ކުށްވެރިޔަކީ… (3)
5 އަހަރު ފަސް.
ޒީނިޔާއަކީ މިހާރު 5އަހަރުގެ އަންހެންކުއްޖެއްގެ މަންމައެކެވެ. ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ ހީވާގި ޓީޗަރެއްވެސް މެއެވެ. ރަށުގެ ގެ ކުއްޔަށްދިނުމަށްފަހު މާލޭގައި އެ ޢާއިލާ ދިރިއުޅެމުން އަންނަނީ އުފާވެރި ފުދިގެން އުޅޭ ދިރިއުޅުމެކެވެ. ޢާއިލާގެ ދެންތިބި ކުދިންވެސް ސްކޫލް ދައުރުނިމި ވަޒީފާއަދާކުރަމުން ކޯސްތަކުގައި ކިޔަވަމުންދާއިރު އެކުދިންގެ ބައްޕަ ޔާސިރުވެސް އަމިއްލަ މީހެއްގެ ގާތުގައި ދަނީ ވަޒީފާ އަދާކުރަމުންނެވެ. ޒީނިޔާގެ މަންމަގެ ވަޒީފާއަކީ އޭނާގެ ކުޑަކުޑަ ޕްރިންސެސް މާމަދަރިފުޅު ޒޯޔާ ބެލުމެވެ. މާލެ ބަދަލުވެގެން އެތައް ދުވަހެއްވަންދެން ޒީނިޔާ އުޅެމުން އައީ ކުރިންވެސް އުޅެމުންއައި ހިތާމައާއި ހިތްދަތިކަމުގައެވެ. އެހެންނަމަވެސް، މަޑުމަޑުން އެޚިޔާލުތަކާ ދުރުވަމުން މީހާ ހަމައަކަށް އެޅެމުންދިޔަވަރަކުން ދިރިއުޅުމާއިގެން މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ.
ޢިމާދުއްދީން ސްކޫލްއިން ނުކުމެގެން ޒީނިޔާގެ މިސްރާބުހުރީ އަމީނީމަގުން ހުޅަނގަށެވެ. އޭނާގެ ޙަރަކާތްތަކުން ތަނަކަށް ދާން ލަސްވެފައިވާކަން މިތަންމެ ރަނގަޅަކަށްވެސް ދޭހަވެއެވެ. އަވަސް ފިޔަވަޅުވަތެއްކައި ހިނގަމުން ގޮސް މަޑުކޮށްލީ އަޙްމަދިއްޔާ ޕްރީ ސްކޫލްގެ ދޮރާށި ކުރިމައްޗަށެވެ. ސްކޫލް އިން ކުދިން ނެރޭގަޑިއަށް ވުމާއެކު އެމާޙަލުއު އޮތީ ފުދޭވަރަކަށް ހަމަލޮބިވެފައެވެ. ޒީނިޔާވެސް މީހުންގަނޑު ތެރެއިން ދެމިގަނެގެން އަވަސްވެގަތީ ޒޯޔާގެ ކްލާހާ ހަމައަށް ވީ އެންމެ އަވަހަކަށް ދެވޭތޯއެވެ. ކިރިޔާ ލަސްވެލިޔަސް ޒޯޔާ ދެރަވެގެން ބޮޑާހާކާނެކަން ޒީނިޔާއަށް އެނގޭތީއެވެ. ޒީނިޔާ ހަމަ ފެނުމާއެކު ޒޯޔާ އޭނާގެ އާންޓީ ގާތަށްޖެހި ސަލާމްކޮށްލަމުން ޒީނިޔާ އެހިސާބަށް ފޯރުމުގެ ކުރިން ހުރީ ދުވެލާފައިއައިސް ޒީނިޔާގެ ގާތުގައެވެ. “ސޮރީ ލޯބީ! މަންމި ކުޑަކޮށް ލަސްވީ.” އެއަށްފަހު އާންޓީއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ކުޑަކުޑަ ޒޯޔާގެ އަތުގައި ހިނފައިގެން ހިނގައިގަތީ ގެއަށްދިއުމަށެވެ. “މަންމީ. ޒޯއީ ބޭނުން އައިސްކްރީމް ބޯން.” ތަންކޮޅަކަށް ދެވުމާއެކު ޒޯޔާ ބުނެލިއެވެ. “މިއަދުވެސްތަ ދަރިފުޅާ. އިއްޔެވެސް އައިސްކްރީމް ބުއި. ދެން މިއަދަކު ނޫން