރާގެ ނަޒަރުން ވިސްނައިފިނަމަ އޭނާ ކަންތައް ކުރި ގޮތާމެދު ޝަކުވާކުރާނެ ޖާގައެއް ނެތްކަމާއިމެދު ޝައްކެއް ނެތްކަން އެނާއަށް އިހުސާސްކުރެވުނެވެ.
”މަންމީ..! މަންމީ“ ކޮޓަރިތެރޭ ކުޅެންހުރި އުމައިރް ޒާނާގެ ކައިރީ ހުއްޓިލައި އޭނާގެ ލޯބި އަޑުން ގޮވާލުމުން ޒާނާ އޭނާގެ ޚިޔާލުތަކުން ދުރުވެ އެ މައުސޫމު މޫނަށް ބަލާލަމުން ހިނިތުންވެލީ ހިތުގައި ވި ރިހުމާއި ކަރުނަތައް ފޮރުވާލަމުންނެވެ. ”ލައްބަ މަންމަ ދޫނި … ކިހިނެއް ވީ؟ “ ދަރިފުޅު އުރާލަމުން ލޯބިން ބޮސްދެމުން ޒާނާ ވާހަކަދެއްކިއެވެ. ” މަންމި ވާރޭ..! “ ދޮރާ ދިމާއަށް އިޝާރާތްކޮށްލަމުން އުމައިރް ބުނެލުމުން ޒާނާ ބޭރު ފެންޑާއަށް ނުކުމެލިއެވެ. އޭރު ޒަހުރިއްޔާއާއި އެކު ލީމް ވެސް ބޭރުގައި ތިއްބެވެ. ” މަންމީ.. ލީމް ބޭނުން ވާރެޔާ ތެމެން..! ޕްލީޒް ..ކޮއްކޮއާ ދެކުދިން … ވަރަށް މަޖާވާނެ ..“ ލީމް ކެތްމަދުވެފައި އޭނާގެ މަންމަގެ މޫނަށް ބަލާލީ އާނއެކޭ ބުނޭތޯއެވެ. ” އޯކޭ…އެކަމަކު އެހާ ގިނައިރު ނުކުރާނެ.. ބަލިވެދާނެ…“ ގޯތި ތެރޭ ހަދާފައި އޮތް ވޯކްވޭއަށް ކުދިން ފޮނުވާލަމުން ދެ ކުދިން ވާރެޔާ ތެމެމުން މަޖާ ކުރާތަން ބަލަން ޒާނާ ފެންޑާގައި މަޑުކޮށްލިއެވެ. ވެހެމުން ދިޔަ ބޯ ވާރޭގައި ހިނިތުންވަމުން އުފާކުރަމުން ދެކުދިން ދިޔައިރު ޒާނާއަށް އިހުސާސް ކުރެވުމުން ދިޔައީ ހުޝާމް ނެތުމުގެ ހުސްކަމެވެ. ހުޝާމްއާއި ނުލައި އޭނާގެ ދިރިއުޅުން ފުރިހަމަ ނުވާނެކަމެވެ.
” ދަރިފުޅާ .. ހުޝާމް ނުގުޅާތަ؟ “ ޖޯލިފަތީގައި އިން ޒަހުރިއްޔާ އަހާލީ ޒާނާ ކައިރިން ވެގެން އުޅޭގޮތެއް އޮޅުން ފިލުވާނެ ގޮތަކާމެދު ވިސްނަން ހުރެފައެވެ. ” ހްމްމް.. “ ޒާނާ ހަމައެކަނި އާނއެކޭ ބުނެލީއެވެ. ” ވަރަށް ވިއްސާރަ ދޯ.. މުޅި ރާއްޖެއަށް ވިއްސާރަ ވާނެކަމަށް އޮތް ޚަބަރުގަވެސް..“ ޒާނާ އަވަހަށް މައުޟޫ ބަދަލުކޮށްލިއެވެ. ” އާނ ވިއްސާރަ.. މަންމަ މި ދަނީ ސައިތައްޓެއް ބޯލަން.. ގެނެސްދެންތަ ސައިތައްޓެއް؟؟“ ޒަހުރިއްޔާ ތެދުވެ ހިނގައިގަތުމުން ޒާނާ ހިނިތުންވެލާފައި އާނއެކޭ ބުނެލިއެވެ.

