Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށްވެރިޔަކީ… (2)

Yug Level 1
November 28, 2015 5 Mins Read
9 Comments

ރަނގަޅަށް ކަނނުލާ އަޑުއަހަން އޮތްވައި، ދެވަނަ ފަހަރަށްވެސް އެއަޑުއިހިވެގެން ދިޔައެވެ. މިފަހަރު އެއީ ވަހުމެއް ނޫންކަމާއި ކޮންމެވެސް މީހަކު ގޭގެ ދޮރުގައި ޓަކިޖަހަނީކަން ޒީނިޔާއަށް ޔަޤީންވިއެވެ. ތިންވަނަ ފަހަރަށް ތަންކޮޅެއް ބާރަށް އެމީހަކު ދޮރުގައި ޖަހާލިއެވެ. އެއާއެކު ޒީނިޔާގެ މަންމަ ދޮރު ހުޅުވާލަމުން ދޮރުމަތީގައި ހުރި މީހަކާ ވާހަކަ ދައްކާއަޑު އިވުނެވެ. ސާފުކޮށް ނުއިވުނު ކަމުގައިވިޔަސް އަމްޖަދުގެ ނަން ބުނިހެން ޒީނިޔާއަށް ހީވީ ކީއްވެގެންކަމެއް ނޭނގެއެވެ. އެހިނދުގައި ހިތް އުފަލުންގޮސް ނަށައިލިއެވެ. މިއޮތްހާއިރު ރޮމުންދިޔަ މީހާގެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް އެހުރިހާ ކަމެއް ހަނދާންނެތުނެވެ. ދޮރުންވަދެގެން އަންނާނެ މީހެއްގެ އިންތިޒާރުގައި ބޭޤަރާރުކަމާއެކު ޒީނިޔާ އޭނާ އޮތް ކޮޓަރީގެ ދޮރާ ދިމާއަށް ބަލަން އޮތެވެ. މިނިޓެއްހާއިރު ވީއިރު ދޮރުމަތީގައި އައިސްހުއްޓުނީ އަމްޖަދެވެ. މަޑުހިނގުމެއްގައި އަމްޖަދު އައިސް ޒީނިޔާ އޮތް އެނދުކައިރީގައި ހުރި ގޮޑިއެއް ދަމާލާފައި އެނދާ އަދިވެސް ކައިރިކޮށްލަމުން އޭގައި އިށީނެވެ. އެދެމީހުން އެކަނިވެލަން ވަގުތު ބޭނުންވާނެކަން އެނގޭތީ ޒީނިޔާގެ މަންމަ ކޮޓަރީގެ ދޮރުން ބޯދިއްކޮށްލަމުން އެދެމަފިރިންނަށް ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލަމުން ދިޔައީއެވެ. ދަމުން ދިޔައީ ދޮރުވެސް ލައްޕައިދީފައެވެ. ދެން ވޭތުވެގެން ދިޔައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. ޒީނިޔާގެ ހިތުގައި ފިރިމީހާގެ ކުރިމަތީލައި ބަންޑުންކޮށްލުމަށް ބޭނުންވާ އެތައްހާސް ޝަކުވާތަކެއްވިއެވެ. ކުރަން ބޭނުންވާ ކިތަންމެ ސުވާލެއްވިއެވެ. އެހެނެއްކަމަކު ދުލާހަމައަށް ހަމަ އެންމެ ލަފުޒެއްވެސް ނައެވެ. “އޭ.. އަޖޭ އެވެ! އެއޮތީ އަހަރެމެންގެ ލޯބިވާ ދަރިފުޅެވެ. އަހަރެމެންގެ ލޯބީގެ ނިޝާނެވެ. އެލޯބި ލޯބި ފުށްގަނޑު އުރައިނުލާނަން ހެއްޔެވެ؟ އެދަރިފުޅުގެ މޫނު ދެކޭހިތެއް ނުވޭ ހެއްޔެވެ؟ އަހަރެން ކިހިނެއްތޯވެސް އަނހައިނުލާނަން ހެއްޔެވެ؟” ޒީނިޔާގެ ހިތަން އަރާފައިބަމުންދިޔަ ޝުޢޫރުތައް ކިތަންމެހާވެސް އަސަރުގަދައެވެ. އެހެންނަމަވެސް، އަމްޖަދުއަށް މިހާރު އޭނާގެ ލޯބިވާ އަނބިމީހާގެ މޫނުމަތިން އޭނާގެ ހިތުގެ ޙާލު ކިޔަން ނޭނގެނީ ހެއްޔެވެ؟ އެއްއިރެގައި އޭނާގެ ދުނިޔެ ކަމުގައި ދެކުނު ދެމައިން މިއަދު އެއްޗަކަށް ހަމަ ނުވަނީ ބާވައެވެ. “ޒީ ކިހިނެއް؟” ހޭ ވެސް އަހައިނުލި ތާނގައި ދަރިފުޅު ކޮބައިތޯވެސް ބަލައިނުލިއެވެ. ހަމަ އެހާވެސް އަމްޖަދު ބަދަލުވީ ހެއްޔެވެ؟ ދަރިފުޅާއި އަނބިމީހާ ދެކިލަން އެހާ ބޭނުން ނުވަންޏާ ދެން އެގެއަށް އެއައީ ކީއްވެގެން ބާވައެވެ؟ މި ޚިޔާލުތައް ތޫނު ޚަންޖަރުތަކެއް ހެން ޒީނިޔާގެ ހިތައް ހެރެމުން އެހިތުން ލޭކަރުނަ އޮހެމުންދިޔައެވެ. ތަނަށް ވެރިވެފައި އޮތީ ކަޅުފޮއިރެއެއްފަދަ ހަމަހިމޭންކަމެކެވެ. އެހަމަހިމޭންކަމުގެ ތެރެއިން ތުއްތު ބޭބީ ކުކުރާލި އަޑަށް ދެމީހުނަށްވެސް ހޭވެރިކަމެއް ވި ކަހަލައެވެ. އަމްޖަދު ޒީނިޔާގެ މޫނަށް ބަލާލީ ކިހިނެތްހޭ ހަދަންވީ ބުނާފަދަ ގޮތަކަށެވެ. ޒީނިޔާވެސް އެއްވެސް އެއްޗެއް ނުބުނެ އަމްޖަދުގެ މޫނަށް ބަލަން އޮތެވެ. ކޮޓަރިތެރޭގައިވާ ނިދާ ބޮކީގެ ފަޑުއަލިކަމުގެ ތެރެއިން ޒީނިޔާ އަމްޖަދުގެ މޫނުން އެއްޗެއް ދޭހަވޭތޯ މަސައްކަތް ކުރިއެވެ. ދެވަނަ ފަހަރަށް ބޭބީ ކުކުރާލީ ތަންކޮޅެއް އަޑު ހަރުކޮށެވެ. އަދި ހަމައެއާއެކު އެ ތުއްތު ތުއްތު އަޑުން ރޯންފެށިއެވެ. ދަރިފުޅުގެ އަޑުއައި ދިމާއާއަށް ބަލާލުމަށްފަހު ޒީނިޔާގެ މޫނަށް އަމްޖަދު ބަލާލިއެވެ. އެވަގުތު ދަރިފުޅު ނަގަން ދިއުމަށް ޒީނިޔާ އެނދުން ތެދުވަން މަސައްކަތްކޮށްލިނަމަވެސް އޭނާގެ ޙަރަކާތް ހުއްޓުނީ އަމްޖަދު ތެދުވެ ދަރިފުޅުގެ އެނދާދިމާއަށް ހިނގައިގަތުމުންނެވެ. ދަރިފުޅުގެ އެނދުކައިރީގައި ގޮސް މަޑުކޮށްލުމާއެކު އެމަޢުސޫމް މޫނު ފެނުމުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަމްޖަދުއަށް އޭނާގެ އަމިއްލަ ނަފްސްދެކެ ރުޅިއާދެވުނެވެ. އޭނާއަށް ހުރީ ކިހިނެއް ވެފައި ހެއްޔެވެ؟ އެދަރިފުޅު ދެކިލަންވެސް އަންނަ ހިތް ނުވެފައި މިހާއިރު އެހުރެވުނީ ހާދަ ހިތްހަރު ވެގެންނެވެ. ދަރިފުޅު ނަގަން ނޭނގިދާނެތީ އަތްލާން ނުކެރިފައި ހުރެފަވެސް މަޑުމަޑުން ރުއިމުގެ އަޑު ގަދަވަމުން ދާތީ ކަންބޮޑުވެގެން ބޭއިޚްތިޔާރުގައި އޭނާއަށް ދަރިފުޅު ނަގާ އުރާލެވުނެވެ. އަދި ގަޔާލާ ކައިރިކޮށްލުމެވެ. އެންމެ 5ދުވަސްވެސް ނުވާ ކުޑަކުޑަ ބޭބީ އަށް ވެސް އޭނާގެ ބައްޕަ ފާހަގަކުރެވުނު ފަދައެވެ. ރުއިމުގެ އަޑު މުޅިން ހުއްޓާލީ ހަމައެހާމެ އަވަހަށެވެ. އެދަރިފުޅަށްޓަކައި ހިނދުކޮޅެއްގެ ތެރޭގައި ހިތުގައި ލޯބި އުތުރި އަރައިގެންދިޔަ ހިނދު ފަނޑު ހިނިތުންވުމެއް އޭނާގެ މޫނުމަތީގައިވިއެވެ.