ދޯ؟” ޒީނިޔާ ދަރިފުޅަށް ވިސްނައިދިނެވެ. އެއީ ކޮންމެ ދުވަހެއްގެވެސް ޒޯޔާގެ އާދައެވެ. ޒީނިޔާމެން ގެ ހުންނަނީ އަމީނީމަގު “ފިޒަސް” ރެސްޓޯރަންޓް ކައިރީގައިކަމުން އެހިސާބަށް އަރާފައި ކޮންމެ ދުވަހަކުވެސް ޒޯޔާ އައިސްކްރީމް ނޫނީ އައިސްކޯން ބޯން ބޭނުންވާނެއެވެ. އަބަދުހެން ރޯގާ ނުފިލައި ހުންނާތީ ވީ ވަރަކުން ޒޯޔާއަށް ފިނި އެއްޗިހި ނުދީވޭތޯ ޒީނިޔާ މަސައްކަތް ކުރެއެވެ. ދަރިފުޅު ގެއަށް ލުމަށްފަހު އަނެއްކާވެސް އޭނާ އެނބުރި ދިޔައީ ސެޝަން ނުނިމޭތީ ސްކޫލަށެވެ.
ޖެހިގެން އަންނަ މަހު ސްކޫލްގެ އަހަރީ އިނާމްދިނުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާތީ، އެކަމަށްޓަކައި ސްކޫލް އިން އިންތިޒާމް ކޮމިޓީއެއް ހޮވިއެވެ. ޒީނިޔާވެސް މި ކޮމިޓީގައި ހިމެނިގެންދިއުމާއެކު ކުރިއަށް އޮތް އެއްމަސް ދުވަހު އިތުރު ވަގުތު ސްކޫލްގައި ހޭދަކުރަންޖެހުނެވެ. ދުވާލު ހަތަރުދަމު ސްކޫލްގައި ތެޅިތެޅި ވަރުބަލިވެފައި ހުންނަވަރުން ގެއަށް އައިސް ވަދެވުމާއެކު ބޭނުންވަނީ ޖައްސާލުމަށެވެ. އެހެންކަމުން، ޒޯޔާއަށްވެސް ދޭންވާވަރަށް އޭނާއަށް ހުންނަނީ ވަގުތު ނުދެވިފައެވެ. އެފަދަ ވަގުތުގައި މަންމަ އޭނާއަށް އެހީތެރިނުވާނަމަ އޭނާ އުޅޭނީ ކޮންފަދަ ޙާލެއްގައި ބާއޭ ޒީނިޔާގެ ހިތަންއަރައެވެ. މަންމައާއި ބައްޕަ މުސްކުޅިވެ ދަރިންގެ ފަރާތުން އެހީތެރިކަމާއި ލުއިފަސޭހަތައް ފޯރުކޮށްދޭންޖެހޭ ދަނޑިވަޅުގައިވެސް މަންމައާއި ބައްޕައަށް މިޖެހެނީ ޒީނިޔާ ނަގަންޖެހޭ ޒިންމާތައް ބޮލުގައި އަޅައިގެން އުޅޭށެވެ. ކިތަންމެ ބުރަކޮށް އުޅުނުނަމަވެސް، ޒީނިޔާ އޭނާގެ ޢާއިލާ އޭނާއާއި އޭނާގެ ދަރިފުޅަށްޓަކައި ވަމުންދާ ޤުރުބާނީތައް ހިތަންއަރައެވެ. އެފަދަ ވަގުތުގައި ހިތުގައި ކިތަންމެހާވެސް ރިހެއެވެ. ޚާއްޞަކޮށް ޒޯޔާގެ ކަންކަމުގައި ޔާސިރުގެ ދެމަފިރިން ދެކެނީ އަމިއްލަ ދަރިއަކު ފަދައިންނެވެ. ޒޯޔާވެސް މަންމަ ބައްޕަ ކިޔައިގެން އުޅޭއިރު ޙަޤީޤަތްނޭނގޭ މީހަކުނަމަ ހީކުރަނީ ޒޯޔާއަކީ އެދެމަފިރިންގެ ދަރިއެއްކަމުގައެވެ. ބައްޕައެއްގެ ލޯބީގެ އުނިކަން ޒޯޔާއަށް އިޙްސާސްވިޔަ ނުދިނުމަށްޓަކައި އެދެމަފިރިން ކިތަންމެހާވެސް މަސައްކަތެއް ކުރެއެވެ. އަދި ޒީނިޔާވެސް ކޮންމެ ކަމެއްގައިވެސް އެދަރިފުޅުގެ އުފަލަށް އިސްކަންދެނީ އެކަން އިޙްސާސްވިޔަ ނުދިނުމަށްޓަކައެވެ.