******

މާލެއިން އަންނަމުން ގެނައި ފޮށި ހުޅުވާލާމުން ހުޝާމް ނެގީ ޒާނާއަށްދޭންް ގެންދިޔަ ހަދިޔާއެވެ. އެއީ އޭނާގެ ކުޑަކުޑަ އާއިލާ އެކުގައި ނަގާފާއިވާ ފޮޓޯއެއްގެ ފްރޭމެކެވެ. އޭގައިވާ ތަސްވީރަށް ބަލަން ހުރިއިރު ހުޝާމްގެ ލޮލުގައި ބަބުޅަމުންދިޔައީ ކަރުނައިގެ އަސަރެވެ. ޒާނާ އޭނާއަށް ބޭވަފާތެރި ނުވާނޭ ހިތަށް ބުނެދޭން މަސައްކަތް ކުރަމުން ފޮޓޯ ލޯގަނޑުގައި އިނގިލިތަށް ހިންގާލާމުން ގޮސް ކޮޓަރިތެރޭ ހުރި ސްޓަޑީ ޓޭބަލް މަތީ ބެހެއްޓީ އޭނާއަށް ފެންނާނެހެންނެވެ. އެތައް ވިސްނުމަކަށްފަހު ހުޝާމް ނިންމީ ޒާނާ ބުނިގޮތަށް ރީހާންއަކީ ޒާނާގެ އެކުވެރިއެއް ކަމުގައި ދެކެފައި ޒާނާއަށް މަޢާފު ކުރާށެވެ. އެއީ އޭނާގެ ދިރިއުޅުމުގައި ޒާނާާގެ މުހިއްމުކަން ވިސްނޭތީއެވެ. އޭނާގެ ފަރާތުން ލޯތްބާ އަޅާލުން ނުލިބުނުއިރުވެސް ޒާނާ އެއްވެސް ޝަކުވާއެއް ނުކޮށް ހުރިހާކަމެއް އެންމެ ފުރިހަމައަށް ކޮށްދެމުން އެ އާއިލާގެ އުފާވެރިކަން ދަމަހައްޓަން މަސައްކަތް ކޮށްފައިވާތީއެވެ.
ހުޝާމް އޭނާގެ ފޯނު ނެގީ ޒާނާއަށް ގުޅާށެވެ. ފޯނު ބަލާލިއިރު މައިރާގެ ދެ މިސްކޯލު އިނެވެ. މައިރާގެ ބޭނުމަކީ ކޮބައިބާއޭ ހުޝާމްގެ ހިތަށްއެރި ނަމަވެސް އިތުރަށް މައިރާއަށް ގުޅާކަށް ހުޝާމް ބޭނުމެއް ނުވިއެވެ.
ފޯނު ޖީބަށްލައި ވޮލެޓް ނަގަމުން ހުޝާމް ނުކުމެގެން ހިނގައިގަތީ ޒާނާމެން ގެއަށް ދާން ހިތުލައިގެންނެވެ. ބޭރަށް ނުކުތް އިރު ވިއްސާރައިގެ އަސަރު ނުފިލައި އޭރުވެސް ތުނިކޮށް ވާރޭވެހެމުންދިޔައެވެ. ވާރޭ ހުއްޓާލާނެ އިރަކަށް ބަލަން ސޯފާގައި އިށީނދެ ޓީވީ އަޅުވާލިއެވެ. އިރުކޮޅެއް ފަހުން އަނެއްކާވެސް މައިރާ ގުޅަން ފެށުމުން ޓީވީގެ އަޑު މަޑުކޮށްލާފައި ހުޝާމް ފޯނަށް ޖަވާބު ދިނެވެ. ” ބުނީމެއްނު އަހަންނަށް ނުގުޅާށޭ އިތުރަށް…“ ފޯނު ނެގި ގޮތަށް ހުޝާމް ނުރުހުމާއެކު ބުނެލިއެވެ.
” ހްމްމް.. ގުޅާކަށް އަހަރެން ވެސް ބޭނުމެއް ނޫން… އެކަމަކު އަހަންނަށް އެނގޭ އެއްޗެއް ހުޝާމްއަށް ވެސް އަންގާލަންވާނެ ދޯ..! “ މައިރާގެ އަޑު އިވުމުން ހުޝާމްގެ ހިތް ނުތަނަވަސްވާންފެށިއެވެ.
”ކޯއްޗެއް؟“ އަހަން ބޭނުން ނުވި ނަމަވެސް ހުޝާމަށް އެ ސުވާލު ކޮށްލެވުނެވެ.
” އަހަންނަށް ޔަޤީން ވެއްޖެ ރީހާނާއި ޒާނާ ގެ އޮތީ ކޮން ކަހަލަ ގުޅުމެއް ކަން.. އެ ދެމީހުން އުޅެނީ ލޯބިވެގެން.. ރައްޓެހިވެގެން… އެހެންވެ ޒާނާ ބުނެގެން ރީހާން އެ ދިޔައީ ތިރަށަށް..“ މައިރާ ދައްކަމުން ދިޔަ ވާހަކައިން ހުޝާމްގެ ހިތް އިތުރަށް ނުތަނަވަސްވިއެވެ.
” ކިހިނެއް ތިހާ ޔަޤީންކަން ލިބުނީ…؟“ ހުޝާމް ސުވާލު ކުރިއެވެ.
”ރީހާންގެ ދުލުން އެއްބަސްވެއްޖެ… އޭނަ އެހުރީ މިހާރުވެސް ޒާނާއާއި އިންނަންވެސް ތައްޔާރަށް… އަހަންނާ ދިމާލަށް ބުނި އަހަރެން ޖެހޭނީ ދާށޭ.. ހުޝާމް ޒާނާ ދޫކޮށްލާއިރަށް ޒާނާ އޭނަގެ މީހަކަށް ހަދަން ތައްޔާރޭ…މިވަރުން ޔަޤީން ވެއްޖެތަ؟“ މައިރާގެ ވާހަކައިން ހުޝާމްގެ ހިތުގައި އުފެދުނީ މާޔޫސްކަމެވެ. އިތުރަށް ބުނާނެ އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ބަސް ހުއްޓިފައި ހުޝާމްގެ ހަބަރެއް ނުވުމުން އަނެއްކާވެސް މައިރާ ވާހަކަ ދެއްކިއެވެ.” ހީކުރަން މިހާރު ޤަބޫލު ކުރެވިއްޖެ ކަމަށް… ޒާނާގެ އަސްލު ސިފަ އެނގިއްޖެ ކަމަށް ހީކުރަން.. އަލަކަށް ނޫން ރީހާން ތިރަށަށް ދިޔައީ.. ދެން ބޭއްވީ.. “ މައިރާގެ ވާހަކަ ނިމުމުން އޭނާ ފޯނު ކަނޑާލީއެވެ.
މައިރާގެ ވާހަކައިން ހިތް ކިލަނބުވެފައި ހުޝާމް އޭނާގެ ފޯނު ސޯފާ މައްޗަށް ހޫރާލަމުން ތެދުވިއެވެ. ޒާނާ ބަލައި ދާން އޭނާ އިތުރަށް ބޭނުން ނުވީ މައިރާ ދެއްކި ވާހަކަ ތެދުކަމަށް ޤަބޫލުކުރެވުމުންނެެވެ.