ޒީނިޔާއަށްވެސް ފިރިމީހާގެ ޙަރަކާތްތަކަށް ހަމަ ބަލަން އޮވެވުނީއެވެ. އެދެބަފައިންގެ އެ ލޯބިންފުރިގެންވީ މަންޒަރުން ހިތައްލިބުނު އުފާލިބިގަންނަމުންނެވެ. ޒީނިޔާއާއި ހަތަރުކަޅި ހަމަކޮށްލަމުން އެމޫނުން ނަޒަރު ވަކިކޮށްނުލައިހުރެ އަމްޖަދު މަޑުމަޑުން އައިސް ޒީނިޔާ އަތަށް ދަރިފުޅު ދިއްކޮށްލިއެވެ. ޒީނިޔާވެސް ކުޑަގޮތަށް ތެދުވެ ހެޑްބޯޑުގައި ލެނގިލަމުން ބޭބީއާ ޙަވާލުވީ ނުހަނު އުފަލުންނެވެ. ބޭބީ އެ އުޅެނީ ބަނޑުހައިވެގެންކަން ޒީނިޔާއަށް އެނގޭތީ އޭނާ އަވަސްވެގަތީ އެކަމާއިގެންނެވެ. ކުޑަދަރިފުޅު ބަނޑުހައިވެގެން އުޅޭކަން ނުވަތަ ރޯކަން ކިތަންމެ ދުރުގައި ހުއްޓަސް މައިމީހާއަށް އިޙްސާޞްވާނެޔޭ މީހުން ބުނަނީ ކީއްވެގެންކަން މިހާރު ޒީނިޔާއަށްވެސް އެނގެއެވެ. އެއްފަރާތުން ދަރިފުޅަށް ގާނތުން ދިނުމަށްފަހު އަނެއް ފަރާތަށް ބަދަލުކޮށްލުމުން ޒީނިޔާ އޮންނަން ޖެހުނީ ކުޑަކޮށް އަމްޖަދުއަށް ފުރަގަސް ދެވޭ ގޮތަށެވެ. އެހާއިރު ވެގެން ދިޔައިރުވެސް އެމީހުންވެސް އެކަކު އަނެކަކަށް އަނގައިވެސް ބުނެނުލާ ހަމަހިމޭންކަން އިޚްތިޔާރުކޮށްގެން ތިބީއެވެ. އެހެންއޮވެ، ޒީނިޔާއަށް ކުޑަކޮށް ދިނިޖެހުނުހެން އޭނާއަށް ހީވިއެވެ. ތާއްޔާޖެހުނުތަނާ އަމްޖަދު ކޮބައިތޯ ރަނގަޅަށް ބަލާލިލިއިރު އަމްޖަދުގެ ހިލަމެއް، ޖެހުނުތާ ލަކުނެއްވެސް ނެތެވެ. ޤަބޫލުކުރަން ދަތިވެފައި ޒީނިޔާއަށް އިނދެވުނެވެ. ދަނީއޭ.. ވެސް ބުނެނުލައި އަމްޖަދު ހިނގައިދާނެކަމަކަށް ޒީނިޔާ ހިތަކަށްވެސް ނާރައެވެ. ނުވިތާކަށް އެގެއަށް އައިފަހުންވެސް އަގައިން އެންމެ ބަހެއް ބުނެލީކީވެސް ނޫންމެއެވެ. ކުޑަ ހިނދުކޮޅަކަށް އަމްޖަދުއާ ދޭތެރޭގައި ހިތް ސާފުވެގެން ދިޔަނަމަވެސް އަނެއްކާވެސް ޒީނިޔާއަށް ލިބިގެން ދިޔައީ މޮޅިވެރިކަމާއި މާޔޫސްކަމެވެ.