އެހެންނަމަވެސް، މިހާރު ބައެއްފަހަރު ޒޯޔާގެ ފަރާތުން ސުވާލުތަކާ ކުރިމަތިވެއެވެ. “ޑެޑީ” ކޮބައިތޯ ސުވާލުކޮށް ހަދައެވެ. ޒީނިޔާމެން ގޭ އެންމެންވެސް ޒޯޔާއަށް ބުނެދީފައި އޮންނަނީ ޒޯޔާގެ “ޑެޑީ” ހުންނަނީ ވަރަށް ދުރު ރަށެއްގައި ވަޒީފާއަށް ގޮސް ކަމަށެވެ. އަދި އެއީ ޒޯޔާއަށް ރީތި ހެދުމާއި ފައިވާނާއި، ބޭނުންވާ އެހެނިހެން އެއްޗިހި ގަންނަން ގިނަ ލާރި ބޭނުންވާތީ ކަމަށެވެ. ނަމަވެސް، އަނެއްކާ އަނެއް ސުވާލު ޒޯޔާ ކުރިމަތިކުރުވައެވެ. “ޑެޑީ ދެން ކޮންއިރަކުންތަ އަންނަނީ؟ ދުވަހަކުވެސް ފޯނެއްވެސް ނުކުރަނީ ކީއްވެތަ؟” މިފަދަ ސުވާލުތަކުން ބައެއް ފަހަރު ޒީނިޔާގެ ބޯހާސްކުރުވައެވެ. އެހެންނަމަވެސް، ކޮންމެވެސް އެއްޗެކޭ ކިޔައިގެން މިފަދަ ކޮންމެފަހަރަކުވެސް ޒޯޔާ ހައްދަނީއެވެ. ކޮންމެވެސް ދުވަހަކުން ޙަޤީޤަތާ ކުރިމަތިލާންޖެހޭނެކަންވެސް އެގޭ އެންމެންވެސް ޤަބޫލުކުރެއެވެ.