*****

ރީހާން ދިއުމުން މައިރާ އޭނާގެ ހިތުގައިވި ނަފްރަތުގެ އަލިފާނަށް ބޯލަނބައި ހުޝާމްގެ ހިތުގައި ޒާނާއާމެދު ޝައްކު އުފެދޭހެން ވާހަކަ ދައްކައި ނިންމާލައި ފޯނު ކަނޑާލަމުން މޫނަށް ލާނެތް ހިނިތުންވުމެއް ވެރިކޮށްލިއެވެ. ރީހާންގެ ދުލުން ބުނި ބަސްތަކުގެ ބަދަލު ޒާނާގެ ކިބައިން ހިފުންވީ އޭނާގެ ހިތަށް ލިބުނު ހަމަޖެހުމަކަށެވެ. ”އަހަރެންގެ ފިރިމީހާގެ ހިތް އަތުލާފަ އޭނައަކަށްވެސް ހަމަޖެހިގެން ނޫޅެވޭނެ..“ މައިރާ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ފޯނުހިފައިގެން ބޭރަށް ނުކުމެލިއެވެ. އޭރު ހަބީބާއާއި ހާދީ ސޯފާގައި އިށީނދެގެން ވާހަކަ ދައްކަން ތިއްބެވެ.
”ދަރިފުޅާ .. ރީހާނަށް ރިސޯޓަށް ދެވިއްޖެތަ؟ .. “ މައިރާ ފެނުމުން ހާދީ ސުވާލުކޮށްލިއެވެ.
” ނޭނގެ.. ލޯންޗް ނައްޓާލި އިރު މެސެޖް ކުރި.. އޭގެ ފަހުން ނުވޭ އަދި ޚަބަރެއް… “ ގޭގެ މައި ދޮރުމަތީ ހުއްޓި ބޭރު ބަލާލަމުން މައިރާ ޖަވާބު ދިނެވެ. އޭރުވެސް ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހެމުން ދިޔައެވެ.
”ގުޅާލަންވީނު… މިހާރު ދެވިދާނެއްނު.. “ ހަބީބާ މައިރާއަށް ބުނެލުމުން މައިރާ ފޯނު ނަގައި ރީހާނަށް ގުޅާލިއެވެ. ނަމަވެސް ރީހާންގެ ފޯނު އޮތީ ނިވާލާފައެވެ. ” ފޯނު ނިއްވާލާފަ.. ޑިއުޓީއަށް ދިޔައީ ކަންނޭގެ.. “ ވާރެއަށް ބަލަން ހުރި މައިރާ ޖަވާބު ދިނެވެ.