މުޅިރޭ ޒީނިޔާ އެންމެ ލޮލުފިޔައެއްވެސް ޖަހާނުލައެވެ. އަމްޖަދުއަށް އައިސްފައިވާ ބަދަލާއި، ޒީނިޔާއާއި ކުޑަދަރިފުޅާމެދު އަމްޖަދުގެ ހިތުގައި އޮތް ލޯތްބާއި ޤަދަރުގެ މިންވަރު އިޙްސާސްކުރެވުމުން މުޅިރޭ އޭނާ ހޭދަކޮށްލީ ވިސްނުމާއި ފިކުރުގައި ރޯލަރޯލައެވެ. ދުލުން ނުބުންޏެއްކަމަކު އަމްޖަދު އައިސް ދިޔައީ ވަރަށް ގިނަ ވާހަކަތައް ބުނެފައެވެ.

ހެނދުނު އަރައިގެން އައި އިރާއެކު، ރަށު ކޯޓުގެ މަސައްކަތު މީހާއައިސް ޒީނިޔާއާ ޙަވާލުކޮށްލީ ސިޓީއުރައެކެވެ. އެއީ އަމްޖަދު އޭނާ އަމިއްލަގޮތުން ޒީނިޔާ ވަރިކުރިކަމުގެ ލިޔުކެވެ. އަދި އެލިޔުމުގައި ޒީނިޔާ ވަރިކޮށްފައިވަނީ އޭނާ ވިހެއުމުގެވެސް ދުވަސްތަކެއް ކުރިންކަމަށް ލިޔެފައިވެއެވެ. ވެދާނެކަމެއްކަމަށް އަންދާޒާކޮށްލެވުނު ކަމުގައިވިޔަސް މީހާ އަވަހަށް އެފަދަ ކަމަކާ ކުރިމަތިލާންޖެހޭނެ ކަމަކަށް ޒީނިޔާ ހިތައްވެސް އަރާފައެއް ނެތެވެ. ނަމަވެސް ޙަޤީޤަތް ކިތަންމެ ހިތިނަމަވެސް، ޙަޤީޤަތަކީ މިއަދު ޒީނިޔާގެ މިވަނީ އަމްޖަދުގެ ޙަޔާތުން އަބަދަށްޓަކައި ބާކީކޮށްފައިކަމެވެ. ޤަބޫލު ކުރެވުނަސް ނުކުރެވުނަސް ދެން އެނިންމުން އެވަނީ މިއަދު ދާންވީ ހިސާބަށް ގޮސް ނިމިފައެވެ. އޭގެފަހުން ވޭތުގެންދިޔަ ދެތިންމަހަކީ ޒީނިޔާގެ ޙަޔާތުގައި ދެން ދުވަހަކުވެސް ނާންނާނޭފަދަ ހިތާމައިގެ ދުވަސްތަކެކެވެ. ކެއިން ބުއިމުން މަޙްރޫމްވެ ފިކުރުކުރުމާއި ހިތާމައިގެ މުޅިދުވަސް ހޭދަކުރުމުގެ ނަތީއްޖާއެއްގޮތުން ޒީނިޔާ މުޅިން ހިކި އަނަރޫފަވެ ހުސްވެއްޖެއެވެ. ކުރިންރޭ ޒީނިޔާމެންގެ ގެއަށް ދިޔަ ދިޔުން ފިޔަވައި