“ޕްރައިޒް ޑޭ” ގެ ޖަލްސާއަށް ދަރުބާރުގޭގެ ހޯލް ތައްޔާރުކުރި ދުވަހެވެ. ދަރުބާރުގޭގައި މަސައްކަތްކުރަންއުޅެފައި، ޕްރައިޒް ޑޭ އަށް ހަދަން ދީފައިވާ ޝީލްޑްތައް ނުނިމިހުރުމާއެކު އެކަމާގުޅިގެން އެތައްފަހަރަކު ޒީނިޔާ ޑޮނާޑްއަށް ގުޅައިގެންވެސް އެދެވޭ ޖަބާވެއް އެތަނުން ނުލިބޭތީ ޤަސްތުކުރީ ސީދާ އެތަނަށްގޮސްގެން އެމަސައްކަތް ގޮސްފައިވާ ހިސާބެއް ބެލުމަށެވެ. އެކުގައި މަސައްކަތްކުރަން އުޅުނު ޓީޗަރުން ކައިރީގައި ބުނެލުމަށްފަހު ކޮންމެ މީހަކުވެސް އަވަދިނެތި ކޮންމެވެސް ކަމެއްގައި މަސްޢޫލުވެ އުޅޭތީއާއެކު، ޒީނިޔާ ޤަސްތުކުރީ އެކަނި ހިނގާލާފައި އެތަނަށް ދިއުމަށެވެ. އަވިގަދަ ގަޑިއެއްކަމުން އަވިއައިނު އަޅާލަމުން ޒީނިޔާ ހިނގައިގަތީ އާދައިގެ ހިނގުމަކަށްވުރެ ބާރަށެވެ. އަމީނީ މަގުން ގޮސް، ހަޒާޝް މާޓް ފިހާރަ ހުންނަ ގޯޅިން އެޅުމަށް ގަސްތުކޮށްގެން ޒީނިޔާއަށް އެގޯޅި އެޅުނީ ފިހާރައިގެ ދޮރުމަތިން ފުދޭވަރަކަށް ދޮރާކައިރިންނެވެ. އެހެންކަމުން އެހިސާބަށް އަރާހަމަވިތަނާ ކުއްލިއަކަށް ފިހާރައިގެ ދޮރުހުޅުވާލާފައި ނުކުތް މީހެއްގެ ގައިގައި ޒީނިޔާ ގައިގަތީ ނުވެސް ވިސްނާހުއްޓައެވެ. އެޒުވާނާގެ އަތުގައި ހުރި އެއްޗިހިތައް ބިންމައްޗަށް ފައިގަތުމާއެކު ޒީނިޔާ ސޮރީއޭ ބުނެފައި އެތަކެތި ނެގުމަށް އެހީތެރިވާންފެށިއެވެ. ކުއްލިއަކަށް މިހިނގި ކުޑަކުޑަ އެކްސިޑެންޓްގެ ސަބަބުން ލިބުނު ހާސްކަމުގައި ޒީނިޔާއަށް އެޒުވާނާގެ މޫނަށް އޭރު ބަލައެއް ނުލެވެއެވެ. “އިޓްސް އޯކޭ. މަށަށްވެސް ބަލާނުލެވުނީ” އެޒުވާނާ މަޑުމަޑުން ބުނެލިއެވެ. ގުދުވެ ބިންމަތީގައިހުރި އެއްޗިހި ނަގަން ދިއްކޮށްލި އަތުގެ ޙަރަކާތް ހުއްޓުނީ އެ އަޑަށެވެ. އެއީ ހަމައެއަޑެވެ. އެއްވެސް ތަފާތެއް ނެތެވެ. ޔަޤީންކޮށްލުމަށްޓަކައި ޒީނިޔާ އިސްއުފުލާ އެޒުވާނާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ. އާނއެކެވެ! އެއީ ހަމަ އެމޫނެވެ. އެމޫނު ޒީނިޔާއަށް ދުވަހަކުވެސް ނޮއޮޅޭނެއެވެ.