*******

އިރު އޮއްސި އަނދިރިވީ ވެހެމުން ދިޔަ ވާރެއަށް ހުއްޓުމެއް ނެތިއެވެ. ވިދާ ގުގުރުމާއެކު ވައިގަދަވެ ތޫފާނެއްފަދައިން ދުނިޔެ ހަލަބޮލިކުރަމުންނެވެ. ފިނިރެއަކަށް ތައްޔާރުވެލަމުން ރަޖާ އޮޅާލަމުން މައިރާ އޮށޯވެ ލޯމަރާލިއެވެ. ނަމަވެސް ރީހާންގެ ހަބަރެއް ނުވާތީ އަނެއްކާވެސް ތެދުވެ ރީހާންގެ ނަންބަރަށް ޑައިލްކޮށްލިއެވެ. އޭރުވެސް ރީހާންގެ ފޯނަކަށް ނުގުޅެއެވެ. މައިރާ ހިތް ނުތަނަވަސްވި ނަމަވެސް އަނެއްކާވެސް އޮށޯވެލީ ރީހާން ޑިއުޓީ ލަސްވަންދެން އޮންނާނެކަން އެނގޭތީއެވެ.

ހާދީ އާއި ހަބީބާވެސް ރޭގަނޑުގެ ކެއުން ނިންމައި ކޮޓަރިއަށްވަދެ ނިދަން ތައްޔާރުވެލީ އެހެން ރޭތަކަށްވުރެ އަވަހަށެވެ. އެވަގުތު ހާދީގެ ރައްޓެއްސަކު ގުޅުުމުން ފޯނު ކަންފަތުގައި ޖަހަމުން ބޭރަށް ހިނގައިގަތް ހާދީއަށް ކުއްލި ޝޮކެއް ލިބުނީ އެމީހަކު ދިން ޚަބަރުންނެވެ. ” ތިރަށުން މިއަދު ފުރި ލޯންޗް އެކްސިޑެންޓެއްވެ މީހުން ގެއްލިގެން އެބަަ އުޅޭ ދޯ.. އެނގޭތަ؟ “ ހުއްޓުންވެ ހުރި ހާދީއަށް ބަލަން ހުރި ހަބީބާވެސް ކަންބޮޑުވީ ހާދީގެ މޫނުމަތިން ފެނުނު ހާސްކަމުންނެވެ. ” ކިހިނެއް ވީ؟؟ ކާކު ގުޅީ..“ އަވަސް އަވަހަށް ތެދުވެގެން އައި ހަބީބާ ހާދީ ކައިރިޔަށް ޖެހިލަމުން އަހާލިއެވެ. ހާދީ އެއްޗެއް ނުބުނުމުން އަނެއްކާވެސް ހަބީބާ ސުވާލު ތަކުރާރު ކޮށްލިއެވެ.