ހިނގާލި މަގެއްގެ ކޮޅުންވެސް ޒީނިޔާގެ ލޮލަށް ފެންނަ ހިސާބަކަށްވެސް އަދި ކުޑަމީހާ ފެންނަ ހިސާބަކަށްވެސް އަމްޖަދު ނުދެއެވެ. ދަރިފުޅަށް ނަމެއް ކިޔުމަށްވެސް ޒީނިޔާ ހުރީ އަމްޖަދު ރަށަށް އައުމުން ދެމީހުންނަށް ފެންނަ ރީތިނަމެއް ކިޔުމަށެވެ. އެކަމަށްޓަކައި ޒީނިޔާވަނީ އަންހެން ފިރިހެން، ވައްތަރަކުން ދެތިންނަން ދުރާލާ ހޯދާފައެވެ.

މިކަންކަމާގުޅިގެން ދެފަރާތުގެ ޢާއިލާގެ ކިތަންމެ މީހެއް އަމްޖަދުއަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތްކޮށްފިއެވެ. ރަޙްމަތްތެރިންނާއި ގާތްތިމާގެ މީހުން ކިތަންމެ ވަރަކަށްވެސް އެކަމާއުޅުނެވެ. އެހެންނަމަވެސް އަމްޖަދު ހުރީ އެއަށްވުރެ މާ ވަރުގަދައަށް އޭނާ ބޭނުންވާކޮޅަށް ގޮސް ހުސްވެފައެވެ. ނަސްރުއަކީ އަމްޖަދުގެ އެންމެ ގާތް ރަޙްމަތްތެރިޔާގެ އިތުރުން ޒީނިޔާގެވެސް ބޭބެއެއްކަމުގައިވާތީ އޭނާވެސް އެކިގޮތްގޮތުން އަމްޖަދުއަށް ވިސްނައިދެވޭތޯ ކުރި މަސައްކަތްވީ ހަމަ ބޭކާރު ކަމަކަށެވެ. އެއަށްވުރެން ހުޅަނގު ފަރާތުން ނަގާފައިވާ ކޮޅިގަނޑުގެ ވައި މާގަދައެވެ. އަމްޖަދު އިންނަން އުޅޭ އަންހެން މީހާއަކީ މުޅި ރަށަށް މަޝްހޫރު “ހަވަރު ތުންފުއްސެކެވެ.” އޭނާގެ އަވައިގައި އަމްޖަދު ފަދަ މީހަކު ޖެހުނީ ކޮންގޮތަކުން ކިހިނެއްކަމެއް ދެނެވޮޑިގެންވަނީ ހަމަ މާތްﷲއެވެ. އަމްޖަދުއަށް ވިސްނައިދޭން ހެޔޮއެދޭ މީހަކު މަސައްކަތެއް ކުރިޔަސް އެކަމުގެ ރޯޅިވެސް އަންނަންފެށީ ޒީނިޔާއަށެވެ. އަމްޖަދު ކައިރީގައި އާދޭސްކުރަން ޒީނިޔާ ކުދި ބޭކަލުންނާއި ބޮޑުބޭކަލުން ފޮނުވަނީކަމަށެވެ.