ޒީނިޔާއަށް އެޒުވާނާގެ މޫނަށް ބަލަހައްޓައިގެ ޖެހިބުދެންހެން ހުރެވުނެވެ. ހިނދުކޮޅަކަށްފަހު އެޒުވާނާވެސް ޒީނިޔާއަށް ބަލާއިލިއެވެ. އެހިނދު އޭނާއަށްވެސް ލިބުނު ކުއްލި ޙައިރާންކަމުގައި ދެލޯ ބޮޑުވެގެންވިޔައެވެ. “ޒީ…” ލަސްލަހުން އެޒުވާނާ ގޮވާލިއެވެ. “ހޫމް..” ހުވަފެނެއްގެ ތެރޭގައި ވީ މީހަކު ފަދައިން ޒީނިޔާ ޖަވާބުދިނެއެވެ. އެޒުވާނާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިއުމާއެކު އަޑުމަޑުން އެއްއަތުން ޒީނިތާގެ އަތުގެ މުލައްދަނޑީގައި ހިފާ ކޮޅަށް ނެގިއެވެ. ޒީނިޔާއަށް ހޭވެރިކަންވީ ދެނެވެ. ކުއްލިއަކަށް ޒީނިޔާގެ އެޒުވާނާގެ އަތް ފޮޅުވާލައިފިއެވެ. “ހައު ޑެއަރ ޔޫ. އަހަރެންގެ ގައިގައި އަތްލުމުގެ ޙައްޤު ދިނީ ކާކު؟” ރުޅިއައިސް ރަތްވެގެން ހުރެ ޒީނިޔާ އިއްވާލިއެވެ. ޒީނިޔާ ރުޅިއައިތަން ފެނުމުން އެޒުވާނާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައި މާޔޫސްކަން ވެރިވިއެވެ. “ޒީ… ޕްލީސް. ރުޅި ނާދެބަލަ. ޕްލީސް..” އެޒުވާނާ އާދޭސްކުރާފަދަ ރާގެއްގައި ބުނެލިއެވެ. އެއަޑުގައި ވީ ރިހުމާއި ވޭން ކިތަންމެ ރަނގަޅަކަށްވެސް ޒީނިޔާގެ ހިތާހަމައަށް ފޯރިއެވެ. އެހެންނަމަވެސް އޭނާ އަމިއްލަ ނަފްސްގެ މައްޗަށް ކުރި ހޯދަމުން އެއްވެސް ޖަވާބެއް ނުދީ ދާން ހިނގައިގަތެވެ. އެވަގުތު އެއްލިއަކުން އެޒުވާނާ ޒީނިޔާގެ އަތުގައި ހިފެހެއްޓިއެވެ. ޒީނިޔާގެ ހިތް ތެޅެލުން ދިޔައީ ފިސާރި ބޮޑަށެވެ. ހީވީ ދެންދެން ބޭރަށް ފުއްމާލަފާނެހެންނެވެ. ދާން ކިތަންމެ ބޭނުންވިޔަސް ހިތް ރޮއިގޮވަމުންދިޔައީ އެހެން ވާހަކައެކެވެ. މިހައިޖާނުގައި ހަދާނެ ގޮތެއް ނުނިންމިފައި ޒީނިޔާއަށް ހުރެވުނީއެވެ. އަވިއައިނު އަޅައިގެން ހުރެވުނީވެސް ނަސީބެކޭ ޒީނިޔާގެ ހިތަންއެރިއެވެ. އެހެން ނޫންނަމަ އެޒުވާނާއަށްވެސް ޒީނިޔާގެ ހިތުގެ ޙާލަތު ސިއްރު ނުކުރެވުނީސްކަން ޔަޤީނެވެ. އެޒުވާނާވެސް ޒީނިޔާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެމޫނުން އެއްޗެއް ދޭހަވޭތޯ މަސައްކަތްކުރަމުން ދިޔަފަދައެވެ. “ޒީ… ކިހިނެތްތަ؟” ހަމަހިމޭންކަމުގެ ސިކުންތުކޮޅަކަށްފަހު އަނެއްކާވެސް އެޒުވާނާ ވާހަކަ ދެއްކިއެވެ. “ރިއަލީ… ކިހިނެތްހޭ؟ އެނޫންއެއްޗެއް އަނހާލަން ހަމަ ނޭނގުނީތަ؟ މިހާދުވަސްކޮށްފައި ދިމާވުމުންވެސް އަނހާލަން ބޭނުންވީ އަހަރެން ކިހިނެތްތޯ އެކަނިތަ؟” އެހެންނަމަވެސް ދުލާހަމައަށް އެންމެ ލަފުޒެއްވެސް ނައެވެ. “ޒީ… އަހަރެން ވާހަކައެއް ދައްކާލަން ބޭނުން. ވަގުތުކޮޅެއް ލިބިދާނެތަ؟” އަދިވެސް އެޒުވާނާ ހުރީ ޒީނިޔާގެ އަތުގައި ހިފެހެއްޓިގޮތަށް އަތުން ދޫނުކޮށެވެ. އެކަން ފާހަގަވުމާއެކު އަތްފޮޅުވާލަމުން އަނެއްކާވެސް ޒީނިޔާ ހިނގައިގަތެވެ. މިފަހަރު އެޒުވާނާއަކަށް ޒީނިޔާ ހުއްޓުވާކަށް ނުކެރުނެވެ. ދެރަވެފައި ޒީނިޔާ ދިޔަ ދިމާލަށް ބަލަހައްޓައިގެން އެހުރިގޮތަށް ހުރީއެވެ.