” ލޯންޗު… މިރަށުން ހެނދުނު ފުރި ލޯންޗް .. އެކް..ސި..މީހުން ގެއްލިގެން … ދޭބަލަ .. މައިރާ ކައިރިން އަހާބަލަ.. ރީހާންއަށް ގުޅުނުތޯ..“ ހާސްވެފައި ހުރި ހާދީ ތުރުތުރުއަޅަމުން ފޯނުގެ ފިތްތަކަށް ފިތަމުން ހަބީބާއަށް ކިޔާދޭން މަސައްކަތްކުރިއެވެ. ހާދީގެ ވާހަކައިން ހަބީބާވެސް ހާސްކަމާއެކު ހިނގައިގަތީ މައިރާގެ ކޮޓަރިއަށެވެ. އެވަގުތު ޖެހި ބާރު ގުގުރީގެ އަޑަށް ސިއްސައިގެން ހޭލި ކައިސް އާއި ރީނާވެސް ބިރުން ދުވެފައި އެކުދިންގެ ކޮޓަރިން ނުކުމެގެން ގޮސް ހަބީބާ ގައިގައި އޮޅުލައިގަތެވެ. މައިރާވެސް އެއަޑަށް ތެދުވެގެން އަވަސް އަވަހަށް ކޮޓަރިން ނުކުމެ ބަލާލީ ކުދިންގެ އަޑަށެވެ.
”ދަރިފުޅާ ރީހާނަށް ގުޅިންތަ؟ ހަބަރެއްވިތަ؟ “ މާމަ ކުދިން ހަމަޔަކަށް އަޅުވަން މަސައްކަތްކުރަމުން ކަންބޮޑުވެފައިވާ ރާގެއްގައި ހަބީބާ އަހާލިއެވެ.
އޭރުވެސް އެކި މީހުންނަށް ގުޅައިގެން ޚަބަރު އޮޅުން ފިލުވޭތޯ ހާދީ ދިޔައީ މަސައްކަތް ކުރަމުންނެވެ.
”​ނުގުޅޭ.. ފޯނު ނިއްވާލާފަ..ކިހިނެއްވީތަ؟ “ މައިރާވެސް ކަންބޮޑުވެ އަހާލީ ހަބީބާގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަމުން ބޮޑު ކަމެއް ވެއްޖެހެން ހީވުމުންނެވެ. ” ދަރިފުޅުމެން ދޭ މަންމަ ކޮޓަރިއަށް މިރޭ…!! “ ކައިސް މެން ފޮނުވާލަމުން މައިރާ އަނެއްކާވެސް ރީހާނަށް ގުޅޭތޯ ބަލާލިއެވެ. ނަމަވެސް ފޯނު އޮތީ ނިވާލާފައެވެ. ”މަންމާ …ކިހިނެއްވީތަ؟ ރީހާންއަކަށް ނުވެސް ގުޅޭ… !!“ މައިރާ ހާސްވާންފެށިއެވެ. ”ބައްޕަ ކައިރިން އަހާބަލަ.. ނޭނގެ ވެގެން އުޅޭ ގޮތެއް އަދި ސާފެއް ނުވޭ..“ ހަބީބާ ބުނެލުމާއެކު މައިރާ ހާދީ ހުރި ކޮޓަރިއަށް ދާން ހިނގައިގަތެވެ. ފަހަތުން ހަބީބާވެސް ގޮސް ދޮރުމައްޗަށް މަޑުކޮށްލި އިރު ހާދީ ފޯނުން ވާހަކަ ދައްކަން ހުއްޓެވެ.
”ކޮން ލޯންޗެއްތަ އެކްސިޑެންޓް ވެގެން އުޅެނީ.. ’ސަންސެޓް‘ މީހުންގެ ލޯންޗްތަ؟؟ “ ހާދީގެ އަޑު އިވުމުން މައިރާއަށް ވީގޮތެއް ނޭނގުނެވެ. އެވަގުތު އޭނާގެ ހިތް މޭގައި ތާށިވީކަހަލައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Hudhufinifenmaa_
Follow Me Written By

Hudhufinifenmaa_

Level 2100 Login10 Stories

Other Articles

Previous

ފޭހުނު އިލޮށި

Next

ތިނެސްކަން ލޯބި (24)

Next
November 27, 2024

ތިނެސްކަން ލޯބި (24)

Previews
November 26, 2024

ފޭހުނު އިލޮށި

6 Comments!

  1. cutie girl says:
    November 27, 2024 at 11:58 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    reehan ah gotheh nuhadhachey-
    reehan and naa gulhuvahey
    they both are made for each other

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      November 27, 2024 at 8:20 pm

      Thankyou cutie girl… reehan ah kihinehbaa vaanee dhw..😊

  2. ނަދާ says:
    November 27, 2024 at 12:16 pm

    alhey haadha kurey dhen in part varah avaha kiyaalan libeyene kamah umeedhu kuran

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      November 27, 2024 at 8:22 pm

      Sorry ..ehaa kuruko mi genesdhevunee mi part.. dhen thankolheh avaha aneh bai genes dheveytho balaanan 😊

  3. Purple_Daisy015 says:
    November 27, 2024 at 4:09 pm

    🙂 !ކެތްތެރިކަމާއެކު ދެން އޮތް ބަޔަށް އިންތިޒާރުކުރަމެވެ. ވަރަށް އަވަހަށް ކިޔާލަން ލިބޭނެކަމަށް އުންމީދުކުރަން

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      November 27, 2024 at 8:24 pm

      Thankyou Purple_daisy .. 😊 next part avaha dheynan IA..

Comments are closed.

Next Episodeހަނދުވަރު ދިން އެރޭ … 16←


All Right Reserved!