ޙަޔާތުގައި ނެގި މިގަދަ ކޮޅިގަނޑުން އަރައިގަނެ، އަމާން އައްސޭރިއަކަށް ދިއުމަށް މިސްރާބުޖަހަން ވެސް ޒީނިޔާއަށް ވިސްނި ދެތިންމަސްފަހުން ޒީނިޔާވެސް އެހެން މީހުންގެ ކުރިމަތީގައި އާދައިގެ ދިރިއުޅުމެއް އުޅޭ މީހަކު ފަދައިން އުޅެން ފެށިއެވެ. ނަމަވެސް އެއީ އެހުރިހާ ކަމެއް ހަނދާން ނައްތާލާފައެއް ނޫނެވެ. ކުޑަކުޑަ ދަރިފުޅު “ޒޯޔާ” އަށްޓަކައި މަޖުބޫރުވެގެންނެވެ. މިއަދު ޒޯޔާއަށް އަޅާލައި މައިންބަފައިންގެ ލޯބި ދޭން ޒީނިޔާ ނޫން މީހަކު ނެތުމުންނެވެ.

ވިހެއުމުގެ ޗުއްޓީއަށްފަހު، 01 އަހަރު ދުވަހުގެ ނޯޕޭ ވީވް އެއް ޒީނިޔާ ނެގިއެވެ. ދަރިފުޅު ބަލަން ގޭގައި ހުރުމުގެ ބޭނުމުގައެވެ. މީގެ އިތުރުންވެސް، އެކަމުގައި ފޮރުވިފައިވާ އަނެއް ސިއްރަކީ އަމްޖަދުއެވެ. އެއްރަށެއްގައި އުޅުނަސް ޒީނިޔާ ބޭނުންވަނީ އަމްޖަދުއަށް ނުފެނި އުޅުމަށެވެ. ފެނިދާނެތީ ގެއިން ވެސް ބޭރަށް ނުކުންނަން ޒީނިޔާ ބޭނުމެއް ނުވެއެވެ. އެހެންކަމުން، އަމްޖަދު އާ އެއްރަށެއްގައި ދިރިއުޅެންޖެހޭތީވެސް ޒީނިޔާ އަށް ހުންނަނީ އުނދަގޫވެފައެވެ. 4މަސް ފާއިތުވެދިޔައީ ހީވެސް ނުކުރާހާ ހަލުވިކަމާއެކުގައެވެ. މިވީ ދުވަސްތަކުގެ ތެރޭގައި، މަދުފަހަރެއްގައި ބޭރުތެރެއަށް ނުކުމެ އުޅޭއިރުވެސް އަމްޖަދު އިންނަންއުޅޭ އަންހެނާގެ ފަރާތުން ޒީނިޔާއަށް މަލާމާތާއި ފުރައްސާރަކުރުންތަކާ ކުރިމަތިވަމުން ދިޔައެވެ. އޭނާ ނުނީ އެނާގެ ޢާއިލާގެ އެވަނި މީހަކު މިވެނިހެން ބުންޏޭ ކިޔައި ކޮންމެވެސް އަޑެއް ޒީނިޔާގެ ކަންފަތާހަމައަށް ނުފޯރާ ދުވަހެއް އިރުއަރައި އޮއްސޭކަމަކަށް ނުވެއެވެ. އެހެންނަމަވެސް، ކެތްތެރިކަމާއެކު ޒީނިޔާ އިޚްތިޔާރުކުރީ ހަމަހިމޭންކަމެވެ. މިދުވަސްވެސް ފާއިތުވެ ހިނގައިދާނެއެވެ. އަދި ކޮންމެވެސް ދުވަހަކުން އަމްޖަދު ޒީނިޔާ ކައިރިން މަޢާފަށް އެދެން އަންނާނެކަމުގައި ޒީނިޔާ އުއްމީދު ކަނޑައެއް ނުލައެވެ.