ޒީނިޔާއަށް ހިފަހައްޓައިގެން ހުރި ނޭވާވެސް ލެވުނީ ޑޮނާޑްގެ ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ވަދެފައެވެ. ކިތަންމެ ފަހަރަކު ފަސްއެނބުރި ބަލާލަން ހިތަންއެރިނަމަވެސް އެހިސާބަށް ފޯރަންދެން އެންމެ ފަހަރަކުވެސް އޭނާ ފަސްއެނބުލި ބަލައެއް ނުލައެވެ. ނަމަވެސް ހިތާއި ސިނކުޑީގައިވަނީ ބޮޑު ތޫފާނެއް އުފެދިފައެވެ. އެކަން ކިތަންމެ ރަނގަޅަކަށްވެސް އޭނާގެ މޫނުމަތިން ހާމަވަމުން ދިޔައެވެ.
ކުރަންއައި މަސައްކަތް ނިންމާލުމަށްފަހު އެނބުރި ދަރުބާރުގެއަށް ދާން ޑޮނާޑް އިން ނުކުތްއިރު، އަނެއްކާވެސް ޒީނިޔާ ޙައިރާންކޮށްލީ ޑޮނާޑް ކުރިމަތީގައި މަގުގެ އަނެއްފަރާތުގައި ހުއްޓިލައިގެން ހުރި ޒުވާނާ ފެނިފައެވެ. އޭނާ އެހެންވީމަ އަހަރެންގެ ފަހަތުން މިތަނަށްވެސް އައީތާއޭ ޒީނިޔާގެ ހިތަންއެރިއެވެ. ފެންނަކަމަށްވެސް ހަދާނުލައި އަވިއައިނު ލޮލުގައި އަޅާލަމުން ޒީނިޔާ ހިނގައިގަތެވެ. އެއާއެކު އެޒުވާނާވެސް ޒިނިޔާގެ ފަހަތުން ހިނގައިގަތެވެ. އޭނާ ފަހަތުން އަންނަކަން އެނގޭތީ ޒީނިޔާއަށް އުނދަގޫވެ، ހިނގަންއުދަގޫވެ ދެފައިއޮޅޭގޮތް ވިއެވެ. ނަމަވެސް އޭނާ ހިތްވަރުކުރަމުންދިޔައީ ބަލިކަށި މީހެއްގެ ގޮތުގައި އެޒުވާނާއަށް ނުފެނުމަށެވެ. ސްޓެލްކޯއާ ހިސާބަށް އަރާހަމަވިއިރުވެސް އެޒުވާނާވެސް ޒީނިޔާއާ ވާހަކަދެއްކުމަށް ކޮންމެހެން މަސައްކަތެއް ނުކުރެއެވެ. ދަރުބާރުގެއާ އަރާހަމަވެފައި ޒީނިޔާ ފަސްއެނބުރި ބަލާލިއެވެ. “އަމްޖަދު އަހަރެންގެ ފަސްފަހަތުން ތިއަންނަނީ ކީއްވެ؟ އަހަރެން ހަމަޖެހިގެން އުޅުނަދީ. ޕްލީޒް..” ޒީނިޔާ ހަމަޖެހިލަމުން ބުނެލިއެވެ. އަދި އަމްޖަދުގެ ޖަވާބަކަށް މަޑުކުރުމެއްނެތި އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.