އެހެންނަމަވެސް، އަމްޖަދުގެ ކިބައިން އެފަދަ އެއްވެސް ނިޝާނެއްވެސް ނުފެނި 4މަސް ފާއިތުދިއުމާއި ކުޑަމިނުން ދަރިފުޅު ދުނިޔޭގައިވެސް ހުރިކަމަށްވެސް ހަދައިނުލާތީ އަމްޖަދު އާ ދޭތެރޭގައި ޒީނިޔާ ކުރަމުންއައި އުއްމީދުތައްވެސް މަޑުމަޑުން ފަނޑުވާން ފެށިއެވެ. ދަރިފުޅަށް އެއްމެ ލޯލާރިއެއްވެސް ނުވަތަ ބޭނުންވާ އެއްޗެއްވެސް ދިނުން އެއީ ކުރަންޖެހޭ ކަމެއްކަމަކަށް އަމްޖަދު ނުދަތެވެ. ނުވިތާކަށް އޭނާ އެއަންހެނަކަށްޓަކައި ޒީނިޔާ ނަގައި އެއްލައިލި އަންހެނާ އޭނާއާ އިންނަންވެސް އުޅޭ ހެނެއް ހިޔެއްނުވެއެވެ. އެދެމީހުންގެ ކައިވެނި އިނބިލީހުގެ ކައިވެއްޏަކަށް ވެ ނިމިއްޖެއެވެ. އެވަރުންވެސް، އަމްޖަދުއަށް އެއަންހެނާ ދައްކަމުން ދިޔައީ ދަތަޅަތަކެއްކަން އިޙްސާސްވިކަމަކަށް ނުވިއެވެ. މަސްތަކެއް ފާއިތުވިނަމަވެސް ޒީނިޔާގެ ހިތާމަތަކަށް ކުޑަނަމަވެސް ލުޔެއް ނުލިބެއެވެ. އޭނާ ކިތަންމެ ފޮރުވައިގެން އުޅުނުނަމަވެސް އޭނާ ކުރަމުންދާ ހިތާމަ އެންމެ ގާތުން ދެކޭ އެކަނީ އޭނާގެ މަންމައާއި ބައްޕައެވެ. އަދި އޭނާގެ ކޮއްކޮމެންނެވެ. ޒީނިޔާ އެހިތާމައިގައި ހަލާކުވެގެން ދާތަން ބަލަން ދެއަތް އުރާލައިގެން ތިބެން އޭނާގެ މައިންބަފައިންނަކަށް ނުތިބެވުނެވެ. އެންމެ ރަނގަޅު ކަމަކަށް ޔާސިރުއަށް ވިސްނުނީ ހަނގަށް ތިބި ކުދިންނާއެކު ޢާއިލާ އެއްކޮށް މާލެ ދިރިއުޅުން ބަދަލުކުރުމަށެވެ. ޔާސިރުގެ މިޚިޔާލު އެންމެނަށްވެސް ކަމުދިޔައެވެ. ޒީނިޔާވެސް މަންމައާއި ބައްޕަ އެދުމަށް ނޫނެކޭ ބުނާކަށް ބޭނުމެއް ނުވިއެވެ. އަމްޖަދުގެ މަތިން ހަނދާން ނައްތާލައި ދިރިއުޅުމާއިގެން ކުރިއަށް ދާން ފަސޭހަވެގެން ދާނެތީއާއެކު ވެސް މެއެވެ.
***************
5 އަހަރު ފަސް.

ޒީނިޔާއަކީ މިހާރު 5އަހަރުގެ އަންހެންކުއްޖެއްގެ މަންމައެކެވެ. ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ ހީވާގި ޓީޗަރެއްވެސް މެއެވެ. ރަށުގެ ގެ ކުއްޔަށްދިނުމަށްފަހު މާލޭގައި އެ ޢާއިލާ ދިރިއުޅެމުން އަންނަނީ އުފާވެރި ފުދިގެން އުޅޭ ދިރިއުޅުމެކެވެ. ޢާއިލާގެ ދެންތިބި ކުދިންވެސް ސްކޫލް ދައުރުނިމި ވަޒީފާއަދާކުރަމުން ކޯސްތަކުގައި ކިޔަވަމުންދާއިރު އެކުދިންގެ ބައްޕަ ޔާސިރުވެސް އަމިއްލަ މީހެއްގެ ގާތުގައި ދަނީ ވަޒީފާ އަދާކުރަމުންނެވެ. ޒީނިޔާގެ މަންމަގެ ވަޒީފާއަކީ އޭނާގެ ކުޑަކުޑަ ޕްރިންސެސް މާމަދަރިފުޅު ޒޯޔާ ބެލުމެވެ. މާލެ ބަދަލުވެގެން އެތައް ދުވަހެއްވަންދެން ޒީނިޔާ އުޅެމުން އައީ ކުރިންވެސް އުޅެމުންއައި ހިތާމައާއި ހިތްދަތިކަމުގައެވެ. އެހެންނަމަވެސް، މަޑުމަޑުން އެޚިޔާލުތަކާ ދުރުވަމުން މީހާ ހަމައަކަށް އެޅެމުންދިޔަވަރަކުން ދިރިއުޅުމާއިގެން މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Yug

Level 1

Other Articles

Previous

ޒީޝާ (ބާރަވަނަ ބައި)

Next

.. ޔަނާ ..

Next
November 28, 2015

.. ޔަނާ ..

Previews
November 28, 2015

ޒީޝާ (ބާރަވަނަ ބައި)

9 Comments!

  1. Rish says:
    November 28, 2015 at 7:02 pm

    Nice story. Next part whn

  2. Yug says:
    November 28, 2015 at 7:14 pm

    Will publish weekly once – every Sat or Sun. Insha Allah.

  3. aathi says:
    November 28, 2015 at 7:45 pm

    yug..u r a girl?.. nice stry

  4. Shabee says:
    November 28, 2015 at 7:46 pm

    varaaaah reethii mi prt vx.. 😀 dhn oeh prt vx dhigu kh genesdhehchey 😉 bst of luck 🙂

  5. Yug says:
    November 28, 2015 at 7:53 pm

    Thanks gys, for the lovely comments. aathi… I better keep that confidential. Kiyuntherinah dhookollan decide kuran mee woman eh tho Man eh tho. Heheheheh

  6. aathi says:
    November 28, 2015 at 8:35 pm

    Haha i think a man..am i right?

  7. Naani says:
    November 28, 2015 at 10:26 pm

    Masha’Allah!!! Warah reethi mi part vx… Guess tht u r a man….. Can anyone of u tell me the meaning of “Havaru thunfuhsheh” ??

  8. anonymous says:
    November 29, 2015 at 10:31 am

    Hi Yug
    Again a a beautiful piece fraught with feelings, patently not the work
    of a novice but an experienced hand, I would think. Well done.
    Thank you very much. May God bless you.

  9. Yug says:
    November 29, 2015 at 4:32 pm

    Anonymous, Thanks. I find your comment really really special and inspiring. Ehen kudhinge vs comments thakah v bodah thanks. Kiyuntheringe Comments akee kurierun kamugai dheken. Komme comments eh vs ufalaaeku hithuge adin balaigannan. Thanks a lot.

Comments are closed.

Next Episodeކުށްވެރިޔަކީ… (3)←


All Right Reserved!