ހޯލް ތައްޔާރުކުރުމުގެ މަސައްކަތުގައި އުޅެފައި ހައިވެގެން ހަވީރު ސައިބުއިމަށްޓަކައި ހަތަރުފަސް ޓީޗަރުންނާއެކު ޒީނިޔާ ބޭރަށް ނުކުތްއިރު ގާތްގަނޑަކަށް ހަވީރު ފަހެއްޖަނީއެވެ. މަޖާވާހަކަ ތަކުގައި ސަކަރާތްޖަހަމުން އެގްރޫޕް މަގުމައްޗަށް ނުކުތީ ސްޓެލްކޯ ކެންޓީނަށް ދާންށޭ ކިޔާފައެވެ. ޒީނިޔާގެ ނަގަނަގާހުރި ފިޔަވަޅު ހުއްޓުނީ ދަރުބާދުގޭ ކުރިމަތީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިށީނދެގެން އިން އަމްޖަދު ފެނުމުންނެވެ. މަސައްކަތުގައި އުޅުނުއިރު އަމްޖަދުގެ މަތިން ހިތަންއެރިނަމަވެސް، އިތުރަށް ބައްދަލުވާނެކަމަށް ހިތައްވެސް އަރާފައިނުވާތީ ޒީނިޔާ ހުރީ އެކަން ހަނދާންވެސް ނެތިފައެވެ. އަދި އަމުދުން އަމްޖަދު އެތާ އިނދެފާނެއޭ ޒީނިޔާގެ ހިތަކަށް ނާރައެވެ. އަމްޖަދު އިނީ ޒީނިޔާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ކަހަލައެވެ. ޒީނިޔާއަށް އެދިމާއަށް ބަލާލެވުނު ވަގުތުވީ އަމްޖަދުވެސް ޒީނިޔާމެންނާ ދިމާއަށް ބަލާލިވަގުތަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު އެހާ ދުރުންވެސް އަމްޖަދުގެ ތޫނު ބެލުމުން ޒީނިޔާގެ ހިތްފޫއަޅުވާލާފައިގޮސް އެހިތުގެ އެންމެ އަޑީގައި ފޮރުވިފައިވާ ހުރިހާ ސިއްރެއް ދެނެގެންފި ކަހަލައެވެ. އަމްޖަދުގެ އެބެލުމުގައި އެކުލެވިގެންވީހާ ވާހަކަތައް ޒީނިޔާއަށް ތަރުޖަމާކޮށްލެވުމުން ހިތައް ނުބައިގޮތެއް ވެގެންދިޔައެވެ. އިތުރަށް ކެތް ނުކުރެވުމުން ޒީނިޔާ އިސްޖަހާލިއެވެ.
ސައިބޯން ތިބިއިރު ޒީނިޔާގެ ގްރޫޕް އެންމެން ސަމާސާ ވާހަކަތަކުގައި ދެމިތިބިއިރު ޒީނިޔާއަށް އިނދެވުނީ މަޑުމޮޅިވެފައެވެ. އެކަން އެހެން މީހުންނަށް ފާހަގަކުރެވިގެން “ތިއިނީ ކިހިނެއް ވެފައި” ހޭވެސް ޒީނިޔާގެ ކައިރިން އަހައިވެސްފިއެވެ. “ކަމެއްނުވޭ” ބުނެ ހަމަޖައްސާލިނަމަވެސް، އޭނާގެ ހިތުގައި ހިނގަމުންދާ ހަމަނުޖެހުންގަނޑު ހަމައަކަށް އަޅުވާނެ ފާލެއް ޒީނިޔާއަކަށް ނުވިސްނުނެވެ. ނިމިގެން ބައިގަޑިއެއްހައިއިރު ފަހުން އެނބުރި ދަރުބާރުގެއަށް އައިއިރުވެސް އަމްޖަދު އެއިންތަނުގައި އިނނެވެ. ޒީނިޔާމެން އެނބުރި އަންނާނެކަން އޭނާއަށް ކުރިންވެސް އެނގޭކަހަލައެވެ.
ހަވީރުގެ ސަޔަށްފަހު ޒީނިޔާއަށް އެއްގޮތަކަށްވެސް މަސައްކަތުގައި މާގަޔާވެގެން ނޫޅެވުނެވެ. ހިތައް އުނދަގޫކުރަމުން ދިޔައީ އަމްޖަދުގެ ޚިޔާލުތަކެވެ. އަމްޖަދުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މިހާދުވަހު ޒީނިޔާގެ ދެމައިން ދުނިޔޭގައި ތިބިތޯވެސް ބަލާނުލައި ދެން މިއަދު އެއުޅެނީ ކީއްވެހެން ހެއްޔެވެ؟ އަމްޖަދު ފެނުމުން އޭނާދެކެ އެއްވެސް ވަރަކަށް ރުޅި ނާދެވުނީ ކީއްވެގެން ހެއްޔެވެ؟ އޭނާއާމެދު ހަމްދަރުދީ ވެވެނީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ޚިލާޔުތަކާ ދުރުނުވެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ދެތިންފަހަރަކު އަމްޖަދު އިންތޯ ބަލާލަންވެސް ޒީނިޔާގެ ހިތަންއެރިއެވެ. އެހެންނަމަވެސް، އަމްޖަދު އަށް ފެނިއްޖެނަމަ ނުބައި ގޮތަކަށް ހީކޮށްފާނެތީ އެޚިޔާލު ހިތުންނެރެ އެއްލާލީއެވެ. ނަމަވެސް، ތަފާތު ޚިޔާލުތައް ޒީނިޔާގެ ސިކުނޑިއަށް ގަދަވެ ވަގުތު ފާއިތުވަމުންދިޔަވަރަކަށް ބޮލަށް ދިޔައީ ބަރުވަމުންނެވެ. އެންމެ ފަހުން ބޮލުގައި ރިއްސާވަރުންގޮސް ބޯފަޅައިގެން ހިނގައިދާނެހެން ހީވުމުން 8ޖެހިފަހުން ޒީނިޔާ ބޭނުންވީ ގެއަށް ދިއުމަށެވެ. އެތާއުޅުނު ކުއްޖެއްގެ ގާތުގައި ބުނެލާފައި ޓެކްސީއަކަށް ގުޅަމުން ޒީނިޔާ ނުކުތީ ބޭރަށެވެ. ނޫންކަމަށް ހަދާފައި އަމްޖަދު އިންތޯ އެދިމާއަށް ބަލާލިނަމަވެސް އަމްޖަދު ފެންނާކަށް ނެތެވެ. އެވަގުތު ހިތައް ކަންބޮޑުވުން އިޙްސާސްވީ ކީއްވެގެން ކަމެއް ނޭނގެއެވެ. ވަށައިގެންވެސް ހޯދާލެވުނީ ބޭޤަރާރުކަމާއެކުގައެވެ. އެހެންނަމަވެސް ކައިރި ހިސާބެއްގައިވެސް އަމްޖަދުގެ ނިޝާނެއްވެސް ނެތެވެ. ޓެކްސީ އައިސް މަޑުކޮށްލުމުން މާޔޫސްކަމާއެކު ޒީނިޔާ ޓެކްސީއަށް އެއީ އަދިވެސް އެއްފަހަރު ވަށައިގެންވާ މާޙައުލަށް ރަނގަޅަށް ބަލާލަމުންނެވެ.
10 Comments!
Comments are closed.
Wow..intrestn stry…kniraku next part up kohlany?
When next part?
Thanks, Every Sat or Sun insha Allah.
V hageegee feelings ekulevigenvaa nala vaahakaeh. Weekly twice up kohdheynama v rangalhu vees. Next part ah dhigu inthizaareh kuranjeheythee mihen mibunee. Vaahaka reethi veema kiyan beynunvanee aslu avahah. Ehaa lasveema foari gellenee. But Vaahaka v reethi. gd luck.
v salhi story..gd luck
D
Once again you have written a piece infused with a woman’s feeling.
Congrats! Keep up the good work
Once again you have written a piece infused with a woman’s feelings.
Congrats! Keep up the good work
This is just wooww.. Good luck.
konme akas vrh reethi vaahaka ekey buneveyny.. baaai :* gud luck.. 🙂